000 ތަރުޖަމާކޮށް އެކުލަވާލީ:  އަޙްމަދު އަޖުމަލް ޙާމިދު ކަލާއަށް ލޯބި ހަނާ އަޅައިފިނަމަ އޭނާގެ ފަހަތުން ދާށެވެ. އޭނާދާ މަގުތައް ކިތަންމެ ދަތިވެފައި އުނދަގޫވިޔަސް މެއެވެ. އަދި އޭނާގެ ވަރަތަކުން އައިސް ކަލާ ވަށާލައިފިނަމަ އޭނާއަށް އަމާންދޭށެވެ. އޭނާގެ ފިޔަގަނޑުތަކުގެ ތެރޭގައި ވަންހަނާވެފައިވާ ކަނޑިން ކަލާ ޒަޚަމް ވެދާނެކަމުގައިވިޔަސް މެއެވެ. އަދި އޭނާ ކަލާއާ ވާހަކަދައްކާއިރު އޭނާ ތެދުކޮށް ގަބޫލުކުރާށެވެ. އޭނާގެ އަޑުން ކަލާގެ ހުވަފެންތައް ފުނޑުފުނޑުވިޔަސް މެއެވެ. ހުޅަނގު ހަޅަޖެހުމުން މާބަގީޗާތައް އިންދިރާސްވާ ފަދައިންނެވެ. އެހެނީ…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ތަރުޖަމާކޮށް އެކުލަވާލީ:  އަޙްމަދު އަޖުމަލް ޙާމިދު

ކަލާއަށް ލޯބި ހަނާ އަޅައިފިނަމަ އޭނާގެ ފަހަތުން ދާށެވެ.

އޭނާދާ މަގުތައް ކިތަންމެ ދަތިވެފައި އުނދަގޫވިޔަސް މެއެވެ.

އަދި އޭނާގެ ވަރަތަކުން އައިސް ކަލާ ވަށާލައިފިނަމަ އޭނާއަށް އަމާންދޭށެވެ.

އޭނާގެ ފިޔަގަނޑުތަކުގެ ތެރޭގައި ވަންހަނާވެފައިވާ ކަނޑިން ކަލާ ޒަޚަމް ވެދާނެކަމުގައިވިޔަސް މެއެވެ.

އަދި އޭނާ ކަލާއާ ވާހަކަދައްކާއިރު އޭނާ ތެދުކޮށް ގަބޫލުކުރާށެވެ.

އޭނާގެ އަޑުން ކަލާގެ ހުވަފެންތައް ފުނޑުފުނޑުވިޔަސް މެއެވެ.

ހުޅަނގު ހަޅަޖެހުމުން މާބަގީޗާތައް އިންދިރާސްވާ ފަދައިންނެވެ.

އެހެނީ ލޯބި ކަލާގެ އިސްތަށިގަނޑުގައި ތާޖު އަޅުވާފަދައިން ކަލާ ސަލީބަށްވެސް އަރުވައެވެ. އޭނާވަނީ ކަލާގެ ހެދިބޮޑުވުމަށް ކަމުގައިވީނަމަވެސް އޭނާ ކަލާ ކޮށައި އެއްވަރުވެސް ކުރެއެވެ.

އަދި އޭނާ ކަލާގެ އިސްކޮޅާ ހަމައަށް އަރައި އަރާއިރުގެ ދޯދިތަކުގެ ތެރޭގައި ހެލިފެލިއެވާ އޮފި ކޮޅުތަކުގައި ފިރުމާހިނދު، އޭނާ ކަލާގެ މޫތަކާ ހަމައަށް ފައިބައި ބިމަށް އާރުލާފައިއެވާ ވުމުން ތަޅުވާވައިވެސްލާނެއެވެ.

ގޮވާން ކުރާތައް ދޮންވުމުން އެކަނޑައި އެއްކުރާފަދައިން އޭނާ ކަލާ އޭނާގެ އަމިއްލަ ނަފުސަށް އެއްކުރެއެވެ.

ކަލާގެ ތޮށިގަނޑު ފިލުވާލައި ބަރަހަނާކޮށްލުމަށް އޭނާ ކަލާ ވަނަކަށް ލައި ތަޅައެވެ.

ކަލާގެ ކުނޑިތައް ކަލާގެ ކިބައިން ވަކިކުރުމަށް އޭނާ ކަލާ ފުރާނައެވެ.

ކަލާ ހުދުވެ ހިމުންވަންދެން އޭނާ ކަލާ އުޑިން އަނބުރައެވެ.

ކަލާ މަޑުވެ ވިލުންތެރިވަންދެން އޭނާ ކަލާ މޮޑެއެވެ.

އަދި އެއަށްފަހު އޭނާ ކަލާ އޭނާގެ އައުދާނަ އަލިފާނަށް ލައެވެ. އެއީ އައުދާނަ ޖާފަތަށް އެކަށީގެންވާފަދަ އައުދާނަ ފަރިއްކޮޅަކަށް ކަލާ ވުމަށްޓަކައެވެ.

 

މިހުރިހާ ގޮތެއްވެސް ލޯބި ކަލާއަށް ހަދާނީ ކަލާގެ ހިތުގެ ސިއްރުތައް ކަލާއަށް އެނގުމަށްޓަކައެވެ. އަދި މިޢިލްމުން ދިރުމުގެ ހިތުގެ އެތިކޮޅަކަށް ވުމަށެވެ.

ނަމަވެސް ކަލާ ގަނެފައިވާ ބިރުން ކަލާ ހޯދަނީ ހަމައެކަނި ލޯބީގެ ލައްޒަތާއި ލޯބީގެ މަޑުމައިތިރިކަމާއި ލޯބީގެ ފިނިކަމެވެ.

އެހެންކަމަށްވާނަމަ ކަލާއަށް އެންމެ ރަނގަޅުގޮތަކީ ކަލާގެ ބަރަހަނާކަން ނިވާކޮށް ލޯބީގެ ތެޅުންތަކުގެ ބިމުން ފައިބައިގެން ދިޔުމެވެ.

ޚަރީފެއް ބަހާރެއްނުވާ ޢާލަމަކަށެވެ. އެތާ ކަލާ ހޭނެއެވެ. ނަމަވެސް ކަލާގެ ހުރިހާ ހުނުމެއް ނޫނެވެ. އަދި ކަރުނައަޅާނެއެވެ. ނަމަވެސް ކަލާގެ ހުރިހާ ކަރުނައެއް ނޫނެވެ.

ލޯބި އޭގެ ނަފުސު ފިޔަވައި އިތުރު އެއްޗެއް ނުދޭތާ، އޭގެ އަމިއްލަ ނަފުސުން ފިޔަވައި އެއްޗެއް ނުވެސް ނަގައެވެ.

އަދި ލޯބި މިލްކެއް ނުކުރާތާ، އެ މިލްކުކުރުމެއްވެސް ނުވެއެވެ.

އެހެނީ ލޯބި ލޯބީގެ ޒާތުގައި ފުދެއެވެ.

ކަލާ ލޯބިވާނަމަ، “ކަލާނގެވަނީ އަހަރެންގެ ހިތުތެރޭގައޭ” ނުބުނާށެވެ. ނަމަވެސް ބުނާށެވެ. “މިއަޅާވަނީ މާތްކަލާނގެ ކީރިތި ހިތްޕުޅުގައެވެ.”

އަދި ކަލާއަށް ލޯބި ދަތުރުކުރާނެ މަގުގެ މައްޗަށް ބާރު ހިންގޭނެކަމަށް ހީނުކުރާށެވެ. ނަމަވެސް ލޯބި، ކަލާއަކީ އެލޯތްބަށް އެކަށީގެންވާ ފަރާތެއްކަމުގައި ކަނޑައަޅައިފިނަމަ، ކަލާ ދަތުރުކުރާގޮތުގެ މައްޗަށް ނުފޫޒު ހިންގާނެއެވެ.

އޭގެ އަމިއްލަ ނަފުސު ފުރިހަމަކުރުން ފިޔަވައި އިތުރު ބޭނުމެއް ލޯބީގެ ނުވެއެވެ.

ނަމަވެސް ކަލާ ލޯބިވާކަމުގައިވާނަމަ، އަދި އެދުންވެރިކަމުގައި ބޭނުންތަކެއްވާނަމަ، އަންނަނިވި ކަންކަމަކީ އެބޭނުންތައްކަމުގައި ހަދާށެވެ.

ރޭގަނޑަށް ނާނާތައް ކިޔައިދޭ ހިނގަހިނގާ ހުންނަ ފެންއާރަކަށް ދިޔާވެގެން ވުމަށެވެ.

މާބޮޑަށް އޯގާތެރިވުމުގައި ހުރި ވޭން އެނގުމަށެވެ.

ލޯބި އަމިއްލައަށް ދޭހަކުރެވިފައިވާ ގޮތުން ޒަޚަމްވުމަށެވެ.

އަދި ރުހުމުގައި އުފާވެރިކަމާއެކު ލޭއޮހޮރިގެން ދިޔުމަށެވެ.

ވަރަ ފަޅާފައިވާ ހިތަކައިގެން ފަތިހު ތެދުވެ ލޯބިކުރުމުގެ އިތުރު ދުވަހެއް ދެއްވީތީ ޝުކުރުކުރުމަށެވެ.

މެންދުރު އަރާމުކުރުމަށާއި ލޯބީގެ ފޮނި މީރުކަމާމެދު ވިސްނާ ފިކުރުކުރުމަށެވެ.

ހަމްދުވެރިކަމާއެކު ގެއަށް ހަވީރު އެނބުރި އައުމަށެވެ.

އަދި އެއަށްފަހު، ލޯބިވެރިޔާއަށް ހިތާހިތުން ކުރެވޭ ހެޔޮ ދުޢާއަކާއި ދުލުން ކިޔޭ ސަނާގެ ލަވަޔަކާއެކު ނިދުމަށެވެ.

____________________

މި އާޅެން ތަރުޖަމާކޮށް އެކުލަވާލުމުގައި އަޞްލަކަށް ބަލާފައިވަނީ ޚަލީލް ޖިބްރާން ލިޔުއްވާފައިވާ، “ދަ ޕްރޮފެޓް” ފޮތުން ނަގާފައިވާ އާ ޅެމެކެވެ.

About the author
Leave Comment