000 ފުރުޤާން ބެހުނު ޑިންގީ އޮޔާދަނިކޮށް ހުވަދުއަތޮޅުން މަހަށް ނިކުމެ އުޅުނު މަސްދޯންޏަކަށް ފެނުނީ ޖެހިގެން އައި ދުވަހުއެވެ. ދުރުން މާދުރުން ޑިންގީ ފެނުމާއެކު، ގއ.ވިލިނގިލީ [ބާރުދުވެލި] ނަމަކަށް ކިޔާ މަސްދޯނި އެދިމާޔަށް މިޞްރާބުޖެހީ މީހަކާއެކު ޑިންގީއެއް ބެހިއްޖެ ކަމުގެ މަޢުލޫމާތުވެސް ލިބިފައިވުމާ އެކުގައެވެ. [އެ ފެންނަނީ އެ ޑިންގީކަންނޭނގެ. ކާސިމާ ކުޑަކޮށް ދުވެލި ބާރުކޮށްލަބަލަ.] ފަޅުވެރިޔަކު ދޯނީގެ ކެޕްޓަނަށް ގޮވާލާފައި ބުންޏެވެ. ކާސިމް ދުވެލި ބާރުކޮށްލިއެވެ. އެއީ އިރުއޮއްސެމުންދިޔަ ވަގުތުކަމުން، ދުރުން ޑިންގީތެރެޔަކުން މީހަކު ފެންނަވަރެއް…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ފުރުޤާން ބެހުނު ޑިންގީ އޮޔާދަނިކޮށް ހުވަދުއަތޮޅުން މަހަށް ނިކުމެ އުޅުނު މަސްދޯންޏަކަށް ފެނުނީ ޖެހިގެން އައި ދުވަހުއެވެ. ދުރުން މާދުރުން ޑިންގީ ފެނުމާއެކު، ގއ.ވިލިނގިލީ [ބާރުދުވެލި] ނަމަކަށް ކިޔާ މަސްދޯނި އެދިމާޔަށް މިޞްރާބުޖެހީ މީހަކާއެކު ޑިންގީއެއް ބެހިއްޖެ ކަމުގެ މަޢުލޫމާތުވެސް ލިބިފައިވުމާ އެކުގައެވެ.

[އެ ފެންނަނީ އެ ޑިންގީކަންނޭނގެ. ކާސިމާ ކުޑަކޮށް ދުވެލި ބާރުކޮށްލަބަލަ.] ފަޅުވެރިޔަކު ދޯނީގެ ކެޕްޓަނަށް ގޮވާލާފައި ބުންޏެވެ. ކާސިމް ދުވެލި ބާރުކޮށްލިއެވެ.

އެއީ އިރުއޮއްސެމުންދިޔަ ވަގުތުކަމުން، ދުރުން ޑިންގީތެރެޔަކުން މީހަކު ފެންނަވަރެއް ނުވެއެވެ.

[އެއަކުން އެއްވެސް މީހަކު ނުފެނޭ.] ކުނބުކުރިޔަށް އަރައި ބަލައިލަމުން ފަޅުވެރިޔަކު ބުންޏެވެ.

[ވަރުބަލިވެގެން ޖައްސާލާފައި އޮތީ ކަމަށް ވެދާނެ. މިހާރު އެމީހަކު ގެއްލުނުތާ ތިންދުވަސްވީޔޭ.] ކާސިމް ބުންޏެވެ.

ވިއްސަކަށް މިނެޓްގެ ދުއްވުމަކަށްފަހު، އެމީހުންނަށް ޑިންގީއާ އަރާ ހަމަކުރެވުނުއިރު، ދުނިޔެމަތިވަނީ މުޅިން އަނދިރިވެފައެވެ. އެއީ މީހަކު ނެތް ހުސް ޑިންގީގަނޑެކެވެ. ނަމަވެސް، އޭގައި ފިރިހެން ފައިވާނަކާއި ގަމީހެއްގެ އިތުރުން، ފަޓްލޫނެއް އޮތެވެ. ދޯނީގެ ނެވި ކާސިމް، އެއަތޮޅު އަތޮޅުއޮފީހަށް ވަގުތުން ގުޅާފައި އެވާހަކަ ބުނެފިއެވެ.

އެހާ ހިސާބުން އަތޮޅު އޮފީހުން ދިން މަޢުލޫމާތަށް ކޯސްޓްގާޑުން އެދިމާއަށް ދަތުރު ފެށިއެވެ. އެވަގުތު ކޮންމެވެސް ކަމެއްގައި ހުވަދުއަތޮޅުގައި އޮތް ކޯސްޓް ގާޑްގެ ލޯންޗަށް އެހިސާބަށް އާދެވުނީ އަށެއްޖަހާކަންހާއިރުއެވެ.

ބެލެވޭ ގޮތުގައި، ބޭނުމަކީ އެ ސަރަޙައްދުގައި ފުރުޤާން އޮތްތޯ ހޯދުމެވެ. ނަމަވެސް، ފުރުޤާން ހޯދުމަށް ކުރި މަސައްކަތެއް ކާމިޔާބެއް ނުވިއެވެ. ފެނުނީ ޑިންގީއާއި އޭނާ ލައިގެން ހުރި އަންނައުނެވެ. ނަމަވެސް، އެ އަންނައުނަކީ ސީދާ ފުރުޤާންގެ އަންނައުނުކަން އޭނާގެ ޢާއިލާއިން ކަށަވަރުކޮށްދިނެވެ.

[އަހަރެން ބުނީމެއްނު، މިހާރު އޭނާ ދުނިޔެއަކު ނުހުންނާނެއޭ.] ޓީ.ވީ ޚަބަރު ބަލަން އިނދެފައި ނަޝްވާ ރީޙާނާ ވާހަކަ ދެއްކިއެވެ.

ހަމަގައިމުވެސް މިހާރު ކަންތައްތައް ވެފައިވާ ގޮތުން، ފުރުޤާން ސަލާމަތްވެގެން އައިސްފިނަމަ، ނަޝްވާއަށް ގިނަ ހުރަސްތަކެއް ކުރިމަތިވާނެއެވެ. ފަހަރެއްގައިވެސް އެނބުރި ފުރުޤާން އައްޑުއަތޮޅަށް އައުމަކީ އޭނާއަށް ރުހެވޭނޭ ކަމެއް ނޫނެވެ.

ނަމަވެސް، ތަޤްދީރު ރޭވެމުންދާ ގޮތަކީ، އެއްވެސް އިންސާނަކަށް ކުރިން އެނގޭނޭ ކަމެއް ނޫނެވެ. ފުރުޤާން ސަލާމަތްވުމަށް، ބަޔަކު ހިތަށްވެސް ނާރާފަދަ ކަމެއް މެދުވެރިވެދާނެއެވެ.

ވީވެސް އެހެންނެވެ. އޭނާ ސަލާމަތްކުރީ ނުވެސް ދަންނަ މީހެކެވެ. ދުރުން ފެނުނު ފަޅުރަށަކާ ދިމާއަށް ފަތައިގަތުމަށްޓަކައި އޭނާ މާކަނޑަށް ފުންމާލި ވަގުތު، އެ އެހީތެރިކަން އޭނާއަށް ލިބުނީ ކަނޑު އަޑިންނެވެ. އެއީވެސް ތަޤްދީރުގެ ރޭއްވެވުމެކެވެ. ތަޤްދީރުގެ ނިންމެވުމެކެވެ. ފަހަރެއްގައިވެސް ފުރުޤާން އެ ފަޅު ރަށަށް ދިޔައީކީ ފަތާފައެއް ނޫނެވެ. އޭނާ ދިޔައީ ކޮންމެވެސް އެއްޗެއްގެ ބުރަކަށިމަތީގައި އޮވެގެނެވެ. ނަމަވެސް އޭރު އޭނާ އޮތީ ހޭނެތިފައެވެ. ވުމާއެކު، ފުރުޤާނަށް އެރަށަށް ދެވުނު ގޮތެއް އެއްގޮތަކަށްވެސް އޭނާޔަކަށް ނޭނގެއެވެ.

[އަހަންނަށް މިރަށަށް އާދެވުނީ ކިހިނެއް؟ އަޅެ މީ ކޮންތަނެއް!] ހޭވެރިކަންވުމާއެކު، ވަށައިގެންވާ މަންޒަރުތަކަށް ނަޒަރު ހިންގާލަމުން ފުރުޤާން ވާހަކަ ދައްކަން ފެށިއެވެ. އަމިއްލަ ނަފްސާއެވެ. އޭނާއަށް އޮވެވުނީ ކުޑަވަރެއްގެ ހިތްގައިމު ގެއެއްގައެވެ. ގޭގެ ވަށައިގެން ވަނީ މާމެލާމެލީގެ ބަގީޗާއެވެ. ނަމަވެސް، އެ ސަރަޙައްދުންވެސް އެއްވެސް މީހެއްގެ ހިލަންވެސް ނުވެއެވެ. އެވަގުތަކީ އިރުއޮއްސޭ ވަގުތު ކަމުގައިވިޔަސް، އެ ކުޑަކުޑަ ގޭގެތެރެޔަކަށް އެއްވެސް އަނދިރިކަމެއް ވެރިއެއް ނުވެއެވެ.

ފާރުގެ ވަށައިގެން ފޭދިފައިވާ އައްޔެއްގެ ސަބަބުން މުޅިގޭތެރެޔަށް ވަނީ ހިތްގައިމު އައްޔެއް ފެތުރިފައެވެ.

[މީ ކޮން ތަނެއް….] ފުރުޤާން އުޅުނީ ތެދުވާށެވެ. ނަމަވެސް، މާބޮޑަށް ބަނޑުހައިވެ ވަރުބަލިވެފައި ވުމުގެ ސަބަބުން އޭނާޔަކަށް ނުތެދުވެވުނެވެ.

[އަހަރެން ސަލާމަތްކުރޭ…] ފުރުޤާނަށް ރޮއިގަނެވުނެވެ.

[ނުރޮއި ހުއްޓާލާ…ފުރުޤާން. އަހަރެން ފުރުޤާން ސަލާމަތްކޮށްދޭނަން. މިހާރު ތިޔައިނީ ވަރަށް ބޮޑަށް ބަނޑުހައިވެފައި. އަވަހަށް މިހިރަ އެއްޗެތި ކާލާ….] ކުއްލިއަކަށް އެގެޔަށް އައިސް އެވަނީ ވަރަށް ރީތި ހިތްގައިމު އަންހެން ކުއްޖެކެވެ. އޭނާ އަތުގައި ހުރި ތަބަކެއްގައި ދޮންކޭލާއި ދޮންއަނބާއި އަދި ފޭރާއި ކުރުނބާ ހުއްޓެވެ. ފުރުޤާން ދެލޯ ބޮޑުކޮށްގެން، ޙައިރާންކަމާއެކު، އެ އަންހެން ކުއްޖާއަށް ބަލަން ފެށިއެވެ.

[ޙައިރާންނުވޭ ފުރުޤާން…އަހަރެން ފުރުޤާނަށް އެހީވާނަން. އަވަހަށް މި ކާލާ….] އެ ރީތި އަންހެން ކުއްޖާ، ފުރުޤާންގެ ކުރިމަތީގައި ތަބައް ބަހައްޓައިފިއެވެ. މާބޮޑަށް ބަނޑުހައިވެފައި ހުރުމުގެ ސަބަބުން ފުރުޤާނަށް އެ އެއްޗެއްސަށް ބަލާކަށް ނީނދެވުނެވެ. އޭނާ ކުޑައިރުކޮޅެއްގެ ތެރޭގައި އެ އެއްޗެހި ކައި ހުސްކޮށްލައިފިއެވެ. އޭނާ ބޭރަށް ނިކުންނަން އުޅުނީ އެއަށްފަހުގައެވެ.

[ފުރުޤާން ކޮންތާކަށް…؟] ފުރުޤާން ހިނގައިގަތީމާ، އެ އަންހެން ކުއްޖާ ފުރުޤާން ހުއްޓުވަން މަސައްކަތް ކުރިއެވެ.

[ގެޔަށްދާން….] ފުރުޤާން ހުއްޓި، އެ އަންހެން ކުއްޖާގެ މޫނަށް ބަލައިލިއެވެ. އެއީ ކުރިން ދުވަހަކުވެސް އޭނާ ދެކެފައިނުވާފަދަ ރީތި ސިފަތަކެއް ލިބިފައިވާ އަންހެން ކުއްޖެކެވެ.

[ފުރުޤާން އެކަންޏަކު ގެޔަކަށް ނުދެވޭނެ. އިހަށް އަރާމުކުރަން އޮށޯވޭ. އަހަރެން ފުރުޤާން، ފުރުޤާންގެ ރަށަށް ގެންގޮސްދޭނަން.] އެއަންހެން ކުއްޖާ ފުރުޤާންގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބާއްވާލިއެވެ. ފުރުޤާން މޫދަށް ފުންމާލިއިރު ލައިގެން ހުރި ބޮކްސާ، ކޮޓަރިތެރޭ ހުރި ލަކުޑި ހަރެއްގެ މަތީގައި އޮއްވާ އޭނާއަށް އެވަގުތު ފެނުނެވެ. އެޔާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ.

[އަހަރެންގެ ހެދުން ބަދަލުކުރީ ކާކު؟] ފުރުޤާނަށް އޭނާ ލައިގެންހުރި ހެދުން ބަަދަލުވެފައިވާ ކަމުގެ އިޙްސާސްވީ އަދި ކިރިޔާއެވެ.

[އަހަރެން…އެކަމާ ކަންބޮޑުނުވޭ.] އެ ރީތި އަންހެން ކުއްޖާ ފުރުޤާން އޮތް އެނދުގެ މަގަތުގައި އިށީނެވެ. ޙަޤީޤަތުގައި މިހާރު ފުރުޤާން އެއޮތީ ވަރަށް ލަދުގެންފައެވެ.

[ތީ ކޮން ނަމެއް ކިޔާ ކުއްޖެއްތަ؟ އަހަންނާ ދިމާވިގޮތް ކިޔާދީފާނަންތަ؟] ފުރުޤާން އެއްސެވެ.

[އަހަންނަށް ކިޔަނީ ޒަހާ….އަހަންނަށް ފުރުޤާން ފެނުނީ އޮޔާދަނިކޮށް. އެވަގުތު އަހަރެން ފުރުޤާން ސަލާމަތްކޮށްގެން، މި ފަޅުރަށަށް ގެނައީ.] ޒަހާ ކިޔާދިނެވެ.

[ވަރަށް ބޮޑަށް ޝުކުރިއްޔާ. ޒަހާ ތިކޮށްދިން ހެޔޮކަމުގެ ބަދަލު އަހަރެން ދޭނީ ކިހިނެއްތަ؟] ފުރުޤާން ފުން ނޭވާއެއްލިއެވެ.

[ފުރުޤާން، މިގަޑީގައި މާގިނަ ވާހަކަ ދައްކަން ނަހަދާ، އަރާމުކޮށްލާ….ފުރުޤާން އަހަރެންދެކެ ބިރުގަނޭތަ؟] ޒަހާ އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.

[ކިހިނެއްވީ…ތީ އިންސާނެއް ނޫންދޯ؟] ފުރްޤާންގެ ހިތަށް ބިރުވެރިކަން ސަވާރުވީީ އަދި ކިރިޔާއެވެ.

[އާނ…އެކަމަކު ފުރުޤާން ބިރުނުގަންނާތި. އަހަރެންގެ ފަރާތުން ފުރުޤާނަށް އެއްވެސް ގެއްލުމެއް ކުރިމައްޗެއް ނުވާނެ. އަހަންނަކީ އިންސާނެއް ނޫން. އަހަންނަކީ ޕަރީއެއް….] ޒަހާ ލުއި ހިނިތުންވުމަކާއެކު ބުންޏެވެ. ޒަހާ މިހެން ބުނުމާއެކު، ފުރުޤާން ފުންމައިގެން ތެދުވެއްޖެއެވެ.

[އަޅެ….އަހަރެން ސަލާމަތްކުރޭ….އަހަރެން ޑިންގީއަކަށްލާ، މާސިންގާ ކަނޑަކަށް ދޫކޮށްލީވެސް އިންސާނެއް ނޫން. ހެޔޮނުވާނެ، އަހަރެން ސަލާމަތްކުރޭ. އާދޭސްކުރަން. އަހަންނަށް މި އަދަބު މިލިބެނީ ކޮން ކުށެއް ކޮށްގެންތަ؟] ފުރުޤާން ރޮއި އާދޭސްކުރަން ފެށިއެވެ.

[ފުރުޤާން…އަޑުއަހާބަލަ….އަހަންނަށް ހުރިހާ ކަމެއްވެސް އިނގޭ. ނަޝްވާގެ ސިފައިގައި އުޅޭ ރޫޙާނީ އެއްޗަކު ފުރުޤާނަށް ދިން ލަނޑެއްކަންވެސް އެނގޭ. އެކަމަކު އަހަރެން ފުރުޤާނަށް ދެރައެއް ނުދޭނަން. އިހަށް އަރާމުކޮށްލާ. މާދަމާ ފުރުޤާން ބޭނުމިއްޔާ، ފުރުޤާންގެ ރަށަށް ގެންގޮސްދޭނަން. އިހަށް ނިދާލެވޭތޯ ބަލާ.] ފުރުޤާންގެ ދެކޮނޑުގައި ޒަހާ ހިފައި އެނދުގައި އޭނާ ބާއްވާލިއެވެ. އެހާ ހިސާބުން ފުރުޤާން މައިތިރިވިއެވެ.

[ޒަހާ އޮންނާނީ ކޮންތާކު…؟] އެއީ ދުނިޔެމައްޗަށް ވިއްސާރައިގެ އަސަރު ވެރިވެ، ތުނިތުނިކޮށް ވާރޭވެހެން ފެށި ވަގުތުވެސްމެއެވެ. ވައިވެސް އެހާމެ ބާރެވެ.

[އަހަރެން ބިންމަތީގައި އޮންނާނަން.] ޒަހާ ތެދުވިއެވެ.

[ނޫން…އަހަރެން ޒަހާޔަށް އިތުބާރުކުރަން. ޒަހާވެސް މިއެނދުގައި އޮށޯވޭ. މިއީ ވަރަށް ފިނިވެސް ރެޔެއްނު.] ފުރްޤާން މިހެން ބުނީމާ، ޒަހާ (ޕަރީ) ހިނިތުންވެލުމަށްފަހު، އެ އެނދުގެ މަގަތުގައި އޮށޯވެއްޖެއެވެ. އެޔާއެކުހެން ބޯކޮށް ވާރޭވެހެން ފެށިއެވެ. ފިނިބޮޑުވަމުންދިޔަ ފުރުޤާން، ގާތުގައި އޮތް ޒަހާއާ ގާތަށް ޖެހިލިއެވެ. އޭރު ޒަހާޔަށް އޮތީ ނިދިފައެވެ. ނަމަވެސް، ފުރުޤާންގެ ލޮލަކަށް ނިންޖެއް ނާދެއެވެ. އޭނާ ބިރުގަންނަނީއެވެ. އޭނާ ހާސްވަނީއެވެ.

ކުއްލިއަކަށް ނިދީގައި އޮވެ، ޒަހާ ފުރުޤާންގެ ހަށިގަނޑުގައި އޮޅުލައިގަތީ ކޮޓަރިތެރެޔަށް އެންމެ ފިނިބޮޑުވި ވަގުތެވެ. ފުރްޤާނަށް ދެލޯ މަރާލެވުނެވެ. ބޭއިޚްތިޔާރުގައި މަޑުމަޑުން އޭނާގެ ދެއަތްވެސް ޒަހާގެ ހަށިގަނޑު ވަށާލިއެވެ. އެފުރްޞަތުގައި ޒަހާ ފުރްޤާންގެ މޭގެތެރެޔަށް ބޮނޑިވެލައިފިއެވެ.

ދެން ފެނިގެން ދިޔައީ ފުރްޤާން ކިތަންމެ ކެތްތެރިވާން މަސައްކަތްކުރި ކަމުގައިވިޔަސް، އޭނާގެ ކެތްތެރިކަން ކޮޅުންލީ މަންޒަރެވެ. ހުރިހާ ކަމެއް ހިނގާދިޔައިރުވެސް ޒަހާ އޮތެވެ.

[އައި ލަވް ޔޫ ފުރްޤާން….] ކުއްލިއަކަށް ވައިއަޑުން ޒަހާގެ އަޑު ނިކުތެވެ. އޭރު ފުރްޤާން އެއްވެސް ލަދުވެތި ކަމެއް، ބިރުވެރިކަމެއްނެތި، ހިތްހަމަޖެހުން ލިބިގަންނަނީއެވެ.

ފަހުން ފުރްޤާން ވަރަށް ދެރަވިއެވެ. ފަހަރެއްގައިވެސް ވެދިޔަ ކަންތައްތަކަކީ އޭނާ ކުރަން ވިސްނިވެސް ކަމެއް ނޫނެވެ. ނަމަވެސް، މިހާރު އޭނާޔަށް އެވަނީ ގުޅުން އުފެއްދިފައެވެ.

[އަހަންނަށް މަޢާފްކުރޭ ޒަހާ…އަޅެ މިރޭ އެހިނގި ކަންތަކުގެ ސަބަބުން ޒަހާ އަހަރެން ބަނދެނުލައްޗޭ.] ފުރްޤާން ރޯންފެށިއެވެ. މިހާރު އޭނާ ދެރަވެ އެ ރޮނީ ރޫޙާނީ އެއްޗަކާއެކު ގުޅުން ހިންގުނީމައެވެ.

[އެއީ އެއްވެސް ކަމެއް ނޫން. ކަންބޮޑުނުވޭ. އެއީ މަޢާފަށް އެދޭވަރުގެ ކަމެއް ނޫން. އެވީކަންތަކުން އަހަންނަށް ވަރަށް ހިތްހަމަޖެހުން ލިބިއްޖެ. އަދިވެސް ފުރްޤާން ބޭނުމިއްޔާ….] މިހެން ބުނެފައި، ޒަހާ އޮށޯވެލިއެވެ. ފުރްޤާންވެސް އޮށޯތެވެ.

އެރޭ ފުރްޤާނަކަށް އެއްވެސްވަރަކަށް ނިދޭގޮތެއް ނުވިއެވެ. އެރޭ ހިނގި ކަންތައްތަކާމެދު އޭނާއަށް ވިސްނެނީއެވެ. ހަމަގައިމުވެސް އެ ހަނދާންތަކާ ދުރަށް ދިޔުމަކީ އޭނާޔަށް ކުރެވޭނޭ ކަމެއް ނޫނެވެ.

ފުރުޤާނަށް ނިދޭގޮތްވީ ފަތިސްވާން ކައިރިވެފައި ވަނިކޮށެވެ. ވުމާއެކު، އޭނާއަށް ހެނދުނު ހޭލެވުނީ ދިހައެއްޖަހާ ބޮޑުވެފައި ވަނިކޮށެވެ. އޭނާ ތެދުވިއިރު ޒަހާ ހެނދުނުގެ ނާސްތާ ތައްޔާރުކޮށްގެން ހުއްޓެވެ.

މުޅިންވެސް ހުރީ މޭވާގެ ބާވަތްތަކެވެ.

[ފުރުޤާން އަވަހަށް މޭވާތައް ކާން އާދޭ…ފުރްޤާން ދެރަނުވާތި، އަހަރެން ފުރުޤާން ބޭނުންވާ ހުރިހާ ކަމެއްވެސް ކޮށްދޭނަން.] މޭވާ ތަބައް ގެނެސް، ފުރްޤާންގެ ކުރިމަތީގައި ޒަހާ ބެހެއްޓިއެވެ. މޭވާތައް ކައިގެން ފުރްޤާން ގެއިން ނިކުމެ އަތިރިޔަށް ފޭބިއެވެ. އެވަގުތު ރިޔަލު ދޯންޏެއް އައިސް، އެރަށުގެ ފަޅުތެރެޔަށް ވަންތަން ފުރުޤާނަށް ފެނުނެވެ. ލިބުނު އުފަލާއެކު، އެ ދޯނި ލަފާ ދިމާޔަށް އޭނާ ދުއްވައިގެންފިއެވެ.

[ފުރްޤާން ނުދުވެ މަޑުކުރޭ….] ފުރުޤާން ދުވަން ފެށީމާ ޒަހާ ގޮވިއެވެ. ނަމަވެސް، ފުރްޤާން ފަސްއެނބުރި ބަލައެއްވެސްނުލައެވެ.

އޭނާ ދުވެދުވެ ވަރުބަލިވީއިރުވެސް އެދޯނި އޮތް ސަރަޙައްދަކަށް ނުދެވުނެވެ. އޭނާ ދުވާވަރަކަށް ހީވަނީ ދުރުވާހެންނެވެ. ވުމާއެކު، އިސާހިތު ފުރުޤާން ވަރުބަލިވެގެން ވެއްޓުނެވެ.

އެ ފުރްޞަތުގައި، ޒަހާ ފުރުޤާން ކޮނޑަށްލައިގެން ގޮސް ގެޔަށް ވައްދައިފިއެވެ. އެއީ އެރަށަށް ލެފި ދޯނިން މީހުންތައް ފައިބައިގެން އެއްގަމަށް އަރަމުންދިޔަ ވަގުތެވެ. ނަމަވެސް، އެއިން އެއްވެސް މީހަކަށް ޒަހާ ފުރުޤާން ވެއްދި ގެއެއް ނުފެނެއެވެ. އެއިން މީހަކަށް ފުރުޤާންވެސް ނުފެނެއެވެ. އެރަށަކީ ވަރަށް މަދުން ނޫނީ މީހުން އައިސް އުޅޭ ރަށެއްވެސް ނޫނެވެ. ގިނަފަހަރަށް އެރަށަށް މީހުން ނާންނަނީ، އެރަށަކީ ނާމާން ރަށެއް ކަމަށް، ބައެއް މީހުން ބުނަމުންދާތީއެވެ.

ނަމަވެސް ދޭތެރެ ދޭތެރެއިން ދަރުހޯދަން ބައެއް މީސްމީހުން އެރަށަށް އައިސް އުޅެއެވެ. މިހާރު އެރަށަށް އައިސް އެއުޅޭ މީހުންނަކީވެސް ދަރު ހޯދަން އައިސްއުޅޭ ބައެކެވެ.

މިހާރުވެސް ފުރުޤާން ހޯދުމުގެ މަސައްކަތް، ދިވެހި ސިފައިން ހުއްޓައެއްނުލައެވެ. މިހާރުވެސް ޑިންގީ ފެނުނު ސަރަޙައްދު ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް އެބަދެއެވެ. ނަމަވެސް، އެއްވެސް ބަޔަކު އަދި ފުރުޤާން ހޯދުމަށްޓަކައި ޒަހާ (ޕަރީ)ގެ ބެލުމުގެ ދަށުގައި އޭނާ ހުރި ރަށަކަށް ނުދެއެވެ. އެއީ ހުވަދުއަތޮޅު ފަޅުފުށި  ކިޔާ ރަށެކެވެ. އެރަށަކީ ޢާންމުކޮށް މީހުން ގޮސް ނޫޅޭ ރަށަކަށްވުމުން، އެއީ ވަރަށް ގަސްބޯ ޖަންގައްޔެއްވެސް އޮންނަ ރަށެކެވެ. ވުމާއެކު، އެރަށުތެރެޔަށް އަދި އެރިޔަސް އެއީ އެރަށުގައި އުޅޭ އެންމެ މީހަކު ދެމީހަކު ހޯދުމަށް އެހާ ފަސޭހަ ކަމެއް ނޫނެވެ.

[ޑިންގީ ފެނިއްޖެ. އޭގައި އޮތޯ ފުރުޤާން ލައިގެން ހުރި ގަމީހާއި ފަޓްލޫނު. އޭނަޔަށްވީ ކިހިނެއްބާ؟] ރީޙާން ވާހަކަ ދެއްކީ އޭނާގެ އަންހެނުން ނަޝްވާއާއެވެ.

[ވެދާނެއެއްނު، އޭނަ ސަލާމަތްވާން ފުންމާލީމާ، ކަނޑުވީ ކަމަށްވެސް. އަހަންނަށް ރަނގަޅީ ދެން އޭނާއަށް އެނބުރި ނާދެވިއްޖެއްޔާ….ޙަޤީޤަތުގައި އޭނާގެ ސަބަބުން އަހަންނަށް ވަރަށް އުނދަގޫވޭ. މިރަށު އަހަރެންގެ ރައްޓެއްސަކު ބުނީ، އޭނަ އަހަރެން ޙާޞިލް ކުރުމަށްޓަކައި ފަންޑިތަ ހަދަން އުޅުނު ވާހަކަ. އޭނާ އުޅުނީ އަހަރެމެންގެ ލޯތްބަށް ހުރަސްއަޅަން. ރީޙާން އެގޮތް ބޭނުންތަ؟] ނަޝްވާ ބުންޏެވެ.

[ޙަޤީޤަތުގައިވެސްތަ؟ އޭނާ ހާދަވަރަކަށޭ ދޯ ނަޝްވާދެކެ އެ ލޯބިވަނީ.] ރީޙާން ދެއަތަކަށް ބޯހޫރާލިއެވެ.

[ރީޙާންވެސް އަހަރެންދެކެ ލޯބިވަމެއްނު. ދެން އޭނާގެ ވާހަކަ ނުދައްކަބަލަ.] ނަޝްވާ ބުންޏެވެ.

[އެންމެ ރަނގަޅު. އަހަރެން މިދަނީ އޮފީހަށް. މާދަމާ އެއްކަލަ ކަށީގެ ޑޮކްޓަރުގެ ނަމްބަރެއް ހޯދަންވާނެ. ފަޔާޒާއި ޙަކީމްބެ މިރޭ އަންނާނެ.] ރީޙާން މިހެން ބުނީމާ، ނަޝްވާ ވަރަށް ބޮޑަށް ސިހުނެވެ.

[އަޞްލުވެސްތަ، މައްސަލައެއް ނެތް. މިރޭ ޑިއުޓީގައި ހުރެގެން ނަމްބަރެއް ހޯދާނަން. އޭރުން މާދަމާ ދައްކާލެވޭނެ.] ނަޝްވާ ބުނެލިއެވެ.

ނަޝްވާ ބޭނުންވަނީ، ޙަކީމްބެމެން އަންނަރޭ ގިނަވަގުތު ބޭރުގައި އުޅޭށެވެ. އެރޭ ޙަކީމްބެއާއި ފަޔާޒް އައިއިރު، ނަޝްވާ ގެޔަކު ނޫޅެއެވެ. ފަޔާޒްމެނަށް ކާންދީ އެހީތެރިކަން ފޯރުކޮށްދިނީ ޝިވާންތައެވެ. ނަޝްވާ ދިޔައީ ޝިވާންތައާ ހުރިހާ ކަމެއް ޙަވާލުކޮށްފައެވެ.

[ރީޙާންގެ ވައިފް ކޮބައިތަ؟] ފަޔާ ކައިނިމި ހަމަޖެހިލަމުން އެއްސެވެ.

[މިރޭ ހޮސްޕިޓަލްގެ ޑިއުޓީގައި ހުރީ. ޢަމުދުން މިރޭ ކަށީގެ ޑޮކްޓަރުގެ ނަމްބަރެއް ލިބޭތޯ އޭނާ ހުންނާނީ ޑިއުޓީގައި.] ރީޙާން ބުންޏެވެ.

އެރޭ ނަޝްވާ ގެޔަށް އައީ ޙަކީމްބެމެން ނިދާހާއިރު ކޮށްފައި ވަރަށް ދަންވި ފަހުންނެވެ. ޖެހިގެން އައި ދުވަހު ފަތިހު އަނެއްކާވެސް ހޭލައިގެން އޭނާ ދިޔައީއެވެ. އޭނާ ދިޔައީ ނަމްބަރު ނަގަން ކިއުގައި ޖައްސާށެވެ.

ނަމްބަރު ލިބުމާއެކު، އޭނާ ރީޙާނަށް ގުޅާފައި އެމީހުން ގޮވައިގެން ހޮސްޕިޓަލަށް އައުމަށާއި، ކައުންޓަރުގައި އިން އަންހެން ކުއްޖަކާ ނަމްބަރު ޙަވާލުކޮށްފައިވާނޭ ކަމަށް ބުންޏެވެ.

[މައްސަލައެއް ނެތް. އެމީހުން ގޮވައިގެން އަހަރެން މިދަނީ. ނަޝް ތިއުޅެނީ ގެޔަށްދާންދޯ؟] ރީޙާން ބުންޏެވެ.

[އާނ އަހަރެން ކާރެއްގައި މި ނައްޓާލަނީ. ރީޙާން އަވަހަށް ހޮސްޕިޓަލަށްދޭ.] ނަޝްވާ މިހެން ބުނެފައި، ފޯނު ބާއްވައިފިއެވެ.

ފުރުޤާނަށް ހޭލެވުނުއިރު އޮވެވުނީ އެ ކުޑަކުޑަ ގޭގެ ހިތްގައިމު ކޮޓަރިތެރޭގައެވެ. މިފަހަރުވެސް އޭނާގެ ފޭރާންވަނީ ބަދަލުވެފައެވެ. އޭނާގެ ގާތުގައި ފުރުޓް ތަށްޓެއް ހިފައިގެން ޒަހާ އިނެވެ. ޒަހާ އިނީ ފުރުޤާންގެ ބޮލުގައި ފިރުމާލަ ފިރުމާލައެވެ.

[އަނެއްކާވެސް އަހަރެން މިތަނަށް ގެނައީތަ؟ އަހަރެންގެ ހެދުން ބަދަލުކުރީ ކީއްވެ؟] ފުރުޤާން ވަށައިގެން ހޯދަން ފެށިއެވެ.

[ފުރުޤާން އަނބުރައިގަނެގެން ވެއްޓުނީ ޗަސްބިމަށް. އަހަރެން ފުރަތަމަ ފުރްޤާން ގެނެސް ފެންވެރުވީ.] ޕަރީ ހިނިތުންވެލަމުން ބުންޏެވެ.

[އަހަރެން ބޭނުން ރަށަށްދާން. އަހަރެން މިރަށުގައި ހިފަހައްޓައިގެން ތިއުޅެނީ ކީއްކުރަންތަ؟] ފުރުޤާން އުޅުނީ ތެދުވާށެވެ.

[ފުރުޤާން…ކެތްތެރިވެބަލަ. މިރަށުގައި އަހަރެންގެ ކައިރީގައި ހުއްޓަކަސް، ފުރުޤާނަށް އެއްވެސް ނުރައްކަލެއް ނެތް. އަހަރެން ފުރުޤާނަށް ލޯބިދޭނަން.] ފުރުޤާންގެ އަތުގައި ޒަހާ ހިފެހެއްޓިއެވެ.

[ނޫން…އަހަރެން ބޭނުމީ ރަށަށްދާން.] ފުރުޤާނަށް ރޮވޭގޮތްވިއެވެ.

[އިހަށް މަޑުކުރޭ. ދެން މާގިނަ ދުވަސްތަކެއްނުވެ، އަހަރެން ފުރުޤާންގެ ރަށަށް ގެންގޮސްދޭނަން. އެކަމަކު އެއީ ޝަރުޠެއްގެ މަތިން.] ޒަހާ މިހެން ބުނެފައި، މޭވާތަށި ފުރުޤާންގެ އަތަށްދިނެވެ.

[އަވަހަށް ބުނޭ، ކޮބައިތަ ޝަރުޠަކީ؟ އަހަރެން ބޭނުން ސަލާމަތްވެގެން، އަހަރެންގެ މައިންބަފައިންނާއި ލޯބިވާ މީހާގެ ކައިރިޔަށް ދާން.] ފުރުޤާން ބުންޏެވެ.

ޒަހާގެ ފަރާތުން ތަފާތު ކަންތައްތަކެއްގެ ހިތްހަމަޖެހުން ލިބިފައިވީ ކަމުގައިވިޔަސް، އޭނާ ބޭނުންވަނީ ރަށަށް ގޮސް ނަޝްވާއާ ބައްދަލުކޮށް، ނަޝްވާގެ ސިފައިގައި އުޅޭ ހަންޑިއަކު އޭނާއަށް ކެހިދިން ވާހަކަވެސް ކިޔާދޭށެވެ.

[ތިޔަބުނާ ލޯބިވާ މީހަކީ ކާކުތަ؟ އަޅެ އަވަހަށް ބުނެބަލަ.] ޒަހާގެ ހިތް އަވަސްވިއެވެ.

[އެއީ ނަޝްވާ. އަހަންނަށް ކެހިދިނީ ނަޝްވާގެ ސިފައިގައި އުޅޭ ހަންޑިއެއް.] ފުރުޤާން ބުންޏެވެ.

[ފުރުޤާން ތިޔަ ބުނާ ނަޝްވާޔަކާ ފުރުޤާނަކާ ބައްދަލެއްނުވެވޭނެ. އޭނާ މިހާރުހުރީ ތިޔަބުނި ހަންޑީގެ ބާރުގެ ދަށުގައި. މިހާރު ފުރުޤާން ދިޔަޔަކަސް އޭނަޔާ ދިމައެއްނުވާނެ. ކީއްކުރަންތަ ދަނީ. އަހަރެންގެ ގާތު މިތާ ހުންނަންވީނު.] ޒަހާ އާފަލެއް ފަޅާލުމަށްފަހު، ފުރުޤާންގެ އަތަށް ދިނެވެ.

[އަހަރެން ބޭނުންވަނީ، ސަލާމަތްވެގެން ގޮސް ހުރިހާ ވާހަކައެއް ކިޔައިދޭން. ތިޔަ ބުނަން އުޅޭ ޝަރުޠުތައް އަވަހަށް ބުނޭ.] ފުރުޤާން އާފަލު ފަޅި ތަށްޓަށްލިއެވެ.

[ޝަރުޠަކީ އަހަންނާ ކައިވެނި ކުރުން…ކޮންމެހެންވެސް މިއަދު އަހަންނަށް މިވަނީ ފުރުޤާނާ ކައިވެނި ކުރަން މަޖުބޫރުވެފައި.] ޒަހާ މިހެން ބުނުމާއެކު، ލިބުނު ސިހުމާއެކު ފުރުޤާން ފުންމައިގެން ތެދުވެއްޖެއެވެ.

[އޭނ…ކީކޭ ކަލެޔާ އިންނާށޭ! ނުވާނެ ތިކަމެއް. ނުވާނެ ތިކަމެއް. ތިޔައީ ރޫޙާނީ އެއްޗެއް. އަހަންނަކީ އިންސާނެއް. ތިޔަ ބުނަނީ ކިހިނެއް ކުރެވޭނޭ ކަމެއް.] ފުރުޤާން ދެއަތަކަށް ބޯހޫރަން ފެށިއެވެ.

[މިއީކީ އެއްވެސް މައްސަލައެއް ނޫން. މިހާރު ރީޙާނާއި ނަޝްވާވެސް އެއުޅެނީ އިނދެގެން ނިކަން އުފަލުގައި. އަހަރެމެންނަށްވެސް އުޅެވެންވާނެއެއްނު. އަވަހަށް ބުނޭ، އަހަންނާ އިންނާނަމޭ.] މިހެން ބުނިއިރު، ޕަރީގެ މޫނުމަތިން ފެންނަމުންދިޔައީ އާދަޔާ ޚިލާފު ކުލަވަރަކާއި އަސަރެކެވެ.

ހިނދުކޮޅެއް ވަންދެން އަސަރުން ފުރިފައިވާ ޕަރީގެ މޫނަށް ބަލަން ފުރުޤާނަށް ހުރެވުނީ އެއްވެސް ޙަރަކާތެއްނެތިއެވެ. ހީވާކަހަލައެވެ. ޕަރީގެ މޫނުމަތިން ފެންނަމުންދިޔަ ޖާދުވީ އަސަރުގައި ފުރުޤާން ޖެހެނީއެވެ. ނުވަތަ ޕަރީގެ ބާރުން އޭނާ ފުރުޤާންގެ ހިތް އަނބުރަނީއެވެ.

[ފުރުޤާން ތިޔަހެން ނުހުރެ ބުނެބަލަ އާއެކޭ….އަހަރެން ފުރުޤާން ގެނބެމުން ދަނިކޮށް ސަލާމަތް ކޮށްގެން ގެނައީ އަހަރެން އިންސާނަކާއެކު ދިރިއުޅެން ބޭނުންވާތީ.] ފުރުޤާން ސިހުނީ ޕަރީގެ އަޑުންނެވެ.

[ތިބުނީ ރީޙާނާ ނަޝްވާވެސް އުޅެނީ ނޫންހޭ…ކީއްވެ އެހެން ބުނީ؟] ފުރުޤާން މިހުރިހާއިރު ވިސްނީ އެކަމާއެވެ.

[އެއީ ނަޝްވާއެއް ނޫން. ޑޮކްޓަރ ނަޝްވާގެ ސިފައިގައި އެއުޅެނީ ހަންޑިއެއް.] ޕަރީ ބުންޏެވެ. ފުރުޤާންގެ ދެލޯ ބޮޑުވިއެވެ.

[އޭނ…ކީކޭ! ތިޔަހެންވީއިރު ކޮބައިތަ  ނަޝްވާ!؟] ފުރުޤާން އެއްސެވެ.

[ނަޝްވާވެސް އެގޭގައި އެބައުޅޭ. އެކަމަކު ކޮޓަރިއެއްގެ ތެރޭގައި ހައްޔަރުކޮށް، ހަންޑީގެ ބާރުގެ ދަށުގައި.] ޕަރީ ކިޔައިދިނެވެ.

[ނޫން…އަހަރެން ބޭނުން ނަޝްވާ ސަލާމަތް ކުރަން. އަހަރެން ރަށަށް ފޮނުވައިދީ. އޭރުން ކަލޭގެ ޝަރުޠުތަކަށްވެސް އަހަރެން އެއްބަސްވާނަން.] ފުރުޤާން ބޭނުންވަނީ ނަޝްވާ ސަލާމަތްކުރަން ރަށަށްދާށެވެ.

[އެންމެ ރަނގަޅު…އަހަންނަށް ދޮގު ނަހަދާތި. އަދި ބުނަން، އަހަރެންގެ ވާހަކަ، އެއްވެސް މީހަކަށް ކިޔާނުދޭތި. ކިޔާދީފިއްޔާ މުޅި ޢުމުރަށް ފުރުޤާން ހިތާމަކުރަން ޖެހިދާނެ.]

ފުރުޤާން ރަށަށް ގެންގޮސްދޭން ޕަރީ އެއްބަސްވިއެވެ.

[މައްސަލައެއް ނެތް. އަހަރެން ޒަހާއާ އިންނަންވެސް އެއްބަސް. އަދި ޒަހާ ތިދެއްކި ހުރިހާ ވާހަކަޔަކަށްވެސް އިޙްތިރާމް ކުރާނަން.] ފުރުޤާން މިހެން ބުނީމާ،  ލިބުނު އުފަލާއެކު ޒަހާ ފުރުޤާންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. މަޑުމަޑުން ފުރުޤާންގެ ދެއަތްވެސް ޒަހާ ވަށާލީ އެއްވެސް އިޚްތިޔާރަކާނުލައެވެ. އެވަގުތު ހިނގާދިޔަ ހުރިހާ ކަމެއްވެސް ހިނގާދިޔައީ ފުރްޤާނަށްވެސް އެނގިގެނެވެ. ނަމަވެސް، ޒަހާއާއި ފުރުޤާންގެ ގުޅުމުން އިތުރު ފުރާނައެއް އުފަންވެދާނޭ ކަމަށް ފަހަރެއްގައިވެސް ފުރުޤާނަކަށް ވިސްނިފައެއް ނެތެވެ. ނުވަތަ އޭނާގެ ހަނދާނުގައިވެސް އެކަމެއް ނެތެވެ.

ޖެހިގެން އައި ދުވަހު، އެރަށަށް ދަތުރު އައި ބަޔަކަށް ފުރުޤާން ފެނި، އޭނާ ފެނުނު ޚަބަރު މުޅި ރާއްޖެއަށް ފެތުރިގެންދިޔައެވެ. ކޯސްޓްގާޑްގެ އެހީގައި ފުރަތަމަވެސް އޭނާ ގެންދެވުނީ ހިތަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށެވެ.

[އަހަރެން ހޮސްޕިޓަލަށް ގެނައީ ކީއްކުރަން. އަހަރެން ބައްޔެއް ނޫނޭ. އަހަރެން ބޭނުންވަނީ ރަށަށް ދާން.] ހޮސްޕިޓަލަށް ވެއްދުމުން ފުރުޤާން ބުންޏެވެ.

[އެކަމަކު މެޑިކަލް ހަދާފައި ނޫނީ ގެޔަކަށް ނުދެވޭނެ. ނުކައި ނުބޮއި ފަޅުރަށެއްގައި އުޅޭތާ ފަސްދުވަސްވާއިރު، ވަރަށް ވަރުދެރަވާނެ.] ފުރުޤާންގެ ބޭބެ ފިކުރީ ފުރުޤާނަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

[ނަޝްވާ….ފަޅުރަށެއްގައި އުޅެނިކޮށް ފުރުޤާން ފެނިގެން، މިހާރު މިކޮޅަށް ގެނެސްފި.] އޮފީހުން އައިސް ގެޔަށް ވަންގޮތަށް ރީޙާން ބުންޏެވެ.

[އޭނ….! ކީކޭ….! ފުރުޤާން ފެނިއްޖޭ…ދޮގެއްތީ.] ނަޝްވާ ދިޔައީ ސިއްސައިގެނެވެ. އޭނާ ވަރަށް ބޮޑަށް ހާސްވެއްޖެއެވެ.

[ނަޝް ހާދަ ހާސްވަނީ. ހަމަ ތެދެކޭ މިބުނީ، އޭނަ ފެނިއްޖެ. މިހާރުވީ ހިތަދޫ ހޮސްޕިޓަލްގައި. އަހަރެން މިއުޅެނީ އޭނާ ދެކެލަން ހޮސްޕިޓަލަށް ދާން…ނަޝް ދާނަންތަ؟] ރީޙާން ހެދުން ބަދަލުކުރަމުން ވާހަކަ ދެއްކިއެވެ.

[ނޫނޭ އަހަންނެއް ނުދާނަން. އަނެއްކާ އަނެއް ކަންތަކާ ތިޖެހުނީ. އަހަރެން ހީކޮށްގެން މިހުންނަނީ، އޭނާގެ ކިބައިން ސަލާމަތްވެވުނީ ކަމަށް. އަހަންނެއް ނުދާނަން. ރީޙާން ދިޔަޔަސް ވަރިހަމަ.] ނަޝްވާ ބުންޏެވެ.

[އެންމެ ރަނގަޅު…އަހަރެން މިދަނީ ހައިޝަމާއެކު ހޮސްޕިޓަލަށް ދާން. މިހާރު ހޮސްޕިޓަލް ވަރަށް ބާރު ބޮޑުވެސްވާނެ.] ރީޙާން ނިކުތެވެ. ނަޝްވާ ވިސްނަން ފެށިއެވެ.

ޙަޤީޤަތުގައި އެ ކުރިމަތިވީ އޭނާގެ ޙަޔާތަށް ވަރަށްބޮޑު ހުރަސްތަކެކެވެ.

[އަހަރެން އޭނާގެ ކިބައިންވެސް ސަލާމަތްވާނަން. އޭނާއަށް އެއްވެސް ވާހަކައެއް ދައްކާނޭ ފުރްޞަތެއް ނުދޭނަން.] ނަޝްވާވެސް ރީޙާންގެ ފަހަތުންހެން ނިކުމެއްޖެއެވެ.

މިހާރު ރީޙާންގެ ރަޙްމަތްތެރިއެއް ކަމުގައިވާ ފަޔާޒްވެސް ހުރީ އޭނާގެ ބައްޕަ އޮޕަރޭޝަން ކުރުމަށްޓަކައި ހޮސްޕިޓަލްގައި ބާއްވައިގެނެވެ. ޙަކީމްބެދެކެވެސް ނަޝްވާ ބިރުގަނެއެވެ. ވުމާއެކު، އަދި އޭނާ ޙަކީމްބެއާ ކުރިމަތިނުލައެވެ.

[އެއްވެސް އައި.ވީ.އެއް ގުޅާނެ ކަމެއް ނެތް. ބޭބޭ….ހިނގާބަލަ މިތަނުން ގެޔަށްދާން. މިތާ އޮތީމާ ހާދަ މީހުންނެއް އެބަ އާދެޔޭ.] ފުރުޤާން އަދިވެސް ޝަކުވާ ކުރަމުން އެދަނީ، ހޮސްޕިޓަލްގައި ނޯންނާށެވެ. އޭނާ ބޭނުންވަނީ ރަށަށް ގޮސް، ރީޙާނާ ބައްދަލުކޮށްފައި ނަޝްވާގެ ސިފައިގައި އުޅެނީ އިންސާނެއް ނޫންކަމާއި، ޙަޤީޤީ ނަޝްވާ ހައްޔަރުގައި އެގޭގައި ހުރި ވާހަކަ ބުނާށެވެ.

[ފުރުޤާން…ތިޔަ އައި.ވީ ހުސްވީމާ ގެޔަށް ދެވިދާނެ. މިހާރު ދެން އައި.ވީ ހުސްވާކަށް މާގިނައިރެއް ނެތެއްނު. ދެން ބުނެބަލަ…ކޮއްކޮ ކީއްކުރަންތަ، އެ ޑިންގީއަށް އަރައިގެންދިޔައީ….ޢަމުދުން ހިތަދޫ ފަޅުތެރޭގައި އޮތް އެއްޗަކަށް ކޮއްކޮ އަރައިގެން ދިޔުމުން ޢަޖައިބުވޭ.] ފިކުރީ އެއްސެވެ. އޭރު އެސުވާލުގެ ޖަވާބަށް ބޭނުންވެގެން އައްޑޫގައި ޙަރަކާތްތެރިވާ ތިން ނޫސް ރިޕޯޓަރަކުވެސް ތިއްބެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ފުރުޤާން ދެލޯމަރާލިއެވެ.

[މިވަގުތު އެއްވެސް ވާހަކައެއް ދައްކާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން ބޭނުންވަނީ ރަށަށްދާން. ރަށަށް ގޮސް ނަޝްވާ ސަލާމަތްކުރަން އަހަރެން ބޭނުންވަނީ.] ފުރުޤާނަށް މިހެން ބުނެވުނު ވަގުތަކީ، އޭނާގެ މަންމަ ޚަދީޖާ އެތަނަށް އައިސް ވަން ވަގުތެވެ.

[މަންމާ…އަހަރެން ބޭނުންވަނީ ގެޔަށްދާން. އަހަރެން ގެއްލިގެން މަންމަމެން ވަރަށް ހޯދައިފިންދޯ؟ ދެން ހިތާމަނުކުރޭ މަންމާ….އަހަރެން މިހުރީ މަންމަމެންގެ ގާތަށް އައިސް. ދެން އެކަހަލަ ލަނޑެއް އަހަންނަށްދޭކަށް އޭނަޔަކަށް ފުރްޞަތެއް ނުދޭނަން. އަހަރެން އޭނާގެ ހުރިހާ ކަމެއް ފަޅާއަރުވާނަން.] ފުރުޤާން ވާހަކަ ދައްކަނީ ވަރަށް ދުރުންނެވެ. ވުމާއެކު، އެތަނުގައި ތިބި ހުރިހާ އެންމެންގެ ހިތުގައިވެސް ސުވާލު އުފެދުނެވެ.

[ދަރިފުޅާ…ކާކުގެ ވާހަކައެއްތަ ތި ދައްކަނީ…މަންމަމެން ގާތު ބުނެބަލަ. ދަރިފުޅު ތި ޙާލުގައި ޖެއްސީ ކާކުތަ؟] ޚަދީޖާ އެހިއެވެ. ނަމަވެސް، ފުރުޤާން ޖަވާބެއް ނުދިނެވެ. އޭނާ އަނެއް ފަރާތަށް އެނބުރުނެވެ.

އެއީ ލޫބާ އައިސް އެތާނގެ ދޮރުމައްޗަށް ހުއްޓުނު ވަގުތެވެ. އޭނާ ބޭނުންވަނީ ފުރުޤާނުގެ ވާހަކަ ހުއްޓުވާލާށެވެ.

[ދަރިފުޅާ ބުނެބަލަ ކާކުތަ އެއީ!] ޚަދީޖާއަށް ރޮވުނެވެ. އެވަގުތު އެވާހަކަ މަންމަމެނަށް ކިޔާދިނުމަށްޓަކައި ފުރުޤާން މަންމައާއި ދިމާޔަށް އެނބުރުނެވެ.

[މަންމާ…އެއީ…..] ދޮރުމަތީގައި ހުރި ލޫބާ ފުރުޤާނަށް ފެނުނީ އެވަގުތެވެ. އެޔާއެކު، އޭނާގެ ދުލުގައި ކަސްތޮޅު އެޅުނު ކަަހަލައެވެ. ލޫބާ ހުރީ ނިކަން ބިރުވެރި ސިފައެއްގައެވެ. އޭނާ ފެންނަނީވެސް ހަމައެކަނި ފުރުޤާނަށެވެ.

[ކިހިނެއްވީ ދަރިފުޅާ….ދެންވެސް ބުނެބަލަ. އަވަހަށް ބުނޭ….] ޚަދީޖާއަށް މިހެން ބުނެވުނު ވަގުތަކީ، ރީޙާނާއި ހައިޝަމް އެތަނަށް އައިސް ވަން ވަގުތެވެ.

[ފުރުޤާން….ކިހިނެއް..؟] ރީޙާނާއި ހައިޝަމް ފުރުޤާނާ ސަލާމްކޮށްލިއެވެ. ނަމަވެސް، ދޮރުމަތިން ފެންނަމުންދިޔަ ބިރުވެރި އިންޒާރުތަކުގެ ސަބަބުން ފުރުޤާން އެއޮތީ އަނގައިންވެސް ބުނަން ނުކެރިފައެވެ.

އޮޕަރޭޝަން ކުރުމަށްޓަކައި ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ގެނެސްފައިވާ ޙަކީމްބެއާއި ފަޔާޒް އެތަނަށް އައިސް ވަނީ އެވަގުތެވެ.

ޙަކީމްބެ ވަން ވަގުތު ދޮރުމަތީގައި ހުރި ލޫބާ ގެއްލުނު މަންޒަރު ވަރަށް ރަނގަޅަށް ފުރުޤާން ދުށްޓެވެ. ވުމާއެކު، ފުރުޤާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.

[އަޑުއަހާ މަންމާ…އަހަރެން މިޙާލުގައި ޖެއްސީ ނަޝްވާ.] ފުރުޤާންގެ މި ޖަވާބުން ނަޝްވާއަކީ ކާކުކަން އެނގޭ މީހުންގެ ދެލޯ ޙައިރާންކަމާއެކު ބޮޑުވިއެވެ.

[އޭނ…..ނަޝްވާއޭ!…..] ޙައިރާންކަމާއެކު ރީޙާނަށް އަހާލެވުނެވެ.

[ނަޝްވާއެއް ނޫން. ނަޝްވާގެ ސިފައިގައި ރީޙާންގެ އަންބެއްގެ މަޤާމް ފުރަމުންދާ ހަންޑި….ރީޙާން…އަވަހަށް ތި އެތީގެ ކިބައިން ސަލާމަތްވޭ. އޭތީގެ ބާރުގެ ދަށުގައި ތިގޭ ކޮޓަރިއެއްގައި ހައްޔަރުކޮށްފައިވާ ނަޝްވާ ސަލާމަތްކުރޭ…..] ފުރުޤާން މިހެން ބުނީމާ، ރީޙާނަށް ބަލައިލެވުނީ ހައިޝަމްގެ މޫނަށެވެ. އެއަށްފަހު، ނަޝްވާގެ ސިފައިގައި އުޅޭ ހަންޑި، ފުރުޤާން ކާރަށްލައިގެން ގެންގޮސް އޭނާ ޑިންގީއަށްލާ، ބައްސާލިގޮތް ވަރަށް ތަފްޞީލުކޮށް ނޫސްވެރިންގެ ޙާޟިރުގައި ކިޔާދިނެވެ. ވަގުތުން ޙަކީމްބެ ގޮވައިގެން ރީޙާންމެން ދިޔައީ ގެޔަށެވެ.

ޙަކީމްބެ ގޮވައިގެން ގޮސް ރީޙާންމެން ފުރަތަމަ ބެލީ، ކުރިން ބޭސްލާފައި ހުރި ކޮޓަރިއެވެ. ނަމަވެސް، އެތާކުން މީހެއްގެ އެއްވެސް ހިލަމެއް ނުވުމުން، ރީޙާން ޙަކީމްބެއާއެކު ގޮސް، އެމީހުންގެ ޚާއްޞަ ކޮޓަރީގެ ދޮރު ހުޅުވައިފިއެވެ. އެޔާއެކު ޙަކީމްބެ ދެލޯ ބޮޑުވިއެވެ. އެތާހުރި ސޯފާގައި ހަތަރެސްފައި ބަނދެފައިވާ އަންހެނަކު އޮތެވެ. އޭނާ ފެނުނީ އެކަނި ޙަކީމްބެއަށެވެ.

[ރީޙާން…ނަޝްވާ ތިއޮތީ….] ޙަކީމްބެ ކިޔަވަން ފެށިތާ އިރުކޮޅެއްނުވެ ކުއްލިއަކަށް އެންމެންގެ ލޯމައްޗަށް ނަޝްވާ ފެނުނެވެ. ވަގުތުން ނަޝްވާގެ އަތްފައި މޮހާލުމަށްފަހު، ރީޙާން ނަޝްވާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. މިހާރު ނަޝްވާ ބާރުބާރަށް ރޮނީއެވެ.

އެއަށްފަހު، ނަޝްވާ ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު، ޤަވާޢިދުން ހަންޑި އޭނާއަށް ކާންދޭ ވާހަކައާއި، އޭނާއަށް އަނިޔާނުކުރާ ވާހަކަވެސް ކިޔާދިނެވެ.

[ޙަކީމްބޭ….އަވަހަށް ތިއެތީގެ ކިބައިން އަހަރެމެން ސަލާމަތްކޮށްދީ….] މިހާރު އެގެޔަށް ރަށުގެ ވެރިންނާއި ފުލުހުންވެސް އައިސް ވަދެއްޖެއެވެ. މީގެއިތުރުން، ބައެއް ނޫސް ރިޕޯޓަރުންވެސް ތިއްބެވެ.

[ތިޔައީ އެއްވެސް ކަމެއް ނޫން. އޭތީގެ ކިބައިން މުޅި ޢުމުރަށް ތިޔަ ދެކުދިން ސަލާމަތް ކޮށްދިނުމުގެ ޤާބިލްކަންވެސް އަހަރެންގެ ކިބައިގައި އެބަހުރި.] ޙަކީމްބެ އޭރުވެސް ކިޔަވަނީއެވެ.

އެރޭ ޙަކީމްބެ ދެތަވީދު ލިޔެފައި ނަޝްވާއާއި ރީޙާންގެ އުނަގަނޑުގައި އެޅުވިއެވެ. އަދި ފުރުޤާންގެ ރައްކަލަށް އޭނާގެ އުނަގަނޑުގައި އެޅުވުމަށްޓަކައިވެސް ޙަކީމްބެ ތަވީދެއް ލިޔުނެވެ.

[އަހަރެން ތަވީދެއް ނާޅާނަން. މަންމާ…އަހަރެން މިހާރަކު އޭތިދެކެ ކުޑަވެސް ބިރެއްނުގަނޭ…އޭއްޗަކަށް ދެން އަހަންނަށް ގޯނާކުރާކަށް ނުކެރޭނެ. މިގެޔަށްވެސް އެއްވެސް ކަމެއް ކުރާނެ ކަމެއްނެތް…]

ޖެހިގެން އައި ދުވަހު، ޙަކީމްބެ ލިޔެދިން ތަވީދު އޭނާގެ އުނަގަނޑުގައި އަޅުވަން އުޅުމުން ފުރުޤާން ބުންޏެވެ. ފުރުޤާން ހޮސްޕިޓަލުން ގެޔަށް ދޫކުރީ އެދުވަހުގެ ހެނދުނުއެވެ.

[ދަރިފުޅާ…އެހެން ކަމަކުނުދާނެ. މި އަޅާބަލަ….] ފުރުޤާންގެ އަތަށް ޚަދީޖާ ތަވީދު ދިނެވެ. މަންމަ މާބޮޑަށް އާދޭސްކުރަން ފެއްޓީމާ ފުރުޤާން ތަވީދު އަތުލިއެވެ.

[އެންމެ ރަނގަޅު. އަހަރެން ތަވީދު އަޅާފާނަން. މަންމަމެން ހާދަ ބިރެކޭދޯ ތިގަންނަނީ. ފުރުޤާން ތަވީދު ހިފައިގެން ގޮސް ފާޚާނާޔަށް ވަނެވެ. ނަމަވެސް އޭނާ އުނަގަނޑުގައި އެ ތަވީދެއް ނާޅައެވެ. އޭނާ ފާޚާނާޔަށް ވަދެ އިރުކޮޅެއްފަހުން ތަވީދު ޖީބަށް ލައިގެން ނިކުތީއެވެ.

[މިހާރު މަންމަ ހިތްހަމަޖެހިއްޖެ.] ޚަދީޖާ ބުންޏެވެ.

[މަންމަ ހިތްހަމަޖައްސަން ވެގެންނޭ މި އެޅީ. މަންމާ ޙަޤީޤަތުގައިވެސް ތަވީދެއް  ނޭޅިޔަސް، އޭތި އަހަރެންދެކެ ޖެހިލުންވާނެ.] ފަޚުރުވެރި ރާގެއްގައި ފުރުޤާން ބުންޏެވެ.

[ޖެހިލުންވިނަމަ، ދަރިފުޅު ތިގޮތަށް ބެހިގެންދާނެ!؟] ޚަދީޖާ ފުރުޤާންގެ ބޮލުގައި އަތްކާއްތާލިއެވެ.

[މަންމާ…އަހަރެން މިބުނަނީ އޭރުގެ ވާހަކައެއް ނޫން. މިހާރުގެ ވާހަކަ. މިބުނަނީނު، އޭއްޗަކަށް ލާހިކު ކުޅަދާނައެއް ނޫނޭ އަހަންނާ ބެހޭކަށް.] ފުރުޤާން މޭ ފުއްޕާލިއެވެ. ހަވީރު ނޫހާއި މިއަދު ނޫހުގެ ދެ ރިޕޯޓަރުން އެގެޔަށް އައިސް ވަނީ އެވަގުތެވެ.

ކުރީ ދުވަހުވެސް މި ދެރިޕޯޓަރުން ވަނީ ފުރުޤާންގެ އިންޓަރވިޔުއެއް ހޯދުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް، ފުރުޤާން އެއްވެސް ނޫހަކަށް މަޢުލޫމާތުދޭކަށް ބޭނުމެއް ނުވިއެވެ.

[އަނެއްކާވެސް ތިއައީދޯ؟ އަހަރެންގެ ފޮޓޯ ނޫހުގައި ޖެހިޔަސް ވަރިހަމަ…އެކަމަކު އަހަރެންގެ ފަރާތުން މަޢުލޫމާތެއްދޭކަށް ބޭނުމެއް ނޫން.] ނޫސްވެރިން ފެނުމުން ފުރުޤާން ބުންޏެވެ.

[ސިއްރުކުރަން ބޭނުންވާ ކަންތައްތައް ސިއްރު ކުރިޔަސް، ތި ޙާދިޘާއާ ބެހޭގޮތުން ކޮންމެވެސް މިންވަރެއް ކިޔާދީ….] އެތަނުން އެއް ރިޕޯޓަރު އެދުނެވެ. ނަމަވެސް، ފުރުޤާން އެކަމަކަށް އެއްބަސްވާކަށް ނޫޅުނެވެ.

[އެޙާދިޘާއާ ބެހޭގޮތުން އެއްޗެކޭ ބުނެވޭނީ ވިސްނާފައި. ހަމަގައިމުވެސް ޑޮކްޓަރ ނަޝްވާއެއް ނޫން އަހަރެން ޙާލުގައި ޖެއްސީ.] ނޫސްވެރިންގެ ކުރިމަތީގައި ފުރުޤާން ބުނީ އެހާވަރަށެވެ.

ޖެހިގެން އައި ދުވަހު ނިކުތް ހަވީރު ނޫހާއި މިއަދު ނޫހުގައި އެޙާދިޘާއާ ބެހޭގޮތުން ލިޔެފައިވާ ޚަބަރުތަކުގެ ސުރުޚީތަކުގައި ވަނީ ފުރުޤާންގެ ވާހަކައިގެ ޢިބާރާތްތަކެވެ.

(ނުނިމޭ)


  • ދެން އޮތީ މި ވާހަކައިގެ އެންމެ ފަހު ބައެވެ.
About the author
Leave Comment