ފުރުޤާން އެންމެ ލޯބިވާ ކަމަށް ބުނާ ނަޝްވާޔާ ދޭތެރެޔަކު މިހާރު އެއްވެސްވަރަކަށް އޭނާ ވިސްނާހެނެއް ހިއެއްނުވެއެވެ. އޭނާގެ ވިސްނުމުގައި ވަނީ މުޅިން އެހެން ކަމެކެވެ. ފުރުޤާންގެ ހިތް އެދި ގޮވަމުން ދަނީ، އެހެން ކަމަކަށެވެ. ހަނދާނަށް އަންނަނީ، އެ އުފާވެރި ރޭތަކެވެ. އެ ބީހުންތަކާއި ކުރެވުނު ހިތްގައިމު އިޙްސާސްތަކެވެ. އެއީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެކެވެ. އަނެއްކާ ޒަހާ ކޮބައިބާއެވެ. އޭނާގެ ބީހުންތަކުން ފުރުޤާންގެ ހިތް މިލްކު ކުރުމަށްފަހު ފިލީބާއެވެ. މިއީ މިހާރު ހައްތާވެސް ފުރުޤާންގެ ހިތަށްއަރާ ސުވާލުތަކެވެ.…

ފުރުޤާން އެންމެ ލޯބިވާ ކަމަށް ބުނާ ނަޝްވާޔާ ދޭތެރެޔަކު މިހާރު އެއްވެސްވަރަކަށް އޭނާ ވިސްނާހެނެއް ހިއެއްނުވެއެވެ. އޭނާގެ ވިސްނުމުގައި ވަނީ މުޅިން އެހެން ކަމެކެވެ. ފުރުޤާންގެ ހިތް އެދި ގޮވަމުން ދަނީ، އެހެން ކަމަކަށެވެ. ހަނދާނަށް އަންނަނީ، އެ އުފާވެރި ރޭތަކެވެ. އެ ބީހުންތަކާއި ކުރެވުނު ހިތްގައިމު އިޙްސާސްތަކެވެ.

އެއީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެކެވެ. އަނެއްކާ ޒަހާ ކޮބައިބާއެވެ. އޭނާގެ ބީހުންތަކުން ފުރުޤާންގެ ހިތް މިލްކު ކުރުމަށްފަހު ފިލީބާއެވެ. މިއީ މިހާރު ހައްތާވެސް ފުރުޤާންގެ ހިތަށްއަރާ ސުވާލުތަކެވެ. ޒަހާއާ ބައްދަލުވޭތޯ މިހާރު އޭނާއަށް ވަރަށް އިންތިޒާރުވެސް ކުރެވިއްޖެއެވެ.

މިހާރުވެސް ލިންކް ރޯޑާ ދިމާއަށް ފުރުޤާން ނިކުމެ އެހުރީ، ޒަހާގެ ޚަބަރެއްވޭތޯއެވެ. ޒަހާގެ އެދުމުގެ މަތިން، އޭނާ ޒަހާޔާބެހޭ އެއްވެސް ވާހަކައެއް، އެއްވެސް މީހަކަށް ކިޔައެއްނުދެއެވެ. އެއީ ޒަހާޔަށްޓަކައި އޭނާގެ ހިތުގައި އުފެދިފައިވާ އިޙްތިރާމަކާއި ލޯތްބެއްގެ ސަބަބުންނެވެ.

[އަހަރެން ބޭނުން، ޒަހާ އަހަރެންގެ ޙަޔާތަށް ގެންނަން. ޒަހާ ކޮންތާކުތަ ތިއުޅެނީ. އަހަންނާ ބައްދަލުކޮށްބަލަ.] ފުރުޤާން ހިތާހިތާ ވާހަކަ ދައްކާލަމުން، ގެޔަށް ދިޔުމަށްޓަކައި ހިނގައިގެންފިއެވެ. ޒަހާޔާ ބައްދަލުނުވެއްޖެނަމަ، އޭނާ ސަލާމަތްވި ގޮތާއި، ސަލާމަތްކުރީ ކާކުކަން އޭނާގެ މަޢުލޫމާތު ހޯދަން ބޭނުން ހުރިހާ މީހުނަށްވެސް އޭނާ ކިޔައިދޭނެއެވެ.

އެރޭ ފުރުޤާން ނިދަން އުޅެއުޅެވެސް ލޮލަށް ނިދީގެ ކުޑަވެސް އަސަރެއް ނާދެއެވެ. ވުމާއެކު، ނިދާބޮކި ދިއްލުމަށްފަހު، އޭނާ އެތައްއިރެއް ވަންދެން ފުރޮޅި ފުރޮޅި އޮތެވެ.

ކުއްލިއަކަށް އެ ކޮޓަރީގެ ދޮރު ހުޅުވުނީ އޭނާ ނިދިޖެހެން އުޅުނު ވަގުތެވެ. ފުރުޤާން ފުންމައިގެން ތެދުވެއްޖެއެވެ. އެވަގުތު އަންހެނެއްގެ ހިޔަނިހެން ހީވާ ހިޔަންޏެއް އެތެރެއަށް ވަންތަން ފުރުޤާނަށް ފެނުނެވެ.

[ކާކު….؟ ކާކުތީ….؟] ފުރުޤާން އުޅުނީ ލައިޓް ޖައްސާށެވެ. ނަމަވެސް، އެ ސްވިޗާ ދިމާއަށް ހިޔަނި ހުރަސްވެއްޖެއެވެ.

[ޒަހާ ތަ….ޒަހާ ތިހެންނޫޅެ އަހަންނަށް ފެނިބަލަ.] ފުރުޤާން އެއްވެސްވަރަކަށް ބިރެއްނުގަނެއެވެ.

[ޒަހާއޭ! އަހަންނަކީ ޒަހާއެއް ނޫން. ކަލޭ ބުނި، އަހަރެންގެ ކިބައިން ސަލާމަތްވުމުގެ ފުރިހަމަ ބާރު ކަލެޔަށް ލިބިފައިވާ ކަމަށް. ކޮބައިތަ ތިޔަބުނާ ބާރަކީ…] އިވުނީ ނިކަން ނާމާން އަޑެކެވެ. އޭރުވެސް ފެންނަމުންދަނީ ހިޔަންޏެވެ. ފުރުޤާން ބިރުގަތީ ދެނެވެ. އޭނާ އުޅުނީ ކޮޓަރިން ނިކުންނަން ދުއްވައިގަންނާށެވެ. ނަމަވެސް، އޭނާއަކަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ. މިހާރު ދޮރުމަތީގައި އެހުރީކީ ހިޔަންޏެއް ނޫނެވެ. އެއީ ނިކަން ބިރުވެރި ސިފައެއްގައިވާ އެއްޗެކެވެ.

[އަހަރެންގެ އުފާވެރި ދިރިއުޅުމަށް ވިހަލާފައި، ކަލެއަކަށް ނޫޅެވޭނެ. މިރޭ ކަލޭގެ ދުވަސް ދުއްވާލާނަން. އަހަރެންގެ ފުރިހަމަ އަނިޔާވެރިކަން މިރޭ ކަލެޔަށް ދައްކާނަން.] އޭތީގެ އަނގައިންވެސް ހީވަނީ އަލިފާންކަނި ބުރައިގެންދާހެންނެވެ. ފުރުޤާން ބާރަށް ރޮއިގަންނަމުން، ސަލާމަތަށް އެދި ގޮވަން ފަށައިފިއެވެ. ނަމަވެސް، އޭނާގެ އަޑު އިވޭ ހިސާބުގައި އެއްވެސް މީހަކު ހުރިހެނެއް ހިއެއްނުވެއެވެ. މިހާރު އޭނާގެ ކުރިމަތީގައި އެހުރީ އާދަޔާ ޚިލާފް ބިރުވެރި ސިފަޔަކަށް ހުރި އެއްޗެކެވެ. ފުރުޤާންގެ ހަނދާނަށް އެވަގުތު އައީ ޒަހާއެވެ. ކަނޑުވެ މަރާ ހަނގުރާމަ ކުރަމުން ދަނިކޮށް އޭނާ ސަލާމަތްކުރި ޒަހާ މިހާރު ކޮބައިބާއެވެ.

[ޒަހާ…އަހަރެން ސަލާމަތްކުރޭ…އަހަރެން ސަލާމަތްކުރޭ.] ކުއްލިއަކަށް ފުރުޤާން ޒަހާގެ އެހީއަށް އެދި ގޮވަން ފަށައިފިއެވެ. ނަމަވެސް، ޒަހާގެ ނިޝާނެއްވެސް ނުފެނެއެވެ.

[ކަލޭ ސަލާމަތް ކުރާކަށް އެއްވެސް މީހަކު ނާންނާނެ. މިރެޔަކީ ކަލޭގެ ފަހުރޭ….] އެ ބިރުވެރި ސިފައިގައިވާ އެތި ފުރުޤާނާ ކައިރިވާން ފަށައިފިއެވެ. ފުރުޤާން ބިރުން ތުރުތުރުއަޅަން ފަށައިފިއެވެ.

[ނޫން…އާދޭސްކޮށްފައި ބުނަން. އަހަރެން ސަލާމަތްކުރޭ. އަހަރެން ކަލެޔަށް އެއްވެސް އުނދަގުލެއް ނުކުރާނަން.] ފުރުޤާން ފަހަތަށްޖެހެން ފަށައިފިއެވެ.

މިހާރު ތޫނު ވަކިތަކަކާއެކުވާ އޭތީގެ ދެއަތް އެ ޙަރަކާތް ކުރަނީ ފުރުޤާންގެ ކަރާ ދިމާޔަށެވެ. އެވަގުތު ނިކަން ވަރުގަދަ އަޑުފަށްގަނޑަކާއެކު، އެކޮޓަރީގެ ކުޑަދޮރު ހުޅުވުނެވެ. އެޔާއެކު ކުޑަދޮރުން އެތެރެއަށް އެ ފާޅުވީ، ހުދު ފޭރާމުގައި ހުރި އަންހެނެކެވެ. އެ އަންހެން މީހާ އައިސް ހުއްޓުނީ ފުރުޤާންގެ ކުރިމައްޗަށެވެ. އެއަށްފަހު، އޭނާ އޭނާގެ އަތުގައި އޮތް ކުޑަކުޑަ ކަނޑިއެއް، ބިރުވެރި ސިފައިގައި ހުރި ހަންޑިއާ ދިމާޔަށް ދިއްކުރިއެވެ. އެޔާއެކު، އެ ކަނޑީގެ ކޮޅުން އަލި ރޮނގުތަކެއް ހަންޑިއާ ދިމާއަށް ދިޔައެވެ. ދެން ފެނުނީ، ހަންޑި ފަހަތަށް ޖެހެމުން ގޮސް ގެއްލުނު ތަނެވެ.

[ފުރުޤާން…ވަރަށް ބިރުގެންފިދޯ؟ ކަންބޮޑުނުވޭ. އޭއްޗަކަށް ދެނެއް ފުރުޤާނާ ކުރިމަތިލާކަށް ނުކެރޭނެ.] ހުދު ފޭރާމުގައި ހުރި އަންހެން މީހާ ފުރުޤާންގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ.

[ޝުކުރިއްޔާ…ޒަހާ…އަހަރެން މިހުރީ ޒަހާއާ އިންނަން ތައްޔާރަށް.] ފުރުޤާން ޒަހާގެ އަތުގައި ހިފެހެއްޓިއެވެ.

[އަހަރެންވެސް ބޭނުންވަނީ، ވީހާވެސް އަވަހަކަށް، އަހަރެންގެ މީހަކަށް ފުރުޤާން ހަދަން. މިރޭ ދެން އަހަރެން ދަނީ. މި އަނގޮޓި، ފުރުޤާންގެ އިނގިލީގައި ބާއްވާ. އަހަރެންގެ ބޭނުމެއް ޖެހިއްޖެއްޔާ، މި އަނގޮޓިއަށް ހޫނުކޮށްލާތި….] ސުވާސާ އަނގޮޓިއެއް ފުރުޤާންގެ އިނގިލީގައި އަޅުވައިދިނުމަށްފަހު، ޒަހާ އުޅުނީ ހިނގައިގަންނާށެވެ. އެވަގުތު ފުރުޤާން ޒަހާގެ އަތުގައި ހިފެހެއްޓިއެވެ.

[ނޫން…ޒަހާ…މިރޭ އަހަރެންގެ ގާތުގައި މަޑުކުރޭ. އަހަރެން ބިރުގަނޭ.] އެއީ ޒަހާވެސް ބޭނުންވި ގޮތެވެ. ވުމާއެކު، ޒަހާ ހިނިތުންވެލުމަށްފަހު މަޑުކުރިއެވެ.

[އަހަރެން އަންނާނަން ހެދުން ބަދަލުކޮށްގެން.] ޒަހާ ފާޚާނާޔާ ދިމާއަށް ހިނގައިގަންނަމުން ބުންޏެވެ.

[ޒަހާގެ ހެދުންތައް މިގޭގައި ހުރީތަ!؟] ފުރުޤާން ޙައިރާންވިއެވެ. ޖަވާބުގައި ހިނިތުންވެލުމަށްފަހު، ޒަހާ ގޮސް ވަނީ ފާޚާނާޔަށެވެ. ފުރުޤާން އެނދުގައި އޮށޯވެލިއެވެ.

ފާޚާނާޔަށް ވަންތާ މާގިނައިރުތަކެއްނުވެ ޒަހާ ނިކުތެވެ. ބިއްލޫރި ކުލައިގެ ފޭރާމެއްގައެވެ. އެ ފޭރާމުގެ ސަބަބުން ޒަހާގެ ހަށިގަނޑުގެ ވަނާތަކާއި ބައްޓަން، ބޭރުފުށަށް ސިފަވަމުންދިޔައެވެ. ފުރުޤާން މަސްތީ އަސަރާއެކު ޒަހާޔާ ދިމާއަށް ބަލަން ފެށިއެވެ.

[ފުރުޤާން ބޭނުންތަ މިކަހަލަ ނިދާ ހެދުމެއް؟] ފުރުޤާން އޮތް އެނދުގެ މަގަތުގައި އިށީންނަމުން ޒަހާ އެއްސެވެ. ފުރުޤާން ބޯޖަހާލިއެވެ. ޒަހާ އެނދާ ދިމާ ބިންމަތީގައި އޮތް ކަނޑި ނަގާފައި، ފުރުޤާން ލައިގެން ހުރި ހެދުމުގައި ޖައްސާލިއެވެ.

އެޔާއެކު، ފުރުޤާންގެ ފޭރާންވެސް ބަދަލުވެއްޖެއެވެ. މިހާރު އޭނާއަށްވެސް ލެވިފައިވަނީ ބިއްލޫރި ކުލައިގެ ތުނިތުނި ފޭރާމެކެވެ. އެހެންވުމުގެ ސަބަބުން އޭނާގެ ހަށިގަނޑުގެ ހުރިހާ ބައްޓަމެއްވަނީ ހާސާ (ހާމަ) ވެފައެވެ.

ފުރުޤާން ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ވާހަކަ، ޖެހިގެން އައި ދުވަހު އޭނާގެ މަންމައާއި ރައްޓެހިންގެ ގާތުގައި އޭނާ ބުންޏެވެ. ކުއްލިއަކަށް ކައިވެންޏެއްގެ ވާހަކަ ދެއްކުމުން، އޭނާގެ މަންމަމެން ހިސާބަކަށް ޙައިރާންވެސްވިއެވެ.

[ދަރިފުޅު ކާކާތަ އިންނަނީ. ވަރަށް އުފާވެރި ޚަބަރެއް ތިޔައީ…] ޚަދީޖާ ހުރީ އުފާވެފައެވެ.

[ފަހުން މަންމަ ގާތު ބުނާނަން. އެއީ މިއަތޮޅު ކުއްޖެއް ނޫން…] ފުރުޤާން ބުންޏެވެ.

މިހާރު ނަޝްވާއާއި ރީޙާން އަލުން އާ ދިރިއުޅުމެއް ފެށުނު ފަދައެވެ. ލޫބާގެ އެއްވެސް އުނދަގުލެއް މިހާރަކު އެދެމަފިރިންނަކަށް ދިމައެއްނުވެއެވެ. ނަމަވެސް، ރީޙާނަށް ކުރީީގައިވެސް ޖިންނި އަވަލާފައިވާކަން އެނގުމުން، ނަޝްވާ ހުރީ ހިސާބަކަށް ހިތްހަމަނުޖެހިފައެވެ. އެކަން އޭނާއަށް އެނގުނީ، ނޫސްތަކުގައި އެވާހަކަ ލިޔަން ފެށީމައެވެ. ނަޝްވާއަށް ފެނުނު ނޫހުގައި، ރީޙާން ކުރިން އިންސާނެއް ކަމަށް ހީކޮށް، ހަންޑިއަކާ ކައިވެނި ކޮށްފައިވާ ކަމަށްވެސް ލިޔެފައި އޮތެވެ.

[ރީޙާން….ކީއްވެތަ، މިކަންތައް އަހަންނަށް ސިއްރުކުރީ….] ނަޝްވާ ނޫސްކިޔާ ނިމުމަށްފަހު، ރީޙާނާ ސުވާލު ކުރިއެވެ.

[އަހަރެންގެ މާޒީއާ ބެހޭގޮތުން ނަޝް ސުވާލެއް ނުކުރަމެއްނު…ކުރިނަމަ ހުރިހާ ވާހަކައެއްވެސް އަހަރެން ކިޔާދިނީމުސް. އަހަރެން އަމިއްލަޔަށް އެވާހަކަ ނުދެއްކީ، ކޮންމެހެން އެދުވަސްތައް ހަނދާންކޮށްގެން، އިތުރަށް ހިތް ނުތަނަވަސްވާން ބޭނުންނުވީމާ.] ރީޙާން ބުންޏެވެ.

ފުރައިގެންދިޔަ ފަހުން ޑޮކްޓަރ ޖޯޖް ނަޝްވާޔަށް ގުޅީ އެދުވަހުއެވެ. ނަޝްވާޔާ ކައިވެނިނުކޮށް، ޑޮކްޓަރ ޖޯޖް ފުރައިގެން އޭނާގެ ޤައުމަށް އެނބުރިދިޔަ ސަބަބު ވަރަށް ތަފްޞީލުކޮށް އޭނާ ނަޝްވާޔަށް އެވަގުތު ކިޔާދިނެވެ.

ނަޝްވާވެސް އެ ބިރުވެރިކަމާ އޭނާޔަށްވެސް ކުރިމަތިލާން ޖެހުނުކަމާއި، އެހެން ނަމަވެސް، މިހާރު އެކަމުން ސަލާމަތްވެވިފައިވާ ކަމަށް ޖޯޖް ގާތު ބުންޏެވެ.

[ޑޮކްޓަރ ޖޯޖް ކުއްލިއަކަށް ފުރައިގެން ދިޔައީ، އޭތި ބިރުދައްކައިގެނޯ…ރީޙާން…ދާއިމަށް އޭއްޗެއްގެ ކިބައިން ސަލާމަތްވާން ވެއްޖެއެއްނު.] ޖޯޖް ފޯން ބޭއްވުމުން، ނަޝްވާ ރީޙާނާ މުޚާޠަބު ކުރިއެވެ.

[މިހާރު އަހަރެން ޙަކީމްބެޔާ ވާހަކަ ދައްކައިފިން. ދާއިމީ ޙައްލަކަށް ޙަކީމްބެ ބުނީ، އޭތި އަންދާލާނަމޭ.] ރީޙާން މިހެން ބުނީމާ، ނަޝްވާޔަށް ހަމަޖެހުން ލިބުނެވެ.

މިހާރުވެސް ރީޙާނާ ކައިރިނުވެވުނަސް، ލޫބާގެ އަޑު އަބަދުވެސް ދުރުން އޭނާޔަށް އިވެއެވެ. ބައެއްފަހަރު މަގުމަތިންވެސް ލޫބާ ފެނެއެވެ. ރޮއިރޮއި ހުންނަ މަންޒަރެވެ. ނަމަވެސް، ރީޙާން އަޅައެއްނުލައެވެ. އޭނާ އެދިމާޔަށް ބަލައެއްވެސްނުލައެވެ.

[އާދޭސް ކުރަން، ރީޙާން…ތި ވިސްނުން ދޫކޮށްލާ. އަހަރެން އަންދާލަން ނޫޅޭ. އަހަރެން ރީޙާންދެކެ ލޯބިވާވަރަށް އެއްވެސް މީހަކަށް ރީޙާންދެކެ ލޯތްބެއް ނުވެވޭނެ.] ރީޙާން އޮފީހަށް ދިޔަ މަގުމަތިން ގާތްގަނޑަކަށް ވިއްސަކަށް ފޫޓް ދުރުން ލޫބާގެ އަޑު އިވުނެވެ.

[ކަލޭ އަހަރެންދެކެ ލޯބިނުވިނަމަ، އަހަންނަށް މާރަނގަޅު. ކަލޭގެ ލޯތްބެއް އަހަރެން ބޭނުމެއް ނޫން. ޚަބަރުދާރު! މީގެފަހުން ކަލޭ އަހަންނަށް ފެނިގެންވެސް ނުވާނެ.] ރީޙާން މިހެން ބުނެފައި ގޮސް އޮފީހަށް ވަނެވެ.

ލޫބާ ބޭނުންވަނީ ރީޙާނަށް އާދޭސްކޮށްގެންވެސް ރީޙާނާއެކު އުޅެވޭތޯ ބަލާށެވެ. ޢާންމުކޮށް ޖިންނިއަކު އިންސާނަކާ އަވަލައިފިނަމަ، އޭއްޗެއްގެ ކިބައިން ސަލާމަތްވުމަކީ ވަރަށް އުނދަގޫ ކަމެކެވެ. މިހާރު ރީޙާންވެސް އޭއްޗެއްގެ ކިބައިން ސަލާމަތް ނުވެވިގެން އުޅޭތާ ހައެއްކަ އަހަރަށްވުރެންވެސް ގިނަދުވަސް ވެދާނެއެވެ. ރީޙާންގެ ޢާއިލާއަށް ރަނގަޅަށް މަސައްކަތް ނުކުރެވެނީއެވެ.

[ޙަކީމްބެ އޮޕަރޭޝަންކޮށް ރަނގަޅުވީމާތާ، ދެން ކަމެއް ކުރެވޭނީވެސް….މާދަމާ ޙަކީމްބޭގެ އޮޕަރޭޝަން ކުރެވޭނެ.] ރީޙާން ވާހަކަ ދެއްކީ ނަޝްވާއާއެވެ.

[އަހަރެން މިހާރުވެސް ވަރަށްބިރުގަނޭ. އޭއްޗެއްގެ ސަބަބުން އަހަރެންގެ ކެރިއަރއަށްވެސް އަޞްލު ވަރަށްބޮޑު އަސަރެއް  އެބަކުރޭ.] ނަޝްވާ ބުންޏެވެ. ވުމާވެސްއެކު، ނަޝްވާ ބޭނުންވަނީ ދާއިމަށް އޭތީގެ ކިބައިން މިންޖުވާށެވެ. ރީޙާންވެސް ބޭނުންވަނީ އެގޮތެވެ. ލޫބާ ކިތަންމެ އާދޭސްކުރިޔަސް، އޭނާ އެކަން ކުރުވާނެއެވެ.

ޖެހިގެން އައި ދުވަހު، ޙަކީމްބެ އޮޕަރޭޝަން ކުރުމަށްޓަކައި ތިއޭޓަރަށް ވެއްދި ކަމުގައިވިޔަސް، ކުއްލިއަކަށް ޙަކީމްބޭގެ ލޭމަތިވުމުގެ ސަބަބުން އޮޕަރޭޝަން ނުކުރެވި ފަސްކުރަން ޖެހުނެވެ.

[ލޭގެ ޕްރެޝަރު ހަމަޔަކަށް އެޅުނީމަވާނީ….އިހަށް ގެޔަށް ގެންދިޔަޔަސް މައްސަލައެއް ނެތް.] ޑޮކްޓަރ ސަޢީދު ބުންޏެވެ. އޭރު އެތަނުގައި ނަޝްވާވެސް ހުއްޓެވެ. ވުމާއެކު، ޙަކީމްބެމެން ގޮވައިގެން ގެޔަށް ދިޔައީ ނަޝްވާއެވެ.

ގެޔަށް ގޮސް، ޖިންނީގެ ކިބައިން ދާއިމަށް ސަލާމަތްކޮށްދިނުމަށް ނަޝްވާ އެދުނެވެ.

[ތިޔައީ އެއްވެސް ކަމެއް ނޫން. ނަޝްވާ ތިކަމާ މާބޮޑަށް ވިސްނާނެ ކަމެއްނެތް. މިއަދުން ފެށިގެން ތިމަސައްކަތް ކުރާނަން. ދަރިފުޅާ ފިރާޒް! ބައްޕަ މިދޭ ލިސްޓްގައި ހުރި ތަކެތި މިރެޔަށް ހޯދާތި….ރީޙާން ކޮބައިތަ؟] ޙަކީމްބެ ބުންޏެވެ.

[ރީޙާންވީ އޮފީހުގައި…އިރުކޮޅަކުން އަންނާނެ. އަހަރެން ގުޅާފައި ބުނެފިން އައިސްބަލާށޭ.] ނަޝްވާ ބުންޏެވެ. އެއީ ރީޙާން އައިސް ގެޔަށް ވަން ވަގުތެވެ.

[އަހަރެން ނައިސްގެންދޯ ތިއުޅެނީ. ޙަކީމްބެ ބިރުގަތީއޭދޯ….ތިވަރަށް ބިރުގަންނަންޏަކާ، ތި އޮޕަރޭޝަން ކުރަން ފަސޭހައެއް ނުވާނެ.] ޙަކީމްބެ އިން ސޯފާގައި ރީޙާން އިށީނެވެ.

[ރީޙާންމެން ދާއިމަށް ޖިންނީގެ ކިބައިން ސަލާމަތްކޮށްދީފައި އޮޕަރޭޝަނަށް ވަންނާނީ. ޙަކީމްބެ މިދޭ ލިސްޓްގައި ހުރި ތަކެތި މިރެޔަށް ހޯދާތި.] އޭރު ޙަކީމްބެ ލިސްޓް ލިޔަނީއެވެ. އެއީ ދިވެހި ބޭސްތަކެކެވެ. ދެން ހުރީ އަލިފާން ރޯކުރާނޭ ތަށްޓެކެވެ. ދެން ލަކުޑިގަނޑަކާއި ވަޅިއެކެވެ.

[މަސައްކަތަކީ ވަރަށްބޮޑު މަސައްކަތެއް. ޤުރްއާން ކިޔަވަން ރަނގަޅަށް ދަންނަ ދިހަ ކުއްޖަކު ބޭނުންވާނެ. ކޮންމެ ކުއްޖަކީވެސް ވަރަށް ކެރޭ ކުދިންނަށް ވާންވާނެ.] ޙަކީމްބެ ބުންޏެވެ.

[މައްސަލައެއް ނެތް. މިރެޔަށް ތިޔަ ކަންތައް ފުރިހަމަވާނެ. ޙަކީމްބެ، ޙަކީމްބެގެ މަސައްކަތް ފުރިހަމަކުރޭ.] ރީޙާން މިހެން ބުނެފައި ގުޅީ އޭނާގެ ރަޙްމަތްތެރިޔާ ހައިޝަމްއަށެވެ. ހައިޝަމަށް ގުޅާފައި، ހޯދަންޖެހޭ ތަކެތީގެ ލިސްޓް ދީފައި، އެތަކެތި ހިތަދޫން ހޯދައިގެން، ޤުރްއާން ކިޔަވާނޭ މީހުންވެސް ގޮވައިގެން އެގެޔަށް އައުމަށް ރީޙާން ބުންޏެވެ.

[މައްސަލައެއް ނެތް. އަހަރެން މީހުންވެސް ގޮވައިގެން ވޭނުގައި ތިގެޔަށް ދާނަން. ޙަކީމްބެ ގާތު ބުނޭ، އަހަރެމެން ތައްޔާރޭ.] ހައިޝަމް ބުންޏެވެ.

ޖިންނި އަންދާ މަންޒަރު ބެލުމަކީ، ވަރަށްގިނަ ބަޔަކު ޝައުޤުވެރިކަން ހުންނާނޭ ކަމެކެވެ. ވުމާއެކު، ޤުރްއާން ކިޔަވާނޭ މީހުން ހޯދުމަކީވެސް މާ އުނދަގޫ ކަމަކަށް ނުވާނެއެވެ.

ހައިޝަމް ވަރަށް ފަސޭހައިން ލިސްޓްގައިހުރި ތަކެއްޗާއި، ޤުރްއާން ކިޔަވާނޭ މީހުން ހޯދިއެވެ.

ފުރުޤާންވެސް ތައްޔާރުވަމުން މިހާރު އެދަނީ އޭނާގެ އަލަތު ކައިވެންޏަށެވެ. ނަމަވެސް، އަދިވެސް އޭނާ އިންނަން އުޅޭ ކުއްޖާ، އެއްވެސް މީހަކަށް އޭނާ ނުދައްކައެވެ.

ފުރުޤާން ބުނަނީ ކައިވެނީގެ ވަގުތު ވަރަށް ކައިރިކޮށްފައި ނޫނީ އޭނާ ޒަހާ އެއްވެސް މީހަކަށް ނުދައްކާނޭ ކަމަށެވެ.

[ދަރިފުޅާ…ދަރިފުޅު މަންމަމެން މޮޔަހައްދަނީތަ؟ މިރެޔަކީ ކައިވެނި ކުރެވޭ ރޭ. އަދިވެސް ތިބުނާ އަންހެން ކުއްޖަކު ނުފެނޭ. ތިކުއްޖަކު މިހާރު ދެން މިގެޔަށް ގެނެސް، ދައްކަން ވެއްޖެއެއްނު.] ޚަދީޖާ ހިތްހަމަނުޖެހިފައި ބުންޏެވެ.

[މަންމާ، އޭނާޔަށް ކިޔަނީ ޒަހާ. މިހާރުވެސް އަހަރެން އޭނަ ގެނެސްފާނަން. ގެންނަންތަ؟]  ފުރުޤާން ވަށައިގެން ނަޒަރު ހިންގާލިއެވެ.

[އާނ ގެނެސްބަލަ. މަންމަމެން މިހާރު މިތިބެނީ އެ މަންޖެ ދެކޭހިތުން ކެތްމަދުވެފައި.] ޚަދީޖާ ބުންޏެވެ.

[އެކަމަކު ބުނަން މަންމާ، އޭނަޔާމެދު މަންމަމެން ހިތްހަމަނުޖެހުނަސް، ނުރުހުން ފާޅުކޮށްގެން ނުވާނެ. އަހަންނާ އޭނާގެ ކައިވެންޏަށް މަންމަމެން ޖެހޭނެ އެއްބަސްވާން.] ފުރުޤާން މިހެން ބުނީމާ ޚަދީޖާ ބޯޖަހާލިއެވެ.

ފުރުޤާން، އޭނާގެ ޖީބުގައި އޮތް ލައިޓަރު ނަގައި، އޭނާގެ އިނގިލީގައި އޮތް އަނގޮޓިއަށް ހޫނުކޮށްލިއެވެ. ހަމައެޔާއެކު، ވަރުގަދަ ވިދުވަރަކާއެކު، އެތަނަށް އެ ފާޅުވީ ޒަހާއެވެ.

ޚަދީޖާގެ އިތުރުން އެތަނުގައި އެވަގުތު ތިބި މީހުންގެ ދެލޯ ތަރަތަރަޖަހައިގެން ދިޔައެވެ. އެވެރިން އެހާމެ ބިރުވެސްގަތެވެ. އެއީ ޕަރީއެކެވެ. ޚަދީޖާ ބިރުން ފަހަތަށް ޖެހުނެވެ.

[ދަރިފުޅާ…ކާކުތީ….އިންސާނެއް ނޫންދޯ؟] ޚަދީޖާ ބިރުގަތެވެ.

[އާނ މަންމާ…މީ އިންސާނެއް ނޫން. ޕަރީއެއް…އަހަރެން ކަނޑުވެފައި ވަނިކޮށް މަރުން ސަލާމަތްކޮށްދިނީ މީނަ. އަހަރެންގެ ޙަޔާތުގެ ބާކީބައި އަހަރެން ހޭދަކުރަން ބޭނުންވަނީ މި ޕަރީއާއެކު…އަހަރެމެންގެ ކައިވެންޏަށް މަންނަމެން އެއްބަސްނުވާ ކަމުގައި ވަނީނަމަ، އަހަރެން މީނަޔާއެކު މީނާ ގެންދާ ތަނަކަށްދާނަން.] ޕަރީގެ އަތުގައި ފުރުޤާން ހިފަހައްޓާލިއެވެ.

[ނޫން…ދަރިފުޅާ…ތިކަހަލަ މޮޔަ ޚިޔާލު ނުކުރޭ. ދަރިފުޅަކީ އިންސާނެއްް….ކިހިނެއްތަ، ޕަރީއަކާއެކު އުޅޭނީ. ދަރިފުޅަކަށް ނުދެވޭނެ. ހެޔޮނުވާނެ….އަހަރެންގެ ދަރިފުޅު ސަލާމަތްކުރޭ.] ޕަރީ ގާތު ޚަދީޖާ އާދޭސްކުރިއެވެ. ޕަރީ އިސްއޮބާލިއެވެ.

[މަންމާ…އަހަރެން ފުރުޤާނަށް ދެރައެއްނުދޭނަން. އެކަމަކު އަހަރެން ބޭނުން، ފުރުޤާނާއެކު އުޅެން. އަހަރެން ފުރުޤާންދެކެ ވަރަށް ލޯބިވޭ….ވަރަށް ލޯބިވޭ….] ޕަރީ ބުންޏެވެ.

[އެންމެ ރަނގަޅު. ކަލޭމެންގެ ކައިވެންޏަށް އަހަރެން ޤަބޫލު.] މިހެން ބުނެފައި، ރޮމުން ޚަދީޖާ ގެއިން ނިކުތެވެ. އޭނާ ދިޔައީ އެރަށުގައި ހުރި އެންމެ ރަނގަޅަށް ފަންޑިތަ ހަދާ މީހާގެ ގެޔަށެވެ. ކަންތައް ވެގެން އުޅޭގޮތް، ތުއްތުބެއްޔާއަށް ޚަދީޖާ ސާފުކޮށް ކިޔާދިނީމާ، ތިޔައީ އެއްވެސް ކަމެއް ނޫން ކަމަށް ބުނެ، ޚަދީޖާއާއެކު ތުއްތުބެއްޔާ އެގެޔަށް ދިޔައެވެ.

އޭރު ޕަރީއެއް ނެތެވެ. ފުރުޤާން ކައިވެނީގެ ތައްޔާރީތައް ވުމުގައި އަވަދިނެތި އުޅެއެވެ.

[ފުރުޤާން…ހާދަ މަސައްކަތް ބުރަކޮށްލައިގެނޭދޯ ތިއުޅެނީ. ކައިވެނި އޮތީ މިރޭ ކޮންގަޑިއަކުތަ؟] ތުއްތުބެއްޔާ ފުރުޤާން ހުރި ކޮޓަރިޔަށް ވަންނަމުން ވާހަކަ ދެއްކިއެވެ. އޭރުވެސް ތުއްތުބެއްޔާ ހުރީ ކިޔަވާލަ ކިޔަވާލައެވެ.

[މިރޭ އަށެއް ޖަހާއިރު.] ފުރުޤާން ހިނިތުންވެލަމުން ޖަވާބު ދިނެވެ.

[ފުރުޤާން އިންނަން އުޅޭ މަންޖެ ތުއްތުބެއްޔާމެނަށްވެސް ދައްކާލަންވާނެތާ.] ތުއްތުބެއްޔާ ބުންޏެވެ.

ތުއްތުބެއްޔާއަކީ ފަންޑިތަ ހަދާ މީހެއްކަން ފުރުޤާނަށް އެނގިފައިނުވާތީ، އޭނާ ވަގުތުން އަނގޮޓި ހޫނުކޮށްލިއެވެ. އެޔާއެކު ޕަރީ އެތަނަށް ފާޅުވެއްޖެއެވެ. ފާޅުވުމާއެކު، އޭތީގެ ޙަރަކާތް ހުއްޓުނެވެ. ހީވީ އޭނާގެ ވަށައިގެން ކަސްތޮޅު އެޅުނީހެންނެވެ. ޙަޤީޤަތުގައިވެސްވީ އެހެންނެވެ. މިހާރު އޭތި އެހުރީ ސީދާ ތުއްތުބެއްޔާގެ ބާރުގެ ދަށުގައެވެ.

[އެކަމަކު ބުނޭ، ޕަރީންނަކީ އަނިޔާވެރި އެއްޗިއްސެއް ނޫނޭ. ކީއްވެތަ، އިންސާނަކު ހައްލާލައިގެން އިންނަން ތިއުޅެނީ…ހަމަ ރަނގަޅަށްވެސް އެނގޭނެ، އިންސާނުންގެ ތެރޭގައި ނޫޅެވޭނެކަން.] ތުއްތުބެއްޔާ ސީދާ ޕަރީއާ މުޚާޠަބު ކުރިއެވެ.

[އަހަރެން ފުރުޤާނާ އިންނަން އުޅެނީ އަނިޔާވެރިވެގެނެއް ނޫން. އަހަރެން ފުރުޤާންދެކެ ލޯބިވާތީ….] ޕަރީ އިސްއޮބާލިއެވެ.

[ކިތަންމެ ލޯބިވިޔަސް، އިންސާނަކާއެކު ދާއިމީކޮށް ނޫޅެވޭނެކަން އެނގިހުރެ، ކީއްވެތަ، ތިކަމަށް ކުރިމަތިލީ. ތިޔައީ ޕަރީއަކަށްވެ، ފުރުޤާން ސަލާމަތްކޮށްދިން ބާރަކަށްވާތީ، ފުރްޞަތުދޭނަން. އަހަރެންގެ ކުރިމަތީގައި ހުވާކުރޭ، ފުރުޤާނަށް އެއްވެސް އުނދަގުލެއް ނުކުރާނޭ ކަމަށް. ފުރުޤާންގެ މަތިން ހަނދާންނައްތާލާނޭ ކަމަށް. އެހެން ނޫނީ، އަހަރެން ކަލޭ ދުލެއްނުކުރާނަން.] ތުއްތުބެއްޔާ ފުރިހަމަ ބާރާއެކު ޕަރީއާ ކުރިމަތިލިއެވެ.

[އަހަންނަކަށް ފުރުޤާންގެ ހަނދާންތަކާ ދުރަކަށް ނުދެވޭނެ. އެކަމަކު އަހަރެން ފުރުޤާނާ ދުރުގައި އުޅެން އެއްބަސްވެދާނަން. ހަނދާންތަކާ ދުރަށް ނުދެވޭނީ، އަހަރެންގެ ބަނޑުގައި ފުރުޤާންގެ ދަރިއެއް އޮތީމަ.] ޕަރީއަށް ރޮވުނެވެ. މިހާރު ފުރުޤާނަށްވެސް ރޮވިއްޖެއެވެ.

[އަހަންނަށް ނުވާ އުނދަގުލެއް، އެހެން މީހުނަށް ވަނީ ކީއްވެތަ؟ އަހަރެން ބޭނުން، ޒަހާޔާއެކު އުޅެން. ތުއްތުބެއްޔާ ޒަހާ ދޫކުރޭ…] ފުރުޤާން އެދުނެވެ. އޭރު ފުރުޤާންގެ ގައިގައި ހަތަރު ފިރިހެނަކު ވަނީ ހިފަހައްޓާފައެވެ.

[އޭނާ އަހަރެން ބުނާގޮތަށް އެއްބަސްވެ ހުވާކުރީމާ، އޭނާ ދޫކުރަން އަހަރެން މިހުރީ ތައްޔާރަށް.] ތުއްތުބެއްޔާގެ އެދުމުގެ މަތިން، އެހެން މީހަކު އެވަގުތު ޚަތިމެއް ގެނެސްދީފިއެވެ. ތުއްތުބެއްޔާ ޚަތިމް ގެންގޮސް، ޕަރީގެ ކުރިމަތީގައި ބޭއްވިއެވެ. އެއަށްފަހު، ފުރުޤާނާ ވަކިވީކަމަށް ޚަތިމްގައި އަތްލާ ޕަރީ ލައްވައި ހުވާކުރުވިއެވެ. އެޔާއެކު، ތުއްތުބެއްޔާ، އޭނާގެ ބާރުގެ ދަށުން ޕަރީ ދޫކޮށްލިއެވެ. އެވަގުތު ފެނުނީ އާދަޔާ ޚިލާފު މަންޒަރެކެވެ. އެންމެން ބަލަން ތިއްބާ ޒަހާ އުދުހިގެން އެދިޔައީއެވެ. އެވަގުތު ފުރުޤާން، އޭނާގެ ގައިގައި ހިފަހައްޓައިގެން ތިބި މީހުން ފޮޅުވާލުމަށްފަހު، ޒަހާޔަށް ގޮވަމުން ދުއްވައިގެންފިއެވެ. އޭނާ މޮޔަވީކަންނޭނގެއެވެ. ލޯތްބަށްޓަކައެވެ.

މިހާރު ނަޝްވާގެ ގޭގެ ތިރީ ބައިގައި ތިބެ ޙަކީމްބެއާއި ބައިވެރިން ކިޔެވެލި ކިޔަވަމުން ދަނީއެވެ. ކުރިމަތީގައި ހުރި ދެ އެނދެއްގައި ރީޙާނާއި ނަޝްވާ ބާއްވާފައި އޮތެވެ.

އޭރު މުޅި ގޭތެރެ އެއްވަސްވެފައިވަނީ، ކުމުންޒާނިގެ ވަހުންނެވެ. ކުރިމަތީގައި ހުރި އަލިފާންގަނޑު ތެރެޔަށް، ޙަކީމްބެ ދޭތެރެ ދޭތެރެއިން ކޮންމެވެސް އެއްޗެހިތަކެއް އަޅާލައެވެ.

[އެއްވެސް ކުއްޖަކު ބިރުނުގަންނާތި. މި އަލިފާންގަނޑުތެރެޔަށް އޭތި ހުލިވެގެންދާތަން، މާގިނައިރުތަކެއްނުވެ ފެންނާނެ.] އޭރުވެސް ކިޔެވެލީގެ އަޑު މެދުނުކެނޑި ކުރިޔަށްދެއެވެ.

ކުއްލިއަކަށް މުޅި ގެޔަށްވެސް ހީވީ ލޮޅުމެއް އައީހެންނެވެ. ދެން ފެނުނީ އަލިފާންގަނޑުގެ މެދުން ލޫބާއެވެ. އޭތި ސަލާމަތަށް އެދި ރޮމުން ދަނީއެވެ.

[ރީޙާން….ތިޔަހެން ނޯވެ، އަހަރެން ސަލާމަތްކޮށްދީބަލަ. ހެޔޮނުވާނެ. އަހަރެން ސަލާމަތްކޮށްބަލަ. އިންސާނަކުދެކެ ލޯބިވެވުމުން، މިވަރުގެ ބޮޑު ސަޒާއެއްދޭން ހެޔޮވާނެތަ؟] އޭރު އޭތި އަނދަމުންދިޔަ އަލިފާންގަނޑުތެރޭ ރޯވަމުންދިޔަ މަންޒަރު ބައެއް މީހުންނަށް ފެންނަމުންދެއެވެ. ނަމަވެސް، ޙަކީމްބެ އޭނާގެ މަސައްކަތެއް ހުއްޓައެއްނުލައެވެ.

މާގިނައިރުތަކެއްނުވެ ދެން ފެނުނީ، އެ އަލިފާންގަނޑު ތެރެޔަށް އޭތި ފުނޑުވެ ބުރައިގެންދިޔަ ތަނެވެ. އެހާ ހިސާބުން ޙަކީމްބެ އޭނާގެ މަސައްކަތް ހުއްޓާލައި، ކިޔަވަން ތިބި ކުދިންނަށްވެސް ހުއްޓާލުމަށް އެންގިއެވެ.

[މިހާރު އޭތީގެ ވަސްވެސް ފޮހެވިގެން އެދިޔައީ.] މިހެން ބުނެފައި، ޙަކީމްބެ ރީޙާނާއި ނަޝްވާ ތެދުކޮށް ސަލާމްކޮށްލިއެވެ.

[ވަރަށް ބޮޑަށް ޝުކުރިއްޔާ….ޙަކީމްބެ ތިކޮށްދިނީ، ވަރަށްބޮޑު ކަމެއް.]

ރީޙާން އެތަނުގައި ތިބި މަސައްކަތުގެ ހުރިހާ ބައިވެރިންނާ ވަކިވަކިން ސަލާމް ކުރުމަށްފަހު، ޝުކުރު އަދާކޮށްފައި، ނަޝްވާ އުފުއްލާލިއެވެ.

އެރެޔަށްފަހު ދެން އައީ ރީޙާންގެ ޒަވާޖުގައި އައި އެންމެ އުފާވެރި ދުވަސްތަކެވެ. ނަމަވެސް މިހާރު އިރިފުސްމެ ވަގުތު އޭނާ އެކަނި އަތިރިޔަކަށް ނުދެއެވެ.

އޭރުވެސް އިރިފުސްމެ ވަގުތު އޭނާއާ ޖިންނި އަވަލީ، މައިންބަފައިންގެ ބަސް އަޑުނޭހުމުންނެވެ. މިހާރު އެކަން އޭނާއަށް ވިސްނިއްޖެއެވެ. އަބަދުވެސް މައިންބަފައިން ދަރިންނަށް ދޭނީ ރަނގަޅު ނަޞޭޙަތެވެ. ދެން އެކަން އޭނާ ހަނދާން ބަހައްޓާނެއެވެ.

ރީޙާން މިހާރު ބޭނުންވަނީ، އިރިފުސްމެ (އިރާކޮޅު) ވަގުތު އޭނާއާ އަވަލައި، އޭނާގެ ޙަޔާތުގައި ޖިންނި އަދާކުރި ދައުރު މުޅިން ހަނދާންނައްތާލައި، އޭނާ އަބަދުވެސް އެންމެ ލޯބިވާ ބައިވެރިޔާ، ނަޝްވާއާއެކު އުފާވެރި ދިރިއުޅުމެއް ވެއަތުކުރާށެވެ.

(ނިމުނީ)


އިދާރީ ނޯޓެއް:

މި ވާހަކަ މި ސައިޓަށް ހަދިޔާކޮށްދެއްވި ކަމަށްޓަކައި އަލްފާޟިލް މުސާ ޞާއިދަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.  އަދި މި ވާހަކަ ވިދާޅުވުމުގައި ވަގުތު ހޭދަކުރެއްވިކަމަށްޓަކައި ތިޔަބޭފުޅުންނަށް ވެސް އެފަދައިން ޝުކުރު ދަންނަވަމެވެ.  މޫސާ ޞާއިދު އެހެން ވާހަކައެއް މާލަސްނުވެ، ތިޔަ އަރިސްތަކަށް ހުށަހަޅައިދެވޭނެކަމަށް އުންމީދު ކުރަމެވެ.  .

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment