ނބުތަކުގެ ދެމެދު ނަމާދު ނުކުރުމާއި ތަނބާ ދިމާއަށް ހުރެ ނަމާދު ކުރުން: ޢުމަރުގެފާނުންގެ މިބަސްފުޅުންނާއި ޢަމަލުފުޅުން ދޭހަވާ އެއްކަމަކީ ތަނބު ދޭތެރޭ ނަމާދު ނުކުރުމަށް އެބޭކަލުން ސަމާލުކަން ދެއްވާ މިންވަރެވެ. އެއީ ޢާއްމު ގޮތެއްގައި އެފަދަ ޙާލަތުގައި އޭނާގެ ކުރިމަތީ ސުތުރާއެއް ނުހުންނާތީއެވެ. އަދި ސުތުރާއެއްނެތި ނަމާދު ނުކުރުމަށް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވަރަށް ބޮޑަށް ބާރު އަޅުއްވާފައި ވާތީއެވެ. އެހެންކަމުން މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނުންގެ ކިބައި އައިސްފައިވަނީ އެބޭކަލުން ބަންގި…

ނބުތަކުގެ ދެމެދު ނަމާދު ނުކުރުމާއި ތަނބާ ދިމާއަށް ހުރެ ނަމާދު ކުރުން:

ޢުމަރުގެފާނުންގެ މިބަސްފުޅުންނާއި ޢަމަލުފުޅުން ދޭހަވާ އެއްކަމަކީ ތަނބު ދޭތެރޭ ނަމާދު ނުކުރުމަށް އެބޭކަލުން ސަމާލުކަން ދެއްވާ މިންވަރެވެ. އެއީ ޢާއްމު ގޮތެއްގައި އެފަދަ ޙާލަތުގައި އޭނާގެ ކުރިމަތީ ސުތުރާއެއް ނުހުންނާތީއެވެ. އަދި ސުތުރާއެއްނެތި ނަމާދު ނުކުރުމަށް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވަރަށް ބޮޑަށް ބާރު އަޅުއްވާފައި ވާތީއެވެ. އެހެންކަމުން މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނުންގެ ކިބައި އައިސްފައިވަނީ އެބޭކަލުން ބަންގި ގޮވުމުން ތަނބުތަކާ ދިމާއަށް ވަޑައިގަތުމަށް އަވަސްވެ ވަޑައިގަންނަވާ ކަމަށެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. لَقَدْ رَأَيْتُ كِبَارَ أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَبْتَدِرُونَ السَّوَارِيَ عِنْدَ الْمَغْرِبِ([1])  މާނައީ: މަޣުރިބު ނަމާދަށް ބަންގި ގޮވުމުން، رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަޞްޙާބުންގެ ތެރެއިން ބޮޑެތި އަޞްޙާބު ބޭކަލުން ސުއްނަތް ނަމާދު ކުރެއްވުމަށްޓަކައި ތަނބުތަކާ ދިމާއަށް އަވަސްވެ ވަޑައިގަންނަވާތަން ތިމަން ކަލޭގެފާނު ދެކެވަޑައިގަތީމެވެ.


ދެތަނބު ދޭތެރޭ ނަމާދު ކުރުން:

ދެތަނބު ދޭތެރޭ ނަމާދު ކުރުމަށް ބަލާއިރު އަޞްޙާބު ބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން އެއްވެސް ޙާލެއްގައި ސުތުރާއެއް ނެތި ނަމާދު ކުރެއްވުމަށް ރުހިވަޑައި ނުގަންނަވާތީ ތަނބަކާ ދިމާއަށް ނޫނީ ނަމާދު ނުކުރަށްވަތެވެ. މިގޮތުން ދެތަނބު ދޭތެރޭގައި ނަމާދު ކުރެއްވުމުން އެބޭކަލުން ދުރުހެލިވެ ވަޑައިގަންނަވަތެވެ. އަދި ބައެއް ބޭކަލުން، ސަފެއްގެ މެދަށް ތަނބެއް އަންނަ ގޮތަށް ސަފު ހެދުމަށްވެސް ރުހިވަޑައި ނުގަންނަވަތެވެ. އެކަމަކު މީގެ މާނައަކީ އެބޭކަލުން އެކަން ހުއްދަ ނުވާކަމަށް ދެކެވަޑައިގަންނަވާ ވާހަކައެއް ނޫނެވެ. މަތީގައި ބަޔާންވެދިޔަ ޢުމަރުގެފާނުންގެ ބަސްފުޅުންނާއި ޢަމަލުފުޅުން އެކަން ސާފުވެއެވެ. އަދި ސަފުގެ މެދަށް ތަނބެއް އަންނަ ގޮތަށް ސަފު ނަހައްދަވާކަމަށް އަނަސްގެފާނުގެ ކިބައިން އަންނަ ރިވާޔަތުންވެސް އެކަން ސާބިތުވެއެވެ. އެއީ އެކަލޭގެފާނު އެހެން ވިދާޅުވި ކަމުގައި ވިއަސް ނަމާދު ކުރެއްވީ އެގޮތަށް ތަނބު މެދަށްވާ ގޮތަށް އޮތް ސަފެއްގައެވެ.


ދެތަނބު ދޭތެރޭ ނަމާދު ކުރުމާމެދު ދަންނަބޭކަލުންގެ ރައުޔު:

ދީނުގެ ދަންނަބޭކަލުން މިމައްސަލައާ މެދު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ ބަލާއިރު އެބޭކަލުންގެ އަރިހުން ހަތަރު ރައުޔެއް ފެންނާން އެބައޮތެވެ. މިކަމާމެދު ދަންނަބޭކަލުންގެ މެދުގައި އިޚްތިލާފު ވުމުގެ ސަބަބަށް ބަލާއިރު، އަސްލު ސަބަބަކަށް ވެފައިވަނީ، ސަފު ހެދުމުގެ ތެރޭގައި ސަފުގެ މެދުގައި ތަނބެއްފަދަ އެއްޗެއް ހުރުމުގެ ސަބަބުން ސަފު މެދު ކެނޑިގެން ދިއުމަކީ އަސްލުގައިވެސް ސަފު މެދުކެނޑިގެންދާ ކަމެއްތޯ ނުވަތަ އެއީ ޙަދީޘުގައި ބަޔާންވެގެންވާ ސަފުމެދުކެނޑުމުގެ ވަޢީދު ބަސްފުޅާ ފުށުއެރުމެއް ނެތް ކަމެއްތޯ މިމައްސަލައާމެދު ދަންނަބޭކަލުން ކުރަށްވަމުން ގެންދަވާ ބަހުސުގެ ނަތީޖާއެވެ. ތިރީގައި މިވަނީ މިމައްސަލައާމެދު ދަންނަބޭކަލުން ދެކެވަޑައިގަންނަވާ ގޮތާއި އެބޭކަލުން ގެންނަވާ ދަލީލުތަކެވެ.

މިހާރަކަށް އައިސް ހެދިފައިވާ މިސްކިތްތަކުގެ ބޮޑުކަމާހުރެ މިސްކިތް ޢިމާރާތް ކުރެވިފައި ހުންނަނީ އެކަށީގެންވާ ގިނަ ޢަދަދަކަށް ތަނބު ބޭނުން ކޮށްގެންނެވެ. މިގޮތަށް ތަނބު ހުރި ކަމުގައި ވިއަސް ސަފު ހެދުމުގައި މިއީ މާބޮޑު މައްސަލައެއްކަމަކަށް މީސްތަކުން ބަލާފައި ނުވެއެވެ. ނަމަވެސް މިހާރަކަށް އައިސް ބައެއް ޢިލްމުވެރިންގެ ފަރާތުން މިމައްސަލާގައި އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތަށް މާބޮޑަށް ބުރަވެ، އެހެނިހެން ގޮތްތައް ބާޠިލުކުރާ ހިސާބަށް ގޮސް، ޢާއްމު މީހުންގެ އަތްމައްޗަށް މައްސަލަ ގޮސް ކޮންމެ މީހަކު، މާބޮޑު ޢިލްމެއްނެތި ތިމާތިމާއަށް ފެންނަގޮތަށް ފަތުވާ ދެމުންދާތަން އެބަ ފެނެއެވެ. އަދި މައްސަލަ ބޮޑުކޮށްގެން ގޮސް މިސްކިތުގެ ތެރޭގައި އަރައިރުންވުމާއި ޒުވާބު ކުރުމާއި ތަޅާފޮޅުމާ ހިސާބަށް ކަންތައް ދާތަން މަދުންނަމަވެސް ފެންނަމުން އެބަދެއެވެ. މީގެ އަޞްލު ސަބަބަކީ މައްސަލައަކާމެދު ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައި  އޮންނައިރު ކޮންމެ ބަޔަކުވެސް ތިމާ ބުރަވާ ގޮތް ނޫން އެހެން ގޮތެއް ޞައްޙަ ނޫންކަމަށް ދުށުމާއި އެހެން މީހުންގެ ޢަމަލު ބާޠިލުކުރުމާއި މައްސަލައާމެދު ދޫ ނުދިނުމާއި ޢާއްމު މަޞްލަޙަތަށް ރިޢާޔަތް ނުކުރުމާއި އިޚްތިލާފުވުމުގެ ސަބަބު ހަނދުމަ ނަތްތާލުމެވެ. އަދި މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ޤުރުއާނާއި ޙަދީޘުގެ ނައްޞުތަކުން ފެންނާން އޮންނަ ބޭރުފުށުގެ ލަފުޒީ މާނައަކީ ހަމައެކަނި ހުއްޖަތް ކަމުގައި ދެކިގެން އެނޫން ގޮތެއް ނެތްކަމަށް ބަލައިގެން، ހަރުކަށިވަމުން ދިއުމެވެ. ތިރީގައި މިވަނީ ބަހުސުކުރަމުން މިދާ މައްސަލައާމެދު ދީނުގެ ދަންނަބޭކަލުންގެ ރައުޔުތަކާއި އެބޭކަލުން ނަންގަވާ ދަލީލުތަކެވެ.

ފުރަތަމަ ރައުޔު:

ފުރަތަމަ ރައުޔަކީ ދެތަނބު ދޭތެރޭ ނަމާދު ކުރުމީ މަކުރޫހަ ކަމެއް ކަމެވެ. އެއީ އެކަހެރިކޮށް ކުރާ ނަމާދުގައްޔާއި ޖަމާޢަތުގައި ކުރާ ނަމާދުގައި އިމާމާއަށާއި މައުމޫމުންނަށެވެ. އަދި ސުއްނަތް ނަމާދު ކުރާ މީހާއަށްވެސް މެއެވެ. މިއީ އިމާމު އަޙްމަދުގެ ތިން ރައުޔުގެ ތެރެއިން އެއް ރައުޔެވެ. އަދި ޙަންބަލީ މަޛްހަބުގެ ބައެއް ބޭކަލުންވެސް މިރައުޔަށް ފަތުވާ ދެއްވާފައި ވެއެވެ. މިބޭކަލުންގެ ދަލީލަކީ މާތް ﷲ ރުއްސުންލެއްވި ޤުއްރާ އިބްނު އިޔާސް އަލްމުޒަނީގެ ރިވާޔަތެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. كُنَّا نُنْهَى أَنْ نُصَلِّي بَيْنَ السَّوَارِي عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَنَطْرُدَ عَنْهَا طَرْداً([2]) މާނައީ: ދެތަނބު ދެމެދު ނަމާދު ކުރުމަށް ކީރިތި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ ދުވަސްވަރު ތިމަންމެނަށް މަނާވެގެން ވެއެވެ. އަދި އެތަނުން ދުރަށް ދިއުމަށް އެންގެވެއެވެ. ޤުއްރާގެ މިބަސްފުޅުގެ މާނައަށް ބަލާއިރު މީގެ އިތުރު ތަފްޞީލު، އިމާމު ބުޚާރީއާއި އިބްނު އަބީ ޝައިބާގެ ރިވާޔަތުގައިވާ ފަދައިން ޢުމަރުގެފާނުންގެ ބަސްފުޅާއި ޢަމަލުފުޅުން ވަރަށް ސާފުކޮށް ދޭހަވެއެވެ. އެޙާދިޘާއަށް ވިސްނާލުމުން، އެއިން ދޭހަވަނީ އެބޭކަލުން ދެތަނބު ދޭތެރޭ ނަމާދު ނުކުރަށްވަނީއަކީ ފަހަރެއްގައިވެސް މިއީ ގޯސްކަމަކަށް ވާތީއެއް ނޫނެވެ. ސުތުރާއަކަށް ތަނބު ހެއްދެވުމުގެ ގޮތުންނެވެ. އަދި ސުތުރާއެއްނެތި ނަމާދަށް ތިބުމަމަށް އެބޭކަލުން ރުހިވަޑައިނުގަންނަވާތީއެވެ.([3])

ދެވަނަ ރައުޔު:

ދެވަނަ ރައުޔަކީ ޖަމާޢަތުގައި ނަމާދު ކުރާއިރު ޢުޛުރަކާ ނުލައި، ނުވަތަ މިސްކިތުގައި ތަނަވަސްކަން އޮންނަ ޙާލަތުގައި ދެތަނބު ދޭތެރޭ ސަފު ހަދައިގެން ތިބެ، ސަފު މެދު ކެނޑޭގޮތަށް ނަމާދު ކުރުމީ ޙަރާމު ކަމެއް ކަމެވެ. ނަމަވެސް އެބޭކަލުން ވިދާޅުވަނީ މިގޮތަށް ނަމާދު ކުރުމަކުން ނަމާދު ބާޠިލު ނުވާނެ ކަމަށެވެ. މިރައުޔަކީ މިޒަމާނުގެ ބައެއް ޢިލްމުވެރިންގެ ރައުޔެކެވެ. އޭގެ ތެރޭގައި ޝައިޚު ޢަބްދު ﷲ އިބްނު ޖިބްރީނާއި އެނޫންވެސް މިހާރުގެ ޙަންބަލީ މަޛްހަބަށް ނިސްބަތްވެގެންވާ ބައެއް ޢިލްމުވެރިން ހިމެނި ވަޑައިގަންނަވައެވެ. ޝައިޚު އަލްބާނީގެ ރައުޔަކީވެސް މިއީއެވެ. މިބޭފުޅުންގެ ދަލީލަކީވެސް އަނަސްގެފާނުންގެ ރިވާޔަތާއި ޤުއްރާ އިބްނު އިޔާސް އަލްމުޒްނީގެ ރިވާޔަތެވެ. އަދި ވަކިން ޚާއްޞަކޮށް ޤުއްރާގެ މިރިވާޔަތެވެ. އޭގައި ޤުއްރާ މިފަދައިން ވިދާޅުވެފައި ވެއެވެ. كُنَّا نُنْهَى أَنْ نَصُفَّ بَيْنَ السَّوَارِي عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَنَطْرُدَ عَنْهَا طَرْداً([4]) މާނައީ: ދެތަނބު ދެމެދުގައި ސަފު ހެދުމަށް ކީރިތި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ ދުވަސްވަރު ތިމަންމެނަށް މަނާވެގެން ވެއެވެ. އަދި އެތަނުން ދުރަށް ދިއުމަށް އެންގެވެއެވެ.

ބަޔާންވެދިޔަ ދެރައުޔުގެ ތެރެއިން ދެވަނަ ރައުޔާ އެއްގޮތަށް ސަލަފުއްޞާލިޙީންގެ ތެރެއިން އެއްވެސް ޢިލްމުވެރިއަކު ބަސްފުޅެއް ވިދާޅުވެފައިވާ ތަނެއް ފެންނާކަށް ނެތެވެ. ނަމަވެސް ފުރަތަމަ ރައުޔާ އެއްގޮތަށް ބައެއް ޢިލްމުވެރިންގެ ފަތުވާ އައިސްފައިވާ ތަން ފެންނާން އެބަހުއްޓެވެ. އޭގެ ތެރޭގައި މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނު މަސްޢޫދާއި އިމާމު އަޙްމަދުގެ ބަސްފުޅު ހިމެނިގެން ވެއެވެ. އިބްނު މަސްޢޫދު ވިދާޅުވެފައިވަނީ ދެތަނބު ދޭތެރޭ އެކަކު ނުވަތަ ދެމީހުން ނަމާދު ނުކުރުމަށާއި ގިނަ މީހުން ނަމާދު ކުރުމަކުން މައްސަލައެއް ނެތްކަމަށެވެ.([5]) އެހެންކަމުން ދީނުގެ ޢާއްމު ދަންނަބޭކަލުންގެ މެދުގައި އޮތީ ދެރައުޔެކެވެ. އެއް ރައުޔަކީ ދެތަނބު ދޭތެރޭގައި ޢާއްމުކޮށް ނަމާދު ކުރުމީ ހުއްދަ ކަމެއް ކަމާއި އެކަހެރިކޮށް ކުރާ ނަމާދުގައްޔާއި ޖަމާޢަތުގައި ކުރާ ނަމާދުގައި އިމާމަކަށް ހުންނަ ޙާލަތުގައްޔާއި ޖަމާޢަތުގައި ކުރާ ނަމާދުގައި ދެތަނބު ދޭތެރެ ފުރޭވަރަށް މީހުން ނެތް ޙާލަތާއި، މިފަދަ ޙާލަތްތަކުގައި ދެތަނބު ދޭތެރޭގައި ނަމާދު ކުރުމީ މަކްރޫހަކަމެއްނެތް ހުއްދަ ކަމެއް ކަމުގައި ދީނުގެ ވަރަށް މަދު ޢިލްމުވެރިއަކު މެނުވީ ހުރިހާ ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އަނެއް ރައުޔަކީ މިޙާލަތްތަކުގައި ދެތަނބު ދޭތެރޭ ނަމާދު ކުރުމީ މަކުރޫހަ ކަމާއެކު ހުއްދަ ކަމެއް ކަމެވެ.

މިގޮތުން މިބޭކަލުންގެ މެދުގައި ރައުޔު ތަފާތުވެފައި އޮތީ ޖަމާޢަތުގައި ކުރާ ނަމާދުގައި ސަފު ހަދާއިރު ތަނބެއް ހުރި ތަނެއްގައި ހެދޭ ސަފުގައި، ތަނބާހުރެ ސަފު މެދު ކެނޑޭ ނަމަ އޭގެ ޙުކުމަކީ ކޮބައިކަމާ މެދުއެވެ. ބައެއް ބޭކަލުން ދެކެވަޑައިގަންނަވަނީ ޢުޛުރެއްނެތި މަކްރޫހަ ކަމެއް ކަމަށެވެ. އަދި ޢުޛުރަކާ ލައިގެން މަކުރޫހަކަމެއްނެތި ހުއްދަވެގެންވާ ކަމަށެވެ. އަނެއް ބައި ބޭކަލުން ވިދާޅުވަނީ ހުރިހާ ޙާލަތެއްގައި މަކުރޫހަ ކަމެއް ނެތި، ހުއްދަވެގެންވާ ކަމެއް ކަމަށެވެ. ތިރީގައި މިވަނީ މިބުނެވުނު ދެރައުޔާބެހޭ އިތުރު ތަފްޞީލެވެ.


ތިންވަނަ ރައުޔު:

މިމައްސަލައާ މެދު ޢިލްމުވެރިންގެ ފަރާތުން އައިސްފައި އޮތް ތިންވަނަ ރައުޔަކީ، ޢުޛުރަކާ ނުލައި، ސަފު މެދު ކެނޑޭ ގޮތަށް ތަނބުތަކުގެ ދެމެދު ނަމާދު ކުރުމަކީ މަކުރޫހަކަމެއް ކަމެވެ. މިއީ އިމާމު އަޙްމަދާއި އިސްޙާޤުގެ ރައުޔެވެ. އަދި ޙަންބަލީ މަޛްހަބުގެ ގިނަ ދަންނަބޭކަލުން ފަތުވާ ދެއްވަނީވެސް އިމާމު އަޙްމަދުގެ މިރައުޔަށެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދާއި ޙުޛައިފާއާއި އިބްނު ޢައްބާސްއާއި އައްނަޚްޢީގެ ރައުޔަކީވެސް މިއީއެވެ. އަދި އިމާމު މާލިކާއި އަލްޙަސަނުލްބަޞަރީގެ އަރިހުންވެސް މިބަސްފުޅާ އެއްގޮތަށް އެއް ރައުޔު އައިސްފައިވެއެވެ. އިމާމު އަޙްމަދުގެ އަރިހުން ތިން ރައުޔެއް ސާބިތުވެފައި ވެއެވެ. އެއް ޔައުޔަކީ މިއީއެވެ. އަނެއް ރައުޔަކީ ޖުމްހޫރު ދަންނަބޭކަލުންގެ ރައުޔާ އެއްގޮތަށް ހުރިހާ ޙާލަތްތަކުގައި ހުއްދަ ވެގެންވާ ކަމަށެވެ. ތިންވަނަ ރައުޔަކީ ދެތަނބު ދޭތެރޭގައި ޖަމާޢަތުގައި ވެސް އަދި އެކަހެރިކޮށްވެސް ނަމާދު ކުރުމީ މަކުރޫހަވެގެންވާ ކަމެއް ކަމަށެވެ. ނަމަވެސް ކުރީންވެސް ބުނިފަދައިން ޙަންބަލީ މަޛްހަބުގެ ދަންނަބޭކަލުން، މަޛްހަބުގެ ޞައްޙަ ގޮތް ކަމަށްބުރަވެ، ފަތުވާ ދެއްވަނީ އަޙްމަދުގެ ފުރަތަމަ ރައުޔާ އެއްގޮތަށެވެ.

މިމައްސަލާގައި މިއީ މަކުރޫހަ ކަމެއް ކަމަށް ބުރަވެ ވަޑައިގަންނަވާ ބޭކަލުން ގެންނަވަނީ ދެ ދަލީލެކެވެ. ފުރަތަމަ ދަލީލަކީ ކުރީގައި ބަޔާންވެދިޔަ ޤުއްރާ އިބްނު އިޔާސް އަލްމުޒްނީގެ ކިބައިން ރިވާވެގެންވާ ދެރިވާޔަތެވެ. އޭގައި ވަނީ كُنَّا نُنْهَى أَنْ نُصَلِّي بَيْنَ السَّوَارِي عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَنَطْرُدَ عَنْهَا طَرْداً([6]) މާނައީ: ދެތަނބު ދެމެދުގައި ނަމާދު ކުރުމަށް ކީރިތި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ ދުވަސްވަރު ތިމަންމެނަށް މަނާކުރެވެއެވެ. އަދި އެތަނުން ފަހަތަށް ދިއުމަށް އެންގެވެއެވެ. އަދި އިމާމު އިބްނު މާޖާގެ ރިވާޔަތުގައި އަންނަނީ كُنَّا نُنْهَى أَنْ نَصُفَّ بَيْنَ السَّوَارِي މިފަދައިންނެވެ. (މާނައީ: ދެތަނބު ދެމެދު ސަފު ހެދުމަށް ތިމަންމެނަށް މަނާކުރެވެއެވެ.) މިޙަދީޘަށް ބަލާއިރު މިޙަދީޘު ރިވާކުރެއްވި ބޭކަލުންގެ ތެރެއިން އެކަކީ އަބޫ މުސްލިމު ހާރޫނު އިބްނު މުސްލިމެވެ. އޭނާ ރިވާކުރެއްވި ކަމަށް ވަނީ އިމާމު ޤަތާދާގެ ކިބައިންނެވެ. އަދި އަބޫ މުސްލިމު ހާރޫނަކީ ކާކުކަން ނޭގޭ މަޖްހޫލެކެވެ. ޤަތާދާގެ އެއްވެސް ދަރިވަރަކު މިފަދަ ޙަދީޘެއް ރިވާކުރަށްވާފައެއް ނުވެއެވެ. އެހެންކަމަށް ވާއިރު ޤަތާދާގެ މަޝްހޫރު ދަރިވަރުންނަށް މިޙަދީޘު އަޑު ނުއިވި، ކާކުކަން ނޭނގޭ މަޖްހޫލު ރާވީއަކަށް މިޙަދީޘު އަޑުއިވިފައިވުމުން މިއީ ޤަބޫލުކުރަން ދަތި ކަމަކަށް ނޫނީ ނުވެއެވެ. އެހެންކަމުން ޙަދީޘު ޢިލްމުގެ ޖަރަޙަ ތަޢުދީލުގެ ޢިލްމުވެރިން އެންމެން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި މިއީ ޟަޢީފު ރިވާޔަތެކެވެ.([7]) ދެން މިޙަދީޘުގެ އަޞްލަށް ބަލާއިރު އިމާމު ބުޚާރީ ރިވާކުރަށްވާފައި އެވަނީ ޞައްޙަ ގޮތެވެ. އެއީ ޢުމަރުގެފާނުފަދަ ބޭކަލުން ސުތުރާއެއް ނުބަހައްޓަވައި ނަމާދު ނުކުރަށްވާތީ، އެއްފަހަރެއްގައި ޤުއްރާ އެކަހެރިކޮށް ނަމާދު ކުރަށްވަން ހުންނަވަނިކޮށް ތަބަކާ ދިމާއަށް ގެންދެވި ކަމަށެވެ.

މިބޭކަލުން ގެންނަވާ އަނެއް ދަލީލަކީ މާތް ﷲ ރަޙްމަތްލެއްވި ޢަބްދުލް ޙަމީދު އިބްނު މަޙްމޫދުގެ ކިބައިން ރިވާވެގެންވާ މިރިވާޔަތެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. صَلَّيْنَا خَلْفَ أَمِيرٍ مِنَ اْلأُمَرَاءِ فَاضْطَرَّنَا النَّاسُ فَصَلَّيْنَا بَيْنَ السَّارِيَتَيْنِ فَلَمَّا صَلَّيْنَا قَالَ أَنَسُ بْنُ مَالِكٍ كُنَّا نَتَّقِي هَذَا عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ([8])  މާނައީ: މާތް ﷲ ރަޙްމަތްލެއްވި އަނަސްގެފާނާއެކު ތިމަންމެން އުމަވީ ދައުލަތުގެ ވެރިއެއްގެ ފަހަތުގައި ނަމާދު ކުރީމެވެ. މީހުން ގިނަވުމުގެ ސަބަބުން ތިމަންނާއާއި އަނަސްގެފާނާ ދެމީހުން ނަމާދަށް ތިބީ ދެތަނބު ދޭތެރޭ އޮތް ސަފުގައެވެ. ދެން ނަމާދުން ނިމިގެން އަނަސްގެފާނު ތިމަންގެ ގާތު ވިދާޅުވިއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ދުވަސްވަރު ތިމަންމެން މިކަމުން ދުރުހެލިވަމެވެ.

އިމާމު ތިރުމިޛީ މިޙަދީޘު ރިވާކުރެއްވުމަށްފަހު މިފަދައިން ވިދާޅުވެފައި ވެއެވެ. حَدِيثُ أَنَسٍ حَدِيثٌ حَسَنٌ صَحِيحٌ وَقَدْ كَرِهَ قَوْمٌ مِنْ أَهْلِ الْعِلْمِ أَنْ يُصَفَّ بَيْنَ السَّوَارِي وَبِهِ يَقُولُ أَحْمَدُ وَإِسْحَقُ وَقَدْ رَخَّصَ قَوْمٌ مِنْ أَهْلِ الْعِلْمِ فِي ذَلِكَ  އަނަސްގެފާނުންގެ މިޙަދީޘަކީ ޞައްޙަ ޙަސަން ޙަދީޘެކެވެ. އަދި ދީނުގެ ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ތަނބު ދޭތެރޭ ޞަފު ހެދުމަކީ މަކްރޫހަ ކަމެކެވެ. އިމާމު އަޙްމަދާއި އިސްޙާޤުގެ ބަސްފުޅަކީ މިއީއެވެ. އެކަމަކު ދަންނަބޭކަލުންގެ ތެރެއިން އަނެއް ބައި ބޭކަލުން ދެކެވަޑައިގަންނަވަނީ އެއީ މަކްރޫހަ ކަމެއް ނެތް، ހުއްދަކަމެއް ކަމަށެވެ. ([9])

އަދިވެސް މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނުންގެ ކިބައިން އެހެން މަގަކުން އިބްނު އަބީ ޝައިބާ ރިވާކުރަށްވާފައި ވެއެވެ. އޭގައިވަނީ نُهِينَا أَنْ نُصَلِّي بَيْنَ اْلأَسَاطِينِ([10]) މިފަދައިންނެވެ. މާނައީ: ތަނބުތަކުގެ ދޭތެރޭ ނަމާދު ކުރުމަށް ތިމަންމެނަށް ވަނީ މަނާ ވެވިގެންނެވެ.

އަދިވެސް އެހެން މަގަކުން މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. نَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ نَصُفَّ بَيْنَ السَّوَارِي([11]) މާނައީ: رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވަނީ ތިމަންމެން ތަނބުތަދުގެ ދެމެދު ސަފު ހެދުން މަނާކުރަށްވާފައެވެ.

އަދިވެސް މިބޭކަލުން ދަލީލުގެ ގޮތުން ބައެއް އަޞްޙާބު ބޭކަލުންގެ އަރިހުން އައިސްފައި ހުރި ބައެއް ބަސްފުޅުތައް ގެންނަވާފައި ވެއެވެ. އޭގެތެރެއިން އެއްވެސް ބަސްފުޅެއް ސަނަދުގެ ގޮތުން ޞައްޙަކަމަކަށް ނުވެއެވެ. އަދި ބައެއް ބަސްފުޅުތަކަކީ މިމައްސަލައާ ގުޅުމެއްހުރި ބަސްފުޅުތަކެއް ނޫނެވެ. އެބަސްފުޅުތަކަކީ:

(ހ) މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނު ޢައްބާސްގެ އަރިހުން އައިސްފައިވާ މިބަސްފުޅެވެ. إِيَّاكُمْ وَالصَّفُّ بَيْنَ السَّوَارِي  މާނައީ: ތަނބުތަކުގެ ދެމެދުގައި ޞަފު ނަހަދާށެވެ. މިބަސްފުޅަކީ ސަނަދުގެ ގޮތުން ޟަޢީފު އެއްޗެކެވެ. ([12])

(ށ) އަދި މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނު މަސްޢޫދުގެ އަރިހުން އައިސްފައިވާ މިބަސްފުޅެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. لاَ تَصْطَفُوا بَيْنَ السَّوَارِي ..([13]) މާނައީ: ތަނބުތަކުގެ ދޭތެރޭ ތިޔަބައިމީހުން ސަފު ނުހަދާށެވެ.

މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެ ކިބައިން އެހެން ރިވާޔަތެއްވެސް އައިސްފައި ވެއެވެ. އެކަލޭގެފާނުގެ ކިބައިން މަޢުދީ ކަރުބު ވިދާޅުވެފައި ވެއެވެ. كَانَ عَبْدُ اللَّهِ يَكْرَهُ الصَّلاَةَ بَيْنَ الأَسَاطِينِ لِلْوَاحِدِ وَالإِثْنَيْنِ فَأَمَّا إِذَا كَثُرُوا فَلاَ بَأْسَ([14]) މާނައީ: އެކަކު ނުވަތަ ދެމީހުން ދެތަނބު ދޭތެރޭ ނަމާދު ކުރުމީ ޢަބްދު ﷲ އިބްނު މަސްޢޫދު ރުހިވަޑައި ނުގަންނަވާ ކަމެކެވެ. ނަމަވެސް އެއަށްވުރެ ގިނަ މީހުން ނަމާދު ކުރުމަކުން މައްސަލައެއް ނެތެވެ. މިއެވެ. ޢިލްމުވެރިން ވިދާޅުވެފައިވަނީ ސަނަދުގެ ގޮތުން މިދެބަސްފުޅުވެސް ޟަޢީފުވެގެންވާ ކަމަށެވެ. އަދި އަނެއްކޮޅުން މިދެބަސްފުޅު އެކަތިއަނެކައްޗަށް ފުށުއަރާގޮތްވެސް އެބަވެއެވެ.

(ނ) މީގެ އިތުރުން މާތް ﷲ ރުއްސުންލެއްވި ޙުޛައިފާގެ ރައުޔުވެސް އެބޭކަލުން ގެންނަވާފައި ވެއެވެ. އިމާމު އިބްނު އަބީ ޝައިބާ އެކަލޭގެފާނުންގެ ފޮތް (5/160) ގައްޔާއި އިބްނު މުންޛަރު އަލްއައުސަޠުގެ (4/182) ޙުޛައިފަތުގެ ފާނުންގެ ކިބައިން ގެންނަވާފައިވަނީ މިފަދައިންނެވެ.: أَنَّ حُذَيْفَةَ كَرِهَ الصَّلاَةَ بَيْنَ الأَسَاطِينَ މާނައީ: ތަނބުތަކުގެ ދެމެދު ނަމާދު ކުރުމީ ޙުޛައިފަތުގެފާނު ރުހިވަޑައި ނުގަންނަވާ ކަމެކެވެ. ދެން މިބަސްފުޅުގެ ސަނަދާމެދާ ބެހޭގޮތުން އިމާމު އަބޫ ޒަރުޢާއާއި އިބްނު އަބީ ޙާތިމުމެންފަދަ ބޭކަލުން ވިދާޅުވެފައިވަނީ މުރުސަލެއް ކަމަށެވެ. އެރިވާޔަތުގައި އަންނަ ހިލާލުއަކާ ޙުޛައިފަތުގެ ފާނާ ބައްދަލުނުވާ ކަމަށެވެ.

(ރ) މިރައުޔަށް ތަބާވެވަޑައިގަންނަވާ ޢިލްމުވެރިން ދަލީލެއްގެ ގޮތުގައި ގެންނަވާ އަނެއް ބަސްފުޅަކީ އިމާމު ބުޚާރީގެ ބަސްފުޅެކެވެ. އެއީ އިމާމު ބުޚާރީ ދެތަނބު ދެމެދު ޖަމާޢަތުގައި ނަމާދު ކުރުން މަކުރޫހަ ކަމެއްކަމަށް ބަޔާން ކުރަށްވައި ބާބެއް ގެންނަވާފައިވާ ވާވުމެވެ. އެކަލޭގެފާނު އެބާބު ގެންނަވާފައިވަނީ بَابُ الصَّلاَةِ بَيْنَ السَّوَارِي فِي غَيْرِ جَمَاعَةٍ (ޖަމާޢަތުގެ ނަމާދުގައި ނޫން ގޮތަކަށް ތަނބުތަކުގެ ދޭތެރޭ ނަމާދު ކުރުމާބެހޭ ބާބު) މިފަދައިންނެވެ. މިބޭފުޅުން ވިދާޅުވަނީ މިއިން ދޭހަވާ އެއްޗަކީ އިމާމު ބުޚާރީވެސް ބުރަވެ ވަޑައިގަންނަވަނީ ޖަމާޢަތުގައި ނަމާދު ކުރާއިރު ތަނބުގެ ސަބަބުން ސަފުތައް މެދު ކެނޑޭގޮތަށް ނަމާދުގައި ބައިވެރިވުމީ މަކުރޫހަ ކަމެއް ކަމަށެވެ.


ހަތަރު ވަނަ ރައުޔު:

ޢިލްމުވެރިންގެ މެދުގައި އޮތް ހަތަރުވަނަ ރައުޔަކީ ތަނބުތަކުގެ މެދުގައި ނަމާދުކުރުމީ މައްސަލައެއް އޮތްކަމެއް ނޫން ކަމަށެވެ. އަދި އެއީ މަކްރޫހަ ކަމެއްނެތި ހުއްދަވެގެންވާ ކަމެއް ކަމަށެވެ. އެކަހެރި ކޮށާއި ޖަމާޢަތުގައެވެ. އިމާމާއަށާއި މުޤްތަދީންނަށާއި މަސްބޫޤުންނަށެވެ. މިބޭކަލުންގެ ތެރޭގައި ސަޢީދު އިބްނު ޖުބައިރާއި އިބްރާހީމު އައްތައިމީއާއި ސުވައިދު އިބްނުލް ޣަފަލާއާއި އަލްޙަސަނުލް ބަޞަރީއާއި އިބްނު ސީރީނާއި([15]) ޤަތާދާއާއި އަބޫހަނީފާއާއި މާލިކާއި ޝާފިޢީއާއި([16]) ބަޣަވީއާއި އިބްނު މުންޛަރު ހިމެނި ވަޑައިގަންނަވައެވެ. އަދި އިމާމު ޢަޙްމަދުގެ އެއް ބަސްފުޅަކީވެސް މިއީއެވެ.([17]) އިމާމު ބަޣަވީ ވިދާޅުވެފައި ވަނީ ގިނަ ޢިލްމުވެރިންގެ މަޛްހަބަކީ މިއީ ކަމަށެވެ.([18]) އަދި އިމާމު ޒަރަކްޝީ ވިދާޅުވަނީ މިއީ ޖުމްހޫރު ދަންނަބޭކަލުންގެ ރައުޔު ކަމަށެވެ.([19]) އެހެންކަމުން އިމާމު މުޙައްމަދު އިބްނު ސީރީންގެ ކިބައިން ޞައްޙަ މަގުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. لاَ أَعْلَمُ بِالصَّلاَةِ بَيْنَ السَّوَارِي بَأْسًا([20]) މާނައީ: ތަނބުތަކުގެ ދެމެދު ނަމާދު ކުރުމަކީ މައްސަލައެއް ކަމަކަށް އަހުރެންނަށް އެނގޭކަށެއް ނެތެވެ. މިއެވެ. އަދިވެސް އިބްނު އަބީ ޝައިބާ ރިވާކުރަށްވާފައި ވެއެވެ. ޔަޒީދު އިބްނު އަބީ ޒިޔާދުގެ އަރިހުން އައިސްފައެވެ. މާތް ﷲ ރަޙްމަތްލެއްވި އިބްރާހީމު އައްތަމީމީ ތަނބު ދޭތެރޭ ސަފުހައްދަވައިގެން މީސްތަކުންނާއެކު އިމާމުވެ ނަމާދު ކުރަށްވަތެވެ. އަދި ސަޢީދު ޖުބައިރުވެސް ތަނބު ދޭތެރޭ ހެދޭ ސަފާއެކު އިމާމުވެ ނަމާދު ކުރަށްވާ ކަމުގައި އިބްނު އަބީ ޝައިބާ ވިދާޅުވެފައި ވެއެވެ.([21])

ދީނުގެ ޖުމުހޫރު ދަންނަބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި މިގޮތަށް ސަފު މެދު ކެނޑޭ ގޮތަށް ތަނބެއް ފަދަ އެއްޗެއް ހުރުމަކީ މަކްރޫހަ ކަމެއް ނެތް ހުއްދަ ކަމެކެވެ. އަދި ސަފު މެދުކެނޑުމަކީ ސަފު ހެދިފައި އޮންނައިރު ދެމީހެއްގެ ދެމެދުގައި ދުރުވެފައި އޮތުމެވެ. ނުވަތަ ސަފުގައި އެއްޗެއް ބާއްވައިގެން ދެމީހުންގެ ދެމެދު ކައިރި ނުކުރެވޭގޮތަށް އޮތުމެވެ. އަދި މިގޮތަށް ސަފުގެ މެދުގައި ތަނބެއް ހުރުމަކީ ސަފު މެދުކެނޑުމަށް މީހަކު އަމިއްލައަށް ކުރާ ކަމެއްވެސް ނޫނެވެ. އަދި އެކަމާމެދު ކީރިތި ރަސޫލާގެ އަރިހުން އެއްވެސް މަނައެއް ނުވަތަ ނަހީއެއް އައިސްފައި ނުވެއެވެ. މިބޭކަލުން ގެންނަވާ ދަލީލުތަކަކީ:

(ހ) މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނު ޢުމަރުގެ ކިބައިން އައިސްފައިވާ މިޙަދީޘެވެ. دَخَلَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ البَيْتَ وَأُسَامَةُ بْنُ زَيْدٍ وَعُثْمَانُ بْنُ طَلْحَةَ وَبِلاَلٌ فَأَطَالَ ثُمَّ خَرَجَ، كُنْتُ أَوَّلُ النَّاسِ دَخَلَ عَلَى أَثَرِهِ فَسَأَلْتُ بِلاَلاً أَيْنَ صَلَّى؟ قَالَ بَيْنَ اْلعَمُودَيْنِ اْلُمَقَدِّمَيْنِ([22]) (މާނައީ: رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ކަޢުބާއަށް ވެދެވަޑައިގަތެވެ. އަރިހުގައ އުސާމާ އިބްނު ޒައިދުއާއި ޢުޘްމާނު އިބްނު ޠަލްޙާއާއި ބިލާލުގެފާނާއި މިތިންބޭކަލުން ތިއްބެވިއެވެ. ދެން ވަރަށް ގިނައިރު ކުރައްވާފައި ނިކުމެވަޑައިގަތުމުން އެކަލޭގެފާނުގެ ފަހަތްޕުޅުން އެންމެ ފުރަތަމަ ކަޢުބާއަށް ވެންނެވި ބޭކަލަކީ ތިމަން ކަލޭގެފާނެވެ. އަވަހަށް ވަދެ ބިލާލުގެ އަރިހުން ތިމަން އެއްސެވީމެވެ. އިތުރު އެކަލޭގެފާނު ނަމާދު ކުރެއްވީ ކޮންތާކުތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ކުރިއަށްހުރި ދެތަނބު ދޭތެރޭގައެވެ.)

(ށ) މިބޭކަލުންގެ އަނެއް ދަލީލަކީ މިކަމަކީ މަނާކަމެއްކަމުގައި ދެކޭނެ އެއްވެސް ޞަރީޙަ ޙަދީޘެއް އަދި ދަލީލެއްނެތް ޙާލު އެކަމާމެދު މަކުރޫހަކަމެއް ކަމަށް ބަޔާން ކުރެވޭނެ ދަލީލެއްވެސް ނެތުމެވެ. ކަމެއް ދީނުގައި ޙަރާމް ކުރެވޭނީ ނުވަތަ މަކުރޫހަވެސް ކުރެވޭނީ އެކަމަކަށް ޞަރީޙަކޮށް ދައްކައިދޭނެ ޞައްޙަ ދަލީލެއް އޮވެގެންނެވެ. އަދިވެސް މިބޭކަލުން ވިދާޅުވެފައި ވެއެވެ. ދެ ތަނބު ދެމެދު އިމާމު މީހާއަށާއި މުންފަރިދަށްވެސް ނަމާދު ކުރުމަކީ މަކްރޫހަ ކަމަކަށް ނުވާއިރު މައުމޫމުންނަށް ވެސް އެތާގައި ނަމާދު ކުރުން މަކްރޫހަ ކަމަކަށް ވެގެން ނުވާނެއެވެ. އަދިވެސް މިބޭކަލުން ވިދާޅުވެފައި ވެއެވެ. ދެތަނބު ދޭތެރޭ ނަމާދު ކުރުމުން ދުރުހެލިވުމާމެދު އައިސްފައިވާ ޞައްޙަ ބަސްފުޅަކީ އަނަސްގެފާނުންގެ ބަސްފުޅަށްވެފައި، އަނަސްގެފާނުގެ ބަސްފުޅުންވެސް ސާބިތުވެ އެނގޭފަދައިން އެއީ އެބޭކަލުން ޢަމަލު ކުރެއްވުމަށް ލޯބި ކުރަށްވާ ގޮތްކަމަށް ވާއިރު، އެގޮތަށް ލޯބިކުރެއްވުމަކީ އެކަން ޙަރާމްވުމަކަށް ނުވަތަ މަކްރޫހަ ވުމަކަށްވެސް ދަލީލުކޮށްދޭ ހެއްކެއް ނޫނެވެ. އެފަދަ ޙާލަތެއް، އަދި އެފަދަ ކަމެއް ވާނީ މޮޅުގޮތް ކަމަށެވެ. ނުވަތަ އެންމެ މޮޅު ގޮތް ކަމަށެވެ. އެއަށްވުރެ ބޮޑު ޙުކުމެއް އެމައްސަލައާމެދު ނެރެވޭކަށް ނޯންނާނެއެވެ.

(ނ) އަދިވެސް މިބޭކަލުން މިބޭކަލުންގެ ބަސްފުޅު ގަދަ ކުރެއްވުމުގެ ގޮތުން އިމާމު ބުޚާރީއާއި އިމާމު އިބްނު އަބީ ޝައިބާ ރިވާކުރަށްވާފައިވާ، ކުރީގައި ބަޔާންވެދިޔަ ޤުއްރާގެ ރިވާތް ގެންނަވައެވެ. އެހެނީ އެރިވާޔަތުން ޢުމަރުގެފާނުންގެ ބަސްފުޅުންނާއި އެކަލޭގެފާނުގެ ޢަމަލުފުޅުން މިމައްސަލަ ވަރަށް ބޮޑަށް ސާފުވެގެންދެއެވެ. އެރިވާޔަތުން ސާބިތުވާ ގޮތުގައި އެކަހެރިކޮށް ނަމާދު ކުރާއިރުވެސް އަޞްޙާބު ބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން ދެތަނބު ދޭތެރޭ ނަމާދު ކުރެއްވުމަށް ރުހިވަޑައި ނުގަންނަވާ ކަމާއި ތަނބާ ދިއާއަށް ނަމާދު ކުރަށްވަން އިސްކަން ދެއްވާކަން ޞަރީޙަކޮށް އެނގިގެންދެއެވެ.

(ރ) އަދިވެސް މިބޭކަލުން ވިދާޅުވެފައި ވެއެވެ. މިގޮތަށް މިސްކިތުގައި ބެހެއްޓިފައި ހުންނަ ނުވަތަ ހަރު ކުރެވިފައި ހުންނަ އެއްޗަކީ ހެދިފައިވާ ސަފު މެދު ކެނޑިގެންދާ އެއްޗަކަށް ވާނަމަ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ މިންބަރުކޮޅުގެ ސަބަބުންވެސް ސަފު މެދު ކެނޑުނީހެވެ. އެހެންނާ އަޞްހާބު ބޭކަލުން ސަފު ހައްދަވަނީ އެމިންބަރުކޮޅު ހުންނަ ސަފުގައެވެ. އަދި ފުރަތަމަ ސަފުގައި އެބޭކަލުން ތިއްބަވަނީ މިންބަރު ކޮޅު ހުންނަތަން ދޫކޮށްލައްވާފައެވެ. އެހެންނަމަވެސް މިންބަރުކޮޅާހުރެ ސަފު މެދު ކެނޑިގެންދާ ކަމަކަށް އެބޭކަލުން ދެކެވަޑައި ނުގަންނަވައެވެ. އަދި އެއީ ސަފު މެދު ކެނޑިގެންދާ ސަބަބަކަށް ވީނަމަހީ، މިންބަރު ހުރިތަން ދޫކޮށްފައި ފަހަތުގައި ސަފު ހެދުމަށް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަމުރު ކުރެއްވީހެވެ. ނަމާދުގެ ފުރަތަމަ ސަފުގެ މާތް ކަމުގެ ވާހަކަ ދައްކަވަމުން އިމާމު ނަވަވީ ވިދާޅުވެފައި ވެއެވެ. وَاعْلَمْ أَنَّ الْمُرَادَ بِالصَّفِّ اْلأَوَّلِ الصَّفُّ الَّذِي يَلِي اْلإِمَامَ، سَوَاءٌ تَخَلَّلَهُ مِنْبَرٌ وَمَقْصُورَةٌ وَأَعْمِدَةٌ وَغَيْرُهَا أَمْ لاَ.([23]) މާނައީ: ދަންނާށެވެ! މިތާގައި ފުރަތަމަ ޞަފުގެ މުރާދަކީ އިމާމާއާއި ގާތުގައި އޮންނަ ސަފެވެ. އެއީ މިންބަރާހުރެ، ނުވަތަ މިސްކިތު ކޮޓަރިއަކާހުރެ ނުވަތަ ތަނބުތަކާ އެފަދަ އެހެން އެއްޗަކާހުރެ ސަފުގައި ދެމީހުންގެ ދޭތެރެ ދުރުވެފައި އޮތް ކަމުގައި ވިއަސްއެވެ.

ހަމަ އެހެންމެ ތަނބުގެ މައްސަލަ އެންމެ ހަރުކަށިކޮށް ބަލާފައިވަނީ ޙަންބަލީ މަޛްހަބުގައި ކަމަށްވީއިރު، އިމާމު އަޙްމަދުގެ އަންނަނިވި ބަސްފުޅުންވެސް މިކަން ސާފުވެގެން ދެއެވެ. އެކަލޭގެފާނުގެ ކިބައިން އިމާމު އިބްނު ޤުދާމާ މިފަދައިން ނަގުލު ކުރަށްވާފައި ވެއެވެ. وَاخْتَلَفَتْ الرِّوَايَاتُ عَنْ أَحْمَدَ فِى الصَّفِّ الأَوَّلِ، فَقَالَ فِي مَوْضِعٍ: هُوَ الَّذِي يَلِي الْمَقْصُورَةَ ؛ لأَنَّ الْمَقْصُورَةَ تُحْمَى. وَقَالَ: مَا أَدْرِي هَلْ الصَّفُّ اْلأَوَّلُ الَّذِي يَقْطَعُهُ الْمِنْبَرُ، أَوْ الَّذِي يَلِيهِ؟ وَالصَّحِيحُ أَنَّهُ الَّذِي يَقْطَعُهُ الْمِنْبَرُ ، لِأَنَّهُ هُوَ اْلأَوَّلُ فِي الْحَقِيقَةِ، وَلَوْ كَانَ اْلأَوَّلُ مَا دُونَهُ أَفْضَى إلَى خُلُوِّ مَا يَلِي اْلإِمَامَ. وَلِأَنَّ أَصْحَابَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَلِيهِ فُضَلاَؤُهُمْ ، وَلَوْ كَانَ الصَّفُّ اْلأَوَّلُ وَرَاءَ الْمِنْبَرِ، لَوَقَفُوا فِيهِ.([24])  މާނައީ: ފުރަތަމަ ސަފާ ބެހޭގޮތުން އިމާމު އަޙްމަދުގެ އަރިހުން ބަސްފުޅުތައް ތަފާތު ވެފައި ވެއެވެ. އެއްތަނެއްގައި އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. އެއީ މިޙުރާބު ނުވަތަ މިސްކިތު ކޮޓަރިއަށް ފަހު އޮންނަ ސަފެވެ. އެހެނީ ކޮޓަރިއަކީ ކުރީ ސަފަށް ހުރަސް އަޅާ ތަނެކެވެ. އަނެއް ތަނެއްގައި އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ފުރަތަމަ ސަފަކީ މިންބަރުގެ ސަބަބުން ސަފު މެދު ކެނޑިފައިވާ ސަފުތޯ ނުވަތަ އެއަށްވުރެ ފަހަތު އޮންނަ ސަފުތޯ އެކަން އަހަންނަށް ސީދާ ބުނަން ދައްޗެވެ. ޞައްޙަ ގޮތަކީ ފުރަތަމަ ސަފަކީ މިންބަރުގެ ސަބަބުން ސަފު މެދު ކެނޑިފައި އޮންނަ ސަފެވެ. ސަބަބަކީ ޙަޤީޤަތުގައިވެސް ފުރަތަމަ ސަފަކީ އެއީ ކަމަށް ވާތީއެވެ. އަދި ފުރަތަމަ ސަފަކީ އެނޫން ސަފެއް ކަމަށް ބަލާނަމަ އިމާމާއާ ފުރަމަ ސަފާ ދޭތެރޭގައި ދުރުވުމެއް އަދި ހުރަހެއް އެބަ އާދެއެވެ. އަނެއްކޮޅުން ބަލާއިރު ލޮބުވެތި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަޞްޙާބު ބޭކަލުންގެ ތެރެއިން މަތިވެރި އަޞްޙާބު ބޭކަލުން، މިންބަރު ހުރި އިރުވެސް ހުއްޓި ތިއްބަވަނީ ރަސޫލާއާ ގާތު ސަފުގައެވެ. މިއާ ޚިލާފަށް ފުރަތަމަ ސަފަކީ މިންބަރުގެ ފަހަތުގައި އޮންނަ ޞަފުކަމަށް ބަލާނަމަ އެބޭކަލުން ތިއްބެވީހީ މިންބަރުގެ ފަހަތުގައި އޮންނަ ސަފުގައިކަން ކަށަވަރެވެ.([25])

(ބ) އަދިވެސް މިމައްސަލާގައި ޖުމުހޫރު ދަންނަބޭކަލުން ގެންނަވާ ވަރަށް މުހިއްމު ދަލީލެއް އެބަ އޮވެއެވެ. އެއީ މިކަމަކީ ސަފު ހެދުން ކަމުގައި ވެފައި ސަފުހެދުމުގެ ހުރިހާ އުޞޫލަކަށް ވެސް ތަބާވާން ޖެހޭކަމެވެ. ލޮބުވެތި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރަށްވާފައި ވެއެވެ. رُصُّوا صُفُوفَكُمْ وَقَارِبُوا بَيْنَهَا([26]) މާނައީ: ތިޔަބައިމީހުން ސަފުތަކުގައި ޖެހިޖެހިގެން ތިބޭށެވެ. އަދި ދެސަފު ދޭތެރެ ކައިރި ކުރާށެވެ.([27]) ޝައްކެއްނެތި ސަފުގައި ތިބޭ މީހުން ކައިރިކައިރީގެން ތިބުމަކީ ސުއްނަތަކަށް ވާފަދައިން، ސަފުގައި ތިބޭ މީހުން ސީދަލަށް ތިބެންޖެހޭ ފަދައިން، އަދި އެއް ސަފު ފުރުމުން ނޫނީ އަނެއް ސަފުގައި ކޮޅަށް ނުހުރުމަކީ ސުއްނަތަކަށް ވާފަދައިން، ދެ ސަފު ދޭތެރޭ ކައިރިކޮށް ބޭއްވުމަކީވެސް ނަމާދުގެ މުހިއްމު ސުއްނަތެކެވެ. ދެސަފު ދޭތެރޭ އޮންނަން ޖެހޭކަމަށް ޢިލްމުވެރިން ވިދާޅުވަނީ ތިން މުށެއް ހައި މިންވަރެވެ. ދެސަފު ދޭތެރޭ ޖާގަ ބާއްވަން އޮންނަނީ އެހެން ދެވަނަ ސަފެއް އެދޭތެރޭގައި ނުހެދޭހާ މިންވަރު ޖާގައެކެވެ. މިއީ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް މުސްލިމުން އެއަށް ޢަމަލު ކުރަމުން ދައުރުވަމުން އައިސްފައިވާ ގޮތެވެ. ސަފުހެދުމުގެ އުޞޫލެވެ. މިއީ އެކަމަށް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އިރުޝާދު ދެއްވާފައި އޮތް ގޮތެވެ. މިޙަދީޘުގެ މާނަކުރަށްވަމުން މުއްލާ ޢަލީ ޤާރީ އަލްމިރުޤާތުގައި ވިދާޅުވެފައި ވެއެވެ. “رُصُّوا صُفُوفكُمْ ” : مَعْنَاهُ ضُمُّوا بَعْضَهَا إِلَى بَعْضٍ كَمَا تَرُصُّ أَجْزَاءُ الْبِنَاءِ كَقَوْلِهِ تَعَالَى: كَأَنَّهُمْ بُنْيَانٌ مَرْصُوصٌ.([28]) “وَقَارِبُوا بَيْنهَا” : أَيْ بَيْنَ الصُّفُوفِ بِحَيْثُ لاَ يَسَعُ بَيْنَ الصَّفَّيْنِ صَفٌّ آخَرَ މާނައީ: ސަފުތަކުގައި އެކަކު އަނެކަކާ ޖެހި، ގާތްވެގެން ތިބޭށެވެ. ޢިމާރާތެއްގެ ބައިތައް ޖެހި ގުޅިފައިހުންނަ ފަދައިންނެވެ. މާތް ﷲގެ ވަޙީބަސްފުޅުގައި، އެއީ ގުޅިފައިވާ ޢިމާރާތެއްގެ ބައިތަކެއްހެން ތިބި ބައެއް ކަމުގައި މިސާލު ޖައްސަވާފައިވާ ފަދައިންނެވެ. ވަޙީކުރަށްވާފައިވަނީ: “އަދި ސަފު ތަކުގެ ދެމެދު ގާތްކޮށް ބާއްވާށެވެ.” އެބަހީ ދެސަފު ދެމެދު އެހެން ސަފެއް ނެހެދޭހާ މިންވަރަށް ވުރެން ޖާގަ އިތުރުވެގެން ނުދާނެ ގޮތަކަށެވެ.

ކަން މިހެން އޮތުމާއެކު ސަފު ހަދަމުންދާއިރު ތަނބުތަކާ ދިމާނުވާ ގޮތަށް ސަފު ނުހަދަންވެގެން ސަފު ފަހަތަށް ޖެއްސުމުން ދެން ދިމާވާ މައްސަލައަކީ ތަނބާ ދިމާއިން ދެސަފު ދޭތެރޭ ބާއްވަން ސުއްނަތްވާ ގޮތާ ޚިލާފުވެ އެސުއްނަތް ގެއްލިގެންދާ ގޮތް މެދުވެރި ވުމެވެ. މިއީއަކީ އަޞްޙާބު ބޭކަލުންވެސް އަދި ތާބިޢީންނާއި ތަބުޢުއްތާބިޢިންގެ ދުވަސްވަރުވެސް ކަންވަމުން އައި ގޮތެއް ނޫނެވެ. އަދި މުސްލިމުންގެ ތާރީޚު ދުށްގޮތެއްވެސް ނޫނެވެ. އެހެންކަމުން އުނިކަމެއް ކަމުގައި ދެކޭ ކަމެއް ފޫބެއްދުމުގެ ބޭނުމުގައި އަނެއް އުނިކަން އިތުރުވާގޮތް ވާތީވެ ސަފު ހަދަމުންދާއިރު ތަނބެއްގެ ސަބަބުން ސަފު މެދު ކެނޑޭގޮތް ވުމަކީ ސަފުގައި ހުންނަ މީހާގެ ނަމާދަށް އުނިކަމެއް އަންނާނެ ކަމެއްކަމަށް ބެލެވޭކަށް ނެތެވެ. އަދި އެކަން މަކްރޫހަވާކަށް ވެސް ނުޖެހެއެވެ.

(ޅ) މިއީ މަކުރޫހަކަމެއްނެތް ހުއްދަކަމެއް ކަމުގެ އަނެއް ދަލީލަކީ، ދީނުގައި ނަމާދު ކުރުމަކަށް މިސްކިތުގެ ވަކިތަނެއް ކަނޑައަޅާފައި ނެތުމާއި މިސްކިތުގެ ކޮންމެ ތަނެއްގައި ވެސް ނަމާދު ކުރެވޭނެ ކަމަށް ލޮބުވެތި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘުފުޅުތަކުގައި އޮތުމުން، އެކަމާ އިދިކޮޅަށް ޞަރީޙަ ބަހުން ޞައްޙަ ދަލީލެއް ނެތްހައި ހިނދަކު ޢަމަލުކުރުން މޮޅުގޮތެއް ކަމުގައި ބެލެވޭނީ އަޞްލު ގޮތެވެ. އެއީ މިސްކިތުގެ ހުރިހާ ތަނަކީވެސް ނަމާދުކުރަން ހުއްދަ ތަންތަން ކަމެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރަށްވާފައި ވެއެވެ. جُعِلَتْ لِيَ اْلأَرْضُ مَسْجِدًا وَطَهُورًا فَأَيْنَمَا أَدْرَكَ الرَّجُلَ مِنْ أُمَّتِي الصَّلاَةُ يُصَلِّي([29]) މާނައީ: ތިމަންކަލޭގެފާނަށްޓަކައި މާތް ﷲ ވަނީ މުޅި ބިން (އެބަހީ ބިމުގެ ކޮންމެ ތަނެއްގައި) ނަމާދު ކުރުމަށް ހުއްދަ ކުރަށްވާފައެވެ. އެހެންކަމުން ތިމަން ކަލޭގެފާނުގެ އުއްމަތު މީހަކަށް އޭނާއަށް ފަހިވީ ކޮންމެ ތަނެއްގައި ނަމާދު ކުރެވޭނެއެވެ.

(ކ) ބަޔާންވެދިޔަ ދަލީލުތަކުގެ އިތުރުން އިމާމު އަޙްމަދު ވިދާޅުވާ ގޮތަށް މިމައްސަލައަކީ މަކުރޫހަކަމެއް ކަމަށް ބެލެވޭންނެތް އަނެއް ހެއްކަކީ، މިކަމަށް ހެކިފެންނާން އޮތް ޞައްޙަ ބަސްފުޅަކީ ހަމައެކަނި އަނަސްގެފާނުންގެ ބަސްފުޅު ކަމަށް ވެފައި، އެކަލޭގެފާނުންގެ އަރިހުން ދަރިވަރުވެ ވަޑައިގަތް އެންމެ މަޝްހޫރު ބޭކަލަކީ އިމާމު މުޙައްމަދު އިބްނު ސީރީނު ކަމަށް ވުމާއި، އެކަލޭގެފާނުގެ ބަސްފުޅުގައި ވަނީ، ތަނބުތަކުގެ ދެމެދު ނަމާދު ކުރުމަކީ މައްސަލައެއް ކަމުގައި ބުނެވޭނެ ހެއްކެއް އެކަލޭގެފާނަށް އެނގިވަޑައިގެންފައި ނެތްކަމަށެވެ.

[1] ރިވާކުރެއްވީ އިމާމު ޝާފިޢީއާއި އަޙްމަދާއި ދާރިމީއެވެ. އަދި ހަ އިމާމުންގެ ތެރެއިން އިމާމު ތިރުމިޛީ ފިޔަވައި އަނެއް ފަސް އިމާމުންނެވެ.

[2] މިޙަދީޘު ރިވާކުރެއްވީ އިމާމު އިބްނު މާޖާއާއި އިބްނު ޚުޒައިމާއާއި އިބްނު ޙިއްބާނާއި ޙާކިމާއި ބައިހަޤީއެވެ. މުޙައްދިޘުން ވިދާޅުވަނީ މިއީ ޟަޢީފު ރިވާޔަތެއް ކަމަށެވެ.

[3] ޤުއްރާއާއި ޢުމަރުގެފާނާ ދެމެދު މިކަމާބެހޭގޮތުން ހިނގާފައިވާ ޙާދިޘާގެ ވާހަކަ ކުރިން ބަޔާންވެ ހިނގައްޖެއެވެ.

[4] މިޙަދީޘު ރިވާކުރެއްވީ އިމާމު އިބްނު މާޖާއެވެ. މިއީ ޟަޢީފު ރިވާޔަތެކެވެ.

[5] މިބަސްފުޅު ރިވާކުރެއްވީ އިމާމު އިބްނު މުންޛަރު، އަލްއައުސުޠު (4/182) ގައެވެ. އަދި އައްޠަބަރާނީ (9/300) އެވެ. އެއީ އަލްޤާޟީ ޝަރީކުގެ ގެންނެވި މަގުން އަބޫ އިސްޙާޤުގެ އަރިހުން، މަޢުދީ ކަރިބުގެ އަރިހުންނެވެ. އެކަލޭގެފާނު ވިދާޅުވެފައިވަނީ كَانَ عَبْدُ اللَّهِ يَكْرَهُ الصَّلاَةَ بَيْنَ الأَسَاطِينِ لِلْوَاحِدِ وَالإِثْنَيْنِ فَأَمَّا إِذَا كَثُرُوا فَلاَ بَأْسَ މާނައީ: އެކަކު ނުވަތަ ދެމީހުން ދެތަނބު ދޭތެރޭ ނަމާދު ކުރުމީ ޢަބްދު ﷲ އިބްނު މަސްޢޫދު ރުހިވަޑައި ނުގަންނަވާ ކަމެކެވެ. ނަމަވެސް އެއަށްވުރެ ގިނަ މީހުން ނަމާދު ކުރުމަކުން މައްސަލައެއް ނެތެވެ. މިއެވެ. އިބްނު މުންޛަރު ވިދާޅުވެފައި ވަނީ މިބަސްފުޅުގެ ސަނަދުގައި ޟަޢީފު ރާވީއެއް ވާކަމަށެވެ. އަދި އެއީ މުންކަރެއް ކަމަށެވެ.

[6] މިޙަދީޘު ރިވާކުރެއްވީ އިބްނު ޚުޒައިމާއާއި އިބްނު ޙިއްބާނާއި ޙާކިމާއި ބައިހަޤީއެވެ.

[7] އަބޫ ޙާތިމު އައްރާޒީ الْجَرْحُ وَالتَّعْدِيلُ (9/94) ގައި ވިދާޅުވެފައިވަނީ “رَوَى عَنْهُ جَمْعٌ وَهُوَ مَجْهُولٌ” (ހާރޫނުގެ ކިބައިން ވަރަށްގިނަ ބޭކަލުންވަނީ ޙަދީޘު ރިވާކުރަށްވާފައެވެ. ނަމަވެސް އޭނާއަކީ މަޖްހޫލު ރާވީއެކެވެ.) އަދި އިމާމު އިބްނުލްމަދީނީ ވިދާޅުވިކަމަށް ބުޚާރީގެ ޝަރަޙާގައި (4/59) އިމާމު އިބްނު ރަޖަބުގެ ކިބައިން އިބްނު ޙަޖަރު ވިދާޅުވެފައިވަނީ اِسْنَادُهٌ لَيْسَ بِالصَّافِي قَالَ: وَأَبُو مُسْلِمُ هَذَا مَجْهُولٌ ، وَكَذَا الذَّهَبِي فِي الْمِيزَانِ (މިޙަދީޘުގެ ސަނަދަކީ ސާފު ސަނަދެއް ނޫނެވެ. އެހެނީ މިރިވާޔަތުގައި މިވާ އަބޫ މުސްލިމަކީ ކާކުކަން ނޭގޭ މަޖްހޫލު ރާވީއެކެވެ. އިމާމު އައްޛަހަބީ އަލްމީޒާނުގައި ވެސް ވިދާޅުވެފައި ވަނީ މިފަދައިންނެވެ.) އަދި އިމާމު އިބްނު ޙަޖަރު އައްތަޤްރީބުގައި  އޭނާއަކީ މަސްތޫރު ރާވީއެއް ކަމުގައި ނަގުލު ކުރަށްވަމުން ވިދާޅުވެފައި ވަނީ، އިމާމު އިބްނު ޙިއްބާނު އޭނާއަކީ “ޘިޤާ” ރާވީ އެއްކަމުގައި ވިދާޅުވި ކަމުގައި ވިއަސް އަޞްލުގައި މިޙަދީޘަކީ  ޟަޢީފު ޙަދީޘެކެވެ. (އައްތަޤްރީބު: 7/581)

[8] މިޙަދީޘު ރިވާކުރަށްވާފައި ވަނީ އިމާމު ތިރުމިޛީ (212) އާއި އަބޫދާއޫދު (576) އާއި ނަސާއީ (812) އާއި އަޙްމަދު (3/131) އާއި އިބްނު ޚުޒައިމާ (1568) އާއި އިބްނު ޙިއްބާން (2218) އާއި އަލްޙާކިމު (1/210) އާއި އަލްބައިހަޤީ (3/104) އާއި ޢަބްދުއްރައްޒާޤު (2489) އާއި އިބްނު އަބީ ޝައިބާ (2/369) އާއި އިބްނުލް މުންޛަރު: އަލްއައުސަޠުގައި (4/181) އާއި އަލްމަޤްދަސީ: އަލްމުޚްތާރު (3/11) ގައެވެ.

[9] މިޙަދީޘާމެދު އިމާމު ތިރުމިޛީ ވިދާޅުވަނީ މިއީ ޙަސަން، ޞައްޙަ ޙަދީޘެއް ކަމަށެވެ. އިމާމު ޙާކިމު ވިދާޅުވަނީ ޞައްހަ ޙަދީޘެއް ކަމަށެވެ. އަދި އިބްނު ޚުޒައިމާއާއި އިބްނު ޙިއްބާނާއި އަލްޙާކިމު މިޙަދީޘު ޞައްޙަކަމަށް ވިދާޅުވެފައި ވެއެވެ. އިމާމު ޛަހަބީ މިކަމަށް ތާއީދު ކުރަށްވާފައި ވެއެވެ. އަދި އިމާމު އިބްނު ޙަޖަރުވެސް އަލްފަތުޙުގައި (1/578) މިޙަދީޘު ޞައްޙަކަމަށް ވިދާޅުވެފައި ވެއެވެ.

[10] މިޙަދީޘު ނެރުއްވާފައިވަނީ އިބްނު އަބީ ޝައިބާއެވެ. އެއީ 2/369 ގައެވެ. މިއީ އޭގެ ސަނަދުގައި މަޖްހޫލު ރާވީއެއް އޮންނާތީ ޟަޢީފު ރިވާޔަތެއް ކަމުގައި މުޙައްދިޘުން ވިދާޅުވެއެވެ. އަދި އެބޭކަލުން ވިދާޅުވަނީ މިރިވާޔަތް އަނަސްގެފާނުންގެ ކިބައިން ރިވާކުރެއްވިކަމަށް ވަނީ މަޖްހޫލު ރާވީއެކެވެ. “وَعِلَّةُ هَذَا السَّنَدِ جَهَالَةٌ مَنْ حَدَّثَ هِشَامًا(މިސަނަދު ހިޝާމާ ހަމައަށް ވާޞިލުކޮށް ދިނުމުގައި މަޖްހޫލު ރާވީއެއް އޮންނާތީ، މިއީ ސަނަދުގެ ގޮތުން ބަލިކަށި ޙަދީޘެކެވެ.)

[11] މިއީ އަޚްބާރު އަޞްފަހާނު (1/218) ގައި އަބޫ ނުޢައިމު ނެރުއްވާފައިވާ ރިވާޔަތެެކެވެ. މިރިވާޔަތުގައި އަންނަ އަބޫ ހިޝާމު އައްރިފާޢީއާއި އަބޫ ސުފިޔާނު އައްސަޢުދީއާއި ދެބޭކަލުންނަކީވެސް ޟަޢީފު ރާވީން ކަމުގައި އަބޫ ނުޢައިމާއި އެނޫން މުޙައްދިޘުން ވިދާޅުވެފައި ވެއެވެ.

[12] ރިވާކުރެއްވީ އިމާމު އައްޠަބަރާނީ އަލްކަބީރުގެ (11/357) އާއި އައުޞަޠު (3/340) ގައެވެ. އަދި އަބޫ ނުޢައިމު އަޚްބާރު އަޞްބަހާން (2/192) ގައެވެ. އެބޭކަލުން ވިދާޅުވަނީ މިރިވާޔަތުގެ ސަނަދުގައި ވާ އިސްމާޢީލް އިބްނު މުސްލިމަކީ ޟަޢީފު ރާވީއެއް ކަމަށެވެ.

[13] ރިވާކުރެއްވީ އިމާމު ޢަބްދުއްރައްޒާޤާއި އިބްނު އަބީ ޝައިބާ (5/159) ގައެވެ. އަދި އިބްނުލް މުންޛަރު އަލްއައުސުޠު (4/182) ގައެވެ. އިމާމު އަލްބައިހަޤީ (3/104) ގައެވެ. އައްޠަބަރާނީ (9/300) ގައެވެ. މިބޭކަލުން ރިވާކުރަށްވާފައި ވަނީ އަބޫ އިސްޙާޤުގެ ކިބައިން މަޢުދީ ކަރުބުގެ ކިބައިންނެވެ. މިތާގައި މިވާ މަޢުދީކަރުބަކީ މަޖްހޫލު ރާވީއެކެވެ. ނަމަވެސް އިބްނު ޙިއްބާނާއި އަބޫ ޙާތިމާއި އަލްޙައިޘަމީއާއި މިބޭކަލުން ޘިޤާގެ ތެރޭގައި އޭނާ ހިމަނުއްވާފައި ވެއެވެ. އިތުރު ތަފްޞީލެއް ލިއުއްވާފައި ނުވެއެވެ. އިބްނު އަބީ ޙާތިމު އަލްޖަރްޙު ވައްތަޢުދީލުގެ (9/398) ގައި މަޢުދީ ކަރުބުގެ ވާހަކަ ގެންނަވާފައި ވެއެވެ. ނަމަވެސް އޭނާއާމެދު ޖަރުޙެއްވެސް އަދި ތަޢުދީލެއްވެސް ގެންނަވާފައި ނުވެއެވެ. އިބްނު ޙިއްބާނުގެ ބަސްފުޅަށް ބަލާއިރު އެކަލޭގެފާނު އައްޘިޤާތުގައި މަޢުދީ ކަރުބުގެ ނަންފުޅު ގެންނަވާފައި ވެއެވެ. އަދި އޭނާއާއެކު އަބޫ އިސްޙާޤު އައްސުބައިޢީ ފިޔަވައި އިތުރު ރާވީއެއް ގެންނަވާފައި ނުވެއެވެ. އަލްހައިޘަމީވަނީ އަލްމަޖްމަޢު (2/258) ގައި އޭނާގެ ސަނަދު ޙަސަނު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މައްސަލައަކީ މަޢުދީ ކަރުބުގެ ޖަހާލަތުގެ މައްޗަށް އެއްޗެއް ލިއުއްވާފައި ނުވެއެވެ. އެހެންކަމުން މަޢުދީ ކަރުބަކީ ވަކިމީހަކު ނޭގޭ މަޖްހޫލު ރާވީއަކަށްވާތީ މިސަނަދު ޟަޢީފު ވުމާމެދަކު ޝައްކެއް ނެތެވެ.

[14] މިބަސްފުޅު ރިވާކުރެއްވީ އިމާމު އިބްނު މުންޛަރު، އަލްއައުސުޠު (4/182) ގައެވެ. އަދި އައްޠަބަރާނީ (9/300) އެވެ. އެއީ އަލްޤާޟީ ޝަރީކުގެ ގެންނެވި މަގުން އަބޫ އިސްޙާޤުގެ އަރިހުން، މަޢުދީ ކަރިބުގެ އަރިހުންނެވެ. އެކަލޭގެފާނު ވިދާޅުވެފައިވަނީ މިއެވެ. އިބްނު މުންޛަރު ވިދާޅުވެފައި ވަނީ މިބަސްފުޅުގެ ސަނަދުގައި ޟަޢީފު ރާވީއެއް ވާކަމަށެވެ. އަދި އެއީ މުންކަރެއް ކަމަށެވެ. ކުރީގައި ބަޔާންވެދިޔަ އިބްނު މަސްޢޫދުގެ ބަސްފުޅާ މިބަސްފުޅާ އެބަ ފުށުއަރައެވެ. މިބަސްފުޅުން ދޭހަވަނީ ޖަމާޢަތުގައި މިގޮތަށް ސަފު ހެދުން ހުއްދަވެގެންވާ ކަމަށެވެ. ފުރަތަމަ ރިވާޔަތުން ދޭހަވަނީ މީގެ އިދިކޮޅަށެވެ. އެހެންކަމުން މިއިން ދޭހަވަނީ ދޭހަވަނީ އިބްނު މަސްޢޫދުގެ ރައުޔަކީވެސް ޢުމަރުގެފާނުގެ ރައުޔާ އެއްގޮތް ރައުޔު ކަމަށެވެ. އެއީ އެކަހެރިކޮށް މީހަކު ނަމާދު ކުރާއިރު ދެތަނބު ދޭތެރޭ ނަމާދު ކުރުމުން ސުތުރާއެއް ނުހުންނާތީ ތަނބާ ދިމާއަށް ހުއްޓިހުރެ ނަމާދު ކުރުމަށް އެބޭކަލުން ބުރަވެ ވަޑައިގަންނަވާ ކަމެވެ.

[15] ރަވާހު އިބްނު އަބީ ޝައިބާ

[16] ފަތުޙުލްބާރީ، ތުޙްވަތުލްއަޙްވަޛީ

[17] އަލްމުބްދިޢު، ޝަރަޙުލްމުޤްނިޢު، އަލްއިންޞާފު

[18] ޝަރަޙުއްސުއްނާ (އަލްބަޣަވީ)

[19] އިޢުލާމުލް މަސާޖިދި (އައްޒަރަކްޝީ) އަދި މުޣުނީ ޛަވިލްއަފްހާމްގެ ޝަރަޙަ، ޣާޔަތުލް މަރާމި (6/343) ގައެވެ.

[20] ރިވާކުރެއްވީ އިމާމު އިބްނު އަބީ ޝައިބާއެވެ.

[21] ރިވާކުރެއްވީ އިމާމު އިބްނު އަބީ ޝައިބާއެވެ. (370/2)

[22] ރިވާކުރެއްވީ އިމާމު ބުޚާރީއާއި މުސްލިމާއި އެނޫން މުޙައްދިޘުންނެވެ.

[23] އަލްމަޖްމޫޢޫ (193/4)

[24] އިބްނު ޤުދާމާ: އަލްމުޣްނީ، (1375/2)

[25] އެއީ ފުރަތަމަ ޞަފުގައި ބައިވެރިވެ ވަޑައިގަތުމަށް އެބޭކަލުން ބޭނުންފުޅުވާލެއް ބޮޑުކަމާ ހުރެއެވެ. އަދި އެކަމުގެ މާތްކަމާމެދު رَسُولُ اللَّه صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުން އައިސްފައިވާ އިރުޝާދުތައް ގިނަކަމާ ހުރެއެވެ. އަދިވެސް މިވާހަކަ އިމާމު އަޙްމަދުގެ އަރިހުން އިމާމު ޢަލާއުއްދީނު މަރުދާވީވެސް އެކަލޭގެފާނުންގެ ފޮތް “އަލްއަންޞާފު” ގައި މިފަދައިން ބަޔާން ކުރަށްވާފައި ވެއެވެ. قَالَ الْمَرْدَاوِي فِي اْلأَنْصَافِ (2/290): (قَوْلُهُ: “وَيَكْرَهُ لِلْمَأْمُومِينَ الوُقُوفُ بَيْنَ السَّوَارِي إِذَا قُطِعَتْ صُفُوفُهُمْ”. وَهَذَا الْمَذْهَبُ وَعَلَيْهِ الأَصْحَابُ وَهُوَ مِنَ الْمُفْرَدَاتِ وَعَنْهُ لاَ يَكْرَهُ لَهُمْ ذَلِكَ كَالإِمَامِ وَكَالْمِنْبَرِ. تَنْبِيهٌ: مَحَلُّ الْخِلاَفِ إِذَا لَمْ تَكُنْ حَاجَةٌ فَإِنْ كَانَ ثِمَ حَاجَةٍ لَمْ يَكْرَهُ الْوُقُوفُ بَيْنَهُمَا). މާނައީ: އިމާމު އަލްމަރްދާވީ ވިދާޅުވެފައި ވެއެވެ. އިމާމު އަޙްމަދު ވިދާޅުވާ ގޮތުގައި ސަފު މެދު ކެނޑޭ ގޮތަށް ތަނބުތަކުގެ ދޭތެރޭ ނަމާދަށް ކޮއްޅަށް ހުރުމަކީ މަކުރޫހަ ވެގެންވާ ކަމެކެވެ. ދެން މަރުދާވީ ވިދާޅުވެފައި ވެއެވެ. މިމައްސަލާގައި މަޛްހަބަކީ މިއީއެވެ. އަދި މަޛްހަބުގެ އިމާމުންގެ ބަސްފުޅަކީވެސް މިއީއެވެ. ނަމަވެސް މިއީ އެކަލޭގެފާނުންގެ ރައުޔުތަކުގެ ތެރެއިން އެއް ރައުޔެވެ. އަދި އެކަލޭގެފާނުގެ އަރިހުން އައިސްފައިވާ އަނެއް ބަސްފުޅަކީ އެއީ މަކުރޫހަކަމެއް ކަމަށް އެކަލޭގެފާނު ދެކެވަޑައި ނުގަންނަވާ ކަމެވެ. އެއީ އިމާމު މީހާއަށް އެކަން މަކުރޫހަ ނުވާ ފަދައިން ނެވެ. އަދި ސަފުގައި މިސްކިތުގެ މިންބަރު ހުންނަ ފަދައިންނެވެ. ދަންނާށެވެ! މިތާގައި އޮތް ޚިލާފަކީ މަކުރޫހަ ވަނީ އެކަމަށް ބޭނުމެއް ނުޖެހޭ ޙާލަތުގައެވެ. ކޮންމެއަކަސް ޢުޛުރާ ލައިގެން ދެތަނބު ދޭތެރޭ ސަފު ހެދުމަކީ މަކުރޫހަ ކަމެއް ނޫނެވެ. މިއެވެ.

[26] މިޙަދީޘު ރިވާ ކުރެއްވީ އިމާމު އަބޫ ދާއޫދާއި ނަސާއީއެވެ. ޢައުނުލް މަޢުބޫދުގެ މުޞައްނިފު ވިދާޅުވެފައިވަނީ މިއީ މުސްލިމުގެ ޝަރުޠާ އެއްގޮތް ޞައްޙަ ރިވާޔަތެއް ކަމަށެވެ.

[27] މިތާގައި ދެސަފު ދޭތެރެ ކައިރި ކުރުމުގެ މާނައެއް ކަމުގައި މުއްލާ އަލީ ޤާރީ އަލްމިރްޤާތުގައި ވިދާޅުވެފައިވާ ކަމަށް އަބޫދާއޫދުގެ ޝަރަޙަ ޢައުނުލް މަޢުބޫދުގެ މުޞައްނިފު، ވިދާޅުވެފައިވަނީ (وَقَارِبُوا بَيْنهَا) ގެ މުރާދަކީ ސަފުތައް ގާތްކުރުމެވެ. އެއީ ދެސަފު ދޭތެރޭގައި އެހެން ސަފެއް ނެހެދޭހާ މިންވަރަށެވެ. ދެސަފު ދޭތެރޭ އެހެން ސަފެއް ނެހެދޭ މިންވަރަށް ސަފު ގާތް ކުރުމުގެ މުރާދެއް ކަމުގައި އިމާމު ޝާފިޢީގެ އަރިހުން ނަގުލު ކުރަށްވައި އިމާމު ނަވަވީ ވިދާޅުވެފައިވަނީ އެއީ ދެސަފު ދޭތެރާގައި ތިން މުށަށް ވުރެން ދުރު ނުކުރުމެވެ. ނަވަވީ ވިދާޅުވެފައި ވެއެވެ. بِحَيْثُ لاَ يَكُونُ بَيْنَهُمَا أَكْثَرُ مِنْ ثَلاَثِ أَذْرُعٍ وَالثَّلاَثَةُ لِلتَّقْرِيبِ. قَالُوا: فَلَوْ زَادَ عَلَيْهَا مَا لاَ يَبِينُ فِي الْحِسِّ لَمْ يَضُرَّ وَهَذَا الْقَدْرُ هُوَ الْمَشْرُوعُ بَيْنَ الصَّفَّيْنِ فِي كُلِّ حَالٍ، وَمَعْنَاهُ أَنَّ السُّنَّةَ أَنْ لاَ يُزَادَ مَا بَيْنَهُمَا عَلَيْهِ  އަލްމަޖްމޫޢު (197/4) މާނައީ: އެއީ އެދެސަފު ދޭތެރޭ ތިން މުށެއްހައި މިންވަރަށް ވުރެ އިތުރަށް ނުބެހެއްޓުމެވެ. ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. މިމިންވަރަށް ވުރެން ބޮޑަށް އަޅައި ނުގަންނަ ވަރަށް ތަންފުކެއް އިތުރުވެގެން ދިޔައަސް އެއީ މައްސަލައެއް ނޫނެވެ. ކޮންމެއަކަސް ކޮންމެ ޙާލެއްގައި ވިއަސް ދެސަފު ދޭތެރޭ ހުންނަން ޖެހޭ މިންވަރަކީ މިއީއެވެ. އޭގެ މުރާދަކީ ސުއްނަތް ގޮތަކީ މިމިންވަރަށް ވުރެން ދެސަފު ދޭތެރެއަށް އިތުރުވިޔަ ނުދިނުމެވެ.

[28] އައްޞައްފު ސޫރަތް: (4)

[29] މިޙަދީޘު ރިވާ ކުރެއްވީ އިމާމު ޝާފިޢީއާއި އަޙްމަދާއި ބުޚާރީއާއި މުސްލިމާއި ތިރުމިޛީއާއި ނަސާއީއެވެ.

(ނުނިމޭ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment