ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

"ޖިހާދުގެ ހަނދާންތައް  އަލުން އާވަމުންދޭ
              އިހާފަހުގެ ބަޠަލުންގެ ޒިކުރާ ވަމުންދޭ 
                        ކިޔާ ޝުކުރު  ތަޢުރީފު   އާލާވަމުންދޭ 
އައީ ނަޞްރު އުންމަތުގެ މިނިވަންކަމައިގެން
              އައީ ހެޔޮ ނަސީބަށް އަމާންމަގު އަދައިގެން
                        އައީ އަދު ދުވަސް، ހެޔޮމަގަށް އަލިވަމުންދޭ "
---------------ޙަސަން ޝާކިރު މުޙައްމަދު

މިއަދަކީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހެވެ. މީގެ 27 އަހަރުކުރީން ދިވެހި ޤާއުމަށް މާތް ﷲ ދެއްވި ނަޞްރުގެ މަތީން ހަނދާންކޮށް ޝުކުރުވެރިވުމުގެ ދުވަހެވެ. މި އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުނތައް އަރިސްކުރަމެވެ.

 އާދޭހެވެ! މާލޭގައި ދިރި އުޅުނު ރައްޔިތުން 1988 ވަނަ އަހަރު ނޮވެމްބަރ މަހު 3 ވަނަ ދުވަހަށް ހޭލައްވައިލީ ގަދަ އަޑުފަށްގަނޑަކާއެކުއެވެ. ގިނަ ބަޔަކު ހީކުރި ގޮތުގައި އެއީ ކައިރިވަމުން އޭރު އައި ޖުމްހޫރީ ދުވަހަށް ތައްޔާރުވުމުގެ ގޮތުން ސިފައިން ކުރިޔަށް ގެންދިޔަ ހެވިކަމުގެ ފަރިތަކުރުންތަކުގެ ތެރެއިން ބައެއް ކަމަށެވެ.  މީގެ 27 އަހަރު ކުރިން ހިނގައިދިޔަ މިހާދިސާއަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީޚެއްގައި ދިވެހި ޤައުމު ދުށް އެންމެ ނުރައްކާތެރި ޢުދުވާނީ ޙަމާލާއެވެ. އެ ދުވަހު އެ ނުރައްކާތެރި ޙަމަލާއިން ދިވެހި ޤައުމު ސަލާމަތްވީ ﷲ ދިވެހީންނަށް ދެއްވި މަތިވެރި ނަޞްރެއްގެ ސަބަބުންނެވެ. ދިވެހީންގެ ޤައުމީ އެއްބައިވަންތަކަމާއެކު ދިވެހީން ކުރި އިޚުލާޞްތެރި ދުޢާގެ ސަބަބުންނެވެ. ދިވެހި ސިފައިންނާއި ރައްޔިތުންގެ މަތިވެރި ޤުރުބާނީގެ ސަބަބުންނެވެ. ޤައުމުގެ ވެރީންގެ ޙިކުމަތުޢަމަލީގެ ސަބަބުންނެވެ. މި ނުރައްކާތެރި ޙަމަލާގައި ޝަހީދުވި މަތިވެރި އަބްޠާލުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ! އާމީން އާދޭހެވެ! ޕޯޗްގީޒުންނާއި ހޮޅިން ދިވެހީންނަށް ދިން އަނިޔާވެރި ޙަމަލާތައް އަޅުގަނޑުމެން ކިޔަނީ ތާރީޚުގެ ފަތްފުށްތަކުންނެވެ. އެހެން ނަމަވެސް 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހުގެ ފަތިހުގެ އަމާން ކަމުގެ ތެރެއިން ދިވެހި ޖައްވު ހޭލައްވާލިގޮތާއި އެއަށްފަހު ދިވެހީން ދުށް އަނިޔާވެރި ބިރުވެރި މަންޒަރު ތަކަކީ މީގެ 27 އަހަރު ކުރިން އަޚުގަނޑުމެން ތަޖުރިބާކުރި ޙާދިސާ އެކެވެ. މިއަދުވެސް ދިވެހީންގެ ހިތްތަކުން ފިލައިގެން ނުގޮސް އާވެ އާލާވެ ހުރި ހިތި ހަނދާން ތަކެކެވެ. އަމިއްލަ އެދުން ކުރިއަށް ނެރެ ޤައުމާއި ހުއްބުލްވަޠަންގެ މަތީން ހަނދާން ނެތި މާތްވެގެންވާ އިސްލާމު ދީނުގެ މަތީންވެސް ހަނދާން ނެތް ދިވެހި ޣައްދާރުންގެ ބަޔަކު ބޭރުގެ ކުލީ ސިފައިން ގޮވައިގެން މާލެ އަރައި ދިވެހި ބިމަށް ދިވެހި ދަރީންތަކެއްގެ ލޭ އޮހޮރުވައިލި ހިތި ހަނދާންތަކަކީ އެމަންޒަރުތައް ދުށް، އެއަޑުތައް އެހި މީހުންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެންދާނެ ހަނދާން ތަކެއްނޫންކަން ކަށަވަރެވެ. މި ނުރައްކާތެރި ޢުދުވާނީ ޙަމަލާ ދިވެހި ޤައުމަށް ދިން ބަޔެއްގެ ނިޔަތަކީ ރާއްޖޭގެ ވެރިކަން ހޯދުން ކަމަށް ވިޔަސް އަދި އޭރު އޮތް ސަރުކާރު ވައްޓައިލުންކަމުގައި ވިޔަސް، ދިވެހިރާއްޖެ އަމާންކަމާއެކު ނިދައިފައި އޮއްވައި، ބޭރުގެ ކުލީ ސިފައިންތަކެއް ގޮވައިގެން އައިސް ހަތިޔާރާއެކު މާލެ އަރައި ހަނގުރާމަކޮށް އެއްވެސް ކުށެއްނެތް ރައްޔިތުންތަކެއް ޝަހީދުކޮށް ހެދުމަކީ އެ އަނިޔާވެރި ރަޙުމްކުޑަ ޢަމަލަށް ދިވެހީން މަޢާފުދޭނެ ކަމެއް ނޫނެވެ. 
މިހާދިސާއަށް 27 އަހަރު ފުރުނު ނަމަވެސް އެދުވަހު އެ އަނިޔާވެރީންގެ ބަޑިތަކުގެ ޝިކާރައަކަށްވެ، މި ދިވެހި ފަސްގަނޑަށް ލޭއޮހޮރިގެން ދިޔަ އެތައް ބަޔަކު ފުރާނަ ސަލާމަތް ކޮށްދިނުމަށް އެދި އާދޭސްކުރި އަޑުތަކާއި ހިކި ބެދެމުން ދިޔަ އަރުތެރެ ތެއްމައިލުމަށް ފެންފޮދަކަށް އެދި އާދޭސްކުރަމުން ދިޔަ އަޑު މިއަދުވެސް ދިވެހި ޖައްވުން އިވޭ ކަހަލަ އެވެ. އެ އަޑުތައް އިވުނު މީހުންނާއި އެ މަންޒަރު ދުށް މީހުންގެ ހިތްތަކުން އެ ޙާދިސާގެ ހަނދާންތައް ދުވަހަކުވެސް ފިލައިގެންދާނެތޯ އެވެ؟ މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ އެ ހިތާމަވެރި ހަނދާންތަކެއް ނޫނެވެ. އެކަމަކު އަޅުގަނޑުމެން މިއަދު މި ފާހަގަކުރަނީ އެ ނުރައްކާތެރި ޙާދިސާއިން، ﷲ ސުބްޙާނަހޫ ވަތަޢާލާ ދިވެހިން ސަލާމަތްކޮށްދެއްވައި ދިވެހީންނަށް ދެއްވި މަތިވެރި ނަޞްރެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ދުވަހު ދިވެހީންނަށް ދެއްވި ނަޞްރަކީ އާދަޔާ ޚިލާފު ނަޞްރެކެވެ. ބޭރުގެ ނުރައްކާތެރި ޓެރަރިސްޓް ޖަމާޢަތެއްގެ، ފުރިހަމަ ތަމްރީނާއި ތަޖުރިބާ ލިބިފައި ތިބި ނުރައްކާތެރި ބަޔަކު ބައިވެރިކޮށްގެން އެންމެ ޒަމާނީ ހަތިޔާރާއެކު އައިސް ދިވެހީންނަށް ދިން ނުރައްކާތެރި ޙަމަލާއިން ދިފާޢުވުމަށް، ﷲ ގެ ވާގިފުޅާއެކު ދިވެހީން ބޭނުން ކުރި ހަތިޔާރަކީ އެ މީހުންގެ ތެދުވެރިކަމެވެ. ހިތްވަރެވެ. އިޚުލާޞްތެރި ދުވާއެވެ.  މާތް ﷲ ދިވެހީންނަށް އެ ދުވަހު ނަޞްރު ދެއްވި ސަބަބަކީ ދިވެހީން ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދެންނެވި އިޚުލާޞްތެރި ދުޢާއާއި ދީނާއި ޤައުމުގެ ދިފާޢުގައި ކުރި އިޚުލާޞްތެރި ހިތްވަރެވެ. އެހެނީ މާތް ﷲ ވަޙީކުރައްވައިފައިވަނީ މިފަދައިންނެވެ. “يَا أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا اللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ”  (“އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّهއަށް (އެބަހީ: اللَّهގެ دينއަށް) نصرދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް نصرދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ثابتކުރައްވާނެތެވެ.”) (سورة محمد:7) މި އާޔަތާ ވިދިގެން ދެން އޮތް އާޔަތުގައި އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ. “وَالَّذِينَ كَفَرُوا فَتَعْسًا لَّهُمْ وَأَضَلَّ أَعْمَالَهُمْ”  (“كافرވިމީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ހަލާކާއި، އަބާއްޖަވެރިކަންހުށްޓެވެ. އަދި، އެކަލާނގެ އެއުރެންގެ عملތައް ގެއްލެނިކުރެއްވިއެވެ.”) (سورة محمد:8) އެހެންކަމުން މިއަދު އަޅުގަނޑުމެން ނަޞްރުގެ ދުވަސް ފާހަގަކުރާއިރު އެ ދުވަހުގެ އެ ޙާދިސާއިން ޢިބްރަތް ޙާޞިލުކުރުން ހުއްޓެވެ. އަދި ﷲ އަށް ނަޞްރުދިނުންމަތީ ދެމިތިބުމަށް ޢަޒުމުކަނޑައެޅުން ވާޖިބެވެ. އޭރުން އަޅުގަނޑުމެންނާ އިދިކޮޅަށް ނުކުންނަ ކާފިރުން ހަލާކުކުރައްވައި އަޅުގަނޑުމެންނަށް ނަޞްރުދެއްވާހުއްޓެވެ.
މި ޙާދިސާއިން ދިވެހީން ލިބިގަންނަންވީ ޢިބްރަތްތައް ވަރަށް ގިނަ އެވެ. ދިވެހި ޤައުމަށް ބޭރުގެ ބަޔަކު ފާވެފައިވާ ކޮންމެ ފަހަރަކުވެސް އެކަން ކޮށްފައިވަނީ ދިވެހީންގެ ޚާއިނުންގެ ބަޔަކު އަޑީގައި ތިބެގެންނެވެ. އެމީހުން އަމިއްލަ އެދުންތަކެއް ޙާޞިލުކުރުމަށް ޓަކައި ޤައުމަށް ޣައްދާރުވެގެންނެވެ. އަމިއްލަ ބޭނުމަކަށް ޓަކައި ޤައުމު ޤުރުބާންކޮށްގެންނެވެ. މިއަދު އަޅުގަނޑުމެންގެ ތެރޭގައި މިފަދަ ކަމެއް ތަޖުރިބާކުރަން ބޭނުންނޫންނަމަ، އަޅުގަނޑުމެންގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް، ބޭރުގެ ފަރާތްތައް ވެއްދުމަށް ޓަކައި ކުރެވޭ މަސައްކަތްތައް ހުއްޓުވެން އެބަ ޖެހެއެވެ. ޤައުމު ބަދުނާމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ނިމުމެއް އަންނާން އެބަ ޖެހެއެވެ. ޚާއިނުންގެ ޚިޔާނާތާއި ޣައްދާރުންގެ ޣަދަރުވެރިކަމަކީ އަބަދުވެސް ކުރިމަތިވާނޭ ނުރައްކާތަކެކެވެ. ތަފާތު ގޮތްގޮތަށް މިފަދަކަންކަން ކުރާނެ އެވެ. މިކަނަކަމުން ސަލާމަތްވުމަށްޓަކައި އެއްބައިވަންތަކަމާއި އުޚުއްވަތްތެރިކަމުގެ ގުޅުންތައް ބަދަހިކުރާންޖެހެއެވެ. ޤައުމުގެ ސަލާމަތީ ބާރުތަކަށް އެއްބާރުލުންދީ، ދިވެހީންގެ ސަފުތައް ބަދަހިކުރާންޖެހެއެވެ. މި ގޮތުގައި މި ބަދަހިކަމުގައި ﷲ އަށް ޚާއްޞަކޮށް އިޚުލާބްތެރިކަމާއެކު އެކަލާނގެ ތައުފީޤާއި މަދަދަށް އެދޭ ނަމަ އަޅުގަނޑުމެންނަށް އެކަލާންގެ ނަޞްރުދެއްވާނެކަން ކަށަވަރެވެ.——————————————-

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.