ލަވަޔާއި ޅެމަކީ އެކައްޗެއް ބާވައެވެ؟ ނުވަތަ މިއީ ދޭއްޗެއް ބާވައެވެ؟ މިއީ ވަރަށް ކުރިއްސުރެ ކުރެވެމުން އަންނަ ބަހުސެކެވެ. އެއް ނަޒަރަކުން ވިސްނާއިރު، މި ދެބާވަތުގައި އެއްގޮތް ގުޅުމެއް އެބަހުއްޓެވެ. އެއީ، އެއިން ކޮންމެ އެއްޗެއްވެސް ވަޒަނަކަށް ފެތެންޖެހޭ ކަމެވެ. ދިވެހި ބަހުގެ ޅެމާއި، ލަވަޔާއި، ރައިވަރާއި ބަންޖާ މިފަދަ ތަކެއްޗަކީ ހަމަގައިމުވެސް އޭގެ ޒާތުގައި އެކައްޗެއް ނޫނެވެ. ތަފާތު އެއްޗިއްސެވެ. ރައިވަރަކީ ޅެމެއް ނޫނެވެ. ބަންޖަކީ ލަވައެއްވެސް ނޫނެވެ. މިއިން ކޮންމެ އެއްޗަކީ، ވަކި ބާވަތެއްކަމަށް…

ލަވަޔާއި ޅެމަކީ އެކައްޗެއް ބާވައެވެ؟ ނުވަތަ މިއީ ދޭއްޗެއް ބާވައެވެ؟ މިއީ ވަރަށް ކުރިއްސުރެ ކުރެވެމުން އަންނަ ބަހުސެކެވެ. އެއް ނަޒަރަކުން ވިސްނާއިރު، މި ދެބާވަތުގައި އެއްގޮތް ގުޅުމެއް އެބަހުއްޓެވެ. އެއީ، އެއިން ކޮންމެ އެއްޗެއްވެސް ވަޒަނަކަށް ފެތެންޖެހޭ ކަމެވެ.

ދިވެހި ބަހުގެ ޅެމާއި، ލަވަޔާއި، ރައިވަރާއި ބަންޖާ މިފަދަ ތަކެއްޗަކީ ހަމަގައިމުވެސް އޭގެ ޒާތުގައި އެކައްޗެއް ނޫނެވެ. ތަފާތު އެއްޗިއްސެވެ. ރައިވަރަކީ ޅެމެއް ނޫނެވެ. ބަންޖަކީ ލަވައެއްވެސް ނޫނެވެ. މިއިން ކޮންމެ އެއްޗަކީ، ވަކި ބާވަތެއްކަމަށް ގަބޫލުނުކޮށް ވާކަށެއް ނޯވެއެވެ. އެހެންކަމުން، މިހުރިހާ ބާވަތެއްގެ ތަކެތީގެ ވާހަކަ ދައްކާނަމަ، އަޅުގަނޑުމެންނަށް އެތަކެއްޗަށް އެއްކޮށް ކިޔެން އޮތީ ވަޒަން ބަހުރުވައެވެ.

ދިވެހި ބަހުގައި “ނާނާއެއް” ނުވަތަ “ހޫނހޫނ” އެއް ރަނގަޅަށް ކިޔާލާގޮތަކުން ލަވައެއް އަޅުވާލެވިދާނެއެވެ. އެއްޗެއްގައި ވަކި ހަމަޔަކަށް ޖަހާލެވޭ ގޮތަކުން، އެ ޖެހެނީ ލަވަޔަކަށް ވެދެއެވެ. އެއަށް މިކިޔަނީ ލަވަ ޖަހާލުމެވެ. މިއިން އެއްކަމަކީވެސް، ޅެން ޖަހާލުން، ޅެން އަޅުވާލުންކަމަށް ހަމަގައިމުވެސް ނުވެއެވެ.


ލަވަޔާއި ޅެމުގެ ތަފާތުތައް

 

ލަވައިގައި ހުންނަނީ މައިގަނޑާއި ކަޑިއެވެ. ޅެމުގައި ހުންނަނީ ޞަދުރާއި ޢަޖުޒުގެ މައްޗަށް އެކުލެވިގެންވާ ބައިތުތަކެކެވެ. ތެދެކެވެ! ޅެމެއްވެސް، ރާގެއްގައި ކިޔާލެވިދާނެއެވެ. އެކަމަކު، ރާގުގައި އެ ކިޔުނީ ޅެމެކެވެ. ލަވައެއްގައި ރާގާ ނުލައި ހުސް ބަސްކޯޅިތަކެއް ކިޔަސް، ޅެމުގައި ބަސްތައް އެތުރިފައި ހުންނަހާ ރީތިނުވެ ހިނގައިދާނެއެވެ. އެގޮތަކީ، ފޮޅުވަތްތައް އެހާ ރީތިކޮށް އެމުނި އެކުލެވިފައި ހުރުމާއެކު، ބަހުގެ ރީތި މިއުޒިކެއް ހުރުމީ، ޅެމަށް ޚާއްޞަ ކަމެކެވެ. ވަރަށް ގިނަ ފަހަރަށް ލަވައިގައި މިހެންނުވެ ހިނގައިދާނެއެވެ. އެހެން އެކަން އެވަނީ، ގިނަ ފަހަރަށް ވަކި ރާގަކަށް ލަވަ ފެއްތުމުގައި އުފުއްލަންޖެހޭ އުނދަގޫތަކާ ހުރެއެވެ. ނަމަވެސް ބައެއް ފަހަރު ފަސޭހަ ވަޒަން، ވަޒަނަށް ހެދޭ ލަވައިގެ ބަސްމަގު ރީތި ނުވާނެއެކޭ ނުދަންނަވަމެވެ.

މިސާލެއް

 

މިހިސާބުން ލަވައެއް ލިޔެލާނަމެވެ. މިއީ ދިވެހި ލަވަކިޔަން ފެށުނު ދުވަސްވަރު، މާފަންނު މީހުން ކިޔާފައިވާ ލަވައެކެވެ. ލަވަ ހައްދަވާފައިވަނީ މުޙަންމަދު ޖަމީލެވެ.

ބާޒީލިބޭ މަގުން ހިނގާށެ ދެން

             މިންނަތް ކޮށްގެން

ޗާލު ވާނެހެން ޔާރުނާއެކީ އަބުރާ ނަމާ އަލުން

             ހޯދާށަ ގެން އަދައި

ގެންދާށެ އޭރުނޭ ޤައުމީ ޚިޔާލުތައް

             ކުރިޔަށްއަރައިދަނީ އުނިކަން ފިލައިދަނީ

ފުރިހަމަ ވާނޭގޮތޭ މިއީ ހިސާބަކަށް

            މިންނަތްކޮށްގެން

ޚާރުބާރުތައް ދޭހުގާ ހިނގާ

          ވިސްނާލުމުން ފިލާ

ގޮތްތައް ނަގާނުލާ ދިއުމުން ނަޖާވަނީ

          އަލިކަން ހިތަށް ވަނީ

ފުރިހަމަވާނޭ ގޮތޭ މިއީ

         ހިސާބަކަށް މިންނަތް ކޮށްގެން

             ތާއަބަދަށް

ކުރުމުންނެ ފިކުރު އުފުލާށަ ގަދަރު

        ލިބުނީ މި ނަސުރު ބަނދެގެންނެ ކަމަރު

            ކުރި ހިތްވަރަކުން

ހިނގުމޭ މޮޅީ ތެދެކޭ ބުނި މި މަގުން

           ދިޔުމޭ އިތުރު ގޮތަކީ

             ކުރިއަރަމުން

ޤައުމަށް ގަތިފާކަން ހޯދައިދީގެން

             އަދި އެންމެން އެއްބަސްކޮށްގެން

ނުނިޔަތްތައް ދޫކޮށްފައި

            އަބަދުގައިމެ ކުރުމުންނެ ފިކުރު

މިއީ، ވަރަށް ރީތި ލަވައެކެވެ. މަރްޙޫމް ރަތް ނިޒާރު، މިލަވަ އެއްފަހަރަށްވުރެ ގިނަ ފަހަރު އަޅުގަނޑަށް ކިޔުއްވައިދެއްވިއެވެ. މިއީ އެއް ލަވައެވެ. ނަމަވެސް، މީގެ އެކި ބައިބައި ކިޔެނީ އެކި ރާގަށެވެ. ނަމަވެސް، ލަވަ ފުރިހަމަވަނީ މިހުރިހާ ބައެއް އޭގައި އެކުލެވިގެންނެވެ. މިހާހިސާބުން ޖަމީލުގެ ވަރަށް މަޝްހޫރު ދެ ޅެމަކުން ދެތިން ބައިތެއް މިތާނގައި ނަކލުކޮށްލާނެމެވެ.

ހުސްވީފަހުންހޭ އާލަމުން

   ހޯދަން އެމާ އެދިގެން ދަނީ

ބުސްރާގެ ބާޒާރުން ފެނޭތޯ

     ހޭ ދަތުރުކުރަމުން ދަނީ

ބޭނުން ވެދާނޭކަން އަލުން

    މޭރުން ވެގެން ހޭ ތިޔަ ދަނީ

ހުރި ވަގުތުގައި އައިނަމަ ލިބޭ

  ހުށިކަން ޔަގީނޭ ހަމަ ހިލޭ

ހުރިހައި މޮޅެއް ހޯދަން އުޅޭ

  ތީކަން އެނގޭހޭ ކެހިވަނީ

ފާހަގަކޮށްލައްވާށެވެ. މިފަދަ ޅެން ބައިތުތައް ކިޔާލީމާ ބަސްކޯޅިތައް އެތުރިފައި ހުންނަ ގޮތުންނާއި، އެމުނި އެކުލެވިފައި ހުންނަގޮތުން، ކިޔާ މީހާގެ ހިތަށް ފަސޭހަކަން ލިބެގެންދާނެއެވެ. އަދި އެހެން ދެތިން ޅެންބައިތެކެވެ.

އުފެދުމާ ނެތުމާއި އެކުލެވިފައި

         އެވާ ޤާނޫނަކަށް

އުފެދުމާއެކު ބޯލަނބައި

        ކިޔަމަންނުވާ އެއްޗެއް ނެތޭ

މިތިބަހައި އަޚުނާއި އުޚުތުން

        އެންމެ ދޮރަކުން ނިކުމެގެން

އެތިބަ ދާގޮތް ވިސްނުމުން

       ނުރޮވޭނެ އިންސާނެއް ނެތޭ

ދާދި އަވަހަށް ނެތިފަނާވިޔަކަސް

       އަގެއްނެތް  ޖިސްމުތައް

ތާއަބަދު ދެމިހުންނަ ހެޔޮ

      ޒިކުރާއަކަށް ނިމުމެއް ނެތޭ

ޚާއްޞަ ބައެއް ކަންތައްތައް

 

ޅެމަކީ ރަނގަޅު ޅެމަކަށް ހެދުމަށްޓަކައި، ޅެމުގައި ކާފިޔާ ހަމަކުރަން ޖެހެއެވެ. އަދި ދިވެހި ބަހަށް ޚާއްޞަ ކަމެއް ކަމުގައިވާ ބަނޑުވައް އަކުރު އެއްގޮތްކުރުން މިއީވެސް ޅެމުގެ ހިފަހައްޓަންޖެހޭ ހަމައެކެވެ. އެތައް ސަބަބަކަށްޓަކައި، މިބާވަތުގެ ކަންތައްތަކުން ލަވަ ވަނީ މިނިވަން ވެގެންނެވެ.

ކުއްލިއަކަށް ހަނދާނަށް އައިލަވައެއްގެ މައިގަނޑު ލިޔެލާނަމެވެ.

“ދެރެއަކު ތިބެމާހޭ ފަޖުރުތަރި ދެކެފާދާން

    ނުވާނޭ ނާމާނެއް މިދުނިޔެ

           އުފާ ހޯދާން”

އަދި އެއްފަހަރަކު، ސޮސައިޓީ ފޮރ ހެލްތު އެޑިޔުކޭޝަން(ޝީ) އަށް އަޅުގަނޑު ކުޑަކުދިންގެ ތަމްސީލެއްގެ ޑައިލޮގު ލިޔުނީމެވެ. އެތަމްސީލުގެ ނަމަކީ “ވިދާ ވިދާމަސް” އެވެ. އެ ޑައިލޮގް ލިޔުނީމާ، މިއުޒިކާއެކު އެޑައިލޮގް ކިޔޭގޮތަށް މިއުޒިޝަނަކު ހަދާލީ މިގޮތަށެވެ.

އޭ ކުޑޭ މިކޮޅު ބަލާލަ ބަލާ!

އެއީ ކޮން ކަހަލަ މަހެއްތަ؟

ހާދަ ވިދައޭދޯ!

އާނ އެއީ ހާދަ ރީތި މަހެކޭދޯ!

ކޯނޗެއްތަ އެވިދަނީ ނުލާނޫ؟

އެއީ އެމަހުގެ ގައިގާ ހުރި ހުޅުނބުތައް ހުޅުނބުތައް

ނޭނގޭތަ ކުޑޫ!

އެއީ ވިދާ މަހޭ ވިދާމަހޭ

ރާގުވެސް ނުހަނު ރީއްޗެވެ. ދެން މިބަސްކޮޅު މިޔުޒިކުން ފަޅުފިލުވާލީމާ، އަހާލަން ހާދަ ހިތްގައިމެވެ. ހާދަ ރީއްޗެވެ.

ޅެމާއި ލަވައިގައި ފަރަގެއް ހުރިތޯ ބަލައިލުމަށް އަޅުގަނޑު ބައެއް ޅެންވެރިންނާވެސް ޚިޔާލު ބަދަލުކޮށްލީމެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ދެއްވި ބަޔާން ވިދާޅުވެލައްވާށެވެ!

ކަނީރު ޢަބުއްރަޙީމު

ލަވަޔަކީ އާންމު މީހުން ކިޔާފައި ހުންނަ ނުވަތަ މީހުން ހަދާފައި ހުންނަ ރާގަކަށް، ދިވެހިބަހުން އަމުނައިލެވޭ ބަސްތަކެކެވެ. އެއާ ޚިލާފަށް ޅެމަކީ، ގަސްތުކުރާ ވަޒަނަކަށް އެއް ހަމަޔަކަށް ފައްތަމުން، އެކުލަވައިލެވޭ ބަސްތަކެކެވެ. މިއީ ވަރަށް ސީރިއަސް ބާވަތެކެވެ.

ޢަބްދުﷲ ޢަފީފު

 

ލަވަޔަކީ، ޅެމުގެ ބާވަތެކެވެ. ޅެމެއްވެސް، ލަވަޔެއްގެ ރާގުގައި ލަވަޔަކަށް ހަދައިގެން ކިއިދާނެއެވެ. ލަވައިގައި ބައެއް ފަހަރު އެކިތަންކޮޅު އެކި ވަޒަނަށް ހުރެދާނެއެވެ. އެއާ ޚިލާފަށް ޅެމަކީ، އެއްވަޒަނަކަށް އެކުލަވައިލެވޭ މާ ފުރުހިމަ އެއްޗެކެވެ. މީގެ ތެރެއިން އެކައްޗަކީ، އެޅިގަލުން ރާނާފައިވާ ފާރެއް ކަމުގައި ވަންޏާ، އަނެކައްޗަކީ ތެޅިގަލުން ރާނާފައިވާ ފާރެކެވެ.

އާދަމް ޙަލީމު ޢަދްނާން

 

ޅެމާއި ލަވަޔަކީ ދޭއްޗެކެވެ. ނަމަވެސް، އެއީ އެއްގަހަކުން ފަޅާފައިވާ ދެ ގޮތްޕެވެ. މިއިން ކޮންމެ އެއްޗެއްވެސް، ވަކި ވަޒަނަކަށް ފެތެން ޖެހެއެވެ. ޅެމުގައި ހުންނަނީ ޞަދްރާއި ޢަޖްޒުގެ މައްޗަށް އެކުލެވިގެންވާ ބައިތުތަކެކެވެ. ނަމަވެސް، ލަވައިގައި ހުންނަނީ މަނޑާއި ކަޑިއެވެ. ލަވައިގެ ކަޑިއެއް، ދެފޮޅުވަތަށް އޮވެދާނެއެވެ. އަދި އެއަށްވުރެ ދިގުވެގެންވެސް ހިނގައިދާނެއެވެ. އެއީ ލަވައިގެ ރާގު ހެދި މީހާ، އެ ހެދި ހިސާބަކަށް ބަސްތައް ގެންދަންޖެހޭތީއެވެ. ޅެމުގައި ކާފިޔާ އެއްގޮތްކުރަން ޖެހެއެވެ. ބަނޑުވައް އަކުރު އެއްގޮތްކުރަން ޖެހެއެވެ. ވެވޭނަމަ، ފިލިކޯޅިވެސް އެއްގޮތްކުރަން ޖެހެއެވެ. ލަވައިގައި މިކަންކަމެއް ޝަރްޠެއް ނޫނެވެ. ނަމަވެސް، އެކަން ފުރިހަމަ ކުރެވޭނަމަ، އަދި ވަކިން ރީތިވާނެއެވެ.


ލަވަ

 

އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ ގޮތުގައި ލަވައިގައި، ލަވަޔަށް އޭގެ ފުރިހަމަކަން ގެނެސްދެނީ، ރާގާއި މިޔުޒިކް އެކުލަވާލައި ގަތާލާފައިވާ ގޮތުންނެވެ.

ލަވަ އުފެއްދުމަށް އެންމެ ފަސޭހަ ގޮތެއްކަމަށް ބެލެވެނީ މިޔުޒިކް އެކުލަވާލަ މީހާ މިޔުޒިކް ތައްޔާރުކުރުމެވެ. އެއަށްފަހު އެއަށް ފެތޭގޮތަށް ބަސްތައް ބިނާކޮށް، ލަވަވެރިޔާ އެއަށް ބަސްތަކެއް އަތުރާލުމެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ޕައުލް ސައިމަން ބުނަނީ މިހެންނެވެ. “ފުރަތަމަ ރާގު ލިޔާށެވެ. އެއަށްފަހު، އެ ރާގާއެކު އިރުކޮޅެއް ހޭދަކޮށްލާށެވެ. ދެން ބަސްތައް އަތުރާލާށެވެ. މިނޫން ގޮތްގޮތަށްވެސް ލަވަ ހެދުމުގެ މަސައްކަތް ކުރެވެއެވެ. މިޔުޒިކުގެ އޮނިގަނޑާއި މިޔުޒިކް އެކުލަވާލަން ދަންނަ މީހެއްނަމަ، ފުރަތަމަ ބަސްތައް އެކުލަވާލައެވެ. ދެން ހުނަރުވެރި މިޔުޒިކް އުފައްދާ މީހަކުލައްވާ، އެއަށް މިޔުޒިކް ތައްޔާރުކޮށްލައެވެ.”

ލަވައެއް ހަދާނެ އޮނިގަނޑަކާ ބެހޭ ގޮތުން އެއްޗެއް ބުނަނީނަމަ ބުނެވޭނީ، އެއީވެސް ޚާއްޞަ ފަންނެއް ކަމުގައެވެ. ލަވަކިޔާ މީހާއަށް އެކިވަރުވަރުގެ ބަސްތަކާއި އަޑު އުފުލާނެ އެކިތަންތަނާއި، ހިންދާލަންޖެހޭ ތަންތަނާއި، މިފަދަ ތަންތަން އެނގެންވާނެއެވެ.

ލަވަކިޔާ މީހާގެ ހުނަރާ ބެހޭ ގޮތުން ބުނެވޭނީ، ލަވަ ކިޔުމަށްފަހު މިޔުޒިކް އެކުލަވާލާ މީހާއަށް ކާމިޔާބުކަމާއެކު އެ ލަވައެއް ފެއްތޭވަރު ވާންޖެހޭނެ ކަމުގައެވެ.

ލަވަ ހަދާއިރު، ލަވަ ކިޔާ މީހާއާ ދޭތެރޭވެސް ވިސްނަންޖެހެއެވެ. މިކަން މިހެންވާނީ، ލަވަ ހަދައި ނިމުމަށްފަހު، އަމިއްލައަށް ބާރަށް ކިޔަލައި، ވަޒަނާއި، ބަސްމަގާއި ބަހުރުވައިގެ އަޖުމަ ބަލައިލުމުންނެވެ. ލަވަޔަކީ ކަންފަތުން އަހައިލެވޭ އެއްޗެކެވެ. ލަވަ އެއީ އެކުލަވާލާފައިވާ ގަނޑަށް ދެވަނަ ފަހަރަށް އެނބުރި އައިމާ އެ ކިޔައިގެން ރާހަތެއް ލިބޭނެ އެއްޗެއް ނޫނެވެ. ބައެއް ލަވަ މިހެން ނުވާނެއެކޭ ނުބުނަމެވެ.

ލަވަ ކިޔާއިރު ރާގާ އެއްތައްގަނޑަށް ބަސްތައް ނުދާނަމަ، މައްސަލައެއް އުޅެނީއެވެ. ހަމައެފަދައިން، ލަވައިގައި އަޅައަޅައިގަންނަ ގޮތެއްވާނަމަ، ރަނގަޅެއް ނޫނެވެ. އެކަންކަން ޖެހޭނީ ރަނގަޅު ކުރާށެވެ. ލަވަ ކިޔަން ފަސޭހަވާންވާނެއެވެ. އޮމާންވާން ޖެހޭނެއެވެ.


ޅެން

 

އަލްއުސްތާޛު މުޙަންމަދު ޖަމީލު ވިދާޅުވާ ގޮތުގައި ޅެމަކީ، އާދަޔާ ޚިލާފު ބަސްތަކެއް ބޭނުންކޮށްގެން، ތިމާގެ ހިތުގައި އުފެދިފައިވާ ޝުޢޫރުތައް، ވަކި ވަޒަނަކަށް ފެތޭގޮތަށް ފާޅުކުރެވިފައި ހުންނަ ބަހުރުވައެކެވެ. މީގައި، ލޯތްބާއި، ޖޯޝާއި، ރުޅިއާއި ހިތްހަމަޖެހުމާއި މިހުރިހާ ބާވަތެއްގެ ޝުޢޫރުތަކެއް ހިމެނެއެވެ. މިއީ، އަދަބީ ފަންނުތަކުގެ ތެރެއިން އެންމެ ދުވަސްވީ ފަންނުކަމަށް ބުނެވެއެވެ. ޅެމުގައި ހުންނަނީ، އެބައެއްގެ ނުވަތަ އެމީހެއްގެ ޙަޔާތުގެ ތެދުވެރި ތަސްވީރުތަކެކެވެ. ކަމުގެ މާހިރުން މިފަދައިން ވިދާޅުވެއެވެ.


  • ޅެމަކީ، ޚިޔާލުތައް އުދަނގޫ ގޮތަކަށް ލާމަހާލާފައިވާ، އޭގެ އޮނިގަނޑު ވަކި ޚާއްޞަ ބަހުރުވަޔަކުން އެކުލަވައިލެވޭ، އަދަބީ މަސައްކަތެކެވެ. ޅެމުގެ މަޤްޞަދަކީ، ކިޔާ މީހާޢާ ސީދާސީދާ ގޮތަކަށް ގުޅާލުމެވެ.

  • ޅެމަކީ، މިޔުޒިކާނުލާ އޭގެ އަމިއްލަ ޒާތުގައި، އަމިއްލަ ވައްތަރަކަށް އެކުލަވައިލެވޭ، އަދަބީ މަސައްކަތެކެވެ.

  • ޅެމަކީ، ގަނޑެއްގައި ލިޔެވިގެން ކިޔާލެވޭ ވައްތަރެއްގެ ޚާއްޞަ ބަހުރުވަޔަކުން ލިޔެވޭ، އަދަބީ މަސައްކަތެކެވެ.

  • ޅެމުން، އެ ކިޔާ މީހާގެ ޚިޔާލު ހިފަހައްޓާލައެވެ.

  • ޅެމެއް، އެތައް ގަނޑެގައި ދިގުކޮށް ލިޔެވިދާނެއެވެ. މީގެ މާނަ، ވަރަށް މާނަހުރި ގޮތަކަށް ކިޔައިގެންނޫނީ ނޭނގޭނެއެވެ. ބައެއް ޅެންޅެމުގެ މާނަ އެނގޭނީ، އެ ހެދި މީހާއަށް ކަމަށް ބުނެވެއެވެ. މީގެ މާނައަކީ، ޅެމުގެ ބައިތުތަކުގައި ކިޔާފައިވާ އެއްޗެއް އޮޅުންނުފިލާގޮތަށް ހުރުމެއް ނޫނެވެ. އެ، ޅެމެއް ހެދީ ނުވަތަ އެގޮތަށް އޭނާގެ ވާހަކަ އެ ބިނާކުރީ ކީއްވެގެންކަން، އެހެން މީހުންނަށް ބައެއް ފަހަރު ނޭނގޭނޭ ވާހަކައެވެ.

  • ޅެމަކީ، ފަށުއި ފަންނުގެ ތެރެއިން، އެންމެ ފަށުއި ބާވަތެވެ.

ވިލާތައް ހަވީރާ ގުޅޭ ފާޑަކުން، ވެލާ ރީތި ފަރިގޮތްގޮތަށް ވިސްނަމުން

   ބަލާލަން އެދޭމީހަކަށް ހެޔޮހިތުން، އާ ފިލާވަޅުތަކޭ ރަމްޒުކޮށް އަންގަނީ

އެތައް ގިނަ ބަދަލުތައް މިބަސް ބުނިހިނދުން ހިތަށް އޭގެ ސިއްރެއް ނުވިސްނޭ ގޮތުން

   އެތައް ރީތި ކުލައެއް އެ ފެނުމަށްފަހުން، މާހިތަށް ތުރާބީދައިން އޮއްސެނީ

ލިބޭ ކޮންމެ އުފަލެއް ދަނީވެސް މިހެން، ލިބޭ ލިބުމަކާ އެކުއެކީ ގެއްލިގެން

  ތިބޭކަށް ނުވާނޭ މިތާ ހެއްލިގެން، މާ ލިބޭ ގުލްޝަނޭ ދުރުދުރުން ފެންނަނީ

____________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment