100އިދާރީ ނޯޓެއް: ލިޔުންތެރީންގެ ގުޅުމާއި އިސްކަންދަރު އިސްކޫލު ގުޅިގެން 2017 ވަނަ އަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ޝަރަފުވެރި މެހުމާނު، ދިވެހިބަހުގެ އެކެޑަމީގެ މެންބަރު އަލްފާޟިލް މުޙަންމަދު ޝާހިދު ޙަލީމް (ޅެންބަހުން) ދެއްކެވި ވާހަކަފުުޅެވެ. މި ވާހަކަފުޅު މި ސައިޓުގެ ކިޔުންތެރީންނަށް ހަދިޔާކުރެއްވި ކަމަށްޓަކައި، އަލްފާޟިލް މުޙަންމަދު ޝާހިދު ޙަލީމަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. (އިސްކަންދަރު އިސްކޫލުގެ ޖަލްސާކުރާ މާލަން، 8.30 މފ، 1.2.2017) ____________ بســــــــــــــم الله الرّحــمــــــن الرّحــيـــــــــم އިސްމުފުޅުން…
Share on Facebook1Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

އިދާރީ ނޯޓެއް: ލިޔުންތެރީންގެ ގުޅުމާއި އިސްކަންދަރު އިސްކޫލު ގުޅިގެން 2017 ވަނަ އަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ޝަރަފުވެރި މެހުމާނު، ދިވެހިބަހުގެ އެކެޑަމީގެ މެންބަރު އަލްފާޟިލް މުޙަންމަދު ޝާހިދު ޙަލީމް (ޅެންބަހުން) ދެއްކެވި ވާހަކަފުުޅެވެ. މި ވާހަކަފުޅު މި ސައިޓުގެ ކިޔުންތެރީންނަށް ހަދިޔާކުރެއްވި ކަމަށްޓަކައި، އަލްފާޟިލް މުޙަންމަދު ޝާހިދު ޙަލީމަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

(އިސްކަންދަރު އިސްކޫލުގެ ޖަލްސާކުރާ މާލަން، 8.30 މފ، 1.2.2017)

____________

image-0-02-06-cf1c3e6eb32a7e0ac4afdf339819952363b513200fc465cc2fa7dbbd08b6522f-V[1]

بســــــــــــــم الله الرّحــمــــــن الرّحــيـــــــــم އިސްމުފުޅުން އަލްމުތަޢާލީ

“އިސްކޮށް ފެށުމަށް  ވާހަކަ ކުރިމަތިލީ”  ވާތްގަށް އެދި ކިބައިން އަލްވާލީ

ޙަމްދު ހުރީ މަތިވެރި  މާތް ރައްބަށް  ހެއްދެވި  ފުރިހަމައަށް  ޢާލަމްތައް

ބިމުގައި  ކަޑަ ކަމުގައި  ފަރުބަދަތައް  ލެއްވެވި އުހުގައި ގަދަފަދަ އުޑުތައް

“ޝަރަފުގެ ވެރިޔާ ރުސުލުންގެ ޚިތާމް” ކުރު ބަސްފުޅުގައި ފުރިހަމަވި ކަލާމް

“އަރިހަށް  ފޮނުވައި  އުންމަތުގެއިމާމް  ދަންނަވަމޭ ޞަލަވާތާއި ސަލާމް”

ޝާމިލުކުރަމޭ މިތުރު  ޞަޙާބީން  ކިޔަވާ  ހިނދު  ޞަލަވާތާއި  ސަލާމް

މާތްވި  ރަސޫލާގެ  އިތުރު  އާލުން  “ހިމަނައިގެން އަމުނާ ރީތި ކަލާމް”


  • * * * * *

ދިވެހި ލިޔުންތެރި އަޚުނާ އުޚުތުން   ގުޅުވައިލާ  މި ޖަމިއްޔާގެ  ވެރީން!

ރިވެތި ސަލާމުން  ކުރަމެ ސަލާމް  އިސްކަންދަރު  އިސްކޫލު މުރައްބީން!

އަރުވަމެ މި ސަލާމުގެ މާބޮނޑިތައް  ގަލަމުގެ ވެރި ތިޔަ ސާހިބުނަށް ވެސް

ފަރުވާކުޑަކޮށްނުމެލައި  ފޮނުވަމެ  ލޮބުވެތި  ހުރިހައި  ދަރިވަރުނަށް ވެސް

މި އުފާވެރި ޖަލްސާއަށް  އަންނާން  އުދަބާއުންގެ  ތެރޭގައި  އިނދެލާން

ނިއުޅުއްވާ  ފަތްފުށްތައް   ދެކެލާން   ލިބުނީތީ  ވަގުތެއް  ޙަމްދުކުރަން

ޝަރަފެއް މަތިވެރި ދެއްވި މިއީ އަދު  އުފަލެއް މެ ލިބޭ މީ، މީ ހަމަ ތެދު

ވަރައެއް ލިބިގެން ހިތް އުދުހޭ ފަދަ! ޝުކުރު މި ދަންނަވަނީ ނުމެކޮށް މަދު

 * * * * *

ޅެންވެރިޔާއިން މި އަހަރު ވަނަތައް  ހޯދައި  ލިބިގަތް  އަރުތަ އަޚުންނަށް

އައްސަރިބަސް!  ރައްދުކުރަން  ސާބަސް!  ހިތްވަރުލައިފައި  ދާށޭ ކުރިއަށް

ފިކުރާއި  ޚިޔާލުގެ  އަސް  ދުއްވައި  ދާށޭ  ކުރިއަށް  އާ  މަގުތަކުގައި

އަކުރާއި ފިލިން މިޔުޒިކު ނެރުނަސް  ފޮރުވާން “ޅެން” ވިސްނާށޭ ޅެމުގައި

ފަނޑިޔާރުންގެ ފަރާތުން  ބުނެލީ  ދެ ބަހެއް މީ  ކިއުމަށް ފަހު  ޅެންތައް

އަޑިއަށް ފީނާން  ޖައްސާ!  ހޯދާން  އެ މުތީ  ދޫ ނުމެކޮށް  ފެންމައްޗަށް

* * * * *

އަހަރީ ޅެންވެރި އީދުގެ ބޮޅުތައް  ގުޅެމުން  ގެތެމުން  ދާ ހިނދު މިގޮތަށް

ފަހަތުން  ހޯދައިގެން  ލާ  ހުވަނދުން  ދޫ ކުރެވޭ އާ ހުވަނދެއް ފަހަތަށް

ނަންހުރި އެކި ޝާޢިރުނަށް އެކި ރޭ ޚާއްޞަކުރުން އެ ހަނދާންތައް ދިރުވާން

ރަން  ހާރެއް  މީ  ވެދުމަށް  އެރުވޭ   ޅެންވެރިޔާއާ  ފަންނާ ވިދުވާން

* * * * *

ޅެންވެރިކަމަކީ މަތިވެރި  ފަންނެއް  ޖަޒުބާތާ  ކުޅެލާ  ވަރުގަދަ  ސިހުރެއް

އެންމެ ފުނަށް  ހިތުގެ  ތެރަށް  ފޯރާ  ލަފުޒާ  ވަޒަނާ  ތާލުގެ  ތީރެއް

އަސަރާ މެދު  އެއްޗެއް  ބުނެލީމާ   އަޅުގަނޑު  ބޭޒާރުނުވީ  މި ފަހަރު

ނާޞިޙު ހަނުއިންނެވުމުން ދުރުގައި ޝުކުރިއްޔާ ނާޞިޙް ލައްކަފަހަރު (1)

* * * * *

އަދަބިއްޔާތުގެ  އެކި  ރޮނގުތަކުގައި  އެންމެ އިހީ  ބުނެޔޭ  ޅެންކަމުގައި

މަދަރީންނޭ  ޅެން  އިންސާނާހައި   ދޮށްޓޭ   ހުރެޔޭ   ފަތްފުށްތަކުގައި

ދިވެހީންގެ ތެރޭ ވެސް ފަރަގެއް ނޫން  ޅެންވެރިކަން ފެށުނީ ފަހަކުން ނޫން

ރިވެތި ކަލާ ބަނދި އުމުރު ހަގެއް ނޫން ހިތުގައި ވިކުމީ މިއަދު ކަމެއް ނޫން

ރައިވަރަކީ  އެ ބަގީޗާގެ ބަހާރް  ވަޒަނާ  ލަފުޒުގެ  މާތައް  ގެތި  ހާރް

ފައިއޮޅުވައިލާ  ހިތްކަތިލައިލާ   ދެ ލޮލަށް  ވެރިކޮށްލާ  މަސްތު  ޚުމާރް

ޅެމަކީ  މި ބަހާރުގެ  ފިނިފެންމާ   ކުލަތަކުގައި  މެ ވަހާ  އެ ފަދަ ނުވާ

އެ މަލަށް  ނެތް  މޯޅިވުމެއް  މިލުމާ  އަތުލައިފައި  ވޭ  ހިތްތައް ރުހުމާ

ޅެންވެރިކަމުގެ  ބަގީޗާ  މިއަދަށް   ދަމަހައްޓާން  އިންދައި  މާގަސްތައް

މެންދުރު ހޫނުން  ދަފަރާކުރުމަށް  ކުރަމާހެ  ހަނދާން  ފެންދިން އަތްތައް

ނަން  ނޭނގޭ  ގިނަގުނަ  އަތްތައް  ދިން  ފެނަކުންނޭ  ރޯވީ  ކުރިތައް

ނަން  ނޭނގުނަކަސް  އޭ ރަންމުތްތައް  ތާރީފާ  ލޯބިން ފުރެނީ ހިތްތައް

އޭގެ ފަހުން ފެނުނީ އެދުރު ޢުމަރު ދެން އެ އެރީ އަލިގަދަ “ފަތިހުގެ ތަރި”

ވޭ ލިސްޓުގެ  އިސް  ނަންތަކުގެ ތެރޭ  ހޮޅުބާރުކޮޔާ  އަދި  އީސަގެ ދަރި

ރައިވަރުގައި   ތުއްތީދި  ހަވައްޑޭ    ގުނެއޭ   ވާހަކަގޭ   ދޮންތުއްތޫ

އައި  މޫސުމުގައި  ޅެންހެދުމަށް  ވެސް  އެންމެ ކުރީ  ހުއްޓޭ ދޮންތުއްތޫ

ހުތް އަލި ދީދީ އިންދެވި ގަހުގައި  އެޅި މާތައް  ފަރިވެ ފޮޅޭން  ފެށުމުން

އަތް ވާގިނެތޭ އިރު ވެސް  ލިޔެއެއް  ނުނިމޭނޭ  ތަރިތައް  ދިޔަ ވިދަމުން

އެކަމަކު ތިންހަތަރު ނަމެއް އަލިގަދަ ނަންގެންފައި ނޫން ގޮތަކަށް ހެލިލުން

އެކަށޭނަ ކަމެއް ކަމަކަށް ނުވިއޭ  ހިތްގަނޑު އެ ގޮތަށް އެއްބަސް ނުވުމުން

ޅެންވެރި  ގުލްޝަނުގެ ޞަލާޙުއްދީން  ނަންހުރި  ބޮޑުފެންވަޅުގޭ  ސީދީ

ނެންގެވި  ގަލަމުން  އޮއްސެވި ޅެންތައް  ފަޅުފިލުވައިލިއެ  ފަޅުފަޅު ވާދީ

އުސް  ކުރިބޯށިތަކެއް  ގުލްފާމާ،  ޑޭޒީމާ، ފޮޅުނު އެހެން  މާތައް  ފަރި

އުސްތާޒީ ޖީލުގެ  މެދުއުޑުގައި   ފަނޑުނުވެ  ބެބުޅި  އުޖާލާ  ރަންތަރި

* * * * *

އެ އުޑުން އެރި ތަރިއެއް މެ “ޢުމޫމީ” އެ ހަނދާންތައް އާކުރަމުން މި ދަނީ

އެ ތަރީގެ ވިދުން އެކި އުދަރެހުގައި  ޤައުމުގެ ހަ ބިތުން ވިދަމުންނެ ދަނީ

އުއްތަމަ ފަނޑިޔާރެއް އެމަނިކުފާން  އެރުވުނު ލަޤަބަށް ޝައިޚުލް އިސްލާމް

އުންމަތުގެ އެއީހެ؟ ޖަލާލުއްދީން  ދެއްކެވި  މާތްކަން  ދުރުކުރިއެ ޟަލާމް

ދީނީ ޢިލްމުގެ  އޭ  ފުން  ކަނޑެކޭ  އަދަބިއްޔާތުގެ  ވަރުގަދަ  ތަނބެކޭ

މީހުން   ލަންބާލާ    ދޫފުޅެކޭ     ކިޔަވައިދެއްވުމުގައި   މުރުޝިދެކޭ

ޝާޢިރު ޢާންމުންގެ “ޢުމޫމީ” އީ،   ބައްޕަގެ ޅެންވެރި  ލޭފޮދު ހިނގަނީ

މާ  ރީތި  ޅެމުން  ފޮތްކޮޅު  ފުރުނީ   އުސްލޫބުން   އާކަން  އޮހެނީ

ޅެންވެރި ދުނިޔެ “ޢުމޫމީ”ގެ، ނަޞީރް ހުޅުދާން ކުރުމުން އަލި ދަންމަރަކުން

ދެން ނެތް އެޅުވޭނެ އިތުރު އައްޔެއް އަޅުގަނޑު މި ގެނައި ފުޅިބައްތިއަކުން (2)

ކާށިދު ބޮޑުކަނޑު  ހުސްކޮށްލެއްވީ   ނާށްޓެއް  އާދަމް  ބޭނުންފުޅު  ވީ

ރާއްޖޭ ބޮޑުމިނު ތާތްނގެއް ލިބުނަސް ޝާހިދުތަ؟ ދަލުން ހަމަ ފޯވާނީ (3)

* * * * *

ދިވެހީގެ ދުވަސްތައް ގެންނަ މި އެކި ނުކިޔަސް ދުވަހުގެ ނަންތައް ކޮށް ވަކި

މި ވެށީން  ފެންނާނޭ  ވާށޭ ހެކި!  ފާހަގަކުރަމުން  ދާ ތަން  ނުމެ ރެކި

ތާރީފް ހުށި!  މި ޖަމިއްޔާގެ ރައީސް!  ނައިބު ރައީސުން! ކޮމިޓީ ހިންގާ!

މާ ގިނަ ހަރަކާތް ދުށުމަށް އެދިއެދި   މި ތިބީ ނުގުޑުން އެދި ތިޔަ ބިންގާ

އުދަބާއުންގެ މި  ގުޅުމުން  އަދަބަށް   ލިބިދޭ  މަދަދާއި އެހީ  އަބަދަށް

އުދަބާންޏެއް ހެން އަދަބުގެ ކަނޑުގައި  އެދިގެން ވަން އުފުލޭތަން ފެނުމަށް

ދެއްވާނދޭ ތައުފީޤް يـا الله!   ކުރިއަރުވާން  އަޅަމެން   ބަހުގެ ހުނަރު

އެންމެން ހެޔޮކޮށް ބަސް ބޭނުންކޮށް   ދީގެން މި ބަހަށް  ލޯތްބާއި ޤަދަރު

* * * * *

(1) ޅެންވެރިކަމުގައި އެކުލެވޭ އަދަބީ އަސަރުގެ މައްޗަށް ވާހަކަފުލުދައްކަވާން އެޖެންޑާގައި އޮތް، އިސްކަންދަރު އިސްކޫލުގެ މުދައްރިސް އަޙްމަދު ނާޞިޙް، ޓެކްނިކަލް ބައެއް ކަންކަން ދިމާވެގެން، ޖަލްސާގެ ވަގުތު ދިގުވާ ގޮތް ވުމުން، ވާހަކަފުޅު ނުދައްކަވާން ނިންމެވުމުން، އިތުރުކޮށްލި ބައިތެއް.

(2) މި ބައިތުން އިޝާރަތްކުރީ ޖަލާލުއްދީންގެ ޅެންވެރިކަމާ މެދު އާދަމް ނަޞީރު ދެއްކެވި ފުރިހަމަ ވާހަކަފުޅަށް.

(3) އާދަމް ނަޞީރުގެ ވާހަކަފުޅު ފައްޓަވަމުން ވިދާޅުވި ޖުމުލައަކާ ގުޅޭ ގޮތުން އިތުރުކޮށްލި ބައިތެއް. އޭނާ ވިދާޅުވީ ލިބިވަޑައިގެންފައި އޮތް ކުޑަ ވަގުތުކޮޅުގައި ޖަލާލުއްދީނުގެ ޅެންވެރިކަމުގެ މައްޗަށް ވާހަކަފުޅުދެއްކެވުމަކީ ނާށްޓަކަށް ކާށިދޫކަނޑުގެ ލޮނުގަނޑު އަޅާން އުޅުން ފަދަ ކަމެއް ކަމުގައި.

______________________

About the author
Leave Comment