"ފައްސަތޭކަ"އިގެ ނިމުމެއް ނެތް ބަހުސް


ޙަޤީޤަތް ބަދަލެއްނުކުރެވޭނެ އެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
"ދިވެހި އާނޫޓުތަކުގެ ނޫޓެއްގައި ތާނައިން ޢަދަދު ލިޔެފައި އޮތް ގޮތާ ބެހޭ ގޮތުން އަޅުގަނޑު ލިޔުނު ލިޔުމަކާ ގުޅިގެން އަޅުގަނޑަށް ރައްދުދެއްވައިފައްޔާއި އަޅުގަނޑަށް ތާއީދުކުރައްވައި ވަރަށް ގިނަ ބޭފުޅުން އެބަ ކޮމެންޓްކުރައްވައެވެ. އެކަމަކު މިއީ ވަރަށް ސާފު މައްސަލައެކެވެ.

ޖެހިޖެހިގެން ކިތަންމެ އަކުރެއް އަޔަސް ކިތަންމެ ސުކުނެއް އަޔަސް ތަބާވާންޖެހޭ ގަވާއިދު އިސްތިސްނާއެއް ނުވާނެ އެވެ. ޖެހިޖެހިގެން ދެ ސީނު އައުމުން ކިޔާއިރު އަޑު ނިޔާކުރާ ގޮތް ތަފާތުވެދާނެ އެވެ. އެ ގޮތަށް ނުރަސްމީ ލިޔުންތަކުގައި ލިޔެވިވެސް ދާނެ އެވެ. މިސާލަކަށް އިނގިރޭސިބަހުން ވެސް “It is” ލިޔާއިރު، އަދި ކިޔާއިރު ވެސް ކިޔަނީ “It’s” މިހެން ނޫންތޯއެވެ. އެކަމަކު ރަސްމީ ލިޔުންތަކުގައި ހަމަ އަސްލު އޮންނަ ގޮތަށް ލިޔަމު ނޫންތޯއެވެ. އަދި 500 ކިޔާއިރު “ފައްސަތޭކަ”އިގެ އަޑު އިވުނަސް އަޞްލަކީ “ފަސް ސަތޭކަ” ނޫންތޯއެވެ؟ މީހަކު “ފައްސަތޭކަ”އޭ ބުނީމާ ސާފު ނުވެގެން “ކިތައް ސަތޭކަހޭ” ސުވާލުކުރުމުން ދެން ބުނާނީ ކީކޭތޯއެވެ؟ ފަހެކޭތޯއެވެ؟ ނުވަތަ … ކީކޭތޯއެވެ؟

ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ އިނގިރޭސިބަހުން ލިޔެފައި އޮތީ ވެސް “five hundred” މިހެން ކަމެވެ. މީހަކު އަވަހަށް ވާހަކަދައްކާއިރު “ފައިވް ހަންޑްރެޑް” ކިޔާތީ އިވޭނީ “ފައިވަންރެޑް” މިހެންނޫންތޯއެވެ؟ އެކަމަކު އެހެން ނުލިޔަމެއް ނޫންތޯއެވެ؟ “ފަސް ސަތޭކަ”އަށް ވެސް މި ވަނީ ހަމަ މިހެންނެވެ. “ފަސް ސަތޭކަ” އަވަހަށް ކިޔާއިރު “ފައްސަތޭކަ” އަޑު އިވެނީއެވެ. ކިޔެނީވެސްމެއެވެ. އެހެން ނަމަވެސް ރަސްމީ ލިޔެކިޔުންތަކުގައި އެ ގޮތަށް ލިޔާކަށް ނުޖެހެއެވެ. 1991 ގައި ޝާއިޢުކޮށްފައި އެ އޮތް ރަދީފުގައި “ފައްސަތޭކަ” އެއީ “ފަސް ސަތޭކަ” ކަމަށް އެ އޮތީ ވެސް ހަމަ އެހެންވެއެވެ. އެ ވިދާޅުވާ ރަދީފުގައި ވެސް “ފައްސަތޭކަ” އަކީ “ފަސް ސަތޭކަ” ކަމަށް، އެބަ އޮތެއް ނޫންތޯއެވެ؟ ވީމާ ރަސްމީ އެއްޗެއްގައި ލިޔާންޖެހޭނީ އަޞްލު ގޮތަށް ނޫންތޯއެވެ؟

ކުރީގެ ރަދީފުގައި “ފައްސަތޭކަ” އެއީ ފަސް ސަތޭކަ” ކަމަށް ލިޔުނީ ރާއްޖޭގެ 4 އަތޮޅެއްގެ ބަހުރުވައިގައި އެހެންކިޔާތީ އެވެ. ވަކި އެއް އަތޮޅެއްގެ ބަހުރުވަ ކަމަށް ފާހަގަނުކޮށް އޮތީ 4 އަތޮޅުގައި ވެސް އެހެން ބޭނުންކުރާތީއެވެ. އެހެންވީމާ ރަސްމީ ލިޔެކިޔުންތަކުގައި ޢާއްމު ބަހުރުވަ ބޭނުންކުރާ އުޞޫލުން “ފައްސަތޭކަ” ވެސް ލިޔަން ޖެހޭނީ “ފަސް ސަތޭކަ” މިހެންނެވެ. ދެ ލަފުޒު އެކުވެ، އެއް ލަފުޒެއްގެ ގޮތުގައި އަޑު އިވުނަސް “ފަސް ސަތޭކަ” އަކީ 2 ލަފުޒެކެވެ. “FIVE HUNDRED” ވެސް 2 ލަފުޒަށް ވާ އުޞޫލުންނެވެ.

އަނެއްކޮޅުން ބަލާއިރު “ފައްސަތޭކަ” ލިޔުނީ ބަސްފޮތުގައި އޮތީމާ ކަމަށް ވިދާޅުވާއިރު، މިކަންވެސް ހިނގައިފައި އޮތީ އެންމެ ރަނގަޅަށް ކަމަށް ދެންނެވޭކަށް ނެތެވެ. މީހަކު އެއްޗަކަށް ޙަވާލާދޭނަމަ ޙަވާލާދޭނީ އޭގެ އެންމެ ފަހުގެ ޢިޞްދާރަށް ނޫންތޯއެވެ. ކުރީގެ ރަދީފުތައް މުރާޖަޢާކުރުމަށްފަހު، ޤައުމީ ޔުނިވަރސިޓީއިން، މި ޒަމާނުގެ ޑިކްޝަނަރީ ފެންވަރަށް 2011 ގައި ބަސްފޮތެއް ޝާއިޢުކުރައްވައިފައި އެބަ އޮތެވެ. އެހެންވީމާ، މިހާރު ލަފުޒުތަކުގެ މާނަ ދެނެގަންނަން ބަލާންޖެހޭނީ އެ ބަސް ފޮތަށް ކަމަށް ދެކެމެވެ. އެ ބަސްފޮތުގައި “ފައްސަތޭކަ” އެބަ އޮތްތޯއެވެ؟ އެހެންވީމާ މިއީ ބަސްފޮތުގައި އޮވެގެން ލިޔުނު އެއްޗެކޭ ބުނާނެ ތަނެއް ވެސް ނެތެވެ.

އަނެއްކޮޅުން ބަލާ އިރު، އ،ހ،ނ،މ މިއިން އަކުރެއްގެ ކުރިޔަށް އ ސުކުނެއް ނުވަތަ ށ ސުކުނެއް އަތުވެއްޖެ ނަމަ އެ ސުކުނުގެ އަޑު އިވޭނީ ވެސް ނޫނު ސުކުނެއްގެ ގޮތަށެވެ. އެކަމަކު އަޅުގަނޑުމެން އެހެންނެއް ނުލިޔަމުނޫންތޯއެވެ؟ ދިވެހިބަހަކީ ފޮނެޓިކްބަހެއް ކަމަށް ބެލެވުނަސް ސައްތައިންސައްތަ ފޮނެޓިކް ބަހެއް ނުއޮވޭ ނޫންތޯއެވެ.

 

ދިވެހިބަހުގައި މިހާތަނަށް ބޭނުންކުރެވޭ، އަދި ލިޔެވި އެކަށައެޅިފައިވާ ހަމަތަކަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

 

  • “500” މިއީ ޢަދަދެއް ބަޔާން ކުރާ ހަމައެއް ކަމަށް ވުމާ އެކު، ތާނައިން ލިޔާނީ “ފަސް ސަތޭކަ” މި ގޮތަށް ދެ ލަފުޒު ވަކީންކަން އެނގެން އެބަ އޮތެވެ. އަދި 1000 ވެސް ލިޔާނީ “އެއް ހާސް” މި ގޮތަށް ދެ ލަފުޒު ވަކީންކަން ވަރަށް ތަފުޞީލުކޮށް ބަޔާންކޮށްދީފައި އެބަ އޮތެވެ.
  • “ފަސް ސަތޭކަ” މި ނަންއިތުރުގެ މައިގަނޑުގައި “ފަސް” މިއީ ޢަދަދު ބަޔާން ކުރާ ނަންއިތުރެކެވެ. މީގެ އަޞްލަކީ “ފަހެއް” ކަމަށް ވާތީ މި ތަނުގައި އޮންނާނީ “ސީނު ސުކުނެއް ކަމާމެދަކު ޝައްކެއްވެސް ނޫފެދެއެވެ.
  • ކުރީގެ (1991) ގައި ޗާޕު ކުރެވިފައި އޮތް ބަސްފޮތުގެ ފ ގެ ރަދީފުގައި “ފައްސަތޭކަ” މި ގޮތަށް ލިޔެވިފައި އޮއްވައި، ފަހުން ވަނީ އެގޮތް އިޞްލާޙު ކުރެވިފައެވެ. އިޞްލާޙު ކުރުމަށް ފަހު ފަހުން ޗާޕުކުރި ބަސްފޮތުގައި އޮތް ގޮތަކީ “ފަސްސަތޭކަ” އެވެ.  ރަދީފަށް ރިޢާޔަތް ކުރާ ނަމަ ރިޢާޔަތް ކުރާން ޖެހޭނީ އިޞްލާޙު ކުރެވި، ފަހުން ޝާއިޢު ކުރެވުނު އިޞްދާރަށްކަމުގައި ބުއްދި ހުރި ކޮންމެ މީހަކު ވެސް ޤަބޫލުކުރާނެ އެވެ.
  • ބަހުގެ ހަމައިގެ އަތްމަތީ ފޮތުގައި “ސީނު ސުކުނުގެ” ހަމަ ބަޔާން ކޮށްދީފައި އޮތް އޮތުމުގައި “ފަސް ސަތޭކަ” ލިޔާންވީ ގޮތް ވަނީ ވަރަށް ތަފުޞީލުކޮށް ކިޔައިދީފައެވެ.
  •  ނަންއިތުރަކާއި ނަމެއް ގުޅިގެން އުފެދޭ ނަންއިތުރުގެ މައިގަނޑަކަށް ވަކި ނަމެއް ކިޔާ ނަމަ އެ ނަން ވާން ޖެހޭނީ އެ ނަންއިތުރުގެ ނަމާ ތަފާތުކޮށް ކިޔޭ ވަކި ނަމަކަށެވެ. އެހެންނޫނީ ކޮންމެ ނަންއިތުރަކާއި ނަމެއް ލަފުޒު ވަކި ނުކޮށް ލިޔުމަށް ފަހު މިއީ ވަކި ނަމެކޭ ބުނުމުގެ ފުރުޞަތު އެބަ އޮތެވެ. މިއީ ބަހުގެ ޤަވާޢިދުގެ މައިގަނޑު ބައިތަކުގެ ތެރޭގައި އޮތް ނަންއިތުރު ހަމަޔާ ޚިލާފު އަދި ދިވެހި ބަހުގެ ލަފުޒު ވަކިކޮށް ލިޔުމުގެ އުޞޫލާ ވެސް ޚިލާފު ކަމެކެވެ.

ވީމާ މައްސަލައަކީ ސާފު މައްސަލައެކެވެ. ބަޔަކަށް އޮޅިގެން ނަމަވެސް ނޭނގި ނަމަވެސް އެ އޮތީ ކުށެއް ހެދިފައެވެ. ކިތަންމެ ވަރަކަށް ދިފާޢުކުރެއްވިޔަސް އެ ވާނީ ހަމަ ކުށަކަށެވެ. ބަޔަކަށް ކިތަންމެ ވާހަކައެއް ވެސް ދެއްކިދާނެ އެވެ. އެކަމަކު ޙަޤީޤަތް ބަދަލެއް ނުކުރެވޭނެއެވެ.

 

ނިންމައިލުމުގެ ކުރީން ދަންނަވަމެވެ. މިއީ އަޅުގަނޑުގެ އެކަނި ޚިޔާލެއް ނޫނެވެ. މި ޒަމާނުގައި ދުނިޔޭގައި ތިއްބެވި ފުންނާބު އުސް މަޝްހޫރު ބަސްވާރުންގެ ގިނަ ބޭފުޅުންގެ ރައުޔު ވެސްމެއެވެ. އަޅުގަނޑު މި ގޮވަނީ ތާކުންތާކު ނުޖެހޭ ހާސަރުތަކަކަށް ވެދާނެއެވެ. އެކަމަކު މި ފަދަ ކަމެއް، މިހާ ބޮޑުކަމެއް ނިންމެވި އިރު މަޝްހޫރު މަޤުބޫލު ބަސްވާރުންނާ މަޝްވަރާ ނުކުރެއްވީ ކީއްވެބާވައެވެ. އެމްއެމްއޭގެ ނޫސް ބަޔާނުން އެނގުނު ގޮތުގައި މި މައްސަލައިގައި “އެޑްވައިޒަރީ ކޮމިޓީ”ގެ ރައުޔު ވެސް ހޯއްދަވައިފައެއް ނެތެވެ.

އިންސާނުންކުރާ ކަންކަމުގައި ކިތަންމެ ވަރަށް ބެލިޔަސް “ކުށް ހެދޭނެ” ކަމަށް ގަބޫލުކުރަނީ ވެސް އެހެންވެއެވެ. “މުޤުރީންނަށްވެސް ކުށްކިޔެޔޭ” ބުނަނީ ވެސް އެހެންވެއެވެ. ވީމާ ކުށެއް ލިޔެވުމަކީ އާ ކަމެއް ނޫނެވެ. މައްސަލައަކީ ކުށް ދިފާޢުކުރައްވަން މަސައްކަތްކުރައްވާ ކަމެވެ. އެއީ ކުށެއް ނޫންކަމަށް ވަކާލާތުކުރައްވާ ކަމެވެ. ހިތާމަހުރި ކަމަކީ މިއީއެވެ. والله أعلم

—————————
About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
4 Comments
  1. ސަލީމް

    ބަހުސް ކޮށް ތިމާގެ ކޮޅު ގަދަ ކުރަންވީ ކަމެއް ނޫނެވެ. ކޮންމެ މީހަކަށް ވެސް ހީވަނީ ތިމާމީހާ މީ ބަހުގެ އެންމެ ފުންނާބު އުސްމީހާ ކަމަށެވެ. ބަހުގެ ފުންނާބު އުސްކަމަށް ދެކޭ މީހުންނަށް ވެސް ހީވަނީ ތިމާ މީ އެންމެ މޮޅު މީހާ ކަމަށެވެ. ދިވެހި ބަހުގައި އެއްދުވަސް ވަރެއްގައި ނިމޭ އަކުރަށް ސީނު އަންނަ ކޮންމެ ތަނަކަށް ހ ބޭނުން ކޮށްގެން ވެސް އުޅުނެވެ، މިސާލަކަށް ވައިޓްހައުސް ލިޔާއިރު ވައިޓްހައުހާ އޭ ލިޔެގެން ވެސް އުޅުނެވެ. އަޅުގަނޑު ދެކޭ ގޮތުގައި ފައްސަތޭކަ އޮތުމީ މައްސަލަ އެއް ނޫނެވެ. ކިޔާ ގޮތައް ނުލިޔެވޭން ވީ ސަބަބެއް ނެތެވެ. ރާއްޖޭގަައި ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު އެގޮތަށް ބޭނުން ކުރާތީއެވެ. މަދު ބަޔަކު ބޭނުން ކުރުމުން އެއީ ކުށްގޮތޭކެޭ ނުބުނެވޭނެތީއެވެ.

    (1)(1)
  2. ސަޢީދާ

    ސަލީމުގެ ހުށަހެޅުން ވެސް ގޯހެއްނޫން. އެކަމަކު ކިޔާގޮތަށް ހުރިހައި ނޫޓެއްގައި ލިޔުނު ނަމަ އަޅުގަނޑު ވެސް އެއްބަސް ވާނަން. އެރޭ ނެރުނު 1000 ރުފިޔާގެ ނޫޓުގައި ތާނައިން ލިޔެފައި އޮތީ އަލިފުސުކުން. އެއްހާސް. އެންހާސް ލިޔުނު ނަމަ ކިޔާގޮތަށް ލިޔުނު ކަމަށްވާނީ.

    (2)(0)
  3. މަނިކުބެ

    ހެދުނުގެ ގޯހުގެ ސަބަބު ދައްކަން މަޖުބޫރުވީހިނދު ސަބަބެއް ނުދެއްކުނު މީހާ ބުނީ ހުނިގުރާބޭ. އެހެންވީމާ މިމައްސަލާގައި ވެސް އެދައްކަނީ ހުނިގުރާބުގެ ވާހަކަ.

    (1)(0)
  4. މީމު

    "ނައިޓްކްލަބެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާއި ގުޅިގެން ރޮމޭނިއާގެ ސަރުކާރު އިސްތިއުފާދީފި" މި ޤައުމެއްގެ ސަރުކާރެއް އިސްތިއުފަ ދެއްވި ވާހަކަ އެވެ. ނައިޓް ކުލަބެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެންނެވެ. އެކަމަކު އަހަރެމެންގެ ދިވެހިން އެ ބަހަކަށް ޓަކައި ފަޚުރުވެރިވާ ދިވެހިބަހަށް ބޮޑުވެގެންވާ ލޮޅުމެއް ގެންނެވުމަށްފަހުވެސް ގަދަބަސް ވިދާޅުވުމަކީ ދިވެއްސަކަށްވީތީ ވާކަމެއްތޯ އެވެ.
    =މީމު=

    (1)(0)