ބަޓްލަރުންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުއްސަނދި މަހުޖަނުންނާއި ޝާހީ ގަނޑުވަރުގެ ޢިއްޒަތްތެރިވެރިން އެބޭފުޅުންގެ ޚިދުމަތުގައި އަރިހުގައި ގެންގުޅޭ ޚާދިމުންނަށް ކިޔާ އުޅޭނަމެކެވެ. ބަޓްލަރުންނަކީ ސާހިބު މީހާގެ ވަރަށް ގިނަ ޒާތީ ކަންކަމުގައި ޚިދުމަތް ފޯރުކޮށްދޭ އެ ފަރާތްތަކުގެ ސިއްރުވެރިންނެވެ. މިހެންވެ ބަޓްލަރުންނަކީ ވަކި ޚާއްޞަ ތަމްރީނުތަކެއް ލިބިފައިވާ ތަޢުލީމީ ބައެކެވެ. މި މަސައްކަތަކީ މިހާރު ވަރަށް ޕްރޮފެޝަނަލް މަސައްކަތަކަށް ވުމުންނާ އަދި މި މަސައްކަތުން ލިބޭ އާމްދަނީ ރަނގަޅު ކަމުން މިއަދު ދުނިޔޭގެ ބައެއް ޤައުމުތަކުގައި ބަޓްލަރުން…

ބަޓްލަރުންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުއްސަނދި މަހުޖަނުންނާއި ޝާހީ ގަނޑުވަރުގެ ޢިއްޒަތްތެރިވެރިން އެބޭފުޅުންގެ ޚިދުމަތުގައި އަރިހުގައި ގެންގުޅޭ ޚާދިމުންނަށް ކިޔާ އުޅޭނަމެކެވެ. ބަޓްލަރުންނަކީ ސާހިބު މީހާގެ ވަރަށް ގިނަ ޒާތީ ކަންކަމުގައި ޚިދުމަތް ފޯރުކޮށްދޭ އެ ފަރާތްތަކުގެ ސިއްރުވެރިންނެވެ. މިހެންވެ ބަޓްލަރުންނަކީ ވަކި ޚާއްޞަ ތަމްރީނުތަކެއް ލިބިފައިވާ ތަޢުލީމީ ބައެކެވެ. މި މަސައްކަތަކީ މިހާރު ވަރަށް ޕްރޮފެޝަނަލް މަސައްކަތަކަށް ވުމުންނާ އަދި މި މަސައްކަތުން ލިބޭ އާމްދަނީ ރަނގަޅު ކަމުން މިއަދު ދުނިޔޭގެ ބައެއް ޤައުމުތަކުގައި ބަޓްލަރުން ތަމްރީންކުރުމުގެ ޚާއްޞަ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. މިގޮތުން ފަހަކަށް އައިސް އިނގިރޭސިވލާތުގައި ކޮންމެ އަހަރު 350 އާއި 400 އާ ދެމެދު ޢަދަދަކަށް ބްރިޓިޝް ބަޓްލަރ އިންސްޓިޓީއުޓުން މީހުން ތަމްރީނުކުރާ ކަމަށް އެ އިންސްޓިޓީއުޓުން ހާމަކުރިއެވެ. އަދި އިނގިރޭސި ވިލާތުގައި ތަމްރީނުކުރާ ބަޓްލަރުންގެ ދެބައި ކުޅަ އެއްބައި މަސައްކަތް ކުރަނީ އެ ޤައުމުގައެވެ. އަނެއްބައި މީހުން ދަނީ ޤައުމުން ބޭރަށެވެ.

މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަޓްލަރުންގެ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ވަކިން ޚާއްޞަކޮށް ޗައިނާ އަދި މެދު އިރުމަތީގެ ޤައުމުތަކުގައި ޑިމާންޑް ވަނީ އިތުރުވެފައެވެ. ބަޓްލަރުންގެ ޑިމާންޑް އެންމެ ބޮޑަށް އިތުރުވެފައިވާ ޤައުމުތަކަކީ އެކުވެރި ޢަރަބި އިމާރާތް، ބަޙްރެއިން، ޤަޠަރު އަދި ސަޢޫދީ ޢަރަބިޔާ ފާހަގަކޮށްލެވެއެވެ. ޢަރަބި ވެރިންގެ ގެތަކުގައްޔާއި އަދި ތެލުގެ ވިޔަފާރިކުރާ މަހުޖަނުން އެވުރެޖުކޮށް ތިން ގެ ގެންގުޅޭނެއެވެ. އެއިން ގެއަކު އެވުރެޖުކޮށް 15 ޚާދިމުން ތިބޭކަމަށް ބްރިޓިޝް ބަޓްލަރ އެކެޑަމީން ހާމަކުރެއެވެ. މި އެކެޑަމީއަކީ ވެސް ބްރިޓީސް ބަޓްލަރ އިންސްޓިޓިއުޓް ފަދަ ބަޓްލަރުން ތަމްރީންކުރާ ތަނެކެވެ.

އިނގިރޭސިވިލާތުގައި ބަޓްލަރުންގެ ގޮތުގައި މަސައްކަތްކުރާ މީހެއްގެ އެވުރެޖު މުސާރައަކީ އަހަރަކު، 57,000 އާއި 71,000 އެމެރިކާ ޑޮލަރެވެ. އެހެންނަމަވެސް ގަލްފު ޤައުމުތަކުގައި ބަޓްލަރުންނަށް ދޭ މުސާރަ މިއަށްވުރެ ބޮޑުވާނެއެވެ. ގަލްފު ޤައުމުތަކުގައި ބަޓްލަރުންގެ އެވުރެޖު މުސާރައަކީ އަހަރަކު 93,000 އެމެރިކާ ޑޮލަރެވެ.  އަދި މީގެއިތުރުން ނަން މަޝްހޫރު ހޮޓަލެއްގައި މަސައްކަތްކޮށްފައިވާ ނުވަތަ ޝާހީ ޢާއިލާއެއްގެ ބަޓްލަރެއްގެ ޚިދުމަތްކޮށް ރަނގަޅު ރިފަރެންސެއް ލިބިފައިވާ ފަރާތަކަށް ސްޕަރ ބަޓްލަރެއްގެ ވަޒީފާ ލިބިއްޖެނަމަ، އެފަރާތެއްގެ އަހަރީ މުސާރައަކީ 143,000 އާއި 157,000 އެމެރިކާ ޑޮލަރެވެ. 2014 ވަނަ އަހަރު ގަލްފު ޤައުމުތަކުން 30 އަށްވުރެ ގިނަ ސްޕަރ ބަޓްލަރުންނަށް ވަޒީފާ ދީފައިވެއެވެ. އަދި 2015 ވަނަ އަހަރު ވަނީ މި ޢަދަދު ދެގުނައަށް ވުރެ މަތިވެފައެވެ. މިއިން ބަޓްލަރުންގެ ޑިމާންޑް އޮތް މިންވަރު ދައްކުވައިދޭ ކަމަށް ބްރިޓިޝް ބަޓްލަރ އެކަޑެމީން ހާމަކުރިއެވެ. އަލަށް ބަޓްލަރު ކަމުގެ މަސައްކަތަށް ހަމަޖައްސާ މީހުންގެ އެވެރެޖް ޢުމުރަކީ 41 އަހަރެވެ. އަދި ބްރިޓިޝް ބަޓްލަރ އެކަޑެމީން ތަމްރީންވާ މީހުންގެ 40 އިންސައްތަ އަކީ އަންހެނުންނެވެ. މި މަސައްކަތަކީ ވަކި ޖިންސަކަށް ޚާއްޞަ މަސައްކަތެއް ނޫނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަޓްލަރުންގެ ޑިމާންޑް ބޮޑުވެފައިވުމަކީ ބަޓްލަރުން ތަމްރީންކުރާ އެކެޑަމީތަކުގެ ކުރިމަގު އުޖާލާވެގެންދާނެ ކަމެކެވެ. އެހެންނަމަވެސް މިހާތަނަށް ބަޓްލަރ ކޮލިފިކޭޝަނަކީ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނޫނެވެ. މިއީ ކުރިމަގު އޮތް ޑިމާންޑު ބޮޑު މަސައްކަތެކެވެ. ޝާހީ ގަނޑުވަރުން ފެށިގެން މުއްސަދި މަހުޖަނުންނާއި އަދި ޕްރައިވެޓް ޖެޓްތަކުގެ ވެރިން އެމީހުންނަށް ޚިދުމަތްކޮށްދޭނެ ބަޓްލަރުންގެ ޑިމާންޑް ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އަދި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ބަޓްލަރުކަމުގެ މަސައްކަތާއި ގުޅިފައިވަނީ ކުރިން ތަފާތު އެކިއެކި ފަންނުތަކުގައި މަސައްކަތްކޮށްފައިވާ ފަރާތްތައްކަމެވެ. މިގޮތުން ގްރެފިކް ޑިޒައިނަރުންނާއި، އަސްކަރީ ޚިދުމަތުގައި މަސައްކަތްކޮށްފައިވާ އަސްކަރީންނާއި، އެކްޓަރުން ފަދަ ފަރާތްތައް އެމީހުންގެ އެ މަސައްކަތް ދޫކޮށް ބަޓްލަރުކަމުގެ މަސައްކަތާއި ވަނީ ގުޅިފައެވެ.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment