އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ
1988 ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ޙަމަލާގައި ޒަޚަމްވި މީހުންނަށް އެހީތެރިވި ހިތްވަރުގަދަ ކުއްޖަކީ ކޮން ބޭފުޅެއްތޯ ސުވާލުކޮށްލައިފިނަމަ ހަމަ ގައިމުވެސް އެމީހަކީ ގ. ކުދިވިނަ ޙުސައިން ނަދުވީކަން ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ.


ޙުސައިން ނަދުވީ އަކީ، ދިވެހި ރައްޔިތުންނަށާއި ދިވެހި ޤައުމަށް ވަރަށް އަގުހުރި ޚިދުމަތެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. 1988 ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ދިވެހިންގެ ބަޔަކާ ގުޅިގެން ސްރީލަންކާގެ ތަމަޅައިންގެ ބަޔަކު ރާއްޖެއަށް ޢުދުވާނީ ޙަމަލާ ދިން އިރު ޙުސައިން ނަދުވީގެ އުމުރަކީ 13 އަހަރެވެ. އެދުވަހު ގިނިކަންޏާ މާލެ ތެރެއަށް ނުކުމެ ވަޑައިގެން ޒަޚަމްވެފައިވާ ސިފައިންނަށާއި ބައެއް ޢާއްމުންނަށް އެހީތެރިވެދެއްވިއެވެ. ޒަޚަމްވެފައިތިބި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ކުޑަކުއްޖެގެ ގޮތުގައި ހުރެ، ލޭ ހަދިޔާކުރިއެވެ.
ނޮވެމްބަރު 3 ވަނަ ދުވަހުގެ  ހަނދާންތައް އާކުރައްވަމުން ނަދުވީ ވިދާޅުވެފައިވަނީ އެދުވަހު އޭނާ ހުންނެވީ ނުގުޑާފަދަ އަޒުމެއްގައި ކަމަށެވެ.  އެއީ ދުވަހަކުވެސް އޭނާގެ ހިތްޕުޅުން ފިލައިގެންދާނެ ދުވަހެއް ނޫންކަމުގައެވެ. އެދުވަހު ހެނދުނު އޭނާ ގެއިން ނިކުމެވަޑައިގަތީ ސާބިތުކަމާއެކުގައެވެ.
”އެދުވަހު މާލެތެރޭގައި ހިނގަމުން ހިނގަމުންގޮސް މުލިއާގެއާ ހިސާބުން މެދު ޒިޔާރަތް މަގުންލައިފައި ދަނިކޮށް ލުތުފީ އާއި 4 ތަމަޅަ ޓައިގަރުންނަށް އަޅުގަނޑަށް ފެނުނު. އެމީހުން ތިބީ ހުދުކުލައިގެ ވޭނެއްގެ ތެރޭގައި. އެމީހުންނަށް އަޅުގަނޑު ފެނުމުން ވަގުތުން ހުއްޓުވި.” ނަދުވީ ބުންޏެވެ.
ނަދުވީ ބުނުއްވި ގޮތުގައި އެދުވަހު ލުތުފީ އާއެކު އެ ވޭނުތެރޭގައި ސޯޓާއި ޓީޝާޓްލައި އޭކޭ ފޯޓީ ސެވަންގެ ބަޑިތަކެއް (އެބަޑިތަކުގެ ކޮޅުގައި ރަތްކުލައިގެ ރިބަންފަށެއް އަޅާފައިހުރި) ހިފައިގެން ފައިވާނަށް ނާރައި ތިބި ބަޔަކު ވޭނުން ފޭބިއެވެ. އަދި ލުތުފީ ވޭނުން ފައިބައިގެން ނަދުވީ ކައިރިއަށް އައިސް ކޮއްކޯ ތިހެން ނުދެވެނެޔޭ ބުންޏެވެ. އަދި ގޮސްގެން ނުވާނެޔޭ ބަޑިޖަހާނެޔޭ ބުންޏެވެ. އޭރު އެސަރަހައްދުގައި ތިން ދިވެއްސަކު އަނިޔާވެގެން ބިންމައްޗަށް ވެއްޓިފައި އޮތްތަން ކުޑަކުޑަ ނަދުވީ އަށް ފެނެއެވެ. އެވަގުތު ލުތުފީއާއި ދިމާއަށް ”ބަޑި ޖެހިޔަސް ހެޔޮ. އަޅުގަނޑު މިދަނީ އެތާ އެތިބަ މީހުންނަށް އެހީވާން.  ކަލޭ އަހަރެންގެ ގަޔަށް ބަޑިޖެހިޔަސް މަރެއް ނުވާނެ. ﷲ ފުރާނަ ގެންދަވަން ހުރިއްޔާ ގެންދަވާނެ.” ނަދުވީ ބުންޏެވެ.
އޭރު ނަދުވީ ހުންނަނީ ވަރަށް ހިކިހިކޮށް ކުޑަކޮށެވެ. ގުޅިފައިވަނީ ލެއާއެވެ. ލޭ ބޭނުންވާ އެކި ފަރާތްތަކަށް ގަވާއިދުން ލޭ ހަދިޔާ ކުރައްވަމުން ގެންދެވުމަކީ، އޭނާއަށް ލިބިވަޑައިގަންނަވާ ވަރަށް ޚާއްޞަ އުފަލެކެވެ.
މިގޮތުން ޒަޚަމްވެފައިވާ މީހުންނަށް އެހީތެރިވާން ނުދާށޭ ލުތުފީ ބުނުމުންވެސް ނަދުވީ ދާން އުޅުނެވެ. ދާން އުޅެން ފެށުމުން ނަދުވީ އާއި ދިމާއަށް ”އެއްވެސް ސިފައިން މީހަކަށް އެހީ ނުވައްޗޭ” ލުތުފީ ބުންޏެވެ.  ލުތުފީ މިހެން ބުނުމުން ”އެއީވެސް އިންސާނުންނޭ އެހީވާނަމޭ.” ނަދުވީ ބުންޏެވެ. ނަދުވީ ރައްދުގައި މިހެން ބުނި ނަމަވެސް ” ކަލޭގެ ސަލާމަތް ކަލޭ ހޯދާށޭ” ލުތުފީ ބުންޏެވެ. 
ލުތުފީ މިހެން ބުނި ނަމަވެސް ނަދުވީ  އެމީހުންނަށް އެހީވާން ދާން ހިނގައިގަތެވެ. ނަމަވެސް  އަނެއްކާވެސް ތަންކޮޅެއް ދުރުން އައި ތަމަޅަ ޓައިގަރުންގެ 2 މީހަކު ނަދުވީ ހުއްޓުވިއެވެ. އަދި ނަދުވީއަށް ހަމަލާދޭން މަސައްކަތް ކުރަން އުޅުމުން ލުތުފީ ގެ އިޝާރާތުން އެމީހުންނަށް ދާށޭ އެންގުމުން ނަދުވީގެ މޭގައި އަޅާ އެއްފަރާތަށް ކޮށްޕައިލައިފައި އެމީހުން ދިޔައީއެވެ.
އެމީހުން އެހާފަސޭހައިން ނަދުވީ ކޮއްޕައިލައިފައި އެދިޔައީ އެދުވަހު ނަދުވީ އަކީ ކުޑަކުއްޖަކަށްވެފައި ހުރިލެއް ނިކަމެތިކަމުންކަމަށްވެސް ވެދާނެއެވެ. އެއީ ﷲ ގެ އިރާދަފުޅުން އެދުވަހު ނަދުވީ ސަލާމަތް ކުރެއްވީކަމަށް ނަދުވީ އެދުވަހު ދުށްޓެވެ.  އަދި އެކަމާއި ﷲ ގެ ކިބަފުޅަށް ޝުކުރުކުރިއެވެ.  ލުތުފީއާއި އޭނާގެ ތަމަޅަ ޓައިގަރުން އެތަނުން ދިއުމުން ގ.ޕާނިސްގޭ ހިސާބުގަނޑަށް ޒަޚަމްވެގެން ވެއްޓިފައި ތިބި މީހުންނަށް ނަދުވީ އެހީތެރިވާން ފެށިއެވެ. އެވަގުތު އެތަނަށް ޔޫސުފް ރަފީޢު (ފިލްމު ކުޅޭ ޔޫސޭ) އާއި އިތުރު ދިވެހިންތަކެއް  އައެވެ. ޔޫސޭމެން އައުމުން ޔޫސޭމެންނާއެކު އެވަގުތުން ފެށިގެން ޕާނިސްގެ ކައިރީގައި ޒަޚަމްވެފައި ތިބި މީހުން ގާޑިޔަލެއްގައި ސެންޓަރަލް ހޮސްޕިޓަލަށް (މިހާރުގެ އޭޑީކޭ ހުރިތަން) ގެންދިއުމުގައި ނަދުވީ ހަރަކާތްތެރިވަމުންދިޔައެވެ. ޔޫސޭ ދެކޭގޮތުގައި އެދުވަހު ނަދުވީ އެދެއްކެވީ ވަރަށް ފުރިހަމަ މިސާލެކެވެ. އިންސާނަކަށްވެފައި މުސްލިމަކަށްވީތީ ދައްކަން ޖެހޭ ފުރިހަމަ ނަމޫނާ އެކެވެ. އެއީ އެދުވަހު ހިތްވަރު ގަދަ ބަޠަލެކެވެ. ކުޑަކުއްޖެކެވެ. އެގޮތުން އެދުވަހު  މަގުމަތީގައި ޒަހަމްވެފައި ތިބި މީހުންނަށް ފަރުވާދޭން މާލޭ ސެންޓްރަލް ހޮސްޕިޓަލަށް ގެންދިޔައީ ފަތްޖެހި އެދުތަކުގައްޔާއި ދަމާ ގާޑިޔާތަކުގައިކަމަށް ނަދުވީ ބުންޏެވެ. 
އެދުވަހު ނަދުވީ ހޮސްޕިޓަލް ތެރޭގައި އުޅެނިކޮށް ހޮސްޕިޓަލަށް ޒަހަމްވެގެން ގެންދިޔަ މީހުންގެ ތެރެއިން މީހަކަށް ލޭ ބޭނުންވެގެން ލޭ ނުލިބިގެން  އުޅޭ ޚަބަރު އެ ކުޑަކުޑަ ނަދުވީ އަށް ލިބުނެވެ. އެވަގުތު ބޭނުންވެގެން އުޅެނީ އޯ ޕޮޒިޓިވް ލޭކަން ހޮސްޕިޓަލްގެ މުވައްޒަފެއްގެ ފަރާތުން  ނަދުވީއަށް އެނގުނެވެ. އެހެންކަމުން ނަދުވީ ލޭދޭން ބޭނުންވެގެން ވަގުތުން ޓެސްޓް ހެދިއެވެ. ނަތީޖާއެއްގެ ގޮތުން ނަދުވީ ގައިގައި ހުރީ އޯ ޕޮޒިޓިވް ލޭކަންވެސް އެނގުނެވެ. ނަމަވެސް އޭނާގެ ބަރުދަނުގައި ގައިގައި ހުރީ 55 ކިލޯ އެވެ.  އެހެންކަމުން ނަދުވީގެ ގައިން ލޭ ނަގަން ޑޮކްޓަރުވެސް ޖެހިލުންވިއެވެ. އެއީ އޭރު ނަދުވީ އަކީ ކުޑަކުއްޖަކަށްވެފައި ހުރިލެއް ހިކިކަމުންނެވެ. ނަމަވެސް އެދުވަހު ކެރިގެން ކުރިމަތިލައި އެ ކުޑަކުޑަ ނަދުވީ ލޭ ހަދިޔާކުރެއްވިއެވެ. އެއީ  1988 ނޮވެމްބަރ 3 ވަނަ ދުވަހެވެ. ނަދުވީގެ ހަޔާތުގައި އެންމެ ފުރަތަމަ އޭނާ އިންސާނިއްޔަތަށްޓަކައި ލޭ ހަދިޔާކުރެއްވި ދުވަހެވެ. އެއްވެސް ޖެހިލުމެއް ނެތި ގަވާއިދުން ލޭ ހަދިޔާ ކުރައްވަމުން ގެންދެވުމަށް ނަދުވީ ޢަޒުމް ކަނޑައެޅުއްވީ އެދުވަހުން ފެށިގެންނެވެ. 
އެހެންނަމަވެސް ނަދުވީ ލޭ ހަދިޔާ ކުރެއްވުމުގެ ޝައުޤުވެރިކަން އޭނާގެ ހިތްޕުޅުގައި އުފެދިގެން ދިޔައީ ، ޢުމުރުން ދުވަސްވީ އަންހެނަކު، ލޭ ބޭނުންވެގެން އެކަމަށް އެދި އާދޭސްކުރި ހިސާބުން ފެށިގެންކަމަށް ނަދުވީ ބުންޏެވެ. އެއީ އެދުވަހަކީ އިންސާނާގެ ފުރާނައަށްޓަކައި ލޭގެ މުހިންމުކަން އޭނާއަށް އިޙްސާސް ކުރެއްވުނުލެއް ބޮޑުކަމުން، ނަދުވީގެ ލޭގެ ގްރޫޕަކީ އެހެން ގްރޫޕަކަށްވާތީ، މިދެންނެވި މީހާއަށް އެހީތެރިވުމުގެ ގޮތުން، ލޭ ބޭނުންވާ ގްރޫޕްގެ މީހަކު ނަދުވީ ހޯއްދަވައިދެއްވި ދުވަހެވެ. 
ނަދުވީ މެދުކެނޑުމެއްނެތި ލޭ ހަދިޔާ ކުރައްވަމުން ގެންދަވާތާ މިހާރު 26 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މިހާތަނަށް 100 ފަހަރު އޭނާ ވަނީ ލޭ ހަދިޔާ ކުރައްވާފައެވެ. ލޭ ބޭނުންވެގެން މީހަކު އެދެންދެން އެއްވެސް ފަހަރަކު މަޑެއް ނުކުރައްވައެވެ. ލޭ ދޭންޖެހޭ މުއްދަތު ހަމަވުމުން، ގަވާއިދުން ލޭ ދެއްވަމުން ގެންދަވައެވެ. 
ލޭ ދިނުމުގެ މުހިންމުކަމާއި އަދި ލޭ ދިނުމަކީ ޞިއްޙަތަށް އެއްވެސް ގެއްލުމެއް ލިބޭ ކަމެއް ނޫންކަން މީހުންނަށް ވިސްނައި ދެއްވައި، ލޭ ހަދިޔާކުރުމުގެ ޝައުޤުވެރިކަން މީހުންގެ ހިތްތަކުގައި އުފެއްދުމުގެ މަސައްކަތާއި ، ލޭ ދޭނެ މީހުން ހޯއްދަވައި ދެއްވުމުގެ މަސައްކަތް އޭނާ ވަރަށް ޝައުޤުވެރިކަމާއެކު ކުރައްވަމުން ގެންދަވައެވެ. އަދި ލޭ ހޯދުމަށް ހިންގާ އެކިއެކި ކެމްޕެއިންތަކުގައި ވެސް ލޭ ދޭނެ މީހުން ހޯއްދަވައި، އެފަދަ މީހުން އެ ކޭމްޕަށް ފޮނުއްވައި، ލޭ ހަދިޔާ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވައެވެ. މިގޮތުން އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 2013 ވަނަ އަހަރު ޙުސައިން ނަދުވީއަށް ވަނީ ލިބިލައްވައިފައެވެ. ———————————-

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. އަހްމަދު

    😆 ވަރަށް ކެރޭ ކުއްޖެއް. ހިތްވަރު ގަދަ ކުއްޖެއް. މިކަހަލަ ކުދިން މިރާއްޖެއަށް ބޭނުންވަނީ

    (4)(0)