ކްރިޓިކަލް ރިވިއު

''ދީނީ ޚިލާފުތަކުގެ ތާރީޚުގައި ދިވެހިރާއްޖެ''

އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ

''ދީނީ ޚިލާފުތަކުގެ ތާރީޚުގައި ދިވެހިރާއްޖެ'' މި މައުޟޫގެ ދަށުން އަބޫބަކުރު ދާވޫދު ލިޔުއްވާފައިވާ ޕާރސުއޭސިވް ލިޔުމަކީ ދިވެހިން އިސްލާމްދީން ޤަބޫލުކުރުމަށްފަހު އެކި ދުވަސްވަރު ދިވެހިންގެ މެދުގައިހުރި ދީނީ ތަފާތު ފިކުރުތަކާއި އެކަމުގެ ސަބަބުން ދިވެހިންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއި އަދި އެކަންކަމާއި ގުޅިގެން ހިގާފައިވާ އެކިވަރުވަރުގެ ހަމަނުޖެހުންތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ދިރާސާއެއް ކަމަށް ޤަބޫލުކުރެވެއެވެ. 


މަޒުމޫނުގެ ސުރުޚީން ވެސް އަންގައިދެނީ ދީނީ ޚިލާފުތަކުގެ ތާރީޚުގައި ދިވެހިރާއްޖޭގައި ވެސް ހިޔާލުތަފާތުވުންތަކެއް ހުރިކަމެވެ. މި ގޮތުން މި ލިޔުމުގައި އަނިޔާވެރި ބޮޑެތި އިންސާނިއްޔަތާއި ޚިލާފު ގިނަ ކަންކަން މި ކުޑަކުޑަ ދިވެހި މުޖުތަމަޢުގައި ހިގައިފައި ވަނީ، އިސްލާމް ދީނުގައި ކަންކަން އޮންނަ އެންމެ ރަނގަޅު ގޮތް ގިނަ ޢިލްމު ވެރިންނަށް އޮޅުންފިލައިފައި ނެތުމުގެ ސަބަބުންކަން ހާމަވެއެވެ. ހަމަ އެފަދައިން ދީނީ ޢިލްމު ނޭގި ތިބެ ޢިލްމު ވެރިންގެ ނަމުގައި، ދީނީ ފަތުވާ ދެވިފައި ހުރުމުން ކަމަށް ވެސް ހާމަވެއެވެ. ޚާއްޞަކޮށް އެފަދަ މީހުންނަށް ފިޤްހީ މައްސަލަތަކާއި ގުޅިގެން ކަންކަން ނިންމުމުގައި ބުއްދީގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން ނޭނގުމުގެ ސަބަބުން އުފެދުނު މައްސަލަތައް ވެސް ވަކި މަދެއްނޫނެވެ. މިގޮތުން މި ލިޔުމުގައި އެންމެ ބޮޑަށް ހާމަވެގެންދަނީ ދިވެހިންގެ ތެރޭގައި ހުރި ދީނީ ތަފާތު ފިކުރުތަކުގެ ސަބަބުން މި ދިވެހި މުޖުތަމަޢުގައި ހިނގައިފައިވާ އެކިވަރުގެ ހަމަނުޖެހުންތަކެވެ. އެހެންކަމުން މި ލިޔުމަކީ އާ މަޢުލޫމާތުތަކެއްގެ މައްޗަށް ހުށަހަޅައިދީފައިވާ ރަނގަޅު ލިޔުމެއްކަމަށް ޤަބޫލުކުރެވެއެވެ.   ޚުލާޞާދިވެހިން އިސްލާމްދީން ޤަބޫލު ކުރެއްވުމަށްފަހު  އެކި ދުވަސްވަރު ދިވެހިންގެ މެދުގައިހުރި ދީނީ ތަފާތު ފިކުރުތަކާއި އެކަމުގެ ސަބަބުން ދިވެހިންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއި ގުޅިގެން މިކުޑަ ދިވެހިރާއްޖޭގައި ވެސް ވަނީ އެކިވަރުވަރުގެ ހަމަނުޖެހުންތައް ހިނގައިފައެވެ.   އިބްނު ބަޠޫތާ ރާއްޖޭގައި ފަނޑިޔާރުކަން ކުރައްވާފައިވަނީ ރާއްޖެ އިސްލާމްވީތާ 200 ވަރަކަށް އަހަރު ފަހުންނެވެ. އޭރުވެސް ދިވެހި އަންހެނުންނަކީ އެމީހުންގެ އައުރަ ނިވާނުކޮށް އުޅޭ ބަޔެކެވެ. އިބްނުބަޠޫތާ އާއި ޙަވާލާ ދެއްވައި މުޙައްމަދު އަމީން (1949) ލިޔުއްވާ ގޮތުގައި ތަފާތު މައްސަލަތަކާއި ގުޅިގެން ދިވެހި އަންހެނުންނަށް ފަނޑިޔާރުގެއަށް އަންނަން އެންގުމުން އެމީހުންގެ އައުރަ ނިވާކޮށްގެން އަންނަން ޖެހޭތީ ފަނޑިޔާރުގެއަކަށް ޙާޒިރެއް ނުވެއެވެ. މިހެންކަމުން، އައުރަ ނިވާކުރުމަކީ ކޮންމެ މުސްލިމަކުމެ ކުރަންޖެހޭ ކަމަކަށް ވީހިނދު، އެ ކަން ނުކުރުމަކީ ދީނީ ގޮތުން އެކަމުގައި ވިސްނުން ތަފާތުވުމާ ގުޅިގެން ހިގައިފައިވާ ހަމަނުޖެހުމެއް ކަމުގައި ދެކެއެވެ.  މީގެ އިތުރުން  ޒިޔާރަތްތަކަށް ނަދުރުބުނުމާއި ޒިޔާރަތްތަކާއި މިސްކިތްތަކުގައި ދުން ބަހައްޓައިގެން ހުކުރު ހޯމަވިލޭރޭ ޞަލަވާތް ފާތިހާ ކިޔެވުންފަދަ ކަންކަމަކީ ވަރަށް ފަހަކާއި ޖެހެންދެން ވެސް ވަރަށް އިސްކަމެއް ދީގެން ދިވެހިންގެ ތެރޭގައި ހިނގަމުން އައިސްފައިވާ ކަންތައްތަކެވެ. އަދި އަންހެނުން ފިރިހެން ހެދުން އަޅައިގެން، ފިރިހެނުން އަންހެން ހެދުން ދެ ޖިންސް އެއްކޮށް ނަށައި އުޅުމާއި، މައިން ބަފައިންނާއި ދަރިންގެ މެދުގައި ދީނީ ޚިޔާލު ތަފާތުވުންތައް ހިނގުމާއި، ރަމަޟާން މަހަށް ނުވަތަ ޝައްވާލު މަހަށް ހަނދުބެލުމާއި، މާލޭގައި ހުކުރު ނުކުރާ މިސްކިތްތަކުގައި ވަކި ޖަމާއަތެއް ހަދައިގެން ހުކުރު ނަމާދު ކުރުމާއި، ނަމާދު ކުރާއިރު ކޮންމެހެންވެސް ބޮލުގައި އެއްޗެއް އަޅަން ޖެހޭނެ ކަމަށާއި ބޮލުގައި އެއްޗެއް ނާޅައިފިނަމަ ނަމާދު މަކްރޫޙް ވާނޭ ކަމަށް ޤަބޫލުކުރެވި، ދިވެހިން ދިޔައީ އެއްދުވަސް ވަރެއްގައި އެ ގޮތަށް ޢަމަލު ކުރަމުންނެވެ. މި ކަންކަމަކީ ވެސް ދީނީގޮތުން ޚިޔާލު ތަފާތުވުމެއްގެ ތެރެއިން ދިޔަ އިޖުތިމާޢީ ބޮޑު މައްސަލައެއް ކަމަށް ދެކެއެވެ.  ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ އަކީ ޣައިރު މުސްލިމުންގެ ފަރާތުން ލިބޭ އާމްދަނީއަށް ވާތީ އެފައިސާ މުސްލިމުން ބޭނުންކުރުމަކީ ދީނުގައި ހުއްދަ ކަމެއް ނޫންކަމަށް 1990ގެ އަހަރުތަކުގެ ކުރީކޮޅު ދިވެހިންގެ ތެރޭގައި އަޑު ފެތުރެމުން އައިސްފައި ވެއެވެ. އެފައިސާއިން މިސްކިތްތަކުގެ މުދިމުންނަށް މުސާރަ ދޭއިރު އެފަދަ މީހުންގެ ފަހަތުގައި ނަމާދު ޞައްޙަ ނުވާނެކަމަށް ދިވެހިންގެ މެދުގައި ފަތުވާ ދެމުން ދިޔަ ކަމަށް ވެއެވެ. އެކަމުގެ ސަބަބުން އެރަށު ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި ދެކޮޅުވެރިކަން އިތުރުވެގެން ދިޔަކަމަށެވެ. 2004 ވަނަ އަހަރު ހިމަންދޫގައި ދީނީގޮތުން އުފެދެން ފެށި ދެބަސްވުންތަކާއި ގުޅިގެން ރައްޔިތުންގެ ތެރެއިން ބަޔަކު ފަޅު ގޯއްޗެއްގައި މިސްކިތެއް އަޅައިގެން ނަމާދު ކުރަން ފެށިއެވެ. އެ ދުވަސްވަރު ވަކި ޖަމާޢަތުގައި ނަމާދުކުރަމުންދާ މިމީހުންގެ ތެރޭގައި 14 އަހަރުގެ އަންހެން ކުއްޖެއްގެ ކައިވެނި ޝަރުޢީ އެއްވެސް ފަރާތަކަށް އެގުމަކާއި ނުލައި އެޖަމާޢަތުގެ މީހުންގެ ތެރޭގައި ކޮށްފައިވާ ކަމަށްވެސް އިބްރާހީމް ޢަބްދުއްރަޙުމާނު (2013) ހާމަކުރެެއްވިއެވެ. މިކަމަކީވެސް ރަށުގެ ބައެއް ޢާއިލާތަކުގެ މެދުގައި ބޮޑެތި ދެބަސްވުންތައް އުފެދި ހަމަނުޖެހުން އިތުރުވެގެން ދިޔަ ކަމެކެވެ. އިބްރާހީމް ޝަހީމަކީ 2004  ވަނަ އަހަރުން ހިމަންދޫ ރައްޔިތުންގެ މެދުގައި އުފެދެމުން ދިޔަ ދީނީ ޚިޔާލު ތަފާތު ވުން ތަކާއި ގުޅިގެން އުފެދޭ މައްސަލަތައް ހައްލުކުރުމަށް ރަށު އޮފީހަށް އައުމަށް ޢާއްމުންގެ އެކިއެކި މީސް މީހުންނަށް އެފަދަ އެންގުން އެންގުމަށް ގޮސް އުޅޭ މީހެކެވެ. ނަމަވެސް  މިއުފެދުނު ހިޔާލު ތަފާތުވުންތަކާއި ގުޅިގެން 2006 ޑިސެމްބަރ 14 ވަނަ ދުވަހު އިބްރާހީމް ޝަހީމް ފެނުނީ އެރަށުގެ ހުޅަނގު ފަރާތު އަތިރިމަތީ އާނު ގަނޑެއްގެ މަތީގައި މަރުވެފައި އޮއްވައެވެ. މިކަމަކީވެސް ރަށުގައި ހިނގަމުންދާ ދީނީ ޚިޔާލު ތަފާތުވުމާއި ގުޅިގެން ހިނގަމުންދިޔަ ހަމަނުޖެހުންތަކާއި ގުޅުން ހުރިކަމެއްކަމަށް ޤަބޫލު ކުރައްވާ ކަމަށްވެސް އިބްރާހީމް ޢަބްދުއްރަޙުމާނު ވިދާޅުވެފައި ވެއެވެ. 2007 ސެޕްޓެމްބަރ 29 ވަނަ ދުވަހު ސަލްޓަންޕާކުގައި ހިނގައި ދިޔަ ބޮން ގޮއްވުމުގެ ނުރައްކާތެރި، ބިރުވެރި ޙާދިސާ އަކީވެސް ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ ބަޔާކާއި ގުޅުން ހުރި ކަމެއް ކަމަށް ދިވެހިންގެ ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. މިކަމާއި ގުޅިގެން ތުހުމަތު ކުރެވޭ މީހުން ހޯދުމަށާއި އއ.ހިމަންދޫގައި ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނުގައި އެރަށުގައި ވަކި ޖަމާއަތެއް ހަދައިގެން އުޅޭ ގްރޫޕަކުން ހިންގި މި އަނިޔާވެރި ޢަމަލު ތަކަކީ ދީނީ ހަރުކަށި ޚިޔާލު ތަކުގެ ސަބަބުން އުފެދިގެން ހިނގާފައިވާ ޢަމަލުތަކެކޭ ނުދެންނެވޭނެ ބާވައެވެ. މި ދިވެހި މުޖުތަމަޢުގައި އިންސާނިއްޔަތާއި ޚިލާފު އަނިޔާވެރި  އަމަލު ހިންގަނީ އިސްލާމް ދީނުގައި ކަން ކަން އޮންނަ އެންމެ ރަގަޅު ގޮތް ގިނަ ޢިލްމު ވެރިންނަށް އޮޅުން ފިލާފައި ނެތުމުގެ ސަބަބުން ކަމަށް ދެކެއެވެ. ހަމަ އެފަދައިން ދީނީ ޢިލްމު ނޭގި ތިބެ ޢިލްމު ވެރިންގެ ނަމުގައި، ދީނީ ފަތުވާ ދެވިފައި ހުރުމުން ކަމަށްވެސް ދެކެއެވެ. އެފަދަ މީހުންނަށް ފިޤްހީ މައްސަލަ ތަކާއި ގުޅިގެން ކަންކަން ނިންމުމުގައި ބުއްދީގެ ބޭނުން އެންމެ ރަގަޅު ގޮތުގައި ހިފަން ނޭގުމުގެ ސަބަބުން އުފެދުނު މައްސަލަތައް ވެސް ވަކި މަދެއްނޫނެވެ. ވުމާއެކު ދިވެހިންގެ ތެރޭގައި ހުރި ދީނީ ތަފާތު ފިކުރުތަކުގެ ސަބަބުން މި ދިވެހި މުޖުތަމަޢުގައި އެކި ވަރުވަރުގެ ހަމަނުޖެހުންތައް ހިގާފައިވާ ކަމީ ދެބަސް ވެވެން ނެތް ޙަޤީޤަތެކެވެ.
ފާޑުކިޔުންހ.ކޮށްފައިވާ މަސައްކަތް.މި މަޒުމޫނު ކިޔާލުމުން، ލިޔުންތެރިޔާގެ މަޤުޞަދު ހާސިލްވެފައިވާކަމަށް ޤަބޫލުކުރެވެއެވެ. ލިޔުންތެރިޔާގެ މަޤްޞަދަކީ އެކި ދުވަސްވަރު ދިވެހިންގެ މެދުގައިހުރި ދީނީ ތަފާތު ފިކުރުތަކާއި އެކަމުގެ ސަބަބުން ދިވެހިންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއި އަދި އެކަންކަމާއި ގުޅިގެން ހިގައިފައިވާ އެކިވަރުގެ ހަމަނުޖެހުންތައް ހެއްކާއި އެކު ހުށަހަޅައި ދިނުމެވެ. ލިޔުން ރަނގަޅަށް ކިޔައިލުމުން ސާބިތު ކުރެވޭވަރުގެ ހެކި ފެންނަން އެބަ ހުއްޓެވެ. ނަމަވެސް ސީދާ މި މައުޟޫއަށް ލިޔެފައި ވަނިކޮށް ފެނުނީ އެންމެ މަޒުމޫނުކެވެ. އެއީ ހަމަ މިލިޔުންތެރިޔާ އަބޫބަކުރު ދާވޫދު (2013) ފަންވަތަށް  ލިޔުއްވާފައިވާ ”ދީނީ ޚިލާފުތަކުގެ ތާރީޚުގައި ދިވެހިރާއްޖެ” މަޒުމޫނެވެ. މި މަޒުމޫނުގައި ކުރެވުނު ދިރާސާތަކުން ފާހަގަ ކުރެވުނު މުހިންމު ނުކުތާތަކުގެ މައްޗަށް ބަލާލާފައިވެއެވެ. މީގެއިތުރުން މި މަޒުމޫނުގައި ހުރި މުހިންމު ނުކުތާތަކުގެ ތެރެއިން އއ.ހިމަންދޫގައި ހިނގާ ދިޔަ ހަމަ ނުޖެހުންތަކާއި، 2007 ސެޕްޓެމްބަރ 29 ވަނަ ދުވަހު ސަލްޓަންޕާރކް ގައި ގޮއްވާލި ބޮމުގެ ހާދިސާ އާއި ގުޅުންހުރި ގިނަ މަޢުލޫމާތުތަކެއް ދިވެހިން ޢާއްމުކޮށް ބޭނުންކުރާ ހަވީރު ވެބްސައިޓްގައި ވަކި ވަކި ޚަބަރުތަކެއްގެ ގޮތުގައި ގެނެސްދީފައި އެބަ ހުއްޓެވެ. އަދި ލިޔުންތެރިންގެ ގުޅުން ، ފަތްވަތް ، ސަން، ހަވީރު ފަދަ ވެބް ސައިޓް ތަކުގައި އެކިއެކި ބޭބޭ ފުޅުން ލިޔުއްވާފައިވާ އެކިއެކި މަޒުމޫނު ތަކުގައި ދީނީ ޚިލާފުތަކުގެ ވާހަކަތައް ގެނެސްދީފައި ހުރިކަން ފާހަގަ ކުރެވެއެވެ. މި މަޒުމޫނަށް ފުންކޮށް ވިސްނާލާއިރު، ދީނީ ޢިލްމުވެރިން މިކަމާއި މެދު ދެކޭގޮތް ނުވަތަ ރާއްޖޭގެ މަޝްހޫރު ބައެއް ދީނީ ޢިލްމުވެރިންގެ ރައުޔުއެއް ކޮންމެވެސް މިންވަރަކަށް ބަޔާންކޮށްލެވުނު ނަމަ ރަނގަޅުވީސްކަމަށް ޤަބޫލުކުރެވެއެވެ. މައްސަލައަކަށް ވާނީ އޭރުންނެވެ. އަދި އަޅަންވީ ފިޔަވަޅަކާމެދު ކޮންމެވެސް ހިސާބަކުން ބަލައިލެވުނު ނަމަ މިއަށްވުރެ ފުރިހަމަވީސްކަމަށް ޤަބޫލުކުރެވެއެވެ.  ށ. މެތަޑްމި މަޒުމޫނުގައި ބޭނުންކޮށްފައިވާ މެތަޑްއަށް ބަލާއިރު ބޭނުންކޮށްފައިވަނީ ކޮލިޓޭޓިވް މެތަޑެވެ. ނަގާފައިވާ މައުޟޫއަށް ހެކި ދެއްކުމަށްޓަކައި އެކަށީގެންވާ މިންވަރަކަށް ހެކި ދެއްކިފައި ހުރިކަން ފާހަގަ ކުރެވުނު ނަމަވެސް ގިނައިން ބޭނުންކޮށްފައިވަނީ އެއްބަޔަކު ބުނެފައި ހުރި ބުނުންތަކެއްކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މިފަދަ މަޢުޟޫއަކަށް ލިޔާ މަޒުމޫނެއްގައި ދީނީ ޢިލްމެވުރިންގެ ރަޢުޔު އެއް ހިމަނާލެއްވިނަމަ އިތުރަށް ފުރިހަމަވެގެން ދިޔައީސްކަން ޤަބޫލުކުރެވެއެވެ. އެހެންނަމަވެސް މުޅި ލިޔުމަށް ބަލާއިރު 10 ފަރާތަކަށް ހަވާލާ ދެއްވާފައިވާކަން ފާހަގަ ކުރެވެއެވެ. އެ 10 ފަރާތަކީވެސް ޤަބޫލުކުރެވޭ ފަދަ ހައިސިއްޔަތެއް ލިބިފައިވާ 10 ފަރާތްކަމަށް ޤަބޫލުކުރެވެއެވެ. އަދި ދިވެހި ތާރީޚްގައި ހިނގާފައިވާ ތަފާތު 15 ހާދިސާ ބަޔާންކޮށް ދީފައިވެއެވެ. މި 15 ހާދިސާގެ ތެރެއިން 6 ހާދިސާ އަކީ އއ. ހިމަންދޫ އާއި ގުޅިފައިވާ ހާދިސާތަކެވެ. ނަމަވެސް މިމަޒުމޫނުގައި ތަފާތު ވައްތަރުގެ ސޯސް ބޭނުންކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. މިގޮތުން ތާރީޚީ ލިޔުންތެރިންނާއި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ހަވީރު ފަދަ ވެބްސައިޓްތަކުން މަޢުލޫމާތު ހޯދާފައި ހުރިކަން ފާހަގަ ކުރެވެއެވެ.  ނަމަވެސް ކަމެއް ހިނގާފައި އޮތް ހާލަތު ނުވަތަ ޚިލާފުވުންތައް އަންދާޒާ ކުރާއިރު ދިވެހި ތާރީޚުގައި މިފަދަ ހާދިސާތައް ހިނގާފައިވާ ގޮތުގެ ޗާޓެއް ނުވަތަ ގްރާފެއް ހުށަހެޅުއްވިނަމަ އިތުރަށް ފުރިހަމަވީސްކަން ޤަބޫލުކުރެވެއެވެ.   ނ. ބަޔާންކޮށްދިނުމާއި ހެކި ހުށަހެޅުންމަޒުމޫނަށް ބަލާއިރު މައްސަލައަަކީ އެކި ދުވަސްވަރު ދިވެހިންގެ މެދުގައި އުފެދިފައިވާ ދީނީ ޚިޔާލު ތަފާތުވުންތަކާއި އެކަންކަމާއި ގުޅިގެން ހިގައިފައިވާ އެކިވަރުގެ ހަމަ ނުޖެހުންތައް ބަޔާންކޮށް ދިނުމެވެ. އެކަން މެދުވެރިވާ ސަބަބުތައް ހާމަކޮށްދެއްވުމަށް ކުރައްވާފައިވާ ތާރީޚީ ދިރާސާތައް ފުރިހަމަކަން ފާހަގަ ކުރެވެއެވެ. އަދި ނިންމުން ސާބިތުކޮށްދިނުމަށް އެއް ގޮތެއްގައި ހުންނެވިކަން ފާހަގަ ކުރެވެއެވެ. މީގެއިތުރުން މި މަޒުމޫނުން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއްކަމަކީ ރާއްޖޭގައި މީހުން އުޅޭ 200 އެއްހާ ރަށް އޮންނަ އިރު މި މަޒުމޫނުގެ ފަހު 6 ޕްރެގްރާގައި މުޅިންވެސް ބަޔާންކޮށްފައި ހުރީ އއ.ހިމަންދޫގައި ހިނގާފައިވާ ހާދިސާތަކާއި ބެހޭ މަޢުލޫމާތު ތަކެވެ. ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގައި ހިނގާފައިވާ ދީނީ ޚިލާފުވުންތަކާއި ބެހޭ މަޢުލޫމާތުތަކާއި ހެކި ހުށަހެޅުން މަދު ކަން ފާހަގަ ކުރެވެއެވެ. މާކް ކޮނޭލިން (2009) ވިދާޅުވާގޮތުގައި ރަނގަޅު ޕެރެގްރާފެއްނަމަ މައިގަނޑު ޖުމުލައާއި ބާރުދޭ ޖުމުލައާއި ވަށާޖައްސާ ޖުމުލަ ބޭނުންކުރާނެކަމަށެވެ.  ނަމަވެސް މިމަޒުމޫނުގެ ޕެރެގްރާފްތަކުގެ ވަށާ ޖައްސާ ޖުމުލަތަކުގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައި ހުރީ އެއްވައްތަރެއްގެ ޖުމުލަތަކެއްކަން ފާހަގަކުރެވެއެވެ. ނަމަވެސް ކޮންމެ ޕެރެގްރާފެއްގައި ވަށާޖައްސާ ޖުމުލައެއް ބޭނުންކޮށްގެން ނިންމާފައިވާކަން ފާހަގަ ކުރެވެއެވެ.  މީގެއިތުރުން މިމަޒުމޫނުގައި ދައްކާފައިވާ ހެކިތަކާއި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ބައެއް ވާހަކަތަކުގެ ތަފްޞީލް މާބޮޑަށް ގެނެސްފައިވާއިރު މާބޮޑު ތަފްޞީލެއް ނެތި ބައެއް ހެކިތައް ހުށަހަޅައިދީފައިވާކަން ފާހަގަ ކުރެވެއެވެ. ވަކިން ހާއްޞަކޮށް ހިމަންދޫގެ ވާހަކަތައް މާގިނައިން ދެއްކެފައި ހުރުމުން ކިޔާ މީހާގެ ހިތުގައި ވަކި ރަށަކާއި ދޭތެރޭ ދެކޭގޮތް ބަދަލުވެދާނެކަމަށް ޤަބޫލުކުރެވެއެވެ. މިގޮތުން މި މަޒުމޫނުގެ އެންމެ ފަހަތުން ދެވަނަ ޕެރެގްރާފްގައި 2007 ސެޕްޓެމްބަރ 29 ވަނަ ދުވަހު ސަލްޓަންޕާކުގައި ހިނގައި ދިޔަ ބޮން ގޮއްވުމުގެ ނުރައްކާތެރި، ޙާދިސާގައި ޝައްކުކުރެވޭ ބަޔަކު އއ.ހިމަންދޫގައި ތިބިކަމަށް ބުނެފައިވީނަމަވެސް ސަލްޓަންޕާރކްގައި ގޮއްވާލި ބޮމާއި ހިމަންދޫ އާއި ހުރި ގުޅުމެއް މާބޮޑަށް ބަޔާން ކޮށްދެވިފައެއް ނެތެވެ. އަބްދުﷲ ސަޢީދު (2008) ހާމަކޮށްފައިވާގޮތުގައި 2007  ސެޕްޓެމްބަރ 29  ގައި ސަލްޓަންޕާރކްގައި އައި.އީ.ޑީ އެއް ގޮއްވާލި ހާދިސާއަށްފަހު އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ އަލްގައިދާގެ ވީޑިއޯ ތައް ދުނިޔެއަށް އާންމުކުރަމުންދާ ވެބްސައިޓެއްގައި އއ. ހިމަންދޫގައި ހައްދުފަހަނައަޅާފައިވާ ގޮތްތައް ގެންއުޅޭ މީހުންނަށް އެހީވުމަށް ގޮވާލާފައިވާ ވީޑިއޯއެއް އާންމު ކުރުމުން ކަމަށެވެ. ޢަބްދުﷲ ސައީދު މިހެން ވިދާޅުވުމުން އއ.ހިމަންދޫ އާއި ސަލްޓަންޕާކް ގައި ގޮއްވާލި ބޮމާއި ގުޅުމެއް ވާކަން އެބަ އެނގެއެވެ. ނަމަވެސް ލިޔުންތެރިޔާ މިމަޒުމޫނުގައި މިކަން ހާމަކޮށްދެއްވައިފައި އޮތް ނަމަ މިލިޔުން ވަރަށް ފުރިހަމަވީސް ކަމަށް ޤަބޫލު ކުރެވެއެވެ.   މިމަޒުމޫނުގައި ޢަބްދުއްޝުކޫރު ޢަބްދުﷲ (2013) އަށް ހަވާލާދެއްވައި އަލްޙާފިޒު އާދަމް ސަޢީދު އިމާމުވެ ހުކުރު ކުރެއްވި ދުވަހެއްގެ ޚުތުބާ ވިދާޅުވިއިރު ”މިޔުޒިކު ކުޅުމަކީ ޙަރާމް ކަމެކޭ” މިއިބާރާތުން ޙުތުބާ ވިދާޅުވިއިރު މިޔުޒިކު ޙަރާމް ވާ ސަބަބުތައް ދަލީލާއެކު ގެނެސްދެވިފައި ނެތުމުން ދީނީ ޚިޔާލު ތަފާތުވުންތައް އުފެދިދާނެއެވެ. އޭގެ ބަދަލުގައި ކީރިތި ޤުރުއާނުގެ އެތައް އާޔަތަކުން ލަވަޔާ މިއުޒިކް ޙަރާމް ކަމަށް ޢިލްމުވެރިން ދަލީލު ދައްކާފައިވާކަން ދަލީލާއެކު ހުށަހެޅިނަމަ މިއަށްވުރެ ފުރިހަމަވީސްކަމަށް ޤަބޫލުކުރެވެއެވެ. ހަމައެހެންމެ މިލިޔުމުގައި ދިވެހިންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ވާހަކަ ދައްކާއިރު، ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2012) ވިދާޅުވެފައިވަނީ ޚިޔާލުތަފާތުވުމަކީ މައްސަލައެއް ނޫންކަމަށެވެ. އެއީ މީސްތަކުންނަށް ލައްވައިފައިވާ ރަޙުމަތެއްކަމަށެވެ. މައްސަލައަކީ މި ޚިޔާލުތަފާތުވުންތަކާއެކު ދިރިއުޅެން ނޭގުންކަމަށާއި، އަދި އިޚްތިލާފުތައް ހުރުމަކީ މީސްތަކުންނަށް ލައްވައިފައިވާ ރަޙުމަތެއް ކަމުގައި ޤަބޫލުކޮށް، މުޖުތަމަޢުގައި ހުރި ތަފާތު ޚިޔާލުތަކާއެކު ދިރިއުޅެން ދަސްކުރަން ޖެހޭކަމަށްވެސް ވިދާޅުވެފައިވެއެވެ.  ރ.ލިޔުމުގެ އޮނިގަނޑުޖުމުލަކޮށް މަޒުމޫނަށް ބަލާއިރު، މަޒުމޫނު ރާވާލާފައިވާ ގޮތް ރަނގަޅުކަމަށް ޤަބޫލުކުރެވެއެވެ. އަދި އެކަށީގެންވާ ރަނގަޅު ފެށުމެއް ބޭނުންކޮށްފައިވާކަންވެސް ފާހަގަކުރެވެއެވެ. މިގޮތުން ރަނގަޅު ފެށުމެއްނަމަ ތީސީސް ސްޓޭޓްމަންޓް އޮންނަންޖެހެއެވެ. އެފަދަ ތީސީސް ސްޓޭޓްމަންޓެއް ބޭނުންކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. މައިގަނޑު ޕެރެގްރާފްތަކަށް ބަލާލާއިރު، ކޮންމެ ޕެރެގްރާފެއްގައި ވަކި ވާހަކަތަކެއް ހިމެނުއްވާފައިވާކަން ފާހަގަ ކުރެވެއެވެ. ނިންމުން ޚުލާޞާ ގެންނަވާފައިވާއިރު، މުހިންމު ހުރިހާ ވާހަކަތަކެއް ވަށާޖައްސަވާފައިވާކަން ފާހަގަ ކުރެވެއެވެ. މުޒުމޫނުގެ ރިފަރެންސް ލިސްޓަށް ބަލާއިރު ލިސްޓްގައި ނަންތައް ތަރުތީބުން ލިޔުއްވާފައި ހުރިކަން ފާހަގަކުރެވެއެވެ. ނަމަވެސް ރިފަރެންސް ލިޔާއިރު ދަށު ރޮގު ދަމަން ޖެހޭ ތަންތާނގައި ދަށު ރޮގު ދަމާފައި ނެތުމާއި، ފުލުސް ޓޮޕް އަދި ކޮމާ ޖަހަން ޖެހޭ ތަންތާނގައި ކޮމާ ނުޖަހާއި ހުރުމުން ރިފަރެންސް އެންމެ ފުރިހަމަކޮށް ގެނެސްދެވިފައި ނުވާކަން ފާހަގަ ކުރެވެއެވެ. ނިންމުންމި މަޒުމޫނަކީ ގިނަ ހޯދުންތަކެއް ހޯދައި ދިރާސާކޮށްގެން ލިޔެފައިވާ މަޒުމޫނެއްކަން ފާހަގަ ކުރެވެއެވެ. މަޒުމޫނުގެ ފެށުމާއި ނިންމުމާއި މައިގަނޑު ރާވާލާފައިވާގޮތް ރަނގަޅު ނަމަވެސް އިތުރަށް ރަނގަޅުކޮށްލެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. އެއްކަމަކީ ކޮންމެ ޖުމުލައެއްގެވެސް މައިގަނޑު ޖުމުލަ ބޭނުން ކުރުމެވެ. ދެ ވަނަ ކަމަކީ ޕެރްގްރާފްތަކުގެ ވަށާ ޖައްސާ ޖުމުލައިގައި ބޭނުންކޮށްފައިވާ އިބާރާތްތައް ތަކުރާރު ނުކޮށް ބަދަލުކޮށްލައިގެން ގެނެސްދިނުމެވެ. ތިން ވަނަ ކަމަކީ އެއް ރަށެއްގައި ހިނގާފައިވާ ހާދިސާތައް މާގިނައިން ބޭނުންކޮށްފައި ހުރުމެވެ. އަދި ހެއްކާއި ދަލީލު ހުށަހަޅައި ދިނުމުގައި ގިނައިން އޮންލައިން ނޫސްތަކުން ނަގާފައި ވުމެވެ. އޭގެ ބަދަލުގައި ދީނީ ޢިލްމުވެރިންގެ ރަޢުޔު ތައް އިތުރުކޮށް ހެކި ހުށަހަޅި ނަމަ މިއަށްވުރެ ރަނގަޅުވީސްކަމަށް ޤަބޫލުކުރެވެއެވެ. ހަމައެއާއެކު އެކަޑަމިކް ލިޔުންތަކުގައި ބޭނުންކުރެވޭ ރިފަރެންސް ލިސްޓް ޤަވާއިދާ އެއްގޮތަށް އޮންނަ އުސޫލުން ލިޔުއްވުން މުހިންމެވެ. މިކަންކަމަށް ރިޔާއަތްކުރާއިރު، މިލިޔުމަކީ އެންމެ ފުރިހަމަ ލިޔުމެއްކަމަށް ޤަބޫލު ނުކުރެވުނަސް މިއީ ރަނގަޅު މަޢުލޫމަތުތަކެއް ، ދިރާސާތަކެއްގެ އެހީގައި ހުށަހަޅައިދީފައިވާ މަޒުމޫނެއް ކަމަށް ޤަބޫލު ކުރެވެއެވެ. އެހެންކަމުން މިއީ ރަނގަޅު ފެންވަރުގެ މަޒުމޫނެއްކަމަށް ޤަބޫލުކުރެވެއެވެ. ނަމަވެސް މި މަޒުމޫނު އިތުރަށް ރަނގަޅުކުރުމަށްޓަކައި އިސްވެދެންނެވި ކަންކަން ފުރިހަމަކޮށްލުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ދެކެމެވެ. ———————————- ޙަވާލާ ލިސްޓް
އަބްދުﷲ ސަޢީދު. (2008). ޣާފިލު ނުވެ، ލޯހުޅުވައިގެންތިބެ ޤައުމު ދިފާޢުކުރުން . ނެގީ: 4 ސެޕްޓެމްބަރ 2015 ގައި، http://allosaeed.blogspot.com/2008/05/blog-post_4491.html ން.ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު. (2012). އިޚުތިލާފުތަކަކީ ރަޙުމަތެއް ކަމުގައި ދުށުން. ނެގީ: 3 ސެޕްޓެމްބަރ 2015 ގައި، http://www.liyuntherin.org/index.php?option=com_content&task=view&id=286&Itemid=25 ން.މާކް ކޮނޭލިން. (2009). ގެޓް ރައިޓިންގ ޕެރެގްރާފް އެންޑް އެސޭ. އެމެރިކާ: ނެލްސަން އެޑިއުކޭޝަން ލިމިޓެޑް.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. އަލީ

    ވަރަށް ފުރިހަމަ ލިޔުމެއް.

    (2)(0)