000ތަޢާރަފު ބަހަކީ ވަތަނެއްގެ ވަތަނިއްޔަތު ދައްކުވައިދޭ ރަމްޒުތަކުގެ ތެރެއިންވާ މައިގަނޑު އެއްރަމްޒެވެ. އަމިއްލަ ބަހެއް ލިބިފައި އޮތުމީ އެގައުމެއްގެ ނުވަތަ އެބައެއްގެ މިނިވަންކަމާއި އަމިއްލަ ވަންތަކަން ދައްކުވައިދޭ ވަރުގަދަ ނިޝާނެކެވެ. އެގައުމަކުން ނުވަތަ އެތަނަކުން އެގައުމެއްގެ ނުވަތަ އެތަނެއްގެ އަމިއްލަ ބަސް ނެތިގެން ހިނގާއްޖެނަމަ، ނެތިގެން އެދިޔައީ އެގައުމެއްގެ ގައުމިއްޔަތުގެ އެއްތަނބެވެ. އަދި އެތަނެއްގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ މައިގަނޑު ބިނާއެވެ. ދިވެހިރާއްޖޭގެ އުތުރުން 70 ވަރަކަށް މޭލު ފޭގައި އޮންނަ މަލިކުގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ މައިގަނޑު އެއްބިނާއަކީ…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ތަޢާރަފު

ބަހަކީ ވަތަނެއްގެ ވަތަނިއްޔަތު ދައްކުވައިދޭ ރަމްޒުތަކުގެ ތެރެއިންވާ މައިގަނޑު އެއްރަމްޒެވެ. އަމިއްލަ ބަހެއް ލިބިފައި އޮތުމީ އެގައުމެއްގެ ނުވަތަ އެބައެއްގެ މިނިވަންކަމާއި އަމިއްލަ ވަންތަކަން ދައްކުވައިދޭ ވަރުގަދަ ނިޝާނެކެވެ. އެގައުމަކުން ނުވަތަ އެތަނަކުން އެގައުމެއްގެ ނުވަތަ އެތަނެއްގެ އަމިއްލަ ބަސް ނެތިގެން ހިނގާއްޖެނަމަ، ނެތިގެން އެދިޔައީ އެގައުމެއްގެ ގައުމިއްޔަތުގެ އެއްތަނބެވެ. އަދި އެތަނެއްގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ މައިގަނޑު ބިނާއެވެ. ދިވެހިރާއްޖޭގެ އުތުރުން 70 ވަރަކަށް މޭލު ފޭގައި އޮންނަ މަލިކުގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ މައިގަނޑު އެއްބިނާއަކީ އެރަށުގެ އަހުލުވެރިންގެ މާދަރީ ބަހެވެ. ނުވަތަ އެބައިމީހުން ބުނާ ގޮތުންނަމަ އޭރެންގެ މައިދަރި ބަހެވެ. އެއަށް އުތުރުކަރައިގެ ރަސްމީ އިދާރާތަކުން “މަހަލް” ބަހޭ ކިޔަސް، އެނގި ފާޅުވެގެންވާ ހަގީގަތަކީ މަލިކު މީހުން މޮށެއުޅޭ ބަހަކީ ދިވެހި ބަސްކަމެވެ.

މީލާދީން 18 ވަނަ ގަރުނުގެ ތެރޭގައި ދިވެހިރާއްޖޭގެ ސިޔާސީ ބާރުވެރިކަމުގެ ދަށުން ވަކިވެގެން ގޮސް ކަންނަންނޫރު ޢަލީ ރާޖާގެ ބާރުވެރިކަމުގެ ދަށަށް ގޮސް، އެބައިމީހުންގެ އަތްދަށުން އުތުރުކަރައިގެ އެކި ދައުލަތްތައް އެއްކޮށްލައިގެން ވެރިކަން ކުރަމުން ދިޔަ އިނގިރޭސީންގެ ވެރިކަމުގެ ދަށަށް މަލިކު ދިޔައެވެ. އަދި 1948 ގައި އެތެރެވަރީގައި ހުރި ގިނަ ގައުމުތަކެއް އެއްކޮށްލައިގެން އިނގިރޭސީން އުފެއްދި އިންޑިޔާއަށް މިނިވަންކަން ދިނުމަށްފަހު، 1956 ގައި މަލިކު އިންޑިޔާގެ ޔޫނިއަން ޓެރިޓަރީއަކަށް ހަމަޖެއްސުމާއި ހަމައަށް މަލިކު އޮތީ ދާޚިލީ މިނިވަންކަން ލިބިގެންވާ މިނިވަން ރަށެއްގެ ގޮތުގައެވެ. މަލިކު އިންޑިޔާގެ ސިޔާސީ ވެރިކަމުގެ ދަށަށް ދިޔުމަށްފަހު މަލިކު އެއްކުރެވުނީ، މަލިކުގެ އުތުރުން 114 ވަރަކަށް މޭލެ ފޭގައި އޮތް އެބައިމީހުންނާ ބީރައްޓެހި ބަހަކާއި، އާދަކާދަތަކަކާއި ސަގާފަތްތަކެއް ގެންގުޅޭ ލަކުޑިދީބުގެ ރަށްތަކުގެ ތެރެއަށް ކަމަށްވިޔަސް، އެދުވަހާއި ޖެހޭންދެންވެސް މަލިކުގެ ހުރިހައި ގުޅުމެއް އޮތީ ދިވެހިރާއްޖެއާއެވެ. މިގޮތުން 1956 އާއި ހަމައަށް މަލިކުގައި ވާހަކަ ދައްކަމުން ދިޔަ ދިވެހި ބަހުގެ ބަހުރުވައާއި ދިވެހިރާއްޖޭގެ އެންމެ އުތުރުގައިވާ ތިލަދުންމަތީގެ ރަށްތަކުގެ ދިވެހި ބަހުރުވައާއި އެއްވެސް ތަފާތެއްނުހުރެއެވެ. އެއްރަށް އަނެއްރަށާއި ހުންނަ ކުދިކުދި ތަފާތުތައް ނުހުންނާނެ ވާހަކައެއް ނޫނެވެ. އެހެންކަމުން ދިވެހި ބަހުގެ އާއްމު ބަހުރުވަ ކަމަށްވާ މާލޭ ބަހާއި މަލިކުބަސް ވެފައި އޮތީ މާބޮޑު ތަފާތެއްނެތް އެއްބަހުރުވައެއްގެ ގޮތުގައެވެ. އަޅުގަނޑުމެންގެ އައްޑޫ، ހުވަދޫ އަދި ފުވައްމުލަކުގައި ވާހަކަދައްކައިއުޅޭ ދިވަހި ބަހުގެ ބަހުރުވަތަކާއި ޚިލާފަށް މަލިކުގައި ވާހަކަދައްކާ ބަހުރުވައަކީ އެޒަމާނުގައި ވަކި ބަހުރުވައެކޭ ދެންނެވޭން އޮތް ބަހުރުވައެއްވެސް ނޫނެވެ.

މަލިކު ބަސް އާއްމު ދިވެހި ބަހާއި ވަކިވެ ތަފާތު ބަހުރުވައެއްގެ ގޮތުގައި ތަރައްގީވީ ނުވަތަ ތަރައްގީވުމަށްވުރެ ބޮޑަށް ނެތިދާން ފެށީ 1956 ގެ ފަހުންނެވެ. ދިވެހިރާއްޖެއާއި މަލިކާ ދެމެދު އޮތް ދަތުރުފަތުރުގެ ނިޒާމް ހުއްޓުމަކަށް އައި ދުވަހުން ފެށިގެންނެވެ. އެދުވަހުން ފެށިގެން އާއިލާތަކާއިއެކު ބަސްވެސް ވަކިވެގެން ދިޔައެވެ. އަދި ދިވެހި ބަސް ޒަމާނާއެކު ކުރިއަރައިގެން ދިޔައެވެ. ޢަރަބި ބަހުގެ ނުފޫޒާއި، އިނގިރޭސި ބަހުގެ ނުފޫޒުގެ ތެރެއިން ލާފައެވެ. މަލިކު ބަސް މުޅީން ވަކި ބަހެއްގެ ގޮތުގައި ސިފަޖެހެމުން އައިސް، މަލިކު އެބަޔަކާ އެއްކޮށްލެވިފައިވާ ލަކުޑިދީބު ނުވަތަ އެތަނުގެ ރަސްމީ ނަމުންނަމަ ލަކްޝަދީޕްގެ މައިބަސް ކަމަށްވާ ހޮޅިބަހާއި މަސްހުނި ވަމުން ދިޔައެވެ. އަދި އޭގެ އިތުރަށް އިންޑިޔާގެ މައިބަސް ކަމަށް ދަޢުވާކުރާ ހިންދީ ބަހުގެ ނުފޫޒު މަލިކުބަހުގެ ތެރެއަށް ވަދެގެން ދިޔައެވެ. ޒުވާނުން ޖަވާނުންނަށްވިޔެވެ. ފަސޭހަކަމާއެކު ދިވެހި ބަހުން ކިޔަމުން ދިޔަ ބައެއް އަޑުތައް އެބަސްބަހުން ކިޔަމުން އަންނަ ގޮތަށް ބަދަލުވިއެވެ. ޒައިނަބު ސައިނަބަށް ބަދަލުވިއެވެ.

މަލިކު މުރައިދުގަނޑުވަރު ޑރ.ޢަބްދުލް މުނީރު ފަތްތޫރައިގެ 301 ވަނަ ޢަދަދުގައި ލިޔުއްވާފައިވަނީ މިފަދައިންނެވެ. “1956 ވަނަ އަހަރަށްފަހު މަލިކާއި ދިވެހިރާއްޖެއާއި ދެމެދުގައި އޮންނަ ގުޅުން ކެނޑުމުގެ ސަބަބުން އަޅުގަނޑުމެންގެ ބަހުގެ ތަރައްޤީވަނީ ހުއްޓުމަކަށް އައިސްފައެވެ. މިހާރު ގިނަ ޢަދަދަކަށް ހޮޅި (މަލަޔާޅަމް)، ހިންދީ، އަދި އިނގިރޭސި ބަސްތައްވަނީ މަލިކުގެ ދިވެހިބަހާއި މަސްހުނިވެ ބޭނުން ކުރަންފަށާފައެވެ. މިގޮތަށް އެބަހާއި އެހެން ބަސްތައް މަސްހުނި ކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ ބަހަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. އަދި މާގިނަ ދުވަހެއްނުވެ އަޅުގަނޑުމެންގެ މި މާދަރީބަސް އުވިގެންދާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއްނޫނެވެ.”

ދިވެހި ބަސް މަހަލް ބަހަށް ބަދަލުވުން

މަލިކު ބަހަށް އިންޑިޔާގެ ރަސްމީ އިދާރާތަކުން ދިންނަމަކީ “މަހަލް”އެވެ. މަލިކާއި ދިވެހިރާއްޖެއާއި އޮތް ގުޅުން ދިރާސާކުރުމަށްޓަކައި މަލިކަށް ވަޑައިގެންނެވި ދިވެހިރާއްޖޭގެ ކަމުވޮށިވެގެންވާ ބޭފުޅަކު ވިދާޅުވީ މަލިކު ބަހަށް ރަސްމީކޮށް މަހަލްއޭ ކިޔުނީ ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި މަލިކުގެ ބޯހިމެނުގެ ކަންތައް ބަލަހައްޓަން އައި އުތުރުކަރައިގެ ސަރުކާރުގެ އޮފިސަރުން ގާތު މަލިކުގެ ބަހަކީ މަހަލްކަމަށް މަލިކުގެ އިސްބޭފުޅަކު ވިދާޅުވެގެންނެވެ. އެހެންނަމަވެސް މަހަލް މިނަމަކީ އިނގިރޭސީންގެ ދުވަސްވަރުން ފެށިގެން މަލިކު ބަހަށް ކިޔަމުން އަންނަ ނަމެކެވެ. މަލިކާއި ބެހޭގޮތުން މިހާތަނަށް އެންމެ ފުރިހަމަ ދިރާސާއެއް ހައްދަވާފައިވާ ބޭފުޅަކީ ޖަރުމަނު ވިލާތުގެ ބޭފުޅެއް ކަމަށްވާ ޑރ.އެލަން ކާޓްނަރއެވެ. ޑރ. އެލަން ކާޓްނަރގެ މަސައްކަތާއި ބެހޭގޮތުން މަލިކުގައި ދިވެހި ބަސް ކުރިއެރުއްވުމަށްޓަކައި މިންނަތާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމުގައިވާ މަލިކު މުރައިދުގަނޑުވަރު، ޑރ.ޢަބްދުލްމުނީރު “މަހަލްބަހަކީ ކޮންބަހެއްބާ؟” މިސުރުޚީގެ ދަށުގައި ފަތްތޫރައިގެ 301 ވަނަ ޢަދަދުގައި ލިޔުއްވާފައިވެއެވެ.

“ބޭރުގެ ރިސާޗަރެއްކަމުގައިވާ ޑރ. އެލެން ކާޓްނާގެ ރިސާޗް ޕޭޕަރުގައި މަލިކުގެ އާދަކާދަތަކާއި އަދި ތާރީޚާއި ބެހޭގޮތުން ތެދުވެރިކަމާއެކު ވަރަށް ރަނގަޅަށް ހަގީގަތް ހާމަކުރައްވާފައިވެއެވެ. އޭނާގެ ލިޔުއްވުމުގައި މަލިކުގައި ވާހަކަދައްކާ ބަހަކީ ދިވެހިރާއްޖޭގައި ވާހަކަދައްކާ ދިވެހިބަސްކަމަށާއި އަދި އަކުރަކީ ތާނަ އަކުރުކަމަށް ވިދާޅުވެފައިވެއެވެ.”

ޑރ.އެލަން ކާޓްނަރ (1990) މަލިކާއި ބެހޭގޮތުން ލިޔުއްވާފައިވާ ލިޔުއްވުމުގެ ތަރުޖަމާގައިވެއެވެ. “މަލިކު މީހުން ވާހަކަ ދައްކާ ދިވެހި ބަހުގެ ބަހުރުވައަށް ބޭރު މީހުން ކިޔައި އުޅެނީ ‘މަހަލް’ އެވެ. މިކަމަކީ މަލިކު މީހުންނަށް ވަރަށް ހެއްވާކަމެއްކަމުގައިވެއެވެ. ފުރައްކާޑު މޫސާ ބޭފާނު (މަލިކު ބޮޑުގަނޑުވަރު މޫސާ އަންވަރު) ވިދާޅުވާ ގޮތުން އެއީ އަރާފައިވާ އޮޅުމެކެވެ. އޭނާ އަޅުގަނޑު ގާތުގައި ވިދާޅުވެފައިވަނީ: ‘އިނގިރޭސި އޮފިސަރަކު މަލިކުގައި ހުރި ހުރުމުގައި ރަށުގެ އަހުލުވެރިންގެ ބަހާއިބެހޭ ގޮތުން ރަށުގެ މީހަކާއި ސުވާލު ކުރިއެވެ. ޖަވާބުގައި އެމީހާ ބުނީ މަހަލްދީބު ބަސް (މާނައަކީ ދިވެހިރާއްޖޭގެ ބަސް) ކަމަށެވެ. އެތަނުން އިނގިރޭސި އޮފިސަރަށް ނޯޓު ކުރެވުނީ މަހަލް އެވެ.’ މިއެވެ.”

އިނގިރޭސި އޮފިސަރު ސުވާލު ކުރުމުން މަލިކު މީހާ މޯލްޑިވް ބަހޭ ނުބުނެ މަޙަލްދީބު ބަހޭ ބުނި ސަބަބު ވިސްނަވާލެއްވީމަ ސާފުވާނެއެވެ. އެހެނީ އެދުވަސްވަރު ދިވެހިންނާއި މަލިކު މީހުންނަށް އިނގިރޭސި ބަހަކީ ވަރަށް ބީރައްޓެހި ބަހެކެވެ. އެތެރެވަރީގައި ދިވެހިރާއްޖޭގެ ނަން މަޝްހޫރުވެފައިވަނީވެސް މަޙަލްދީބު ނުވަތަ މާލްދީޕް ފަދަ ނަންނަމުންނެވެ. އެހެންކަމުން ބައިނަލްއަގުވާމީ ގޮތުންވެސް ރަސްމީ ގޮތުންވެސް ދިވެހިރާއްޖޭގެ އެދުވަސްވަރުގެ ނަމަކީ މަޙަލްދީބު ކަމަށްވުމުން އެމީހާ، އެއިނގިރޭސި އޮފިސަރަށް ފަސޭހައިން ސާފުވާނޭހެން މަޙަލްދީބު ބަހޭ ބުނީއެވެ. ދިވެހިރާއްޖޭގެ ބަހޭ ބުންޏަސް އެމީހާއަށް ނޭނގޭނެކަން އެނގޭތީއެވެ. ދެން މީހަކު ކޮށްފާނެ ސުވާލަކީ ދިވެހި ބަހޭ ނުބުނީ ކީއްވެބާއެވެ. އޭގެ ޖަވާބަކަށް އޮތީ އެދުވަސްވަރުގައި ކޮންމެ ރަށެއްގައި އޮންނަނީ އެރަށެއްގެ ބަހެވެ. މިސާލަކަށް މަލިކުގައި މަލިކު ބަހެވެ. ނައިފަރުގައި ނައިފަރު ބަހެވެ. ކުޅުދުއްފުށީގައި ކުޅުދުއްފުށީ ބަހެވެ. އައްޑޫގައި އައްޑޫ ބަހެވެ. މާލޭގައި މާލޭ ބަހެވެ. މިހުރިހާ ބަސްތައް އެއްކޮށްލައިގެން އެކުވި ނަމެއްގެ ގޮތުގައި ދިވެހި ބަސް ކިޔަން ފެށީ އަދި މާފަހުންނެވެ. ކޮންމެއަކަސް އިނގިރޭސި އޮފިސަރަށް މިއެރި އޮޅުން، ފިލުވައި ދީ ރަނގަޅު ކޮށްދިނުމުގެ ބަދަލުގައި އެނަން ބޭނުން ކުރަމުން އައިސް މިއަދު މަލިކު މީހުންނަށްވެސް އެމީހުންގެ ބަހަކީ މަހަލްބަހަށް ވެނިމިއްޖެއެވެ. އަދި މިހާރު އެމީހުންވެސް ހީކުރާ ގޮތުން މަހަލް ބަހަކީ ދިވެހިބަހުގެ ބަހުރުވަޔަކަށްވުރެ ބޮޑަށް ދިވެހިބަހާއި ވަރަށް އެއްގޮތްކަން ހުރި ގާތް ބަހެކެވެ. އެހެނީ މިކަމަށް ވާގިދީ ކުރިއަރުވާ ބަޔަކު ދިވެހީންގެ ތެރޭގައިވެސް އުޅޭތީއާއެކުގައެވެ. ވިކިޕީޑިއާ ކަހަލަ މައުލޫމާތު ވެބްސައިޓްތަކުގައި މަހަލް ބަހަށް ޚާއްޞަ ފަތްފުށްތައްވެސް ހަދާފައިވެއެވެ. މަލިކު މީހުންނީ ދިވެހި ބަހުން ވާހަކަ ދައްކާ މީހުންކަމުގައި ނުވި ފަދައިން، ދިވެހީންކަމުން ވަކިކޮށް އެބައިމީހުންނީ މަހުލީންނަށްވެސް ހަދައިފިއެވެ. މިކަމުގައި ފޮރުވިފައިވަނީ އަޑިނޭނގޭ މަޤްޞަދެއްކަމާއިމެދު ޝައްކެއްނެތެވެ.

މަލިކުގައި މާދަރީ ބަސް ކިޔަވައި ދިނުން

1980 ގެ އަހަރުތަކުގެ ތެރޭގައި މަލިކުގައި މާދަރީ ބަސް ކިޔަވައި ދިނުމުގެ މުހިއްމުކަން އިންޑިޔާ ސަރުކާރަށް ވިސްނިގެން މަލިކުގައި ދިވެހި ބަސް ކިޔަވައިދޭން ގަސްދު ކުރުމަށްފަހު އެކަން މަލިކުގެ ކަމާއި ބެހޭ ފަރާތްތަކަށް އެންގިއެވެ. އިންޑިޔާގައި އޭރު އޮތް ރަޖީވް ގާނދީގެ ސަރުކާރުން ބޭނުންވީ ދިވެހިރާއްޖޭގައި ދިވެހި ބަސް ކިޔަވައިދޭ ފޮތްތައް މަލިކަށް ގެންގޮސްގެން މަލިކުގައި ދިވެހި ބަސް ކިޔަވައިދޭށެވެ. ކޮންމެ އަކަސް އެދުވަސްވަރު ރަޖީވް ގާނދީގެ ސަރުކާރުން މިނިންމެވި ނިންމެވުމަކީ އޭރު އޮތް ދިވެހިރާއްޖޭގެ ސަރުކާރާއި އޮތް ގުޅުމެއްގެ ސަބަބުން ނިންމި ނިންމުމަކަށް ވެދާނެއެވެ. ކޮންމެއަކަސް މިކަމަކީ އޭރު މަލިކުގެ މިކަންތަކުގައި އިސްކޮށް އުޅުއްވި ބޭފުޅެއްގެ ހިތްޕުޅާއި ހަމަވާ ކަމެއްކަމަކަށް ނުވިއެވެ. އެބޭފުޅަކު ދެންނެވި ކަމަށްވަނީ ދިވެހިރާއްޖެއިން ފޮތް ގެނެސްގެން ދިވެހި ކިޔަވައި ދޭން ފަށައިފިއްޔާ މަލިކު މީހުން ދިވެހި ވެދާނޭކަމަށެވެ. މިއީ މަލިކުގެ ވަރަށް ދުވަސްވީ ތަޖުރިބާކާރަކު އަޅުގަނޑު ގާތުގައި ވިދާޅުވެދެއްވާފައިވާ ވާހަކައެކެވެ.

ދިވެހިރާއްޖެއިން “ދިވެހި” ފޮތް ގެނެސް ކިޔަވައިދިނުމުގެ ބަދަލުގައި މަލިކުގެ ކަމާއިބެހޭ ފަރާތްތަކުން ނިންމީ މަލިކުގައި “މަހަލް” ބަސް ކިޔަވައި ދިނުމަށް އަމިއްލައަށް ފޮތް ތައްޔާރު ކުރުމަށެވެ. ފޮތް ތައްޔާރު ކުރުމުގެ މަސައްކަތުގައި އިސްކޮށް ހުންނެވީ ދިވެހި ބަހުގެ ފުންނާބު އުސް އަދީބުންގެ ލިސްޓުގައި އަޅުގަނޑު އެބޭފުޅެއްގެ ނަން ހިމަނާލަން ބޭނުންވާ މަލިކު މައުގަސްދަށުގޯތި އަލްމަރްޙޫމް ޢަލީ އިސްމާޢީލެވެ. ނުވަތަ މަޝްހޫރު ނަމުންނަމަ މައުލަވީ ޢަލީ އިސްމާޢީލް ޢުމަރީއެވެ. އޭނާއަކީ އިންޑިޔާގެ ޢުމަރުއާބާދުން ކިޔަވައި ވިދާޅުވެގެން ހުންނެވި ޢިލްމުވެރިއެކެވެ. އަވަހާރަ ވާންދެން ހުންނެވީ މަލިކުގެ އިސްކަތީބު ކަމަށްވާ މާމިސްކިތު ކަތީބުކަމުގައެވެ. އަދި އޭނާއަކީ ދިވެހި ބަހުގެ އިތުރުން އިނގިރޭސި، ޢަރަބި، ހިންދީ، އުރުދޫ އަދި ހޮޅިބަސް ފަދަ އެތައް ބަހެއް ދެނެލެއްވި ބޭފުޅެކެވެ. ޢަލީ އިސްމާޢީލްގެ ޤިޔާދަތުގެ ދަށުން “މަގޭ ބަސް” މިނަމުގައި ގުރޭޑު 1 އިން ފެށިގެން ގުރޭޑު 4 އަށް ކިޔައިވެދޭނެ ފޮތް ތައްޔާރު ކުރިއެވެ. އާދެ! މަޙަލްބަސް ރަސްމީކޮށް ވަކި ބަހެއްގެ ގޮތުގައި ބަދަލުވެގެން ދިޔުމުގެ ފެށުމަކީވެސް މިއީއެވެ. ޢާއްމު ދިވެހި ބަހުގެ ޤަވާޢިދުތައް އެއްފަރާތްކޮށް އަމިއްލަ ޤަވާޢިދުތަކެއް އެކުލަވާ ލެވުނެވެ. އަދި ތާނާގައި ހިމެނޭ ތިކިޖެހިތާނައިގެ އަކުރުތަކުގެ ބަދަލުގައި އައު ގޮތަކަށް ތިކިޖަހަން ފެށުނެވެ.

މިގޮތުން އުފެއްދި އެއްފޮތުގައި މަލިކު މީހުން ވާހަކަ ދައްކާ ބަހަކީ ބޭރުމީހުން މަހަލްއޭ ކިޔާ ދިވެހި ބަހޭ އޮތްކަމުގައިވިޔަސް މައިގަނޑު އޮތީ ދިވެހި ބަހާ ފެއަށް ދިޔުމެވެ. “މަގޭ ބަސް” މަހަލް 4 ވަނަ ފޮތުގެ ފަސްވަނަ ފަތްފުށުގައިވާ ލިޔުންކޮޅެއް މިތަނުގައި ނަކަލު ކޮށްލާނަމެވެ.

“މަލިކު މީހުންގެ މައިދަރި ބަހަކީ މަހަލެވެ. މިޔަކީ އިންޑިޔާގެ އެއްތާކުވެސް މޮށިހަދައި އުޅޭ ބަހެއްނޫނެވެ. މަހަލަކީ އިންޑިޔާގެ ހުރި ޓްރަތްބަލް ބަސްތަކުގެ ތެރޭގައިވާ ބަހެކެވެ. މަރްކަޒީ ސަރުކާރުން މިބަސް ތަރައްކީ ކުރުމައިހުރެ ކިތަންމެ ފިޔަވަޅުތަކެއް އަޅަމުން އެބަ އައުދެއެވެ.”

މަލިކުގައި ވާހަކަ ދައްކަނީ ދިވެހިރާއްޖޭގެ މީހުން ވާހަކަ ދައްކާ ދިވެހި ބަހުންނޭ ލިޔެފައި އޮތް ނަމަ އެބަސް ކުރިއަރުވަން އިންޑިޔާ ސަރުކާރުން މަސައްތަކަތް ކުރެތެކޭ ލިޔާކަށް ނުޖެހުނީހެވެ. އެހެނީ ދިވެހި ބަހަކީ ދިވެހިރާއްޖޭގެ ގައުމީ ބަސްކަމަށްވެފައި މަލިކު ފިޔަވައި އެއްތާކުވެސް އެބަހުން މޮށެ ނަހަދާތީ އެބަސް ކުރިއެރުވުން އެންމެ އައުލާކަން ބޮޑީ ދިވެހިރާއްޖެއަށެވެ. ކަން ހިނގާ މަގަކީވެސް އެއީއެވެ. އެހެންނަމަވެސް މަލިކު ދަރިންނަށް އަންގައިދޭން ބޭނުންވެފައި މިވަނީ މަލިކުގައި ވާހަކަ ދައްކަނީ އިންޑިޔާގެ ޤަބީލީ (ޓްރައިބަލް) ބަސްތަކުގެ ތެރޭގައި ހިމެނޭ މަހަލް ބަހުންކަމާއި، އިންޑިޔާ ސަރުކާރުން މަހަލް ބަސް ކުރި އަރުވަން މަސައްކަތްތަކެއް ކުރާ ކަމެވެ. މަހަލް ބަހަކާ ދިވެހިރާއްޖެއަކާ ވާހަކަމެއް ނެތެވެ.

މިކަމުގެ ކުޑަކުޑަ މިސާލެއް އަޅުގަނޑާއި މިދާކަށް ދުވަހަކު ދިމާވި ހާދިސާއަކުން ދަންނަވާލާނަމެވެ. ފޭސްބުކުން މަލިކު ޒުވާނަކާ މޮށެމުން ގޮސް އަހަރެމެން ވާހަކަ ދައްކަނީ އެއްބަހަކުން ނޫންހޭ އޭނާ ގާތުބުނުމުން، އޭނާ އެކަމާ ދެކޮޅު ހެދިއެވެ. އޭނާ ބުނީ ތިމަންމެން ވާހަކަ ދައްކަނީ ދިވެހި ބަހާއި ވަރަށް އެއްގޮތްކަމެއް ހުންނަ މަހަލް ބަހުން ކަމަށެވެ. އަޅުގަނޑު ވަރަށް މަސައްކަތުން ހަގީގަތަކީ ކޮބައިކަން އޭނާއަށް ހާމަކުރުމުން އެންމެ ފަހުން އެއީ ދިވެހި ބަސްކަމަށް ގަބޫލުކުރިއެވެ.

މަލިކުގެ ސަރުކާރު އިސްކޯލުތަކުގައި މިއަދާ ހަމައަށްވެސް ގުރޭޑު 4 އާއި ހަމައަށް އެމީހުން އެކިޔާ މަހަލް ބަސް ކިޔަވައި ދިނުމަށްޓަކައި ބޭނުން ކުރަމުން އަންނަނީ މިދެންނެވި “މަގޭ ބަސް- މަހަލް ބާހރަތީ ސިލްސިލާ” ގެ 4 ފޮތެވެ. ބަހުގެ ހަމައާއި ޤަވާޢިދުގެ ގޮތުން ވަރަށް ފެންވަރު ދަށް ފޮތްތަކެކެވެ. އަދި ގުރޭޑު 4 އާއި ހަމައަށް މިދެންނެވި ފޮތްބައިން ކިޔެވުމަށްފަހު މަހަލް ބަސް ކިޔެވުން ނިމުނީއެވެ. ދެން އޮންނާނީ ހިންދީ މީޑިއަމަށާއި ހޮޅި މީޑިއަމަށް ކިޔެވުމެވެ. މަލިކުގައި ހުންނަ އިންޑިޔާ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ހިންގާ ބޯޑިން އިސްކޯލު ކަމަށްވާ ޖަވާހަރް ނަވޯދަޔާ ވިދްޔާލަޔާގައި މަހަލް ބަސް އެއްގޮތަކަށްވެސް ކިޔަވައި ނުދެއެވެ. އެއިސްކޯލުން ކިޔަވައިގެން ތިބޭ ގިނަ ކުދީންނަށް ތާނައަކުރުން ލިޔެކިޔެ ހަދާކަށްވެސް ނޭނގެއެވެ. އަދި ގުރޭޑު 4 އާއި ހަމައަށް ކިޔަވައިދޭ އިސްކޯލުތައް ނިންމާ ކުދީންނަށް ތާނައިން ގަވައިދާއި އެއްގޮތަށް އަކުރެއް އަޅާލުން ވަނީ ބޮޑުކަމަކަށެވެ. އޭގެތެރެއިން ބައެއް މީހުން ގަންނުވާ ތާނައިން ލިޔުއްވައި، އަޅުގަނޑު މިކަން ތަޖުރިބާކޮށް ބެލީމެވެ. އަޅުގަނޑު މިލިޔާ ފޮންޓުން އޭގެ ދުރު މިސާލުތަކެއް ދައްކާލާނަމެވެ. “ފައްތިމަ” މިއީ ފާތިމާ އަޅާލި ގޮތެވެ. “ރައްސީދު” މިއީ ރަޝީދު އަޅާލި ގޮތެވެ. މީގެ އަސުލު ސިފާގައި ފެނިވަޑައިގަންނަވާނީ އެމީހުންގެ އަތުފޮންޓުންނެވެ. މިމިސާލު އަޅުގަނޑު މިގެނައީ އެއްގޮތަކަށްވެސް ބަޔަކަށް މަލާމާތްކޮށް ކުޑައިމީސް ބަހެއް ރައްދު ކުރުމުގެ ނިޔަތުގައެއް ނޫނެވެ.

މަލިކުގައި މިދެންނެވި 4 ފޮތް ބޭނުންކޮށްގެން މަހަލް ބަސް ކިޔަވައި ދިނުމަށްޓަކައި މުދައްރިސުން ތަމްރީނު ކުރެވޭނެ ވަސީލަތެއްވެސް، އަދި މައުލަވީ ޢަލީ އިސްމާޢީލް ފިޔަވައި އެފަދަ ފަރާތެއްވެސް މަލިކުގައި ނެތްކަމީ އެދުވަސްވަރު އިންޑިޔާ ސަރުކާރުން މިފަދަ ކޯހެއް ހިންގުމަށްޓަކައި ދިވެހި ސަރުކާރުގެ އެހީތެރިކަން ހޯދަން މަޖުބޫރުވީ ކަމެއްކަމުގައިވިއެވެ. އެހެންކަމުން 1991 ގެ ތެރޭގައި މަލިކު 4 ބޭފުޅަކަށް ދިވެހި ބަހުގެ ކޯހެއް މާލެގައި ހިންގުނެވެ. އަދި އަދަށް ދާން ދެންވެސް މަލިކުގެ ބައެއް އިސްކޯލުތަކުގައި ގުރޭޑު 4 އާއި ހަމައަށް މަހަލް ބަސް ކިޔަވައި ދެއްވަމުން އެގެންދަވަނީ މިދެންނެވި ކުރު ކޯސް ފުރިހަމަ ކުރެއްވި ބޭފުޅުންނެވެ. މިއަދާ ހަމައަށް އެފަދަ އިތުރު ކޯހެއް ހިންގިފައި ނުވެއެވެ.

މަލިކުގައި ދިވެހި ބަސް ކުރިއެރުވުމަށް ކުރާ މަސައްކަތް

މަލިކުގައި ދިވެހި ބަސް އާލާކޮށް ދިރުވުމަށްޓަކައި މަސައްކަތްކުރާ މާގިނަ ފަރާތްތަކެއް ނެތޭ ދެންނެވުމަކީ ގޯހަކަށް ނުވާނެއެވެ. މަލިކު މީހުންގެ ހަގީގީ މާދަރީ ބަސް ކަމުގައިވާ ދިވެހި ބަސް ކުރިއެރުވުމަށްޓަކައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ އެއްފަރާތަކީ މަލިކު މުރައިދުގަނޑު ޑރ.ޢަބްދުލް މުނީރެވެ. ޑރ.މުނީރަކީ މެޑިކަލް ޑޮކްޓަރެކެވެ. އޭނާ ދިވެހި ބަހަށާއި، މަލިކުގެ އަމިއްލަވަންތަކަމަށް ޝައުގު އުފެދުނީ ދިވެހިރާއްޖޭގައި މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައި ހޭދަ ކުރައްވާފައިވާ ދެތިން އަހަރުގެ ތެރޭގައެވެ. މިޝައުގާއިއެކު އޭނާ މަލިކަށް ވަޑައިގެން މަލިކުގައި ދިވެހި ބަސް ދިރުވައި ކުރިއެރުވުމުގެ މަސައްކަތް ފެއްޓެވިއެވެ. އެކި ހަރުފަތްތަކަށް ބައްސަވައިލައްވައިގެންނެވެ. ފުރަތަމަ ކަމަކަށް މަލިކުގެ ތަފާތު މަގުތަކަށާއި ސަރަހައްދުތަކަށް ކިޔާ އަސުލު ނަންތައް މުސްކުޅިގެން ގާތުން އައްސަވައިގެން ހޯއްދެވިއެވެ. އަދި ނަންބޯޑުތައް ހައްދަވައި ހަރުކުރައްވަން ފެއްޓެވިއެވެ. ފުރަތަމަ ދުވަސްކޮޅު ތަފާތު ސިޔާސީ ކުލަތައް ޖެހިފައި ތިބި މަލިކު މީހުންގެ ދެކޮޅުވެރިކަމާއި ކުރިމަތި ލާންޖެހުނެވެ. އެހެންނަމަވެސް ޑރ.މުނީރު އޭނާގެ ހިއްވަރު ދެރަނުކުރައްވައި އިހުނަށްވުރެ ވަރުގަދައަށް މަސައްކަތްކުރައްވައި އޭނާގެ އެމަސައްކަތަށް މަލިކުގެ ގިނަ މީހުންގެ ހިތް ރުއްސައިފިއެވެ.

މީގެ އިތުރުން ތަފާތު އެކި ހަރަކާތްތަކަށްފަހު ޑރ. މުނީރު މަލިކުގައި އެއުރެންގެ މާދަރީބަސް ކުރިއެރުއްވުމުގެ މަގުސަދުގައި އިސްކޯލެއް ހުޅުއްވިއެވެ. އެތަނަށް ބޭނުންވާ މުދައްރިސުން ބިނާ ކުރައްވާނެ ގޮތެއް ހޯއްދެވުމަށްޓަކައި 2010 ވަނަ އަހަރު ދިވެހިރާއްޖެއަށް ވަޑައިގެން އޭރުގެ އެޑިއުކޭޝަން މިނިސްޓަރާއި ތަފާތު އެކި މުއައްސަސާތަކުގެ ވެރީންނާއި ބައްދަލުކުރައްވައި ކޮއްޓެވެން ހުރި ހުރިހާ މަގެއް ކޮއްޓެވިއެވެ. ޑރ.މުނީރުގެ މިމަސައްކަތަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ އޭރުގެ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ރެކްޓަރ ޑރ.ޙަސަން ޙަމީދާއި ބައްދަލު ކުރެއްވި ހިސާބުންނެވެ. މިބައްދަލު ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އުފެދި އެޔުނިވަރސިޓީން އެންމެ ފުރަތަމަ އިޢުލާނު ކުރި ސްކޮލަރޝިޕްކަމުގައިވީ މަލިކު 3 މީހަކަށް ދިވެހި ބަހުގެ ޑިގްރީ ކޯހުގައި ބައިވެރިވުމަށް އިޢުލާނު ކުރެވުނު ސްކޮލަރޝިޕްއެވެ. އެހެންނަމަވެސް މީގެ ތެރެއަށް ނޭނގޭ ނުފޫޒުތަކެއް ވަދެގެން މިއަދާ ހަމައަށްވެސް އެކަންވަނީ ޢަމަލީ ކަމަކަށް ނުވެފައެވެ. އެހެންނަމަވެސް ޑރ.މުނީރު އޭނާގެ މަސައްކަތް ހުއްޓަވައި ނުލައްވައި އަދިވެސް ކުރިއަށް ގެންދަވާކަމީ މަލިކުން އެވެމުންދާ ދިވެހި ބަހަށް، އަލުން އާލާވުމަށް ލިބޭ ހިއްވަރެކެވެ. ޑރ.މުނީރުގެ މާލެއަށް ވަޑައިގެން އެޑިއުކޭޝަން މިނިސްޓަރާއި ކަމާއިބެހޭ މުއައްސަސާތަކުގެ ބޭބޭފުޅުންނާއި ބައްދަލުކޮށް ހެއްދެވި އިރު އެކަންކަމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑަށް ވަނީ ލިބިފައެވެ.

ޑރ.މުނީރުގެ މިމަސައްކަތަށް އެންމެ ފަހުން އިތުރުވެގެން ދިޔަ ބޮޅަކީ ދިވެހިރާއްޖޭގެ އަމިއްލަ އިންސްޓިޓިއުޓަކާއި ގުޅިގެން ޑރ. މުނީރު ހިންގަވާ ޕީސް އިސްކޯލުގެ 6 މުދައްރިސަކަށް 1 މަސް ދުވަހުގެ ކުރު ކޯހެއް ހިންގުމުގެ މަސައްކަތެވެ. 2016 އޮކްޓޯބަރު މަހު ހިންގަން ރޭވުނު މި ކޯސް، ފަންޑު ހަމަ ނުވުމުގެ ސަބަބުން މިއަދާ ހަމައަށްވެސް ވަނީ ކުރިއަށް ނުގެންދެވިފައެވެ. އަޅުގަނޑު ދެކޭ ގޮތުގައި މިކަމަކީ ދިވެހި ކޮންމެ ރައްޔިތަކުންވެސް އެހީތެރިވާންޖެހޭ މުހިއްމު މަސައްކަތެކެވެ.

މަލިކުގައި ދިވެހި ބަސް ކުރިއަރުވައި އާލާކުރެއްވުމަށްޓަކައި މަސައްކަތްކުރައްވާ އެހެން ބައެއް ބޭބޭފުޅުން މަލިކަށް ދިވެހިރާއްޖެއިން ދިވެހި މުދައްރިސަކު ގެންގޮސްގެން ކިޔަވައިދެވޭނެ ގޮތް ހަމަޖެއްސޭތޯވެސް މަސައްކަތްކުރެއްވިކަމަށް އަޅުގަނޑަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް މިހާތަނަށް އެކަމަށް އެދެވޭ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

މަލިކުގައި ދިވެހިބަސް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެ ވާހަކަ ލިޔެވޭ އިރު މަލިކުގައި އަމިއްލަ ހައިސިއްޔަތުން އެކަންކުރައްވާ އެހެން ބައެއް ބޭފުޅުންގެ ނަންތައްވެސް މިތަނުގައި ހިއްސާކޮށްލާނަމެވެ. މިގޮތުން މަލިކު ކޮޅުގެގޭ މުޙައްމަދު (ކޭޖީ) އާއި ފެންގެންނަގޯތި މުޙައްމަދު (އެފްޖީ) އާއި ނައިބުގޭ އިބްރާހީމް މަނިކުފާނުގެ ނަން ޚާއްޞަކޮށް ފާހަގަކޮށްލާނަމެވެ.

ނިންމުން

މަލިކު މީހުންގެ މައިދަރި ބަސް ކުރި އަރުވައި އާލާ ކުރެވޭނީ ވަކި ބަހެއްގެ ގޮތުގައި ވަކިވެނުގަނެ، ދިވެހި ބަހުގެ ގޮތުގައި އޮވެގެންނެވެ. ސަބަބީ މަލިކު ބަހަކީ އިންޑިއާގެ އެންމެ ބާރަވަރަކަށް ހާސްމީހުން މޮށެއުޅޭ ބަހެކެވެ. ދިވެހި ބަހަކީ ދިވެހިރާއްޖޭގެ ރަސްމީ ބަހުގެ އިތުރުން ތިން ލައްކައަށްވުރެ ގިނަ މީހުން މޮށޭ ބަހެކެވެ. އެހެންކަމުން މަލިކު ބަސް ކުރިއެރުވޭނީ ދިވެހިރާއްޖެއާއި މަލިކާއި ދެމެދު އޮތް ބަހަވީ ގުޅުން ކަނޑާނުލައި ކުރިއަށް ގެންގޮސްގެންނެވެ. މަލިކު މީހުންވެސް ތިމަންމެންނީ ދިވެހި ނަސްލުގެ ދިވެހީންކަމުގައި ދެކިގެންނެވެ. އިންޑިޔާއާއި، ލަންކާއާއި، މެލޭޝިޔާ ފަދަ ގައުމުތަކުގައިވެސް ތަމަޅަ ނަސްލުގެ މީހުން އުޅޭފަދައިން އަދި ދުނިޔޭގެ އެކި ގައުމުތައް އެއްނަސްލުތަކެއް ޙިއްސާ ކުރަމުން ދާއިރު، މަލިކު މީހުން ތިމަންމެންނީ ދިވެހިންނޭ ބުނުމަކުން ދިވެހިރާއްޖޭގެ ތަނަކަށް ނުވާނެއެވެ. ހަމަވާނީ އިންޑިޔާގެ ދިވެހީންނަށެވެ. އަދި އެއީ ވަކިވެގަތުމެއްވެސް ނޫނެވެ. މަލިކު މީހުންގެ އަމިއްލަ “އައިޑެންޓިޓީ” ދެމެހެއްޓުމެވެ.

ހަވާލާދެވުނު ލިޔުންތައް:

ޑރ.ޢަބްދުލްމުނީރު (2003). މަހަލްބަހަކީ ކޮންބަހެއްބާ؟ ފަތްތޫރަ،301

ޢަލީ އިސްމާޢީލް ޢުމަރީ (1986). މަލިކު. މަގޭބަސް – މަހަލް ބާހރަތީ ސިލްސިލާ – ހަތަރެއް، ޞ5

Dr.Ellen Kattner, (date unknown), The Social Structure of Maliku (Minicoy), International Institute for Asian Studies Newsletter, Leiden, the Netherlands.

About the author
1 Comment
  1. ކިޔުންތެރިޔާ 62

    ވަރަށް މުހިންމު މައުލޫމާތު ހިމެނޭ ލިޔުމެއް. ޝުކުރިއްޔާ، ނާޖިހު!

    (3)(0)
Leave Comment