މިސްކިތްތަކަށް މުދިމުން ކަނޑައަޅަނީ ސަރުކާރުންނެވެ. އެއްވެސް މިސްކިތަކަށް ކަނޑައަޅާ މުދިމަކަށް އަންޒަމާނުން ސުރެ ވަކި ޝަރުތުތަކެއް ފުރި ހަމަ ވުމުން ނޫނީ ވަޒީފާ އެއް ނުދެއެވެ. މުދިމުންގެ ހާޒިރީއާއި ޗުއްޓީގެ ކަންކަން ވެސް ބަލަހައްޓާ ވަކި އިދާރާއެއް ހުރެއެވެ. ނަމަ ވެސް އެ އިދާރާއަށް ވުރެ ބާރު ގަދަ އިދާރާއެއް ހިންގާ ބަޔަކު އުޅެއެވެ. އެއީ މިސްކިތްތަކަށް ފަސްވަގުތު ދާ އެ މިސްކިތެއްގެ އަހުލު ވެރިންގެ ތެރެއިން ދެތިން މީހެކެވެ. މުދިމު ކުރާ ކޮންމެ ކަމަކަށް ކޮންމެ…

މިސްކިތްތަކަށް މުދިމުން ކަނޑައަޅަނީ ސަރުކާރުންނެވެ. އެއްވެސް މިސްކިތަކަށް ކަނޑައަޅާ މުދިމަކަށް އަންޒަމާނުން ސުރެ ވަކި ޝަރުތުތަކެއް ފުރި ހަމަ ވުމުން ނޫނީ ވަޒީފާ އެއް ނުދެއެވެ. މުދިމުންގެ ހާޒިރީއާއި ޗުއްޓީގެ ކަންކަން ވެސް ބަލަހައްޓާ ވަކި އިދާރާއެއް ހުރެއެވެ. ނަމަ ވެސް އެ އިދާރާއަށް ވުރެ ބާރު ގަދަ އިދާރާއެއް ހިންގާ ބަޔަކު އުޅެއެވެ. އެއީ މިސްކިތްތަކަށް ފަސްވަގުތު ދާ އެ މިސްކިތެއްގެ އަހުލު ވެރިންގެ ތެރެއިން ދެތިން މީހެކެވެ.

މުދިމު ކުރާ ކޮންމެ ކަމަކަށް ކޮންމެ ހަރަކާތަކަށް އެމީހުން ބަސް ބުނެ އުޅެތެވެ. ފުރަތަމަ ބަންގި ގޮވާ ގޮތާ މެދު ފާޑު ކިޔައެވެ. އެކަކު ބުނާނެއެވެ. އޭނާ ބަންގި ގޮވާލެއް ވަރަށް ހަޑި އެވެ. އަނެކަކު ބުނާނެއެވެ. މާ ބޮޑަށް ފިލިތަކަށް ދަމަނީ އެވެ. އަނެކަކު ބުނާނެއެވެ. މާ މަޑީއެވެ. އަޑެއް ނުނިކުމެއެވެ.

 ނަމާދުގައި ކުށެއް ކުރެވުނަސް އެއީ ވަރަށް ބޮޑު ކަމަކަށް ވެގެން ވާހަކަ ދެކެވެއެވެ. ވޭތުވުދިޔަ ރަމަޟާން މަހު ހެންވޭރުގައި ހުންނަ މިސްކިތެއްގައި މަޣުރިބު ނަމާދުގައި މަދުން ރަކުޢަތް ކުރެވި ސަލާމް ދިނުމުން މައުމޫމުންގެ ތެރެއިން މީހަކު އެކަން ހަނދާން ކޮށްދިނުމުން އިމާމު އެރަކުއަތްކޮށް ނުނިމެނީސް  އަޑު ހަރުކޮށް މީހަކު ގޮވައިލި އެވެ. [ތީ ހޭ ދެބައި ވެފައި ހުރި މީ ހެއްހެއްޔެވެ.] އެވަގުތު އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. އަދި މުޅި މިސްކިތް ހަލަ ބޮލިވެ ގަތެވެ. އެމީހާ ފަހުންވެސް އަޑުލާ ހެދި ކަމަށް ވެއެވެ. ކުށެއް ކުރެވުމުން އޮންނަނީ އިމާމަށް ރީތި ގޮތުގައި ހަނދާން އާ ކޮށްދިނުމެވެ. މަދު ވި ރަކުޢަތެއް ނަމަ އަލުން ކުރުމެވެ. ކުށު ސަޖިދަ ޖެހުމެވެ. މުދިމާ މިދިމާއަށް އަޑުލައި އާޑަފުރައްސާރަ ކުރުމެއް ނޫނެވެ. ހެޔޮ ބަހެއް ބުނުމެވެ. ބައެއް ފަހަރަށް ކަންދިމާ ކުރާ ގޮތުން މުދިމަށް ހޭ ނުލެވުން ނުވަތަ ނާދެވޭ ވަގުތެއް ދިމާ ވެއްޖެނަމަ އެކަމާ ވެސް އަޑުލައި ހަދާތަން ފެނެއެވެ. ފަރުވާ ކުޑަ ބައެއް މުދިމުން ވެސް މަދުން ނަމަވެސް ފާހަގަ ކުރެވެއެވެ. އެކަމަކު އެއީ ހަމަ ވަރަށް މަދުންނެވެ. އެކަމަށް އޮތް ހައްލަކީ ކަމާ ބެހޭ މުއައްސަސާއަށް އެކަން އަންގާ ހައްލު ހޯދުމެވެ. މިސްކިތުގައި އަޑު ގަދަ ކޮށް ޒުވާބު އުފެއްދުމެއް ނޫނެވެ.

 ކުރިން ދަންނަވާލި މިސްކިތުން އަޅުގަނޑަށް ތަޖުރިބާ ކުރެވުނު ކަމެއް އަދި ވެސް ލިޔެލާނަމެވެ. މުދިމު ނަމާދުކޮށް އަވަދިވެގން މިސްކިތުން ފައިބަނިކޮށް އޭނާއާ ދިމާއަށް އަޑު ގަދަކޮށް އެއްޗެހި ގޮވަމުން ފަހަތުން މީހަކު އައެވެ. މުދިމު އޭނާއާއި މުޚާތަބުކޮށް ވަރަށް ރީތިކޮށް މަޑު މައިތިރިކޮށް ވާހަކަ ދެއްކުމުން ވެސް އެމީހާ އިތުރަށް އަޑު ގަދަކޮށް އެންމެ ފަހުން މުދިމުގެ ދަށްދޮޅި ދޮށަށް އަށްވެސް ކޮއްޕައިލިއެވެ.

         މިދެންނެވިމީހާއަކީ އަޅުގަނޑާ ވެސް މަދުމަދުން ވާހަކަ ދައްކާ މީހެކެވެ. ޖެހިގެން އައި ދުވަހު މިސްކިތަށް ދިޔައިރު ކުރީ ދުވަހު ހިނގި ކަންތަކުގެ ވާހަކަ މީނާ ދެ މީހެއްގާތުގައި ދައްކަނީ އެވެ. އަޅުގަނޑު ހިތަށް އެރިއެވެ. މުދިމަށް ފުރައްސާރަ ކުރުން ހުއްޓުވުމަށް މީނާއަށް ވިސްނޭ ގޮތަށް ދެތިން ބަހެއް ބުނަން ވާނެއެވެ. އެ ތާނގައި އެ ވަގުތު ތިބި އެންމެނަށް މުޚާތަބުކޮށް އަޅުގަނޑު ބުނެފީމެވެ.

“މުދިމަށް އެއްޗެހި ގޮވުމުގެ މާނައެއް ނެތެވެ. ހިތްހަމަ ނުޖެހޭ މީހުން އެހެން މިސްކިތަކަށް ދިއުން މާ ރަނގަޅުވާނެ އެވެ. އަޅުގަނޑުމެން މިސްކިތަށް އަންނަނީ އަޅުކަން ކުރުމަށެވެ. މީހުންނާ ޒުވާބުކޮށް ބޭކާރު ވާހަކަ ދައްކާކަށް ނޫނެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން މީހަކު މުދިންކަމާ ކުރިމަތި ލާބަލާށެވެ. އެންމެފަހަރަކުވެސް އިމާމުވެ ނަމާދު ކޮށްލަބަލާށެވެ. މީ ކިހާ ބޮޑު މަސްއޫލިއްޔަތެއް އޮތް ކަމެއްކަން އޭރުން އިހުސާސު ކުރެވޭނެއެވެ.

 އަޅުގަނޑުގެ ރަހުމަތްތެރިއަކު ކިޔައިދިން ދެ ވާހަކައެއް ވެސް ލިޔެލާނަމެވެ. އެއްރެއެއްގެ ފަތިސް ވަގުތެވެ. ނަމާދު ނިމިގެން ފޭބި ތަނުން މީހަކު ސަލާން ކޮށްލުމަށް ފަހު އަތުން ދޫ ނުކޮށް ވާހަކަ ދައްކަން ފަށައިފިއެވެ. އެ މީހަކީވެސް ދަންނަ ރައްޓެއްސެކެވެ. އޭނާ ބުންޏެވެ. މި މިސްކިތުގެ  މުދިމު މިރޭ ފުރަތަމަ ރަކުއަތުގައި ކިޔެވި ސޫރަތުގެ ނުނިމި އޮތްބައި ދެވަނަ ރަކުއަތުގައި ނުކިޔަވާ އެކިޔެވީ އެހެން ސޫރަތެކެވެ. އެއީ ރަނގަޅު ގޮތެއް ނޫނެވެ. އަދި މޮޅު ގޮތެއްވެސް ނޫނެވެ. އަދި އޭނާ ސަޖިދައިގައި ހޭދަ ކުރަނީ މާ މަދު ވަގުތު ކޮޅެކެވެ. މި ގޮތަށް ދެތިން ވާހަކައެއް ބުނުމަށް ފަހު ދެން ބުނީ މުދިމަކީ ކަލޭގެ ރައްޓެއްސެއްނޫން ހެއްޔެވެ. މިވާހަކަތައް އޭނާއާ ދައްކައި ދޭށެވެ. އެހެން މިސްކިތެއްގެ ނަންބުނެފައި ދެން ބުނި ކަމަށް ވަނީ އެ މިސްކިތަށްދާ މީހަކު އެތަނުގެ ހިތްގައިމު ކަމާއި މުދިމުގެ ފުރިހަމަ ކަމުން އެހެން ތާކަށް ދެވަނަ ފަހަރަކަށް ނާރާނެއެވެ. ރަހުމަތްތެރިޔާ  ބުނެފިއެވެ. ދެންމެ ތިދެއްކި ވާހަކަތައް އަހަރެން ލައްވާ މުދިމު ގާތު ބުނުވަން ނަހަދާށެވެ. ކަލެއަށް ފެންނަ ވާހަކައެއް އޮތިއްޔާ އޭނާ ގާތު ބުނެލާށެވެ. އަހަރެން ވެސް އޭނާއާއި ރައްޓެހީ މި މިސްކިތުން ދިމާ ވެގެންނެވެ. ދެން ތިހާ ބޮޑަށް ހިތް ހަމަ ނުޖެހޭ އިރު މި މިސްކިތަށް އަންނަނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ބުނި ކަމަށް ވެއެވެ. ދެން މިރޭ ދިމާ ވިގޮތުން އައީ އެވެ. އޭގެ ކުރިންވެސް އެމިސްކިތުން މި ދެ މީހުން ދިމާ ވެއެވެ.

އޭގެ އެއް ދުވަސް ފަހުން އަނެއްކައި އެއް ރެއެއްގެ ފަތިހު ރަހުމަތްތެރިޔާއާއި އެއްކަލަ މީހާއާ މިސްކިތުން ބައްދަލު ވެއްޖެއެވެ. ރަހުމަތްތެރިޔާ ބުނެފިއެވެ. ބަލަ މިތަނަށް ތިޔައީ ކީއްވެގެން ހެއްޔެވެ؟ އޭނާ ރުޅިމޫނު ހަދާފައި ބުންޏެވެ. އަހަރެން މިތަނަށް ނާން ނާނަމެކޭ  ނުބުނަމެވެ. ރަހުމަތްތެރިޔާ ބުންޏެވެ. ބަލަ އެއްކަލަ ހިތްގައިމު މިސްކިތް ކަލޭގެ ގެއާ ވެސް ކައިރި ނޫން ހެއްޔެވެ؟ އަދި މިސްކިތުގެ މުދިމު ނަމާދު ކުރާ ގޮތް ކަމުނުގޮސްގެން އެވާހަކަ ވެސް ދެއްކީ މާ އަހައި ލެވުނީއެވެ.

ދެން އަނެއް ރަޙްމަތްތެރިޔާގެ ވާހަކައެވެ. ސިޔާސީ ގޮތުން ތަންކޮޅެއް ހަލަބޮލި ދުވަސްކޮޅެކެވެ. ގަލޮޅުގައި ހުންނަ ބޮޑު މިސްކިތެއްގައި، ކޮންމެވެސް ވަރަކަށް ސިޔާސީ ކަންކަމުން ވެސް ފެންނަ ޝައިޚަކު އިމާމުވެ ހުކުރު ކުރެއްވި ދުވަހެކެވެ. އެ އިމާމަކީ، އަޅުގަނޑުގެ ރަޙްމަތްތެރިޔާގެ ވެސް ވަރަށް ގާތް ބޭފުޅެކެވެ. އޭނާ ވެސް ފޭބީ އިމާމާއި އެކުގައެވެ. މިސްކިތުން ފައިބައި ބޫޓަށް އަރުއްވަނިކޮށް މީހަކު އައިސް، މިއަދުގެ ޚުޠުބާގައި މިވެނިއެވެނި ވާހަކަ ކީކަމަށާއި ކަލޭމެންތީ މިވެނިކަހަލަ ބައެކޭ ކިޔައިގެން ވަރަށް ހުތުރުކޮށް އަޑުގަދަކޮށްފިއެވެ. އެވަގުތު އަޅުގަނޑުގެ ރަޙްމަތްތެރިޔާ ބުނިކަމަށް ވެއެވެ. އަދި މިއުޅެނީ ރަނގަޅަށް މިސްކިތުން ނުފޭބިގެންނެވެ. މިހާރު ބަހުރުވަ ތިހިރަގޮތް ނިކަން ދެކެބަލާށެވެ. ކަލޭ މިސްކިތުގައި ޚުޠުބާ އަޑުއަހަން އިންއިރުވެސް އިންނާނީ ތި ރުޅިގަނޑުގައި ނޫން ހެއްޔެވެ؟ ނަމާދުގެ މަގުސަދު ހާސިލު ވާނެހެއްޔެވެ؟ އޭރުވެސް އޭނާގެ ހުތުރު ބަސްމަގު މައިތިރިއެއް ނުވެއެވެ. އެ ވަގުތު މިސްކިތުން ފޭބެންނެވީ އެންމެންހެން ދަންނާނެ، ސިފައިންގެ ވަރަށް އިސް އޮފިސަރެކެވެ. އޭނާ ވިދާޅުވިއެވެ. [ބޭބޭއެވެ. މީ މިސްކިތްތެރެއެވެ. މި ފޭބީ ނަމާދުންނެވެ. ޒުވާބު ނުކުރައްވާށެވެ] އެ ހިސާބުން އޭނާ ކުޑަކޮށް މައިތިވެގެން ނުކުންނަން ހިނގައި ގެންފިއެވެ. އިމާމު ހަމައެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

މިއީ، މިފަހަކަށް އައިސް ސިޔާސީ ގޮތުން ވަކި ފިކުރެއްގެ ބަޔަކު އާންމުކޮށް ކޮށްއުޅޭ ކަމެކެވެ. ޚުޠުބާއަށް ފާޑު ކިޔުމެވެ. އިމާމަށް ފުރައްސާރަ ކުރުމެވެ. ކިހައި ހިތާމަހުރި ކަމެއްތޯއެވެ

މާތް އަޅުކަމަކަށް ގޮސް އެކަމުގެ އުފާ ވެރިކަން ހޯދުމުގެ ބަދަލުގައި ކޫސަނި ކަންކަމާ ބެހި އެކަކު އަނެކަމުގެ ގޯސް ވާހަކަތައް ދެއްކުމުގެ ބަދަލުގައި ކަމެއް ގޯސް ކޮށްކުރެވޭނަމަ ކުރެވޭ މީހެއް ގާތުގައި މަޑުމަޑުން ހެޔޮ ބަހެއްގެ ގޮތުގައި ބުނެލުން ކީއްތޯއެވެ. މުދިމުންނަކީ ވެސް އިންސާނުންނެވެ. ކުށްވެސް ކުރެވޭނެއެވެ. ގޯސް ވެސް ހެދޭނެއެވެ. އިމާމަށް ތަބާވާން އޮތީ އަންގަވާފައެވެ. ހިތް ހަމަ ނުޖޭހޭނަމަ އެހެން އިމާމެއްގެ ހުންނަ މިސްކިތަކަށް ދާނީ އެވެ. ލިބޭ ހެޔޮ ދަރުމަ ބޭކާރު ގޮތުގައި ނަގައިނުލާށެވެ.

______________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. މަފަކީރު

    ގިނަމީހުން ތިބެނީ އެމީހެއްގެ ގައުމުގެ ދީން މަތީގައެވެ. ރަޙުމަތުގެ ދީން މައްޗަކު ނޫނެވެ. (ކޮންމެވެސް ތާކުން ފެނުނު ބަހެއް މީ)

    (1)(0)
Leave Comment