ފަތުޙުﷲ ޞާލިޙު ދިރިއުޅުމުގެ ކަންތައް ހުންނަގޮތުން ދޭންވާވަރަށް އާއިލާއަށް ވަގުތު ނުދެވުމަކީ މިހާރަކަށް އައިސް އަޅުގަނޑުމެންގެތެރޭގައި އާންމު ކަމެކެވެ. މައިންބަފައިން ދިރިއުޅުމަށްޓަކައި މަސައްކަތްކޮށް އަވަދިވެގެން ދަރިންނާއެކު ހޭދަކޮށްލާނޭ ވަގުތުކޮޅެއް ނުލިބި މުޅި ދިރިއުޅުން ވެއަތުކުރާ ދަރީންނާއި މައިންބަފައިން މިއަދުގެ މުޖުތަމަޢުގައި ދަނީ އިތުރުވަމުންނެވެ. އަނބިދަރީންނަށް ވަގުތު ނުދެވުމުގެ ސަބަބުން މައްސަލަޖެހި ރޫޅެން ދިމާވާ ޢާއިލާތައްވެސް މަދެއް ނޫނެވެ. ދިރިއުޅުމަށްޓަކައި ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ބޮލުގެތެރޭގައި 24 ގަޑިއިރު އެނބުރޭނީ މުޅީންވެސް ފައިސާ ހޯދުމުގެ ވިސްނުމެވެ. ކަންތައްތައް ހަމަޖެއްސުމަށްޓަކައި…

ފަތުޙުﷲ ޞާލިޙު

ދިރިއުޅުމުގެ ކަންތައް ހުންނަގޮތުން ދޭންވާވަރަށް އާއިލާއަށް ވަގުތު ނުދެވުމަކީ މިހާރަކަށް އައިސް އަޅުގަނޑުމެންގެތެރޭގައި އާންމު ކަމެކެވެ. މައިންބަފައިން ދިރިއުޅުމަށްޓަކައި މަސައްކަތްކޮށް އަވަދިވެގެން ދަރިންނާއެކު ހޭދަކޮށްލާނޭ ވަގުތުކޮޅެއް ނުލިބި މުޅި ދިރިއުޅުން ވެއަތުކުރާ ދަރީންނާއި މައިންބަފައިން މިއަދުގެ މުޖުތަމަޢުގައި ދަނީ އިތުރުވަމުންނެވެ. އަނބިދަރީންނަށް ވަގުތު ނުދެވުމުގެ ސަބަބުން މައްސަލަޖެހި ރޫޅެން ދިމާވާ ޢާއިލާތައްވެސް މަދެއް ނޫނެވެ. ދިރިއުޅުމަށްޓަކައި ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ބޮލުގެތެރޭގައި 24 ގަޑިއިރު އެނބުރޭނީ މުޅީންވެސް ފައިސާ ހޯދުމުގެ ވިސްނުމެވެ. ކަންތައްތައް ހަމަޖެއްސުމަށްޓަކައި މަގުފަހި ކުރާނޭ ގޮތްތަކެއް ހޯދާނޭ ގޮތްތަކާމެދު ވިސްނާ ވިސްނުމެވެ. މި ފިކުރުތައް ގިނަވެ އެންމެ ފަހުން ބޮލުގެ ރިހުންގަނޑު ގަދަވެ، ނަފުސާނީ ބައްޔަކަށްވެ އެކަމާ ހަނގުރާމަ ކުރަންޖެހުމަކީވެސް ދިމާވާ ކަމެކެވެ. ހަދާނެ ނުހަދާނެ ގޮތް ނޭނގި އެންމެފަހުން އަތުންފައިން ގޯސް ހެދޭތަންވެސް އޮންނަނީ އައިސްފައެވެ.

މި ހުރިހާ ކަމެއް އެއްފަރާތުގައި ބާއްވާފައި ދިރިއުޅުމުގެ ކަންތައް މިހެން ހުރުމާ ގުޅިގެން މިކަމުގެ ސަބަބުން ދަރީންނަށް ކުރާ އަސަރާއި ނުވަތަ އަސަރުތަކާމެދު ވެސް ވިސްނާލުމަކީ މުހިންމު ކަމެކެވެ. މި ކަންކަމާމެދު ކިހައި ކެކުޅުމެއް ދަރީން ތަހައްމަލުކުރޭތޯ ބަލައިލުމަކީވެސް ކުރާންޖެހޭ ކަމެކެވެ.

ތިރީގައި މި ހިމަނައިލަނީ ފޭސްބުކުގައި ދައުރުވަމުންދިޔަ އިނގިރޭސި ޑައިލޮގެއް އަސްލަކަށް ބަލައިގެން އެއަށް ބައިތަކެއް އިތުރުކޮށްގެން އަޅުގަނޑު ލިޔެފައިވާ  ހާދިސާ އެކެވެ.

މަސައްކަތް ނިންމާފައި އާދައިގެމަތީން އަހަންނަށް ގެއަށް ދެވުނުއިރު ރޭގަނޑުން 10 ޖަހަނީއެވެ. އާންމު ގޮތެއްގައި އެގަޑީގައި އަނބިދަރީން ތިބޭނީ ނިދައިފައެވެ. އެހެންނަމަވެސް މިރޭ ސިޓިން ރޫމުން ދޮށީ ދަރިފުޅު މާޒިން އަހަންނާ ބައްދަލު ކުރިއެވެ. މާޒިންގެ އުމުރަކީ 10 އަހަރެވެ.

“ބައްޕާ. އަޅުގަނޑަށް އެއްޗެއް ދެއްވަފާނަންތޯ” ގެއަށް ވަނުމާއެކު ދަރިފުޅު މާޒިން ބުންޏެވެ.

“އެޔޯ؟ ކޯނޗެއް އަނެއްކާ”

“ބައްޕާ. ބައްޕަ ތިހާ ބުރަކޮށް މަސައްކަތް ކުރައްވާއިރު ގަޑިއަކަށް ކިހާވަރެއް ލިބޭކަން ބުނެދެއްވަފާނަންތޯ؟” ދެންވެސް އޭނާ ކުރީ ސުވާލެކެވެ. އެހައި ހިސާބުން އަހަރެންގެ ގާތަށް ރުޅި އަތުވެއްޖެއެވެ.

“އެއީ މާޒިންއާ ބެހޭކަމެއް ނޫން. އެޔެއް ބަލަން ތިއުޅެނީ ކީއްކުރަން”

މިހައި ބުރަކޮށް އުޅެފައި ގެއަށް އައިސް ވަނުމުން ދައްކާކަށް މި ދެން ކޮން ވާހަކައެއް ހެއްޔެވެ!

“ހަމަ ބަލައިލަން ބޭނުންވީ. އަޅެ ބުނެދެއްވަފާނަންތޯ” މިހެން ބުނަމުން އޭނާ އިސްޖަހާލިއެވެ.

“މާޒިން ކޮންމެހެން ބަލަން ބޭނުންކަމަށް ވަންޏާ އަޑުއަހާ. މަށަށް ގަޑިއަކަށް ދުއިސައްތަ ރުފިޔާ ލިބޭ. އެ ލިބޭތީ ނޫންތަ މާޒިންމެން ކައިގެން ބޮއިގެން އިސްކޯލަށް ގޮސް ކިޔަވައިގެން ތި އުޅެނީ؟”

“ބައްޕާ. އަޅުގަނޑަށް ސަތޭކަ ރުފިޔާ ދެއްވަފާނަންތޯ؟”

އެ ހިސާބުން އަހަރެންގެ ރުޅި މަތަ ނުކުރެވޭ ހިސާބަށް ހިނގާއްޖެއެވެ.

“ތިޔަ ކަމެއް އޮޅުންފިލުވަން ބޭނުންވީ މަގޭ އަތުން ފައިސާ ހޯދައިގެން ބޭކާރު ކުޅޭ އެއްޗެހި ގަންނަންކަމަށް ވަންޏާ އަޑު އަހާ! އެހެރީ މާޒިން ނިދާ ކޮޓަރި. ހަމަ މިހާރު ނިދަން ވަދޭ!” މިހެން ބުނުމަށްފަހު ރުޅި އާދެވުނު ވަރުން ފަސްއެނބުރި ބަލައިވެސް ނުލައި މިސްރާބު ބެހެއްޓީ އަހަރެން ނިދާ ކޮޓަރިއާ ދިމާއަށެވެ. އޭރު މާޒިން ރޯން ފެށި އަޑު އިވުނެވެ. ދެން އިވުނީ ރޮމުން ރޮމުން ދުވެފައިގޮސް އޭނާގެ ކޮޓަރީ ދޮރު ލެއްޕި އަޑެވެ.

ކޮޓަރިއަށް ވަންއިރު އަންހެނުން އޮތީ ނިދައިފައެވެ. ދެން އަހަރެން ވަނީ ފެންވަރާށެވެ. މާގަނޑުން ފެން އޮހެމުން ގަޔަށް އެޅެމުން ދިޔައިރު އަހަންނަށް ދަރިފުޅުގެ ވާހަކަޔާ މެދު ވިސްނެންފެށިއެވެ. ފައިސާއަށް އޭނާ ބުނީ ކީއްކުރަންބާއެވެ! ކޮންމެހެންވެސް ބޭނުންވާ އެއްޗެއް ގަންނާން ބޭނުންވީ ކަމުގައި ވެދާނެއެވެ. އެހެން ނޫނީ އޭނާއަކީ އަހަރެންގެ ގާތުގައި ފައިސާއަށް ކިޔާ ކުއްޖެއް ނޫންވިއްޔާއެވެ.

އަވަސްކޮށްލައިގެން ތައްޔާރުވެގެން މާޒިން ނިދާކޮޓަރިއަށް ވަދެލީމެވެ. އޭރުވެސް އޭނާ އޮތީ މޫނު ވަތަށްޖަހައިގެން ރޯށެވެ.

“ބައްޕަ ހީކުރީ ދަރިފުޅު ނިދީކަމަށް”

“ނޫން ބައްޕާ. އަޅުގަނޑު މިއޮތީ ހޭލާ” މާޒިން އަށް ގިސްލެވެއެވެ.

“ދަރިފުޅާ. މިއޮތީ ސަތޭކަ ރުފިޔާ” ޖީބުން ނޫޓެއް ނަގައި މާޒިންއަށް ދިއްކޮށްލީމެވެ.

މާޒިން އެ ނޫޓުގައި ހިފުމަށްފަހު ބާލީސްދަށުން އިތުރު ނޫޓުތަކެއް ނެގިއެވެ. ހުސް ދިހަ ރުފިޔާގެ ނޫޓެވެ. އެ ފައިސާ ނެގުމަށްފަހު މާޒިން ފެށީ އެ ފައިސާތައް ގުނާށެވެ. ފައިސާ ފެނުމުން އަހަރެންގެ ގާތަށް އަނެއްކާވެސް އައީ ރުޅިއެވެ.

“ލާރި ހުއްޓާ ކީއްކުރަން މަގޭ ގާތު ލާރިއަށް ކިޔަނީ؟”

“ބައްޕާ. އަޅުގަނޑު އިންޓަވަލަށް ކޮންމެ ދުވަހަކު މަންމަ ދެއްވާ ފައިސާ މިއައީ އެއްކުރަމުން. އަޅުގަނޑަށް މަދުވީ ސަތޭކަ ރުފިޔާ ބައްޕަ ތިޔަ ދެއްވީ. މިއޮތީ ދުއިސައްތަ ރުފިޔާ. ބައްޕާ. ބައްޕަގެ މަސައްކަތުގެ ވަގުތުން އެއްގަޑިއިރު އަޅުގަނޑަށް ގަނެވިދާނެތޯ؟ މި އޮތީ ބައްޕަގެ އެއްގަޑިއިރުގެ މުސާރަ. މާދަމާރޭ ކާގަޑީގައި އެއްގަޑިއިރު ވަންދެން ހުރެދެއްވާ” އެއާއެކު މާޒިންގެ ބަޑިފަޅައިގެން ގޮސްފިއެވެ.

އަހަންނަށް ލިބުނީ ޝޮކެކެވެ. ބަސް ހުއްޓެވުނެވެ. ދަރިފުޅާ އޮޅުލައިގަނެވުނެވެ. އަހަންނަށްވެސް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ.

—————————

މިއީ ތިޔައިގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ވިސްނާލުން ރަނގަޅު ހާދިސާ އެކެވެ. މާދަމާވެސް އެމީހަކު ނެތިއްޖެ ހިނދެއްގައި އޮފީހުން ނުވަތަ ކުންފުނިން އެކަން ފޫބެއްދުމަށްޓަކައި މީހަކު ލާނެއެވެ. ވަކިވުމުގެ ހިތާމައެއް ނުކުރާނެއެވެ. ފަހަރުގައި އެއް ދުވަހު ނުވަތަ ދެ ދުވަހަކު އެ ވާހަކަ ނުދައްކާނެއެކޭ ނޫނެވެ. އާއިލާއާއި އަނބިދަރީން އެހެންނެއް ނޫނެވެ. ވަކިވުމުގެ ހިތާމަ އަބަދު ދާއިމަށް ކުރާނެއެވެ. މުޅި އުމުރުގައި ހަނދާން ކުރުންމަތީގައި ދެމިތިބޭނެއެވެ.

އެހެންވީމާ އިސްކަންދޭންވީ ތަރުތީބު އަމިއްލައަށް ކަނޑައަޅަމާ ހިނގާށެވެ. ލަސްނުކޮށް މިއަދު ފިޔަވަޅު އަޅަމާ ހިނގާށެވެ. އެހެންނޫނީ ވަގުތު ފާއިތުވެދާނެއެވެ.

________________________


 

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment