އެދުރުބެ އެގޭ ކުދީން އޭނާއަށް ކިޔައި އުޅެނީ އެދުރުބެއެވެ. އެނގިފައިވާ ގޮތުގައި އޭނާގެ އަސްލު ނަމަކީ ޒަކަރިއްޔާއެވެ. މާލޭ މީހެއް ނޫނެވެ. މާލޭގެ ރައްވެއްސަކަށްވެގެން މާލޭގައި ދިރިއުޅެމުން އަންނަ ރާއްޖެތެރޭގެ މީހެކެވެ. ކޮން އަތޮޅެއްގެ ކޮން ރަށެއްގެ މީހެއް ކަމެއް ކަނޑައަޅައި ދަންނަވާކަށް މިހާރަކު ނޭނގެއެވެ. ބޮޑަށް ހަނދާންވާ ގޮތުގައި އެއީ ނިލަންދެ އަތޮޅު އުތުރުބުރީ ރަށެއްގެ މީހެކެވެ. އޭނާ ނިޔާވީ 1980 އިގެ ކުރީ ކޮޅުގެ އަހަރެއްގައެވެ. އެގޭ ކުދިން އޭނާއަށް އެދުރުބެ ކިޔަނީ އެއީ…

އެދުރުބެ

އެގޭ ކުދީން އޭނާއަށް ކިޔައި އުޅެނީ އެދުރުބެއެވެ. އެނގިފައިވާ ގޮތުގައި އޭނާގެ އަސްލު ނަމަކީ ޒަކަރިއްޔާއެވެ. މާލޭ މީހެއް ނޫނެވެ. މާލޭގެ ރައްވެއްސަކަށްވެގެން މާލޭގައި ދިރިއުޅެމުން އަންނަ ރާއްޖެތެރޭގެ މީހެކެވެ. ކޮން އަތޮޅެއްގެ ކޮން ރަށެއްގެ މީހެއް ކަމެއް ކަނޑައަޅައި ދަންނަވާކަށް މިހާރަކު ނޭނގެއެވެ. ބޮޑަށް ހަނދާންވާ ގޮތުގައި އެއީ ނިލަންދެ އަތޮޅު އުތުރުބުރީ ރަށެއްގެ މީހެކެވެ. އޭނާ ނިޔާވީ 1980 އިގެ ކުރީ ކޮޅުގެ އަހަރެއްގައެވެ.

އެގޭ ކުދިން އޭނާއަށް އެދުރުބެ ކިޔަނީ އެއީ އެގޭ ކުއްޖަކަށް ޤުރްއާން ކިޔަވައިދިން “އެދުރުބެ” ކަމަށް ވާތީއެވެ. އިހުގައި ރާއްޖޭގައި އޮތް އާދަކާދަމަތިން (އަދި އެދުވަސްވަރުވެސް މާލޭގެ ވަރަށް ގިނަ ގޭގޭގައި ހިނގަމުން އައި އާދަކާދަ މަތިން) އެގޭގައި ހުކުރު ހޯމަ ވިލޭރޭ ސަލަވާތްފުޅު ކިޔަވައި ހަދައެވެ. ކިޔަވާ މީހަކީ އެދުރުބެއެވެ.

ގެޔަކީ އަޅުގަނޑު ގޮސް އުޅުނު ގެއެކެވެ. އަޅުގަނޑުގެ ކިލާހު ކުއްޖެއްގެ ގެ ކަމުގައި ވާތީ އެގެޔަށް ގޮސް އުޅެވެނީއެވެ. ގެ ހުންނަނީ މާލޭގެ އުތުރުފަޅީގައެވެ. މާފަންނުގައެވެ. އެދުވަސްވަރުގެ މާލޭގެ ގޯތިތަކުގެ ނިސްބަތުން ބޮޑު ގޯއްޗެއް  ނޫނެވެ. ނަމަވެސް ތަނަވަސް މެދު ގޯއްޗެއް ގޭގައި އޮވެއެވެ. ރުއް ދޮށުގައި ހުންނަ ޖޯލިފައްޗަކީ ތިރި ޓިނު ފުރާޅެއް ލީ ކުޑަކުޑަ ގެއާ އަޅައިބަލާއިރު ސާފު ވައިލިބޭ ހިތްފަސޭހަތަނެކެވެ. އެހެންކަމުން އަޅުގަނޑުމެންގެ “ފިނިއައްޓަކަށް” ވެފައި އޮންނަނީ މި ޖޯލިފައްޗެވެ. ދުވަސްވަރަކީ އަޅުގަނޑު މަޖީދިއްޔާގައި ކިޔަވަން އުޅުނު ދައުރުގެ ފަހުކޮޅެވެ. އަހަރަކީ  1972 ނުވަތަ 1973 ވަނަ އަހަރެވެ.

އެދުރުބޭގެ އާންމު މަސައްކަތަކީ ގޭގެޔަށް ގޮސް ކުދިންނަށް ޤުރްއާން ކިޔަވައިދިނުމެވެ. އަދި ގޭގޭގައި ހުކުރު ހޯމަ ވިލޭރޭ ސަލަވާތްފުޅު ކިޔެވުމެވެ. މީގެ އިތުރަށް އޭނާ އަކީ ފަންޑިތަ ހަދައި އުޅޭ މީހެކެވެ. މިރޮނގުން އެއީ ކިހާވަރެއްގެ ‘އެދުރެއް’ ކަމެއް ދަންނަވާކަށް ނޭނގެއެވެ. އަޅުގަނޑު ދެކެންފެށިއިރު އޭނާގެ އަނގައިގައި ހަމަޔަކަށް ދަތްކޮޅެއް ނުހުރެއެވެ. އުމުރުން ފަސްދޮޅަހުން މަތިވެދާނެކަމަށް ލަފާކުރެވެއެވެ. މީހަކީ ފައިމަގުގައި އުޅޭ މީހެކެވެ. ތެދު ލުމައެއް ކަހަލަ މީހެކެވެ. ބަނޑުނުފަޅާ ހުދު ގަމީހެއްލައި ބޮލުގައި ފޮށާއޮޅައިފައި ހުންނަ މީހެކެވެ. އަނދެގެން ހުންނަނީ ހުދު، ގޮޅިޖެހި މުންޑެކެވެ.

އޭނާގެ އެންމެ ޚާއްސަ ސިފައަކީ އޭނާގެ ސާފުތާހިރުކަމެވެ. އޭނާ ތެޔޮމޫނުވެފައި ހުއްޓައެއް، ރުޅިމޫނުވެފައި ހުއްޓައެއް ނުވަތަ ތެޅިފޮޅޭތީއެއް ނުފެންނާނެއެވެ. އަބަދުވެސް ހުންނާނީ ހަމަޖެހިލައިފައެވެ. ހަރަކާތްތައް ހުންނަނީ އެއްވަރެއްގެ ލަސްމިނެއްގައެވެ. ދިރިއުޅުމުގެ ފިކުރެއް އޭނާގެ ހައްދަވައިގެން ނެތް ކަހަލައެވެ.

ސާފު، އަލި މޫނަށް ބަލައިލުމުން ހީވާނީ ދެންމެ ފޮޅުނު ހުވަނދު މަލެއް ހެންނެވެ. އެހައިވެސް ތާޒާއެވެ. މޫނަކީ ވަށް މޫނެއް ނޫނެވެ. އޭނާގެ ހިމަތޮޅި ރޫފަޔާއި މެދު މިނަށް ވުރެ ދިގު އިސްކޮޅާ ގުޅޭ ބައްޓަން ދިގު މޫނެކެވެ.

އެދުރުބޭގެ ވާހަކަތަކުން ދޭހަވާ ގޮތުގައި އޭނާގެ ތަރުބިއްޔަތަކީ ހަވައްޑޭ ހުއްތީދީގެ (ތުއްތުދީދީ) ބެލެނިވެރިކަމުގެ ދަށުގައި ހުރެ ބޮޑުވުމުގެ ސަބަބުން ލިބިފައިވާ ތަރުބިއްޔަތެކެވެ.

ހަވައްޑޭ އަކީ އިހަށް ހުވަދު އަތޮޅުގައި މީހުން އުޅުނު ރަށެކެވެ. ފަހުން ރަށް ފަޅުވީއެވެ. ހުއްތީދީގެ އުފަން ދުވަސްވަރެއް ކަމަށް ލަފާކުރެވެނީ 70 – 1860 މިދުވަސްވަރެވެ. އާއިލާގެ ބޭފުޅެއްގެ ފަރާތުން އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުއްތީދީއަކީ އޮޑިކަނޑައިގެން ގޮސް ނުވަތަ ފުރެއްދެ އޮޑިން ފިލައިގެން ގޮސް ކަރައިން ކިޔެވި ބޭކަލެކެވެ. ބޭރުބަސްބަސް ދެނެލައްވާ ބޭކަލެކެވެ. ދިރިއުޅުމުގެ ކަންކަމުގައި އާންމުންނާ ޚިލާފު، ފަލްސަފާވެރި ވިސްނުމެއް ގެންގުޅުއްވި ބޭކަލެކެވެ.

ހުއްތީދީ އަކީ އޭނާގެ ދުވަސްވަރު ނަންހުރި ރައިވަރުވެރިއެއް މެއެވެ. 19 ވަނަ ގަރުނުގެ ފަހުކޮޅު އަދި ވިހި ވަނަ ގަރުނުގެ ކުރީ ކޮޅު ރާއްޖޭގައި އުޅުއްވި ހަރުދަނާ ބޭބޭކަލުންނާއި ބޭބޭފުޅުން ތެރޭ ގުނާލެވޭ ޝަޚުސިއްޔަތެކެވެ. ދިރިއުޅުމުގެ އާންމު މަސައްކަތަކީ ސަރުކާރުގެ ވަޒީފާ އަދާކުރެއްވުމެވެ. މިގޮތުން ގިނައިން ކުރެއްވީ އެކިއެކި އަތޮޅުގެ އަތޮޅުވެރިކަމެވެ.

ހުއްތީދީގެ މާބޮޑު އާއިލާއެއް ނެތެވެ. އަތޮޅުވެރިއެއްގެ ގޮތުންނާއި ބަދަލު އަތޮޅުވެރިއެއްގެ ގޮތުން އަދި އެހެން ވެސް ރާއްޖެތެރޭގެ ބައެއް މަގާމްތަކުގައި ސަރުކާރަށް ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި މަޝްހޫރު ފީއަލީ ޒަކަރިއްޔާ ޙަމީދަކީ އޭނާގެ ކާފަދަރިކަލެކެވެ. ހުއްތީދީގެ ހުންނެވި ހަމަ އެކަނި ދަރިކަލަކީ ޒަކަރިއްޔާ ޙަމީދުގެ ބައްޕަ ފީއަލީ އަލި ދީދީ އެވެ.

މިކަން ހިނގިގޮތަކީ ހުއްތީދީ ބޭރު ދަތުރުކުރެއްވި އޮޑި މޫސުން ދަތިވެގެން ފީއަލީ ބޭރުގައި ޖައްސައިގެން އޮންނަން ޖެހުނު ދުވަސްކޮޅެއްގައި އެރަށުން ކައިވެންޏެއް ކުރެއްވީ އެވެ. އަލިދީދީ އަކީ މި ކައިވެނީ ގެ މޭވާއެވެ.

ޒަކަރިއްޔާ ޙަމީދުގެ ދަނބިދަރިކަލުން ޑަކުޓަރު ލަޠީފު ވިދާޅުވާ ގޮތުގައި “އަލިދީދީ ބައްޕަ ގާތުގައި މާލޭގައި ދިރިއުޅުއްވަން ޚިޔާލު ކުރައްވައިގެން މާލެ ދުރުވުމުން ބައްޕަ ދެއްވި ނަސޭހަތަކީ ދަރިފުޅާއޭ މާލޭގައި ހުންނާނެޔޭ ނަވާރަ ކަށި. މާލޭގައި ދިރިއުޅެންވެއްޖެއްޔާ އެއިން ކައްޓަކަށް އެރިދާނެއޭ. ރަށުގައި މަންމަ ގާތުގައި ދިރިއުޅެން ދާށޭ. އެގޮތް މާ ރަނގަޅުވާނެއޭ. މިބަސް މައްޗަށް އަލިދީދީ ރަށުގެ ދިރިއުޅުން ޚިޔާރުކުރެއްވީއެވެ. ބައްޕަ، ހުއްތީދީ ނިޔާވުމުން މާލޭ ގޭގައި ހުރި ފުރާޅު ޓިނާއި ގޭގައި ހުރި ހަރު މުދާ ރަށަށް ގެންދަވައި މާލޭގައި އޮތް އާއިލީ ގޯތި ދޫކޮށްލެއްވީ ވެސް އަލިދީދީއެވެ.”

އެދުރުބެ، ހުއްތީދީ ސިފަކޮށް އުޅުނީ ބޮޑު ބުއްދިވެރިއެއް ގޮތުގައެވެ. މިކަން ހާމަވާ ތިން ހާދިސާއެއްވެސް އެދުރުބެ ކިޔައިދިނެވެ. އެތިން ހާދިސާ ބަޔާންކޮށްލާނަމެވެ.

އެދުރުބޭ (ޒަކަރިއްޔާ)ގެ އެންމެ ޒުވާން ދުވަސްވަރަށް އެރިއިރުވެސް އޭނާ މާލޭގައި ހުރީ ހުއްތީދީގެ ގޭގައެވެ. ޒަކަރިއްޔާއާ ހަވާލުވެފައި އޮންނަ އެއް ކަމަކީ ގޭގެ ބާޒާރުކުރުމެވެ. އެއީ ތިންވަނަ މުޙައްމަދު ޝަމްސުއްދީނު ރަދުންގެ ރަސްކަމުގެ ރަން ދައުރެވެ. ބޮޑުވަޒީރަކީ އަތިރީގޭ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. އެދުވަސްވަރު މާލޭ ބޮޑު ބާޒާރުގައި، މިހާރު މީހަކަށް ޚިޔާލަށް ވެސް ނުގެނެވޭހައި ހެޔޮ އަގުއަގުގައި، އަންނައުނާއި ކެއިން ބުއިމުގެ ބާވަތްތަކާއި، ވައްތަރު ވައްތަރުގެ މުދާތައް ލައިތަޅާފައި އޮވެއެވެ. އޭރުގެ މާލެއަކީ މިހާރުގެ ނިސްބަތުން ވަރަށް ބައިމަދު ރަށެކެވެ. ރުއްގަސް ގިނަ ފެހިފެހި ރަށެކެވެ. ތޮއްޖެހުމެއް އެއްވެސްވަރަކަށް ނެތެވެ. މާލޭގެ ދިރިއުޅުމަކީ ސުލްހަމަސަލަސްކަން ބޮޑު، ސާދާ ދިރިއުޅުމެކެވެ. ދިރިއުޅުމުގެ ޚަރަދުބަރަދު އެހައިމެ ކުޑައެވެ. ހުއްތީދީއަށް މަހު މުސާރަޔަށް ބަނޑޭރިގެއިން 25 ރުފިޔާ ލިބިލައްވައެވެ. މިއީ އެދުވަސްވަރުގެ ނިސްބަތުން ބޮޑު މުސާރައެކެވެ.

ހުއްތީދީގެ އުޅުއްވުން ހުރީ ދުވަހުން ދުވަހަށެވެ. މާދަމާގެ ފިކުރެއް ނުގެންގުޅުއްވައެވެ. މުސާރައިގެ ފައިސާ ތިރީސް ބައި ކޮށްލެއްވުމަށް ފަހު ދުވާލަކަށް ޖެހޭ ލާރިކޮޅު އެއީ ބާޒާރުކުރުމަށް ޒަކަރިއްޔާ (އެދުރުބެ)އާ ހަވާލުކުރެވޭ އަދަދެވެ. މިއަދަދުން ގެއަށް ބޭނުން ހުރިހައި އެއްޗެއް ގަނެފައި ލާރި ބާކީ ވެއެވެ. މިގޮތަށް ބާކީވާ ލާރި ކޮޅު ގެނެސް ހުއްތީދީއާ ހަވާލުކުރުމުން އައްސަވަނީ “މީ ކޮން ލާރިއެއް ހެއްޔެވެ؟”

ޒަކަރިއްޔާގެ ޖަވާބަކަށް ވަނީ ތިޔައީ ބާޒާރުކޮށްފައި އިތުރުވީ ލާރިއެވެ.

“އިތުރުވީ ލާރިއޭ ހެއްޔެވެ؟ ތިޔަ ވާހަކަ ނުދައްކާށެވެ. ލާރި އިތުރެއް ނުވާނެއެވެ. ތިޔަ ބުނާ ވަރަށް ލާރި އިތުރުވާ ވާހަކަ ރަންނަބަނޑޭރި ކިލެގެފާނުގެ ކަންފަތްޕުޅަށް އަރައިފިއްޔާ މިހާރު މިލިބޭ ލާރިކޮޅުވެސް ނުލިބި މުސާރަ ކުޑަވާތަން  އަތުވެދާނެއެވެ!” މިހެން ބުނުއްވާފައި ލާރިކޮޅު އަނބުރާ ދެއްވަނީ ޒަކަރިއްޔާ އަށެވެ.

އިތުރުވެގެން ގެންނަ ލާރިއާ މެދު ކޮންމެ ދުވަހަކުވެސް ހުއްތީދީގެ ބަހަކަށްވެފައި އޮންނަނީ މިބަހެވެ. ކޮންމެ ދުވަހަކުވެސް އެލާރިކޮޅު އަނބުރާ ދެއްވަނީ ޒަކަރިއްޔާއަށެވެ. މިއީ ބާޒާރުކުރުމުގެ އިނާމެއްގެ ގޮތުން ނުވަތަ އުޖޫރައެއްގެ ގޮތުން އޭނާއަށް ދެއްވާ ލާރިއެއްކަން ޒަކަރިއްޔާއަށް ވިސްނުނީ އަދި މާފަހުންނެވެ.

ޒަކަރިއްޔާ ހުއްތީދީއާ ބެހޭ ގޮތުން ކިޔައިދިން ދެވަނަ ވާހަކަ މިލިޔަނީއެވެ.

އެއްދުވަހަކު ހުއްތީދީ ހުންނަވާ ގެޔަށް މީހަކު އަތުވެއްޖެއެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ހުއްތީދީއާ ބައްދަލުކޮށްލަން ބޭނުންވެފައެވެ. ޒަކަރިއްޔާ ގޭގެ އެތެރެބަޔަށް ވަދެ މިވާހަކަ ހުއްތީދީ އަށް ނަންގަތުމުން ހުއްތީދީ: “އެމީހާ ގާތު އަހައިބަލާށޭ. ބައްދަލު ކުރަން ބޭނުން ވަނީ ކޮންކަމަކު ހޭ؟”

ޒަކަރިއްޔާ ބޭރަށް ނިކުމެފައި އެނބުރި އައިސް ނަންގަތެވެ. “އެމީހާ ހުއްތީދީ ލައްވާ މުޖައްރިބު ސިހުރެއް ހަދަން ބޭނުންވަނީ ޔޯލައޭ. ކިޔުއްވި އަގެއް ދޭން ތައްޔާރޯލައޭ!”

ހުއްތީދީގެ ބަހަކީ: ” އޭނާ ގާތު ބުނާށޭ. ކަލޭ ރުޅިއަރާ މީހާ ނިދާފައި އޮއްވާ ހިފޭ ނުހިފޭ ވަރުގެ ބޮޑު ހިރިއެއް ހިފައިގެން ގޮސް އޭނާގެ ބޮލުގައި ޖަހައިޖެހިޖެހީނުން ބޯފިސްކޮށްލާށޭ”

މިޖަވާބައިގެން ނިކުމެފައި އެނބުރި އައިސްފައި ޒަކަރިއްޔާ ނަންގަތެވެ.” އެމީހާ ބުނީ ތިޔައީ ސިހުރަކަށް ނުވޭ ނޫންތޯއޭ؟”

ހުއްތީދީގެ ބަހަކީ: “އޭނާ މިތަނަށް ވައްދަ ބަލާށޭ.”

ޒަކަރިއްޔާ ބޭރަށް ނިކުމެ އެމީހާ ގޮވައިގެން އަތުވެއްޖެއެވެ. އެމީހާއަށް ރަނގަޅަށް ބައްލަވާލައިވާފައި ހުއްތީދީ: “މީހަކާ ޖެހިގަނެ ދެކޮޅުވެރިކަން ބޮޑުވެގެން ގޮސް ކަލެޔަށް އެމީހަކާ ހެދި ނޫޅެވޭ ވަރުވީ ދޮއްތައޭ؟”

އެމީހާ: “ލައްބައޭ. ތިޔަކަން އޮތީ ތިޔަހެންނޭ.”

ހުއްތީދީ: “ތިޔަހެންވިއްޔާ ކުރަން އޮތް ކަމަކީ އަވަހަށް އެމީހަކާ ސުލްހަވެ އެއްބައިވުމޭ. އެޔޭ ތިޔަކަމުގައި ހެދޭނެ އެންމެ މޮޅު ސިހުރަކީ!”

ޒަކަރިއްޔާ ކިޔައިދިން ތިންވަނަ ހާދިސާއަކީ މިއެވެ.

ހުއްތީދީ އެންމެ ފަހުން އަދާކުރެއްވި ސަރުކާރުގެ ވަޒީފާއަކީ މާޅޮސްމަޑުލު އުތުރުބުރީ އަތޮޅުވެރިކަމެވެ. އެދުވަސްވަރު އެ އަތޮޅުގެ އަތޮޅުވެރިކަން ކުރަނީ ފައިނުގައެވެ. ފައިނުގައި އަތޮޅުވެރިކަން ކުރައްވަން ހުންނަވާއިރު ހުއްތީދީގެ ކާތިބެއް އަދި އެހީތެރިއެއްގެ ގޮތުން އަރިހުގައި ގެންގުޅުއްވީ ފައިނު ޒުވާނެއް ކަމުގައިވާ ހާރޫނެވެ (އަސްލު ނަމެއް ނޫން). ހުއްތީދީގެ އަތްދަށުން އަތޮޅު ހިންގުމުގެ ކަންކަމުގައި ކުރިއަށް ނެރުއްވައިގެން އުޅުއްވަނީ ވެސް މިޒުވާނާއެވެ. މީނާ ގެންގުޅުއްވަނީ މުއައްޒިފަކަށް ވުރެ ބޮޑަށް ދަރިއެއްހައި ގާތްކޮށެވެ. މީނާގެ ބައްޕަޔަކީ މާލޭގެ ބޮޑުންނާ ވަރަށް ހަވާސާކަން ބޮޑު ބޭކަލެކެވެ. ރަށުގެ އަދި އަތޮޅުގެ ވެސް ނަންއަރާ ހުރި ވަރުގަދަ ޝަޚްސިއްޔަތެކެވެ. މިކަން ރަމްޒުކޮށްދޭ ހެދިހުރި އިސްކޮޅަކާއި ޖާނެއްގެ ވެރިއެއް މެއެވެ. ހާރަކަށް ތަރާވީހަކަށް ވެސް އެރަށުގައި އޮތީ އޭނާގެ އައުލާދެވެ.

ހުއްތީދީ މިދުވަސްވަރު ފައިނުން ކައިވެންޏެއް ކުރެއްވިއެވެ. ކައިވެނި ބައްލަވައިގަތީ ރަށުގެ ރީތި ޒުވާން އަންހެނެއް ކަމުގައިވާ އައިމިނާފުޅާއެވެ (އަސްލު ނަމެއް ނޫން). މިއީ އެންމެ ފަހުން ހުއްތީދީ ކުރެއްވި ކައިވެންޏެވެ. އޭރު ހުއްތީދީ ހުންނެވީ މުސްކުޅިވެފައެވެ.

ފަހަކަށް އައިސް އެހީތެރިޔާ ހާރޫނު ހުންނަނީ އަތޮޅުވެރިންގެ އަނބިކަބަލުން އައިމިނާފުޅާ އަޅައިގެންފައެވެ. މިދެމީހުން ސިއްރު ގުޅުންގަނޑެއް ހިންގާކަމުގެ އަޑު ރަށުތެރެއަށް އަރައިފައި އޮވެއެވެ. ދެލޯބިވެރީން ހެން، ދެމީހުން އެކަހެރި ތަންތަނުން، ގޮތްގޮތަށް ތިއްބާ ދެކެގެން މީގެ ޝަކުވާތައް އަތޮޅުވެރީންނާ ހަމަޔަށް އުފުލެމުންދެއެވެ. މިފަދަ ޝަކުވާއަކައިގެން އަންނަ ކޮންމެ މީހަކާ ދިމާއަށް ރުޅިމޫނާއެކު ލޯބޮޑުކޮށްލައްވާފައި އަތޮޅުވެރިން ބުނުއްވަނީ “ހާރޫނަކީ މަގޭ ދަރިއެއް ފަދަ ކުއްޖެކެވެ. އައިމިނާފުޅަކީ މަގޭ އަންހެނުންނެވެ. އެހެންކަމުން އެއީ ހާރޫނުގެ ‘މައިމީހާއެވެ’. މަޔަކާއި ދަރިއަކާ ދެމެދު ތިޔަ ތުހުމަތު ކުރާ ޒާތުގެ ނާޖާއިޒު ގުޅުމެއް އޮވެދާނެ ހެއްޔެވެ؟ ނުއޮންނާނެއެވެ. ތިޔަ ވާހަކަ ނުދައްކާށެވެ”.

ހާރޫނާއި އައިމިނާފުޅާ ދެމީހުންގެ ގުޅުމާ ބެހޭ ގޮތުން އުފުލޭ ކޮންމެ ޝަކުވާއަކަށް ވެސް އަތޮޅުވެރިން ދެއްވަނީ މިކަހަލަ ޖަވާބެކެވެ. މަސައްކަތްކުރައްވަނީ މިނޭދެވޭ ވާހަކަ އަވަހަށް އޮއްބާލައްވާށެވެ. އަތޮޅުވެރިޔާއަށް ހުރަހެޅޭ އެހެނިހެން ބާވަތް ބާވަތުގެ މައްސަލަތައް ބައްލަވައި ތަހުގީގު ކުރައްވައި އުޅުއްވާ ބީދައިން މި މައްސަލަ ބައްލަވާކަށް ނޫޅުއްވައެވެ. ކަމުގެ ކުޑަވެސް ޝައުގެއް އޭނާގެ ނެތް ކަހަލައެވެ. ޝަކުވާއައިގެން އަންނަ މީހުން ދެކޭ ގޮތުގައި އަތޮޅުވެރިޔާ މާބޮޑަށް ވެސް އޭނާގެ އަނބިކަނބަލުންނަށާއި އެހީތެރިޔާއަށް އިތުބާރުކުރައްވަނީއެވެ. އެފަދަ ގާތް ދެމީހެއްގެ ފުށުން ބޭވަފާތެރިކަމެއް ފެނިދާނެކަމަށް ގަބޫލު ނުކުރައްވަނީއެވެ.

އެއްރެއަކު އިޝާވަގުތަށް ފަހު ކައިބޮއި އަވަދިވުމުން އަތޮޅުވެރިޔާ އޭނާގެ އެހީތެރިޔާ އަތޮޅުގެޔަށް ގެންނަވައި

އަންގަވައިފިއެވެ. “އިނގުރައިދޫ ބައްތެލި އޮތީ މުދާލައި ބަރުކޮށްފައެވެ. ފަތިހު މާލެދާން ފުރާނެއެވެ. އެބައްތެލިން އަހަރެން ދަތުރުވަރިއެއްގައި މާލެ ގޮސްބަލަނީއެވެ. އަހަރެން ނެތިލައި ދާ ދުވަސްތަކުގައި އަތޮޅު ބެލެހެއްޓުން ހާރޫނާ ހަވާލެވެ.”

މިއަށް ފަހު އަތޮޅުވެރިން ފޮށި ތަންމައްޗާއެކު ދަތުރަށް ތައްޔާރުވެފައި އޮތް ކުޑަދޯންޏަކަށް އަރުއްވައިގެން އިނގުރައިދުވަށް ދުރުވެއްޖެއެވެ. އިނގުރައިދުވާއި ފައިނަކީ ކަނޑަވަޅިއެއްގެ ދެފަރާތުގައި އޮންނަ ދެރަށެވެ. ވައި ދަތި ނަމަ ފަލީގައިވެސް ބައިގަޑިއެއްހައި އިރުން ދެވޭހައި ގާތްގާތުގައި އޮންނަ ދެރަށެވެ.

އެރޭ ދަންބައެއް އަޅުއްވާފައި އިނގުރައިދޫން ކުޑަދޯންޏެއްގައި އަތޮޅުވެރިން އެނބުރި ފައިނަށް ދުރުވެއްޖެއެވެ. އަތޮޅުގެއަށް ވަންނަވައި ފައިހިލަވަޅު އޮއްބަމުން ސިއްރުސިއްރުން އެތެރެގެއަށް ބައްލަވާލެއްވިއިރު މިއޮއް ހުރިހައި ދުވަހަކު ދެލޯބިވެރިންނާ ގުޅޭ ގޮތުން އޭނާގެ ކަންފަތަށް އުފުލެމުން އައި ޝަކުވާތަކުގައި ކިޔޭ ކަހަލަ މަންޒަރެއް އެހެރީ ދިމާއަށް ލޮލަށް ފެންނާށެވެ. ހާރޫނާއި އައިމިނާފުޅު އެއް ދާނުގައި ނިދައި މަރުވެފައި ތިއްބެވެ.

ދެން ހަމަ އެވަގުތު އެދަންވަރު ދެމީހުންނަށް ގޮވައި ނަންގަވާފައި އަންހެނުން ގާތު ބުނުއްވީ ތިޔަހުރީ ވަރިކޮށްފައެވެ. ހާރޫނަށް ބުނުއްވީ “މަގޭ އަންހެނުން ވެސް ކަލެއަށެވެ. މަގޭ އަތޮޅުވެރިކަން ވެސް ކަލެއަށެވެ.” އިތުރު ބަހެއް ނެތި އަނބުރާލައްވައި، އަތިރިމައްޗަށް ނިކުންނަވައި، އިނގުރައިދޫ ދޯންޏަށް އަރުއްވައިގެން ދުރުވީ އިނގުރައިދުވަށެވެ.

ޒަކަރިއްޔާ ޙަމީދު ވިދާޅުވާ ކަމަށް ޑަކުޓަރު ލަޠީފު ވިދާޅުވަނީ އިސްވެ ބުނެވުނު ދެލޯބިވެރިންގެ ކަންތައް ފަޅާއެރުމުން އެކަން މާބޮޑު ކަމަކަށް ނުހައްދަވައި މާލެ ދުރުވެ ބޮޑުންނަށް ދަންނަވައިގެން ހާރޫނަށް އަތޮޅުވެރިކަން ހޯއްދަވައިދެއްވީ ވެސް ޙަމީދުގެ ކާފަ ހުއްތީދީ ކަމަށެވެ. އަދި ފަހުން ފައިނަށް ދުރުވެ ރުޅިވެރިކަމެއް ނެތި ދެލޯބިވެރިން ކައިވެނީގެ ގޮތުން ގުޅުވީ ވެސް ހުއްތީދީ ކަމަށެވެ.

ހަވައްޑޭ ހުއްތީދީ ފައިނުގައި އަތޮޅުވެރިކަން ކުރެއްވި ވާހަކަ އެއީ އަޅުގަނޑުވެސް އަހައި އުޅޭ ވާހަކައެކެވެ.

މި މަޒުމޫނު ލިޔުމުގެ ކުރިން ޒަކަރިއްޔާ ކިޔައިދިން ވާހަކަ އިތުރަށް ގައިމުކޮށްލާން ފައިނުގެ ގާޒީކަން ކުރައްވައިފައި ހުރި މުސްކުޅި އުމުރުގެ ބޭކަލަކާ ގުޅައިލީމެވެ. ވަރަށް ހީނލައްވައިފައި އޭނާގެ ޖަވާބަކަށް ވީ ތިޔަ ވާހަކައިގެ ނަމަކީ “މަގޭ އަންހެނުން ވެސް ކަލެއަށެވެ. މަގޭ އަތޮޅުވެރިކަން ވެސް ކަލެއަށެވެ” ތިޔައީ ފައިނުގައި މަޝްހޫރު ވާހަކައެކެވެ. އަޅުގަނޑުމެން ދުވަސްވަރުގެ ކޮންމެ މީހަކުވެސް ދަންނާނޭ ވާހަކައެކެވެ. ދުވަސްވީ ވާހަކައަކަށް ވާތީ އެކި މީހުން ކިޔުމުގައި ކުދިކުދި ފަރަގު ހުއްޓަސް އަސްލު ވާހަކައަކީ އެކައްޗެކެވެ. އަންހެނާގެ އަސްލު ނަންވެސް މިލިޔުންތެރިޔާ އަށް އެނގުނީ ގާޒީ ފުށުންނެވެ. އިތުރަށް އޭނާގެ ފުށުން އެނގުނު ގޮތުގައި ހުއްތީދީއަކީ ދިވެހި ހެވިކަމުގެ އުކުޅުތައް ދެނެލައްވާ ކުޅަދާނަ ހެއްވެއް މެއެވެ.

ޝާއިރީ އިންސާފު

ވާހަކަޔާ ގުޅޭ ގޮތުންނާއި ހުއްތީދީއާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ލިބޭތޯ ދެން އަޅުގަނޑު ގުޅާލީ ގާޒީއަށް ވުރެވެސް ދޮށީ ޖީލުގެ ފައިނު ބޭކަލަކާއެވެ. އެއީ މިހާރު އުމުރުން އައްޑިހައިގެ އަހަރުތައް ގުނަމުންދާ ރަށުގެ މުދިންކަން ކުރައްވާފައި ހުރި ބޭކަލެކެވެ. އޭނާ ވެސް ވާހަކައިގެ ތެދުކަން ކަށަވަރު ކޮށްދެއްވިއެވެ. އަދި ބުނުއްވިއެވެ. “ތިޔަ ވާހަކަ ކަލެއަށް މާލެއިން ކިޔައިދިން މީހާއަށް ވާހަކައިގެ ނިމުން ކިޔައިދޭކަށް ނޭނގުނު ތާއެވެ. ނިމުން މި ކިޔައިދެނީއެވެ.”

“އަތޮޅުވެރިކަން ދޫކޮށްލައްވާފައި ހުއްތީދީ ގޮސް ހުންނެވީ އަތޮޅުގެ ބައިމަދު ރަށެއްގައެވެ. އަހައިކަމަށް ބޮޑަށް ހަނދާންވަނީ އެރަށަކީ އަނގޮޅިތީމެވެ. އެރަށުގައި ހުންނަވަނިކޮށް ހުއްތީދީ މާބޮޑަށް ބަލިވެ ތަންމަތީގައި އޮންނަވަން ޖެހިލައްވައިފިއެވެ. މިވާހަކަ އައްސަވައިގެން ހުއްތީދީ ފައިނަށް ގެންނަވައި ރަނގަޅަށް ބަލަހައްޓަވައި ބޭސްފަރުވާކޮށް ދެއްވައި ހެއްދެވީ އޭނާ އަތޮޅުވެރިކަން ހޯއްދަވައިދެއްވި ހާރޫނެވެ.”

މަރުބަލީގައި ހުއްތީދީއަށް ހޭހަންކޮށް ހެދީ އޭނާ ވަރިކުރެއްވި “ފުޅު” އަދި އަތޮޅުވެރިންގެ މިހާރުގެ އަނބިކަނބަލުންނެވެ. ހުއްތީދީ ނިޔާވީވެސް ފައިނުގައި އަތޮޅުގޭގައެވެ. އޭނާގެ ކަށުކަމާކެމީގެ ކަންތަކާއި ވަޅުލުމުގެ ކަންތައްވެސް ވަރަށް ރަނގަޅަށް ހަމަޖައްސަވައި ދެއްވީ އަތޮޅުވެރިންނެވެ.

މީހަކު ހީވެސް ނުކުރާ ކަހަލަ ގޮތަކަށް އެއް ފަރާތުން އަނެއް ފަރާތަށް ލިބިދެވޭ މިޒާތުގެ އިލާހީ އިންސާފު، އިނގިރޭސި ލިޔުންތެރީން ސިފަކޮށްއުޅެނީ “ޝާއިރީ އިންސާފު” ގެ ގޮތުގައެވެ. މިވާހަކަ ނިމިފައި އެއޮތީ ކިތަންމެހައި ވެސް ރީތި”ޝާއިރީ އިންސާފަކުން”، އެހެން ނޫން ތޯއެވެ؟

ހުއްތީދީގެ މަހާނަ މުދިންބެ ވެސް ދެކިލެއްވި ކަމަށް ވެއެވެ. އޭނާ ބުނުއްވަނީ މަހާނަ ގަލުގައި ‘ހަވައްޑޭ ތުއްތު ދީދީ’ މިހެން ލިޔެވިފައި ވަނިކޮށް ކީމެއެވެ. އެއާ ވިދިގެން އޮތް އަރަބިބަހުން އޮތް އިބާރާތްކޮޅު ވެސް ކީމެވެ.”

ގަލުގައި އޮތް ތާރީޚެއް މުދިންބެ ހަނދާނެއް ނެތެވެ. މުދިންބެ އަކީ ރަށާއި އަތޮޅުގެ ވަރަށް ގިނަ ކަންކަމުގެ މައުލޫމާތު ހުރި، ތޫނު، ހަރުދަނާ ބޭކަލަކަށް ވިޔަސް މިހާރު މުސްކުޅި އުމުރުގައި ލޯބޯކޮށިވެ ހަނދާންތައް ވަނީ ބަލިވެފައެވެ.

ހުއްތީދީގެ މަހާނަ ހުރިކަމަށް ވަނީ ރަށުގެ ބޮޑުންގެ މަހާނަ ހުންނަ ގޮޅީގައެވެ. ހަރިންމަޔާ ވަރަށް ގާތުގައި ބޮޑު ގަލެއް ޖަހައިފައެވެ. އެޒަމާނުގެ މީހުންނަށް ގަބޫލުކުރެވިފައި އޮންނަނީ މިސްކިތުގެ ވޮށް އަލިވާ ހިސާބުގައި މަހާނަ އަޅައިފައި އޮތުމީ ކަށްވަޅުގެ އަޒާބު ލުއިވާކަމެއް ކަމަށެވެ. އެހެން ކަމުން ވަރަށް ގިނަ ރަށް ރަށުގައި ބޮޑުންނަށް މިސްކިތުގެ ވޮށް އަލިވާ ހިސާބުން ކަށްވަޅުގެ ޖާގަ ލިބިފައި އޮވެއެވެ. އަޅުގަނޑުގެ އުފަން ރަށް އިނގުރައިދޫގައި ވެސް މިކަން އޮތީ މިހެންނެވެ.

ހުއްތީދީގެ މަހާނަޔަށް ރާއްޖޭގެ މަޝްހޫރު ތާރީޚީ ލިޔުންތެރިޔާ އަލްއުސްތާޒު މުޙައްމަދު އިބްރާހީމް ލުޠުފީ ޒިޔާރަތްކުރައްވައި މަހާނަގަލުން ނިޔާވީ ތާރީޚު ބައްލަވައި ނޯޓުކުރައްވައި ހެއްދެވި ކަމަށް ގާޒީގެ ފުށުން އަޅުގަނޑަށް މައުލޫމާތު ލިބުނެވެ. މިޒަމާނަކަށް އައިސް ދިވެހީންގެ ތެރޭގައި ދެވަނައެއް ނެތް ރިހި ދުލުގެ ވެރިޔާ އަދި ޅެންވެރިޔާ އަލްއުސްތާޒު އިބްރާހީމް ޝިހާބު ވެސް ފައިނަށް ވަޑައިގަތް ދުވަހެއްގައި ހުއްތީދީގެ މަހާނަޔަށް ޒިޔާރަތް ކުރައްވައި މަހާނަ ގަލުގައި ހުރި ލިޔުންކޮޅު ކިޔުއްވައި ހެއްދެވި ކަމަށްވެއެވެ.

މިހާރު އެމަހާނަ ފެންނާކަށް ނެތެވެ. ޝިހާބާއި ލުޠުފީގެ ފަހުގެ ތާރީޚެއްގައި ޒަކަރިއްޔާ ހަމީދު ފައިނަށް ދުރުވެ ކާފަގެ މަހާނަ ހޯއްދެވިއިރު ވެސް އެމަހާނަ ފެންނާކަށް ނެތެވެ. ފައިނާއި އިނގުރައިދޫގެ މުސްކުޅިންގެ ބަހަށް ބަލާއިރު ހުއްތީދީ ނިޔާވި ކަމަށް ބުރަވެވެނީ  35 – 1934 މިހައި ތާނގައެވެ. ކޮންމެއަކަސް އެއީ ބޮޑުހަނގުރާމައިގެ ކުރިއެވެ.

ހުއްދީތީގެ މުނިދަރިކަނބަލުން އަދި ޑަކުޓަރު ލަޠީފުގެ އަނބިކަނބަލުން ޝަކީލާ ޙަމީދު މީލާދީން 2000 ވަނަ އަހަރުތެރޭގައި ފައިނަށް ވަޑައިގަތް ދުވަހެއްގައި ހާރޫނާއި އައިމިނާފުޅުގެ އިން ހަމައެކަނި ދަރިފުޅު ވަރަށް ބޮޑަށް ކަމޭހިތައި އާއިލާގެ މީހެއްހެން ލޯތްބާއި އަޅާލުން ބެހެއްޓިކަމަށް ވެއެވެ. އަދި ޝަކީލާ، އެކަމަނާގެ މުނިކާފަގެ މަހާނަ ދޮށަށް ގެންގޮސް ހެދީ ވެސް އޭނާ ކަމަށް ވިދާޅުވެއެވެ.

ހުއްތީދީގެ ފައިނު އަނބިކަނބަލުންނާ ބެހޭ ގޮތުން ކަންކުރެއްވި ކަހަލަ ގޮތަށް މާލޭގައި އިންނެވި އަނބިކަނބަލަކާ މެދު ވެސް ކަންކުރެއްވި ކަމަށް ޑަކުޓަރު ލަޠީފު މައުލޫމާތު ދެއްވިއެވެ. މިފަހަރު ކަން ހިނގި މަގަކީ ވަރަށް ގާތް ރައްޓެއްސެއް  އެއްރެއަކު ހުއްތީދީމެން ގެއިން ކައިގެން ވާހަކަދައްކާލަން އިން އިނުމުގެ ތެރޭގައި ހުއްތީދީގެ އަނބިކަނބަލުން ފެނިގެން ބުނެފިއެވެ.

“ހާދަ ރަނގަޅު ހެޔޮ އަންބެކޭ ހުއްތީދީބޭގެ މިއިނީ! އަހަންނަށް ވެސް އަޅެ މިކަހަލަ އަންބެއް ލިބޭނެ ނަމައޭ!”

އަނެއް ދުވަހު އަނބިކަނބަލުން ވަރިކުރައްވާފައި ރަހުމަތްތެރިޔާ ގާތު ބުނުއްވި ކަމަށް ވަނީ “ރަހުމަތްތެރިޔާއޭ. މިކަހަލަ މީހަކަށް އަހަންނަށް ދެވެން އޮތީ ކަލެޔޭ”

މިދެމީހުން ކައިވެނިކުރުއްވައި ހެއްދެވީ ވެސް ހުއްތީދީއެވެ. މިދެމަފިރިންނަށް ލިބުނު އަންހެންދަރީގެ ދަރީންތެރޭގައި މާލޭގެ ވަރަށް ރަނގަޅު، ނަންއަރާ ހުރި ތައުލީމީ ބޭފުޅުންކޮޅެއް އެބަތިއްބެވި އެވެ. އޭގެތެރޭން އެއްބޭފުޅަކީ، އިނގިރޭސިވިލާތުން ޑަކްޓަރީކަން އެމް.ޑީ.އާހަމައަށް ކިޔަވައިވިދާޅުވެ، 1970ގެ އަހަރުތަކުގެ މެދުތެރޭގައި ރާއްޖެވަޑައިގެން ގިނަދުވަހު ޚިދުމަތްކުރެއްވި ޑަކްޓަރެކެވެ.

ރައިވަރުވެރިޔާ 

ހުއްތީދީގެ އަދަބީ މަސައްކަތްޕުޅަކީ ކުރިންވެސް ދެންނެވިހެން ރައިވަރު ހެއްދެވުމެވެ. އޭނާގެ ސިޔާސީ ބަސްތަކާއި ރައިވަރު ވަރަށް ގިނަކަމަށް ވެއެވެ. މިބާވަތުގެ އެއްރައިވަރު ކަމަށް ޑަކުޓަރު ލަޠީފު ވިދާޅުވެދެއްވި ރައިވަރަކީ:

ފޭތައް ފުދާނެޔޭ ތެޅި

   ފޭނުކޮށް ފޭމަތީ އޮތްފު

        ފޭނުދަމާށެ ވަތު އޮތްފު

އަނގަބަހުން ދަންނަވާނަމަ އެވާހަކައަކީ:

މަތީގައި އޮތް ފުފޭ ތައް ފޭނުކޮށް ވަތުގައި އޮތް ފުފޭ ނުދަމާށެވެ. ފުފޭތައް ތެޅިދާނެއެވެ.

ހުއްތީދީގެ އެންމެ މަޝްހޫރު އެއް ރައިވަރު ފޮތަކީ “ކާފަގެ ރައިވަރު” ފޮތެވެ. މިފޮތުން ރައިވަރެއް ލިޔެލާނަމެވެ.

ރިންކު ގޮސް ފަތިހުގައި        އިން ގިނަ ވަރަށް އެންދަމައި

ތިން ދެ ހިޔަ ބައިގެން ގޮދާ     ރިންކު އަވަހަށް ލެފީމާ

ދިން ގޮތުން ށަށް ބަހާ ފައިމަ    ތިން ވިޔެ ފޫހި ކާފާމަ

ސާދާ އަނގަބަހުން ދަންނަވާ ނަމަ އެވާހަކައަކީ މިއެވެ:

ކުރިން ގޮސް ފަތިހުގައި ވަރަށް ގިނައިން އެން ދަމައި، ދުއިސައްތަ ތިން ސަތޭކަ ގޮދާ ބައިގެން

ކުރިން، އަވަހަށް ލެފީމާ،  މަށަށް ބަހައިފައި ދިން ގޮތުން ކާފަމަތިން ފޫހިވިއެވެ.

“ކާފަގެ ރައިވަރު” މަންޒަރާ އެކު ސިފަކުރެވޭ ވަރަށް ވެސް ހެއްވާ މަގުމަތީ ތަމްސީލެއް އިނގުރައިދޫގައި

ކުޅެވެނިކޮށް އަޅުގަނޑު ކުޑައިރު ދުށީމެވެ. ދޯނި މަސްބާނައިގެން އައުމުން މަސްބަހާ މަންޒަރު އެއީ ތަމްސީލުގެ އެންމެ މަޖާ ހިސާބެވެ. ރައިވަރުގެ ހަނދާނުން ކެހިގެން ނުދިޔަ ތަންކޮޅު ލިޔެލަމެވެ.

“ކާފަޔަށް ކާފަޔަށް   ކާފާގެ ކުޑަ ދޮން މަންޖެއަށް

ކާފާގެ ދޮށިބޮނޑި ކިރިއްޔަށް….”

މިހެން ގޮސް އެކިއެކި ނަންނަމުގައި ހުރިހައި އެއްޗެއް ވެސް ލިބެން ވަނީ އޮޑީގެ ވެރި ނުވަތަ އޮޑީގެ ކެޔޮޅު ކާފަޔާއި ކާފަގެ ކުދީންނަށެވެ. އާންމު ފަޅުވެރިކުދީންނަށް ލިބޭ މާބޮޑު އެއްޗެއް ނެތެވެ. މިއީ ވެސް ފުން މާނައެއް އޮތް ސިޔާސީ ރައިވަރެއް ކަމަށް ދެކެމެވެ. ރައިވަރު ކިޔައި ތަމްސީލުކޮށް އުޅުނު މީހާ މިހާރު ވަނީ ނިޔާވެފައެވެ.

ހުއްތީދީގެ “ކާފަގެ ރައިވަރު ފޮތް” ނުވަތަ އެހެންވެސް ރައިވަރުތައް އެއްވެސް ފަރާތެއްގައި ރައްކާވެފައި އޮތް ނަމަ ނުވަތަ އެރައިވަރުތައް ދެނެލައްވާ ބޭފުޅަކު ހުންނެވި ނަމަ “ލިޔުންތެރިންގެ ގުޅުން” މެދުވެރިކޮށް އަޅުގަނޑާ ގުޅުއްވައިލެއްވުމީ އަޅުގަނޑުގެ ވަރަށް ބޮޑު އެދެމެކެވެ.

                          -ނިމުނީ-

——————————————————————–

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
3 Comments
  1. ޙަސަން ޝާކިރު މުޙައްމަދު

    އ.ޙ.މަނިކު މިސައިޓަށް ކުރައްވަމުން ގެންދަވާ ހަދިޔާތަކުގެ ލިސްޓަށް މި އިތުރު ކުރެއްވީ ވަރަށް ވެސް ޚާއްސަ ބޮޅެކެވެ. އަޅުގަނޑު ވެސް ވަރަށް ކުރީއްސުރެ ހަވައްޑޭ ހުއްތީދީގެ ނަން އަޑު އަހަމެވެ. އަދި މީގެ އަހަރުތަކެއް ކުރީން ފ.ނިލަންދޫގައި ދިވެހި ނާދީން ހިންގެވި ވާހަކަދެއްކުމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯހެއްގެ ކަންތަކުގައި އެރަށުގައި ހުރިއިރު ހުއްތީދީގެ ބައެއް ވާހަކަތައް އަޑު އިވުނެވެ. އޭރު އަތޮޅުވެރިޔަކަށް ހުންނެވީ، ޒަކަރިއްޔާ ޙަމީދެވެ. (ރަޙިމަހުﷲ) އަދި އޭގެ ފަހުން އެހެން ދަތުރެއްގެ ހަނދާން ވެސް އެބަ ވެއެވެ. އޭރު ބޭއްވުނު ވާދަވެރި މުބާރާތެއްގެ 2 ޓީމުގެ ނަމަކަށް ދެވިފައި އޮތީ ހަވައްޑޭ އާއި ހޮޅުބާރެވެ. (ހޮޅުބާރު / މިއީ ވެސް ރައިވަރުގެ މަޝްހޫރު ބޭކަލަކަށް ނިސްބަތްވާ ނަމެކެވެ.)
    ކޮންމެއަކަސް ހަވައްޑޭ ހުއްތީދީގެ މިފަދަ މައުލޫމާތު ގިނަ ދިރާސާ ލިޔުމެއް މީގެ ކުރީން ފެނިފައެއް ނެތެވެ. އަޚް މަނިކު މިކުރެއްވީ ވަރަށް ބޮޑު ޚިދުމަތެކެވެ. ތާރީފާއި ޝުކުރު އަރިސްކުރަމެވެ. ދަރުމަހުއްޓެވެ. ސާބަހެވެ.

    (3)(0)
  2. ެއަހުމަދު ޝިޔާމު

    ލިޔުމެއްގައި އޮއްޓަރު ހުނަނީ ކުރެވޭ ދިރާސާ ތަކުން ލިބޭ މައުލޫމާތު ލިޔުމަށް ތިރި ކުރެވިގެންނެވެ. މި ލިޔުމުން އެކަން ވަރަށް ރަނގަޅަށް ފެންނާން އެބައޮތެވެ. ސިއްރެއް ކަމަށް ހީކޮށް ބައެއް ލިޔުން ތެރިންނަށް މިހާ ތަފުސީލު ކޮށް ލިޔުމުގެ ހިތް ވަރެެއް ނުހުރެއެވެ. މި ލިޔުމުން ޒުވާން ލިޔުން ތެރިންނަށް އިބުރަތެއް ހާސިލު ވާނެ ކަމަށް ދެކެމެވެ. އޮއްޓަރު ހުރި ލިޔުމެއް ކިޔާ ލުމުން ހަމަ ގައިމުވެސް އަޅުގަނޑަށް ލިބެނީ އުފަލެކެވެ. އެ
    ލިޔުން ތެރިއަކާއި މެދު އޮންނަ އިތުބާރު ބޮަޑު ވެއެވެ. އިބްރާހީމް ހުސެން މަނިކަށް ފަށް ފަށުން ޝުކުރިއްޔާ.

    (0)(0)
  3. އަޙްމަދު ނާޞިޙު

    ހަވައްޑޭ ތުއްތުދީދީގެ މަންމައަކީ ލެއްގި ސާލިމްގެ ބަބުރު ނާއިބުކަލޭގެފާނުންގެ ކަޅު ޢަލީ މަނިކުގެ ފާތުމާ މަނިކެ އެވެ.. ހަވައްޑޭ ތުއްތުދީދީގެ ބައްޕައަކީ ހުވަދުއަތޮޅު ހަވައްޑޭ ބޭކަލެކެވެ. ނަމަކީ މުޙައްމަދުދީދީ ނުވަތަ އިބްރާހިމްދީދީ އެކެވެ. ބުނެވޭގޮތުގައި ހަވައްޑޭ ތުއްތުދީދީގެ ބައްޕަގެ އާއިލާ ނިސްބަތްވަނީ ދިޔަމިގިލީ ދަރިކޮޅުގެ އިބްރާހިމް ރަސްގެފާނާއި އިސްދޫ ދަރިކޮޅުގެ ސުލްޠާން އިބްރާހިމް މުޒުހިރުއްދީނުގެ ދަރިކޮޅަށެވެ.

    (1)(0)
Leave Comment