ލިޔުއްވީ: علي ناجي الرعوي ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ ” ކުޑަ ހިނދުކޮޅެއްގެ ކުރިން އަޅުގަނޑު އިނީ ޔަމަނު ޓީވީން ދެއްކި ޚަބަރެއް ބަލާށެވެ. އެ ޚަބަރަކީ ވަރަށް ކުރު ޚަބަރެކެވެ. ނަމަވެސް މެދުމިނެއްގައި ތިބެވޭތޯ ބަލާ މުސްލިމުންނަށް ވަރަށް މާނަފުން، ފަސޭހައިން ހިތުން ފިލައިގެން ނުދާނޭފަދަ ޚަބަރެކެވެ. އެ ޚަބަރުގައި ދެއްކީ، ދުނިޔޭގެ އެންމެ އުތުރުގައި މީހުން އާބާދުވެ އުޅޭ ފިންލެންޑުގެ ކުޑަ އަވަށެކެވެ. ދާދި ފަހަކާ ޖެހެންދެން މި އަވަށުގައި ވަޒަންވެރިވެ އާންމު…

ލިޔުއްވީ: علي ناجي الرعوي

ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

” ކުޑަ ހިނދުކޮޅެއްގެ ކުރިން އަޅުގަނޑު އިނީ ޔަމަނު ޓީވީން ދެއްކި ޚަބަރެއް ބަލާށެވެ. އެ ޚަބަރަކީ ވަރަށް ކުރު ޚަބަރެކެވެ. ނަމަވެސް މެދުމިނެއްގައި ތިބެވޭތޯ ބަލާ މުސްލިމުންނަށް ވަރަށް މާނަފުން، ފަސޭހައިން ހިތުން ފިލައިގެން ނުދާނޭފަދަ ޚަބަރެކެވެ.

އެ ޚަބަރުގައި ދެއްކީ، ދުނިޔޭގެ އެންމެ އުތުރުގައި މީހުން އާބާދުވެ އުޅޭ ފިންލެންޑުގެ ކުޑަ އަވަށެކެވެ. ދާދި ފަހަކާ ޖެހެންދެން މި އަވަށުގައި ވަޒަންވެރިވެ އާންމު ގޮތެއްގައި އުޅުނީ ސާޅީސް ހާހެއްހައި މީހުންނެވެ. ފިންލެންޑުގެ މި ކުޑަ ސަހަރުގައި ހުރީ ނަސޯރާ ދީނުގެ ( ކްރިސްޓިއަން) މީހުން އަޅުކަން ކުރަން ގޮސްއުޅޭ ފަސް ފައްޅިއާއި، ޔަހޫދީ ދީނުގެ/ނަސްލުގެ މީހުން އަޅުކަންކުރާން ގޮސްއުޅޭ ފައްޅިއެކެވެ.

ޝާމުކަރައަށް މިހާރު ދިމާވެގެން މިއުޅޭ ސިޔާސީ ނުތަނަވަސްކަމުގައި އެހިސާބު ދޫކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދާން މަޖުބޫރުވި މީހުންގެ ތެރެއިން ސީރިޔާގެ ވިއްސަކަށް ހާސް މީހުން، 2016 ވަނަ އަހަރު، އދ ގެ ޖަމިއްޔާތަކުންނާއި ޔޫރަޕުގެ ތަފާތު ޖަމާއަތްތަކުން، ފިންލެންޑުގެ ސަހަރެއްގައި ދިރިއުޅެވޭނޭ އިންތިޒާމު ހަމަޖައްސައިދިނެވެ.  ސީރިޔާގެ، މިދެންނެވި ވިއްސަކަށް ހާސް މީހުންގެ ތެރެއިން ވަރަށް ތަނަވަސް އަޣްލަބިއްޔަތަކީ އިސްލާމުންނެވެ.

ސާޅީހަކަށް ހާހުގެ އާބާދީއެއްގެ ތެރެއަށް އިތުރު ވިއްސަކަށް ހާސްމީހުން ހަމަކުއްލިއަކަށް ކަހަލަ ގޮތަކަށް އިތުރުވުމުން، ތަނުގެ އާބާދީ ދޮޅުގުނަޔަށް އިތުރުވީ ނޫންތޯއެވެ.  ފަހުން އައި މީހުންގެ ތެރެއިން ގިނަމީހުންނަކީ އިސްލާމުން ކަމަށްވުމުން، އާބާދީ އަށް އަލަށް އިތުރުވި އިސްލާމުން ނަމާދުކޮށް، ދީނީ ދަރުސް އަޑުއަހައި، ކަންކަމުގައި މަޝްވަރާކޮށްލާނެ ތަނެއް ނެތުމުން ފިންލެންޑުގެ މި ސަހަރުގެ ރައްޔިތުން ނިންމީ އެ ރަށުގެ ސިޓީ ކައުންސިލާއި، ދީނީ އިސްވެރިންނާ މަޝްވަރާކޮށް، ކްރިސްޓިއަން ފަސް ފައްޅީގެ ތެރެއިން އެއް ފައްޅި އިސްލާމުން އަޅުކަން ކުރާނޭ މިސްކިތަކަށް ބަދަލުކޮށް އެމީހުންގެ ތެރެއަށް އަލަށްއައި އިސްލާމުންނަށް ހަދިޔާކުރުމަށެވެ.

ކޮންމެވެސް ވަރެއްގެ ޗަންދާއެއްވެސް ނަގައި، ހުސްވަގުތު ލިބުނު މިންވަރަކުން އެއްކަލަ ފައްޅީގެ އެތެރެ އަލުން ބަދަލުކޮށް މިސްކިތުގައި ހުންނަ ކުރެހުމާއި ލިޔުންތައް ލިޔެ ހުސްވި ޑިސެންބަރު މަހުގެ ފަހުކޮޅު ކުރަން ޖެހޭ ހުރިހާ ތައްޔާރީއެއް ނިންމައި މިސްކިތް ހުޅުވަން ހުރިހާ ކަމެއް ފަހިކޮށްދީފިއެވެ! އާދެ، ފަހިވީ ފައިސާއިންނާއި ވަގުތު ހޯދައިގެން ‘ އެމީހުން’ ކުރަން ޖެހޭ ކަންކަމެވެ. ނުވެ ހުރީ ‘ އަޅުގަނޑުމެން’  ނިންމަން އޮތް ކަމެކެވެ. އެއީ މިސްކިތަށް އިމާމަކު ހަމަޖެއްސުމެވެ!

‘އެމީހުން’ ރޭވީ މިހިނގާ 2017 ވަނަ އަހަރުގެ ޖަނަވަރީމަހުގެ 6 ވަނަ ދުވަހު، އާދެ އާ އަހަރުގެ ފުރަތަމަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް އެ މިސްކިތް ރަސްމީކޮށް ހުޅުވުމަށެވެ. ނަމަވެސް ކަން ދިމާވީ ވަރަށް ހިތާމަވެރި ގޮތަކަށެވެ. މި މަޒުމޫނު ލިޔަންޖެހުނީ މިކަމާވީ ހިތްދަތިކަމެއްގެ ބޮޑުކަމުންނެވެ!

އަލަށް އައި އިސްލާމުން ތަފާތު ފަސް ބަޔަކަށް ބެހި، ކޮންމެ ޖަމާއަތެއް ބޭނުންވީ އިމާމަކު އެމީހުންގެ ތެރެއިން އައްޔަނު ކުރުމެވެ. އެނޫންގޮތެއް ގަބޫލެއް ނުކުރިއެވެ! އެންމެ ފަހުން ދެބަސްވުން ފަސްބަޔަށް ފެތުރި އަރާރުން، ތަޅައިފޮޅުމަށް ބަދަލުވެ، ހަމަނުޖެހުން ހިންގައި، ފުލުހުން އައިސް މީހުން ދުރުކުރާހައި ދަށުދަރަޖަޔަށް އަޚުލާގު ވެއްޓުނީއެވެ!

އެ މަޑުމައިތިރި ކުޑަ ސަހަރުގެ ސިޓީ ކައުންސިލުން ކުއްލި ބައްދަލުވެމެއް ބާއްވައި މިސްކިތް ހުޅުވުން، އަދިކަނޑައެޅިފައިނުވާ  މުއްދަތަކަށް ފަސްކުރަން ނިންމީއެވެ! ‘ އަޅުގަނޑުމެން’ އެންމެންގެ މަސްލަހަތު ކުރިއަށްނެރެ ތަހުޒީބު ގޮތަކަށް ކަންތައް ކުރިނަމަ 27 ޖަނަވަރީ ވާ ހުކުރު ދުވަހަކީ އެ މިސްކިތުގައި ކުރެވޭ 4 ވަނަ ހުކުރު ނަމާދަށް ވީހެވެ! އަޅުގަނޑުމެން އަމިއްލައަށް ލިބިގަންނަ ހިތާމަ ވަކި ކުޑަހެއްޔެވެ؟

__________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment