ބަހާއި ބަހުރުވައިގެ ބަހުސަކީ ދޭތެރެ ދޭތެރެއިން ސޯޝަލްމީޑިއާއިން ފެންނަ ބަހުސެކެވެ. ވަކި ބަހުރުވައަކީ ބަހެއްތޯ ނުވަތަ ބަހުރުވައެއްތޯ ބަހުސްކުރެވެއެވެ. ސޯޝިއޯލިންގުއިސްޓިކްސްގެ ނަޒަރިއްޔާ އިން ބަލާއިރު ބަހާއި ބަހުރުވައިގެ ތަފާތު ދެނެގަންނާން “ލެންގުއޭޖް ވޭރިއޭޝަން”  އާ “ލެންގުއޭޖް ޗޭންޖް” ގެ މަފްހޫމު އެނގެންޖެހެއެވެ. ލޭންގުއޭޖް ވޭރިއޭޝަނަކީ އެއް ބަސް އަނެއް ބަހާއި ތަފާތުވާ ގޮތެވެ. ލެންގުއޭޖް ޗޭންޖަކީ ބަސްބަހަށް އަންނަމުންދާ ބަދަލެވެ. އެމެރިކަން ހެރިޓޭޖް ޑިކްޝަނަރީގައި ސޯޝިއޯލިންގުއިސްޓިކްސް މާނަކޮށްފައިވާ ގޮތުން ބަހަކީ މުޖަތަމައާ ސަގާފީ ކަންކަމަށް ނުފޫޒު ފޯރުވާ…

ބަހާއި ބަހުރުވައިގެ ބަހުސަކީ ދޭތެރެ ދޭތެރެއިން ސޯޝަލްމީޑިއާއިން ފެންނަ ބަހުސެކެވެ. ވަކި ބަހުރުވައަކީ ބަހެއްތޯ ނުވަތަ ބަހުރުވައެއްތޯ ބަހުސްކުރެވެއެވެ. ސޯޝިއޯލިންގުއިސްޓިކްސްގެ ނަޒަރިއްޔާ އިން ބަލާއިރު ބަހާއި ބަހުރުވައިގެ ތަފާތު ދެނެގަންނާން “ލެންގުއޭޖް ވޭރިއޭޝަން”  އާ “ލެންގުއޭޖް ޗޭންޖް” ގެ މަފްހޫމު އެނގެންޖެހެއެވެ. ލޭންގުއޭޖް ވޭރިއޭޝަނަކީ އެއް ބަސް އަނެއް ބަހާއި ތަފާތުވާ ގޮތެވެ. ލެންގުއޭޖް ޗޭންޖަކީ ބަސްބަހަށް އަންނަމުންދާ ބަދަލެވެ.

އެމެރިކަން ހެރިޓޭޖް ޑިކްޝަނަރީގައި ސޯޝިއޯލިންގުއިސްޓިކްސް މާނަކޮށްފައިވާ ގޮތުން ބަހަކީ މުޖަތަމައާ ސަގާފީ ކަންކަމަށް ނުފޫޒު ފޯރުވާ ބަހާއި ބަހަވީ އާދަތަކެވެ. ބައެއް ބަހަވީން ދެކޭ ގޮތުގައި ސޯޝިއޯލިންގުއިސްޓިކްސް އަކީ މުޖަތަމައާ ބަހާ  ހުރި ގުޅުން އުނގެނޭ އުނގެނުމެވެ. ނުވަތަ އިލްމެވެ. އެއީ އެއް ބަހާއި އަނެއް ބަހާއި ދެމެދު އޮންނަ ގުޅުމާއި، އިޖްތިމާއީ ފޭރާމާއި، ބަހަވީ ތަފާތުތަކާއި، ބަހާއި މެދު އާއްމުންދެކޭ ގޮތެވެ.

ބަހުގެ މެދުގައިވާ ތަފާތުތަކާއި އެއްގޮތްކަމާއި ސިންދަފާތުތައް

ހުރިހާ ބަހެއްގެ މެދުގައި ހުންނަ އެއްގޮތް ކަންކަން ނުވަތަ ހުރިހާ ބަހަކަށް އާއްމު ސިފަތަކަށް ބަހަވީ އިލްމުގައި ކިޔަނީ ލިންގުއިސްޓިކް  ޔުނިވަރސަލް އެވެ. ބަހުގެ އޮނިގަނޑުގެ ތެރެއިން ޖާއިޒު ކަންކަމާއި މުސްތަހީލު ކަންކަން ބަރޯސާވެފައި އޮންނަނީ ލެންގުއޭޖް ޔުނިވަރސަލްގެ މައްޗަށެވެ. ހުރިހާ ބަހަކަށް އާއްމު ސިފަތައް ދެނެގަތުމަށް ދުނިޔޭގެ ހުރިހާ ބަހެއްގެ ތަފާތު ވައްތަރުތައް އެންގެންޖެހެއެވެ. ދުނިޔޭގެ ހުރިހާ ބަހެއް ވެސް އުފެދިފައި އޮންނަނީ އެއް އޮނިގަނޑެއްގެ މައްޗަށެވެ. އެއީ ފޮނޮލޮޖީ (އަޑު މަޚުރަޖް) އާއި ސެމޭންޓިކްސް (ލަފުޒާއި އިބާރާތުގެ މާނަ) އާއި މޯފޮލޮޖީ (ލަފުޒު އުފެދޭގޮތް) އާއި ސިންޓެކްސް (އިބާރާތާއި މައިގަނޑުތަކާއި ޖުމުލަ އުފެދޭ ގޮތް)ގެ މައްޗަށެވެ.

ބަހަކީ އެއްގޮތެއްގައި ދެމިއޮންނަ އެއްޗެއް ނޫނެވެ. ބަހަކީ ބަދަލުވަމުންދާ އެއްޗެކެވެ. އަޅުގަނޑުމެން ރުހުނަސް ނުރުހުނަސް މި ހަގީގަތް ބަދަލެއް ނުކުރެވޭނެއެވެ. ބަހަށް ބަދަލު އައުން ހުއްޓޭނީ ބަސް މަރުވުމުންނެވެ. ބަހަށް ބަދަލު އަންނަކަމީ ބަސް ދިރޭކަމާއި ބަހަށް ކުރިއެރުން ލިބޭ ކަމުގެ ހެއްކެކެވެ. ވަގުތާއި ޙާލަތާއި އެކު ބަހުގެ ތަފާތު ބައިތަކަށް (ބަސްކޮށާރު، މޯފޮލޮޖީ، ސިންޓެކްސް، އޮނިގަނޑު) ބަދަލު އަންނާނެއެވެ. މި ބަދަލުތައް އަންނަނީ ދެ ސަބަބަކާ ހުރެއެވެ. ބަހަށް އަންނަ ބަދަލަކީ ކުއްލިއަކަށް އަންނަ (ސިންކްރޮނިކް) ބަދަލަކަށް ވެދާނެއެވެ. ނުވަތަ އެއީ މަޑުމަޑުން އަންނަ ލަސް (ޑައިސިންކްރޮނިކް) ބަދަލަކަށް ވެސް ވެދާނެއެވެ.

ބަހަށް ބަދަލު ގެނައުން އޮންނަނީ ބަހުގެ އަހުލުވެރީންގެ އަތްމަތީގައެވެ. ބަހުގެ އަހުލުވެރީންގެ އުމުރާއި، ޖިންސާއި، ތައުލީމީ ފެންވަރާއި، އުޅޭ ސަރައްހައްދުގެ ސަބަބުން ބަހަށް އަސަރު ފޯރައެވެ. އޭގެ ސަބަބުން ބަސް ބޭނުންކުރާ ގޮތް ތަފާތުވެއެވެ. އަންހެނުންނާއި ފިރިހެނުން ވާހަކަދައްކާ ގޮތުގައި ތަފާތު ހުރެއެވެ. ދިވެހީން ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ. އެމެރިކާ މީހުންނާއި އިނގިރޭސިވިލާތުގެ މީހުން ވާހަކަ ދައްކަނީ އިނގިރޭސި ބަހުންނެވެ. ދެ ގައުމުގެ އިނގިރޭސީގައި ތަފާތު ހުރެއެވެ. ރާއްޖެއަށް ބަލާއިރު އުތުރުގެ އަތޮޅުތަކަށް ނިސްބަތްވާ މީހުންނާއި ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ ދިވެހީން ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ. އެކަމަކުވެސް އެމީހުން ވާހަކަ ދައްކާ ބަހުގައި ވެސް ފަރަގު ހުރެއެވެ. އެއް ރަށެއްގެ އެކި ސަރަހައްދު ތަކުގައި ދިރިއުޅޭ މީހުން ވާހަކަ ދައްކާގޮތް ވެސް ތަފާތެވެ.

ބަހަށް ބަދަލު އަންނާން މެދުވެރިވާ ސަބަބުތަކުން ބަސް ރައްކާތެރިކުރާން ހުރިހާ ގައުމެއްގައި ވެސް ބައެއް ފަރާތްތަކުން މަސައްކަތް ކުރެއެވެ. މިކަން ވަނީ ކާމިޔާބު ނުވެފައެވެ. ކޮންމެ ބަހެއްވެސް އޭގެ ޒާތުގައި އެހެން ބަސްބަހާއި މަސްހުނިވެ ބަދަލުވާނެ މަގު ފަހި ކުރެއެވެ. ބަދަލު ނާންނަ “ސާފު” އެއްވެސް ބަހެއް ނޯންނާނެއެވެ. ބަހުރުވައެއް އުފެދެނީ މިގޮތަށް ބަހަށް އަންނަ ބަދަލުތައް އިތުރުވެ އެގޮތަށް އެބަސް ބޭނުންކުރުން ދިގުލައިގެން ގޮހެވެ.

ބަސްފޮތްތަކުގައި “ބަސް” މާނަ ކޮށްފައި އޮންނަ ގޮތަށް ބަލައިލުމުން އިނގިރޭސި ބަހަކީ ބަހެއްތޯ ސުވާލު އުފެދެއެވެ. އިނގިރޭސި ބަހަކީ ސަރަހައްދީ ގޮތުން ވަކި ދެ ތަނެއްގައި އޮންނަ އަދި ތަފާތު ދެ ސަގާފަތެއް އޮންނަ ދެ ގައުމެއްގައި ވާހަކަ ދައްކާ ބަހެވެ. ބަސްފޮތުގައިވާ ގޮތުން ބަހަކީ ސަހަރައްދީ ގޮތުން އެއް ސަރަހައްދެއްގައި އޮންނަ، އެއް ސަގާފަތެއް އޮންނަ، އެއް ގައުމެއްގައި މީހުން މުއާމަލާތު ކުރާން ބޭނުންކުރާ ވަސީލަތެކެވެ.

ބަހަކީ ތަފާތު މާނަ އެކުލެވޭ ލަފުޒެކެވެ. އެ ލަފުޒު ބޭނުންކުރަނީ ގުޅިލާމެހިފައިވާ ބަސްތަކަށް ނިސްބަތް ކޮށެވެ. ނިއުޔޯކުގައި ވާހަކަ ދައްކާ އިނގިރޭސި ބަހާއި ލަންޑަނުގައި ވާހަކަ ދައްކާ އިނގިރޭސި ބަސް ތަފާތެވެ. އެހެންނަމަވެސެ އެއީ އެއް އަސްލަކުން އުފެދިފައިވާ ދެ ބަހެވެ. އެ ތަފާތުތައް އަންގައިދޭން ވެގެން އިނގިރޭސި ބަހުގެ ތަފާތު ޑައިލެކްޓް ނުވަތަ ބަހުރުވައޭ ކިޔައެވެ. އެކަމަކު ބަހަކީ ހަމަ އެއް ބަހެކެވެ.

މިކަހަލަ ބައިކުރުން ނުވަތަ ގިންތިކުރުން އާއްމުކޮށް ބޭނުން ކުރަނީ ސިޔާސީ ނުވަތަ ތާރީހީ ސަބަބުތަކަށް ޓަކައެވެ. “ޗައިނާ ބަހަކީ” ވެސް ތަފާތު ވައްތަރުތަކުގެ މައްޗަށް އެކުލެވޭ ބަހެކެވެ. ގިނަ މީހުންނަށް އެމީހުން ވާހަކަ ދައްކާ ސަރަހައްދުގައި ވާހަކަ ދައްކާ ވައްތަރު ނޫން އެހެން ވައްތަރެއް ދޭހައެއް ނުވެއެވެ. އެއާ ހިލާފަށް އަރަބި ބަހުގެ ގިނަ ވައްތަރުތައް އެކި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށްވެސް ދޭހަވެެއެވެ.

މެންޑެރިން އާ ކެންޓޮނީޒް އަކީ ޗައިނާ ބަހުގެ މައިގަނޑު ދެ ޑައިލެކްޓެވެ. ނުވަތަ ދެ ބަހުރުވައެވެ. އެ ދެ ވައްތަރަށް ޗައިނީޒް ބަހޭވެސް ކިޔާއުޅެއެވެ. އެގޮތަށް ނިސްބަތް ކުރުމުން އަރާ އޮޅުން ކުޑަކުރުމަށް ބަހަވީން ބޭނުންކުރަނީ ވެރައިޓީ (ބާވަތް) އެވެ. މިސާލަކަށް މެންޑެރިން އަކީ ޗައިނީޒް ގެ ބާވަތެކެވެ. މިސުރު އަރަބި ބަހަކީ އަރަބީ ގެ ބާވަތެކެވެ.

ބަހުރުވަ އަކީ ކޮބާ؟

ބަހުރުވަ އަކީ ވަކި ހާއްސަ ސިފަތަކެއް ލިބިފައިވާ ބަހުގެ ބާވަތެކެވެ. މިސިފަތައް ލިބިފައިވަނީ ސަރަހައްދުގެ (ޖިއޯގްރެފިކަލް) ގޮތުން ނުވަތަ އިޖްތިމާއީ ގޮތުންނާއި ޒަމާންތަކެއް ކުރީން އެބަހަކާއި ގުޅުން އޮތް ބާވަތެއްގެ (ވެރައިޓީއެއްގެ) ސަބަބުންނެވެ. އެއް ބަހެއްގެ ބަހުރުވަ ތަފާތު ވަނީ  އަޑު މަހްރަޖާއި، ބަސްކޮށާރާއި، އަދި ބަހުގެ ހަމައިންނެވެ.

ބަހުރުވަ ތިން ގޮތަކަށް މާނަކުރެވިދާނެއެވެ. ބަހަވީން ބަހުރުވަ މާނަކުރުމުގައި ބަލަނީ ދެ ބަހެއްގައި ނުވަތަ އެއަށްވުރެ ގިނަ ބަހުގައި ހުންނަ އެއްގޮތް ސިފަތަކުގެ މައްޗަށެވެ. މިސާލަކަށް ހ. އަކީ އެއްބަސް ކަމަށް އަދި ށ. އަކީ އަނެއް ބަސް ކަމަށް ބަލާށެވެ. ހ. އާއި ށ. މިދެ ބަހުގައިވާ އެއްގޮތް ސިފަ ތަކުގެ ސަބަބުން، ދައްކާ ވާހަކަ ދޭދޭ ބަހުގެ އަހުލުވެރީންނަށް ދޭހަވާ ކަމުގައިވާނަމަ (މިއުޗުއަލީ އިންޓެލިޖިބަލް) ހ. އާއި ށ. އަކީ ދެ ބަހުރުވައެވެ. ހ. އަކީ ށ. ގެ ބަހުރުވައެކެވެ. ށ. އަކީ ހ. ގެ ބަހުރުވައެކެވެ. މިހަމައިން ބަލާކަމުގައިވާނަމަ ނިއުޔޯކުގައި ވާހަކަ ދައްކާ އިނގިރޭސި ބަހާއި ލަންޑަނުގައި ވާހަކަ ދައްކާ އިނގިރޭސި ބަހަކީ ބަހުރުވަ (ޑައިލެކްޓް) ކަމުގައި ބެލެވިދާނެއެވެ.

ބަހަކީ ބަހުރުވައެއް ކަމުގައި ކަނޑައަޅާނެ ވަކި މިންގަނޑެއް ނޯވެއެވެ. ދެ ބަހުރުވައެއްގެ %90 ދޭހަވާނަމަ އެއީ ބަހުރުވައެއް ކަމުގައި ނިންމަނީއެވެ.

ސޯޝިއޯލިންގުއިސްޓިކްސްގަޔާއި ނުރަސްމީ ޙާލަތްތަކުގައި ބަހުގެ މަފްހޫމު ބޭނުންކުރާގޮތަކީ ބަހުރުވަ މާނަ ކުރެވޭ ދެވަނަ ގޮތެވެ. ކޮންމެ ބަހެއްގައިވެސް ހައިބަތާއި ފަންވަރު ހުރި ކޮންމެވެސް އެއް ބާވަތެއް (ވެރައިޓީ)  ހިމެނޭނެ ކަމަށް ބަހުގެ އަހުލުވެރީން ގަބޫލުކުރެއެވެ. މާނައަކީ އެއް ބަހެއްގައި ދެތިން ގޮތަކަށް ނުވަތަ ބާވަތަކަށް ވާހަކަ ދައްކާއިރު އޭގެ ތެރެއިން ހުނިޖެހޭ ނުވަތަ ހާއްސަ ހައިބަތެއް ފާޅުވާ ކޮންމެވެސް އެއް ގޮތެއް އޮންނާނެއެވެ. ހައިބަތު ބޮޑު ކަމަށް ފެންނަ ވައްތަރަކީ ބަހެވެ. ދެން ހުންނަ ވައްތަރު ތަކަކީ ބަހުރުވައެވެ. މިސާލަކަށް އަންދަލޫސިއަން ސްޕެނިޝް އަކީ ބަހުރުވައެކެވެ. “ސްޓެންޑަރޑް ސްޕެނިޝް” އަކީ ބަހެކެވެ. ސްޕެއިންގައި “ޑައިލެކްޓް” (ބަހުރުވަ) މި ލަފުޒު ބޭނުން ކުރަނީ ސްޕެނިޝް ފިޔަވައި ދެން ހުންނަ ވައްތަރުތައް ދެރަ ކޮށްލުމުގެ ގޮތުންނެވެ.

ބަހުރުވަ މާނަކުރާ ތިންވަނަ ގޮތަކީ ޗައިނާގައި ބޭނުންކުރާ ގޮތަށް، އެއް ބަހަކުން ވާހަކަ ދައްކާ މީހުންގެ ތެރެއިން ވަކި ޖަމާއަތެއްގެ ބަޔަކު ބާހަކަ ދައްކާ ގޮތަށް ނިސްބަތްކޮށް ބަހުރުވަ ކަނޑައެޅުމެވެ. (މެންޑެރިން އާއި ކެންޓޮނީޒް އަކީ ޗައިނީޒްގެ ބާވަތްތަކެވެ.) މިމާނައިގައި ބަހަވީން މި ލަފުޒު ބޭނުންކުރަނީ ހާއްސަ ހާލަތްތަކެއްގައެވެ. މިސާލަކަށް ޖަރުމަނުގެ ދެކުނުގައި ވާހަކަ ދައްކާ ބަސް (ބެވޭރިއަން އާ ސްވޭބިއަން) ސްޓެންޑަރޑް ޖަރުމަނު ބަހުން ވާހަކަ ދައްކާ މީހުންނަށް އިންޓެލިޖިބަލް (ދޭހަ) ނުވިކަމުގައިވިއަސް ބަހަވީން މި ދެވައްތްރުވެސް ބަލަނީ ޖަރމަން ޑައިލެކްޓުގެ ގޮތުގައެވެ.

ބަހުރުވަ އަކީ ބަސްތަ؟

ބަހާއި ބަހުރުވައިގެ މާނައަށް ބަލައިލުމުން ބަހުރުވަ އަކީ ބަހެއް ނޫންކަމުގައި ނުބުނެވޭނެއެވެ. “ބަހުރުވަ” ބޭނުން ކުރެވޭ ތިން މާނައަށް ބަލައިލުމުން އެނގެނީ ބަހުރުވައަކީ އޭގެ ޒާތުގައި ބަހެއް ކަމެވެ. އެހެން ކަމަށްވާނަމަ އެއް ބަސް އަނެއް ބަހާއި ތަފާތު ކުރެވިދާނެހެއްޔެވެ؟ ބައެއް ހާލަތްތަކުގައި މި ސުވާލުގެ ޖަވާބަކީ އާނއެކޭ އެވެ. މިސާލަކަށް ސްޕެނިޝް އާއި އިނގިރޭސި ބަހަކީ ތަފާތު ދެ ބަހެވެ.

ބައެއް ހާލަތްތަކުގައި މި ސުވާލުގެ ޖަވާބު އެހާ ފަސޭހައެއް ނޫނެވެ. ޗެކް ބަހާއި ސްލޮވާކް ބަހަކީ ތަފާތު ދެ ބަސް ކަމަށް ކަނޑައަޅާން އެހާ ފަސޭހައެއް ނޫނެވެ. ޕްރާގުގައި ވާހަކަ ދައްކާ ޗެކް ބަހާއި ބްރަޓިސްލާވާގައި ވާހަކަ ދައްކާ ސްލޮވާކް ބަހަކީ އެއްބަހެއްގެ ދެ ބަހުރުވައެއް ނޫނެވެ. އެހެންނަމަވެސް ސްލޮވާކިއާ އާއި ޗެކް ރިޕަބްލިކްގެ ބޯޑަރު ސަރަހައްދުގައި އުޅޭ މީހުން ވާހަކަ ދައްކާ ބަހަކީ (ޗެކް ބަހާއި ސްލޮވާކް ބަސް) ދޭދޭ ބަހުގެ އަހުލުވެރީންނަށް ދޭހަވާ މިންވަރަށް (މިއުޗުއަލް އިންޓެލިޖިބިލިޓީ އަށް) ބަލާއިރު ބަހުރުވައެކެވެ. މައިނޯރިޓީ ބަހުގެ ވާހަކަ ދައްކާއިރު މިސުވާލު އުފައްދާގޮތް ތަފާތެވެ. އެހާލަތުގައި ސުވާލު އުފައްދަނީ މައިނޯރިޓީ ބަހަކީ ސްޓެންޑަރޑް ބަހުގެ ވައްތަރެއްތޯއެވެ. މިސާލަކަށް ގެލީޝިއަން އާ ޕޯޗުގީޒު ބަހަކީ ތަފާތު ދެ ބަސް ހޭ އެހުމުން އޭގެ މާނައަކީ ގެލީޝިއަން އާއި ސްޓެންޑަރޑް ޔޫރަޕިއަން ޕޯޗުގީޒު ބަހަކީ ބަހުރުވަތޯ އެވެ.

މި ސުވާލުގެ ޖަވާބަކީ އެއީ ދެ ބަހުރުވަ އެކެވެ. ނަތީޖާއެއްގެ ގޮތުން އާއްމުން ނިންމާނީ އެއީ ތަފާތު ދެ ބަހެއް ނޫންކަމުގައެވެ. ގެލީޝިއަން އާ ޕޯޗުގީޒަކީ ތަފާތު ދެބަހެކެވެ. އަޑު މަހުރަޖާއި، ބަހުގެ ހަމައާއި، ލިޔާ ގޮތަށް ބެލިކަމުގައިވިޔަސް ތަފާތެވެ. އެހެނަސް ދޭހަވެއެވެ. އެހެންކަމުން އެއީ ވަކި ދެ ބަހެއް ނޫނެވެ. ތަފާތު ދެ ބަހެވެ.

ބަހާއި ބަހުރުވަ ވަކި ކުރާނީ ކިހިނެއް؟

ބަހާއި ބަހުރުވަ ވަކިކުރާން ދެ މިންގަނޑެއް ގެންގުޅެއެވެ. ފުރަތަމަ މިންގަނޑަކީ އިޖްތިމާއީ އަދި ސިޔާސީ މިންގަނޑެކެވެ. ބަހަކީ (language) ހައިބަތު ހުރި، ރަސްމީ ހައިސިއްޔަތު ލިބިފައިވާ، އަދި ލިޔެކިޔުމުގައި ބޭނުންކުރާ ބަހުރުވައެވެ. ބަހުރުވަ އަކީ ރަސްމީ ސިފަ ލިބިފައިނުވާ، އެބަހަކީ ނިކަމެތި ބަހެއް ކަމަށް މީހުންނަށް ގަބޫލުކުރެވޭ، އަދި ހަމަ އެކަނި ވާހަކަ ދައްކައި އުޅޭ ބަހެވެ.

ބަހަވީން ދެކޭ ގޮތުގައި އެއްބަޔަކު އަނެއް ބަޔަކާއި މުއާމަލާތު ކުރަން ބޭނުންކުރާ ބަސް އެކަކު އަނެކަކަށް ދޭހަވާ ކަމުގައިވާނަމަ އެއީ އެއް ބަހެއްގެ ދެ ބަހުރުވައެވެ. އެއްގޮތަކަށްވެސް ދޭހަނުވާ ކަމުގައިވާނަމަ އެއީ ތަފާތު ދެ ބަހެވެ. ބަހާއި ބަހުރުވަ ވަކިކުރަން ބަހަވީން ގެންގުޅޭ މިންގަނޑަކީ ‘”މިއުޗުއަލް އިންޓެލިޖިބިލިޓީ(ދޭހަވުން)” އެވެ. މި މިންގަނޑަށް ބަލާއިރު ކެންޓޮނީޒް އަކީ ޗައިނީޒްގެ ބަހުރުވައެއް ނޫނެވެ. ޝަންހާއީޒް އާ މެންޑެރިން އާ އެހެން ވައްތަރު ތަކުގެ ޗައިނީޒް އަކީ ވެސް ޗައިނީޒް އެއް ނޫނެވެ. މިބަސްތައް އެއް ބަސް އަނެއް ބަހާއި ގުޅުމެއް އޮތްނަމަވެސް މެންޑެރިން ބަހުން ވާހަކަ ދައްކާ މީހުންނަށް ކެންޓޮނީޒް ވެސް އަދި ޝަންހާއިޒް ވެސް ނޭނގޭނެއެވެ. އެމީހުންގެތެރެއިން ބަސް އެނގޭނީ ހަމައެކަނި ބަސް އުނގެނިގެން ތިބޭ މީހުންނަށެވެ.

ޑައިލެކްޓް ކޮންޓިނުއަމް

ޑައިލެކްޓް ކޮންޓިނުއަމަކީ ވަކި ސަރަޙައްދެއްގައި އުޅޭ މީހުން ވާހަކަ ދައްކާ އުޅޭ ބަހުގެރޮނގަކަށް ކިޔާ ނަމެކެވެ. ރޮނުގުގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ މީހަކަށް އަވަށްޓެރި ސަރަހައްދުގައި (ކުދި އަވަށްތަކުގައި) ވާހަކަ ދައްކާ އުޅޭ ބަހުރުވަ ދޭހަވާނެއެވެ. ނަމަވެސް ރޮނގުގެ ދެކޮޅުގައި ދިރިއުޅޭ މީހުން ވާހަކަ ދައްކާ އުޅޭ ބަހުރުުވަ ދޭހައެއްނުވާނެއެވެ. މީގެ މިސާލުތަކަކީ ޔޫރަޕްގެ ޑައިލެކްޓު ރޮނގު:

ޖަރމަނިކް: ޖަރމަން –– – –  ޑަޗް –– – –  ފްލެމިޝް

ސްކެންޑިނޭވިއަން: ނޯވޭޖިއަން –– – –  ސްވެޑިޝް –– – –  ޑެނިޝް

ބަހުގެ އެހެނިހެން ވައްތަރުތަކާއި ބަހުރުވަ ތަފާތުވަނީ އެއަށް ލިބިފައިވާ ހާއްސަ ސިފަތަކެއްގެ ސަބަބުންނެވެ. ބަހުރުވައެއް އުފެދުމުގެ އަސްލަކީ ބަހުގެ ކޮންމެވެސް އެއް ވައްތަރެކެވެ.  ބަހުރުވައިގައި ހުންނަ ހާއްސަ ސިފަތަކުގެ އަސްލަކީ އެ ވައްތަރެވެ. ނުވަތަ ބާވަތެވެ. ބަހުރުވައެއް އުފެދެން މެދުވެރިވާ އަނެއް ސަބަބަކީ އެބަހުރުވައިގެ އަހުލުވެރިން ކޮންމެވެސް ގޮތަކުން އެކަހެރިވެފައިވުމެވެ. އެއީ އިޖްތިމާއީ ގޮތުން އަދި ސަރަހައްދު(ފަރުބަދަ، ނުވަތަ ކަނޑު)ގެ ގޮތުންނެވެ.

ދިވެހި ރާއްޖޭގައި އޮންނަނީ މައިގަނޑު ފަސް ބަހުރުވައެވެ. އެއީ މާލޭ ބަހުރުވަ، ހައްދުންމަތީ ބަހުރުވަ، ހުވަދޫ ބަހުރުވަ، ފުއައް މުލަކު ބަހުރުވަ، އަދި އައްޑޫ ބަހުރުވައެވެ. ބަހާއި ބަހުރުވައިގެ ބަހުސްކުރާ އެއްބަޔަކު ދެކޭގޮތުގައި ހުވަދޫ ބަހުރުވައަކީ ބަހުރުވައެއް ނޫނެވެ. ބަހެކެވެ. އަނެއްބަޔަކު ބުނާގޮތުގައި އެއީ ބަހުރުވައެކެވެ. ހަަމަ އެގޮތަށް ފުއައް މުލަކު ބަހުރުވައަކީ ވެސް ބަހުރުވައެއް ނޫންކަމަށާއި ބަހެއް ކަމަށް ބުނާ މީހުން އުޅެއެވެ.

ކަންކަން ވަކި އިންތިޒާމުތަކެއްގެ ދަށުން ހިންގުމަށް އުސޫލުތަކެއް ބޭނުންވެއެވެ. މިގޮތުން ބަލާއިރު ބަހަކީ އިސްތިސްނާއެއް ނޫނެވެ. އެހެންކަމުން ޤައުމުތަކުގައި ކަންކުރާ ގޮތަކީ ބަހުރުވަ ތަކުގެ ތެރެއިން “ސްޓެންޑަރޑް” އެއް ކަނޑައަޅަނީ އެވެ. ސްޓެންޑަރޑް އަކި ރަސްމީ ބޭނުމަށާއި، އުނގަންނައިދިނުމުގެ ބޭނުމަށާއި، އިޤްތިޞާދީ ބޭނުމަށާއި، އަދަބިއްޔާތާއި، އަދި މީޑިއާގައި ބޭނުން ކުރެވޭ ބަހުރުވައެވެ. އިނގިރޭސި ބަހުގައި ތަފާތު ސްޓެންޑަރޑް ވެރައިޓީ ނުވަތަ ވައްތަރު ހުރެއެވެ. ނޯތު އެމެރިކަން އިންގްލިޝް، އޮސްޓްރޭލިއަން އިނގްލިޝް، އަދި އިންޑިއަން އިންގްލިޝް އަކީ އިނގރޭސި ސްޓެންޑަރޑް ގެ ވައްތަރުތަކެވެ. މި ސްޓެންޑަރޑްތައް އަޑު މަޚްރަޖުން (ޕްރޮނަންސިއޭޝަން) ތަފާތު ވީ ކަމުގައިވިއަސް ބަހުގެ ހަމައިގައި މާ ބޮޑު ތަފާތެއް ނުހުރެއެވެ.

ބަހުރުވަތައް ގިނަ ގައުމުތަކުގައި ސްޓެންޑަރޑެއް ކަނޑައަޅާ އެއް ގޮތަކީ ވެރިކަން ކުރާ ރަށުގައި ދިރިއުޅޭ ތައުލީމީ މީހުން ވާހަކަދައްކާން ބޭނުންކުރާ ބަހަކީ އެންމެ ރަނގަޅު ބަސް ކަމުގައި ބަލައިގެންނެވެ. ނުވަތަ ލިޔުންތަކުގައި ގިނައިން ބޭނުންކުރާ ނުވަތަ ލިޔުންތަކުން ގިނައިން ބޭނުންކުރާ ބަހުރުވައަށް އިސްކަން ދީގެން އެއީ އެންމެ ރަނގަޅު ބަސްކަމުގައި ނިންމައި އެއީ ސްޓެންޑަރޑް ކަމުގައިވެސް ބަލައެވެ. އެންމެ ގިނަ މީހުން ބޭނުންކުރާ ބަހުރުވައަކީ ސްޓެންޑަރޑް ކަމުގައިވެސް ބައެއް ގައުމުތަކުން ކަނޑައަޅާފައި ހުރެއެވެ. މިއީ އެފަދަ ބަހުރުވަ މޮޅުވެފައި އެހެން ބަހުރުވައިގެ ހައިބަތު ގެއްލޭ ކަމެއް ނޫނެވެ. ސްޓެންޑަރޑް ބަހުރުވައިގައި ހުންނަ ހުރިހާ ސިފައެއް އެހެނިހެން ބަހުރުވަތަކުގައި ވެސް ހުރެއެވެ. ބަހުރުވަތަކުގައި ވެސް ބަސް ކޮށާރާއި، އަޑު މަހުރަޖާއި، ބަސް ބޭނުންކުރާ ހަމައެއް އޮވެއެވެ.

ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގެ ފުރަތަމަ ބާބުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ގައުމީ ބަހަކީ ދިވެހި ބަހެވެ. ގާނޫނު އަސާސީގައި “ގައުމީ ބަސް” މާނަކޮށްފައި އޮތީ ކޮންގޮތަކަށް ކަމެއް ނޭނގެއެވެ. އެނގޭ ކަމަކީ ރާއްޖޭގެ ކަންކޮޅުތަކުގައި ދިވެހިން ވާހަކަ ދައްކައި އުޅޭ ހުރިހާ ވައްތަރު ތަކަކީވެސް ދިވެހި ބަސް ކަމެވެ. ގާނޫނު އަސާސީގައި ދިވެހި ރާއްޖޭގެ ރަސްމީ ބަހަކީ ދިވެހިން ވާހަކަ ދައްކައި އުޅޭ ބަހުރުވަ ތަކުގެ ތެރެއިން ކޮން ބަހުރުވައެއް ކަމެއް ބަޔާން ކޮށްފައެއް ނެތެވެ.

ރާއްޖޭގައި ސްޓެންޑަރޑެއް ކަނޑައަޅާފައި އޮތީ ކޮންގޮތަކަށް ކަމެއް އެހާ ސާފެއް ނޫނެވެ. ނަމަވެސް ރާއްޖޭގައި އޮންނަ ފަސް ބަހުރުވައިގެ ތެރެއިން މިހާތަނަށް ސްޓެންޑަރޑެއް ކަމުގައި ބޭނުންކުރަމުން އައީ “މާލޭ ބަހުރުވައެވެ.” ކޮންމެވެސް ގޮތަކުން ރަސްމީ ބަހުރުވައަކީ “މާލޭ ބަސް” ކަމުގައި ވީއެވެ. ރަސްމީ ބޭނުންތަކަށާއި، އުނގަންނައިދިނުމަށާއި، މީޑިއާގައި ބޭނުންކުރަނީ ރަސްމީ ބަހުރުވައެވެ. ރާއްޖޭގެ ދެކުނުގައި ވަކި ދައުލަތެއް ގާއިމުކުރެވިފައި އޮތްއިރުގެ ލިޔުންތަކުން ފެންނާން ހުރީވެސް ރަސްމީ ބަހުރުވައެވެ. އައްޑޫ ބަހުރުވައެއް ނޫނެވެ. ނުވަތަ ފުއައް މުލަކު އަދި ހުވަދޫ ބަހުރުވައެއް ވެސް ނޫނެވެ.

ސްޓެންޑަރޑް ކަނޑައެޅުމުގައި ބަހަވީ ބަހާ އަކަށް ނުބަލައެވެ. ސްޓެންޑަރޑް ކަނޑައަޅަނީ ދޭހަވާ މިންވަރަށް (މިއުޗުއަލް އިންޓެލިޖިބިލިޓީ) ރިއާޔަތް ކޮށްގެނެއް ނޫނެވެ. ސްޓެންޑަރޑް ކަނޑައެޅުމަކީ ސަގާފީ އަދި ސިޔާސީ ނިންމުމެކެވެ. ބަހަވީ ކަމެއް ނޫނެވެ. ރާއްޖޭގެ ރަސްމީ ބަހަށް “މާލެ ބަސް” ވީ ސިޔާސީ ނިންމުމަކުން ކަމުގައި ވެދާނެއެވެ.

ބަހުރުވަތަކަށް ރަސްމީ ހައިސިއްޔަތު ހޯދަން ވަތަނީ މީހުން އަބަދުވެސް ވަކާލާތު ކުރެއެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އާރާއި ބާރު އޮންނަނީ ރަސްމީ ހައިސިއްޔަތު ދެވިފައިވާ ބަހުރުވައިގައެވެ. އެއީ ހަގީގަތެއް ނޫނެވެ. އެއީ މީހުން ވިސްނާ ގޮތެވެ. ގަބޫލުކުރާ ގޮތެވެ. ހުރިހާ ބަހުރުވައަކަށް ރަސްމީ ހައިސިއްޔަތެއް ނުދެވޭނެއެވެ. ރަސްމީ ހައިސިއްޔަތު ދެވޭނީ ބަހުރުވަތަކުގެ ތެރެއިން ކޮންމެވެސް އެއް ބަހުރުވައަކަށެވެ. އެ ބަހުރުވައަކީ އާބާދީގެ ގިނަ ބަޔަކަށް އެންމެ ފަރިތަ ބަހުރުވައަށް ވެސް ވާންޖެހެއެވެ. ވަކި ބަހުރުވައަކަށް ރަސްމީ ހައިސިއްޔަތު ހޯދާން ވަކާލާތު ކުރުމަކީ ޒަމާނުއްސުރެ ގައުމުގައި ގާއިމުވެފައި އޮތް ސުލްހަ މަސަލަސްކަމާއި ހަމަނުޖެހުމަށް ބުރޫ  އަރާނެކަމެކެވެ. ނަމަވެސް ބަހުރުވައަކަށް ރަސްމީ ހައިސިއްޔަތު ދެވޭ ސަބަބު ސާފުކޮށް އެނގެން އޮންނާން ވާނެއެވެ.

ކޮންމެ ބަހުރުވައަކަށް ވެސް ވަކި ހާއްސިއްޔަތެއް ލިބިގެންވެއެވެ. އެއް ބަހުރުވަ އަނެއް ބަހުރުވައަށް ވުރެ ވަކި މޮޅެއް ނޫނެވެ. އެއް ބަހުރުވައަށް ވުރެ އަނެއް ބަހުރުވައިގެ ހައިބަތު ކުޑައެއްވެސް ނޫނެވެ. އެއް ބަހުރުވައަށްވުރެ އަނެއް ބަހުރުވައިގެ ދިވެހި ކަންވެސް ކުޑައެއް ނޫނެވެ. އައްޑޫ މީހުން ވާހަކަ ދައްކާ ބަހުރުވަ މާ ދިވެހިވެފައި ހައްދުންމަތީ މީހުން ވާހަކަ ދައްކާ ބަހުރުުވައިގެ ދިވެހިކަން ވަކި ކުޑައެއް ނުވާނެއެވެ. ލިޔެލިޔުމުގައި ބޭނުން ނުކުރިކަމުގައި ވިއަސް ދިވެހީން ވާހަކަ ދައްކައިއުޅޭ ހުރިހާ ބަހުރުވަތަކަކީ ވެސް ދިވެހި ބަހެވެ.

ޔިޑިޝް ލިންގުއިސްޓެއް ކަމުގައިވާ މެކްސް ވައިންރީކް އޭނާގެ ތަގްރީރެއްގައި ބުނެފައިވަނީ:

 (A language is a dialect with an army and a navy)

ބަހަކީ އެއްގަމު ސިފައިންނާއި ވައިގެ ސިފައިންގެ މައްޗަށް އެކުލެވޭ ބަހުރުވައެކެވެ.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. ެއަހުމަދު ޝިޔާމު

    މަނާހިލް ގެ މިލުޔުމަކީ ވަރަށް ޢިލްމީ އަދި މަޢުލޫމާތުން ފުރިގެންވާ ލިޔުމެކެވެ. ޒަމާނުން ސުރެ މާލޭގައި ދިރި އުޅޭ މީހުން ވާހަކަ ދައްކާ އުޅުނު ބަހުރުވައަކީ ރަސްމީ ބަހުރުވައަށް ވަނީ ވެފައެވެ. އެއީ ސިޔާސީ ނިންމުމެެއް ކަމަކަށް ނުބެލެވެއެވެ. ރާއްޖޭގެ އެއް ރަށެއްގައި އެންމެ ގިނަ މީހުން ދިރި އުޅެނީ ޒަމާނުން ސުރެ މާލޭގައި ކަމަށް ވެފައި އަދި ރާއްޖޭގެ ގިނަ ރަށް ރަށުގެ މީހުންވެސް ވާހަކަ ދައްކަމުން އައީ ވެސް މާލޭގައި ބޭނުން ކުރަމުން އައި ބަހުރަވައިންނެވެ. އަދި މާލޭގައި ބޭނުން ކުރަމުން އައި ބަހުރަވައިން ވާހަކަ ދައްކާ އަދި ލިޔެ ހެދުމުން ރާއްޖޭގެ ހުރިހާ ދިވެހީންނަށް ވެސް ފަސޭހަކަމާއި އެކު އޮޅުން ފިލައެވެ. ބަައެއް ރަށް ރަށުގެ މީހުންގެ ވާހަކަ ދެއްކުމުގެ ރާގާ އަދި ބައެއް މަދު ބަސްބަހުގައި ކުދި ކުދި ތަފާތު ހުއްޓަސް މައިގަނޑު އެއް ގޮތެވެ. ވީމާ، އެގޮތުން މާލޭ ބަހުރުވައަށް ރަސްމީ ހައިސިއްޔަތު ލިބިފައި ވަނީ އެވެ. މިހާރުގެ ރަސްމީ ލިޔުން ތަކުގައިވެސް މަދުން ނަމަވެސް އިހުގައި ރާއްޖޭގެ އެކި ސަރަހައްދުގައި ބޭނުން ކުރަމުން އައި ބަހުރުވައިގެ ބައެއް ބަސްބަސް ބޭނުން ކޮށްފައި ހުއްޓާފެނެއެވެ. މަނާހިލްއަށް ފަށްފަށުުން ޝުކުރިއްޔާ.

    (7)(0)
Leave Comment