މިއީ އިންޓަނެޓުގައި ދައުރުވާތާ ދުވަސްގަނޑެއް ވެފައިވާ ވާހަކައެކެއްގެ ތަރުޖަމާއެކެވެ. ވާހަކައިގެ އަސްލު ލިޔުނު ލިޔުންތެރިއެއް ނޭނގެއެވެ. ތަރުޖަމާ ކުރުމުގައި ވާހަކައަށް ކުދިކުދި ބަދަލު ގެނެސްފައިވާނެއެވެ. ނަރުސް ކުއްޖަކު އައިސް، ސަލްމާގެ އުނގުތެރެއަށް އެ ލައިދިނީ އޭނާގެ ތުއްތު ފިރިހެން ދަރިފުޅެވެ. ވިހެއުމުގެ ތެރޭގައި ސަލްމާއާއި ދަރިފުޅުގެ ހާލު ވަރަށް ދެރަވިއެވެ. އޮޕަރޭޝަންކޮށްގެން ދަރިފުޅު ނެގިގޮތަށް އައި.ސީ.ޔޫއަށް ގެންދިއުމަށްފަހު އަދި އެ ގެނައީއެވެ. ސަލްމާގެ ހިތުގައި އެ ދަރިފުޅަށްޓަކައި ލޯބި އުތުރިގެން އަރަނީއެވެ. އަވަސްއަވަހަށް މެޔާލައި ބޮނޑިކޮށްލުމަށް ފަހު…

މިއީ އިންޓަނެޓުގައި ދައުރުވާތާ ދުވަސްގަނޑެއް ވެފައިވާ ވާހަކައެކެއްގެ ތަރުޖަމާއެކެވެ. ވާހަކައިގެ އަސްލު ލިޔުނު ލިޔުންތެރިއެއް ނޭނގެއެވެ. ތަރުޖަމާ ކުރުމުގައި ވާހަކައަށް ކުދިކުދި ބަދަލު ގެނެސްފައިވާނެއެވެ.




ނަރުސް ކުއްޖަކު އައިސް، ސަލްމާގެ އުނގުތެރެއަށް އެ ލައިދިނީ އޭނާގެ ތުއްތު ފިރިހެން ދަރިފުޅެވެ. ވިހެއުމުގެ ތެރޭގައި ސަލްމާއާއި ދަރިފުޅުގެ ހާލު ވަރަށް ދެރަވިއެވެ. އޮޕަރޭޝަންކޮށްގެން ދަރިފުޅު ނެގިގޮތަށް އައި.ސީ.ޔޫއަށް ގެންދިއުމަށްފަހު އަދި އެ ގެނައީއެވެ. ސަލްމާގެ ހިތުގައި އެ ދަރިފުޅަށްޓަކައި ލޯބި އުތުރިގެން އަރަނީއެވެ. އަވަސްއަވަހަށް މެޔާލައި ބޮނޑިކޮށްލުމަށް ފަހު ނަގައި އެ ދަރިފުޅުގެ ލޯބިލޯބި މޫނަށް ބަލައިލުމާއެކު ފުރަތަމަވެސް އަޅައިގަތީ ދަރިފުޅުގެ އުފެދުމުގައި ހުރި ބޮޑު އައިބެކެވެ. ދަރިފުޅުގެ ދެ ކަންފަތެއް ނެތެވެ. ސަލްމާގެ އުފާވެރިކަން ނުހަނު ބޮޑު ނުތަނަވަސްކަމަކަށް ބަދަލުވެގެން ދިޔައެވެ. އެހެނަސް ދަރިފުޅަށްޓަކައި ހިތުގައި އޮތް ލޯތްބަށް ކުޑަވެސް އުނިކަމެއް ނާދެއެވެ.

ޑޮކްޓަރުން ޔަގީންކޮށްދިން ގޮތުގައި، އެ ދަރިފުޅުގެ އިވުމުގައި އެއްވެސް މައްސަލައެއް ނެތެވެ. ނެތީ ހަމައެކަނި ކަންފަތުގެ ބޭރުބައެވެ. އެތެރެ ބައިގައި އެއްވެސް މައްސަލައެއް ނެތެވެ. ދަރިފުޅުގެ ޞިއްޙަތު ހުރިހައި ގޮތަކުންވެސް ރަނގަޅެވެ.

ސަލްމާގެ ދަރިފުޅުގެ ނަމަކަށް ކީ ޝާންއެވެ. ޝާން ސްކޫލަށް ވައްދާ އުމުރަށް އެޅުމުން ސްކޫލަށް ވައްދައިފިއެވެ. ނަމަވެސް ޝާންގެ ކަންފަތް ނުހުންނާތީ ސްކޫލު ކުދިން އޭނާއާ ދިމާކޮށް، މަލާމާތްކޮށް، ގަނާކުރެއެވެ. މިކަމާ ދެރަވެގެން ޝާން ރޯންނުޖެހޭ ދުވަހެއް މަދެވެ. ޝާންގެ ކަންފަތް ނެތުމުން ސަލްމާގެ ހިތުގައި އަޅާ ވޭނަށްވުރެ، ކުދިން ދިމާކުރާތީ އެކަމާ ހިތުގައި ޖެހިގެން ޝާން ރޯތަން ފެނުމުން ސަލްމާއަށް ކުރާ އަސަރު މާ ބޮޑެވެ.

ގްރޭޑް މައްޗަށް ދިޔަދިޔަހެން މައްސަލަ ދިޔައީ ބޮޑުވަމުންނެވެ. ކުދިން ދިމާކުރާވަރުން ސްކޫލަށް ދިޔުންވެސް ޝާންއަށް ވޭނަކަށް ވެއްޖެއެވެ. މިކަމަށް ހައްލެއް ލިބޭތޯ ސަލްމާގެ ދެމަފިރިން އަނެއްކާވެސް ޝާން ގޮވައިގެން ޑޮކްޓަރަށް ދިޔައެވެ. އޮތް ހަމައެކަނި ހައްލަކީ ކަންފަތުގެ ބޭރުބައި ޖެހުމެވެ. ނުވަތަ އިންދުމެވެ. އެކަމަކު އެކަން ވާނީ ކަންފަތް ދޭނޭ މީހަކުވެގެންނެވެ.

މާ ގިނަ ދުވަހެއް ނުވެ ޝާންގެ ބައްޕަ އައިސް ޝާންއަށް އުފާވެރިކަމުގެ ޚަބަރު ދިނެވެ. ކަންފަތް ހަދިޔާކުރާނެ މީހަކު ވެއްޖެއެވެ. ނަމަވެސް، އެއީ ކާކުކަން ބުނެވޭކަށް ނެތެވެ. ކޮންމެއަކަސް ޝާންގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ކޮށް ނިންމައިލައިފިއެވެ. ޝާންވެސް “ފުރިހަމަ”ވެއްޖެއެވެ.

ކިޔަވައި ނިންމައިލުމުން، ޝާންއަށް ރަނގަޅު ވަޒީފާއެއްވެސް ލިބިއްޖެއެވެ.

މާ ގިނަ ދުވަހެއް ނުވެ، އެއް ދުވަހަކު ގޭގައި ހުއްޓައި، ހަމަ ކުއްލިއަކަށް ޝާންގެ ލޯބިވާ މަންމަ މަރުވެއްޖެއެވެ. ވީ ގޮތެއްވެސް ނޭނގުނެވެ. ޝާންއަށް މި ޚަބަރު ލިބުމާއެކު އަވަސްއަވަހަށް ގެއަށް ގޮސް މަންމަގެ ކޮޓަރިއަށް ވަންއިރު، މަންމަގެ ގާތުގައި އިށީނދެލައިގެން ބައްޕަވެސް އިނެވެ. ޝާން އައުމުން، ޝާންގެ ގައިގައި ހިފައި ލޯބިން ގާތްކޮށްލިއެވެ. ދެން ބުނެލިއެވެ. “ދަރިފުޅާއެވެ! ދަރިފުޅުގެ މަންމަ ކިހައި ރީތިހެއްޔެވެ؟ ކިހައި ލޯބިހެއްޔެވެ؟ ކިހައި ފުރިހަމަހެއްޔެވެ؟” އެހެން ބުނެފައި، ނުހަނު ލޯތްބާއެކު މަޑުމަޑުން، ސަލްމާގެ ކަންފަތްމަތީގައި އޮތް އިސްތަށިގަނޑު ދުރަށް ޖައްސައިލިއެވެ. އެ ވަގުތު ޝާންއަށް ހީވީ ލަގޮނޑި ދުޅަވެގެން ގޮސް އަރުތެރެ ބެދުނުހެންނެވެ.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment