މިއީ އިންޓަނެޓުގައި ދައުރުވާތާ ދުވަސްގަނޑެއް ވެފައިވާ ވާހަކައެވެ. ވާހަކައިގެ އަސްލު ލިޔުނު ލިޔުންތެރިއެއް ނޭނގެއެވެ. ތަރުޖަމާ ކުރުމުގައި ވާހަކައަށް ކުދިކުދި ބަދަލު ގެނެސްފައިވާނެއެވެ. (ލިޔުންތެރިޔާ ލިޔުން ފޮނުއްވީ މި ނޯޓާއެކީގައެވެ. ލިޔުން ޝާއިޢު ކުރި އިރު ނޯޓާ ނުލައި ޝާއިޢު ކުރެވުނީތީ ލިޔުންތެރިޔާއާއި ކިޔުންތެރިންގެ އަރިހުން މަޢާފަށް އެދެމެވެ.) އިންޑިއާގެ ފަގީރު އަވަށެއްގައި އުޅުނު، ޒީނަތު ކިޔާ އަންހެނެކެވެ. މީނާގެ އާއިލާގެ މީހުންނަށް ރޮށި ފިހާއިރު ކޮންމެ ދުވަހަކު ވެސް އިތުރު ރޮއްޓެއް ފިހެފައި، ބަދިގެއިން މަގުމައްޗަށް…

މިއީ އިންޓަނެޓުގައި ދައުރުވާތާ ދުވަސްގަނޑެއް ވެފައިވާ ވާހަކައެވެ. ވާހަކައިގެ އަސްލު ލިޔުނު ލިޔުންތެރިއެއް ނޭނގެއެވެ. ތަރުޖަމާ ކުރުމުގައި ވާހަކައަށް ކުދިކުދި ބަދަލު ގެނެސްފައިވާނެއެވެ. (ލިޔުންތެރިޔާ ލިޔުން ފޮނުއްވީ މި ނޯޓާއެކީގައެވެ. ލިޔުން ޝާއިޢު ކުރި އިރު ނޯޓާ ނުލައި ޝާއިޢު ކުރެވުނީތީ ލިޔުންތެރިޔާއާއި ކިޔުންތެރިންގެ އަރިހުން މަޢާފަށް އެދެމެވެ.)
އިންޑިއާގެ ފަގީރު އަވަށެއްގައި އުޅުނު، ޒީނަތު ކިޔާ އަންހެނެކެވެ. މީނާގެ އާއިލާގެ މީހުންނަށް ރޮށި ފިހާއިރު ކޮންމެ ދުވަހަކު ވެސް އިތުރު ރޮއްޓެއް ފިހެފައި، ބަދިގެއިން މަގުމައްޗަށް ހުންނަ ކުޑަދޮރެއްގެ ކަނިމަތީގައި ބާއްވައެވެ. ބޭނުން މީހަކު އެ ނަގަންވީއެވެ. އާންމުކޮށް މި ރޮށި ނަގަނީ އެ ހިސާބުގައި އުޅޭ، ވަރަށް ފަގީރު، މުސްކުޅި ފިރިހެނެކެވެ. މި މީހާ ކޮންމެ ދުވަހަކު ވެސް ރޮށި ނަގައިގެން ދަމުން ބުނެލައެވެ. “އެ މީހަކު މިނެދިން ނާޅިއަކުން އެ މީހަކާ މެދު މިނެވޭނެއެވެ.”

މި ގޮތުގައި ދުވަސްތައް ފާއިތުވަމުންދެއެވެ. މި ފިރިހެން މީހާގެ ކިބައިން ޝުކުރުގެ ބަހެއްހައި ހިސާބުވެސް ޒީނަތަކަށް ނުލިބެއެވެ. މީނާގެ ހިތަށް އެރިއެވެ. “މިއީ ދެން ކޮން ފަދަ ކަމެއްހެއްޔެވެ؟ ކުޑަ މިނުން ޝުކުރިއްޔާއޭ ބުނެލިއްޔާ ވާނީ ކިޔެއްހެއްޔެވެ؟ ކޮންމެ ދުވަހަކު ކޮންހައި ބަނދިވަރެއް އަމުނާކަށްހެއްޔެވެ؟ ރަނގަޅު ލޮޓިއެއް ދޭންވީއެވެ!”

މިހެން ހިތައި، ވިދިގެން އައި ދުވަހު އެއްކަލަ ރޮށި ފިހުނީ ކޮކަޑި އަޅައިގެންނެވެ. ނަމަވެސް ކުޑަދޮރުމަތީގައި އެ ރޮށި ބާއްވާކަށް ނުކެރުނެވެ. މުޅި މީހާ ދާހިއްލައި ފޯވެ، ތުރުތުރު އަޅާން ފަށައިފިއެވެ. ހިތަށް އެރިއެވެ. “އަސްތާއެވެ! އަހަންނަށް ކުރެވެން މި އުޅެނީ ކޮން ފަދަ ނުބައި ކަމެއްހެއްޔެވެ؟ މާތްކަލާކޯއެވެ! މިއަޅާއަށް ޢަފޫކޮށްދެއްވާނދޭވެއެވެ!”

ދެން އަވަސްއަވަހަށް އެއްކަލަ ކޮކަޑިލީ ރޮށި އެއްލައިލައިފައި، އެހެން ރޮއްޓެއް ފިހެފައި ކުޑަދޮރު މަތީގައި ބާއްވައިފިއެވެ. މާ ގިނައިރެއް ނުވެ، ޒީނަތުގެ ކެހިވެރި ރޭވުމުގެ އެއްވެސް ހިލަމެއް ނުވެހުރެ، އެއްކަލަ މުސްކުޅި މީހާ އައިސް އެ ރޮށި ނަގައިގެން ދަމުން ބުނެލިއެވެ. “އެ މީހަކު މިނެދިން ނާޅިއަކުން އެ މީހަކާ މެދު މިނެވޭނެއެވެ!”

ޒީނަތަށް ފުން ނޭވާއެއް ލެވުނެވެ. އޭނާއަށް ކުރެވެން އުޅުނު ނުބައި ފާފައިން ސަލާމަތްކުރެއްވީތީ މާތް ﷲއަށް ޝުކުރު ދެންނެވިއެވެ. ދެން އާދައިގެ މަތީން، އޭނާގެ ލޯބިވާ ފިރިހެން ދަރިފުޅުގެ ސަލާމަތަށްޓަކައި ދުޢާ ދެންނެވިއެވެ. ވަޒީފާއެއްގެ ނަސީބު ލިބޭތޯ އެ ދަރިފުޅު ގެއިން ނުކުމެގެން ދިޔަ ފަހުން ޚަބަރެއް ނުވެ އެތައް މަހެއް ވޭތުވެއްޖެއެވެ. އެ ދަރިފުޅުގެ ރައްކާތެރިކަމަށް އެދިގެން އޭނާ ކޮންމެ ދުވަހަކު ދުޢާ ދަންނަވައެވެ.

ޒީނަތަށް އެ ދުވަހު ކުރެވެން އުޅުނު ނުބައި ފާފައިގެ ކަންތައް ހިތުން ފިލުވައިނުލެވި، އެކަމާ ފިކުރުކުރާން އޮއްވައި، ގޭ ދޮރުގައި ކޮންމެވެސް މީހަކު ޓަކިދީފިއެވެ. ތެދުވެގެން ގޮސް ދޮރު ހުޅުވައިލި އިރު، ދޮރުމަތީގައި ހުރީ ހާލުގައި ޖެހިފައި ހުރި ޒުވާން ފިރިހެން ކުއްޖެކެވެ. ހަށިގަނޑު ހިކިއަނަރޫފަވެފައި ހުރިއިރު، ލައިގެން ހުރި އަންނައުނުގެ ކުލަވެސް ވަކިވާ ވަރެއް ނޫނެވެ. ފަޔަކު ފައިވާނެއް ނެތެވެ. ބޮލުގެ އިސްތަށިގަނޑާއި ތުނބުޅިމަތިމަސް ދިގުވެގެން ގޮސް، ކުއްޖާގެ ސިފަގެއްލިފައި ހުރި ނަމަވެސް އެއީ އޭނާގެ ލޯބިވާ ދަރިފުޅުކަން އޭނާއަށް އެނގުނެވެ. ދަރިފުޅު ފެނުމާއެކު އެ ދަރިފުޅުގެ ގައިގައި އޮޅުލައިގަނެގެން، ރޮމުން، ބޮސްދެމުން ގެއަށް ވެއްދުމުން އެ ދަރިފުޅުގެ ދަތުރުގެ ވާހަކަތައް ކިޔައިދޭން ފަށައިފިއެވެ.

މަންމަގެ އަތުގައި ހުރި ފައިސާކޮޅާއި، ކުދިކުދި މަސައްކަތްކޮށްގެން އެއްކުރެވުނު ލާރިކޮޅު ހިފައިގެން މީނާ ދިޔައީ ބޮމްބޭއަށެވެ. ނަމަވެސް، ވަޒީފާއެއް ލިބުން އެއްކިބައިގައި އޮއްވައި، ވަޒީފާއެއް ހޯދަން މީނާ ދިޔަ އެއްވެސް ތަނަކުން އެއްވެސް މީހަކާ ބައްދަލުކުރެވޭ ގޮތެއްވެސް ހަދައިނުދިނީއެވެ. ދެން އެ ގޮތުގައި ވަޒީފާއެއް ހޯދަން ތެޅިތެޅި ހުއްޓައި، އެއް ރޭ މީނާ ނިދާފައި އޮއްވައި، މީނާގެ ލާރިކޮޅާއި އަންނައުނުކޮޅަށް ދާންދެން ވަގަށް ގެންގޮސްފިއެވެ. ދެން ޖެހުނީ ނިދާން ހިފި ކޮޓަރިގަނޑުން ވެސް ނުކުންނާށެވެ. އާނއެކެވެ! މަގުމަތިވީއެވެ. އެ ހާލުގައި ވެސް ވަޒީފާއެއް ލިބޭތޯ އުޅެއުޅެ ހުރެފައި، އެންމެ ފަހުން އެނބުރި ރަށަށް އަންނަން ނިންމީ މާ ބޮޑަށް ބަލިވެގެން، ބޭސްކުރެވޭނެ ފަދައެއްވެސް ނެތިގެން، ގޮތް ހުސްވެގެންނެވެ. އަވަށަށް އާދެވުމުން، ބަހުން ފައިބައިގެން ހިނގާފައި ގެއަށް އައި މަގުމަތީގައި ވެސް ހީވީ ހެޔަށް ގޮތްވަނީހެންނެވެ. މާ ބޮޑަށް ހައިވެގެން ހާންތިވީއެވެ. ގެއާ ހަމައަށް ވެސް އާދެވުނީ “ގުދޯ” ގެ ހެޔޮކަމުންނެވެ.

އެ “ގުދޯ”އަކީ މި ދަރިފުޅު ކުޑައިރުއްސުރެ ދަންނަ މީހެކެވެ. އޭނާއަށް އެހެން ކިޔަނީ އޭނާގެ ބުރަކަށީގައި ގުދެއް ހުންނާތީއެވެ. ކުޑަ އަވަށެއްކަމުން އަވަށުގެ ކުދިބޮޑު އެންމެންނަށް އެންމެން އެނގެއެވެ.

ޒީނަތު އަހައިލިއެވެ. “ދަރިފުޅު ގެއަށް ގެނެސްދިނީ ގުދޯހެއްޔެވެ؟”

ދަރިފުޅު ޖަވާބުދިނެވެ. “ނޫނެކެވެ. ގުދޯއާ ދިމާވީ އަހަރެންގެ ބޮލަށް އެނބުރުން އަރައިގެން އަރިއަޅައިލައިގެން ގޮސް ފާރުބުޑަށް ޖެހިފައި އިންދައެވެ. އަހަރެންގެ ގައިގައި އޭރަކު އެއްވެސް ވަރެއް ނެތެވެ. އަހަންނަށް މިހައި ހިސާބަށް ހިނގާފައި މި އާދެވުނީ އޭނާ ކާން ދިނީމައެވެ. އޭނާގެ އަތުގައި އޮތީވެސް އެންމެ ރޮއްޓެކެވެ. އެކަމަކު އޭނާ ބުންޏެވެ. ‘މިއީ އަހަންނަށް މީހެއްގެ ހެޔޮކަމުން ކޮންމެ ދުވަހަކު ވެސް ލިބޭ ރޮއްޓެކެވެ. މިއީ މިއަދުގެ ކޮއްތެވެ. އެކަމަކު މި ރޮށީގެ ބޭނުން މި ވަގުތު ބޮޑީ ތިޔަ ކޮއްކޯފުޅަށެވެ.’ އެހެން ބުނެފައި އެ ރޮށި ކުދިކޮށްގެން އަހަންނަށް ކާންދީފައި، އޭނާގެ ފެންފުޅިން ފެންވެސް ބޯންދިނެވެ. އަދި އަހަންނަށް ތެދުވެވެންދެން އަހަރެންގެ ގާތުގައި އޭނާ އިނެވެ. އަހަންނަށް ވާހަކަ ދެއްކުނީމާ އަހައިލީމެވެ. ‘ދެން ބޭބެ ކާނީ ކޮން އެއްޗެއްހެއްޔެވެ؟’ އޭނާ ޖަވާބުދިނެވެ. ‘އެ މީހަކު މިނެދިން ނާޅިއަކުން އެމީހަކާ މެދު މިނެވޭނެއެވެ.'”

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. ޙަސަން ޝާކިރު މުޙައްމަދު

    ދުވަސްތަކަކަށް ފަހު އުޚްތު ސަރީރާގެ ލިޔުމެއް ފެނުމުން ވަރަށް ހިތްހަމަޖެހި އުފާ ވެއްޖެއެވެ. އަދި ހަމަ އެހައިމެ ޢިބްރަތްތެރި ޝައުޤުވެރި ލިޔުމަކަށް ވީތީ އިތުރަށް އުފާ ވެއްޖެއެވެ. މެދުކެނޑުން ދިގުވެގެން ނުދިއުމަށް އުންމީދު ކުރަމެވެ. ސަރީރާގެ ގަލަމުގެ ދެލި ހަލުވިވުން އެދެމެވެ. ފަށްފަށުން ޝުކުރިއްޔާއެވެ. ދެން އަންނާނެ ލިޔުމަކަށް އިންތިޒާރުކުރަމެވެ. ދަރުމަހުއްޓެވެ!

    (7)(0)
Leave Comment