000މިއީ، ކުރިން ޝާއިޢުކުރެވިފައި އޮތް ވާހަކައެކެވެ. މިސައިޓުގައި މިޖަހަނީ ބައެއް ބަދަލާއެކުގައެވެ.    ލިޔަމުން އައި ވާހަކަ އެންމެ ފޯރިގަދަ ހިސާބަށް އެރިތަނާ ބަސް ހުއްޓިއްޖެއެވެ. އަނެއްކާވެސް އެއްކަލަ ގޮތްވީއެވެ. ގަލަމުން ދެލި މަނާވީއެވެ. ދެލި ހިންގައިލުމުގެ ގޮތުން ކަރުދާސް އަރިވަރެއްގައި ކުރަހައި އެގޮތް މިގޮތަށް ރޮނގުތައް އެޅީމެވެ. ރޮނގެއްގެ ތަންކޮޅެއްގައި ފަނޑު ފަނޑުކޮށް ދެލި ހިނގިއްޔާ ދެން އޮތް ބައި އޮންނަނީ ހުސްކޮށެވެ. ފަހުން އެވަރު ވެސް ނުވިއެވެ. ކަރުދާހުގައި ބުރުބުރަށް ބޮޅުބޮޅަށް ހުރަހަށާއި ދިގަށް…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

މިއީ، ކުރިން ޝާއިޢުކުރެވިފައި އޮތް ވާހަކައެކެވެ. މިސައިޓުގައި މިޖަހަނީ ބައެއް ބަދަލާއެކުގައެވެ.

 

 ލިޔަމުން އައި ވާހަކަ އެންމެ ފޯރިގަދަ ހިސާބަށް އެރިތަނާ ބަސް ހުއްޓިއްޖެއެވެ. އަނެއްކާވެސް އެއްކަލަ ގޮތްވީއެވެ. ގަލަމުން ދެލި މަނާވީއެވެ. ދެލި ހިންގައިލުމުގެ ގޮތުން ކަރުދާސް އަރިވަރެއްގައި ކުރަހައި އެގޮތް މިގޮތަށް ރޮނގުތައް އެޅީމެވެ. ރޮނގެއްގެ ތަންކޮޅެއްގައި ފަނޑު ފަނޑުކޮށް ދެލި ހިނގިއްޔާ ދެން އޮތް ބައި އޮންނަނީ ހުސްކޮށެވެ. ފަހުން އެވަރު ވެސް ނުވިއެވެ. ކަރުދާހުގައި ބުރުބުރަށް ބޮޅުބޮޅަށް ހުރަހަށާއި ދިގަށް ހިކި ތުނޑުވަޅު ދުވެފައި ހުއްޓެވެ. ދެލީގެ ކަންފުޅެއް ނެތެވެ. އަރައިގެން ވިޔަރީގައި ގަލަން ފޫކޮޅުގައި ބޮނޑިއެއް އެޅީމެވެ. ގަލަމުން ދެލިހޮޅި ދަމައިގެންފައި ލިޔާ މޭޒުމަތީގައި ހުރި ހޮޅިދަޅަށް ވައްޓައިލީމެވެ. އެއީ ދެލިހިކޭ ހޮޅީގެ ކަށްވަޅެވެ. މިހާރު ވެސް ކަށްވަޅުގައި ހަތް ހޮޅި އެބަ އޮތެވެ. ކޮންމެ ހޮޅިއެއްގެ އަގަކީ ދުއިސައްތަ އެތައް ރުފިޔާއެވެ. ގަތް ގަލަމާއެކު އޮތް އަލަތު ހޮޅި ފިޔަވައި އެންމެ ހޮޅިއެއް ވެސް ހުސްވަންދެނެއް ނުލިޔެވުނެވެ. ހައެއްކަ އަށެއްކަ ދުވަހު ލިޔާ ފަހުން ނުވަތަ އެއަށްވުރެ ވެސް އަވަހަށް ދެލި ހިކެނީއެވެ. ގަލަން ގަންނާށާއި ދެލިހޮޅި ގަންނާން ހޭދަވި ލާރި ހިމަނައިލުމާ އެކު ހިތް ނުހުއްޓުނީ ކިރިޔާއެވެ.

މިކަން މިހިސާބަކަށް މިދިޔައީ ކީއްވެގެން ހެއްޔެވެ؟ ދާދި ފަހަކާ ޖެހެންދެން އަހަރެން ލިޔެ އުޅުނީ ފަންސުރުންނެވެ. މިބުނީ ސޮއިޖަހައިލުން ގިއްޗެއް ވައްޓައިލުން ފަދަ ކަންކަމަށް ބާޒާރުން ލިބެން ހުންނަ އެންމެ އާދައިގެ ދެރަ ބައިރޯއެއް ނުގެންގުޅޭ ވާހަކައެއް ނޫނެވެ. ނަމަވެސް ހަރު އެއްޗެއް ވައްޓައިލަން ވެއްޖެ ނަމަ ހިފެނީ ފަންސުރުގައެވެ. ތުނޑު މަޑުވެފައި ދެލި ކުލަ ގަދަވެފައި ލިޔަން ފަސޭހަ އެޗުބީ ދަރަޖައިގެ ފަންސުރެވެ. މިގޮތަށް ފަންސުރުން ލިޔަމުން އަންނަތާ ކިހައި ޒަމާނެއް ވެއްޖެ ހެއްޔެވެ؟ ކުށް ފިލުވައިލާން ޖެހުނަސް، ބަހެއް ބަދަލުކޮށްލާން ޖެހުނަސް ފޮހޭ ރަބަރުން ފަސޭހަކަމާއެކު ފޮހެލައިފައި ރަނގަޅު ނުވަތަ ރީތި ގޮތަށް ލިޔެލަނިކޮށް އެވީއެވެ. ތުނޑު ހިކި ހުއްޓުން އަރައިގެން އުޅުމީ، ދެލި މަނާވުމީ ކުރި ތަޖުރިބާއެއް ނޫނެވެ. ކުރަންޖެހޭނޭ ތަޖުރިބާއެއް ވެސް ނޫނެވެ. ހުރިހައި ކަމެއް ބަދަލުކޮށްލީ ޓީވީން އެއްރެއަކު އަހަރެން ދުށް އިޝްތިހާރެކެވެ.

“ތުނޑުޖެހި ފަންސުރު ފީންޏެއް ދޮށުގައި އެދުރުބެ؟ އަނެއްކާ ވިއްކާ އެއްޗެއްތަ؟”

“ނޫން މިއުޅެނީ އެއްޗެއް ލިޔެލާނަމޭ ހިތާ!”

“އެއްޗެކޭ. ރަނގަޅަށް ވިއްޔާ ތިޔަ އުޅެނީ ވާހަކައެއް ލިޔަން. އެދުރުބެ ލިޔެއުޅެނީ ފަންސުރުންތަ؟ ކޮންފަދަ ކަޓުކަމެއް. މިއޮތް ކޮންޕިއުޓަރުގެ ޒަމާނުގައި. މިހާރުގެ ލިޔުންތެރީން ލިޔެ އުޅެނީ ކޮންޕިއުޓަރުން. ކޮށައި މަށަން ޖެހުނަސް ކުށްފިލުވައިލައި އައު ނަކަލެއް ޗާޕަށް ދޭންވިޔަސް އެހައި ފަސޭހަ.”

“ތިޔަ ކަން އޮތީ ތިޔަހެން މެ. އެކަމަކު ބުނަންތަ މަގޭ ތަޖުރިބާ ވަރަށް ތަފާތު. މަގޭ ޚިޔާލުގެ މަކުޑި ނެއްޓި ހުޅުވޭ ގޮތްވަނީ ހުދު ކަރުދާހުގައި ކަޅުދެލި ހިނގައިގަތުމުން. އިނގިލިތަކުން ކީބޯޑުގައި ފަހަރަކު ފިތަކަށް އޮބަމުން ލިޔަން އުޅުނީމާ ކީކޭ ބުނާނީ! މަށަށް އެވަނީ ކޮންޕިއުޓަރެއް ހިތަކަށް ލިބިގެން އުޅޭ ރާމާމަކުނެއްގެ ކުޅިވަރު ފަދަ ކުޅިވަރަކަށް. ޚިޔާލުތައް ވެސް ހީވަނީ ކުއްލި ކުއްލިއަށް ކެނޑި ވިއްސި ވިހާލި ވެގެން ދާ ހެން.”

“ކޮންޕިއުޓަރަށް ހޭނި ފަރިތަވެލުމުން ތިޔަކަން ރަނގަޅު ވެދާނެ.”

“އެކަމަކު އަތުން ކަރުދާހުގައި ލިޔަން އުޅުމުން ޚިޔާލުތައް ގުޅިގެން އަންނަހައި ފަސޭހައިން ކީބޯޑުން އެގުޅުން ގެނެވިދާނެ ހެނެއް ހީއެއް ނުވޭ!”

“ތިޔަހެން ވިއްޔާ ފަންސުރަކަށް ވުރެ ގަލަމެއް އަދި މާ ފަސޭހަވާނެ! އާދައިގެ ގަލަމެއް ނޫން. މޮޅު ގަލަމެއް. މިސާލެއް ނެތް ފަދަ ގަލަމެއް. އުމުރު ދުވަހަށް ބޭނުން ކުރެވޭނޭ ގަލަމެއް. މަޝްހޫރު ބަސޫޓީ ގަލަމެއް އިނގޭ!”

އިޝްތިހާރުގެ މޮޅު ވާހަކަކޮޅާއި މަންޒަރު ހިތުގައި ހިފީ ފާރޮށީގައި ފެން ހިފާ ގޮތަށެވެ. ފުންމައިގެން ދެތުވެ ބަސޫޓީ ގަލަމެއް ގަންނަން ދުއްވައިގަތީމެވެ. އެތަނަށް ވަދެ އަގު އެހުމުން އެއޮއް ކީ ބޮޑު އަގަކާ މެދު ވެސް ޝަކުވާއެއް ނެތެވެ. އުމުރު ދުވަހަށް ބޭނުން ކުރެވޭނޭ މޮޅު އެއްޗެހީގެ އަގު ވެސް ހުންނާނެ ތާއެވެ. އެތަނުގައި ވެސް އަދި ގެޔަށް އައިސްފައި ވެސް ކުރަން އެނގުނު ކަމަކީ ގަލަންފޮށި ހުޅުވައިގެން ލޯ މުދުނަށް އަރުވައިގެން ގަލަމަށް ބަލަން ހުރުމެވެ. ރަތް މަޚުމާފޮތި ޖެހި ދާނެއްގައި ވެޑުވިފައި އޮތް ގަލަމެވެ. ރަތްލާޖެހި ގަލަމެވެ. ބައިރޯއެއް ކަމަކު ދެލިއަޅާ ގަލަމެއްގެ ރޫފަޔާއި ސިފަގަނޑު ހުއްޓެވެ. ދޯރިފުލުގައި ހުދުކުލައިގެ މަލެއް ހުއްޓެވެ. ދޯރީގެ އަނެއްކޮޅުގައި ރަންކުލައިގެ ދެ އަނގޮޓިވެއެވެ. ތުނޑު ނިކުންނަން ހުރީ ރަން ތުނބެކެވެ. ރަނެއް މަލެއް ފަދަ ގަލަމެކޭ ބުނެފައި ފުއްދައިލިއްޔާ ރަނގަޅުވާނެއެވެ.

ގަލަން ދާނުން ނަގައި ބޭއްވުމުގެ ސަކަރާތްގަނޑެއް ގަނެ ގަލަމާ ކުޅެން ހުރެވުނެވެ. ގަލަމެއް އަލަށް ފެނިގެން އުޅޭ މީހަކު ފަދައިންނެވެ. ބަސްހުއްޓި، އަތްފައި ތުރުތުރުއަޅައި، ދަތްކޮޅު ދިލުވިފައިވާ ހާލުގައެވެ. ހިތުގައި ޖެހުނެވެ. ބަސޫޓީއަކީ ދިވެހިކޮށްލާ ނަމަ ބަސްހުއްޓިއެވެ. މިކަހަލަ ރީތި ގަލަމަކަށް ކިޔަން އަސްލު ވެސް އެންމެ އެކަށީގެންވާ ނަމެވެ.

އޭގެފަހުން އަހަރެން އެގަލަމަށް ކިޔަނީ ބަސްހުއްޓިއެވެ. އެގަލަން އަތްމައްޗަށް ފަރިތަވެ، ހިތްމައްޗަށް ވެރިވެ، ގެއަށް ގަދަވެގަތީ ހައިރާންވާހައި އަވަހަށެވެ. ކުރިން ‘އެފުޅު’ އަބަދު ވެސް ކިޔާނެއެވެ. “މުޅި ގޭގައި ކަލޭގެ ފަންސުރެވެ.” މިހާރުގެ ބަހަކީ މުޅި އޮޑީގައި ހަސަނު ދެފައެވެ. މުޅި ގޭގައި ކަލޭގެ ގަލަމެވެ.”

ގަލަން ބޭއްވުނު ތަނެއް ނޭނގިގެން، ހިކިދިޔަވަރަށް ތޮށިމަތީގެ ފުންތަންކޮޅެއްގައި ބެދިފައި ހުރި މަހެއް ހެން، ކުރު މަގު ދުވެވެނީ ވެސް މަދެއްކޮށް ނޫނެވެ. ކޮނޑު އޮތް ފުރޯ ވަލުން ހޯދާ މަންޒަރު ފެނިފެނި ގޭ މީހުން ތިބެނީ އެއްގޯސްވެފައެވެ. އެމަންޒަރު ބޭރު މީހަކަށް ފެނިއްޖެ ނަމަ ހީނހީނ ހަލާކުވެދާނެ ތޯއްޗެކެވެ. ގޭތެރެއެކޭ އެއްފަދައިން ގެއިން ބޭރަށް ވެސް އެގަލަމާ ނުލައި ނޭވާއެއްލުން އޮންނަނީ ދަތިކަމަކަށްވެފައެވެ. ބޯކޮށަން އިނަސް، ބާޒާރުގައި ވިޔަސް، އަޅުކަމެއްގައި ވިޔަސް، ފަޅުތަނެއްގައި ވިޔަސް ގަލަން ހުންނާނީ ގައިގައި ހިއްޕައިލައިގެންނެވެ. ގައިން ދޫކޮށްލާ ތަނެއް ނާންނާނެއެވެ.

ހަނދާންތަކުން ހޭލެވުނީ ފޯނުގެ އަޑަށެވެ. ނަގައިފައި ފިތައިލުމުން އެކޮޅުން ވާހަކަދެއްކީ ދަންނަ އަޑެއްގެ ވެރިއެކެވެ.

“މީމުނާޒު. ފޮތްފޮށިން އިނގޭ. އަހަރެމެން އަގު ކިއުއްވައިގެން ލިޔުއްވާ ‘ކުދި ދަރީންގެ ދިވެހި’ ފޮތް ކިހައި ހިސާބެއްގައި އުޅެނީ؟”

“ރާއްޖެ ނުފެންނަހައި ބޭރުގައި”

“ސަމާސާނުކުރޭ!”

“ސަމާސާއެއް ނޫން!”

“އެއްބަސްވެފައިވާ ދުވަހަށް ފޮތް ނިންމައިފައި މިތަނާ ހަވާލުކުރަން ޖެހޭނެ އިނގޭ. އެހެންނޫނީ…!” ހޫނު އިންޒާރެއް ދީފައި ދެން އިވުނީ ފޯނު ކަނޑައިލި އަޑެވެ.

ހިތަށްއެރިއެވެ. ތެދެކެވެ. ފޮތް އެކުން އަވަހަށް ނިންމައިގެން މަސައްކަތުގެ އަގު ހަމަޔަށް ލިބުން ފިޔަވައި މަށަށް ލިބޭނެ ލާބައެއް މޮޅެއް ނެތަސް ދުވަހަށް ނުނިމިއްޖެ ނަމަ ޖޫރިމަނާވެ ހުރިހައި ވެސް ދެރައެއް އޮތީ މަށަށެވެ. އެގޮތް ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގައި އޮތީ ކަނޑައަޅައި ބަޔާންކޮށްފައެވެ. ދުވަހަށް ދެން ދެ މަހެއްހައި ދުވަސް ވެސް ނެތެވެ. ނޯޓުތައް ލިޔެ ނިންމައި ފޮތްރާވައިލާނެ ގޮތް ހިތުގައި ރޭވިފައި އޮތަސް ފޮތްލިޔުމުގެ އަސްލު މަސައްކަތް އަދި އޮތީ ނުފެށިއެވެ. ދުވަހަށް މަސައްކަތް ނިންމައިލެވޭނީ ދެލިހިނގާ ބަސޫޓީ ދެލިހޮޅިއެއް ލިބިގެން ތާއެވެ. އިތުރު ހޮޅިއެއް އަބަދު ވެސް އަތުގައި ރައްކަލުގައި އޮތުން ބުއްދިވެރިއޭ ހިތައި ގަލަމާއި ދެލިހޮޅިވިއްކާ ‘ގަލަންދާން’ ފިހާރަޔަށް ކުރިން ދިޔުމުން ބުނެފައި އޮތީ މިވަގުތު އޭގެ ހޮޅި ހުސްވެފައިވާ ކަމަށެވެ. ދެތިން ދުވަސް ފަހުން އަނެއްކާ ވެސް ލިބެން ހުންނާނެ ކަމަށެވެ. އެވާހަކަ ބުނީ މީގެ ފަސް ދުވަސް ކުރިންނެވެ. މިއަދު ހެނދުނު ފޯނުކުރުމުން ބުނީ ހޮޅިތައް އަދިވެސް ހުރީ ކަސްޓަމުގައި ކަމަށެވެ. އެކަމަކު މާދަމާއިން ފެށިގެން ލިބެން ހުންނާނެ ކަމަށެވެ. ކިތަންމެ ހެނދުނަކާ އަޔަސް ހެޔޮ ކަމަށެވެ.

މިރޭ ދެން ނޯޓުތައް އަލުން ކިޔައިލުން، ގެންނަން ޖެހޭ އުނި އިތުރެއް އޮތް ނަމަ އެކަން ފަންސުރުން ފާހަގަކޮށްލުން، އޭގެ ފަހުގައި ނިދަން އޮށޯތުން ފިޔަވައި ކުރެވޭނެ ކަމެއް ނެތެވެ. ކުޑަދޮރުން ބޭރު ބަލައިލުމުން ރޭގެ ސާފު އުޑު ފިޔަޖަހާ ތަރިތަކުން ފުރިފައިވާތީ ފެނުނެވެ. ވައިމަތިން، އުދަރެސް ފަށުން، ދޭތެރެ ދޭތެރެއިން ވިދާލާކަން ފާހަގަކުރެވުނެވެ. މޫސުން ބަދަލުވުމުގެ އަލާމާތެއް ތާއެވެ.

ފަތިސް ދަމަށް އެޅުނުއިރު ގުގުރައިފައި ވާރޭ ވެހެން ފަށައިފިއެވެ. ވާރޭ ވެހުމޭ ބުނުމަށްވުރެ ހެޔޮވާނީ ވާރޭ އޮއްސަނީއޭ ބުނިއްޔާއެވެ. ފަސްބަދުރުވައިގެ ފެން، ނަކަތުގެ ފަހުދުވަހަށް އެއްވެހުމަކަށް ޖަމާވެފައި ވަނީއޭ ހީވިއެވެ. ހެނދުނު ހަތެއްޖެހި އިރު ވެސް ކެރިކަނޑައިގެނެއް ނުދެއެވެ. ހަމަ ބާރަށް ބޯކޮށް ވެހިލަ ވެހިލައި އޮތީއެވެ. އޭގެ ފެންތިއްކެއް ފުށަތުގައި ޖެހިލިޔަސް އަތްފައިގެ ލޯލިތައް ކޮޅަށްޖެހި، ގައިން ހީބިހި ނަގައި، ދަތްޕިލާ ތެޅި ތެޅި ހުންނަހައި ފިނި ފިނި ވާރޭއެކެވެ.

ދިހައެއްޖެހިއިރު ކެރި ތުނިވެލައިފިއެވެ. އެކަމަކު އަދި ވެސް ނުތެމި ތަންތަނަށް ދެވޭވަރެއް ނޫނެވެ. ދުނިޔެ މައްޗަށް ވައިރޯޅިއެއް ނުވެއެވެ. ހާވިލާކޮޅެއް ނެތި އެކީ އެކައްޗަކަށް ބެދިފައިވާ ވައިމަތި ބަލައިލުމުން މެންދުރު ކުރިން ވާރޭ ހުއްޓާކަށް ނެތް ކަން ގައިމު ވެއްޖެއެވެ. މޫސުމުގެ ތަޖުރިބާ ބުނެދިނީ މެންދުރު ފަހުން ވެސް ކުނިވިއްސާރަ ކުރިޔަށްދާނޭ ކަމަށެވެ. ހަވީރުވަންދެން، ދިޔަވަރަށް ވިއްސާރަ ހުއްޓާލައި، މަގުތަކުން ފެން ހިނދިލަންދެން، އަތްއުރައިލައިގެން ހުންނަންވީ ހެއްޔެވެ؟ ނޫނެކެވެ. މިހާރުން މިހާރަށް ވެސް އެކައްޗެއް ނޫނީ އަނެކައްޗެއް ލިޔުމުގެ މަސައްކަތަށް ވާނީ އެނބުރޭށެވެ. އަނގަޔާއި އަތާ ދިމާވާން އޮތީ އެނޫން ކޮން ގޮތަކުން ހެއްޔެވެ؟

ދެލިހޮޅިއެއް ލިބޭތޯ ދާން ގެއިން ނިކުންނާން ބަލައިލި އިރު ގޭދޮށު މަގު އޮތީ ކަށިމަތިތާ ފެނަށް ފެންހެދިފައެވެ. މަގުގައި ހިކި ތަންކޮޅެއް ނެތެވެ. މަގުހިނގާ މީހުން ހިނގާބިނގާވެ އުޅުނީ ފައިވާން އަތަށް ނަގައި ހެދުން މެދުބުޅިއަށް ނަގައިގެންނެވެ. ނުވަތަ ފަޓުލޫނު ފައިކުރިން ދެތިން ދަރު ބަނދެލައިގެންނެވެ. އުރަށް ބަރު ފުރައިގެ ކުދި ދަރީން “ހުން ގަބުޅަ” ކިޔައި ކުކުރާލައިފައި އުރަށް ނުވަތަ ކޮނޑަށް އުފުލައިލައިގެން ތިބެއެވެ. މިއޮތް ހުރިހައި ދުވަހު ގޭގޭގައި ބޮނދާ ތިބި ކުދި ބޮޑު، ކުލަކުލައިގެ ކުޑަތައް ހިނގުމުގެ އީދެއް އައިސްގެން އުޅޭ ފަދަޔަކުން މިއަދު މަގު ހިނގަން ނިކުމެ އުޅޭ ކަހަލައެވެ.

އާންމުކޮށް ފެންބޮޑު ނުވާ މަގެއްގައި މިވަރަށް ފެން އޮތް ނަމަ ‘ގަލަންދާން’ ފިހާރަ ހުންނަ އަމީނީމަގުގެ ހާލަކީ އަދި ކޮބައި ބާވައެވެ؟ އެފިހާރަ ހުންނަނީ އެ މަގުގެ ވެސް އެންމެ ފެންބޮޑުވާ ހިސާބުގައެވެ. ރަނގަޅަށް ވިއްޔާ އެހިސާބު މިހާރު އޮންނަނީ މަގުން ދުވާރު ވަކިނުވާ ވަރަށް ފަޅުމަތި ފަދައިން ދިޔަ ބޮޑު ވެފައެވެ. ސައިކަލުގައި ދާން ހިތަށް ވެސް އަރުވާނެކަމެއް ނެތެވެ. ދުއްވާ އެއްޗެއްގައި ދާ ނަމަ ހޯދަން ޖެހޭނީ ބޮޑު ފުރޮޅުލީ ލޯރިއެކެވެ. ނުވަތަ އިންޖީނުލީ އޮރުވާއެކެވެ. ނޫނީ ކަނބާފައި ނޫނީ ފަލީގައި ދާނެ އެހެން ވެސް އެފަދަ ކުޑަ އުޅަނދެކެވެ. ޝައްކެއް ވެސް ނެތެވެ. ހަމަ އެންމެ ރަނގަޅުގޮތަކީ ހިނގައިލައިފައި ދިޔުމެވެ. ހިނގައިލައިފައި ދާކަށް އެއީ އަހަރެމެން ގެޔާ އެހައި ދުރު ހިސާބެއް ނޫނިއްޔާއެވެ.

ފަޅު ހިނގުމުގެ ދަތުރަށް ތައްޔާރުވެލީމެވެ. ދިގު ފަޓުލޫނު ބާލައި މިހާރުގެ ޒުވާނުންލާ ކަހަލަ ފައިކުރި ދިގު ބުރި ފަޓުލޫނެއް ލީމެވެ. ގަންބޫޓަށް އަރައި ވާރޭކޯޓު ލުމުން ހެދުން ފުރިހަމަވެ ދަތުރަށް އެހެރީ ތައްޔާރުވެފައެވެ. ފެންޖެހުން މަނާ ކަނޑީފާރު ބޭސްގަނޑެއް ފައިގައި އަޅައިގެން އުޅޭ މީހަކު ފަދައިން ދޮރުން ބޯދީ ދެފަހަރަކު މަގު ބަލައިލެވުނެވެ. މަގަށް އަހަރެން ބަލަން ހުރި ކަހަލަ ގޮތަކަށް އިމާރާތުގެ މަތީބުރިން، އަހަރެމެން ދިރިއުޅޭ ބައިގެ ކުޑަދޮރުން ‘އެފުޅު’ މަށަށް ބަލައިލި ތަން ދުށީމެވެ. ބަލަން ނުހުރެ ރިޔާކޮށައިލައިފައި ދަތުރަށް ނިކުތީމެވެ.

އަމީނީމަގަށް އަޅައިގެން ކަކުލުން މަތީ ފެނުގައި ކަނބަމުން ކުރިއަށް ދިޔައީމެވެ. ގެނބެމުން ދިޔަ ޣިޔާސުއްދީނު ކުރިމަތިން މުދާ އަރުވައި ފުރާފައި އޮތް ބިޔަ ލޯރި ފަސްދިނީ އަހަރެންގެ ގަޔަށާއި ލޮލާއި ބޮލަށް ފެންޖަހައި ފެންވަރުވާލައިފައެވެ. ގައިގައި ކަށިޖަހައިފައި ދާ ކުޅަނދުރަކަށް ބަލައިލާނޭ ލޮލުން ލޯރިއަށް ބަލައިލެވުނެވެ. މޫނާއި ލޮލުން ފެން ފޮހެލައިފައި ތަންކޮޅަކަށް ދިޔަތަނާ ކުއްޖަކު ‘އެދުރުބޭ’ އޭ ކިޔާ ގޮވާލި އަޑެއް އިވިއްޖެއެވެ. ވަށައިގެން ހޯދައިލިއިރު ‘ކަންސަމާ’ އިޝްތިހާރު ކުރާ ކުންފުނީގެ މަތީބުރީގެ ކުޑަދޮރުން ބޭރު ބަލަހައްޓައިގެން މުއާވިޔަތު ހުއްޓާ ފެނިއްޖެއެވެ. އެއީ މަގޭ ދަރިވަރެކެވެ. އިޝްތިހާރު ލިޔުމާއި އުފެއްދުމުގެ ރޮނގުން އޮފުއަރައި ކުރިއަރަމުން އަންނަ ޒުވާނެކެވެ.

އޭނާ ހީނގެންފައި ގޮވާލިއެވެ. “ގަންބޫޓަށް އަރައިގެން ވެހޭ ވިއްސާރައިގައި މިއޮތް ފެންބޮޑުވެފައިވާ މަގުން އެދުރުބެ އަނެއްކާ ކޮން ދަތުރެއް؟ މިހާރަކަށް އައިސް ކޮންމެ ދުވަހަކު ހެނދުނު މިމަގުން ކަސްރަތަށް ހިންގަވާތީ ފެނޭ. މިއަދު ކަސްރަތު… ފެނު ތެރޭގައިތޯ؟”

ކުރިޔަށް އަރިއަކަށް އަތްދިއްކޮށްލަމުން އަހަރެން ބުނީމެވެ.

“ނޫނޭ. މިދަނީ ތިޔަހަރަ ‘ގަލަންދާނަށް’. ބަސޫޓީ ދެލި ހޮޅިއެއް ގަންނަން”

“ބަސޫޓީ! އަޅުގަނޑު ވީޑިއޯ ނެގިއަސް ހެޔޮތޯ؟” މުއާވިޔަތުގެ މޫނު ދިއްލިފައި ހުރީ އަހަރެން ފަދަ ތިރީސް ސާޅީސް ފޫޓު ދުރުގައި ހުރި މީހަކަށް ވެސް ފާހަގަކުރެވޭނޭހައި ވަރަށެވެ.

ޝައްކެއް ވަހުމެއް ވެސް ނެތި އަހަރެން، އަހަރެންގެ ސާދާ ގޮތުގައި އަހައިލީމެވެ.

“ތިޔަ ތާނގައި ތިޔަ ހުންނަނީ ވިއްސާރައިގައި މަގު ހިނގާ މީހުންގެ ވީޑިއޯ ނަގަންތަ؟”

“ނޫން.ނޫން. އޮފީހުން މިވަގުތު ކަރަންޓު ކެނޑިފައި ހުރެގެން މަސައްކަތް ކުރެވެން ނެތީތީއާއި މަގުގައި ފެންބޮޑުވެފައި އޮތް ވަރުން ބޭރަށް ކޮފީއަކަށް ވެސް ދެވެން ނެތީތީ މިތާ ހުރެވުނީ”

“ދެން އެދުރުބެ ފެނިގެން ވީޑިއޯ ނަގާ ހިތްވީ ދޯ. ހާދަ ރަނގަޅޭ!”

“އެދުރުބޭގެ ހުއްދަޔާ އެކު ވީޑިއޯ ނަގާނަން. އެދުރުބެ ކޮށްދެއްވަންވީ ކަމަކީ ފަސްދެއްވުމެއް ކެމެރާއަށް ބެއްލެވުމެއް ނެތި ކުރީގެ ފޯރީގައި ފެންގަނޑު ތެރޭ ކުރިޔަށް ވަޑައިގަތުން”

“ހޭވައްލާ ތައްޔާރު! މުއާވިޔަތު ވީޑިއޯ ނަގަންހުރޭ. މިއޮތީ ވީޑިއޯ ނަގަން މަރެއްކަހަލަ ދުވަހެއް. މަރެއް ކަހަލަ މަގެއް. މަންޒަރު ވަރަށް ރީތިވާނެ!”

އަހަރެން ކުރިޔަށް ޖެހުމުން ހީވީ އިންޖީނު އޮޑިއެއްގެ ބުރަފަތި އެނބުރިގެންހެނެވެ. ރާޅު ބާނި މޯހިރަށް ފައިބައިގެން ދިޔައެވެ. ހިކިފަތްތަކާއި ހުސްފުޅިއަކާއި އެހެން ވެސް ބައެއް ކުނިބުންޏާ އެކުގައެވެ.

‘ގަލަންދާނުން’ މިފަހަރު ގަތް އައު ހޮޅިން ލިޔެވުނީ ބަރާބަރު ތިން ދުވަހުއެވެ. ދެން ހަމަ ކުރީގެ ދެލިހޮޅިތައް ފަދައިން ހިކި ބަސް ހުއްޓުނީއެވެ. އުނގުރި ދަމައިގެންފައި ފޫކޮޅަށް ވައިޖަހައިގެން ވެސް ބަނޑުގައި ބޮނޑިތާން އަޅައިގެން ވެސް އަލިބެއަށް ބޯހުނި ހިލާން ބުނެގެން ވެސް ކުރި ފައިދާއެއް ނެތެވެ. ނުބައި ގެޔަކަށް ވަދެވިގެން ބޮނޑިއެއް ލިބުނު ބޭޗާރާއަކު ހެން ލަކި ބުރުއްސަމުން ދޮރުހުޅުވައިލައިފައި ގެއިން ބޭރުވީމެވެ. ‘ގަލަންދާނާ’ ދިމާއަށް އުދުހިގަނެވުނީ ބުއްރާސްޖަހައިފައި ދާ ހާލެއް ހެންނެވެ.

ފިހާރަޔަށް ވަދެފައި ސޭޓަކަށް އިން އަންހެންކުއްޖާ ކުރިމައްޗަށް ހުއްޓި ކޮށިގަނޑަށް ދެލިހޮޅި ޖެހީމެވެ. ތޫނު ގޮތަކަށް ބަލައިލައިފައިމެ އެކުއްޖާ ޒުވާބެއް ނުދިނީ ފޯނެއްގައި އިނީމާ ތޯއްޗެކެވެ. ކެތްތެރިވާން ގަދައަޅަމުން އަހަރެން ހަރުތަކުގެ ތިރިއަށައި މައްޗަށް ކަޅިއުކައި، ކޮޅުކޮޅު ހޯދައިލަހޯދައިލައި ހުރީމެވެ. ފިހާރައިގެ ބިއްލޫރި ބިތް، އެތެރެއިން ބޭރަށް ފެންނާނެހެން އެކިވައްތަރު ގަލަމުގެ އިސްކޮޅުވަރު އިޝްތިހާރުތައް ތަތްކޮށް ފުރައިލައިފައި ހުއްޓެވެ. އޭގެ ސަބަބުން ބޭރަށް މަންޒަރު ރީއްޗަސް ފިހާރަތެރެ ވަނީ ފުސްވެފައެވެ. މެދު ފަންގިފިލައިން ހޮޅިބުރިއެއް ދިއްލާފައި ހުއްޓަސް އޭގައި ހުންނަންވާ ފުރިހަމަ އަލިކަމެއް ނެތެވެ. މުއާވިޔަތުމެންގެ އިމާރާތުގައި ކަރަންޓު ނެތަސް މިތާ ކަރަންޓު އެބަހުއްޓެވެ. އެއާކޯނު ގަދަކޮށްލައިފައި ހުރީ ރުޅިއައިސްގެން ކެކި ކެކި ހުރި މީހާ ވެސް ފިނިވެ ހީގައި ރޫރޫ އަޅައިގަންނަ މިންވަރަށެވެ.

ބަލާނޭ އިތުރު އެއްޗެއް ނުވަތަ ތަނެއް ނެތުމުން އަންހެންކުއްޖާއާ ކުރިމަތިލައި، އުރަށް އަތް ނަގައިގެން އަދަބެއްގައި ކޮޅަށް ހުންނަންޖެހިފައިވާ މީހެއް ފަދައިން ނިކަމެތިވެފައި ހުރެވުނެވެ. އެގޮތުގައި އެތައް އިރެއް ވޭތުވެގެން ހިނގައްޖެއެވެ. ފައިވާޅުވެއްޖެއެވެ. ޒުވާން ދައުރު ކުލަބަށް ފުޓުބޯޅަ ކުޅެ އުޅުނު ދުވަސްވަރުގެ ތަދެއް ނުވަތަ ރާއްޖެ ބަލީގެ ރިހުމެއް ހުންނަ ކަކުލު ހުޅުގައި އަލިފާން ރޯވެފައި ހުރި ކަހަލައެވެ. ލިބެމުންދާ ކެކުޅުމާއި އަހުވަޔާއި އަޒާބުގައި ހޭރެވިފައި ހުރި އިރު އަންހެންކުއްޖާ ހޭ ވެސް އަހައިނުލިއެވެ. ހަމަ ފޯނުގައެވެ. ވާހަކައިގެ ފޯރިއާއި އައިސްފައި އިން ހިނީގެ މައްޗަށް އެއްފަހަރަކު އެރި ކޮށީގެ ތެރޭގައި ދިގުލައި ޒާތަކަށް ކަކަލައްވައި ގަނެވުނެވެ. ގައު ބިހެއް އެޅިގެންއުޅޭ އައު ކުކުޅެއް ފަދައެވެ.

އަންހެންކުއްޖާގެ ބަހެއް ނުލިބުމުން، ލަދުރަކި މީހެއްގެ ފިނޑި ގޮތަށް އަހަރެންގެ އެދުން ފާޅުކުރީމެވެ. “ތިޔަ ފޯނު އިހަށް ބާއްވަން ވީ ނޫން ތޯ؟ އަޅުގަނޑު މިތަނަށް އައިސް މިހިރީ ކަމަކު!.”

ހިތާ ދެކޮޅަށް ނަމަވެސް “މިވަގުތު ވަކިވެލަން ޖެހިއްޖެއޭ” ބުނެފައި އަންހެން ކުއްޖާ ފޯނު ބާއްވައިފިއެވެ. ދެން އެނބުރޭ ގޮނޑި އަނބުރައިލައި ކުރާހިތް ނުވާކަމަކާ ނުވަތަ ދެކޭ ހިތް ނުވާ މީހަކާ ކުރިމަތިލާ ހެން މަށާ ކުރިމަތިލައިގެން އިނދެއްޖެއެވެ. އަދި ނިދިކުލަވަރު ހުރި މޫނަކައިގެން ސަންގެއްގެ ފޫހެން ތުންކޮޅު މަށާ ދިމާއަށް އަނބުރައި އޫކޮށްލައި އެބަ އާފުރިލިއެވެ. ބަރު ހިތުގެ މައްޗަށް ބޭއިޚުތިޔާރުގެ ފޫހިކަން ފޭދިގަތީ ތާއެވެ.

 

ހިފެހެއްޓިފައި ހުރި އަހަރެންގެ ރުޅި އާއި ފޫހިކަން ވެސް ފޭދިގަތީ ދެނެވެ. އެހެނަސް ހުޅުވައިލި އަނގައިން ނިކުތީ ނޯށާއި ކަރުބުޑާއި މޭގައި އަރިދަފުސް ހިފައި ތަތްވެފައި ހުރި މީހެއްގެ އަނގައިން ނިކުންނަ ކަހަލަ ދަތި ބުން އަޑެކެވެ.

“ގެނޭ ދެލިހޮޅި ގަތް އަގު!”

“ދެލިހޮޅިއޭ ތި ކިޔަނީ ރިފިލަށް ދޯ. އެއްޗެއްސަށް ކިޔާ ނަންނަން ކީމާ އަދުގެ ކުދީންނަށް އެނގޭނީ!”

“ކަލޭމެން ކުދީން ކިޔާނެ ނަމެއް ކިޔާ! މަށަށް ގެނޭ ގަތް އަގު!”

“ކިހިނެއްވީ؟”

އަހަރެން ކެތްތެރިވެލައި އިހަށް ވީގޮތާއި ފަހުންވީ ގޮތް ކިޔައިދިނުމުން އެކުއްޖާ ބުނެފިއެވެ.

“ރިފިލު ބޭނުންކޮށްފައި އޮތީތީ އަގު ދެވޭކަށް ނެތް. ބިލު ގެނެސްފިއްޔާ އާ ރިފިލެއް ދެވިދާނެ”

“އަހަންނަކީ ގަންނަހައި އެއްޗެއްގެ ބިލު ފަހަށް ފޮރުވައިގެން ހުންނަ މީހެއް ނޫން. ބިލު ނެތީމާ އަނެއްކާ ވެސް ދުއިސައްތަ އެތައް ރުފިޔާއެއް ދީފައި އާ ދެލި ހޮޅިއެއް ގަންނަންވީ ދޯ! ދެލި ނުހިގީމާ ދެލި ނުހިނގާނެ އާ ހޮޅިއަކަށް ބަދަލުކުރަން އަންނަންވީ ދޯ! ކޮޅުންލާނެ ކަމެއްތަ މީ؟”

“ތިޔައިގެ ރިފިލަކުން ދެލި ނުހިނގައިގެން ދުވަހަކުވެސް އެހެން މީހަކު މިތަނަށް ސަކުވާ އުފުލާފައެއް ނެތް”

“ތެދެއް ތިޔަ ވިދާޅުވީ! މީ ހަމަ އެކަނި އަޅުގަނޑަށް ޖެހިގެން އުޅޭ ކުށުވެރިކަމެއް! ދެލިހޮޅިއެއް ނުދެއްވިޔަސް ދެން ހެޔޮ. ކުށުވެރިކަން ފިލާނޭ ފަނޑިތައެއް އޮތިއްޔާ ދެއްވަފާނަން ތޯ؟”

އަންހެންކުއްޖާ ބަހެއް ނެތި ގޮތަކަށް ބަލައިލައިފައި ފިހާރައިގެ ފޯނު ނަގައިގެން ނަންބަރުތަކެއް ޖަހަން ފެށީ ބޯ ސަކަރާތްވެފައި ހުރި މީހެއްގެ ކިބައިން އަވަހަށް ސަލާމަތްވާންވެގެން އުޅޭ ފާޑަކަށެވެ. ފުލުހުންނަށް ނުގުޅަނީސް އަވަހަށް އެތަނުން ނިކުމެއްޖައީމެވެ.

އެނބުރި ގެޔަށް އައިއިރު އަންހެނުން ޓީވީއަށް ކަޅިއުކަމުން ރައްޓެހި އަންހެނަކާ ވާހަކަދައްކަން މައިގެ ތެރޭގައި އިނެވެ. ދެ އަންހެނުން ކުރިމައްޗަށް މަގޭ ހިތް ބަންޑުން ޖަހައިލައި އުދާސްގަނޑު ބޭރުކޮށްލީމެވެ. ބަސްހުއްޓި އުފެއްދި މީހުންނަށާއި ވިއްކާ މީހުންނަށާއި އިޝްތިހާރު އުފައްދާ މީހުންނަށް ވަށިވަށީން ދިނީމެވެ. އަދި ބުނީމެވެ.

“މިހާރަކަށް އައިސް ގިނަ ދަރަޖަވެރީން ލާރިވެރީން ގެންގުޅޭތީ ފެންނަނީ ބަސޫޓީ ގަލަން. އަހަރެން ހިތަށް އަރާ ކީއްވެ ބާވައޭ އެ މީހުންގެ މެދުގައި އެގަލަން އެހައި މަގުބޫލު އެއްޗަކަށް ވެގެން މި އުޅެނީ؟”

“ބަސްހުއްޓޭހައި ރީތި އަގުބޮޑު ގަލަމަކަށްވާތީ! ދަރަޖަޔާއި ލާރީގެ ނިޝާނަކަށްވާތީ! ދޭތެރެޔަކުން ސޮއެއް ޖަހައިލުން ފިޔަވައި އެއިން އެމީހުން ލިޔަން ޖެހޭނޭ ލިޔުމެއް ވެސް ނޯންނާނެތީ!” އަންހެނުންގެ ވާހަކަޔާއި ހިނިގަނޑަށް ރަހުމަތްތެރިޔާ ހިނިގަނޑެއް ޖަހައިލިއެވެ.

އަހަރެން ގާތަށް އައީ ރުޅިއެވެ. ވީ ފޫއްސެވެ. ފުސްމޫނު ހަދައިލައިފައި ބުނީމެވެ.” މަވާސަލާން. ބަސްހުއްޓިއަށް އުމުރަށް ސަލާން. ދެން އަނެއްކާ ވެސް ހިފާނީ ފަންސުރުގައި. ރަތްލާޖެހި އެޗުބީ ދަރަޖައިގެ ފަންސުރުގައި”

ކޮޓަރިއަށް ވަދެ ފުރަތަމަ ވެސް ކުރި ކަމަކީ އަލަމާރިގަނޑު ހުޅުވައިލުމެވެ. ބަސް ހުއްޓި ކަފުންކޮށް ސަންދޯކު އަޅައި މަތި އަޅައި ކަށްކޮޅު ތެރޭ ވަޅުލުމެވެ. ދެން އަލަމާރި ލައްޕައިލީމެވެ. އަންހެނުންނަށާއި އަމިއްލަ ނަފުސަށްވީ ވައުދު ފުއްދުމުގެ ގޮތުން ބާކީ ކުރެވިފައި ހުރި ފަންސުރު ބައި ދަޅުން ނަގައިގެން ދަތިން ތުނޑު ޖަހަން ފެށީމެވެ. ފަންސުރަކަށް ފަހު ފަންސުރެކެވެ. އިރުކޮޅެއް ފަހުން މައިގެތެރެއިން އަންހެނުން މަށަށް ގޮވައިލައިފިއެވެ.

“އޭތް! ކިތައް އަނގައިން ވާހަކަ ދައްކާ އިންސާނެއްތަ ފަހެ ތިޔައީ!”

“ކީއްތަވީ؟” ކޮޓަރިތެރޭ ހުރެފައި އަހަރެން ގޮވައިލީމެވެ.

“މިތަނަށް ބޭރަށް ނިކުމެބަލަ”

އަޅައިލުމެއް ނެތި ދެން ވެސް އަހަރެން ހުރީ ފަންސުރު ޖަހާށެވެ.

“ނިކުމެ ބަލަ. ނިކުމެ ބަލަ. އެއޮތް ވިއްސާރަ ދުވަހު ލައިނޫޅޭ ބުރިފަޓުލޫނެއް ލައިގެން ވަގުވަގަށް ބޭރަށް ދާން ފެށީމާ ވެސް މަށަށް އެނގިއްޖެ މިޖެހެނީ އާދައިގެ ކަމެއް ނޫންކަން.!”

“ކީއްތަވީ!” އަހަރެން ހުރި ފިޔަވަޅުމަތީ ފަންސުރުޖަހަން ހުރެފައި ގޮވައިލީމެވެ.

“އަދި އެބަ އަހާނު ކީއްހޭ ވީ؟ ފަންސަވީސް އަހަރު އިނދެގެން އެކުގައި އުޅޭ އިރު މަށަށް ކަލޭ އޮޅޭނޭ ތަ؟”

“ކީއްތަވީ؟ ސާފުކޮށް ބުނެބަލަ!”

“މިއޮއް ދައްކަނީ ކަލޭ ކުޅެދިން އިސްތިހާރު!”

“އަހަންނޭ! އިޝްތިހާރެކޭ؟” އަހަރެން ފަންސުރުދަޅާއެކު ވުސް އަޅާފައި މައިގެ ތެރެއަށް ނިކުތީމެވެ.

ތެދެއް މެއެވެ. ހަރުގައި ހުރި ޓީވީން އިޝްތިހާރެއް އަންނަނީއެވެ. އޭގައި އެ ފެންނަ މީހާ ފެންނަނީ ފުރަގަހުންނެވެ. ވާރޭކޯޓުން ނިވާވެ ގަންބޫޓަށް އަރައިގެން ފެން ބޮޑުވެފައި އޮތް މަގަކުން ވަރުއަރުވާފައި ދާ މީހެކެވެ. ވެހޭ ވާރޭ އަށް ބެލުމެއްނެތެވެ. ފެންގަނޑަށް ބެލުމެއް ނެތެވެ. ބޯ އަތްއަތަކަށް ނުމެ އުކައެވެ. ކަޅިހުރީ އެއްދިމާ އަކަށެވެ. ވިސްނުމާއި ފިކުރު ވެސް ހުރީ އެ ދިމާއަށް ތޯއްޗެކެވެ. ކަޅު ހެދުން މައްޗަށް ކަޅު ބުރުގާ ރޫޖައްސައި މަކަނަށްލައި އިޝްތިހާރު ކިޔަން އިން މަންޖެ ފެނުމުން ވިލާ މަތީ ވިލާ ޖެހި އުޑު ހިތަށް ސިފަވެގެން ދިޔައެވެ. އަޑުގައި ހުރި ފޯރިއާއި ހިތް ދަމައިގަންނަ ގޮތް އަހާ މީހުން ނުވަތަ ބަލާ މީހުންގެ އަތްފަޔާ ކުޅެލާ ގޮތެއް ހުއްޓެވެ. މޫނުމަތީގައި ހުރި ހިނިތުންވުމާއި ލޮލުގައި ހުރި ވިދުވަރުގެ ވައްތަރުން އޭނާ ވެސް އެފެންނަ މީހާއާއެކު ވާރޭގައި ހިނގައިލާން ދާހިތް ވެފައި އިން ކަހަލައެވެ. އަރައިގަތް ފޯރީގައި މަށަށް ވެސް ހިނގައި ނުގަނެވުނީ ކިރިޔާއެވެ.

ފެންގަނޑު ތެރޭ ދާ މީހާ ދައްކާލައިފައި އަންހެންކުއްޖާ ބުންޏެވެ.

“އޭނަޔަކީ ލިޔުންތެރިއެކެވެ. މިއޮތް ފެންބޮޑުވެފައިވާ މަގުން މި ވިއްސާރައިގައި ވެސް އޭނާ އެލޫދެނީ ލިޔާނެ މަގެއް ހޯދާށެވެ. ލިޔާނެ ރަނގަޅު ރިފިލެއް ހޯދާށެވެ. އޭނާ ލިޔާނީ ބަސޫޓީ ރިފިލުންނެވެ. ބަސޫޓީ ގަލަމުންނެވެ—“

ދެ އަންހެނުން އެއްފަހަރާ ކަހަލަ ގޮތަކަށް އެއްމިޔަކަނުން ހީނލާފައި މަށާ ދިމާއަށް ނިތް އަރުވައިލުމުން ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައި ހުރެވުނެވެ.

-ނިމުނީ-

About the author
Leave Comment