އަހަރެން މި ވާހަކަ ކިޔައިދޭނީ ކިހިނެއް ހެއްޔެވެ. މި ވާހަކަ އަހާ ޤަބޫލު ކުރާނެ ހުރީ ކާކު ހެއްޔެވެ. އަހަރެންގެ އުމުރުގެ ގޮތުންވެސް މިވާހަކަ ގަބޫލުކުރާނޭ މީހަކު ހުންނާނެބާއޭ ހިތަށް އަރައެވެ. އެހެނަސް މިކަންތައްގަނޑަށް ހައްލެއް ގެނެވޭނީ ހަރުމީހަކު މިވާހަކަތައް އަޑުއަހާ މިކަންތައްގަނޑަށް ހައްލެއް ގެނައުމަށް މަސައްކަތް ކޮށްގެނެވެ. އަހަރެންނަކީ އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 9 ގައި ކިޔަވަމުން އަންނަ ކުއްޖަކީމެވެ. ކިޔެވުމުގެ ކަންތައް ބަރާބަރަށް ކުރިޔަށް ގެންދަން ކުރެވެން އޮތްހާ މަސައްކަތެއް އަހަރެން ކުރަމެވެ.…

އަހަރެން މި ވާހަކަ ކިޔައިދޭނީ ކިހިނެއް ހެއްޔެވެ. މި ވާހަކަ އަހާ ޤަބޫލު ކުރާނެ ހުރީ ކާކު ހެއްޔެވެ. އަހަރެންގެ އުމުރުގެ ގޮތުންވެސް މިވާހަކަ ގަބޫލުކުރާނޭ މީހަކު ހުންނާނެބާއޭ ހިތަށް އަރައެވެ. އެހެނަސް މިކަންތައްގަނޑަށް ހައްލެއް ގެނެވޭނީ ހަރުމީހަކު މިވާހަކަތައް އަޑުއަހާ މިކަންތައްގަނޑަށް ހައްލެއް ގެނައުމަށް މަސައްކަތް ކޮށްގެނެވެ.

އަހަރެންނަކީ އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 9 ގައި ކިޔަވަމުން އަންނަ ކުއްޖަކީމެވެ. ކިޔެވުމުގެ ކަންތައް ބަރާބަރަށް ކުރިޔަށް ގެންދަން ކުރެވެން އޮތްހާ މަސައްކަތެއް އަހަރެން ކުރަމެވެ. ގަވައިދުން ފިލާވަޅުތައް ދަސްކޮށްހޯމްވަރކް ހަދައި ހަދަމެވެ. ޓީޗަރުން އަހަރެންނާ ދޭތެރޭގައި ވަރަށް ހިތްހަމަޖެހެއެވެ. އަހަރެންގެ މައިންބަފައިންވެސް އަހަރެންނާދޭތެރޭގައި އެއްވެސް ޝަކުވާއެއް ދުވަހަކުވެސް ނުކުރެއެވެ. ކުރަން ސަބަބެއްވެސް އަހަރެން އެމީހުންނަކަށް ނުދެމެވެ.


މިދިޔަ ބުދަދުވަހެވެ. އަހަރެންގެ އެންމެގާތް އެކުވެރި ޒީނާ ސްކޫލުން ނިމިގެން ހުރީ އާދަޔާ ޚިލާފަށް މަޖާވެފައެވެ. މޫނުމަތީގެ ޝުޢޫރުން މާބޮޑަށް ފެންނަން ނެތް ކަމުގައިވިޔަސް އެތެރޭން ހެވިފައި ހުންނަކަހަލަ ގޮތަކަށެވެ. މިއަދު އަނެއްކާ ސްކޫލުގައި މާމަޖާކަމެއްވީތޯ އެހުމުން ވަރަށްހިނިއައިސްފަ ވަކިން ޚާއްޞަކަމެއް ނުވާކަމުގައި އޭނާ ބުންޏެވެ.


ހޮނިހިރުދުވަހުގެރޭ ދަންވަރެވެ. އަހަރެންނަށް ހޭލެވުނީ ކޮންމެވެސް އަޑެއް އިވިގެންނެވެ. ވަގުތުން ނިދިފިލައިފިއެވެ. އަނެއްކާވެސް އެއަޑު އިވިއްޖެއެވެ. އަންހެނަކު މާބާރަށް ނުހޭންވެގެން ހޭގޮތަށް ހޭ އަޑެވެ. ރަގަޅަށް އަޑުއަހާލުމުން އެ ހެނީ އަހަރެންގެ ބައްޕަ ފަރާތު ބޮޑުދައިތަކަން އެނގުނެވެ. ކުޑަކޮށް ސިހިފައި އިތުރު އަޑެއް އިވޭތޯ އަހަރެން އެނދުގައި ގުޑިނުލާ އޮތީމެވެ. ދެންއިވުނީ ފިރިހެނަކު ސިއްރުން ކަހަލަ ގޮތަކަށް ވާހަކަ ދައްކާ އަޑެވެ. ހަމަ އެއާއެކުއަނެއްކާވެސް ބޮޑުދައިތަ ތުއިގޮތަކަށް ހީލިއަޑެވެ. ބޮޑުދައިތަގެ ފިރިމީހާވީ އިންޑިޔާއަށް ވިޔަފާރި ދަތުރަކު ގޮހެވެ.


އާދީއްތަ ދުވަހުގެ ހަވީރެވެ. އަހަރެން ހުރީ ގޭ ބަދިގެފަރާތުގައި ހުންނަ ފެންތާނގީ ކައިރީ ބަނޑިޔަލަކަށް ފެންފުރާށެވެ. މިހެން ހުއްޓާ އަހަރެންގެ މަންމަފަރާތު ބޮޑުބޭބެގެ އަންހެނުން އެތަނަށް އައެވެ. އޭނާދެކެ އަހަރެން ވަރަށް ޖެހިލުންވެއެވެ. އޭނާ އަހަރެންގެ ހަށިގަނޑުގައިވާ އެކިއެކި ގުނަވަންތަކުގައި ބީހެން ނުޖެހޭގޮތަށް ބީހޭތީއެވެ. މިފަހަރުވެސް އޭނާއައިސް އަހަރެންގެ ފުރަގަހުގައިހުއްޓުނެވެ. އަހަރެންނަށް އޭނަކުރަން އެއުޅެނީ ކީއްކަން އެނގެއެވެ. މީގެކުރިންވެސް އެތައް ފަހަރަކު މިކަން ހިނގާފަ ވާތީއެވެ. މި ފަހަރުވެސް އޭނާ ނޭދެވޭ އެތައްގޮތަކަށް އަހަރެންގެހަށިގަނޑުގައި ބީހުނެވެ. އަހަރެން އޭނާގެ އަތް ފޮޅުވާލަން މަސައްކަތް ވެސް ކުރީމެވެ. އެކަމަކު އޭނާއަހަންނަށްވުރެ މާވަރުގަދައެވެ. އޭނާހިތްހަމަޖެހޭވަރުވުމުން ފާޑަކަށް ހީނގެންފަ އޭނާދިޔައީއެވެ. އަހަރެންނަށް ވީތަދެއް، އަހަރެންވީފޫއްސެއް، ގަތްލަދެއްވެސް އޭނާބަލާކަށް ބޭނުމެއްނުވާނެ ތާއެވެ.


ޖެހިގެންއައި އަންގާރަދުވަހު އަހަރެން ސްކޫލްގަޑި ނިމިގެން ޒީނާގެ ކްލާސްދޮށަށް އޭނާބަލައި ދިޔައިމެވެ. ކުލާހާ ދާދިކައިރިއަށް ދެވުނުއިރަށް ޒީނާ ހިނިއައިއްސަ “މީ ޓޫ” އޭ ބުނެލާއަޑު އިވުނެވެ. އޭނާ އެ ވާހަކަދައްކަނީ ކާކާ ބާވައޭ ހިތަށްއެރިއެވެ. އެކްލާސް ކައިރިއަށް އަހަރެންނަށް ދެވުނުއިރު ޒީނާ ހެވިފަ ހުރެގެން ކުލާހުން ނުކުންނަނީއެވެ. ކާކު ގާތުގަ “މީ ޓޫ” އޭ ތިކިޔަނީ ކޮންކަމެއްތޯ “މީ ޓޫ” ވެގެން ތިއުޅެނީ އެހުމުން އޭނާ ހިނިއައިއްސަ ބުނީ “މީ ޓޫ” އޭ ނުބުނާ ކަމަށެވެ. އެހެން ނަމަވެސް ފިޒިކްސް ގަޑި ނިންމާފަ ނުކުންނަމުން ފިޒިކްސް ޓީޗަރަށް “ސީ ޔޫ” އޭ ބުނެފައި ކުލާހުން ނުކުތް ކަމަށެވެ. އޭނާ އެހަދަނީ ދޮގޭ އަހަރެން ހިތަށްއެރީ ކީއްވެބާއެވެ.

އެރޭ އަހަރެން ނިދަން އޮށޯތީ ޒީނާގެ ކަންތަކާދޭތެރޭ ވިސްނާ ވިސްނާ ވަރަށް ހިތްނުތަނަވަސް ވެހުރެގެނެވެ. ރަގަޅަށްނިދިގަތްތަނާ އަނެއްކާވެސް އަޑެއްއިވިފަ ހޭލެވުނެވެ. ނިދި ނައިސް އެދުގައި އޮއްވާ އިވުނީ ޖެހިގެންހުންނަގޭ ފާރޫގު އަހަރެންގެ ބޮޑުދައިތަ ގާތުގައި “މާހިރު ވާވަރަށްވުރެ ބޮޑަށް ސޮބީހާދެކެ ލޯބިވަނީ އަހަރެންކަން ސޮބީހާއަށް އެނގޭނޫންހޭ” ބުނާ އަޑެވެ. މާތްކަލާކޯއެވެ. ބޮޑުދައިތަބޭބެ ރަށުގައި ނެތީސް ބޮޑުދައިތަ މިކުރަނީ ކީއްބާއޭ ހިތަށްއެރިއެވެ. އެނދަކު ނޯވެވުނެވެ. ތެދުވެގެންގޮސް ބޮޑުދައިތަ ކޮޓަރީގެދޮރުގައި ޓަކިޖަހާލީމެވެ. އަޑެއްބަޑެއް ނީވުނެވެ. މަޑުމަޑުން ބޮޑުދައިތާއޭ ކިޔާ ގޮވާލީމެވެ. އެތެރޭން ހަމަހިމޭންކަމެވެ. ދޮރުގެ ތަޅުގައި ހިފާލީމެވެ. ދޮރުހުރީ ތަޅުލާފައެވެ. އަދިވެސް އެއްފަހަރު ބޮޑުދައިތައަށް ގޮވާލީމެވެ. ޚަބަރެއް ނުވުމުން އަހަރެން އެނބުރި ކޮޓަރިއަށް ދިޔައީއެވެ.


އަހަރެންގެ މަންމައަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ މީހެކެވެ. ދާދިފަހުން ދޯންޏެއްބޭލުމުގެ ތެރޭގައި ދމާވި ނުރައްކާތެރި ހާދިސާއެއްގައި ބައްޕަގެ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބައްޕަކުރަމުންއައި ގެދޮރުއެޅުމުގެ މަސައްކަތް ކުރުމަށް ބައްޕަ ނުކުޅެދިފައިވާތީ މިހާރު ބައްޕަ ކުރަމުން އަންނަނީ ގޭގައި ދަނޑުހެއްދުމާ ބިޑިއެނބުރުމުގެ މަސައްކަތެވެ. އެހެންކަމުން މަންމަ އިތުރު ވަޒީފާއެއް ހޯދައިގެން އަތޮޅުގޭ ގޯތިތެރެ ކުނިކެހުމަށް ފަތިސްގަޑީގައާއިހަވީރުގަޑީގައި ދާންޖެހެއެވެ. މަންމައަކީ ހިތުގެ މައްސަލައަކަށް ބޭސްވެސް ކުރަމުންދާ މީހެކެވެ.


އަހަރެންގެ ދިރިއުޅުމުގައި ދިމާވަމުންމިދާ އެއްވެސް ކަމެއްގެ ވާހަކަ ބައްޕަގާތުގައިވެސް މަންމަ ގާތުގައިވެސްބުނަންނުކެރެނީ އެދެމަފިރިންގެ ހާލުދެކިފައެވެ. އެދެމީހުންނަށް ކުޅެދުނު ވަރަކުން ބޭބެއަށާއި މަށަށް ރަނގަޅު ތައުލީމަކާ ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދޭން އެކުރަނީ ކިހާބުރަ މަސައްކަތެއް ހެއްޔެވެ. ވީމާ އެމީހުންނަށް އިތުރުބުރައެއް އަހަރެންގެ ސަބަބުން ވިޔަދެވޭނެ ހެއްޔެވެ؟


ޖެހިގެންއައި ބުދަދުވަހު އަހަރެން ކާގޭގައި އިންދާ ބޮޑުދައިތަ ފޯއްވަޅި ބަލާ އެތަނަށް އަޔެވެ. އަހަރެން ވަރަށް ހިތްވަރުކޮށްފާ ކުރީދެރޭ އިވުނު އަޑުތަކުގެ ވާހަކަ ބޮޑުދައިތަ ގާތުގައި ބުނަން ފެށީމެވެ. ހަމަ ފެށުމާއެކު “ފީކަޅާ ވާހަކަ ނުދައްކާށޭ، މީނަ އަދިވެސް ހާދަ ސޭކުދޯ” އޭ ބުނެފައި ފޯއްވަޅި ހިފައިގެން ދިޔައީއެވެ.


ޖެހިގެން އައި އާދީއްތަދުވަހު ސްކޫލަށްދާންވެގެން ޒީނާ ބަލާ އެގެޔަށް ދިޔުމުން ޒީނާގެ މަންމަބުނީ މިއަދު އަވަހަށް ދާން ޖެހިފައި އޮވެގެން ޒީނާ މީގެ ބައިގަޑިއެއްހާއިރު ކުރިން ސްކޫލަށް ހިނގައްޖެ ކަމުގައެވެ. އަހަރެންގެ ކްލާހަށް ދެވޭނީ ޒީނާގެ ކްލާސް ކައިރިން ލާފައެވެ. އެހިސާބަށް ދެވުނުއިރު ފިޒިކްސް ޓީޗަރާ ޒީނާއާ ދެމީހުން ކްލާސްތެރޭން ނުކުންނަނީއެވެ. އަހަރެން ފެނުމުން ޒީނާ ކުޑަކޮށް ސިހޭގޮތްވިހެން އަހަންނަށް ހީވިއެވެ. ފިޒިކްސް ޓީޗަރު ޒީނާއާ މުޚާތަބުކޮށް “ޑޯންޓް ފޮގެޓް އިޓް ފޯ ދަ ޓެސްޓް” އޭ ބުނެލާފާ ދިޔައީއެވެ. ކޮންކަމެއްތޯ ޒީނާގާތު އަހާލުމުން “ވެލޯސިޓީ” އޭ އޭނާ ބުންޏެވެ. އަހަރެންގާތު އެހިނަމަވެސް ތި އޮޅުންފިލުވައިދިނީމުސް ކަމަށް ބުނުމުން އޭނާ ހިނިއައިއްސާ އަޅާނުލާށޭ ބުންޏެވެ.


ސްކޫލުން ގެޔަށް އައި މަގުމަތީގައި މިއަދުވެސް އެހެންދުވަހެކޭ އެއްފަދައިން އަހަރެން ‘އޭނާ’ ދުށީމެވެ.ކޮންމެދުވަހެއްގެވެސް އާދައިގެ މަތިން ހީނލާފަ “އޭ، ކިހިނެއް” ހޭ އޭނަ އަހާލިއެވެ. އިސްދަށަށް ޖަހާލައިގެންހުރެ “ރަނގަޅޭ” ބުނެލާފާ އަހަރެން ދިޔައީއެވެ. ކޮންމެ ދުވަހެއްގެވެސް އާދައިގެ މަތިންނެވެ.

ދެތިން މަސްފަހުން އައި ބުރާސްފަތި ދުވަހެއްގެ ހެނދުނެވެ. ސްކޫލަށް ދިޔުމަށް ތައްޔާރުވުމުގެ ކުރިން ޖަމީލާ ސައިބޯން ކާގެއަށް ނާންނާތީ ހައްވަ ވަރަށް ހައިރާންވިއެވެ. ޖަމީލާއަކަށް ދުވަހަކުވެސް ހެދުނު ގޮވާކަށް ނުޖެހެއެވެ.އަނެއްކާ އޭނާ ބަލިވީ ބާވައެވެ. ހައްވަ ނުތަނަވަސް ހިތަކައިގެން ގޮސް ޖަމީލާގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލާފައި “ދަރިފުޅާ” އޭ ކިޔާ ގޮވާލިއެވެ. ޚަބަރެއް ނުވުމުން ކޮޓަރީގެ ދޮރުގައި ހިފާލުމުން ދޮރުހުޅުވިއްޖެއެވެ. ކޮޓަރި ތެރޭގައި ޖަމީލާ ފެންނާކަށް ނެތެވެ. ފާޚާނާގެ ދޮރުވެސް ހުރީ ހުޅުވާފައެވެ. ހައްވަ ވަރަށް ކަންބޮޑުވެހުރެ ފާޚާނާތެރެ ބަލާލިއެވެ.ޖަމީލާއެއް ނެތެވެ. އިންތިހާއަށް ހިތްނުތަނަވަސްވެ ހުރެގެން ކޮޓަރިން ނުކުތުމަށް ހިނގައިގަތްތަނާ ހައްވަގެ ލޮލުގަ އަޅައިގަތީ މޭޒުމަތީގައި ފަތްޖަހާލާފައި އޮތް ކަރުދާސް ގަނޑެއްގައެވެ. ކަރުދާސްގަނޑު ނަގާފަ ބަލައިލިއިރު “ލޯބިވާ މަންމައަށް” މިހެން ލިޔެފައިވާތަން ފެނުނެވެ. ހައްވަގެ ނުތަނަވަސްވެފައިވާ ހިތްބާރަށް ތެޅެމުންދެއެވެ. އެހެނަސް ތުރުތުރު އަޅައަޅާ އޮތް އަތުން ކަރުދާސްގަނޑު ހުޅުވާލައި ކިޔަންފެށިއެވެ. ޖަމީލާގެ ނުހަނު ރީތިލިޔުމުން އޭގައި ލިޔެފައިވެއެވެ.


“ލޯބިވާ މަންމާއެވެ. މާބޮޑަށް ކަންބޮޑުނުވާށެވެ. މަންމައާ ބައްޕަދެކެ އަހަރެން އަބަދުވެސް ލޯބިވަމެވެ. އަދި ތީގެ ދެމީހުންނަށް ދެރަވާނެ ކަމެއް ދުވަހަކުވެސް ކުރާކަށް ނޭދެމެވެ.
އެހެނަސް މިއަދު އަރެންނަށް މިހެން ހަދަންޖެހުނީއެވެ. އަހަރެންގެ ދިރިއުޅުމުގައި ހިނގަމުންދާ ތޫފާންތަކުގެ ގަދަވިއްސާރައިގެ އަސަރު މަންމަމެނަށް ކުރާކަށް އަހަރެން ނޭދެމެވެ. އެހެންވެ މިހެން ހަދަން އަހަންނަށް މަޖުބޫރުވީއެވެ.


އަހަރެންގެ އެކުވެރި ޒީނާވެސް މިހާރު އެހެންޏާހެނެއް ނޫނެވެ. މާގިނަކަންތައްތަކެއް ސިއްރުކޮށްގެން އުޅޭކަހަލައަލާމާތްތަކެއް އޭނާގެ ކިބައިން ފެންނަނީއެވެ. ހީވާގޮތުން ފިޒިކްސް ޓީޗަރާބެހޭގޮތުން އޭނާ އަހަރެންގާތު ދޮގުހަދައެވެ. އަހަރެން އެހިއަކަސް ރަނގަޅަކަށް ބުނެއެއް ނުދެއެވެ. ކޮންމެވެސް ކަންތައްގަނޑެއް ފޮރުވައިގެން އޭނާ އުޅޭހެން ހީވެއެވެ.


ލޯބިވާ މަންމާއެވެ. ބޮޑުދައިތައާއި އާދަނުގޭ ފާރޫގާ ދެމީހުން ހާދަ ރައްޓެހިދޯއެވެ. އެއީ ކީއްވެބާއެވެ. މަންމަބޮޑުދައިތަގާތު އަހާލާނަންދޯއެވެ. ފަހަރެއްގައި މަންމަގާތު އޭނާ ހުރިހާ ވާހަކައެއްވެސް ކިޔައިދީފާނެއެވެ.


ބޮޑުބޭބެގެ އަންހެނުން މަންމައަށް ކިހާ ހެޔޮދޯއެވެ. އެކަމަކު އޭނާދެކެ އަހަރެންހާދަ ބިރުގަނެއެވެ. ޖެހިލުންވެއެވެ. މަންމަ އޭނާއަށް މާބޮޑަށް އިތުބާރު ނުކުރައްޗެވެ. އޭނާއަކީ އެހާ ރަނގަޅު މީހެއްހެނެއް އަހަންނަކަށް ހިޔެއް ނުވެއެވެ.


މަންމާއެވެ. ކަންބޮޑު ނުވައްޗެވެ. އަހަރެންގެ ހާލު ރަނގަޅެވެ. އެހެނަސް އަހަރެން މިވަގުތު މިވަނީ މަންމަމެނާ ވަރަށް ދުރުގައެވެ. ދެން މަންމަމެނާ އަހަރެން ދިމާވާނީ އަންނަ ޑިސެމްބަރުގައެވެ. މާގިނަ ދުވަހެއްނެތެއް ނޫންހެއްޔެވެ. ދިމާވާއިރު އަހަރެންގެ ނަމަކަށްވާނީ ޖަމީލާ މޫސާއެއް ނޫނެވެ. ޖަމީލާ ޕަރަމަލިންގަމް އެވެ. ހެލްތު ސެންޓަރުގައި މަސައްކަތްކުރަންއުޅުނު ސަނަތު މަންމަ ދަންނަމެއް ނޫންހެއްޔެވެ. އޭނާގެ ރަނގަޅު ވާހަކަ މަންމަ އަހަރެންގާތު ދެއްކީމެއް ނޫންހެއްޔެވެ. މަންމަތިބުނީހަމަ ރަނގަޅަށެވެ. އޭނާއަކީ ވަރަށް ޚުލްޤުހެޔޮ، ރަނގަޅު، ހެޔޮލަފާ މީހެކެވެ. ދެން މިވަގުތު ވަކިވެލާނަމެވެ.


މަންމަމެންދެކެ އަބަދުވެސް ލޯބިވާ – ޖަމީލާ”

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
2 Comments
 1. ޙަސަން ޝާކިރު މުޙައްމަދު

  މަރިޔަމް ތައުފީޤާގެ މި ވާހަކައަކީ ޙަޤީޤަތަކަށް ވުން ވަރަށް ގާތެވެ. މިހުންނަނީ މި މުޖުތަމަޢުގައި ވެސް ހިނގާ ކަންކަމެވެ. ލިޔުންތެރީންގެ ޢާއިލާއާ ގުޅިވަޑައިގަތީތީ އުފާކުރަމެވެ. މަރިޔަމް މާބޮޑަށް ނޭނގުނު ނަމަވެސް ތިޔައީ ވަރަށް ގާތް ޢާއިލާއެކު، ޚިދުމަތްތެރި ބޭފުޅުން ކޮޅެކެވެ. ތިޔަ ފެއްޓެވީ ރަނގަޅު ޚިދުމަތެކެވެ. މަރިޔަމްގެ ފުން ތަޖުރިބާއާއި ޤާބިލުކަމުގެތެރެއިން މި ސައިޓުގެ ކިޔުންތެރީންނަށް އަދިވެސް ހަދިޔާ ދެއްވަމުން ގެންދަވާނެކަމަށް ކުރެވޭ އުންމީދު، ޔަޤީން ކުރަމެވެ.
  ކާމިޔާބީއާއި ބާއްޖަވެރިކަމަށް އެދެމެވެ. ފަށްފަށުން ދަރުމަހުއްޓެވެ.!

  (12)(0)
 2. އަލީ

  މިވާހަކާގައި އަޅުގަނޑުމެން މުޖުތަމައުގައި ދައްކަން އަބުއި ވާހަކަތައް ވަރަށް ލުއިކޮށް ތިވަނީ ގެނެސްދީފައެވެ. ވާހަކާގެ ސިފައިގައި އަބުއި ކަންކަން ތިލަވުމަކީ އިޖްތިމާއި މައްސަލަތަކަށް ހައްލު ހޯދުމަށް މަގުތަނަވަސްވެގެން ދާކަމެކެވެ.

  (8)(0)
Leave Comment