ޙުސައިން ރަޝީދު  އަޙްމަދު ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު ލިޔުއްވާފައިވާ މު ހިންމު ދިރާސާ، ލިޔުންތެރިންގެ ވެބްސައިޓުގެ އަހުލުވެރިންނަށް ހަދިޔާ ކުރެއްވިކަމަށްޓަކައި  ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. _____________________________ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ تَسْلِيمًا كَثِيرًا ، أَمَّا بَعْدُ ! މިހާރަކަށް އައިސް ޖަމާޢަތުގައި ނަމާދު ކުރުމަށް ސަފު ހަދާއިރު ސަފުގެ މެދަށް މިސްކިތުގެ ތަނބު އައުމާ ގުޅިގެން ނަމާދު ކުރާ…

ޙުސައިން ރަޝީދު  އަޙްމަދު

ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު ލިޔުއްވާފައިވާ މު ހިންމު ދިރާސާ، ލިޔުންތެރިންގެ ވެބްސައިޓުގެ އަހުލުވެރިންނަށް ހަދިޔާ ކުރެއްވިކަމަށްޓަކައި  ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

_____________________________

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ تَسْلِيمًا كَثِيرًا ، أَمَّا بَعْدُ !

މިހާރަކަށް އައިސް ޖަމާޢަތުގައި ނަމާދު ކުރުމަށް ސަފު ހަދާއިރު ސަފުގެ މެދަށް މިސްކިތުގެ ތަނބު އައުމާ ގުޅިގެން ނަމާދު ކުރާ މީހުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ޚިޔާލު ތަފާތުވުމެއް އައިސް، ބައެއް ފަރާތްތަކުން ތަނބު ހުންނަ ދިމާއިން ސަފު ފަހަތަށް ޖައްސައިގެން ސަފު ހަދަމުން ދިއުމާއި އަނެއް ބަޔަކު އެސަފުގައި ބައިވެރިނުވެ ތަނބު ހުންނަ ތަނުގައިވެސް ސަފު ހަދައި، މިގޮތަށް ޢަމަލު ކުރާތަން އެބަ ފެނެއެވެ. މިއީ ނަމާދަށް އަންނަ މީހުންގެ މެދުގައި އޮންނަންޖެހޭ ގާތް ގުޅުމުގެ ބަދަލުގައި ނަމާދުގެ އަޞްލު މަފްހޫމާއި ނަމާދުގެ މުހިއްމު އެއް ބޭނުން ގެއްލިގެންދާ ކަމެކެވެ. މިގޮތަށް މިކަން ވާންޖެހޭކަމަށް އަޅުގަނޑަށް ލަފާވަނީ މިމައްސަލައަކީ ދީނީ ގޮތުން ޢިލްމުވެރިންގެ މެދުގައި ކޮންމެވެސް ވަރެއްގެ ރައުޔު ތަފާތުވުމެއް އޮންނަ ކަމަކަށް ވެފައި ޢާއްމުންނަށް މިކަމުގެ ޙަޤީޤަތް ފުރިހަމައަށް އެނގިފައި ނެތުމެވެ. އެހެންކަމުން މިމައްސަލާގައި ތަޙްޤީޤީ ބަހުސެއް ލިއުމަށް އަޅުގަނޑު ޤަޞްދު ކުރީމެވެ. މިބަހުސު އަޅުގަނޑު ހުށަހަޅާފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ފަރާތުން 2011/2012 ގައި ބޭއްވެވި ދީނީ މަހާސިންތާގައެވެ.

ނަމާދަށް މުސްލިމުން ދަނީއަކީ އޭގެ މަޤްޞަދާއި ބޭނުން ގެއްލުވައިލާކަށް ނޫނެވެ. އޭގެ ސަބަބުން އެމީހުންގެ މެދުގައި ބައިބައިވެގެންދާ ގޮތް ވުމަށް އެދިގެނެއްވެސް ނޫނެވެ. ﷲގެ ޙަޟުރަތަށް ބޮޑަށް ކުއްތަން ވުމުގެ ބޭނުމުގައެވެ.

އަޅުގަނޑު އުއްމީދު ކުރަނީ މިދިރާސާއަކީ ކިއުންތެރިންނަށް ފައިދާ ކުރާނެ އެއްޗެކަށް ވާނެކަމަށެވެ. އާމީން!

ޙުސައިން ރަޝީދު އަޙްމަދު


ނަމާދުގައި ސަފުގެ މުހިއްމުކަން:

އިސްލާމު ދީނުގައި ނަމާދަކީ، ދީނުގެ އެންމެ މުހިންމު މައިގަނޑެވެ. ޝަހާދަތުގެ ދެކަލިމަ ކިޔައި، މުކައްލަފަކަށް ވެއްޖެ މީހާގެ މައްޗަށް ގެނަސްގަތުން ލާޒިމުވެގެންވާ އެންމެ ފުރަތަމަ ރުކުނެވެ. ނަމާދު ކުރާ މީހާ ނަމާދު ކުރާއިރު ހުންނަނީ ﷲގެ ޙަޟުރަތުގައެވެ. އެހެނީ ނަމާދަކީ މުއުމިނާގެ މިޢުރާޖެވެ. އެހެންކަމުން ޖަމާޢަތުގައި ނަމާދު ކުރެވޭއިރު، ނަމާދަށްޓަކައި ސަފު ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސަފުތަކަކީ ނަމާދު ފުރިހަމަވުމުގެ ސަބަބުތަކުގެ ތެރެއިން އެއް ސަބަބެވެ. އެއީ ﷲގެ ކުރިފުޅުމަތީ، އެއިލާހުގެ ޙަޟުރަތުގައި އަޅުން ކޮއްޅަށް ތިބޭތީއެވެ. ޖަމާޢަތުގައި ﷲގެ ޙަޟުރަތުގައި އަޅުން ކޮއްޅަށް  ތިބޭނީ ﷲގެ މިވަޙީ ބަސްފުޅުގައި އަންގަވާފައިވާ ފަދައިންނެވެ. ¨ إِنَّ اللَّـهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفًّا كَأَنَّهُم بُنْيَانٌ مَّرْصُوصٌ  މާނައީ: ﷲގެ މަގުގައި ޖިހާދުކުރާ މީހުން ދެކެ ﷲ ލޮބުވެތިވެ ވޮޑިގެންވެއެވެ. އެބައިމީހުންނަކީ ޢިމާރާތެއްގެ ބައިތައް ގުޅިފައި ވާފަދައިން، ގުޅި ލައިމެހިފައިވާ ބައެއްގެ ގޮތުގައި ޖިހާދަށް ސަފުހަދައިގެން ތިބޭ ޙާލު ﷲގެ މަގުގައި ޖިހާދު ކުރާ މީހުންނެވެ. އެހެންކަމުން ﷲގެ ކުރިފުޅުމަތީ އަޅުން ޖަމާޢަތުގައި ބައިވެރިވެ ސަފުގައި ތިބޭއިރު ތިބެންޖެހެނީ މިއާޔަތުގައި އަންގަވާފައިވާ ފަދައިންނެވެ. މަޑުމައިތިރި ކަމާއެކުގައެވެ. ރީތިކޮށް، ތަރުތީބުން ސަފު ހަދައިގެންނެވެ. ސީދަލަށް، ކައިރި ކައިރީގައެވެ. އެކަކު އަނެކަކާ ގާތްގާތުގައި، ބިނާއެއް ތަމްސީލުވެގެންދާ ގޮތަށެވެ. ކޮންމެ ދެސަފެއްގެ ދެމެދުވެސް އޮންނަންޖެހެނީ ހަމަހަމައަށެވެ. ދެވަނަ ސަފެއް ނެހެދޭހާ ކައިރީގައެވެ. އެއްސަފާއި އަނެއް ސަފާ ދެމެދު ތިން މުށެއްހައި މިންވަރަށް ވުރެން ދޭތެރޭ ދުރުކޮށްގެން ނުވާނެއެވެ. މިއެންމެހައި ކަންކަމަކީ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އުގަންނަވައި ދެއްވާފައިވާ ކަންކަމެވެ. ލޮބުވެރި އަޞްޙާބު ބޭކަލުން، އިތުރު އެކަލޭގެފާނުންގެ އަރިހުން ދަސްފުޅު ކުރެއްވުމުން، އެބޭކަލުންގެ ފަރާތްޕުޅުން ތަލައްޤީކޮށް މުސްލިމުން އައިސްފައިވަނީ މިއެންމެހައި ކަންކަން ދަސްކުރަމުން ޢަމަލު ކުރަމުންނެވެ. އެހެންކަމުން ދަންނަބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ޢާއްމުކޮށް މިއެންމެހައި ކަމެއްގެ ޙަޤީޤަތަކީ ތަލައްޤީއެވެ. އެއީ އެއް ޖީލުން އަނެއް ޖީލަށް ވާރުތަވަމުން އައިގޮތެވެ. ނަމާދުގެ ސަފުތައް ހެދުމުގައިވެސް މުސްލިމުން ކަންކުރަމުން އައީ މިފަދައިންނެވެ. މިނޫން ގޮތަކަށް ޙަދީޘެއްގެ ބޭރުފުށަކުން ކަމެއް އެނގިގެނެއް މިއަދު އަޅުގަނޑު މެންނަކަށް ދީނުގެ އެއްވެސް ކަމަކަށް ޢަމަލު ނުކުރެވޭނެއެވެ.


ސަފު ހަދަންޖެހޭގޮތް:

ޖަމާޢަތުގައި ނަމާދަށް ސަފު ހެދުމަކީ ދީނުގައި މިހާ އަހުމިއްޔަތުކަމެއް ދީފައިވާ ކަމަކަށް ވާއިރު، ސަފު ގުޅުވައިގެން ދިއުމަކީ ވެސް ދީނުގައި އެހާމެ އަހުމިއްޔަތުކަމެއް ދީފައިވާ ކަމެކެވެ. ޖަމާޢަތުގައި ނަމާދު ކުރެވޭއިރު ނަމާދުގެ މައިގަނޑަކީ އިމާމަކާއި މައުމޫމުންނެވެ. އަދި އޭގެ ރޫޙަކީ އިމާމާއާއި ގުޅިގެންތިބެ މައުމޫނުން އިމާމާއަށް ތަބާވަމުންދާ ތަބާވުމެވެ. ކަންމިހެން ހުރުމާއެކު އިމާމާއެކު މައުމޫމުން ތިބެންޖެހޭނީ ސަފު ހެދުމަށް އިސްލާމު ދީން އިރުޝާދު ދީފައިވާ ރީތި އުޞޫލުގެ މަތީގައެވެ. އެއީ ﷲގެ މަގުގައި ޖިހާދު ކުރާއިރު މުސްލިމުން އެތުރިގެން ތިބޭ ގޮތެވެ. ޤިޔާމަތް ދުވަހު ﷲގެ ޙަޟުރަތުގައި މަލާއިކަތުން ސަފުގައި ތިއްބަވާ ގޮތެވެ. ލޮބުވެތި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރަށްވާފައި ވެއެވެ. إِنَّ الصَّفَّ اْلأَوَّلَ عَلَى مِثْلِ صَفِّ الْمَلاَئِكَةِ وَلَوْ عَلِمْتُمْ مَا فَضِيلَتُهُ لَابْتَدَرْتُمُوهُ وَإِنَّ صَلاَةَ الرَّجُلِ مَعَ الرَّجُلِ أَزْكَى مِنْ صَلاَتِهِ وَحْدَهُ وَصَلاَتُهُ مَعَ الرَّجُلَيْنِ أَزْكَى مِنْ صَلاَتِهِ مَعَ الرَّجُلِ وَمَا كَثُرَ فَهُوَ أَحَبُّ إِلَى اللَّهِ([2]) މާނައީ: ދަންނާށެވެ! ނަމާދުގެ ފުރަތަމަ ޞަފަކީ ﷲގެ ޙަޟުރަތުގައި މަލާއިކަތުންގެ ސަފުތަކާ އެއްފަދަ ސަފަކެވެ. މީހާ ތިމާ އެކަނި ނަމާދު ކުރުމަށްވުރެން އެހެން މީހަކާއެކު ނަމާދުކުރުން ސަވާބުގެ ގޮތުން ބޮޑަށް އިތުރުވެގެން ވެއެވެ. އަދި ދެމީހުންނާއެކު ނަމާދު ކުރުން އެކަކާއެކު ނަމާދު ކުރުމަށްވުރެން އިތުރުކަން ބޮޑުވެގެން ވެއެވެ. ޖަމާޢަތުގައި މީހުން ގިނަވާވަރަކަށް ﷲގެ ޙަޟުރަތުގައި އެކަން ލޮބުވެތިކަން ބޮޑުވެގެން ވާނެއެވެ. ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ޖަމާޢަތުގެ ފުރަތަމަ ސަފާއި މަލާއިކަތުންގެ ސަފާ އެއްފަދައޭ ޙަދީޘު ކުރަށްވާފައި މިއޮތް  ބަސްފުޅުގެ މުރާދަކީ ސަފުތަކުގައި މަލާއިކަތުން ﷲއާ ކުއްތަންވެ ތިއްބަވާ ފަދައިން ފުރަތަމަ ސަފުގައި ތިބޭ މީހުން އިމާމާއާއި ގާތްވެތިބޭ ތިބުމެވެ.


ސަފުގައި ތިބެންޖެހޭނީ އެކަކު އަނެކަކާ ގުޅިގެން:

ސަފު ހަދަމުންދާއިރު ސަފުގައި ތިބޭ މީހުން ތިބެންޖެހެނީ އެކަކު އަނެކަކާ ގާތްގާތުގައި، ލައިމެހި، ގުޅިގެންނެވެ. ޢިމާރާތެއް ބިނާކުރުމަށް ބޭނުންކުރެވޭ ގާތަކާއި ހިލަތައް އެކަތި އަނެކައްޗާއި ގުޅި ލާމެހިގެންދާ ފަދައިންނެވެ. ކަން މިހެން ހުރުމާއެކު ސަފުގައި ތިބޭ އެއްވެސް ދެމީހެއްގެ ދެމެދުގައި މެދު ކެނޑުމެއް، ނުގުޅުމެއް އޮވެގެން ނުވާނެއެވެ. ދުރުމިނެއް ހުރެގެން ނުވާނެއެވެ. އެއްވެސް މީހަކު ތިމާ އެކަނި، ވަކިން ސަފެއްގައި ހުރެގެނެއް ނުވާނެއެވެ. މިކަންކަމަކީ ސަފު ހެދުމުގެ ސުއްނަތް އުޞޫލާ ޚިލާފުވެގެންވާ ކަންކަމެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނު ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރެއްވިއެވެ. مَنْ وَصَلَ صَفًّا وَصَلَهُ اللَّهُ وَمَنْ قَطَعَ صَفًّا قَطَعَهُ اللَّهُ عَزَّ وَجَلَّ([3])  މާނައީ: ނަމާދަށް ޙާޟިރުވެ ސަފެއްގެ މެދުކެނޑުން ގުޅުވައިފި މީހާއަށް ﷲ ރަޙްމަތް ލައްވާނެތެވެ. އަދި ސަފެއް މެދު ކަނޑައިފި މީހާ، މަތިވެރި މާތް ﷲގެ ރަޙްމަތުން ދުރުހެލި ކުރަށްވާނެތެވެ.

ސަފެއް މެދުކަނޑާ މީހާއަކީ ކޮބައިކަން ބަޔާން ކުރަށްވަމުން ޢިލްމުވެރިން ވިދާޅުވެފައި ވަނީ، އެއީ ނަމާދުގައި ބައިވެރިނުވެ ސަފެއްގެ މެދުތެރޭގައި އިށީދެގެން އިންނަ މީހާއެވެ. ނުވަތަ ތިމާގެ ކުރީގެ ސަފުގައި ހުސްތަނެއް އޮވެފައި އެހުސްތަނަށް ނުގޮސް ފަހަތުގައި ކޮށްޅަށް ހުންނަ މީހާއެވެ. ނުވަތަ އެފަދަ ހުސްތަނަށް މީހަކަށް ދެވުނަނުދީ ދަތިކޮށްލައިގެން ހުންނަ މީހާއެވެ. ނުވަތަ ތިމާ ކޮއްޅަށް ހުރި ސަފުގައި އެއްޗެއް ބާއްވައިގެން ތިމާގެ ސަފު މެދު ކެނޑޭގޮތަށް ހުންނަ މީހާއެވެ. ޢިލްމުވެރިން ވިދާޅުވަނީ މިކަންކަމަކީ މަކްރޫހަ ވެގެންވާ ކަންކަން ކަމަށެވެ.([4])

އަދިވެސް މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރެއްވިއެވެ. رُصُّوا صُفُوفَكُمْ وَقَارِبُوا بَيْنَهَا وَحَاذُوا بِاْلأَعْنَاقِ فَوَالَّذِي نَفْسِي بِيَدِهِ إِنِّي لَأَرَى الشَّيْطَانَ يَدْخُلُ مِنْ خَلَلِ الصَّفِّ كَأَنَّهَا الْحَذَفُ([5]) މާނައީ: رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘުކުރެއްވިއެވެ. ތިޔަބައިމީހުން ސަފުތަކުގައި ޖެހިޖެހިގެން ތިބޭށެވެ. އަދި ދެސަފު ދޭތެރެ ކައިރި ކުރާށެވެ.([6])  އަދި ތިމަތިމާމެންގެ ކަނދުރާތަކުން ސަފު ހަމަކޮށް ސީދާ ކުރާށެވެ. ތިމަން ކަލޭގެފާނު ތިޔަބައިމީހުންގެ ގާތު ތެދުތެދަށް ވިދާޅުވަމެވެ. މީސްތަކުންގެ ފައިބުޑުދަށަށް ވަދެ ޅަ ބަކަރި އުޅޭހެން، ސަފުތަކުގައި ހުންނަ ހުސްތަންތަނަށް ވަދެ، ޝައިޠާނާ ވަސްވާސް ދޭންއުޅޭތަން ތިމަންކަލޭގެފާނަށް އެބަ ފެނިވަޑައިގަންނަވައެވެ.([7])

އަދިވެސް މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރެއްވިއެވެ. سَوُّوا صُفُوفَكُمْ فَإِنَّ تَسْوِيَةَ الصَّفِّ مِنْ تَمَامِ الصَّلاَةِ([8])  މާނައީ: ތިޔަބައިމީހުން ސަފުތައް ސީދާ ކުރާށެވެ. މިހެނީ ސަފު ސީދާކޮށް ހުރުމަކީ ނަމާދު ޤާއިމުވުމާ ގުޅިފައިވާ ކަމެކެވެ.

މިޙަދީޘާއި މިބާބުގައި އައިސްފައިވާ މިނޫން ޙަދީޡުތަކުގެ މާނަ ކުރަށްވަމުން އިމާމު ނަވަވީ ވިދާޅުވެފައި ވެއެވެ. ތިމަންމެންގެ އިމާމުން ވިދާޅުވާ ގޮތުގައި އިމާމު މީހާ ހަށަން ބަނުމުގެ ކުރިން މައުމޫމުންނަށް ސަފު ސީދާ ކުރުމަށާއި ކައިރިކައިރީގައި ތިބުމަށް އެދި، ސަފަށް ގޮވުމަކީ އިމާމާއަށް ސުއްނަތް ވެގެންވާ ކަމެކެވެ. އަދި މިސްކިތް ބޮޑުވެ، މީހުން ގިނަވެ، އިމާމާގެ އަޑު ނުފޯރާ ފަށުގައި ނަމާދަށް ތިބޭ މީހުންނަށް ސަފަށް ގޮވުމަށްޓަކައި މީހަކު ކަނޑައެޅުމަކީ ވެސް އިމާމާއަށް މުސްތަޙައްބު ވެގެންވާ ކަމެކެވެ.([9]) އެެހެންކަމުން ޙާޟިރުވެ ތިބި މީހުންގެ ތެރެއިން ކޮންމެ މީހަކަށްމެ ސަފު މެދުކެނޑިގެންދާނަމަ އެކަން ރަނގަޅު ކުރުމަށް އެންގުމަކީ ސުއްނަތް ވެެގެންވާ ކަމެކެވެ. އެއީ އެކަން ހެއުކަންތަކަށް ގޮވާލާ ކަންކަމުގެ ތެރެއިން ހިމެނިގެންވާތީއެވެ. އަދި މިތާގައި تَسْوِيَةُ الصُّفُوفِ ގެ މުރާދަކީ ފުރަތަމަ ސަފުން ފެށިގެން ސަފުތައް ފުރަމުން ދިއުމާއި ސަފުގައި ހުންނަ ހުސްތަންތަން ފުރަމުން ދިއުމެވެ. އަދި ނަމާދަށް ތިބި މީހުން އެއްވަރަށް ތިބުމާއި އޭގެ ތެރެއިން އެކެއްގެވެސް މޭކަށިގަނޑުވިއަސް އަދި އެނޫން ތަނެއްވިއަސް ތިމާއާއި ޖެހިގެން ހުރި މީހާއަށްވުރެން ކުރިއަށް ޖެހިލާފައި ނެތުމެވެ. އަދި ފުރަތަމަ ސަފު ފުރިހަމަ ނުވަނީސް ދެވަނަ ސަފު ނެހެދުމެވެ. އަދި ކުރީގައި އޮތް ސަފު ފުރިހަމަ ނުވަނީސް އެއްވެސް މީހަކު އެހެން ސަފެއް ހެދުމަށް ހުއްޓި ނުހުރުމެވެ.([10])

ސަފު ހެދުމާމެދު ބަޔާންވެދިޔަ ސިފަތަކަކީ ނަމާދުގައި ސަފު ހެދުމާމެދު ސާބިތުވެފައިވާ ސުއްނަތް ކަންތައްތަކެވެ. އަދި އެއިން ސުއްނަތަކާ ޚިލާފަށް ކަމެއް ކުރުމަކީ މަކްރޫހަ ވެގެންވާ ކަމެކެވެ. ނަމަވެސް އެއިން ސުއްނަތެއް ވައްޓާލުމަކީ ނުވަތަ އެއާ ޚިލާފުވުމަކީ ޙަރާމްވެގެންވާ ކަމެއް ނޫނެވެ. އަދި އެއީ ނަމާދު ބާޠިލު ކޮށްފަނިވި ކަމެއް ވެސް ނޫެނެވެ. މިއީ ދީނުގެ ސަލަފުއްޞާލިޙީންގެ ހުރިހާ ދަންނަބޭކަލުން އެއްބަސްވެ ވަޑައިގަންނަވާ ގޮތެވެ.


ސުތުރާއެއްގެ ގޮތުގައި ތަނބާ ދިމާއަށް ހުއްޓިހުރުން:

ނަމާދު ކުރާއިރު ތިމާ އެކަހެރިކޮށް ނަމާދު ކުރާނަމަ، ނުވަތަ ސުއްނަތް ނަމާދު ކުރާއިރު ނަމާދު ކުރާނެ ތަނާމެދު ނުވަތަ ނަމާދު ކުރާނެ ގޮތާމެދު ދީނުގައި ވަނީ ރީތި އުޞޫލުތަކެއް ބަޔާންވެފައެވެ. އެއީ ކުރިމަތީގައި ސުތުރާއެއް ބަހައްޓައިގެން ހުރެ ނަމާދު ކުރުމެވެ. އަދި ތިމާގެ ކުރިމަތީގައި އެއްޗެއް ނުބަހައްޓައި ނަމާދު ނުކުރުމެވެ. މިގޮތަށް ސުތުރާއެއްގެ ގޮތުގައި އެއްޗެއް ބެހެއްޓުމަކީ ސުއްނަތެކެވެ. އަދި މިއީ ލޮބުވެތި ރަސޫލާގެ އަޞްޙާބުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވަމުން ގެންދެވި ކަމެކެވެ. ވަރަށް ގިނަ ފަހަރު އެބޭކަލުން ނަމާދު ކުރަށްވަނީ ތަނބުތަކާ ދިމާއަށެވެ. ދެބަނބު ދޭތެރޭގައި ނަމާދު ކޮށް ނަހައްދަވަތެވެ. އިމާމު ބުޚާރީ އެކަމާމެދު ބާބު ގެންނަވާފައިވަނީ “ތަނބާ ދިމާއަށް ނަމާދުކުރުން” މިފަދައިންނެވެ. ދެން އެކަލޭގެފާނު ސުރުޚީގައި ގެންނަވާފައިވަނީ ޢުމަރުގެފާނުންގެ ބަސްފުޅާއި އެކަލޭގެފާނުންގެ ޢަމަލުފުޅެވެ. އޭގައިވަނީ بَابُ الصَّلاَةِ إِلَى اْلأُسْطُوَانَةِ وَقَالَ عُمَرُ الْمُصَلُّونَ أَحَقُّ بِالسَّوَارِي مِنَ الْمُتَحَدِّثِينَ إِلَيْهَا وَرَأَى عُمَرُ رَجُلاً يُصَلِّي بَيْنَ أُسْطُوَانَتَيْنِ فَأَدْنَاهُ إِلَى سَارِيَةٍ فَقَالَ صَلِّ إِلَيْهَا([11])  (މިއީ ތަނބާ ދިމާއަށް ހުރެ ނަމާދު ކުރުމުގެ ބާބެވެ. ޢުމަރުގެފާނު ވިދާޅުވެފައި ވެއެވެ. ތަނބު ކާރީ ތިބެގެން ވާހަކަ ދައްކާ މީހުންނަށް ވުރެން އައުލާކަން ބޮޑީ ނަމާދު ކުރާމީހާ އެދިމާއަށް ހުރެގެން ނަމާދު ކުރުމެވެ. އެއްފަހަރަކު މީހަކު ދެތަނބު ދޭތެރޭ ނަމާދު ކުރަނިކޮށް ޢުމަރުގެފާނަށް ފެނިޑައިގެން، އެކަލޭގެފާނު އެމީހާގެ ކޮނޑުގައި ހިއްޕަވާފައި ތަނބަކާ ކައިރިއަށް އެމީހާ ގެންދެވިއެވެ. އަދި ވިދާޅުވިއެވެ. ތަނބާ ދިމާއަށް ހުރެ ނަމާދު ކުރާށެވެ.)

އިމާމު ބުޚާރީގެ މިބަސްފުޅު ޝަރަޙަ ކުރަށްވަމުން އިމާމު އިބްނު ޙަޖަރު ގެންނަވާފައިވަނީ އިބްނު އަބީ ޝައިބާގެ ރިވާޔަތެވެ. އެރިވާޔަތުގައި އިތުރަށް އައިސްފައި ވަނީ ދެތަނބު ދޭތެރޭ ނަމާދަށް ހުންނެވި ބޭކަލަކީ ކޮބައިކަން ބަޔާންވެގެންނެވެ. އާދެ، އެބޭކަލަކީ ޤުއްރާ އިބްނު އިޔާސް އަލްމުޒަނީއެވެ. އެކަލޭގެފާނު ވިދާޅުވަނީ ތިމަން ދެތަނބު ދެމެދު ނަމާދު ކުރަނިކޮށް ޢުމަރުގެފާނަށް ފެނިވަޑައިގެން ތިމަންގެ ކަނދުރާގައި ހިއްޕަވާފައި ތަނބާ ދިމާއަށް ގެންދެވިއެވެ. ދެން ވިދާޅުވިއެވެ. ތަނބާ ދިމާއަށް ހުރެ ނަމާދު ކުރާށެވެ.([12])

މިގޮތަށް ތަނބަކާ ދިމާއަށް ނޫނީ ނުތިބުމަށް ބައެއް އަޞްޙާބު ބޭކަލުން ބުރަވެ ވަޑައިގަންނަވާ ސަބަބަކީ ބައެއް އަޞްޙާބު  ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި، ސުތުރާއެއް ނެތް ޙާލުގައި ނަމާދަށް ހުންނަ މީހާގެ ކުރިމަތިން ކިތަންމެ ދުރުން ލާފައިވެސް ހުރަސް ކުރުމަކީ ހުއްދަގޮތެއް ކަމުގައި އެބޭކަލުން ދެކެވަޑައިނުގަންނަވާތީއެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނު މަސްޢޫދުގެ ރައުޔަކީވެސް މިއީއެވެ. އެހެންކަމުން އިމާމު އަބޫޙަނީފާގެ މަޛްހަބަކީ މީހާ ތިމާ ސަޖިދަ ޖަހާ ހިސާބަށް ބަލަހައްޓައިގެން ކޮއްޅަށް ހުންނައިރު އޭނާގެ ނަޒަރު ފޯރާ ހިސާބުން އަނެއް މީހާއަށް ހުރަސްކުރުން ހުއްދަނުވާނޭ ކަމަށެވެ. އަޅުގަނޑު ދެކޭ ގޮތުގައި މިބޭކަލުން ބޮޑަށް ތަނބާ ދިމާއަށް ނަމާދު ކުރުމަށާއި ދެތަނބު ދޭތެރޭ ނަމާދު ނުކުރުމަށް ބާރުއަޅުއްވާ ސަބަބަކީ މިއީއެވެ. ޤުއްރާ އިބްނު އިޔާސް އަލްމުޒަނީ ނަމާދަށް ހުންނަވަނިކޮށް ޢުމަރުގެފާނު ޤުއްރާ ތަނބާ ދިމާއަށް ގެންދެވުމުގެ ސަބަބަކީ ވެސް މިއީއެވެ.

(ނުނިމޭ)

————————————————————-

[1] ސޫރަތުއްޞައްފު: (4)

[2] ރިވާ ކުރެއްވީ އިމާމު އަބޫދާއޫދާއި ނަސާއީއެވެ. އަދި އިމާމު އިބްނު މާޖާއާއި ބައިހަޤީއެވެ. މިރިވާޔަތުގެ ސަނަދަކީ ޞައްޙަ ސަނަދެކެވެ.

[3] މިޙަދީޘު ރިވާ ކުރެއްވީ އިމާމު އަޙްމަދާއި އަބޫ ދާއޫދާއި ނަސާއީއެވެ. މިއީ ޞައްޙަ ޙަދީޘެކެވެ.

[4] ސިންދީ، ޢައުނުލްމަޢުބޫދު.

[5] މިޙަދީޘު ރިވާ ކުރެއްވީ އިމާމު އަބޫ ދާއޫދާއި ނަސާއީއެވެ. އަދި ޢައުނުލް މަޢުބޫދުގެ ޝާރިޙު ވިދާޅުވެފައިވަނީ މިއީ މުސްލިމުގެ ޝަރުޠާ އެއްގޮތް ޞައްޙަ ރިވާޔަތެއް ކަމަށެވެ.

[6] މިތާގައި ދެސަފު ދޭތެރެ ކައިރި ކުރުމުގެ  މާނައެއް ކަމުގައި މުއްލާ އަލީ ޤާރީ އަލްމިރްޤާތުގައި ވިދާޅުވެފައިވާ ކަމަށް އަބޫދާއޫދުގެ ޝަރަޙަ ޢައުނުލް މަޢުބޫދުގެ މުޞައްނިފު، ވިދާޅުވެފައިވަނީ މިތާގައި (وَقَارِبُوا بَيْنهَا) ގެ މުރާދަކީ ސަފުތައް ގާތްކުރުމެވެ. އެއީ ދެސަފު ދޭތެރޭގައި އެހެން ސަފެއް ނެހެދޭހާ މިންވަރަށެވެ. ދެސަފު ދޭތެރޭ އެހެން ސަފެއް ނެހެދޭ މިންވަރަށް ސަފު ގާތް ކުރުމުގެ މުރާދެއް ކަމުގައި އިމާމު ޝާފިޢީގެ އަރިހުން ނަގުލު ކުރަށްވައި އިމާމު ނަވަވީ ވިދާޅުވެފައިވަނީ އެއީ ދެސަފު ދޭތެރާގައި ތިން މުށަށް ވުރެން ދުރު ނުކުރުމެވެ.

[7] އެބަހީ ސަފުތަކުގެ މެދުގައި ހުސް ޖާގަ ހުރުމަކީ ދެމީހުންގެ ދެމެދުގައި ގުޅުންތައް ކުޑަވެގެންދާނޭ ކަމަކަށް ވާތީ މުސްލިމުންގެ މެދުގައި އުފެދިދާނެ ނުގުޅުންތެރިކަމަކާއި އަތުވެދާނެ ބައިބައިވުމަކާއި އެއުރެންގެ ސަފުތަކަށް މެދުވެރިވެދާނެ ހީނަކުރުކަމަކާމެދު ލޮބުވެތި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ކަންބޮޑުވެ ވަޑައިގަންނަވާލެއް ބޮޑުކަމުން، މުސްލިމުން އެކަމަށް ސަމާލުކަން ދިނުމަށް އިތުރު އެކަލޭގެފާނު އިރުޝާދު ދެއްވާފައިވަނީއެވެ.

[8] މިޙަދީޘު ރިވާކުރެއްވީ އިމާމު ބުޚާރީއާއި މުސްލިމެވެ. މިތާގައި مِنْ تَمَامِ الصَّلاَةِ ގެ މާނައަކީ مِنْ إقَامَةِ الصَّلاَةِ އެވެ. އެހެންކަމުން ބުޚާރީގެ ރިވާޔަތުގައި އަންނަނީ ” فَإِنَّ تَسْوِيَةَ الصُّفُوفِ مِنْ إقَامَةِ الصَّلاَةِ ” މިފަދައިންނެވެ. އިމާމު އިބްނު ޙަޖަރު މިބަހުގެ މާނަ ކުރަށްވަމުން ވިދާޅުވެފައި ވަނީ: مَعْنَاهُ مِنْ إقَامَةِ الصَّلاَةِ الَّتِي أَمَرَ اللَّهُ  تَعَالَى بِهَا فِي قَوْلِهِ تَعَالَى: وَأَقِيمُوا الصَّلاَةَ މިއެވެ. (މާނައީ: ނަމާދު ޤާއިމު ކުރުމަށް މާތް ﷲ އަމުރު ކުރަށްވާފައިވާ އަމުރުފުޅާ އެއްގޮތަށް މުސްލިމުން ނަމާދު ޤާއިމު ކުރާށެވެ.) މިފަދައިންނެވެ.

[9] މިފަދަ މީހުންނަށް ކިޔަނީ މުކައްބިރެވެ. މިގޮތުން މުކައްބިރަކު ނުވަތަ ގިނަ މުކައްބިރުން ބެއިތިއްބުމަކީ ޢިލްމުވެރިން ވިދާޅުގޮތުން ސުއްނަތެއް ކަމުގައިވިއަސް ތާޅަފިލި ބޭނުން ކުރެވޭ މިސްކިތެއްގައި މިކަން ސުއްނަތް ވެގެން ނުވެއެވެ. އެއީ ތާޅަފިލީގެ ޒަރިއްޔާއިން އިމާމާގެ އަޑު މައުމޫމުންނާ ހަމައަށް ފޯރާތީއެވެ.

[10] މިވާހަކަ ބަޔާންވެގެންވަނީ އަލްމަޖްމޫޢުގެ ހަތަރުވަނަ ބައިގައެވެ.

[11] الإِمَامُ الْبُخَارِي: كِتَابُ الصَّلاَةِ/ بَابُ الصَّلاَةِ إِلَى اْلأُسْطُوَانَةِ

[12] ފަތުޙުލްބާރީ: بَابُ الصَّلاَةِ إِلَى اْلأُسْطُوَانَةِ މިބާބުގެ ދަށުގައެވެ.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment