މިއީ ދުނިޔޭގެ އެކި ގައުމުތަކުގެ ތައުލީމީ ސިޔާސަތުގައި ބަސް ބޭނުން ކުރާން އޮންނަ އުސޫލުތަކާ ބެހޭ ގޮތުން ލިޔެފައިވާ ޚުލާސާ ލިޔުމެކެވެ. އެއްވެސް ގައުމެއްގައި އެ ގައުމެއްގެ ހުރިހައި ބަހެއް ތައުލީމީ ސިޔާސަތުގެ ތެރެއަށް ވައްދާފައެއް ނޯވެއެވެ.   އޭޝިއާ އެންޑް ދަ ޕެސިފިކް ބްރުނާއީ ދާރުއްސަލާމް ބްރޫނާއީގައި ގާތްގަނޑަކަށް 17 ބަހަކުން ވާހަކަ ދައްކާ އުޅެއެވެ. ބްރޫނާއީގެ ރަސްމީ ބަހަކީ ސްޓެންޑަރޑް މެލޭ އެވެ. ނަމަވެސް އާއްމުކޮށް މީހުން ވާހަކަ ދައްކާ އުޅެނީ ބްރުނާއީ މެކޭ…

މިއީ ދުނިޔޭގެ އެކި ގައުމުތަކުގެ ތައުލީމީ ސިޔާސަތުގައި ބަސް ބޭނުން ކުރާން އޮންނަ އުސޫލުތަކާ ބެހޭ ގޮތުން ލިޔެފައިވާ ޚުލާސާ ލިޔުމެކެވެ. އެއްވެސް ގައުމެއްގައި އެ ގައުމެއްގެ ހުރިހައި ބަހެއް ތައުލީމީ ސިޔާސަތުގެ ތެރެއަށް ވައްދާފައެއް ނޯވެއެވެ.

 

އޭޝިއާ އެންޑް ދަ ޕެސިފިކް

ބްރުނާއީ ދާރުއްސަލާމް

ބްރޫނާއީގައި ގާތްގަނޑަކަށް 17 ބަހަކުން ވާހަކަ ދައްކާ އުޅެއެވެ. ބްރޫނާއީގެ ރަސްމީ ބަހަކީ ސްޓެންޑަރޑް މެލޭ އެވެ. ނަމަވެސް އާއްމުކޮށް މީހުން ވާހަކަ ދައްކާ އުޅެނީ ބްރުނާއީ މެކޭ ބަހުންނެވެ. މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުން ކުރަނީ ސްޓެންޑަރޑް މެލޭ ބަހާއި އިނގިރޭސި ބަހެވެ. ލޯކަލް ބަސް ބޭނުމެއް ނުކުރެއެވެ.

ކެމްބޯޑިއާ

ކެމްބޯޑިއާގައި ވާހަކަ ދައްކަ އުޅެނީ ގާތްގަނޑަކަށް 20 ބަހަކުންނެވެ. ކެމްބޯޑިއާގެ އެންމެ ބޮޑު އެތްނިކް ގްރޫޕަކީ ޚުމޭރެވެ. އެއީ އާބާދީ ގެ 90 އިންސައްތަ މީހުންނެވެ. އުނގަންނައިދޭ ހުރިހާ މަރުހަލާ އެއްގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުން ކުރަނީ ގައުމީ ބަސް ކަމުގައިވާ ޚުމޭރެވެ. ނަމަވެސް އަޖުމަ ބަލައިލުމުގެ ގޮތުން މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި އިރުމަތީ ރަށް ތަކުގައި މައިނޯރިޓީ ބަސް ވަނީ ތައާރަފް ކޮށްފައެވެ. މި ޕްރޮޖެކްޓް ތަކުގެ ދަށުން ރަސްމީ އަދި ނުރަސްމީ ތައުލީމީ ނިޒާމުގެ ތެރެއިން ބޮޑެތި މީހުންނާއި ކުޑަ ކުދީންނަށް ދެބައްސަ ތައުލީމުގެ ފުރުސަތު ލިބެއެވެ.

އިންޑޮނީޝިއާ

އިންޑޮނީޝިއާގައި 700 އަށްވުރެ ގިނަ ބަހުން ވާހަކަ ދައްކާ އުޅެއެވެ. އެހެންކަމުން އިންޑޮނީޝިއާ އަކީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ބަހަވީ ސިންދަފާތު އެންމެ ފުޅާ ގައުމެވެ. ތައުލީމީ ހުރިހާ ހަރުފަތެއްގައި އުނގަންނައިދޭން (މީޑިއަމް އޮފް އިންސްޓްރަކްޝަން އަކަށް) ބޭނުންކުރާ ބަހަކީ އިންޑޮނީޝިއަން އެވެ. އެއީ އިންޑޮނީޝިއާގެ ރަސްމީ ބަހެވެ. ނަމަވެސް މާދަރީ ބަހުގެ ގޮތުގައި އިންޑޮނީޝިއަން ބަހުން ވާހަކަ ދައްކާ މީހުންގެ ނިސްބަތަކީ އާބަދީގެ 10 އިންސައްތައެވެ. ދަށު ގުރޭޑުތަކަށް މާދަރީ ބަހުން އުނގަންނައިދޭން ގާނޫނު އަސާސީ އާއި ތައުލީމީ ޕޮލިސީ އިން ބާރު އަޅައެވެ. އެހެންނަމަވެސް ސަރުކާރު ސްކޫލްތަކުގައި މާއްދާއެއްގެގޮތުގައި ތަފާތު ބަސް ބަސް ކިޔަވަދިނުން ފިޔަވައި އެބަސް ބަހަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ނުރަސްމީ ތައުލިމު ދޭ ތަންތާގައި އާއްމުކޮށް ބޭނުންކުރަނީ ލޯކަލް ބަހެވެ. ޚާއްޞަކޮށް ބޮޑެތި މީހުންނަށް އުނގަންނައިދޭ މަރުކަޒު ތަކުގައިި ކިޔަވައި ދެނީ ލޯކަލް ބަހުންނެވެ.

ލާއޯ ޕީީޑީއާރު

ލާއީ ޕީޑީއާރުގައި ވާހަކަދައްކާ އުޅެނީ 82 ބަހަކުންނެވެ. އުނގަންނައިދިނުމުގެ ހުރިހާ މަރުހަލާއެއްގައި ބޭނުންކުރަނީި ރަސްމީ ބަސް ކަމުގައިވާ ލާއޯ އެވެ. ލާއޯ އަކީ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންގެ މާދަރީ ބަހެވެ. އުނގަންނައި ދިނުމަށް ލާއޯގެ ތަފާތު ބަސް ބަސް ބޭނުން ނުކުރި ކަމުގައިވިޔަސް އެތުނިކް މައިނޯރިޓީ މީހުންނާއި އަދި ސްކޫލތަކުގައި އެ ބަސްތައް ބޭނުންކުރެއެވެ.

މެލޭޝިއާ

މެލޭޝިއާގައި ގާތްގަނޑަށް 140 ބަހަކުން ވާހަކަ ދައްކާ އުޅެއެވެ. މެލޭޝިއާގެ ރަސްމީ ބަހަކީ މެލޭ އެވެ. ގިނަ ސްކޫލްތަކުގައި އުނގަންނައިދޭން ބޭނުންކުރަނީ މެލޭ ބަހެވެ. ބައެއް ޕްރައިމަރީ ސްކޫލުތަކުގައި މެންޑެރިން، ތަމިލް، ނުވަތަ އިންޑިއާ ބަސް ބޭނުން ކުރެއެވެ. މެލޭ-މީޑިއަމް ސްކޫލުތަކުގައި ތަމިލް އާއި، މެންޑެރިން އަދި އެހެނިހެން ބަސްބަސް މާއްދާއެއްގެ ގޮތުގައި ކިޔަވައިދެއެވެ. 1990 ގެ ފަހުގެ އަހަރުތަކުން ފެށިގެން އިރުމަތީ މެލޭޝިއާގެ ރަށްފުށުގައި ދިރިއުޅޭ މީހުންވަނީ އަމިއްލަ ބަސް ބޭނުންކޮށްގެން އުނގަންނައިދިނުމުގެ ތަފާތު ޕްރޮގްރާމްތައް ފަށާފައެވެ. އެގޮތުން ސްކޫލުތަކުގައި ބަސް ކިޔަވައި ދެއެވެ. މިކަހަލަ ޕްރޮގްރާމް ތަކަކީ ދެބައްސަ ތަލީމު ކަމުގައި ނުބަލައެވެ. ސަބަބަކީ ރަސްމީ ސިފައެއްގައި އުނގަންނައިދޭ މީޑިއަމެއްގެ ގޮތުގައި އެބަސްބަސް ބޭނުން ނުކުރާތީއެވެ.

މިޔަންމާރ

ޔޫނިއަން އޮފް މިޔަންމަރ ގައި 100 އަށްވުރެ ގިނަ ބަހުން ވާހަކަ ދައްކާ އުޅެއެވެ. އުނގަންނައިދިނުމުގެ ވަސީލަތެއްގެ ގޮތުގައި ސަރުކާރުގެ ތައުލީމީ ނިޒާމުގައި ބޭނުންކުރަނީ ބަމާ (ބަރމީޒް) އެވެ. ބަމާ އަކީ ރަސްމީ ބަހެވެ. ނުރަސްމީ ތައުލީމު ދޭ މަރުކަޒުތަކުގައި އަމިއްލަ ބަސް ވަރަށް ފުޅާކޮށް ބޭނުންކުރެއެވެ.

ފިލިޕީންސް

ފލިޕީންގައި 170 އަށްވުރެ ގިނަ ބަހުން ވާހަކަ ދައްކާއުޅެއެވެ. ހުރިހާ ބަހެއްގައި ހެން އެބަހެއްގެ ހަށަނަރަބަޅަ އެއް އޮވެއެވެ. 100 އަށްވުރެ ގިނަ ބަސް ބަހުން ތަފާތު ލިޔުންތައް ލިޔެވިފައި އެބަހުއްޓެވެ. ފިލިޕީނޯ އާއި އިނގިރޭސި ބަހަކީ ލިޔަން ކިޔަން ދަސްކޮށްދޭށާއި، ތައުލީމީ ނިޒާމުގައި ބޭނުންކުރާ ރަސްމީ ބަހެވެ. ސަރުކާރުގެ ބައެއް ސުކޫލުތަކުގައި އިބްތިދާއީ މަރުހަލާގައި އުނގަންނައިދިނުމަށް އެހެނިހެން ބަސްބަސް ބޭނުން ކުރެއެވެ. އާއްމުގޮތެއްގައި އެބަސްބަސް ބޭނުން ކުރަނީ މަންހަޖު އޮޅުންފިލުވައިދޭން އަނގަބަހުންނެވެ. އަމިއްލަ ބަސް ގިނައިން ބޭނުންކުރަނީ ބޮޑެތ މީހުންނަށް އުނގަންނައިދޭން ނުރަސްމީ ތަންތަނުގައެވެ.

ސިންގަޕޫރު

ސިންގަޕޫރުގައި 20 ބަހަށް ވުރެ ގިނަ ބަހުން ވާހަކަ ދައްކާ އުޅެއެވެ. ސިންގަޕޫރަކީ ގައުމުގެ އާބާދީގެ ތެރެއިން އިޖްތިމާއީ ގިނަބައްސިއްޔާތާއި ދެބައްސިއަޔާތަށް އަހައްމިއްޔަތުކަން ދޭ ގައުމެކެވެ. އާބާދީގެ ހަތަރު ބައިކުޅަ ތިން ބަޔަކީ  ޗައިނާ ދަރިކޮޅުގެ މީހުންނެވެ. އެމީހުން ވާހަކަ ދައްކަނީ ޗައިނާ ބަހުގެ ތަފާތު ބާވަތްތަކުންނެވެ. އުނގަންނައިދިނުމަށް ބޭނުންކުރަނީ އިނގިރޭސި ބަހެވެ. އަދި ރަސްމީ އިތުރު ތިން ބަހެއް ދެވަނަ ބަހުގެ ގޮތުގައި ކިޔަވައިދެއެވެ. އެއީ މެލޭ އާއި، މެންޑެރިން އާއި، ތަމިލް އެވެ. މިބަސްތަކަކީ “މާދަރީ ބަސް” ކަމުގައި ކަނޑައަޅާފައިވާ ބަސްބަހެވެ. އެހެނިހެން ބަސްބަހުން ވާހަކަ ދައްކާ މީހުންނަށް މަންހަޖުގެ ތެރެއިން ކިޔަވަން ބޭނުންވާ ބަހެއް ހޮވުމުގެ ފުރުސަތު އޮވެއެވެ. އެހެންނަމަވެސް ދެކުނު-އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކާއި ޚިލާފަށް އެހެނިހެން ބަސްބަހުން ތައުލީމު އުނގެނުމުގެ ފުރުސަތެއް ނޯވެއެވެ.

ތައިލޭންޑް

ތައިލޭންޑުގައި ތަފާތު 70 ބަހަކުން ވާހަކަ ދައްކާ އުޅެއެވެ. ސްޓެންޑަރޑް ތައި އަކީ ތައިލޭންޑުގެ ރަސްމީ ބަހެވެ. އަދި އެއީ ތައިލޭންޑުގެ ގައުމީ ބަސްވެސް މެއެވެ. އަދި ތައުލީމީ ހުރިހާ ހަރުފަތެއްގައި އުނގަންނައިދޭ ބޭނުންކުރާ ބަހަކީވެސް ސްޓެންޑަރޑް ތައި ބަހެވެ. ބައެއް ސަރަހައްދުތަކުގައި އަމިއްލަ ބަސް އުނގަންނައިދޭ ކުލާސްތައް ހިންގައެވެ. ނުރަސްމީ ތައުލީމު ދޭން ކޮންމެވެސް ވަރަކަށް އަމިއްލަ ބަސް ބަސް ބޭނުންކުރެއެވެ. ޚާއްސަކޮށް އެންޖީއޯ ތަކުން ބޮޑެތި މީހުންނަށް ލިޔަންކިޔަން ދަސްކޮށްްްދިނުމަށް ހިންގާ ޕްރޮގްރާމުތަކުގައެވެ. އަމިއްލަ ބަހުން ހިންގާ ތަފާތު ޕްރޮގްރާމުތަކަށް ސަރުކާރުގެ އިދާރާ ތަކުން އެހީ ތެރިކަން ފޯރުކޮށްދެއެވެ. މިިއިން އެއްވެސް ޕްރޮޖެކްޓަކީ ދެބައްސިއްޔާތުން އުނގަންނައިދޭ ޕްރޮޖެކްޓް ތަކެއް ނޫނެވެ.

ވިއެޓްނާމް

ވިއެޓްނާމްގައި ގާތްގަނޑަކަށް 10 ބަހަކުން ވާހަކަ ދައްކާ އުޅެއެވެ. ވިއެޓްނާމުގެ ގައުމީ ބަހަކީ ވިއެޓްނާމީޒް އެވެ. އާބާދީގެ ގާތްގަނޑަކަށް 90 އިންސައްތަ މީހުން ވާހަކަ ދައްކަނީ ވިއެޓްނާމީޒް އިންނެވެ. ވިއެޓްނާމުގެ ދެބައްސަ މީހުންގެ ފުރަތަމަ ބަހަކީވެސް ވިއެޓްނާމީޒް އެވެ. ވިއެޓްނާމުގައި ދެބައްސަ ތައުލީމަށާއި، ވިއެޓުނާމުގެ އެކިބަސްބަހުން ތައުލީމު ދިނުމަށް ބާރު ލިބޭގޮތަށް ޕޮލިސީތައް އެކުލަވާފައި ވެއެވެ. ނަމަވެސް އުނގަންނައިދިނުމުގެ ހުރިހާ މަރުހަލާއެއްގައި ބޭނުންކުރަނީ ވިއެޓްނާމީޒް އެވެ. ވިއެޓްނާމީޒް ބަހުން ވާހަކަ ދައްކާ މީހުން ނޫޅޭ ސަރަހައްދު ތަކުގައިވެސް އުނގަންނައިދިނުމަށް ބޭނުންކުރަނީ ވިއެޓްނާމީޒް އެވެ. ލޯކަލް ބަހުން ބައެއް ސަރަހައްދުތަކުގައި އުނގަންނައިދެއެވެ. އެބަސް އުނގެނެނީ މާއްދާއެއްގެ ގޮތުގައެވެ. އިބްތިދާއީ ތައުލީމީ މަންހަޖުގެ 20 އިންސައްތައެވެ.

 

އީސްޓް އޭޝިއާ

ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ

ޗައިނާގައި 200 އަށްވުރެ ގިނަ ބަހުން ވާހަކަ ދައްކާ އުޅެއެވެ. ޗައިނާގެ ރަސްމީ ބަހަކީ މެންޑެރިން ޗައިނީޒް އެވެ. މައިނޯރިޓީ ސަރަހައްދުތަކުގައި މައިނޯރިޓީ ބަހުން އުނގަންނައިދެވޭ ގޮަތަށް ގާނޫނާއި ޕޮލިސީތައް އެކުލަވާފައިވެއެވެ. މި ފަދަ ޕޮލިސީތައް ހުރިހާ ސަރަހައްދުތަކުގައި ތަންފީޒެއް ނުކުރެއެވެ. މި ޕޮލިސީތަކަކީ ހަމައެކަނި 55 ނެޝެނަލް މައިނޯރިޓީއަށް ޚާއްޞަ ޕޮލިސީ ތަކެވެ. އުނގަންނައިދިނުމުގެ ވަސީލަތެއްގެ ގޮތުގައި އަމިއްލަ ބަސް ތަފާތު ގޮތްގޮތަށް ތަފާތު ގްރޫޕުތަކުގެ (ބިމުގެ ސަރަހައްދުތަކާއި، ދީނީ، އަދި ބަހަވީ ގްރޫޕުތަކުގެ) މެދުގައި ބޭނުން ކުރެއެވެ. ޕްރައިމަރީ މަރުހަލާ އިން ފެށިގެން ހައި ސްކޫލު މަރުހަލާއާ ހަމައަށް އުނގަންނައިދޭން އަމިއްލަ ބަސް ބޭނުން ކުރެއެވެ. މިފަދަ ހާލަތްތަކުގައި މެންޑެރިން ކިޔަވައިދެނީ ދެވަނަ ބަހުގެ ގޮތުގައެވެ. ލޯކަލް ބަސް ބޭނުންކޮށްގެން ހިންގާ ދެބައްސިއްޔާތު ޕްރޮގްރާމުތަކުގައި ފުރަތަމަ ފަށައިގަންނައިރު ބޭނުންކުރަނީ ދަރިވަރުންގެ މާދަރީ ބަހެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މެންޑެރިން ބަހަށް ބަދަލު ކުރެއެވެ. ގިނަ މައިނޯރިޓީ ސަރަހައްދުތަކުގައި އަމިއްލަ ބަސް އެކި ލެވެލްތަކުގައި ކިޔަވައިދެއެވެ.

މޮންގޯލިއާ

މޮންގޯލިއާގައި 12 ބަހަކުން ވާހަކަ ދައްކާ އުޅެއެވެ. އާބާދީގެ 90 އިންސައްތަ މީހުންނަކީ މޮންގޯލުންްނެވެ. އެމީހުން ވާހަކަ ދައްކަނީ މޮންގޯލިއާގެ ރަސްމީ ބަހުގެ ތަފާތު ވެރައިޓީ ނުވަތަ ވައްތަރުތަކުންނެވެ. ހަޅު، ނުވަތަ، ޚަލްކާ، ނުވަތަ މޮންގޯލިއަން ބަހުންނެވެ. މީޑިއަމް އޮފް އިންސްޓްރަކްޝަން އެއްގެ ގޮތުގައި ބޭނުންކުރަނީ މޮންގޯލިއަން އެވެ. ޔުނިވަރސިޓީ ފެންވަރުގައި އިނގިރޭސި ބަހުގެ ދައުރު މިހާރު އަންނަނީ ފުޅާ ވަމުންނެވެ. ހުރިހާ އެތުނިކު މައިނޯރިޓީ ގުރޫޕުތަކުގައި ދެވަނަ ބަހެއްގެ ގޮތުގައި ބޭނުންކުރަނީ ހަޅު މޮންގޯލިއަން އެވެ. 1992 އަހަރުގެ ގާނޫނު އަސާސީ އިން އުނގަންނައިދިނުމުގެ ވަސީލަތެއްގެ ގޮތުން މައިނޯރިޓީ ބަސް ބޭނުން ކުރުމަށް ބާރު ލިބިދީފައިވީ ކަމުގައި ވިޔަސް މިހާރު ދެބައްސަ ތައުލީމު ދިނުމަށް ބޭނުން ކުރަނީ ކަޒަކު ބަހެވެ.

ޖަޕާން

ޖަޕާނުގައި ވާހަކަ ދައްކާ އުޅޭ މައިގަނޑު ދެބަހަކީ ޖަޕަނީޒް އާއި އައިނޫ އެވެ. އޭގެ އިތުރުން ޖަޕަނީޒް-ޔުކުޔުއާން ގެ ތަފާތު 11 ބަހުރުވަ އަކުން ވާހަކަ ދައްކައެވެ. ޖަޕާނުގެ ގައުމީ ބަހަކީ ޖަޕަނީޒް އެވެ. އާބާދީގެ ގާތްގަނޑަކަށް 99 އިންސައްތަ މީހުން ވާހަކަ ދައްކަނީ ޖަޕަނީޒް ބަހުންނެވެ. އެހެންނަމަވެސް ޖަޕާނަށް ހިޖުރަކޮށްފައި ތިބި މީހުން ވާހަކަ ދައްކަނީ އެމީހުންގެ އަމިއްލަ ބަހުންނެވެ. އެ މީހުންގެ އާބާދީ އަކީ މިހާރު 1.4 އިންސައްތައެވެ. ޖަޕާނުގައި އުނގަންނައިދޭން ބޭނުންކުރާ ރަސްމީ ބަހަކީ ވެސް ޖަޕަނީޒު ބަހެވެ. ޖަަޕާނުގެ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ކަލްޗަރ، ސްޕޯރޓްސް، ސައެންސް އެންޑް ޓެކްނޮލޮޖީ އިން ހިޖުރަ ކުރާ މީހުންނަށް އަމާޒުކޮށް އެކުލަވާފައިވާ ޕޮލިސީގައިވާ ގޮތުން، ހިޖުރަ ކުރާ ދަރިވަރުންގެ މާދަރީ ބަހުން އުނގަންނައި ދިނުމަށް ސަމާލުކަން ދިނުމަށް ބާރު އަޅާފައިވެއެވެ.

 

ވެސްޓް އޭޝިއާ

އަފްޣާނިސްތާން

އަފްޣާނިސްތާނުގައި 30 ބަހަކުން ވާހަކަ ދައްކާ އުޅެއެވެ. އޭގެތެރެއިން 8 ބަހަކުން ވަރަށް ފުޅާކޮށް ވާހަކަ ދައްކައެވެ. އެ އަށް ބަހަކީ ޕޮޝްތޫ، ދާރީ، އުޒްބެކް، ތުރްކުމެން، ޕަޝައެ، ނޫރިސްތާނީ، ބަލޫޗީ، އަދި ޝިޣާނީ އެވެ. ޕޮޝްތޫ އާއި ދާރީ އަކީ އަފްޣާނިސްތާނުގެ ގައުމީ އަދި ރަސްމީ ބަހެވެ. މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުން ކުރަނީވެސް މި ދެބަހެވެ. ގާނޫނު އަސާސީގެ ދަށުން އުނގަންނައިދިނުމަށް މާދަރީ ބަސް ބޭނުން ކުރުމަށް ބާރުއަޅާފައިވާތީ ރަސްމީ އަދި ނުރަސްމީ ތައުލީމީ ނިޒާމުގައި މައިނޯރިޓީ ބަސް ބޭނުންކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޕޮލިސީތައް އެކުލަވާފައިވެއެވެ.

ބަނގްލަދޭޝް

ބަނގްލަދޭޝްގައި 40 ބަހަކުން ވާހަކަ ދައްކާ އުޅެއެވެ. ބަނގްލަދޭޝްގެ ގައުމީ އަދި ރަސްމީ ބަހަކީ ބަނގްލާ އެވެ. އދި އުނގަންނައިދޭން ބޭނުންކުރަނީވެސް ބަނގްލާ އެވެ. ބަނގްލަދޭޝްގެ އާބާދީގެ 98 އިންސައްތަ މީހުން ވާހަކަ ދައްކާ އުޅެނީ ބަނގްލާ ބަހުންނެވެ. މަތީ ތައުލީމުދޭ މަރުކަޒުތަކުގައި އިނގިރޭސި ބަސްވެސް ބޭނުން ކުރެއެވެ. ސަރުކާރު ސްކޫލްތަކާއި، އަމިއްލަ ސްކޫލްތައް، އަދި ލިޔަންކިޔަން ދަސްކޮށްދޭ މަރުކަޒުތަކުގައި މީޑިއަމް އޮފް އިންޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަނީ ބަނގްލާއެވެ. ސުކޫލްތަކާއި މަރުކަޒުތަކުގައި ރަސްމީ ބަސް ނޫން އެހެން ބަހަކަށް ފުރުސަތެއް ނޯވެއެވެ. އެހެންކަމުން މައިނޯރިޓީ މީހުންނަށް ވަނީ އެމީހުންގެ ބަހާއި، ސަގާފަތާއި، ތަރިކަ ނެތެމުންދިއުމުގެ ބިރާ ކުރިމަތިލާން ޖެހިފައެވެ. އެމީހުންނަށް ދޭހަވާ ބަހަކުން އުނގެނޭނެ ވަސީލަތްތަކެއް ނުހުރެއެވެ.

ބޫޓާން

ބޫޓާނުގައި 18 ބަހުން ވާހަކަ ދައްކާ އުޅެއެވެ. ޒޮންޚާ އަކީ ބޫޓާނުގެ ގައުމީ ބަހެވެ. އެއީ ބޫޓާނު ކިންގްޑަމްގެ އަމިއްލަވަންތަކަން ދައްކައިދޭ ނިޝާނެކެވެ. އިބްތިދާއީ މަރްހަލާގައި އުނގަންނައިދިނުމުގެ ވަސީލަތެއްގެ ގޮތުން ބޭނުންކުރަނީ އިނގިރޭސި ބަހެވެ. ކޮންމެވެސް ވަރަކަށް ބައެއް ކުލާސްތަކުގައި ޒޮންޚާ ބޭނުންކުރެއެވެ. ބޫޓާނުގެ ހުރިހާ ހިސާބެއްގައި ނުރަސްމީ ތައުލީމު ދެޭން ބޭނުންކުރަނީ ޒޮންޚާއެވެ. މައިނޯރިީ ގްރޫޕުތަކުގެ މީނުން ވާހަކަ ދައްކާ ބަސް ބަހުގެ ބަހަވީ ތަފްސީލުތައް ސަރުކާރުން ލިޔެފައިވީ ނަމަވެސް ބަސް ތަރައްގީ ކުރުމަށް ކުރާ ހުރިހާ މަސައްކަތެއްގައިވެސް އަހައްމިއްޔަތުކަން ދެނީ ޒޮންޚާ އަށެވެ.

އިންޑިއާ

އިންޑިއާގައި ވާހަކަ ދައްކާ އުޅޭ ބަހާއި، ބަހުރުވަ ނުވަތަ ވެރައިޓީ ތަކުގެ އަދަދާ މެދު ކެނޑިނޭޅި ބަހުސްތައް ހިނގަމުން ދެއެވެ. 1961 ވަނަ އަހަރުގެ ތަފާސް ހިސާބު ދައްކާ ގޮތުން އިންޑިއާގައި 1،652 ބަހަކުން ވާހަކަ ދައްކައެވެ. އަދި 1991 ގެ ހިސާބުތައް ދައްކާ ގޮތުން އިންޑިއާގައި ވާހަކަ ދައްކާ އުޅެނީ 114 ބަހަކުންނެވެ. 2011 ވަނަ އަހަރުގެ ތަފާސް ހިސާބު ދައްކާ ގޮތުން އިންޑިއާގައި މަައިގަނޑު 122 ބަސް އެޮވެއެވެ. 2013 ވަނަ އަހަރު ހަދާފައިވާ ލެނގުއޭގް ސާވޭގެ އިން ދައްކާގޮތުގައި އިންޑިއާގައި 780 ބަސް އޮވެއެވެ. އަދި 66 ހަނަރަބަޅަ އޮވެއެވެ. ގާނޫނު އަސާސީގައި 22 ބަހެއް ލިސްޓު ކުރެވިފައިވާ އިރު، ރަސްމީ ބަސް ކަމުގައި ކަނޑައަޅާފައިވަނީ ހިންދީ ބަހެވެ. އަދި އިނގިރޭސި ބަހަކީ ވެސް ރަސްމީ ބަހެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.

ބަހާއި ގުޅޭ ތަފާތު ބައިތައް ގާނޫނު އަސާސީގެ އެކި މާއްދާ ތަކުގައި ހިމަނާފައިވެއެވެ. 350 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ހުރިހާ ސްޓޭޓްތަކުން އަދި ލާމަރުކަޒީ އިދާރާއަކުން މައިނޯރިޓި ގުރޫޕުތަކުގެ މީހުންނަށް އިބްތިދާއީ މަރުހަލާގައި މާދަރީ ބަހުން ތައުލީމު ދެވޭނެ މަގު ފަހިކޮށްދޭން ޖެހޭނެއެވެ.

އިންޑިއާގެ ސެންޓްރަލް އެޑްވައިޒަރީ ބޯޑް އޮފް އެޑިޔުކޭޝަނުން 1957 ވަނަ އަހަރު “ތްރީ-ލެނގުއޭޖް ފޯމިއުލާ” އެއް އެކުލަވައިލިއެވެ. 1961 ވަނަ އަހަރު މި ފޯމިއުލާ އަށް ހުރިހާ ޗީފް މިނިސްޓަރުން ތާއީދު ކުރިއެވެ. އެ ފޯމިއުލާ ބުނާ ގޮތުން ސްކޫލުތަކުގައި ގައުމީ ތިން ބަހެެއް ކިޔަވައިދޭން ޖެހޭނެއެވެ. އޮރިއްސާ އާ މަހަރާޝްތްރާ ފަދަ މަދު ސްޓޭޓްތައް ފިޔަވައި އެހެން ހިސާބުތަކުގައި މި ފޯމިއުލާ އަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ.

ކޮންމެ ފަސް އަހަރަކުން އެން ސީ އީ އާރު ޓީ އިން ނެރޭ ނެޝެނަލް ކަރިކިއުލަމް ފްރޭމްވަރކް ފޯރ ސްކޫލު އެޑިއުކޭޝަންގައި ހާމަކުރާ ގޮތުގައި ސުކޫލު ހުރިހާ މަރުހަލާއެއްގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަންވާނީ މާދަރީ ބަސް ކަމުގައި ލިޔެފައި އޮވެއެވެ. މި އޮނިގަނޑުގައި އެކަން ލިޔެފައި އޮންނަނީ ސުކޫލުތަކަށް އަރުވާ ލަފައެއްގެ ގޮތުގައެވެ. މި އޮނިގަނޑަކީ އެއްވެސް ގާނޫނީ ބުރަދަނެއް ހުރި އޮނިގަނޑެއް ނޫނެވެ.

އުނގަންނައިދޭން ބޭނުންކުރަނީ ލޯކަލް ބަސް، ނުވަތަ ސަރަހައްދީ ބަސް ނުވަތަ ރަސްމީ ބަހެވެ. އިނގިރޭސި ބަހުން އުނގަންނައިދިނުމަކީ ހައިބަތު ބޮޑު ކަމެއް ކަމުގައި މީހުން ދެކެއެވެ. ސިޔާސީ މަޝްވަރާތަކުގައި ބޮޑަށް ވާހަކަ ދެކެވެނީ އިނގިރޭސި އާއި އިންޑިއާގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކާ އުޅޭ ބަސްތަކުގެ ތެރެއިން ބަހެއް ހޮވުމަށެވެ. މާދަރީ ބަހުގެ ވާހަކަ އަކަށް މާ ބޮޑު ސަމާލުކަމެއް ނުލިބެއެވެ. ޓްރައިބަލް މީހުން އުޅޭ ބައެއް ހިސާބުތަކުގައި އެމީހުންގެ ބަހުން އުނގަންނައިދޭންް މަސައްކަތް ފަށައި، ބައެއް ހިސާބުތަކުގައި (އާސާމް އާއި ނާގަލަންޑް) ވަނީ އެކަން ކާމިޔާބު ކޮށްފައެވެ.

ނޭޕާލް

ނޭޕާލުގައި 90 ބަހުން ވާހަކަ ދައްކައެވެ. ސަރުކާރު ސްކޫލުތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަނަކަށް ބޭނުންކުރަނީ ނޭޕާލީޒް އެވެ. ނޭޕާލީޒް އަކީ ނޭޕާލުގެ ރަސްމީ ބަހެވެ. އަމިއްލަ ސްކޫލުތަކުގައި އުނގަންނައިދެނީ އިނގިރޭސި ބަހުންނެވެ. ނޭޕާލުގެ ގާނޫނު އަސާސީ ބުނާ ގޮތުން ތައުލީމީ ފުރަތަމަ މަރުހަލާތަކުގައި އުނގަންނައިދޭން ނޭޕާލީޒް ބޭނުންކުރެވިދާނެއެވެ. މިއީ އެހާ ރަނގަޅަށް ތަންފީޒު ކުރެވޭ ކަމެއް ނޫނެވެ. ޓެކްސްޓް ބުކް ޕްރޮޑަކްޝަންސް އިން ބޭރުގެ އެހީ ހޯދައިގެން ތަފާތު ނުވަ ބަހަކުން ފޮަތްތައް ޝާއިއު ކޮށްފައިވެއެވެ. ނަމަވެސް މިފޮތްތައް އެދެވޭ ގޮތެއްގައި ބޭނުމެއް ނުކުރެއެވެ. ބައެއް އެންޖީއޯ ތަކުން އިސްނަގައިގެން ނުރަސްމީ ކުލާސްތަކުގައި މާދަރީ ބަހުން ކިޔަވައިދެއެވެ. މާދަރީ ބަހުން ތައުލީމު ދިނުމުގެ މުހިއްމު ކަމާ މެދު މީހުންގެ ހޭލުންތެރިކަން އަންނަނީ އިތުރު ވަމުންނެވެ. ނަމަވެސް ސިޔާސީ ހަމަ ނުޖެހުންތަކާ ހުރެ އެކަން ތަންފީޒު ކުރުމަަަށް ދަތިތަކެއް މެދުވެރިވެފައިވެއެވެ.

ޕާކިސްތާން

ޕާކިސްތާނަކީ ގިނަބައްސަ ގައުމެކެވެ. ޕާކިސްތާނުގައި ހަ މެޖޯރިޓީ ބަހާއި، 57 މައިނޯރިޓީ ބަސް އޮވެއެވެ. މޭޖަރ މާދަރީ ބަސްތަކަކީ: ޕަންޖާބީ (44%)؛ ޕޮޝްތޫ (15%)؛ ސިރައިކީ (11%)؛ އުރްދޫ (8%)؛ ބަލޫޗީ (4%)؛ އަދި މައިނޯރިޓީ (5%) އެވެ. ޕާކިސްތާނުގެ ގައުމީ ބަހަކީ އުރުދޫ އެވެ. ރަސްމީ ބަހަކީ އިނގިރޭސި ބަހެވެ. ރަށްފުށުގެ ހިސާބުތަކުގައި ދެވަނަ ބަހެއްގެ ގޮތުގައި އުރުދޫ ބަސް ވަރަށް ފުޅާކޮށް ބޭނުން ކުރެއެެވެ. އެއީ ސަރުކާރު ސްކޫލްތަކާއި ދީނީ ސެމިނާރު ތަކުގައި ބޭނުން ކުރަނީ އުރުދޫ ބަސް ކަމުގައިވާތީއެވެ. ކޮލެޖުތަކާއި ޔުނިވަރސިޓީ ތަކުގައި ވެސް ސައެންސުގެ މާއްދާތަކާއި ޓެކްނިކަލް މާއްދާތައް ނޫން އެހެން ހުރިހާ މާއްދާތަކެއް ކިޔަވައިދެނީ އުރުދޫ ބަހުންނެވެ. ޕާކިސްތާނުގައި އުރުދޫ ބަސް ބޭނުންކުރަނީ މީޑިއަމެެއްގެ ގޮތުގައެވެ. ވިޔަފާރި އާއި، މުނިފޫހި ފިލުުވުމުގެ ދާއިރާގައާއި، ވިޔަފާރިއާއި، އަދި ރަސްމީ ޑޮމެއިންތަކުގައި ބޭނުން ކުރަނީ އުރުދޫ ބަހެވެ. ޕާކިސްތާނުގެ އެހެން ހުރިހާ ބަހަކަށް ވުރެ ވަޒީފާގެ ދާއިރާގައި ވެސް އެންމެ މުހިއްމު ކަމެއް ދެނީ އުރުދޫ ބަހަށެވެ. ވަޒީފާގެ ދާއިރާގައި ސިންދުގެ ބައެއް ހިސާބުތަކުގައި ސިންދީ ބޭނުންކުރެއެވެ. އުނގަންނައިދޭން އަދި ރަސްމީ ބައެއް ބޭނުމަށް ވެސް ސިންދީ ބޭނުންކުރެއެވެ. ބައެއް ސްކޫލުތަކުގައި ގްރޭޑު 5 އާ ހަމައަށް ޕޮޝްތޫ ބޭނުންކުރެއެވެ. އާބާދީގެ 15 ނުވަތަ 18 އިންސައްތަ މީހުންނަށް ކޮންމެވެސް ވަރަކަށް އިނގިރޭސި ބަސް ނޭނގުނު ކަމުގައި ވިޔަސް އިނގިރޭސި ބަހުން ފުރިހަމައަށް ވާހަކަ ދައްކަނީ ޕާކިސްތާނުގެ އާބާދީ ގެ ގާތްގަނޑަކަށް 2 އިންސައްތަ މީހުންނެވެ. އިނގިރޭސި ބަހަކީ މުއްސަނދި، ބާރުވެރި މީހުންގެ ބަހެވެ. އެއީ ސަރުކާރާއި، ސަރުކާރުގެ މަތީ ފަންތީގެ މީސް މީހުންނާއި، ސިފައިންނާއި، ފުލުހުން، އަދި ދިރާސާވެރިން ފަދަ މީހުންގެ ބަހެވެ. އިނގިރޭސި ބަހާއި އުރުދޫ ބަހަށް އަހައްމިއްޔަތުކަން ދިނުމުގެ ގޮތުން އެކުލަވާފައިވާ ޕޮލިސީ ތަކުގެ ސަބަބުން އެނިހެން ބަސްބަހަށް އޭގެ ނުފޫޒު ފޯރައި ނެތިދާނެ ކަމުގެ ބިރުހީވެފައިވެއެވެ.

       

ސެންޓްރަލް އޭޝިއާ

ކަޒަކިސްތާން

ކަޒަކިސްތާނުގެ އާބާދީގެ 48 އިން ސައްތައަކީ ކަޒަކުންނެވެ. 34 އިން ސައްތައަކީ ރަޝިއަަނުންނެވެ. އޭގެ އިތުރަށް 120 ނެޝެނަލިޓީން އުޅެއެވެ. އެ މީހުންގެ ތެރޭގައި 800،000 ޔުކްރޭނުންނާއި، 500،000 ޖަރުމަނުންނާއި، 400،000 އުޒްބެކުންނާއި، 300،000 އަށް ވުރެ ގިނަ ތާތާރީން އުޅެއެވެ. ކަޒަކިސްތާާނުގެ ސްޓޭޓު ބަހަކީ ކަޒަކް އެވެ. ރަސްމީ ބަހަކީ ރަޝިއަން އެވެ. މިއީ ރަޝިއާ ބަހާއި އެކުއެކީގައި ބޭނުންކުރާ ބަހެކެވެ. ކަޒަކިސްތާނުގައި ކަޒަކު ބަހުން ކިޔަވައިދޭ 3،647 (45%) ސްކޫލު ހުރެއެވެ. ރަޝިއާ ބަހުން ކިޔަވައިދޭ 2،122 (26%) ސްކޫލު ހުރެއެވެ. އަދި ކަޒަކް ބަހާއި ރަޝިއާ ބަހުން ކިޔަވައިދޭ 2،069 (25%) ސްކޫލު ހުރެއެވެ. އަނެއް %4 ސެކަންޑްރީ ސްކޫލުތަކުގައި ކިޔަވައިދެނީ ޔުކްރޭނިއަން، އުއިޣަރ، ތަޖިކު، އަދި އުޒްބަކް ބަހުންނެވެ.

ކިރިގިސްތާން

ކިރްގިޒް އާ ރަޝިއަން އަކީ ކިރިގިސްތާނުގެ ރަސްމީ ބަހެވެ. 201 ވަނަ އަހަރު ކިރިގިސްތާނުގެ ލެޖިސްލޭޗަރު ވަނީ އެގައުމުގެ ރަސްމީ ބަހަކީ  ރަޝިއަން ކަމުގައި އިއުލާން ކޮށްފައެވެ. އާބާދީ ބެހިފައިވާ ގޮތަށް ބަލާއިރު %52 މީހުންނަކީ ކިރްގީޒުންނެވެ. %18 އަކީ ރަޝިއަނުންނެވެ. 13% އަކީ އުޒްްބެކް މީހުންނެވެ. ޔުކެރޭނިއަނުންނަކީ އާބާދީގެ %3 އެވެ. %2 ޖަރުމަނު މީހުންނާއި %12 އެހެނިހެން މީހުންނެވެ. ސްކޫލްތަކުގައި ކިޔަވައިދޭ ބަހަށް ބަލާއިރު ކިރްގިޒް %66 އާއި، ރަޝިއަން %7 އާއި، އުޒްބެކް %7 އާއި، ރަޝިއަން އާއި ކިރިގިޒް %20 އެވެ.

ތަޖިިކިސްތާން

ތަޖިކިސްތާނުގެ ރަސްމީ ބަހަކީ ތަޖިކު އެވެ. އިންޓަރ އެތުނިކު ކޮމިއުނިކޭޝަނަށް ރަޝިއަން ބޭނުން ކުރެއެވެ. ހުރިހާ އެތުނިކު ގުރޫޕަކަށްވެސް އެބަޔަކު ބޭނުން ބަހަކުން ވާހަކަ ދެއްކުމުގެ ހައްގު ލިބިދީފައިވެއެވެ. މާސް މީޑިއާގައި ބޭނުންކުރާ ބަހަކީ ތަޖިކު ބަހެވެ. ގިނަ ސްކޫލުތަކުގައި ކިޔަވައިދޭން ބޭނުންކުރަނީ ތަޖިކު ބަހާއި ރަޝިއަން އެވެ. ބައެއް އެތުނިކު މައިނޯރިޓީ ސްކޫލުތަކުގައި އުޒްބަކުންނާއި، ކަޒަކް ތުރްކުމަން އަދި އެހެނިހެން ބަސްބަހުން ވާހަކަ ދައްކައެވެ. ސެކަންޑްރީ އުމުރުގެ %73 ކުދީން އުނގެނެނީ ތަޖިކު ބަހުންނެވެ. %24 ކުދީން އުނގެނެނީ އުޒްބެކް ބަހުންނެވެ. ރަޝިއާ ބަހުން އުނގެނެނީ %2 ކުދީންނެވެ. ބާކީ ތިބި ކުދިން އުނގެނެނީ ކިރްގިޒާއި، ކަސަކް އަދި ތުރްކުމަން ސްކޫލުތަކުންނެވެ.

އުޒްބަކިސްތާނު

އުޒްބަކިސްތާނަކީ 100 އަށް ވުރެ ގިނަ ބަހުން ވާހަކަ ދައްކާ މަލްޓި-އެތުނިކް އަދި ގިނަބައްސަ ގައުމެކެވެ. ޖިންސަކަށް އަދި ދީނަކަށް، ވާހަކަ ދައްކާ ބަހަކަށް ނުވަތަ ނަސްލެއް އިސްތިސްނާ ނުވާ ގޮތަށް ގާނޫނު އަސާސީން ހުރިހާ އެންމެންނަށް ވަނީ މިނިވަންކަމާއި، ހައްގާއި ގާނޫނީ ހަމަހަމަކަން ކަށަވަރު ކޮށްދީފައެވެ. އެތުނިކް އަދި ލިންގުއިސްޓިކް މައިނޯރިޓީ ކުދީންނަށް ތައުލީމު ފޯރުކޮށްދިނުމަށް ޕޮލިސީތައް އެކުލަވާފައި ވެެއެވެ. އުޒްބަކިސްތާނުގެ ސަރުކާރުންވަނީ އުޒްބެކް ހިމެނޭގޮތަށް ގައުމީ 7 ބަހުން އުނގަންނައިދިނުމަށް ވެފައިވާ ވައުދާ އެއްގޮތަށް ތައުލީމު ފޯރުކޮށްދެމުންނެވެ. އުޒްބަކިސްތާނުގެ ސްކޫލު ތަކުގެ 10 އިން ސައްތަ ސްކޫލުތަކުގައި އެތުނިކު މައިނޯރިޓި ބަހުން (ރަޝިއަން، ކަޒަކް، ތަޖިކް، ކަރަކަލްޕަކް، ތުރްކުމަން އަދި ކިރިގިޒް ބަހުން) ކިޔަވައިދެއެވެ. މިއީ އަސާސީ ތައުލީމު އުނގެނޭ މުޅި އާބާދީގެ 15 އިން ސައްތައެވެ.

 

ދަ ޕެސިފިކް

ޕަޕުއާ ނިއު ގިނީ

ޕަޕުއާ ނިއު ގިނީ ގައި 850 ބަހަކުން ވާހަކަދައްކައެވެ. މީގެ ތެރެއިން 450-350 ބަހުން ޕްރީ ސުކޫލާއި ޕްރައިމަރީ މަރުހަލާގައި ކިޔަވާ ދެއެވެ. ޕަޕުއާ ނިއުގިނީގައި ލޯކަލް ބަސް ބޭނުކުރާހައި ފުޅާކޮށް ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ލޯކަލް ބަސް ބޭނުމެއް ނުކުރެއެވެ. ރަސްމީ ތައުލީމީ ނިޒާމުގައި ކުރީން ބޭނުންކުރީ އިނގިރޭސި ބަހެވެ. ނަމަވެސް ނުރަސްމީ ތައުލީމުދޭ މަރުކަޒުތަކުގައި އަމިއްލަ ބަސް ބޭނުންކޮށްގެން ކިޔަވައިދިނުމުން ލިބުނު ކުރިއެރުމާއި ފައިދާތަކާއި ތަޖްރިބާގެ އަލީގައި ރަސްމީ ނިޒާމުގައި ވެސް އަމިއްލަ ބަހުން ކިޔަވައިދޭ ގޮތަށް ނިންމިއެވެ. އަލަށް އެކަށައެޅި ނިޒާމުގެ ދަށުން ރަސްމީ ތައުލީމުގެ ފުރަތަމަ ތިން އަހަރު ކިޔަވައިދޭން ޖެހެނީ ދަރިވަރުންގެ މާދަރީ ބަހުންނެވެ. އިނގިރޭސި ބަހުން ކިޔަވައިދެނީ އޭގެ މަތީ ގުރޭޑުތަކުގައެވެ. ލޯކަލް ބަހުން ކިޔަވައިދޭ ސްކޫލުތައް ހިންގަނީ ލޯކަލް ކޮމިއުނިޓީތަކުންނެވެ. ލޯކަލް ބަހުން ކާމިޔާބު ކަމާއެކު ކިޔަވައިދެވެނީ ކޮމިއުނިޓީތަކުގެ އެއްބާރުލުން ލިބޭތީއާއި، ލާމަރުކަޒީ ނިޒާމުގެ ސަބަބުންނާއި، މާހައުލާ ގުޅޭގޮތަށް އުނގަންނައިދޭތީއާއި، ފޯރާ ފަށުގައި ތައުލީމު ފޯރުކޮށްދެވޭތީ އާއި، އަދި އެންޖީއޯ ތަކުގެ އެއްބާރުލުން ލިބޭތީއެވެ.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment