ޙުސައިން ޝާކިރު
މުލަކު އިބްރާހީމް ދީދީ އަކީ ދީންވެރި ޢިލްމުވެރި ފަންޑިތަވެރި ބޭފުޅެކެވެ. ދަންނަވަން މިއުޅެނީ މާދުވަސްވީ ވާހަކައެއް ނޫނެވެ. ހާހާ ނުވަ ސަތޭކަ ހައްޓީގެ އަހަރުތަކުގެ ކުރީކޮޅުގެ އަހަރެއްގައި ހިނގާދިޔަ ކަމެއްގެ ވާހަކައެވެ. ދުށްމީހަކު އަދި އެކަމުގައި ބައިވެރިވެ އެކަން ތަޖުރިބާކުރި އޭރުގެ ދިހަބާރަ އަހަރުގެ ކުއްޖަކު، މިއަދު އުމުރުން ފަސްދޮޅަހުގެ އަހަރުތައް ގުނަމުންދާ ގދ.ތިނަދޫގައި ބަސްވިކޭ ހަރުބޭފުޅަކު އޭނާގެ ލޮލުން ދެކިލައްވައި ތަޖުރިބާކުރެއްވި ގޮތަށް، އޭނާ ވިދާޅުވެދެއްވި ގޮތަށް މުލަކު އިބްރާހީމް ދީދީ އާއި ގުޅޭ ވާހަކައެއް ދެންނެވޭތޯއެވެ. އޭނާ ވިދާޅުވިގޮތުގައި މިއަދުވެސް މިކަމުގައި މިދެންނެވި ބޭފުޅާއާއެކު ބައިވެރިވެވަޑައިގަތް، އޭރު އެ ދުވަސްވަރުގެ ޒުވާން އެއްއުމުރުފުރާވަރުގެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page
އެބޭފުޅާ ވިދާޅުވިއެވެ. މިއަދުވެސް ބައެއް ބޭފުޅުން އެދުވަސްވަރުގެ މިފަދަ ވާހަކަތައް ކިޔާދެއްވުމަށް ދެކޮޅު ހެއްދެވުމަކީ އެކަށީގެންވާ ކަމެކެވެ. އަނެއްބައެއް ބޭފުޅުން އެބޭފުޅުންގެ ޙަޔާތްޕުޅުގެ މިފަދަތަޖުރިބާ ޙިއްސާ ކުރައްވަނީ ތާރީޚަށްޓަކައެވެ.
ކުރީގައި ދެންނެވިހެން އެއީ އެއް ހާސް ނުވަ ސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގެ ކުރީކޮޅުގެ އަހަރެކެވެ. އޭރު ދުނިޔޭގައި އިސްތިޢުމާރީ ބޮޑުބާރެއްކަމުގައިވި އިނގިރޭސީން އައްޑުއަތޮޅަށް ދެވަނަ ފަހަރަށް ފައިބާ ތިބި ދުވަސްވަރެވެ. އިނގިރޭސީން ދައްކާ ދަޅައަށް އޭރު އައްޑު އަތޮޅުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ހެއްލިގޮސް ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅަށް އެކަން ފެތުރި ދިވެހި ސަރުކާރުގެ ފުރަމާނައިގެ ދަށުން ބޭރުވެ އަމިއްލަވެރިކަމެއް އުފައްދައިގެން އުޅުނު ދުވަސްވަރެވެ. އޭރުވެސް ދިވެހި ޤައުމަށް ތެދުވެރި ވަފާތެރި ވެރިކަމަށް އަމާނާތްތެރި ގ.ދ. ގައްދޫ ޢަލީ ކަލޭފާނާއި އިސްމާޢީލު ކަލޭފާނާއި ގައްދޫ ޙަސަން މަނިކާއި ގ.ދ.ތިނަދޫ ތުއްތު ކަތީބު ފަދަ ބޭފުޅުން އެ ތިން އަތޮޅުގައި ތިއްބެވިއެވެ.
މިދެންނެވި ބޭބޭފުޅުން އެނގިގެންނާއި ނޭނގި ފިލައިގެންނާއި ފާޅުގައި ދޯނިކަނޑައިގެންނާއި ނުކަނޑައި ފުރަފުރައިގެން ކުރާ ދަތުރުގައި ގިނަފަހަރަށް ފަޅުވެރިންނަށް ވެސް ދަތުރު އޮޅުވާލައި ގަސްދުގައި ދޯނި ބައްސާލައިގެންނާއި ނުލައި މާލެ އައިސް ސަރުކާރަށް ބޭނުންވާ މަޢުލޫމާތުދީ އެނބުރި އަތޮޅަށްގޮސް މާލޭގެ ކަންހުރިމަގުކަމަށް ބުނެ އެތައް ވާހަކައެއް ދައްކާ އެ އަތޮޅުތަކުގައި އިސްކޮށް ތިބި މީހުންގެ ހިތްތަކަށް ބިރުވެރިކަން ވައްދައި އުޅުއްވި ދުވަސްވަރެވެ.
މިފަދަ ދަތުރު ނިންމާފައި އަތޮޅަށް ވަޑައިގަތުމުން އެބޭފުޅުންގެ ތަޙުޤީޤީ ހިންގައި ބައެއް ބައެއް ބޭފުޅުން ބަނދެ ބަނޑުގައި ވާޖަހައި ތިނަދޫގައި ނަގާފައި ހުންނަ ސުވައިދީބުގެ ބޮޑު ދިދަ ދަނޑިބުޑުގައި އައްސައި ހަދާފައިވެއެވެ. މިގޮތުން މިދެންނެވި އަދަބު ލިބުނު އެއްބޭފުޅަކީ ގައްދޫ ޢަލީ ކަލޭފާނުކަމަށް ވެސް މިބޭފުޅާ ވިދާޅުވިއެވެ.
ސުވައިދީބު ސަރުކާރުގެ ވަފާތެރިން އައްޑުއަތޮޅަށް ގޮސް ލީޑަރ ޢަބްދުﷲ ޢަފީފާއި ބައްދަލުކޮށް އަތޮޅުތެރޭގެ ހާލު ބަޔާންކޮށްދީ ދެން ކުރަންވީކަމަކާއި ކަންކުރަންވީ ގޮތުގެ އިރުޝާދު ހޯދައި، ކުރިއަށް ކަންކަން ރާވާފައިވާގޮތްތައް ހޯދައިބަލައި އެބުރި އަތޮޅަށް އައުމުން އެލިބޭ މަޢުލޫމާތު ހިފައިގެން އިސްވެ ދެންނެވި ބޭފުޅުން މާލެއަށް ޚަބަރު ދިނުމަށް ދަތުރުކުރައްވަނީއެވެ. އަތޮޅުތެރޭގެ ޚަބަރު އައްޑުއަތޮޅަށް ގެންދިއުމުގައި އެންމެ އިސްކޮށް އުޅުއްވަނިކޮށް ފެންނަނީ އޮޅަދީދީގެ ޙަސަން ދީދިއާއި ޙަމީދު ބެއްޔާގެ މުޙައްމަދު ޙަމީދާއި ދެ ބޭފުޅުންނެވެ. މި މުޙައްމަދު ޙަމީދު ފަހުން ދިވެހި ސަރުކާރުގެ ތެދުވެރި ވަފާތެރި ޚާދިމެއްގެ ގޮތުގައި ނުހަނު އަމަނާތްތެރިކަމާއެކު ތިނަދޫގެ ކަތީބުކަން ކުރެއްވިއެވެ.
މިދެންނެވި ދުވަސްވަރު މާލޭ ސަރުކާރުން ގދ.ހަވަރުތިނަދުއާ ހަނގުރާމައަށް ބޮޑު ބޯޓެއް އަންނަ ވާހަކަ ޚަބަރުވުމާއި ގުޅިގެން އެބޯޓް ގދ.ހަވަރުތިނަދުއަށް އަޔަ ނުދިނުމަށް ފަންޑިތަ ހެދުމަށް އޭރުގައި ތިނަދޫގައި އިސްވެ ތިއްބެވި ވެރިންގެ މެދުގައި ވާހަކަދެކެވި އެކަންކުރުމަށް މުލަކު އިބްރާހީމް ދީދިއާ ޙަވާލުކުރެވުނެވެ.
މުލަކު އިބްރާހީމް ދީދިއަކީ ބުނެވޭގޮތުގައި ޏ.އަތޮޅު ފުވައްމުލަކު ބޭފުޅެކެވެ. ގދ.ހަވަރުތިނަދޫގައި ވަޒަންވެރިވެ އުޅުއްވި ބޭފުޅެކެވެ. އިބްރާހީމް ދީދީގެ ގެ ހުރީ، ބުނެވޭގޮތުގައި ރަށުގެ ބޮޑުމަގުގެ ދެކުނުކޮޅުގައި އެންމެ ވަލާއި ކައިރިއަށެވެ. އިބްރާހީމް ދީދީއަކީ ބުނެވޭގޮތުގައި ފަސްވަގުތު ނާޅާ ނަމާދުކުރައްވައި ވަރަޢަވެރި ދީންވެރި ޢިލްމުވެރި ޢަރަބި ކަލާމް ދެނެވަޑައިގެން ހުންނެވި ބޭފުޅެކެވެ. ކުޑަކުދިންނަށް ޤުރްއާން އުގަންނައި ދެއްވާ އުޅުއްވިއެވެ. އިބްރާހީމް ދީދީގެ ޢިލްމުވެރި ޢާއިލާގެ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. މި އިބްރާހީމް ދީދީގެ ދަރިކޮޅު މިހާރުވެސް ގދ.ތިނަދޫގައާއި ގއ.ދާންދޫގައި އެބައޮތެވެ.
އޭރު ހަވަރުތިނަދޫގެ ބޯޅަދަނޑު އޮންނަނީ ރަށުގެ މެދަށްވުރެ ހުޅަނގުގައެވެ. ބޯޅަދަނޑުގައި ދެބުރިއަށް ހަދާފައި އުސްކޮށް ރާނާފައި ހުންނަ ގައުގަނޑެއްހުރެއެވެ. މީއޭރުގެ ބޯޅަގެއެވެ.
މާލެއިން ހަވަރުތިނަދުއާއި ހަނގުރާމަކޮށް ރަށް ހިފުމަށް އަންނަ ބޯޓު އަޔަނުދިނުމަށް ފަންޑިތަ ހެދުމަށް އެޅިގެ، ކިޔަވާގެ އެޅީ ދެންނެވި ގައުގަނޑުގެ ދެކުނުގައި ދަނޑިފަނުންނެވެ. ބިތްތައް ވަށައި ބައްދާފައިހުރީ ދިވެހިރުކުގެ ރޯފަނުގައި ތޮށަލިވިޔެ އެތޮށަލިންނެވެ ފުރާޅު ހިޔާކޮށްފައިވަނީ ވެސް ތޮށަލިލައިގެންނާއި ފަނުންނެވެ. ތަނުގެ ބޮޑުމިނަކީ ސާޅީހަކަށް މީހުނަށް ވަދެ ތިބެވޭހާ ވަރެވެ. ވަންނަންހުރި ދޮރުނޫނީ ވައިވަދެ ނުކުމެވާނެ ކުޑަދޮރެއް އާނގައެއްގެ މިންވަރުވެސް ކަނޑައިފައެއް ނުވެއެވެ. ތޮށަލީގެ ވައްތަކުތެރެއިން ފުރޭނިގެން ވަންނަ ވައިކޮޅެއް ނޫނީ އެތަނަކަށް ވައެއް ނުވަދެއެވެ.
އޭރު ޢުމުރުފުޅުން ދިހަބާރަ އަހަރަށްވުރެ ދޮށިވާނެކަމަކަށް ހިތަކަށް ނުގެންނެވެއެވެ. ވާހަކަ ވިދާޅުވެދެއްވަމުން ވިދާޅުވިއެވެ. އޭރު އެބޭފުޅާ ކިޔަވައިވިދާޅުވީ ހަވަރުތިނަދޫ މަދުރަސަތުލްނޫރާނިއްޔާގައެވެ. އޭރު ގދ. ހަވަރުތިނަދޫގައި ދެ މަދަރުސާއަކާއި ދެމަކުތަބެއް ހުންނަ ހަނދާން ވާކަމަށް ވިދާޅުވިއެވެ. މި ދެންނެވި ގޭގައި މުލަކު އިބްރާހީމް ދީދީ ކިޔެވެލި ކިޔަވާއިރު އޭނާ ޚަތިމުން ދައްކަވާ ސޫރަތްތަކެއް ކިޔަވާނެ މީހުންނެގީ ރަށުތެރެއިންނާއި މަދަރުސާ ކުދިންގެ ތެރެއިންނެވެ. ކިޔެވެލި ކިޔަވާ މީހުންތެރޭ ތިމަންނަ ލައްވައިލީ މަދަރުސާއިން ނެގި ކުދިންގެ ތެރޭގައޭ ވިދާޅުވިއެވެ. ކޮންމެ ރެޔަކު ވެސް ކިޔެވެލި ކިޔަވަނީ ޢިޝާ ނަމާދުން ފައިބައިގެން މިދެންނެވި ގެއަށް ގޮހެވެ.
ފުރަތަމަ ކިޔެވެލި ކިޔެވުމަށް ކިޔަވާގެއަށް ދިޔަރޭ އެތަނަށް ތަފާތު މާމަލާއި ކިޔަވަން ބޭނުންކުރާނެ ޚަތިމްތަކާއި ތަކެތި ގެންގޮސްފައި ހުއްޓެވެ. އަދި ކިޔަވާގޭގެ މެދުގައި ލޯކަދާއެއް ބަހައްޓަފައި ހުއްޓެވެ. ކިޔަވަން ފެށުމުގެ ކުރިން އިބްރާހީމް ދީދީ އެކުރިކަމެއް ކުރައްވާފައި ލޯކަދާއަށް ފެންއަޅުއްވައި ކަށިމަލުގެ ފިޔައިން ދޯންޏެއް ހައްދަވައި އެދޯނި ލޯކަދާއަށް އަޅާފައިހުރި ފެންފޮދު މަތީ ބެހެއްޓެވުމަށްފަހު ކިޔަވާ ވިދާޅުވާން ފެއްޓެވިއެވެ. އޭރު އިބްރާހީމް ދީދީގެ އަތްދަށުން ކިޔަވަން ގެންގޮސް ތިބި އަޅުގަނޑުމެން ސާޅީސް މީހުނަށް އެމީހަކު ކިޔަވަންވީ ސޫރަތެއް އެމީހަކަށް ދައްކައި މެދުކަނޑާ ނުލައި ކިޔަވަން ވަނީ ވިދާޅުވެފައެވެ. އިބްރާހީމް ދީދީ ކިޔެވުމުގެ އެކި ހިސާބުން ލޯކަދާއިގައި ހުރިފެންފޮދަށް ކަނާއަތުގެ ޝަހާދަތް އިނގިލިން އިޝާރަތްކުރައްވައި ފުމެލައްވައެވެ. މިހެން ކިޔަވަމުން ދިޔަ ރޭތަކުތެރެއިން އެއްރެޔަކު އިބްރާހީމް ދީދީ ލޯކަދާގައި ހުރިފެނަށް ކަނާތު ޝަހާދަތް އިނގިލިން އިޝާރަތްކުރައްވައި ފުމެލެއްވުމުން ލޯކަދާގައިހުރި ފެންފޮދުގައި ބާނިލައި ކެކި އުތުރިގެން އަރައި ލޯކަދާގައި ކަށިމަލުގެ ފިޔައިން ހަދާ ބަހައްޓަވާފައިހުރި ދޯނި ދެފަރާތަށް ފުރޮޅައި ހީވީ ދެންމެ ދެންމެ އެދޯނި ބަންޑުން ޖަހައިލަ ފާނެހެންނެވެ. ކިޔެވެލި ނިންމީ، ހަނދާންވާގޮތުގައި އޭގެފަހުންވެސް ދެރެއަކު މައިތިރިއަށް ކިޔަވައިފައެވެ.
މިދެންވި ކިޔެވެލި ކިޔެވިތާ އަހަރުތަކެއްގެ ފަހުން އެއްރެއަކު އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމާ އެއް ސުފުރާ މަތިން ފަރީއްކުޅުވުމުގެ ނަސީބު ލިބުނުކަމަށް މިވާހަކަ ވިދާޅުވި ގދ.ހަވަރުތިނަދޫ ބޭފުޅާ ވިދާޅުވިއެވެ. އެބޭފުޅާ ވިދާޅުވިގޮތުން، “ކާމޭޒުމަތީ ދެކެވޭ ވާހަކަ ފަތަކު ނުޖައްސަވާނެ” އޭ އިހު މީހުން ބުނެއުޅެއެވެ. އެއީ، ކާމޭޒުމަތީގައި ދެކެވޭ ވާހަކަތައް ތަފާތުވެފައި ގިނަކަމުން އޭރު އެ ޒަމާނުގައި މީހުން ބުނެއުޅުނު ބަހެކެވެ. އެ ބީދައިން ދެކެވުނު ވާހަކަތަކުގެ ތެރެއިންގޮސް ދެކުނު ބަޣާވާތުގެ ވާހަކަފެށި ހަވަރުތިނަދޫގެ ވާހަކަފެށި އެމް.ވީ.މޯލްޑިވް ސްޓާރގައި ޞ.ދ.އަލްފާޟިލް އިބްރާހީމް ނާޞިރު ގދ.ހަވަރުތިނަދު އަށް ކުރެއްވި ދަތުރުފުޅުގެ ވާހަކަ ފެށިއްޖެއެވެ. އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމަކީ އެ ދަތުރުގައި އިބްރާހީމް ނާޞިރު އަރިހުގައި ވަޑައިގެންނެވި ބޭފުޅުން ތެރެއިން އެއް ބޭފުޅަކަށް ވުމުން ގަސްދުގައި ތަންވަޅުބަލައިގެން އެ ވާހަކަ އަޅުގަނޑު ފެށީއެވެ. އޭގެ ތެރެއިންލާފައި ގޮސް މުލަކު އިބްރާހީމް ދީދީ ބޯޓް ބަންޑުންޖަހައިލަން ކިޔެވެލި ކިޔެވި ވާހަކަވެސް ދެންނެވީމެވެ. އަދި އެ ކިޔެވެލީގައި އަތްދަށު ކިޔެވެނީންތެރޭގައި އަޅުގަނޑު ބައިވެރިވި ވާހަކަ ވެސް ދެންނެވީމެވެ.
އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމް ވިދާޅުވިއެވެ. އެދަތުރަށް މާލެ ތައްޔާރުވަމުން އައި ދުވަސްވަރު ދިމާވީ ވިއްސާރަ ދުވަސްވަރަކަށެވެ. އެމް.ވީ. މޯލްޑިވް ސްޓާރގައި ޞ.ދ.އަލްފާޟިލް އިބްރާހީމް ނާޞިރު ފުރާވަޑައިގަތީ އެއްދުވަހެއްގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ސިފައިންނާއި އާންމުންގެ އެތައްބަޔަކާއި އެކު އެމް.ވީ. މޯލްޑިވް ސްޓާރގެ ކަފުގައި އެތައް ދޯންޏެއް ޖަހައިގެންނެވެ. އެމް.ވީ. މޯލްޑިވް ސްޓާރ މާލޭ ބަނދަރުން ފުރައިގެ ކަޅިން ނުކުމެގެން މާލެ އަތޮޅު ގުރައިދުއާ ހަމައަށް ދިޔައިރު ކަނޑުގަދަވެ ރާޅު ބޮޑުވެގެން ބޯޓު ފުރޮޅާވަރުން ކުރިއަށް ނުދުއްވިގެން ދޯނިތަކަށް މީހުންލާފައި ފުރުވާލުމަށްފަހު ބޯޓް އަނބުރާ އައިސް މާލޭ ބަނދަރަށް ވަދެ އޮތުމަށްފަހު ކަނޑު ކުޑަކޮށް މަޑުވުމުން ދެވަނަ ފަހަރަށް ފުރައިގެން ހުވަދޫ އަތޮޅަށް ދިޔައީއެވެ. ފުރަތަމަ ޞ.ދ. އިބްރާހީމް ނާޞިރު ވަޑައިގަތީ ގދ. ގައްދުއަށެވެ. އެރަށުން ގައްދޫ ޢަލީ ކަލޭފާނާއި އިސްމާޢީލް ކަލޭފާނާއި ގައްދޫ ޙަސަން މަނިކާއި ބޯޓަށް އަރުވައިގެން ގދ.ހަވަރުތިނަދުއަށް ވަޑައިގެން އެރަށް ދިވެހިސަރުކާރުގެ ބާރުގެ ދަށަށް ގެންނަވައި އެކަން އެހަމަޖެއްސެވި ގޮތަކަށް ހަމަޖެއްސެވީއެވެ.
މިވާހަކަ ވިދާޅުވި ބޭފުޅާ ވިދާޅުވިގޮތުގައި މުލަކު އިބްރާހީމް ދީދީ އަވަހާރަވީ ހަވަރުތިނަދޫގައި މިހިނގި ހަމަނުޖެހުން ހަމަޖެއްސެވުމަށްފަހު އެރަށުން މާލެ ގެންނެވި ކުށްވެރިންގެ ތެރޭ ހިމެނިވަޑައިގެން މާލެ ގެނެވި ޖަލުގައި ހައްޔަރުކުރައްވައިފައި އިންނަވަނިކޮށް ޖަލުގައެވެ.
މިލިޔުމުގައި ނަންގަނެވިފައިވާ ގިނަބޭފުޅުންނަކީ، މިހާރު އަވަހާރަވެފައިވާ ބޭފުޅުންނެވެ. މިއެންމެ ބޭފުޅުންގެ ފާފަފުއްސަވައި އެންމެ ބޭފުޅުންނަށް ﷲ ގެ ތަނަވަސް ރަޙުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.
—————————————–
 {ނޯޓު: މި ވާހަކަ ދެފަހަރެއްގެ މަތިން އޭނާ އަޅުގަނޑަށް ވިދާޅުވެ ދެއްވިއެވެ. އެންމެ ފަހުން ވިދާޅުދެއްވީ، 2015 އޯގަސްޓް 01 ގައެވެ. ފުރަތަމަ ވިދާޅުދެއްވީ މީގެ ހަތަރުމަހެއްހާ ދުވަސްކުރިންނެވެ.}

About the author
3 Comments
  1. މަނިކު

    މީ އާ އުފެއްދުމެއް ނޫން. ކަމަކުނުދޭ.. އަބަދުވެސް އިވޭ ވާހަކަ އެއް. ތާރީޚްގައި ލިޔެވިފައިވާ ވާހަކައެއް.

    (0)(0)
  2. ކިޔުންތެރިއެއް

    މި ވާހަކަ އަޅުގަނޑު އަދި މިއެހީ އަލަށް. މި ޒާތުގެ ވާހަކައިން ތާރީޚަށް ހަމަ ގައިމު ވެސް އެޅެނީ އިތުރު އަލިކަމެއް. ލިޔުންތެރިޔާ ހަސަން ޝާކިރަށް ފަށްފަށުން ޝުކުރިއްޔާ!

    (0)(0)
  3. ކިޔުންތެރިއެއް

    މީ އައްޑޫ ހުވަދޫ ބަޣާވާތާ ގުޅޭ ގޮތުން އަޅުގަނޑު އަދި ނާހާ އައު ވާހަކައެއް. ހަނދާނާއި ތާރީޚަށް އަލިއެޅޭ މިފަދަ ވާހަކަތައް ގެނެސްދެއްވާތީ ލިޔުންތެރިޔާ ހުސައިން ޝާކިރަށް ފަށްފަށުން ޝުކުރިއްޔާ!

    (0)(0)