1700 ފާޠިމަތު ސަރީރާ ޢަލީ ޝަރީފް މިނިވަންކަމޭ ބުނުމުން އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންގެ ހިތަށް ވަންނަނީ އަޅުގަނޑުމެންނަށް ލިބިދީފައިވާ، ނުވަތަ ލިބިދޭންޖެހޭ މިނިވަންކަމުގެ ވާހަކައެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބާބު ދޭކުން ކަށަވަރުކޮށްދޭ ޙައްޤުތަކާއި މިނިވަންކަމުގެ ވާހަކައެވެ. މިހެން މި ދެންނެވީ އެއްގޮތަކަށްވެސް މިކަމާ ބެހޭ ދިރާސާއެއް އަޅުގަނޑު ކޮށްގެން އުޅޭތީއެއް ނޫނެވެ. މިއީ އަޅުގަނޑަށް ފެންނަ ވަރަށް ގިނަ މީހުންގެ ވާހަކައާއި ޢަމަލުތައް ހުންނަ ގޮތަށް ބަލާއިރު، އަޅުގަނޑުގެ ހިތަށް އަރާ އެއްޗެކެވެ.…
Share on Facebook17Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ފާޠިމަތު ސަރީރާ ޢަލީ ޝަރީފް

މިނިވަންކަމޭ ބުނުމުން އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންގެ ހިތަށް ވަންނަނީ އަޅުގަނޑުމެންނަށް ލިބިދީފައިވާ، ނުވަތަ ލިބިދޭންޖެހޭ މިނިވަންކަމުގެ ވާހަކައެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބާބު ދޭކުން ކަށަވަރުކޮށްދޭ ޙައްޤުތަކާއި މިނިވަންކަމުގެ ވާހަކައެވެ. މިހެން މި ދެންނެވީ އެއްގޮތަކަށްވެސް މިކަމާ ބެހޭ ދިރާސާއެއް އަޅުގަނޑު ކޮށްގެން އުޅޭތީއެއް ނޫނެވެ. މިއީ އަޅުގަނޑަށް ފެންނަ ވަރަށް ގިނަ މީހުންގެ ވާހަކައާއި ޢަމަލުތައް ހުންނަ ގޮތަށް ބަލާއިރު، އަޅުގަނޑުގެ ހިތަށް އަރާ އެއްޗެކެވެ. ދެތިން މިސާލު ދަންނަވައިލާނަމެވެ.

ވަރަށް ފަހުން ރަށެއްގައި ތިން އަހަރުގެ ތުއްތު ކުއްޖަކަށް އަނިޔާކޮށް މަރައިލި ވާހަކަ ހަނދާންކޮށްލަމާތޯއެވެ؟ އާދެ، މި ދަންނަވަނީ ތުއްތު އިބްތިޙާލްގެ ވާހަކައެވެ. އިބްތިޙާލު މަރުވުމުން، އޭނާގެ ވާހަކަ މުޅި ގައުމު ދެއްކިއެވެ. އޭނާގެ މާޔޫސްކަން ދައްކުވައިދޭ މައުސޫމު މޫނާއި، ހިތާމައިން ފުރިފައިވި ދެލޮލާއި، އެ ލޯބި ލޯބި ބަލައިލުމާއި، އެންމެ ފަހުން އޭނާ މަރުވުމަށް ފަހު އޭނާގެ ފުރާނަ ނެތް ތުއްތު ހަށިގަނޑުގެ ނާޒުކު ގުނަވަންތަކުގެ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި ކެނޑިނޭޅި ދައުރުވަމުން ދިޔައެވެ. އޭނާއަށްޓަކައި ވާހަކައާއި، ޅެމާއި، ލަވައާއި، ދުޢާ ލިޔެވިގެންދިޔައެވެ.

ނަމަވެސް މި ހުރިހައި ކަމަކަށް ވުރެ ބޮޑަށް އަޅުގަނޑަށް ފާހަގަވި ކަމެއް އެބަ އޮތެވެ. އެއީ “ކުށްވެރި”ކުރުމެވެ. އާދެ، ކޮންމެ މީހަކުވެސް ކުށްވެރިކުރާނެ ކޮންމެވެސް އެހެން މީހަކު ނުވަތަ މުއައްސަސާއެއް ހޯދިއެވެ. އެވެނި މީހަކު މިވެނި ކަމެއް ކުރި ނަމަ، ނުވަތަ ނުކުރި ނަމަ އެހެނެއް ނުވީހެވެ. އެވެނި މުއައްސަސާއަކުން މިވެނި ކަމެއް ކުރި ނަމަ، ނުވަތަ ނުކުރި ނަމަ އެހެނެއް ނުވީހެވެ. ތިމާއަށް، ނުވަތަ ތިމާ ވަޒީފާ އަދާކުރާ މުއައްސަސާއިން އެވެނި ކަމެއް މިވެނިހެން ކުރެވުނު ނަމަ އެހެނެއް ނުވީހޭ ބުނަން ކެރުނު ހަމަ އެކަކުވެސް ނުފެނުނެވެ.

ތެދެކެވެ. އިބްތިޙާލު މަރުވެދިޔަ ހާދިސާއަށް ބަލާއިރު، އޭނާ މަރުވީ އޭނާގެ މަންމަ އޭނާއަށް ކުރި އަނިޔާގެ ވޭނުގައެވެ. ނަމަވެސް އެއީ ކުއްލިއަކަށް ދިމާވި ކަމެއް ނޫނެވެ. އޭނާ މި އަނިޔާވެރި ދުނިޔޭގައި ހޭދަކުރި ކުރު ތިން އަހަރު، އާދެ، އެ ތުއްތު ކުއްޖާގެ މުޅި އުމުރު ހޭދަކުރީ ވޭނާއި ކެކުޅުމުގައެވެ. އެ ތުއްތު ކުއްޖާއަށް އަނިޔާ ކުރާކަން ނުދެނެހުރި ހަމަ އެކަކުވެސް އެ އާއިލާގައި ކީއްކުރަންތޯ، އެ ހިސާބުގަނޑުގައި ވެސް ހުރިކަމަކަށް ނުވެއެވެ. މި އެންމެންގެ ފަރުދީ ޒިންމާ ކޮބައިތޯއެވެ؟

ތުއްތު އިބްތިޙާލް މަރަށް ތެޅުނު ވަގުތު އޭނާގެ ހިތް ރޮއި އާދޭސްކުރަމުން ގޮވާނީ ޖެންޑަރ މިނިސްޓްރީއަށްތޯއެވެ؟ އެރަށުގެ ކައުންސިލަރުންނަށްތޯއެވެ؟ ނުވަތަ ފުލުހުންނަށްތޯއެވެ؟ އެ ތުއްތު ކުއްޖާ ޖެންޑަރ މިނިސްޓްރީއެއް ނުދަނެއެވެ. ކައުންސިލްގެ އިދާރާއެއް ނުދަނެއެވެ. ފުލުހުންނެއް ވެސް ނުދަނެއެވެ. އޭނާ ދަންނަނީ އޭނާގެ ކޮންމެވެސް ބޭބެއެކެވެ. ދައްތައެކެވެ. ގާތްތިމާގެ މީހެކެވެ. އާއިލީ ރައްޓެއްސެކެވެ. އަވަށްޓެރިއެކެވެ. އެ ކުއްޖާއަށް އެ ވަރަށް އަނިޔާކޮށް މަރައިލިއިރު މި އެންމެން ކޮބައިތޯއެވެ؟ އެ ތުއްތު ކުއްޖާގެ ދިރިހުރުމުގެ ޙައްޤު ގެއްލިގެން އެ ދިޔައީ މި އެންމެންގެ ފަރުދީ ޒިންމާ އަދާނުކުރުމުގެ ނަތީޖާއެއްގެ ގޮތުން ނޫންބާއޭ އަޅުގަނޑުގެ ހިތަށް އަރައެވެ.

އާދޭހެވެ. އެނގި ތިބެ، އެންމެން ތިބީއެވެ. އެމީހުންނާ “ބެހޭ ކަމަކަށް” ނުވާތީބާއެވެ؟ މަޑުމަޑުން ގޮސް އިބްތިޙާލް އަޅުގަނޑުމެންގެ އަތްމަތިން ބީވެގެން ދިޔައިރު އަޅުގަނޑުމެން ތިބީ ބަލާށެވެ.

އާދޭހެވެ. މުއައްސަސާތަކުގެ ޒިންމާ ކިތަންމެހައިވެސް ބޮޑެވެ. މަޤާމުތަކާ ހަވާލުވެގެން ތިބި މީހުންގެ ޒިންމާވެސް ހަމަ އެހައި ބޮޑެވެ. އެކަމަކު ވަކިވަކި ފަރުދުންގެ ފަރުދީ ޒިންމާ ވަކި ކުޑަތޯއެވެ؟

އެހެން މިސާލެކެވެ.

މަޖީދީ މަގުގައި ވީބީ މާޓު ހުންނަ ސަރަޙައްދުގައި ދުއްވާ އެއްޗެތި ތޮއްޖެހުނު ދުވަހެކެވެ. މިއީ މާލޭ މަގުމަތީގައި ދުއްވާ އެއްޗެތި ގިނަކަމުން، ވަރަށް ޢާންމު ކަމެކެވެ. ކުރިއަށް ނުދެވި ދެތިން ސިކުންތު ހިނގާއިރަށް އާދައިގެ މަތިން އެންމެން ބަރުގޮނު އަޅަން ފަށައިފިއެވެ. ހީވަނީ އެކަކު އަނެކަކާ ވާދަކުރަނީހެނެވެ. ނުވަތަ ބަރުގޮނުގެ އަޑުފަށްގަނޑު ގަދަވީ ވަރަކަށް ކުރިއަށް ދެވޭލެއް އަވަސްވާނެތީ އުޅޭހެނެވެ.

ކޮންމެއަކަސް، އެ ވަގުތު އަޅުގަނޑަށް ހުރެވުނީ އެތާ ކަންމަތީގައެވެ. ދެތިން އަހަރަށް ދާ ފިރިހެން ކުއްޖަކާއި އެއަށް ވުރެ ތަންކޮޅެއް ބޮޑު ފިރިހެންކުއްޖަކާ ދެކުދިން ގޮވައިގެން ހުރި ފަންސަވީހަކަށް އަހަރުގެ އަންހެންކުއްޖަކުވެސް އެތަނުގައި ހުއްޓެވެ.

ބަރުގޮނު އަޅައިގަތްގަތީނުން އެއްކަލަ ދެކުދީން އެކުއެކީގައި އަޑުންއަޑުނަގައި ރޮއިގެންފިއެވެ. އެތަނުން ދޮށީ ކުއްޖާ ދެ ކަންފަތް މަތީގައި އަތް އަޅައިގެން ރޮމުން ބިންމައްޗަށް ވެއްޓިގެންފިއެވެ. އެކުދީންގެ މަންމަ ކުއްލިއަކަށް ގޮތް ހުސްވެ ހާސްވެގެން ތެޅިގެންފިއެވެ. ކުޑަޔަށް ހުރި ކުއްޖާ ލޮއްސަން އުޅެމުން، ބިންމައްޗަށް ވެއްޓިގެން އޮތް ކުއްޖާ ނެގުނީވެސް އެތައް އުނދަގުލަކުންނެވެ.

އެތަނުގައި ތިބި އެންމެންނަށްވެސް މި މަންޒަރު ފެނެއެވެ. ސައިކަލުތަކުގައި ތިބި މީހުންވެސް ބަލައެވެ. ނަމަވެސް ބަރުގޮނު އެޅުން ހުއްޓައެއް ނުލައެވެ. އަޅުގަނޑު މަގު ހުރަސްކޮށްފައި އެ ކުދިންގެ ގާތަށް ހިނގައްޖައީމެވެ. އަދި އެ އަޑުފަށްގަނޑާ ދުރަށް އެމީހުންނާއެކު ދިޔައީމެވެ. އެ ކުދީންގެ މަންމަގެ ފަރާތުން އެނގުނު ގޮތުގައި އެ ދެ ކުދިންނަކީވެސް އޯޓިސްޓިކް ކުދިންނެވެ. އެމީހުން އެ ނުކުތީ ތެރަޕީ ނިންމާފައެވެ. އެކަހަލަ ތޫލި އަޑުއަޑަށް އެކުދިންނަށް ކެތް ނުކުރެވެނީއެވެ. އެހައި ވަރަށް ރޮވެނީ އެހެންވެގެންނެވެ. ކިހައި ދެރަކަމެއްތޯއެވެ؟

މާލެއަކީ ފުރި ތޮއްޖެހިފައިވާ ތަނެކެވެ. މިފަދަ ކިތަންމެ ކުދީންނެއް މި މުޖުތަމަޢުގައި އެބައުޅެއެވެ. މި ގޮތަށް ބަރުގޮނު އަޅައިގަންނައިރު މިފަދަ ކުއްޖަކު ހުރީ ކިހައި ގާތަކުކަން އެނގެނީ ކިހިނެއްތޯއެވެ؟ ޖެހިގެން ހުރި ގޭގައި އެއިނީ އިހަށް ދުވަހު ވިހައިގެން، ދަރިފުޅު ނުނިންދެވިގެން އެކަމުގެ ވޭނުގައި އުޅޭ މަންމައެކެވެ. ދެން ހުރި ގޭގައި އެ އޮތީ މުސްކުޅިއެވެ. ދެން ހުރި ގޭގައި އެ އުޅެނީ ވޭނުގައި އުޅޭ ބަލި މީހެކެވެ. ކޮންމެ ގެއެއްގައިވެސް އެތިބީ ތުއްތު ކުދީންނެވެ.

އެހެން ނަމަވެސް އަޅުގަނޑުމެންގެ ވިސްނުން ދަތުރުކުރަނީ އަޅުގަނޑުމެންނާ ހަމައަށެވެ. އަޅުގަނޑުމެން ދާން ބޭނުންވާ ތަންތަނަށް ދަތިކަމެއް ނެތި ވަގުތުން ވަގުތަށް ދެވެންޖެހޭނެއެވެ. އެއީ އަޅުގަނޑުމެންނަށް ލިބިގެންވާ ހައްޤެކެވެ. ފަޅި ސިކުންތެއް ލަސްވިއަސް ބަރުގޮނު އަޅައިގަންނަންވީއެވެ. އެއީ ވެސް އަޅުގަނޑުމެންނަށް ލިބިގެންވާ ޙައްޤެކެވެ. އެކަމުން ބަލި މީހުންނަށާއި، ތުއްތު ކުދިންނަށާއި މުސްކުޅިންނަށް ވާނެ އުނދަގުލަކަށް، އަޅާނެ ވޭނަކަށް ބާލާނެކަމެއް ނެތެވެ. ކިހައި ދެރަ ކަމެއްތޯއެވެ؟

އެހެން މިސާލެކެވެ.

އެއްވެއުޅުމާއި މުޒާހަރާކުރުމަކީ އަޅުގަނޑުމެންނަށް ޤާނޫނުއަސާސީއިން ލިބިދޭ ޙައްޤެވެ. މިނިވަންކަމެވެ. އަޑުއުފުލުމަށްޓަކައި މުޒާހަރާ ކުރަންޖެހިއްޖެ ނަމަ މުޒާހަރާވެސް ކުރަންވީއެވެ. ނަމަވެސް މިކަމުގައި ވެސް ކޮންމެވެސް ކަހަލަ ހަމައެއްލަމައެއް އޮންނަންވާނެއެވެ. ކޮންމެ ޙައްޤެއްވެސް ލިބިދެވޭނީ ވަކި ޙުދޫދެއްގެ ތެރެއިންކަން އަޅުގަނޑުމެން ޤަބޫލުކުރަންވާނެއެވެ. ކޮންމެ ވާހަކައެއް ޤާނޫނުއަސާސީގައި، ޤާނޫނެއްގައި، ނުވަތަ ޤަވާޢިދެއްގައި ކަނޑައަޅައި ބުނެފައެއް ނޯވެއެވެ. އެއީ  ކުރެވޭނޭ ކަމެއްވެސް ނޫނެވެ.

ނަމަވެސް، އަޅުގަނޑުމެންނަކީ އެއްބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވާ އަޅާލުންތެރި ބައެއް ނަމަ އެއްވެސް މައްސަލައެއް ނޯންނާނެއެވެ. ހަވީރު ފަށާ މުޒާހަރާ އެރޭގެ މެންދަމުން އަލިވެގެން ދާއިރުވެސް ހުއްޓައި ނުލައި ކުރިއަށް ގެންދާއިރު، ގާތްގާތުގައި ހުރީ ހައްތަހައިވެސް މީހުން ދިރިއުޅޭ ގޭގެކަން އަޅުގަނޑުމެން ދަންނާނެއެވެ. އެގޭގޭގައި ނުނިދިގެން އުޅޭ ތުއްތު ކުދިންނާއި، ނަފްސާނީ ބަލިބަލީގެ މީހުންނާއި، މާބަނޑު އަންހެނުންނާއި، މުސްކުޅިންނާއި، ވިދިގެން އަންނަ ދުވަހު ހެނދުނު ތެދުވެގެން ސްކޫލަށް ދާންޖެހޭ  ކިޔަވާކުދީން އުޅޭނޭކަން އަޅުގަނޑުމެން ހަނދާންކުރާނެއެވެ. އެމީހުންނަށްޓަކައި އަޅުގަނޑުމެންގެ ހިތުގައި ރަހުމާއި ހަމްދަރުދީ އުފެދޭނެއެވެ. އެމީހުންނަށް ޤާނޫނުއަސާސީއިން ލިބިދީފައިވާ ޙައްޤުތަކަށް އަޅުގަނޑުމެން އަރައެއް ނުގަންނާނެއެވެ.

ތެދެކެވެ. ޤައުމުގެ ކަންކަން ހަމަމަގަށް އެޅުވުމުގައި އިދާރާތަކުގެ ޒިންމާ އެބައޮތެވެ. އެހެނަސް ފަރުދީ ޒިންމާ ހަނދާން ނައްތައިލައިގެން ނުވާނެއެވެ. ޒިންމާ ފެށެނީ ވަކިވަކި ފަރުދުންނާ ހިސާބުންނެވެ.

ޤާނޫނުއަސާސީއިން ލިބިދޭ އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް ހަނިކުރެވިގެން ނުވާނެކަމަށް އަޅުގަނޑުމެން ދެކެމުއެވެ. އެކަމަކު އަޅުގަނޑަށް ފެންނަ ގޮތުގައި މިއީ އަދި މުޅިން ރަނގަޅު ވިސްނުމެއް ނޫނެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އެހެން މީހުންގެ ޙައްޤު ފެށޭ ހިސާބަކީ ތިމާގެ ޙައްޤު ނިމޭ ހިސާބަށް ހަދަންޖެހެއެވެ. ތިމާގެ ޙައްޤު ކަށަވަރުކުރުމުގައި އެހެން މީހުންގެ ޙައްޤަށް އަރައިގަނެގެން ނުވާނެއެވެ. މުޅި މުޖުތަމަޢުގެ ޙައްޤުތައް ކަށަވަރުކުރުމުގައި ވަކިވަކި ފަރުދުންގެ ފަރުދީ ޒިންމާގެ ދައުރު ނުހަނު ބޮޑެވެ.

About the author
2 Comments
  1. ޙަސަން ޝާކިރު މުޙައްމަދު

    ވަރަށް ރަނގަޅު ލިޔުއްވުމެކެވެ. ހަމަ ރަނގަޅީއެވެ. އަޅުގަނޑާއި އޭނާއާއި މީނާއާއި ތިޔަބޭފުޅާ ވެސް ސަމާލުކަން ދެއްވަންޖެހޭ މައްސަލަތަކުގެ ތެރެއިން ދެތިން މައްސަލައެވެ. ވިސްނުމަށް ގެނެވޭ ކުޑަކުޑަ ބަދަލަކުން ހައްލުކޮށްލެވޭނެ ބޮޑު ކަމެކެވެ. ކުރުކޮށް ފޮނިކޮށް، ސަމާލުކަމަށް ގެނެސްދެއްވީތީ އުޚްތު ސަރީރާއަށް ޝުކުރު ހުއްޓެވެ. ސަމާލުކަމަށް އަތުވެއްޖެނަމަ، އަޅުގަނޑުމެން އެންމެން ވެސް އުފާކުރާނޫއެވެ. ދަރުމަހުރި!

    (9)(0)
  2. އެނޮނީމަސް

    ކިއުންތެރިއެއް
    ވަރަށް ވެސް ބޮޑަށް ލޯހުޅުވާލަ ދިން ލިޔުމެކެވެ. ލިޔުންތެރިޔާ ފާޠިމަގު ސަރީރާއަށް ޝުކުރާއި ތަހުނިޔާެވެ.

    (3)(0)
Leave Comment