(19 ޖަނަވަރީގައި ޝާއިޢު ކުރެވުނު ބަޔާ ގުޅޭ) މިބައި ނަގައިފައި މި ވަނީ “ފަތްތޫރަ” މަޖައްލާގެ 179 (ފެބުރުވަރީ 1994) ވަނަ ޢަދަދާއި  181 (އެޕުރީލު 1994) ވަނަ ޢަދަދުންނެވެ. _______________________ އެންމެ ފުރަތަމަ މަލިކު ކަތީބު މައުލަވީ ޢަލީ އިސްމާޢީލް “މަގޭބަސް މަހަލް ހަތަރުވަނަ” ފޮތުގައި ލިޔުއްވައިފައިވާ ބަޔާނެއް ވިދާޅުވެލައްވާށެވެ. މައިގަނޑު ނަމަކީ މަލިކު  މިއެވެ. މަލިކު ލަކްޝައްދީބަކީ މަރްކަޒީ ސަރުކާރުގެ ރަސްކަން ހިނގާ އަތޮޅެކެވެ. މިއަތޮޅުގައި މީހުން ދިރިއުޅޭ ދިހަދީބުތަކާއި  މީހުން ނޫޅޭ ކިތައްމެހައި…

 (19 ޖަނަވަރީގައި ޝާއިޢު ކުރެވުނު ބަޔާ ގުޅޭ)

މިބައި ނަގައިފައި މި ވަނީ “ފަތްތޫރަ” މަޖައްލާގެ 179 (ފެބުރުވަރީ 1994) ވަނަ ޢަދަދާއި  181 (އެޕުރީލު 1994) ވަނަ ޢަދަދުންނެވެ.

_______________________

އެންމެ ފުރަތަމަ މަލިކު ކަތީބު މައުލަވީ ޢަލީ އިސްމާޢީލް “މަގޭބަސް މަހަލް ހަތަރުވަނަ” ފޮތުގައި ލިޔުއްވައިފައިވާ ބަޔާނެއް ވިދާޅުވެލައްވާށެވެ. މައިގަނޑު ނަމަކީ މަލިކު  މިއެވެ.

މަލިކު

malikuލަކްޝައްދީބަކީ މަރްކަޒީ ސަރުކާރުގެ ރަސްކަން ހިނގާ އަތޮޅެކެވެ. މިއަތޮޅުގައި މީހުން ދިރިއުޅޭ ދިހަދީބުތަކާއި  މީހުން ނޫޅޭ ކިތައްމެހައި

ދީބުތަކެއް އެބަހުއްޓެވެ. މިއަތޮޅުގެ އާބާދުވެފައިވާ ދިހަދީބު ތެރެއިން މަލިކަކީ އެއްދީބެވެ. މިޔަކީ  ލަކްޝައްދީބުގެ އެއްމެ ދެކުނަށް އޮތް ދީބެވެ. އަދި އިންޑިޔާގެ ހޮޅަނގު ދެކުނު އިމަކީ މިއެވެ. މަލިކައި އެއްމެ ކައިރީގައިވާ ކަލްޕޭންޏާއި ލަކްޝައްދިބުގެ މައިދީބު  ‘ކަވަރައްތީ’ އާއި އަދި ކޮއްޗީން މަލިކު އޮތީ ތަރުތީބަށް  114 މޭލު، 136 މޭލު، 215 މޭލު ފޭގައިއެވެ.

އެރޭބިއަން ކަނޑުމެދުގައި އޮތް އަހަރުމެންގެ ދީބު ވަށައިލައިގެން ކުދުރަތީ ގޮތުން އޮތް ތޮށްޓެއް އެބޯތެވެ. މިޔަކީ މާތްރަސްކަލާނގެ އަހަރުމެންގެ މަލިކު މައިކަނޑުގެ ބޮޑެތި ރާޅުތަކުގެ އަތުން ގިރައިގެން ދިޔަކަ  ނުދިނުމަށް ހައްދަވާފައިވާ ކުދުރަތީ ބާޑިއެކެވެ.  މަލިކު ފަޅުގެ ރިވެތިކަން އޮތީވެސް މިތޮށީގެ ސަބަބުންނޯއެވެ. މިފަޅުގައި ވައްތަރު ވައްތަރުގެ މަސްތަކާއި ވަރަށް ރީތި މުރަކަތަކާއި އަދި ބޮޑެތި ތަރަތައް  ވެސް އެބަހުއްޓެވެ. ތޮށިމައްތިން ލިބޭ ބޮލި ފާތްކައްޅަ އަދި ދޯޅަޔަކީ ވަރަށް އަގުހުރި އެއްޗެއްސެވެ. ސާލުމަގު، ކަނޑިއްމަ މަގު، ނެރުމަގު އަދި ޗޯރުމަގު މިއީ ދިގުތޮށިން ކަނޑަށް ނިކުންނަން ހުރި މަގުތަކެވެ. ޗޯރުމަގާއި ނެރުމަގަކީ ވަރަށް ފެންތިލަ ދެމަގެވެ. މިމަގުތަކުން

ދަތުރުއޮޑި، ބާރިޖި މިފަދަ ފެންފުން އެއްޗަކަށް ނުނިކުމެވޭނެއެވެ. ބޮޑެތި ނައުނަވަކަށް ފަޅުއަޑިއަކަށް ނުވަދެވެއެވެ. މިފަދަ ނައުނައު، ހުންނަނީ ތޮށިން ބޭރުގައިއެވެ.

މިބަޔާނުގައި ދަށުރޮނގުތަކަކުން ފާހަގަކުރެވިފައިވާ ބަސްތަކުގެ މާނަ ދަންނަވާލާނަމެވެ. މިތާނގައި، ދިހަ ދީބުތަކާއި – މިބަހުގެ މާނަޔަކީ، ދިހަ ރަށާއި މިއެވެ. ދިވެހިބަހުން މި ގޮތަށް ގިނަކުރެވޭ މަދު ބަހެއް އޮވެދާނެއެވެ. މިސާލަކަށް: ކުދިންތައް މި އެވެ. ނަމަވެސް އާއްމު ގޮތެއްގައި އަދަދު ކިޔައިގެން ގިނަކުރެވޭ ބަސްތައް ގިނަކުރާއިރު ތައް މިބަހެއް ބޭނުމެއް ނުކުރެވެ އެވެ. ހީވަނީ، މިއީ ހިންދީ ގޮތެއް ހެންނެވެ. ދޯދަޅްކިޔާން ތީން ކިތާބޭން ކިޔާ ގޮތަށް ކިޔެނީހެންނެވެ.

ކިތައްމެހައި- މިބަހުގެ މާނަޔަކީ،އެތައް މިއެވެ. ކިތައްމެހައި ދީބުތަކެއް އެބަހުއްޓެވެ. މީގެ މާނަޔަކީ އެތައް ރަށެއް އެބަހުއްޓެވެ.

މިޔަކީ، މިއީ

މައިދީބު – މައިރަށް ނުވަތަ ވެރިކަން ކުރާ ރަށް

ތަރުތީބަށް – ބަރާބަރު

ގިރައިގެން ދިޔަކަ ނުދިނުމަށް، ގިރައިގެން ދިޔަ ނުދިނުމަށް – އާއްމު ދިވެހި ބަހުން، މިފަދަ ތަންތާނގައި ދިޔަކަ  މިގޮތަކަށް ބޭނުމެއް ނުކުރެއެވެ. ބޭނުން ކޮށް އުޅެނީ “ދިޔަ ނުދިނުމަށް” މިގޮތަށެވެ. އާއްމު ދިވެހި ބަހުގައި މިގޮތަށް ނަފީކުރަނީ ދިޔަކަ ނުދޭނަމެވެ.ބުންޏަކަ ނުދިނެވެ. އަތުލިޔަކަ ނުދޭނަމެވެ. މި ގޮތްގޮތަށެވެ.

ކުދުރަތީ ބާޑިއެކެވެ. މާނައަކީ، ޤުދްރަތީ ބާޑިއެކެވެ. މި ޖުމުލައިގައި ބޭނުން ކުރެވިފައިމިވާ ބާޑިއަކީ، މަޖާޒީ ގޮތުން ބޭނުންކުރެވިފައިވާ ބާޑިއެކެވެ.ބާޑީގެ މާނަޔަކީ، ބަޑީގެ އުންޑައިން ރަށް ދިފާޢުކުރުމަށް އަތިރިމަތީގައި ޖަހައިފައި ހުންނަ އުސްފަސްގަނޑު މިއެވެ. ބަޔާނުގައި އެވަނީ އެތޮށްޓަކީ މައިކަނޑުގެ ރާޅުތަކުން، މަލިކު ގިރައިގެން ދިޔަ ނުދިނުމަށްޓަކައި ޤުދްރަތީ ގޮތުން ހައްދަވައިފައިވާ ބާޑިއެއް ކަމުގައެވެ. ފަޅު ރިވެތިކޮށް އޮތީ ވެސް މިތޮށީގެ ސަބަބުންނޯ އެވެ. މާނަޔަކީ، މިތޮށީގެ ސަބަބުން ކަމުގައިވެ އެވެ. މި އިބާރާތް ގެނެވިފައި މި އޮތީ ބުނި ބަސް އަންގައިދޭ ޔޯލަ، ކޯލަ ގޮތުގަ އެވެ.

ތަރަ އަކީ، މޫދުގައި ބޮޑު ތަނަށް ފެތުރިފައި ހުންނަ ހަތައެވެ.

ފައިކައްޅަޔަކީ، ރާކަންޏެވެ.

ދޯޅަޔަކީ، ރާކަނީގެ ބޮޑެތި ވައްތަރެވެ.

ބާރިޖިއަކީ، މުދާ ބަނޑެވެ.

ފަޅުއަޑި މާނައަކީ، ފަޅުތެރެއެވެ.

މިފަދަ ނައު ހުންނަނީ ތޮށީން ބޭރުގައި އެވެ. މި ޖުމުލަ ނިމުމުގައ މި އޮންނަ ބޭރުގައި އެވެ، މިއީ، އާއްމު ދިވެހިބަހުން ބޭރުގަ އެވެ. ބުނާ ބަހެވެ. މިފަދަ ބަސްތައް މަލިކުގައި ލިޔެއުޅެނީ އެކުގައި އެވެ. ބަހުގައި އެވެ. މިހެންނެވެ.

ދެން އަލިފުގެ ބަސްކޮޅެއް ލިޔެލާނަމެވެ.

އައްޓި ދަށަށް ބަލައިލުން: ފުށްކިބައިގައި ޖެހުން(ވީއްލައިލުން)

އައްދެކޯ! : އައްދޯތް!/އައްދޭ!

އޮއްކޮލާލައި : (ކުޅިވަރެއް) އަކުންބަކުން

އަތްދަށުކުރުން : އަތުލުން – މިތަށި އަތްދަށު ކުރީ އެސްކޫލެވެ.

އަނދުންޖެހުން: ކުރުނބާ ގަބުޅިގެ ނާށި ކަޅުވުން. އަނދުންޖަހައިފައި މިއޮތީ.

އުމުރު ބޮޑުވުން : ޢުމުރުން ދުވަސްވުން(އުމުރު ބޮޑު މީހާގެ)

އުރައްޕު : އިތުބާރު

އަނބިމުޅަ : އަނބިމީހާ މަރުވެފައި(ފިރި މުޅަ – ފިރި މަރުވެފައި)

އަކުޑި : ފުށުއެރުން/ދޭތި ޖެހުން

އަހުނާރު : ކަންވާރު

އަތުމަންޑި/އަތުވަންޑި : އަތްގާޑިޔާ

އުދަ : ވައި ނުވަތަ އޮއިގެ ސަބަބުން ކުއްލިޔަކަށް އަރާ ރާޅު

އުރުޅި : އޮށާޅަ

އަންދަރުމުންޑު : އަތްދުށް ފުޅާކޮށް ހުންނަ ދަށުން އަންނަ މުންޑު

އަޑީބަސް : މާނަ ފުން ބަސް. ވައްބަސް

އަނގަމެޅުން : އަނގަހުޅުވުން

އަވަދިވުން : ހުސްވުން. މިސާލު : އޭރު ސައްޓި އޮތީ އަވަދިވެފައި

އަސްލުތިބީން : އަހުލުވެރީން

އަނެއް ދުވަސް : އިހަށް ދުވަސް

އައިސި ރެއްވުން : ކުޑަކުދީން ސީލެއްވުން

އެއްކަ : ޖެހިގެން އޮތް

އަގަޑުބަގަޑުވުން : މަސްހުނިވުން

އޭޅަތިރި : ކާފޫރުތޮޅި (އެލާޗީ. ހިންދީބަހެއް)

އަލޯ : އަލުވި (އަލޯ، ހިންދީ)

އަޅުގަނޑުމެންނެކޭ އެއްގޮތަށް މަލިކުގައިވެސް ހަރުބަހާއި މިސާލުބަހާއި މިބާވަތުގެ ބަސްތައް ގެންގުޅެއެވެ. ގިނައިން ބޭނުންކޮށް އުޅެނީ، ހަމަ އަޅުގަނޑުމެންވެސް ބޭނުންކޮށް އުޅޭ ބަސްބަހެވެ. ރާއްޖޭގެ ދެކުނުގައްޔާއި އުތުރުގައިވެސް އާއްމު ދިވެހިބަހާ ތަފާތު މުސްކުޅި ބުނުންތައް ގެންގުޅެއެވެ.

މިސާލަކަށް އުތުރުން އަޅުގަނޑު އެހި އެއްބަހެއް ދަންނަވައިލާނަމެވެ. ހައްޖުފުތު ރުއް އަރަންޏާ ކާޅަށް ރާ ލިބޭނެއެވެ.” އަދިވެސް އެއް މިސާލެވެ. “ތިޔަކަން ކުރުމުން އަހަންނަށް ލިބުނީ އަށްޑިހަ ފާފަޔާ ގިނި މުޅިޔަކާ” އެވެ. މިހިރީ ހައްތާވެސް އުތުރުން އަހައިފައި ހުރި އަޑުތަކެވެ.

މީގެ ތެރެއިން ފުރަތަމަ ބަހުން އެ ދައްކަނީ މީހެއްގެ ހުރި ފަރުވާކުޑަކަމެވެ. ދެވަނަ ބަހުން އެސިފަކުރަނީ ރަނގަޅުކަމަކާ އުޅުމުގެ ސަބަބުން ވީ ބަދުނާމެކެވެ.

މިކަހަލަ މިސާލުތަކާއި ބަސްތައް ދެކުނުގައިވެސް ހުރެ އެވެ. މިސާލަކަށް: ބުރުން ފަޅާނީ ބުރެވެ. ގިނައިން ވަކަރުޖަހާ ރުކެއް ކޮޅަކަށް ނުހުންނާނެ އެވެ. އެގޮތުގެ މަތީން މަލިކުގައިވެސް މިފަދަ ބަސްބަސް ބޭނުންކުރެ އެވެ.

މިފަހަރު އަޅުގަނޑު ލިޔަން ގަސްތުކުރަނީ ވާވުން ފެށޭ ބަހެވެ. އެހެންކަމުން އަޅުގަނޑަށް ލިބިފައިވާ މީގެ ދެބަހެއް ލިޔެލާނަމެވެ.

“ވެހޭނެ ވިލާގަނޑެއް ނުގުގުރާނެ.” މީގެ މާނަޔަކީ، ކަމެއް ވާ ގޮތަށް އޮތް ނަމަ ލަހެއްނުވެ، އެކަމެއް ވެދާނެ އެވެ. ވާން ވާކަށް ނޯންނާނެ އެވެ. މިޔާ ގާތް ގޮތަކަށް އަޅުގަނޑުމެން ބުނެ އުޅެނީ، ދަތްއަޅާނެ ކުއްތާއެއް ވައްވަކެއް ނުޖަހާނެއެވެ.

ދެން އަދި އެހެން ބަހެކެވެ. “ވެލާ ބިހު ލޮނދި ގޮނދުނަސް ނުކެކޭ”….

ގޮނދުނަސް މިބަހުގެ މާނައަކީ، އޮބޭ ގޮތް ހުރުމެވެ. އޮބޭ ގޮތް ހުއްޓަސް ކައްކަ ކައްކާ ވަރުބަލިވާ އިރު ވެސް ވެލާބިހު ލޮންޖެއް މަޑެއް ނުވާނެ އެވެ. މިބަހުގެ މާނަޔަކީ، ގާތްގަނޑަކަށް ކިތައްމެ ނަސޭހަތެއް ދިނަސް ޚުލްޤު ނުބައި މީހަކު ރަނގަޅެއް ނުވާނެ އެވެ. ރަނގަޅުވެދާނޭ ހީވިޔަސް އެއީ ވެވޭ ކަހަލަ ކަމެއް ނޫނެވެ.

ދެން މީގެ އިތުރު ބަސްކޮޅެއް ލިޔެލާނަމެވެ.

ވަކަރު – ގެ މަތީ އެއްޗެހިލާ ބައި

ވަލޮތްވެރިޔަކު – ވަލީވެރިޔަކު

ވަރު – ރާރާ

ވިޔަވުން – އެނގުން

ވިކާ – ވިދާ. މިސާލު : ވިކާ ތަރިއެއް

ވިރުވާލުން – ހަލާކުކޮށްލުން

ވަސް ހުނބެލުން – ވަސްގަތުން

ވަސް ހުނބުން – ވަސްގަތުން

ވިސްވިސް – ވިއްސިވިހާލިވުން

ވާގުޅަ – ލާގުޅަ

ވަތްދޮންނަކާ – ވަތް ސާފުކުރާ މީހާ

        މަހަށް ދާން ގޮވާ މީހާ

މަލެއް ޖަހައިލައިގެން ފާހަގަކޮށްލެވިފައިވާ ވަލޮތްވެރިޔަކު  މިބަހުގައި ތާ ސުކުން އޮތް ގޮތާމެދު އެއްޗެއް ދަންނަވާލާނަމެވެ. އެބަސް ބޭނުންކުރަނީ ވަލޮއިވެރިޔަކު މި ގޮތަށެވެ.  އޮއިބޮއިފިލި، އައިބައިފިލި ބޭނުންކުރަނީ ތާ ސުކުނާ އެކުގައެވެ. ފައިސަލާ މިބަސް ލިޔާނީ ފަތްސަލާ މިހެންނެވެ.

އަނެއްކޮޅުން، ވަގުތު، މިބަސް ލިޔެއުޅެނީ ވަގުތް މިހެންނެވެ. ކިޔައިއުޅެނީވެސް ހަމަ އެހެންނެވެ. ވަގުތް ނުވާތީ މިބަސް މި ގޮތަށް އުތުރުގެ ބައެއް އަތޮޅުގައި ބޭނުން ކުރާތީ އިވިއްޖެއެވެ. އެހެންކަމުން ރާއްޖޭގެ ބައެއް ރަށްރަށުގައި މި ގޮތަށް ބޭނުންކޮށް އުޅޭކަން އަޅުގަނޑަށް އެނގިއްޖެ އެވެ.

އަދިވެސް މިގޮތަށް ތާ ސުކުން ބޭނުންކުރާ އެހެން ތަނެއް އެބަ އޮތެވެ. ނަގައި، ޖަހައި، ނަގަތް، ޖަހަތް، ދޭ، ބުނޭ، ދެތް، ބުނެތް. ދައްކާ- އެދެމީހުން ވާހަކައެއް އެބަ ދައްކަތް.  ކޮއިފުޅު – މިބަސް ވެސް ލިޔަނީ، ކޮތްފުޅު މިހެންނެވެ.

ދެން މީމުގެ ބަސްކޮޅެއް ލިޔެލާނަމެވެ. މާނަޔާ ވެސް އެކުގައެވެ.

މުށި – އީޓު

މާމޯ – މާމަ (މޮޅު މީހުންނަށް)

މޮތްތި – މިއޮތީ

މައްތި – މަތި

މަހަރަ – މަށަ، ހަތި

ލިސްޓު ކުރިޔަށް ގެންދިއުމުގެ ކުރިން މި ބަހާ މެދު އެއްޗެއް ދަންނަވާލާނަމެވެ. މަހަރަ މިބަހުގެ އަސްލަކަށް ވާނީ، މަށަ މިބަހެވެ.

މަހަށަ، މަށަ، މިބަހުގެ ށަވިޔަނި ރާއަށް ބަދަލުވެފައިވަނީއެވެ. އެ ގޮތަކީ، ހއ. ދިއްދޫގައި ކާށި – ނާށި ބޭނުންކޮށް އުޅޭ ގޮތަކީ، ކަހަރި، ނަހަޜި މި އެވެ. މަލިކުގައި ވެސް މި ދެބަސް ބޭނުންކުރަނީ މިހެންނެވެ.

މަހަރަ – ބޭނުންކޮށްގެން މުސްކުޅި ބަހެއްވެސް މަލިކުގައި ބޭނުންކޮށް އުޅެ އެވެ. “މަހަރަ ކަނޑައިގެން ވެސް ލިބުނީ ލޮނު ފެނެވެ.”

މާނައަކީ، މަށަ ނުވަތަ ހަތި ކަނޑައިގެން(ވަޅުކޮނެގެން) ވެސް މި ލިބުނީ ލޮނުފެނެވެ. މީރު ފެނެއް ނޫނެވެ. މަޤްޞަދަކީ އެހާ ބުރަ މަސައްކަތްކޮށްގެން ވެސް ވީ ނާކާމިޔާބެވެ.

މަންޑިޖެހުން – މަންޑިކުޅުމުގައި ސައްޕު ޖެހެން

މޮށްޓު – ގޮށް (ގަމީހުގެ)

މާތަން – އެތް

     މިބަހާ މެދު މައުލަވީ ޢަލީ އިސްމާޢީލް ބުނުއްވަނީ އެއީ މަހާތަން ބޮޑު ހަށިގަނޑު ކަމުގައެވެ. ސާންސްކުރިތު ބަހެއް ކަމުގައެވެ.

މާތަން ހިނާ ވަޅު- އެތް ފެންވަރުވާ ވެޔޮ

މަތިކަސް – މަތިކަން

މޫނިގަން – އަނގުން

މެދުގޯތި – ގޭ ކުރިމަތީ އޮންނަ ހުސްތަން

މަރިޔާދު – އަދަބު- އިޙްތިރާމް

މުންޑަ- ބޮޑެތި ގާ، ނުވަތަ މުޑުގާ

މުރީދުގެ – ތާރަޖަހަން ހަދައިފައި ހުންނަ ގެ

މުޅަ – ފުއްޓަރުގައި  ހުންނަ ބޮޑެތި ގާ

މުދި އިނގިލި – ކަށި އިނގިލި

މޫސިކު – މިޔުޒިކް

މައްތަގޮނޑި – އޮށްވަޅު

މައިނޮޅި – މައިދަނޑި

މުންޑާހި – ބޭކާރު، ގެއްލުން

މިރުސްރަހަ – ކުޅިރަހަ

މެދުފައި – ދަށްފައި

މުއްފަތް – ހިލޭ

މޫޑުވުން – ނިވާވުން

މާއްޕައިގެން – މިންއަޅައިގެން

މަސްކަތުވާލި – ޒުވާރި

މަންދިރިއްކަ – މޭބިސްކަދުރު

މެންދުރުދަން – މެންދުރު ވަގުތު

މިބަސްތަކަށް ވިސްނައިލާ އިރު، މަރިޔާދު މިބަހުގައި މިވަނީ، އަޅުގަނޑުމެން ބޭނުންކޮށް އުޅޭ މާނަޔާ މާދުރު މާނައެކެވެ. އަޅުގަނޑުމެން މަރިޔާދު މިބަސް ބޭނުން ކުރަނީ، އުފާވެރި، ހިތްފަސޭހަ، ފޫހިފިލުވާ މި ބާވަތުގެ މާނަތަކެއް ދޭހަވާ ގޮތަށެވެ.

ދެން، މުރީދު މި ބަހާ މެދު ބަސްފޮތް ބުނަނީ ޒިކުރު މައުލޫދާއި ބޮޑުލަވަ ކިޔުމާއި ތާރަޖެހުން ފަދަ ބައެއް ކަންތަކުގެ އެދުރު މީހާ ކަމުގައެވެ. ނަމަވެސް މަލިކުގައި މުރީދުގެ އަކީ ތާރަޖަހަން ހަދައިފައި ހުންނަ ގެއެވެ. ކުރިން ވެސް ދެންނެވިފައި ވާނޭ ފަދައިން އެއްބަހަކުން ވާހަކަދެއްކިޔަސް އެއްބަޔަކު އަނެއް ބަޔަކާ ވަކިވެގެން އުޅޭން ޖެހޭ މުއްދަތު ދިގުކުރުމިނުން ބަހަށް ބަދަލު އަންނާނެ އެވެ.

ބަސްފޮތުން، މޫޑުގެ މާނަތަކަށް ބަލައިލިއރު އެއް މާނައެއްގައި ބަންދުކުރެވިފައި ހުންނަ ތަކެތީގެ ފުނިވަރުކަމަށް އެބައޮތެވެ. ވީމާ، ނިވާވުމާ ގުޅޭ ކަހަލަ ގޮތެއް އެބަހުގައި އެބަހުރިކަމަށް ބެލެ އެވެ.

މާއްޕައިގެން، މިންއަޅައިގެން މި ބަސް އައިސްފައި މި ވަނީ، ހިންދީބަހުން ކަމަށް ލަފާކުރެވެ އެވެ. އެއީ ނާޕްނާ، މިންއެޅުން މި އެވެ. ޒަމާންވުމުގެ ސަބަބުން ނޫނު މީމަކަށް ބަދަލުވީ އެވެ.

މިހާ ހިސާބުން އަނެއްކާ ވެސް ކިޔަވާކުދިންގެ “މަގޭބަސް” މި ފޮތުން ހަމަ އެމީހުންގެ ލިޔުމާއި ކުރެހުމާއެކު ޞަފުޙާއެއް ހުށަހަޅައިލާނެމެވެ*.

maliku 222

ގެފެލި ފަރާތުން އަޑެއް އިވުނީ ކުއްލިއަކަށް. ބަލަން ދިޔައިރު ފެނުނީ ހަސަން ކޮތްފު ހޮޑުލާން ހުރީތީ. އަވަހަށް ބަދިގެޔަށް ގޮސް އަމޯ ކައިރީގައި ބުނީ. އަމޯ އާސް ހަސަން ކޮތްފުޅަގެ އަތުގައި ހިފެހެއްޓީ އެއިރު އަހަރެން ކޮތްފުޅަގެ ބާމައްތި އަތް ދަމައިދިނީ.

ހޮޑުމަތަވާ ކަމަކަށް ނުވި. ދެން ކޭއްތެ ކުރާނި؟ އަހަރެމެން އަވަހަށް ދިޔައީ އަތިރަށް. ބަފޯމެންހުރީ  ކަހާ އުޑައުލާން. ކޮތްފު ހޮޑުލާވާހަކަ ބަފޯގާތު ބުނަންވީ ލަހެއް ބަފޯ ކުދިދުވެއްޔަށް ދުވަމުން ގޯއްޗަށް އާއި. އެއިރު އަމޯހުރީ ހަސަންކޮތްފު އެނދުމައްތި އޮއްތައި ބަހައްޓައިގެން ފަޑިމައްތި އިއްތައި.

ހަސަންކޮތްފުޅަގެ ހާލުފެނިފައި ބަފޯޔަށް ވަރަށް ހިތްތަދުވި. “ދެންވީ ލަސްނުވެ އަސްފަތާލަށް ދާން.” މިހެން ބުނެފައި ކޮތްފު ނަގައިގެން ބަފޯ ނިކުތީ. އެކީ އަހަރެންވެސް އަސްފަތާލަށް ދިއައިރު ޑަކުޓަރައި ދިމާވަންހުރި މަރީޒުންގެ ފާލި އޮތީ ވަރަށް ދިގުވެފައި. ފިރިހެނުންގެ ފާއްޔަށް ލެފިގެން ހުއްޓައި ކޮތްފު އަނެއްކަ ހޮޑުލާން ފެށީ. އެތަންވަޅު ފާލީގައިހުރި ބޭފުޅަކު ބުނިއަޑު އިވުނީ “ތިބަދަރި ގޮވައިގެން އަވަހަށް ވަންނަނި.” އެންމެން އެއްހިތުން ވަންނަން ހުއްދަ ދިނީމާ ހަސަންކޮތްފު ގޮވައިގެން ބަފޯވަނީ. ބަފޯގެ ފަހަތުގައި އަހަރެންވެސް ވަނީ.

މި ޞަފްޙާގެ ފުރަތަމަ ޕެރެގްރާފާ މެދު މާބޮޑު ވިސްނުމެއް ވިސްނާކަށް ނުޖެހެ އެވެ. ނަމަވެސް ދެވަނަ ޕެރެގްރާފްގައި ހިސާބަކަށް މަސްއަލަ އެބަހުރި ކަން ފާހަގަ ކުރެވެ އެވެ. ނަމަވެސް އަނެއް ޕެރެގްރާފް ނިމޭ ތާނ ގައި އޮތް ބަހެއް ލިޔެލާނަމަވެ.

ބާމައްތި އަތް ދަމައިދިނީ  އާދެ، މޭމަތީގައި އަތް ބާއްވައިދިނީ އެވެ.

މިގޮތަށް ހުރި އެހެން ބަސްތަކުގެ މާނަ އެބަ ލިޔަމެވެ.

ހޮޑު މަތަވާ ކަމަކަށް ނުވި – ހޮޑު ހިފެހެއްޓޭ ގޮތެއް ނުވި. ހޮޑު ނުލެވޭ ގޮތެއް ނުވި.

ކޭއްތެ ކުރާނީ –  ކީއްތަ ކުރާނީ!

ބަފޯމެން ހުރީ   – ބައްޕަމެން ތިބީ

ކަހާ އޮޑައުލާން – މިއީ އޮމާން ކުރަން ގެންގުޅޭ ރޮންދާ އެވެ.

އަޅުގަނޑުމެންނަށް ރޮންދާ އާ އޮޑަލާ މިއީ މުޅީން ދޭއްޗެކެވެ. މިދެބަސް މި ވަރަށް އޮޅިފައިވާ ކަމަށް އަޅުގަނޑަށް ފެންނަނީ ރަނގަޅަށް ބަސްބޭނުން ކުރާ މީހުންނާ ދުރުގައި އުޅެވިފައިވާ ކަމެވެ.

ކޮތްފު – ކޮއިފުޅު

ކުދި ދުވެއްޔެއް ދުވަމުން  – ދުވަމުން ކަހަލަ ގޮތަކަށް

އެނދު މައްތި އޮއްތައި ބަހައްޓައިގެން ފަޑި މައްތި އިއްތައި – އެނދުމަތީ އޮށޯވެގެން އޮންނަ ގޮތަށް ބާއްވައިގެން ފަޑިމަތީގައި އިށީނދެ.

ބަފޯޔަށް ވަރަށް ހިތް ތަދުވި.  ބައްޕަގެ ހިތަށް ވަރަށް އަސަރު ކުރި އެވެ. ހިތަށް ވަރަށް ތަދުވި އެވެ. ނުވަތަ ހިތް ދަތިވި އެވެ.

ބަފޯ ނިކުތީ. އެކީ އަހަރެން ވެސް. ބައްޕަ ނުކުތޯ އެވެ. ބައްޕަޔާ އެކުގައި އަހަރެން ވެސް ނުކުމެއްޖައީ މެވެ.

މަރީޒުންގެ ފާލި އޮތީ ވަރަށް ދިގުވެފައި. ފާލި މިއީ ކިޔޫއަށް އެމީހުން ބޭނުންކޮށް އުޅޭ ބަހެވެ.

ތިބަ ދަރި – ތިޔަ ދަރި

ބަފޯގެ ފަހަތުގައި އަހަރެންވެސް ވަނީ. ބައްޕަގެ ފަހަތުން (ބައްޕަޔާ އެކީ) އަހަރެން ވެސް ވަނީމެވެ.

-ނިމުނީ-

* ކިޔުންތެރީންނަށް ފަސޭހައިން ކިޔޭނޭ ގޮތުން އަސްލު ލިޔުމުގައި ފޮޓޯއެއްގެ ގޮތުގައި ލައިފައިވާ ލިޔުންކޮޅު އަޅުގަނޑުމެން އެވަނީ ވަކިން ޓައިޕުކޮށްފައެވެ.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment