ގަނޑުވަރު ތުއްތުދީދީއަކީ ދިވެހިރާއްޖޭގައި މަތިންދާބޯޓެއް ބަންނަވައިގެން އުދުއްސެވި ހުނަރުވެރި އެއް  ރޭގަނޑުގެ ދަންވަރު ނިދާފައި ތިބި މީހުންނަށް ހޭލެވުނީ ވަރަށް ބާރު އަޑެއް އިވިގެންނެވެ. އެއީ އިންޖީނެއްގެ އަޑެވެ. ބައެއް މީހުން ތިބީ ބިރުންނެވެ. ބައެއް މީހުން މަޑުމަޑުން ގެއިން ބޭރަށް ނުކުމެ ބަލައިލިއެވެ. ބޭރުން ފެނުނު މަންޒަރަކީ ވަރަށް އާދަޔާ ޚިލާފު މަންޒަރެކެވެ. ދެ ފިޔަ ލާފައި ހުރި ދޯންޏެއް ހިތަދޫގެ ބޮޑު މަގުގައި އޮވެގެން ދުވަނީ އެވެ.  އެއީ ގަނޑުވަރު ތުއްތުދީދީ ހެއްދެވި މަތިންދާބޯޓެވެ.…

ގަނޑުވަރު ތުއްތުދީދީއަކީ ދިވެހިރާއްޖޭގައި މަތިންދާބޯޓެއް ބަންނަވައިގެން އުދުއްސެވި ހުނަރުވެރި އެއް

20170217_222006 ރޭގަނޑުގެ ދަންވަރު ނިދާފައި ތިބި މީހުންނަށް ހޭލެވުނީ ވަރަށް ބާރު އަޑެއް އިވިގެންނެވެ. އެއީ އިންޖީނެއްގެ އަޑެވެ. ބައެއް މީހުން ތިބީ ބިރުންނެވެ. ބައެއް މީހުން މަޑުމަޑުން ގެއިން ބޭރަށް ނުކުމެ ބަލައިލިއެވެ. ބޭރުން ފެނުނު މަންޒަރަކީ ވަރަށް އާދަޔާ ޚިލާފު މަންޒަރެކެވެ. ދެ ފިޔަ ލާފައި ހުރި ދޯންޏެއް ހިތަދޫގެ ބޮޑު މަގުގައި އޮވެގެން ދުވަނީ އެވެ.

 އެއީ ގަނޑުވަރު ތުއްތުދީދީ ހެއްދެވި މަތިންދާބޯޓެވެ. އެ ބޯޓަކީ ގަޑިއަކު އަށްޑިހަ ފަސް މޭލުގެ ބާރު މިނުގައި ދުވާ ބޯޓެކެވެ. ބޯޓު ހައްދަވަން ދިމާވީ ހާދިސާ ތުއްތުދީދީ އަޅުގަނޑުމެންނަށް ކިޔައި ދެއްވި އެވެ.

 “އަޅުގަނޑު އެ ދުވަސްވަރު އުޅުނީ ގަމުގެ ވަޒީފާއެއްގައި- އަޅުގަނޑުގެ ދާއިރާއަކީ މެކޭނިކަލް ދާއިރާ- އެއް ދުވަހަކު ގަމުގެ ވެރިއަކަށް ހުރި އިނގިރޭސި މީހާ އައިސް އަޅުގަނޑު ގާތު ކިޔައިފި- މިއަދު އައި މަތިންދާބޯޓަކުން ދެތިން އޮފްސަރުން އަތުވެއްޖެއޭ- އެ މީހުން އައި ބޯޓު ރަންވޭ މަތީގައި އެބައޮތޭ- ތުއްތުދީދި ކޮށްދޭންވީ ކަމަކީ އެ ބޯޓު އޮތް ގޮތަށް ފުޅިމަދުން ތިން ފޫޓު ހުންނަ ވަރުގެ ބޯޓެއް ހަދައި ދޭންވީއޭ- އަޅުގަނޑު ބުނެފިން އާނއެކޭ-“

       ތުއްތުދީދީ އާނއެކޭ ވިދާޅުވީމާ ރަންވޭ މަތީގައި ކުޑައެއް ޖަހައި، މޭޒަކާއި ފުޅިމަދު ކަޓަރާއި މިނޫނަސް ބޭނުންވާ އެއްޗެހި ގެނެސް ދީފި އެވެ. ތުއްތުދީދީ މަސައްކަތް ފެށްޓެވި ގޮތަށް ހައެއްކަ ގަޑި އިރުގެ ތެރޭގައި ބޯޓު ހައްދަވައި ނިންމަވައި ލެއްވި އެވެ ރަންވޭ މަތީގައި އޮތް އަސްލު ބޯޓާއި ތުއްތުދީދީ ހެއްދެވި ބޯޓަކާ އެއްވެސް ތަފާތެއް ނެތެވެ.

“އޭނާ އަޅުގަނޑަށް ބޯޓުގެ އެތެރެވެސް ދެއްކި- ހުރިހައި ތަނެއް ބަލައި ނިމުނީމާ އަޅުގަނޑުގެ ހިތަށް އެރި- މި ކަހަލަ ބޯޓެއް ބަނދެލުމަކީ އެއްވެސް ކަމެއް ނޫނޭ- މިއަކު މާ ބޮޑު މަސައްކަތެއް ނެތޭ-“

ފުރަތަމަ ވެސް ކުރެއްވި ކަމަކީ މަތިންދާބޯޓު ބަންނަވަން ބޭނުންފުޅުވާ އެއްޗެހި އެއް ކުރެއްވުމުގެ މަސައްކަތެވެ. ލަކުޑިއާއި މޮހޮރާއި ދަނގަޑާއި މި ނޫނަސް ބޭނުންވާ އެއްޗެހި އެއްކުރެއްވުމަށް ފަހު މަސައްކަތް ފެށްޓެވީ މެންދުރުގެ ވަގުތުގައެވެ. ތުއްތުދީދީ ވިދާޅުވި ގޮތުގައި ރޭގަނޑު އަށެއް ޖެހި އިރު ބޯޓުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައި ބެންނެވިއްޖެއެވެ. ބޯޓުގެ މަސައްކަތް މުޅީން ނިންވައި ލެއްވުނީ ފަސް ދުވަހުންނެވެ.

 ދެން އޮތީ ބޯޓުގައި އަޅާނޭ އިންޖީނުގެ މައްސަލަ އެވެ. މި މައްސަލަ ޙައްލު ކުރެއްވުމަށް ޓަކައި ތުއްތުދީދީ ގަމުގެ އިސް ވެރިންނާ ވާހަކަފުޅު ދެއްކެވިއެވެ. އެ ދުވަސްވަރު ގަމުގައި ތިބި އިނގިރޭސިންގެ ކޮމާންޑަރަކަށް ހުރި މީހާ ތުއްތުދީދީއަށް އިންޖީނެއް ދެއްވާނޭ ކަމަށް ބުނެފިއެވެ.

ތުއްތުދީދީ ހިނިފުޅުވަޑުވާ ލައްވާފައި ވިދާޅުވިއެވެ. “އޭނާ އަޅުގަނޑަށް ދިނީ ވިނަ ކޮށާ މެޝިނެއްގެ އިންޖީނެއް-” މިހެން ވިދާޅުވެފައި ތުއްތުދީދީ އަޅުގަނޑުމެންނަށް ދައްކަވައިލައްވާން ވެގެން ހެއްދެވި މޮޑެލް ބޯޓުގެ ކުރީގައި ބުރަފަތި ހަރުކޮށްފައި ހުރި ތަނަށް އިޝާރާތް ކޮށްލައްވާފައި ވިދާޅުވިއެވެ. “އަޅުގަނޑު އިންޖީނު ހަރުކުރީ މި ތާނގައި- ހަދާފައި ހުންނާނީ އެތެރެއަށް ވަދެގެން އިންޖީނާ ކުޅެވޭ ކަހަލަ ގޮތަކަށް-“

 މަތިންދާ ބޯޓު މުޅީން ނިމުނީމާ ފުރަތަމަ ދުއްވެވީ ހިތަދޫގެ ބޮޑު މަގުގައި އެވެ. ގަޑިއަކު އަށްޑިހަ ފަސް މޭލުގެ ބާރު މިނުގައި ދުވާ އެއްޗަކަށް ވާތީ މަގުމަތީގައި މީހުން އުޅޭ ވަގުތެއްގައި ބޯޓު ދުއްވެވޭކަށް ނެތެވެ. އެއީ ބުރެކި ހުންނަ އެއްޗަކަށް ނުވާތީ މީހަކު ނުވަތަ ކުޑަ ކުއްޖަކު ކުރިމައްޗަށް އެރިޔަސް މަޑު ކުރެވޭނެ ގޮތެއް ނޯންނާނޭ ކަމަށް ތުއްތުދީދީ ވިދާޅުވިއެވެ. ދަންވަރު މީހުން ނިދައި ފައިހިލަވަޅު އޮބުނީމާ ދުއްވަވަނީ އެހެން ވެގެންނެވެ.

“ހަވީރު ދުއްވަން ހުއްދަ ދެއްވާތޯ އަޅުގަނޑު އަތޮޅުވެރިންނަށް ދެންނެވިން- އަތޮޅުވެރިން ވިދާޅުވީ އެހައި ބާރަށް ދުވާ އެއްޗެއް މީހުންގެ ތެރޭގައި ދުއްވާކަށް ހުއްދައެއް ނުދެވޭނެއޭ-“

އަތޮޅުވެރިންގެ ޖަވާބު އައީ ތަންކޮޅެއް ބާރަށެވެ.

ތުއްތުދީދީ ދެންނެވި އެވެ. “އެހެން ވެއްޖެއްޔާ ބޯޓު ދުއްވާ ގަޑީގައި މީހުން ގޭގައި ބަންދުކޮށްދެއްވާ-“

އަތޮޅުވެރިން ޖަވާބުގައި ވިދާޅުވިކަމަށް ވެއެވެ. “ކަލޭ ކުޅިވަރު ކުޅެން ރަށުގެ ރައްޔިތުން ގޭގައި ބަންދު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން-“

އެއްގަމުގައި މީހުންނަށް ފެންނަ ގޮތަށް ބޯޓު ދުއްވެވެން ނެތީމާ ދެން ތުއްތުދީދީ ޚިޔާލުފުޅު ކުރެއްވީ މޫދުގައި ދުއްވަވާށެވެ. ބޯޓު ބަންނަވާފައި ވަނީ އެއްގަމުގައި ދުއްވާ ގޮތަށެވެ. އާދެ،ފުރޮޅު ލާފައެވެ. އެހެންވީމާ ދެން ޖެހިވަޑައިގަތީ ބޯޓު މުޅީން ބަދަލު ކޮށްލައްވައިގެން ބޯޓު ބާލުއްވައި ފުރަތަމަ ދުއްވެވި ނުވަތަ އުދުއްސެވި ދުވަހަކީ ފާހަގަ ކުރެވޭ ދުވަހެއް ކަމަށް ތުއްތުދީދީ ވިދާޅުވިއެވެ.

“އަސްތާ އެ އޮތީވާ ދުވަހެއް- ބަލިވެ އެނދުގައި އޮތް މީހަކުވެސް ގެއަކު ނެތް- ރަށުގެ ހުރިހައި ރައްޔިތުން އޮތީ އަތިރި މައްޗަށް އެއްވެފައި-” ތުއްތުދީދީ އެ ދުވަސް ހަނދުމަފުޅަށް ގެންނަވަމުން ވިދާޅުވިއެވެ.

މޫދުގައި ބޯޓު ދުއްވަވާށާއި މައްޗަށް އެރުވުމުގެ ހުއްދައަށް އެދި ވަޑައިގެން ތުއްތުދީދީ ލިޔުއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރަށެވެ. ނާޞިރު އޭނާއަށް އެ ކަމަށް ހުއްދަ ދެއްވިއެވެ.

“އެކަމަކު  އަޅުގަނޑަށް އަންގަވާފައި އޮތީ ބޯޓުގައި ތިބެން ވާނީ ކަލެއަށް ވާރުތަ އަރާ މީހުން އެކަންޏޭ- އެހެން މީހަކު އަރުވައިގެން ނުވާނެއޭ- ދުއްވަން ވާނީ އޮޑި ދޯނި ފަހަރު ނެތް ތަނެއްގައޭ- ފަންސާސް ފޫޓަށް ވުރެ މައްޗަށް އަރައިގެން ނުވާނެއޭ- ރުކެއްގެ މަތީން، ގަހެއްގެ މަތީން ނުވަތަ ގެއެއްގެ މަތީން އުދުއްސައިގެން ނުވާނެއޭ-” ތުއްތުދީދީ ވިދާޅުވިއެވެ.

ފުރަތަމަ ފްލައިޓްގެ ނަސީބު އެހައި ގަދައެއް ނުވިއެވެ. މައްޗަށް އެރި ތަނާ އެއް ފިޔަ ބިންދައިގެން ހިނގައްޖެއެވެ. މަންޒަރު ބަލަން އެއްވެފައި ތިބި މީހުންގެ އުއްމީދު ކެނޑޭ ގޮތް ވާން ފަށައިފިއެވެ. އެ ވަގުތު އެންމެ ބޮޑު އެހީތެރިކަމެއް ލިބިވަޑައިގަތީ ފިލައްދޫ ޙުސައިން މަނިކުގެ ފަރާތްޕުޅުން ކަމަށް ތުއްތުދީދީ ވިދާޅުވިއެވެ. ފިޔަގަނޑު ހަދަން ގަމަށް ދިޔަ ލޭންޑްރޯވަރު ދެއްވެވީ އޭރު ގަމުގައި ތިބި ސިފައިންގެ ވެރިއަކަށް ހުންނެވި ފިއްލަދޫ ޙުސައިން މަނިކެވެ. އެ ދުވަސްވަރު ގަން ބެލެހެއްޓެވުމާ ޙަވާލުވެ ވަޑައިގެން ހުންނެވި އަލްމަރްހޫމް ޢަލީ ޙުސައިން ދީދީއެވެ. ތުއްތުދީދީ ވިދާޅުވި ގޮތުގައި މިދެ ބޭފުޅުންގެ އެހީފުޅު އޭނާއަށް ވަރަށް ބޮޑަށް ލިބިވަޑައިގަތެވެ.

“މީހަކު އެހައި ބާރަށް އެއްޗެއް ދުއްވިތަން އަޅުގަނޑު ދުވަހަކުވެސް ނުދެކެން.” ތުއްތުދީދީ ޖޯޝާ އެކު ވިދާޅުވި އެވެ.

މާގިނަ އިރުތަކެއް ނުވެ ފިޔަގަނޑު ހަދައިގެން ގެނެސްފި އެވެ. އާދެ، ރާއްޖޭގެ ފުރަތަމަ ފްލައިޓް ބޭއްވުނު ދުވަހަކީ އެއީއެވެ. ދިވެއްސަކު އަމިއްލަ އަށް ހެދި މަތިންދާބޯޓެއް ފުރަތަމަ އުދުހުނު ދުވަހަކީ ވެސް އެއީ އެވެ. އެ ބޯޓުގެ ޕައިލެޓަކީ ތުއްތުދީދީއެވެ.

” މާ ދުރަށްދާކަށް އަޅުގަނޑަކަށް ނުކެރުނު- ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑަކީ ޕައިލަޓަކަށް ނުވާނެއެއް ނޫންތޯ-؟ އެހެންވީމާ މާ ގިނަ އިރަކު ނުދުއްވަން-“

މަތިންދާބޯޓުގެ ވާހަކަތައް ފިއްލަދޫ ޙުސައިން މަނިކަށް ދަންނަވައިގެން އޮޅުން ފިލުވުމަށް ތުއްތުދީދީ ވަރަށް ބޮޑަށް ބާރު އެޅުއްވިއެވެ. “އަޅުގަނޑުގެ ވާހަކަ އަޅުގަނޑު ކިޔައި ދިނުމަށް ވުރެ އެހެން މީހަކު ކިޔައި ދިނީމާ މާ ރަނގަޅު ވާނެއެއް ނޫންތޯ؟” ތުއްތުދީދީ ވިދާޅުވިއެވެ.

އަޅުގަނޑުމެން ފިއްލަދޫ ޙުސައިން މަނިކަށް ދަންނަވާލީމާ އޭނާ ވިދާޅުވެ ދެއްވި ވާހަކަޔާއި ތުއްތުދީދީގެ ވާހަކަފުޅަކާ އެއްވެސް ތަފާތެއް ނެތެވެ.

އިނގިރޭސިން ގަމުން ފޭބީމާ ސަރުކާރުން އަޅުގަނޑު އެ ތަނަށް ފޮނުއްވީ ސިފައިންގެ އިސް މީހެއްގެ ގޮތުގައި- އަޅުގަނޑު ދިޔަ އިރު ތުއްތުދީދީ އެ ބޯޓު ބަންނަވައިފި- އޭރު އުޅުއްވަނީ އުދުއްސަވަން ހުއްދަ ލިބިވަޑައި ނުގަންނަވައިގެން- ރައީސް ނާޞިރަށް ސިޓީއެއް ފޮނުވާށޭ ދެންނެވީ އަޅުގަނޑު- އެ ވިދާޅުވާ ދުވަހު ބޯޓުގެ ފިޔަގަނޑު ހަދަން ގަމަށް ތުއްތުދީދީ ގޮވައިގެން ދިޔައީ ވެސް އަޅުގަނޑު- ފިއްލަދޫ ޙުސައިން މަނިކު ވިދާޅުވިއެވެ.

ތުއްތުދީދީ ބެންނެވި މަތިންދާބޯޓު އުދުހުނީ އެންމެ ދުވަހަކު އެވެ.

“އަޅުގަނޑު އެ ބޯޓު ރޫޅާލީ- އެއީ އެއްވެސް މީހެއްގެ އެހީތެރިކަމެއް އެއްބާރުލުމެއް ލިބުނު ކަމަކަށް ނުވި- އަޅުގަނޑުގެ މަސައްކަތް ފާހަގަ ކުރި މީހަކުވެސް ނެތް- އެހެންވީމާ އެ ކަހަލަ ކަންކަމާއިގެން ކުރިއަށް ދިއުމުގެ ހިތްވަރު ކެނޑުނީ- އަޅުގަނޑު ކުރީ އަކީ ހަމައެކަނި މަތިންދަބޯޓުގެ މަސައްކަތެއް ނޫން- މި ކަހަލަ ކިތަންމެ އެއްޗެއް އީޖާދު ކޮށްފައި ހުންނާނެ-“

ތުއްތުދީދީ ނޯޓު ފޮތެއް ނަންގަވައި އެއަށް ބައްލަވައި ލެއްވިއެވެ. އެއަށްފަހު އޭނާގެ އީޖާދުތައް އަޅުގަނޑުމެންނަށް ކިޔުއްވައި ދެއްވާން ފެށްޓެވިއެވެ.

20170217_221851އޭނާގެ އީޖާދުތަކުގެ ތެރޭގައި ތެލުގެ ބޭނުން ނުކޮށް ބުރަފަތީގެ ނުވަތަ ވައިގެ ބޭނުން ކޮށްގެން ދުއްވާ ދޯންޏެއް ހިމެނެއެވެ. މި ދޯނީގައި ކުނބެއް ކަހަލަ އެއްޗެއްގެ ކުރީގައި ބޮޑު ބުރަފައްޗެއް ހަރު ކުރެއްވިއެވެ. އެ ބުރަފަތި އެނބުރުނީމާ ދޯނީގެ ފަށަނުގައި ހަރުކޮށްފައި ހުންނަ ކުޑަ ބުރަފަތި އެނބުރެނީ އެވެ. ދޯނި ދުއްވާ ގޮތަކީ އެއީ އެވެ.

އޭނާ ވަނީ މަސް ކަނޑާ މެޝިނެއްވެސް ހައްދަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި މެޝިނަކީ ދިވެހިން މަސް ކަނޑައި އުޅޭ ގޮތަށް ކަރު އެޅިގެން، ކަށިފަތި ވަކިވެގެން، ބަނޑައިދޫ ކެނޑިގެން ދާ މެޝިނެކެވެ.

“މި މެޝިނުން ދެ ސިކުންތުން މަހެއް ކަނޑައިދޭނެ- ބޮޑު ހިބަރެއް ލެއްވިޔަސް އެއްވެސް މައްސަލައެއް ނުޖެހޭނެ-” ތުއްތުދީދީ ވިދާޅުވިއެވެ.

ތުއްތުދީދީގެ ބިނާ ކުރުވަނިވި މަސައްކަތްޕުޅުތަކުގެ ތެރޭގައި ގަމާއި ފޭދޫއާ ދެމެދު އޮންނަ ފާލަން ދިއްލުން ހިމެނެއެވެ. މި ފާލަން ދިއްލަން އޭނާ ކަރަންޓު ނެންގެވީ ދެ ރަށް ދޭތެރޭގައި ހިނގާ އޮއިވަރުންނެވެ. އޭނާ ހެއްދެވި “ޕަވަރ ޖެނެރޭޓަރ” އަކީ ދިޔަވަރު ހިކުނަސް މަސައްކަތް ކުރާ ގޮތަށް ހެއްދެވި އެއްޗެކެވެ.

މީގެ އިތުރަށް އާދަޔާ ޚިލާފު ގޮތަކަށް ހެއްދެވި ކީހަކާއި ގޭހުން ކަރަންޓު އުފައްދާ ޖަނަރޭޓަރެއް ހިމެނެއެވެ. މިޖަނަރޭޓަރަށް ބޭނުންވާ ގޭސް އުފައްދަނީވެސް ހަމަ މި ޖަނަރޭޓަރުންނެވެ.

ތުއްތުދީދީ ހެއްދެވި މަތިންދާބޯޓައި އެހެން އީޖާދު ތަކުގެ ވާހަކަ ގަމުގައި އިނިގިރޭސިން ނެރުނު ނޫހެއްގައިވެސް ޖެހި ކަމަށް ތުއްތުދީދީ ވިދާޅުވިއެވެ.

“އެ ނޫހުގައި އަޅުގަނޑުގެ ވާހަކަ ޖަހާފައި އޮތް މަޒުމޫނުގެ ސުރުޚީ އަކަށް އޮތީ “އާރމް އޮފް މޯލްޑިވްސް” މާނައަކީ ދިވެހިރާއްޖޭގެ މުލައްދަނޑި-” ތުއްތުދީދީ އަމިއްލަ މުލައްދަނޑިފުޅުގައި ޖައްސަވައި ލެއްވިއެވެ.

މިހާރު ތުއްތުދީދީގެ އުއްމީދަކީ ސަރުކާރުގެ ވަޒީފާއެއް އަދާ ކުރެއްވުމެވެ.

“އަޅުގަނޑު ބޭނުން ވަނީ މާލޭގައި ހުރެވޭގޮތް ވެއްޖެއްޔާ ސަރުކާރުގެ ވަޒީފާއެއް އަދާ ކުރަން- މި ކަހަލަ މަސައްކަތް ކުރަން (ސަރުކާރުން) އަޅުގަނޑު ބަހައްޓަވައިފިއްޔާ މަހަކު ދެ އީޖާދު ކުރާނަން-” ތުއްތުދީދީ ވަރަށް ބޮޑު އިތުބާރަކާއެކު ވިދާޅުވި އެވެ. ތުއްތުދީދީގެ މިހާރުގެ ޢުމުރުފުޅަކީ ކޮބައިތޯ ދަންނަވައިލީމާ ވިދާޅުވިއެވެ. “ސިކްސްޓީ ފައިވް-” އާދެ، އޭނާގެ މިހާރުގެ ޢުމުރުފުޅަކީ ފަންސަހައްޓި އަހަރެވެ.

____________________________________

އިދާރީ ނޯޓެއް:

       މިލިޔުން ނަކަލުކޮށްފައި މިވަނީ، 31 ޑިސެންބަރު 2003 ގައި ނުކުތް “ކުރިފަސް” މަޖައްލާއިންނެވެ. ލިޔުއްވާފައިވަނީ، ޢަބްދުﷲ ނަޢީމް އިބްރާހީމާއި މޫނިސާ ޢީސާއެވެ.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. އަޙްމަދު ޝިޔާމު

    އުފެއްދުން ތެރި ހުނަރުވެރިންނަކީ މިރާއްޖޭގައި މަދު ބަޔަކެވެ. ތުއްތިދީދީއަށް ޓަކައި މުޅިގައުމުވެސް ފަޚުރުވެރި ވުން ހައްގެވެ. އަގުވަޒަން ނުކުރެވި ތިބި މިފަދަ މީހުންގެ އަގު ވަޒަން ކޮށް އެމީހުންނަށް ހިތްވަރު ދިނުމީ ފަރުދީ ފެންވަރުގައިވެސް ކުރަންޖެހޭ ވަރަށް ބޮޑު ކަމެކެވެ. ތުއްތުދީދީ ދުނިޔޭގައި ހުުންނެވި ނަމަ މިއަދުވެސް ކުރެވިދާނެ ވަރަށް ގިނަ ކަންތައް އެބަހުއްޓެވެ. ތުއްތުދީދީގެ ތަޖުރިބާ ހިއްސާ ކުރުމަށް އައްޑު އަތޮޅުގެ ސްކޫލް ތަކުން އިސްނަގައި ގެން މައުލޫމާތު ދިނުމުގެ ބަައްދަލު ވުންތައް ބޭއްވި ދާނެއެވެ. އަދި ސްކޫލްތަކުން ބާއްވާ މައުރަޒުތަކުގެ ވަނަ ތަކަށް އިނާމު ދިނުމުގައި ވެސް ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ތުއްތުދީދީ ބައިވެރި ކުރެވި ދާނެއެވެ.

    (4)(0)
Leave Comment