000 ފަޟީލަތުލް އުސްތާޛުއް ޝައިޚު މުޙައްމަދު ޖަމީލުގެ މި ލިޔުއްވުމަކީ، މީގެ 35 އަހަރު ކުރީގެ ލިޔުމެކެވެ. އެހެންކަމުން ވިދާޅުވާ ބޭފުޅުންގެ ހަނދުމަފުޅުގައި މިކަން ބެހެއްޓެވުން އެދެމެވެ. މި ލިޔުން ނަކަލުކޮށްފައި މި ވަނީ، 10 އޮގަސްޓް 1981 (ހޯމަ) ދުވަހުގެ [ހަވީރު] ނޫހުންނެވެ.   _______________________________        އަމުރާ ނަހީއަކީ ދެބަހެއް ކަމުގައި ވިޔަސް މާނައިގެ މާނައަށް ބަލާއިރު އެއްކަމެވެ. މިވެނި ކަމެއް ކުރާށޭ ބުނުމަކީ އަމުރެކެވެ. ނުކުރާށޭ ބުނުމަކީ ނަހީއެކެވެ. ނަމަވެސް އެއީވެސް އަމުރެކެވެ.…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ފަޟީލަތުލް އުސްތާޛުއް ޝައިޚު މުޙައްމަދު ޖަމީލުގެ މި ލިޔުއްވުމަކީ، މީގެ 35 އަހަރު ކުރީގެ ލިޔުމެކެވެ. އެހެންކަމުން ވިދާޅުވާ ބޭފުޅުންގެ ހަނދުމަފުޅުގައި މިކަން ބެހެއްޓެވުން އެދެމެވެ. މި ލިޔުން ނަކަލުކޮށްފައި މި ވަނީ، 10 އޮގަސްޓް 1981 (ހޯމަ) ދުވަހުގެ [ހަވީރު] ނޫހުންނެވެ.  

_______________________________

       އަމުރާ ނަހީއަކީ ދެބަހެއް ކަމުގައި ވިޔަސް މާނައިގެ މާނައަށް ބަލާއިރު އެއްކަމެވެ. މިވެނި ކަމެއް ކުރާށޭ ބުނުމަކީ އަމުރެކެވެ. ނުކުރާށޭ ބުނުމަކީ ނަހީއެކެވެ. ނަމަވެސް އެއީވެސް އަމުރެކެވެ.

       އަމުރަށް ކިޔަމަން ވުމޭ ބުނާއިރު މިދެންނެވި ދެބާވަތުގެ އަމުރުވެސް ހިމެނޭކަމާމެދަކު ޝައްކެއް ވަސްވާހެއް އޮޅުމެއް ތޮޅުމެއް ނެތެވެ. އާދޭހެވެ. ކުރާށޭ ބުނާބުނުމަށް ކިޔަމަންވެ ކުރާން ވާނެއެވެ. ނުކުރާށޭ ބުނާބުނުމަށް ކިޔަމަންވެ ނުކުރާން ވާނެއެވެ. ކުރުމުން އެއްކިބާވެ، ކުރުން ހުއްޓައިލާން ވާނެއެވެ. ކޮށްކޮށް ހުއްޓަސް ހުއްޓައިލާން ވާނެއެވެ.

       އަމުރު ކުރުމާއި ނަހީކުރުމުގެ އަދި އެހެން ގޮތެއް އޮވެއެވެ. އެއީ، ކަމަކާމެދު އޮތް ގޮތް ބުނެދިނުމެވެ. ނަމާދުކުރުމަކީ ވާޖިބެކޭ ބުނެފިނަމަ، އެބުނަނީ ނަމާދުކުރާށޭއެވެ. ރާބުއިމަކީ ހަރާންކަމެކޭ ބުނެފިނަމަ އެބުނަނީ ރާނުބޯށެވެ.

       އަޅުގަޑަށް ވިސްނޭގޮތުގައި މިދެންނެވުނީ ދެބަސްވެވޭން ނެތް ޙަޤީޤަތްތަކެކެވެ. މި ޙަޤީޤަތްތަކުގެ އަލި، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ތެރޭގައި ހިނގާ ބައެއް ކަންކަމުގެ މައްޗަށް އަޅުވައިލަމާތޯއެވެ؟

       މިސްކިތަށް ނަމާދަށް ދިޔުން އާދަކޮށް ފައިވާ އެންމެންނަށްވެސް އެނގޭނޭ ފަދައިން، މިސްކިތްތަކުގެ ކަންތައް ބަލަހައްޓަވާ ފަރާތުން އަންގަވައި ފައިވާ ދެ އެންގެވުމެއްގެ ލިޔުން އެންމެންނަށް ފެންނަގޮތުގައި އެބަހުރެއެވެ. އެތަނުން އެއް އެންގެވުމެއްގައި އޮންނަނީ، މިސްކިތުހަރިންމަ ތެރެއަށް، ކުޑަދޮރުތަކުން ބޭރަށްކުޅު، އަރިދަފުސް ފަދަ ތަކެތި އުކައި ޖަހައި ހެދުމަކީ މަނާކަން ދޭހަކޮށްދޭ އިބާރާތެކެވެ. ނަމަވެސް ކަރުކެހިކެހިފައި، ޚާސްކިޔައި، އޮލަކުޅާއި އަރިދަފުސް، ކުޑަދޮރުތަކުން އުކުމަކީ، ވަރަށް ގިނަ ބައެއްގެ އާދައެކެވެ. އާދޭހެވެ. އަމުރަށް ކިޔަމަން ނުވުމުގެ އާދައެކެވެ.

       ދެން މިސްކިތު ވަޅުދޮށަށް ބަލައި ލަމާތޯއެވެ. ނަމާދުގެ ފުރަތަމަ ޖަމާޢަތް ނިމޭން ދެން މިސްކިތު ވަޅުން ފެން ގެންދިއުމަކީ މަނާ ކަމެއްކަން ދޭހަކޮށްދޭ ޢިބާރާތެކެވެ. ނަމަވެސް ބޮޑަތިހަން ހިފައިގެން އައިސް ހަމަ އެވަގުތު ވަޅުން ފެންފުރައިގެންދާ އެތައްބަޔަކު އުޅެއެވެ. އެ ކަމުގެ ސަބަބުން ނަމާދަށް އަންނަ މީހުން ވުޟޫކުރާން ދާނި ނުލިބިފައި ތިބޭން ޖެހޭގޮތް ދިމާވެއެވެ. އާދޭހެވެ. އަމުރަށް ކިޔަމަން ނުވުމުގެ އާދައެކެވެ.

       މިކަހަލަ ކަންތައް ވަކިވަކީން ކިޔާން ވެއްޖެނަމަ ވަރަށްގިނަ ބަސްތައް ކިޔާން ޖެހިދާނެ އެވެ. އެއިން ކޮންމެ ކަމެއްގޮސް ޖެހެނީ ހަމައެންމެ ކަމެއްގައެވެ. އަމުރަށް ކިޔަމަން ނުވުމުގެ އާދައެވެ. މިއާދަ އަޅުގަނޑުމެން ދިވެހީންގެ ތެރޭގައި ފެތުރިފައިވަނީ ހިތާމަކުރަންޖެހޭ މިންވަރަކަށެވެ. މުވާޠިނުންގެ ފުރާނަ ތަކަށާއި، ހަށިތަކާއި ގޯތިގެދޮރަށާއި، މުދަލަށް ނުރައްކާވާ މިންވަރަކަށެވެ. މި ކަމުގެ ނަތީޖާއެއްގެ ގޮތުން ދާދިމިދާކަށް ދުވަހަކު ދެ ފުރާނައެއް އަޅުގަނޑުމެންގެ ތެރެއިން ނެތިގެން ހިނގައްޖެއެވެ. އެތަނުން އެކަކީ، އަމުރަށް ކިޔަމަން ނުވުމުގެ ފަރާތުގައި ހުރި މީހެކެވެ. އަނެކަކީ، ކުށެއްނެތިހުރި އިންސާނެކެވެ. އެހެން މީހަކު، އަމުރަށް ކިޔަމަން ނުވުމުގެ ސަބަބުން ނެތިގެން ދިޔަ އިންސާނެކެވެ.

       ހިތާމަހުރި ކަމެކެވެ. ދިވެހި އުއްމަތަށާއި ދިވެހިރާއްޖެއަށް ބޮޑެތިގެއްލުންތައް ދެމުންދާ ކަމެކެވެ. މިކަން ފެށިގެން އަންނަނީ ކޮށްފަރާތަކުން ކަމެއް ނޭނގެއެވެ. އެނގޭ ކަމަކީ އެންމެންނަށް ގެއްލުން ފޯރާފަދަ ގޮތެއްގައި އެކަން ފެތުރިފައިވާ ކަމެވެ.

       ޝައްކެއް ނެތެވެ. ބޮޑެތި ގެއްލުންލިބޭ ހިސާބަށްދަނީ ކުދިކުދި ގެއްލުން ލިބޭ ހިސާބުން ފެށިގެންނެވެ. މައިމީހާގެ އުނގުން ފެށިގެން އަންނަކަމަކަށްވެސް ވެދާނެއެވެ. ކޮންމެއަކަސް ބަސް ނޭހުމާއި، އަމުރަށް ކިޔަމަންނުވުން ފެށޭތަނަކީ، ގޭތެރެއޭ ދަންނަވައިލިޔަ ދެއްވާށެވެ. އެއީ އަދި ވަކިފަރާތަކަށް ރައްދުކުރާ ކުޑައިމީސްބަހެއް ނޫނެވެ. އެއީ އިޞްލާޙެއްގެ ބޭނުމުގައި ބުނެލާ ހެޔޮބަހެއް ކަމަށް ހިއްތަވާށެވެ.

       އާދޭހެވެ. ކުއްޖާގެ އެންމެ ޅަޢުމުރުގައި، މައިމީހާގެ އަމުރަށާއި ބައްޕާގެ އަމުރަށް ކިޔަމަން ނުވުން އާދަވެފައިވާ ކުއްޖަކު، ކިޔަވާ ދުވަސް ވަރަށް އެޅުނީމާ އެދުރުންނަކަށް ކިޔަމަނެއް ނުވާނެއެވެ. އެދުރުގެއަކަށް ކިޔަމަނެއް ނުވާނެއެވެ. ޓީޗަރުންގެ ބަހަކަށް، ސްކޫލްގެ ގަވައިދަކަށް ކިޔަމަނެއްނުވާނެއެވެ. ކިޔެވުމުގެ ދުވަސްވަރު ހަމަކޮށް ދިރިއުޅުމުގެ ތެރެއަށް ނިކުމެގެން އުޅޭއިރު، ތިމާ އުޅޭ ތަނެއްގެ ގަވައިދަކަށް ކިޔަމަނެއް ނުވާނެއެވެ. ދަތުރުކުރާން ބޭރުކަނޑަށް ނިކުމެއުޅޭއިރު “އޮޑި” ފަހަރުގެ “ކައްޕީ” ނަކަށް ކިޔަމަނެއް ނުވާނެއެވެ. (އޮޑިފަހަރޭ މިދެންނެވީ ބޯޓުފަހަރޭ ދަންނަވާން ވެގެންނެވެ. ކައްޕީންނޭ މިދެންނެވީ، ކައްޕިތާނުންނޭ ދަންނަވާން ވެގެންނެވެ. މިދެބަހަކީ ބޭފުޅަކު ވިދާޅުވާތީ އިވި، ހިތްހަމަ ޖެހުނު ދެބަހެވެ.)

       އާދޭހެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ކިޔަމަންވާން ދަންނަނީ އެންމެ ފަރާތަކަށެވެ. އެއީ ތިމާގެ އަމިއްލައެދުމެވެ. އަމިއްލަ އުފަލެވެ. އެފަރާތްތަކުން ދައްކާމަގުން ހިނގެއެވެ. އެނޫން ފަރާތްތަކުން ކުރާ އަމުރަށް ފުރަގަސްދެއެވެ. ފައިންއެރެއެވެ. ކިޔަމަންނުވެ ދޫކޮށްލެވެއެވެ.

       އަޅުގަނޑުމެން ދަންނާންވާނެއެވެ. އެކި ކަންކަމާ ބެހޭ އެކިފަރާތްތަކުން އެކިސިފަސިފައިގެ އަމުރުތައް ނެރުއްވަނީ ހަމަ އަޅުގަނޑުމެންގެ ލާބައަށް ޓަކައެވެ. އަޅުގަނޑުމެންގެ ފައިދާއަށް ޓަކައެވެ. އަޅުގަނޑުމެންގެ ސަލާމަތަށް ޓަކައެވެ. މިކަން އަޅުގަނޑުމެން ދަންނާން ވެއްޖެއެވެ. ނޫންނަމަ މިހާރު ލިބެމުންމިދާ  ގެއްލުންތަކަށްވުރެ ބޮޑެތި ގެއްލުންތައް ލިބެމުން ދާން ފެށުން އޮންނާނީ ދާދިގާތުގައެވެ.

       އަމުރަށް ކިޔަމަންވޭތޯ ބަލައި، ކިޔަމަން ނުވާ މީހުންގައި “އައްބަ” ޖަހާން ހަންމުށިހިފައިގެން ތިބޭބައަކަށް ހުރިހައި ބަރަކާއި މަލާމާތަކާއި އުނދަގުލެއް ރައްދުކުރުމަކީ އަނިޔާއެކޭ ދަންނަވާން ކެރިހުރީމެވެ. އަޅުގަނޑުމެން ތެރެއިން ކޮންމެ މީހަކީ، އެމީހެއްގެ އަމިއްލަ ނަފުސާއިމެދު އެގޮތުގައި ހުންނާންވީ މީހެކެވެ. ވައަތް ފަރާތުން ދަނީނަމަ ތިޔަދަނީ ނުބައިގޮތަކަށޭބުނެ ހެޔޮމަގަށް އަޅުވައި ދޭންވީ މީހެކެވެ. ކޮންމެ މީހަކުވެސް އެގޮތުގައި ހުންނަ ނަމަ އެކްސިޑެންޓްތައް މުޅީން ހުލިވެނެތިގެން ހިނގައިދާނެއެވެ.

       ހަނދާން ކުރަމާ ހިންގަވާށެވެ. ޤާނޫނުތަކާއި ޤަވާޢިދުތަކާއި، ހަމަތަކަކީ، އެންމެހައި މުވާޠިނުންގެ އަތްމަތީގައި އޮތް މުހިއްމު އަމާނާތެކެވެ. އެ އަމާނާތް ރައްކާތެރިކޮށް ބަލަހައްޓައި ދިފާޢު ކުރުމަކީ އެންމެހައި މުވާޠިނުންގެ މައްޗަށް އޮތް ޤައުމީ ވާޖިބެކެވެ.

___________________________

About the author
Leave Comment