ހުރިހާ ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ޙާލަތް: ދީނުގެ ޢިލްމުވެރިންގެ ތެރެއިން މިމައްސަލާއާ  މެދު ރައުޔު ތަފާތު ވެފައި އޮތް ކަމުގައި ވިއަސް މިހުރިހާ ބޭކަލުންވެސް އެއްބަސްވެ ވަޑައިގަންނަވާ ޙާލަތެއް އެބަ އާދެއެވެ. އެއީ މިސްކިތުގައި ތަނބުތައް ހުރެފައި މީހުން ގިނަވާ ޙާލަތުގައްޔާއި މިސްކިތް ދަތިވާ ޙާލަތުގައި އެއީ މަކުރޫހަކަމެއް ނެތި ހުއްދަ ކަމެއް ކަމެވެ. މިގޮތުން ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. لاَ خِلاَفَ بَيْنَ أَهْلِ الْعِلْمِ الْقَائِلِينَ بِالْكَرَاهَةِ بِأَنَّ الْكَرَاهَةَ تَنْتَفِي عِنْدَ ضِيقِ…

ހުރިހާ ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ޙާލަތް:

ދީނުގެ ޢިލްމުވެރިންގެ ތެރެއިން މިމައްސަލާއާ  މެދު ރައުޔު ތަފާތު ވެފައި އޮތް ކަމުގައި ވިއަސް މިހުރިހާ ބޭކަލުންވެސް އެއްބަސްވެ ވަޑައިގަންނަވާ ޙާލަތެއް އެބަ އާދެއެވެ. އެއީ މިސްކިތުގައި ތަނބުތައް ހުރެފައި މީހުން ގިނަވާ ޙާލަތުގައްޔާއި މިސްކިތް ދަތިވާ ޙާލަތުގައި އެއީ މަކުރޫހަކަމެއް ނެތި ހުއްދަ ކަމެއް ކަމެވެ. މިގޮތުން ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. لاَ خِلاَفَ بَيْنَ أَهْلِ الْعِلْمِ الْقَائِلِينَ بِالْكَرَاهَةِ بِأَنَّ الْكَرَاهَةَ تَنْتَفِي عِنْدَ ضِيقِ الْمَسْجِدِ (ދެތަނބު ދޭތެރޭ ސަފު ހެދުމަކީ މަކުރޫހަ ކަމެއް ކަމުގައި ވިދާޅުވާ ޢިލްމުވެރިންގެ މެދުގައި މިސްކިތް ދަތިވާ ޙާލަތުގައި ސަފު ހެދުމާމެދު އިޚްތިލާފު ވެފައެއް ނުވެއެވެ. އެބޭކަލުންވެސް ވިދާޅުވާ ގޮތުގައި މިސްކިތް ދަތިވާ ވަގުތު ސަފު ހެދުމުގެ މަކުރޫހަކަން ނަފީވެގެން ވެއެވެ.)

އިމާމު އިބްނު ޙަބީބު ވިދާޅުވެފައި ވެއެވެ. “މިސްކިތް ދަތިވާ ވަގުތު ސަފު މެދުކެނޑިގެން ދިއުމާމެދު ނަހީއެއް އައިސްފައި ނުވެއެވެ. އެހެނެއްކަމަކު ނަހީ އައިސްފައި އޮތީ މިސްކިތުގައި ޖާގަ އޮންނަ ޙާލަތުގައެވެ.”([1]) އަދިވެސް އިމާމު އަލްމުޙިއްބު އައްޠަބަރީ ވިދާޅުވެފައި ވެއެވެ. كَرِهَ قَوْمٌ الصَّفُّ بَيْنَ السَّوَارِي لِلنَّهْي الْوَارِدِ عَنْ ذَلِكَ ، وَمَحَلُّ الْكَرَاهَةِ عِنْدَ عَدَمِ الضِّيقِ، الْحِكْمَةُ فِيهِ إِمَّا لِانْقِطَاعِ الصَّفِّ أَوْ ِلأَنَّهُ مَوْضِعُ النِّعَالِ([2]) މާނައީ: ދީނުގެ ޢިލްމުވެރިންގެ ތެރެއިން ޖަމާޢަތެއްގެ ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ތަނބުތަކުގެ މެދުގައި ސަފު ހެދުމާމެދު ނަހީ ވާރިދުވެގެންވާތީ އެއީ މަކުރޫހަ ކަމެވެ. ނަމަވެސް މިކަރާހަތު އޮންނަނީ ޖާގަ ދަތި ނުވާ ޙާލަތުގައެވެ. އެކަމުގައި ޙިކުމަތަކީ ސަފު މެދު ކެނޑުމެވެ. ނުވަތަ ތަނބުތަކަކީ އޭގެ ދޮށުގައި ފައިވާން ބެހެއްޓޭ ތަނަކަށް ވުމެވެ.

ދަލީލުތަކާމެދު ވިސްނާލުމެއް:

(1) ދެން އަޅުގަނޑު ޤަޞްދު ކުރަނީ ބަޔާންވެދިޔަ ހަތަރު މަޛްހަބާއި އެއިން ކޮންމެ މަޛްހަބެއްގެ ބޭކަލުން ގެންނަވާފައިވާ ދަލީލުތަކާމެދު ވިސްނާލައި އެއާމެދު ޢިލްމީ ބަހުސެއް ކޮށްލުމަށެވެ. މިގޮތުން ބަލާއިރު ފުރަތަމަ ރައުޔަކީ ދެތަނބު ދޭތެރޭ ނަމާދު ކުރުމާއި ސަފު ހެދުމަކީ މަކުރޫހަ ކަމެއް ކަމަށް ވިދާޅުވާ ބަސްފުޅެވެ. މިބޭކަލުންގެ ދަލީލުތަކާމެދު ވިސްނާލާއިރު، ފުރަތަމަ ކަމަކީ އިމާމު އަޙްމަދުގައި ތިން ރައުޔެއް އޮވެފައި އެކަލޭގެފާނުގެ އަރިހުގައި އެންމެ ޞައްޙަ ބަސްފުޅަކީ، އެކަލޭގެފާނު މަކުރޫހަ ކަމަށް ވިދާޅުވަނީ ސަފު މެދުކެނޑޭ ގޮތަށް ޖަމާޢަތުގައި ނަމާދު ކުރުންކަން ތިންވަނަ ރައުޔުން ސާބިތު ވެގެންދެއެވެ. ހަމައެހެންމެ އަޞްޙާބު ބޭކަލުންގެ ތެރެއިން އެތަކެއް ބޭކަލުން ނަމާދު ކުރަށްވާއިރު ދެތަނބު ދޭތެރޭ ނަމާދު ކުރަށްވާފައިވާ ކަމަށް ޞައްޙަ މަގުން ސާބިތުވާތީ މިއީ މަކްރޫހަކަމެއް ކަމަށް ޤަބޫލުކުރެވޭން ނެތެވެ.

ދެވަނަ ރައުޔަށް ބަލާއިރު އޭގައި ވަނީ މިކަމަކީ ޙަރާމު ކަމެއް ކަމަށެވެ. އަޅުގަނޑު ދެކޭގޮތުގައި މިރައުޔަކީ ދަލީލުގެ ގޮތުން މާ އާރުލާ ރައުޔެއް ނޫނެވެ. އަދި މިއީ ސަލަފުއްޞާލިޙީންގެ ތެރެއިން އެއްވެސް ދަންނަބޭކަލަކު ބުރަވެ ވަޑައިގެންފައިވާ ރައުޔެއްވެސް ނޫނެވެ. މިގޮތަށް ފަތުވާ ދެއްވަނީ ހަމައެކަނި މިހާރުގެ ޢިލްމުވެރިންގެ ތެރެއިން ޙަންބަލީ މަޛްހަބުގެ ބައެއް ޢިލްމުވެރިންނެވެ. އަދި ޙަނަފީ މަޛްހަބުގެ ބޭފުޅުންގެ ތެރެއިން ޝައިޚު އަލްބާނީއެވެ. މިބޭފުޅުން ސަލަފުގެ އެންމެހައި ދަންނަބޭކަލުންގެ ރައުޔާ ޚިލާފަށް މިގޮތަށް ބުރަވެ ވަޑައިގަންނަވާއިރު އެބޭފުޅުންނަށް އެއީ ޙަރާމު ކަމެއްކަމަށް ދެއްކެވޭނެ އެއްވެސް ޞައްޙަ ޞަރީޙަ ޙަދީޘެއް ގެންނެވިފައި ނެތްކަން މިތާގައި ފާހަގަ ކޮށްލަން ޖެހެއެވެ.([3]) އެހެނީ މިބޭފުޅުން ދަލީލެއްގޮތުގައި ހިއްޕަވަނީ ހަމައެކަނި ޤުއްރާގެ ރިވާޔަތުގައި ކަމަށް ވެފައި، އެއީ ޟަޢީފު ރިވާޔަތެއް ކަމާމެދު ދަންނަބޭކަލުން ޝައްކު ނުކުރަށްވާތީއެވެ. އަދި މިމައްސަލައިގެ ބަހުސުގައި ހުށަހެޅިފައިވާ ހަމައެކަނި ޞައްޙަ ދަލީލަކީ އަނަސްގެފާނުގެ ކިބައިން ރިވާވެގެންވާ އެކަލޭގެފާނުންގެ ބަސްފުޅު ކަމަށް ވެފައި، އެކަން އެގޮތަށް ކުރުމާމެދު އަޞްޙާބު ބޭކަލުންނާއި މުޙައްދިޘުން ނަންގަވާ ޢިއްލަތާއި ސަބަބަކީ ކޮބައިކަމާމެދު އެބޭކަލުންގެ މެދުގައި ރައުޔު ތަފާތު ވެފައިވާކަންވެސް ފާހަގަ ކޮށްލަމެވެ. އަދި ދަލީލަކުން ނެގެވޭ ޢިއްލަތާމެދު ރައުޔު ތަފާތުވުމީ އެދަލީލު ދަލީލަކަށް ނުވާކަމުގެ ދަލީލެކެވެ. ހަމައެހެންމެ މެދަށް ތަނބުވާ ގޮތަށް ސަފުހެދުމަކީ ޙަރާމް ކަމެއް ނަމަހީ، އަނަސްގެފާނު އެގޮތަށް ސަފު ހެދުމަށް ރުހިވަޑައިނުގަންނަވާ ވާހަކަ ވިދާޅުވެފައި ޚުދު އެކަލޭގެފާނު އެފަދަ ސަފެއްގައި ނަމާދު ނުކުރެއްވީހެވެ. އެހެންކަމުން އެކަލޭގެފާނު ރުހިވަޑައިނުގަތް ކަމުގައި ވިއަސް، އެކަލޭގެފާނު އެގޮތަށް ނަމާދު ކުރެއްވި ކުރެއްވުން، އެއީ އެކަން ހުއްދަކަމެއް ކަމާއި އަދި ޙަރާމު ކަމެއްވެސް އަދި މަކްރޫހަކަމެއްވެސް ނޫންކަމުގެ ސާފު ހެއްކަކަށް އެކަލޭގެފާނުގެ ޢަމަލުފުޅުން ދަލީލު އެބަ ލިބެއެވެ.

(2) ޤުއްރާގެ ކިބައިން ތިން ރިވާޔަތް އައިސްފައި އެބަ އޮތެވެ. ދެރިވާޔަތެއް އައިސްފައިވަނީ ލަފުޒުގެ ތަފާތުތަކާއެކުގައެވެ. އޭގެ ތެރެއިން އެއްގޮތަކީ ތަނބުތަކުގެ ދެމެދުގައި ނަމާދު ނުކުރުމަށެވެ. އަނެއް ރިވާޔަތުގައި އަންނަނީ ތަނބުތަކުގެ ދެމެދުގައި ސަފު ނުހެދުމަށެވެ. ތިންވަނަ ރިވާޔަތުގައި އަންނަނީ އެކަލޭގެފާނު ދެތަނބު ދެމެދު ނަމާދަށް ހުންނަވަނިކޮށް ޢުމަރުގެފާނު އެކަން މަނާކުރަށްވާފައި، އެކަލޭގެފާނުގެ ކޮނޑުފުޅުގައި ހިއްޕަވާފައި ތަނބާ ދިމައަށް ގެންދެވި ވާހަކައެވެ. ކުރީގެ ދެރިވާޔަތުގައި ޤުއްރާގެ މުރާދަކީ ހަމައެކަނި ޖަމާއަތުގައި ނަމާދު ކުރުން ނޫންކަމަށާއި ޢާއްމުކޮށްވެސް އެއްވެސް ޙާލަތެއްގައި ބައެއް އަޞްޙާބު ބޭކަލުން ތަނބުތައް ކައިރީގައި ނަމާދު ކުރެއްވުމަށް ރުހިވަޑައި ނުގަންނަވާކަން އިމާމު ބުޚާރީއާއި އިބްނު އަބީ ޝައިބާ ގެންނެވި ރިވާޔަތުން ސާފުވެގެން ހިނގައްޖެއެވެ. އެއީ އެކަލޭގެފާނު ދެތަނބު ދޭތެރޭ ނަމާދު ކުރަށްވަނިކޮށް ޢުމަރުގެފާނު ވަޑައިގެން އެކަލޭގެފާނު ތަނބަކާ ދިމާއަށް ގެންދަވައި އެގޮތަށް ހުންނެވުމަށް އަމުރުކުރަށްވާފައި ވާތީއެވެ. “ތިމަންމެނަށް ދެތަނބު ދޭތެރޭ ނަމާދު ކުރުމަށް މަނާކުރެވެއޭ” ޤުއްރާ ވިދާޅުވާސަބަބަކީ މިއީއެވެ. ފަހަރެއްގައިވެސް މިއީ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ މަނާކުރަށްވާފައި އޮތް ކަމަކަށް ނުވަތަ ނަމާދު މަކުރޫހަ ކަމަކަށް އެކަން ވާތީއެއް ނޫނެވެ. ހަމައެހެންމެ އިބްނު މުންޛަރާއި ޠަބްރާނީ، މަޢުދީ ކަރިބުގެ އަރިހުން ގެންނެވި އިބްނު މަސްޢޫދުގެ ބަސްފުޅުން ވެސް މިކަން އެނގިގެން ދެއެވެ. އެހެނީ އެބޭކަލުން އެކަން އެގޮތަށް ކޮށް އުޅުއްވަނީ ސުތުރާއަކަށްޓަކައިކަން ކުރީގައި އަޅުގަނޑު ވާނީ ބަޔާންކޮށްފައެވެ.

(3) އަނަސްގެފާނުގެ ބަސްފުޅު ތަރުޖަމާ ކުރަށްވަމުން އިމާމު އިބްނު ސައްޔިދުއްނާސް ވިދާޅުވިކަމަށް އިމާމު އިބްނު ޙަޖަރާއި ޢައްލާމާ ޝައުކާނީ([4]) މިފަދައިން ނަގުލު ކުރަށްވާފައި ވެއެވެ. وَلاَيُعْرَفُ لَهُمْ مُخَالَفٌ فِي الصَحَابَةِ (މިކަމުގައި ޞަޙާބާއިންގެ ތެރޭގައި އިދިކޮޅު ހެއްދެވި ބޭކަލަކު އުޅުއްވި ކަމަކަށް އެނގިފައެއް ނުވެއެވެ.)

އިބްނު ސައްޔިދުއްނާސްގެ ބަސްފުޅުގެ ޖަވާބުގައި އަޅުގަނޑު ބުނާނީ އެކަލޭގެފާނުގެ މިރައުޔަކީ އެންމެ ޞައްޙަ ރައުޔެއް ނޫންކަމަށެވެ. އެއީ އަޞްޙާބު ބޭކަލުންގެ މެދުގައި އެކަމާމެދު ޚިލާފުވެފައި އޮތްކަން ވަރަށް ސާފުކޮށް އެނގެން އޮންނާތީއެވެ. އެހެނީ ކުރީގައި ބަޔާންވެދިޔަ ފަދައިން ޞަހާބާއިންގެ މެދުގައި ވެސް ފުރަތަމަ ރައުޔާއި ތިންވަނަ ރައުޔާއި ހަތަރުވަނަ ރައުޔު އިޚްތިޔާރު ކުރެއްވި ބޭކަލުން ތިއްބެވިއެވެ. ހަމަ އެއާއެކު އެބޭކަލުންގެ މެދުގައި މިގޮތަށް ދެތަނބު ދެމެދު ނަމާދަށް ނުތިއްބަވާ ސަބަބުވެސް ޢުމަރުގެފާނުންގެ ބަސްފުޅާއި ޢަމަލުފުޅުން ދޭހަ ވެއެވެ. އަދި އިބްނު މަސްޢޫދުގެ ބަސްފުޅުންވެސް ސާފުވެއެވެ. އަދި ޖަމާޢަތުގެ ފުރަތަމަ ޞަފު މެދު ކެނޑޭ ގޮތަށް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ މިންބަރުކޮޅު ބެހެއްޓިފައި ހުރުމާއި އެކުވެސް ފުރަތަމަ ޞަފަކީ މެންބަރާއެކު އޮތް ސަފުކަމުގައި ބައްލަވައިގެން އެސަފުގައި އަޞްޙާބު ބޭކަލުން ތިއްބަވާކަން ކުރީން އަޅުގަނޑުވާނީ ބަޔާންކޮށްފައެވެ.

(4) އަނަސްގެފާނުގެ ބަސްފުޅަށް ބަލާއިރު، “ތިމަންމެން ދެތަނބު ދޭތެރޭ ސަފު ހެދުމުން ދުރުހެލަވަމޭ” އޮތް ބަސްފުޅަކުން ފަހަރެއްގައިވެސް އެއީ މަނާކަމެއް ކަމަކަށް ސާބިތެއް ނުވެއެވެ. އެއިން ދޭހަވަނީ އެބޭކަލުން ޢާއްމުކޮށް އެކަމުން ރައްކައުތެރިވެ ވަޑައިގަންނަވާ ކަމެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ އެރިވާޔަތުގައިވެސް އަނަސްގެފާނު އެހެން ވިދާޅުވެފައިވަނީ ޚުދު ދެތަނބު ދޭތެރޭ އިމާމާގެ ފަހަތުގައި ނަމާދު ކުރެއްވުމަށް ފަހުއެވެ. އެހެނީ ތަނބުކާރީގައި ފައިވާން ބެހެއްޓިފައި ހުރުމާއި ޖިއްނީން ނަމާދު ކުރާ ތަނަކަށް ތަނބުތަކުގެކާރި ވާތީއެވެ.

(5) ތަނބުތަކުގެ ދެމެދު ތިމަންމެން ނަމާދު ކުރުމުން އެއްކިބާ ވަމޭ، އަނަސްގެފާނުގެ އަރިހުން މިހެން ވާރިދުވެފައި އޮތް ބަސްފުޅުގެ ޢިއްލަތާއި ޙިކުމަތަކީ ކޮބައިތޯ ބަލާލާއިރު ޢިލްމުވެރިންގެ ފަރާތުން އެކަމުގައިވެސް ވަނީ ރައުޔު ތަފާތު ވެފައެވެ. ބައެއް ބޭކަލުން ވިދާޅުވަނީ ސަފު މެދު ކެނޑޭތީކަމަށެވެ. އަނެއް ބައި ބޭކަލުން ވިދާޅުވަނީ ތަނބު ކައިރީ ފައިވާން ބެހެއްޓޭތީއާއި އެތާގައި ނަޖިހެއް ވެއްޓިފައި ހުރެދާނެކަމަށްޓަކައެވެ. އިމާމު ޠަބަރީ ވިދާޅުވެފައި ވަނީ އެކަމުގެ ޢިއްލަތަކީ އެއީ މުއުމިނުޖިއްނިން ނަމާދަށް ތިބޭ ތަނަށް ވުމެވެ.([5]) މިބަސްފުޅުތަކަށް ވިސްނާލާއިރު އަނަސްގެފާނާއި އެނޫންވެސް ބައެއް އަޞްޙާބު ބޭކަލުން ތަނބުތަކުގެ ދެމެދުގައި ނަމާދު ނުކުރަށްވާ ޙިކުމަތާއި ސަބަބަކީވެސް ކަނޑައެޅިގެން ސާފުވާން އޮތް ސަބަބެއް ނޫނެވެ. އެހެންކަމަށް ވާނަމަ ސަބަބު ނޭގޭ، އަދި އޭގެ ޢިއްލަތާ މެދު ރައުޔު ތަފާތު ވެފައިއޮތް ބަސްފުޅަކުން ޙުކުމެއް ނެރުމަކީ އިންޞާފުވެރި ގޮތެއް ނޫނެވެ.

(6) މިހާރުގެ ބައެއް ޢިލްމުވެރިން އިމާމު ބުޚާރީ، ޞަޙީޙު ބުޚާރީގައި ގެންނަވާފައިވާ بَابُ الصَّلاَةِ بَيْنَ السَّوَارِي فِي غَيْرِ جَمَاعَةٍ (ޖަމާޢަތުގެ ނަމާދުގައި ނޫން ގޮތަކަށް ތަނބުތަކުގެ ދޭތެރޭ ނަމާދު ކުރުމާބެހޭ ބާބު) މިބަސްފުޅުން ދަލީލު ހޯއްދަވަން އުޅުއްވާފައިވާ ތަންވެސް ފެނެއެވެ. ފުރަތަމަ ކަމަކީ އިމާމު ބުޚާރީ ޞަޙީޙުލް ބުޚާރީގައި އެކަލޭގެފާނުގެ ރައުޔެއް ހާމަކުރަށްވާފައި އޮތުމަކީ އެއީ ދީނުގެ ދަލީލެއް ނޫނެވެ. އެއިން ދޭހަވަނީ ހަމައެކަނި އެކަލޭގެފާނުންގެ ރައުޔާއި މަޛުހަބެވެ. އެކަލޭގެފާނު އިސްދިދުލާލުކުރަށްވަން އުޅުއްވިގޮތެވެ. އެކަލޭގެފާނަކީވެސް އެހެން އިމާމުން ފަދަ އިމާމެކެވެ. އަނެއްކޮޅުން ބަލާއިރު އެކަލޭގެފާނުގެ މިބަސްފުޅުގެ މުރާދަކީ ބައެއް މީހުން ނަގާ މާނަ ނޫންކަން އިމާމު ރާފިޢީ ބަޔާން ކުރަށްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. وَقَالَ الرَّافِعِيّ فِي شَرْحِ الْمُسْنَدِ : اِحْتَجَّ الْبُخَارِيُّ بِهَذَا الْحَدِيثِ – أَيْ حَدِيثِ اِبْن عُمَر عَنْ بِلاَل – عَلَى أَنَّهُ لاَ بَأْسَ بِالصَّلاَةِ بَيْنَ السَّارِيَتَيْنِ إِذَا لَمْ يَكُنْ فِي جَمَاعَةٍ ، وَأَشَارَ أَنَّ اْلأَوْلَى لِلْمُنْفَرِدِ أَنْ يُصَلِّيَ إِلَى السَّارِيَةِ، وَمَعَ هَذِهِ اْلأَوْلَوِيَّةِ فَلاَكَرَاهَةَ فِي الْوُقُوفِ بَيْنَهُمَا – أَيْ لِلْمُنْفَرِدِ – وَأَمَّا فِي الْجَمَاعَةِ فَالْوُقُوفُ بَيْنَ السَّارِيَتَيْنِ كَالصَّلاَةِ إِلَى السَّارِيَةِ([6]) މާނައީ: ޢަބްދު ﷲ އިބްނު ޢުމަރުގެ ކިބައިން ރިވާވެގެންވާ މިޙަދީޘުން (އެބަހީ ކަޢުބާގެ ދެތަނބު ދޭތެރޭ ކީރިތި ރަސޫލާ ނަމާދު ކުރެއްވި ޙަދީޘުން) އިމާމު ބުޚާރީ ދަލީލު ހޯއްދަވާ ގޮތުގައި ޖަމާޢަތަކާ ނުލައި މީހާ ދެތަނބު ދޭތެރޭ ނަމާދު ކުރުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. އަދި މިތާގައި އެކަލޭގެފާނުގެ އިޝާރަތް ކުރަށްވަނީ އެކަހެރިކޮށް ނަމާދު ކުރާ މީހާއަށް އައުލާ ގޮތަކީ ތަނބާ ދިމާއަށް ނަމާދު ކުރުމެވެ. މިއީ އައުލާ ގޮތް ކަމުގައި ވިއަސް އެކަހެރިކޮށް ނަމާދު ކުރާ މީހާ، ދެތަނބު ދެމެދު ނަމާދަށް ހުރުމަކީ މަކުރޫހަ ކަމެއް ނޫނެވެ. ނަމަވެސް ޖަމާޢަތުގައި ނަމާދު ކުރާއިރު ދެތަނބު ދޭތެރޭ ހުއްޓި ހުރުމަކީ ތަނބާ ދިމާއަށް ހުއްޓިހުރުން ފަދަ ކަމެކެވެ.([7])

މިތާގައި ވިސްނާލަން ޖެހޭ މައްސަލައަކީ އިމާމު ބުޚާރީ އިޝާރަތް އެކުރަށްވަނީ ސުތުރާ ބަހައްޓަން ޖެހޭ މީހުންނާއި ނުޖެހޭ މީހުންނަށް ކަމެވެ. އެކަހެރިކޮށް ކުރާއިރު ސުތުރާ ބަހައްޓަން ޖެހޭތީ މޮޅުގޮތަކީ ތަނބެއްފަދަ އެއްޗަކާ ދިމާއަށް ހުރުމެވެ. ނަމަވެސް ޖަމާޢަތުގައި ނަމާދު ކުރާއިރު މުޤްތަދީންނަކަށް އެކަން ދިމާނުވާނެއެވެ. އެއީ ހުރިހާ ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ޖަމާޢަތުގެ ނަމާދުގައި ސުތުރާ ބެހެއްޓުން އޮންނަނީ އިމާމު މީހާއަށް އެކަންޏެވެ. އެހެންކަމުން އިމާމު ބުޚާރީގެ ބަސްފުޅުން އިޝާރަތްކުރަނީ އިމާމު މީހާގެ ސުތުރާއަކީ މައުމޫމުންގެ ސުތުރާކަމާއި، ޖަމާޢަތުގައި ނަމާދުކުރާއިރު ތަނބަކާ ދިމާއަށް ހުންނަން ނުޖެހޭކަމާއި މުޤުތަދީން ސުތުރާ ބަހައްޓަންވެސް ނުޖެހޭ ކަމާއި އެމީހުންނަށް ސުތުރާއަކާ ނުލައި ދެބަނދު ދޭތެރޭ ނަމާދު ކުރެވޭނެ ކަމެވެ.

ބަހުސުގެ ޚުލާޞާ:

ބަޔާންވެދިޔަ ބަސްފުޅުތަކާއި ދަލީލުތަކަށް ބަލާއިރު ޚުލާޞާއެއްގެ ގޮތުގައި އަޅުގަނޑަށް ސާބިތުވަނީ އަންނަނިވި ނުގުތާތަކެވެ. އެއީ:

(1) ދެތަނބު ދޭތެރޭ ނަމާދު ކުރުމާއި ސަފު ހެދުމާމެދު ޞަރީޙަކޮށް ބަޔާންވެގެންވާ އެއްވެސް ޞައްޙަ ޙަދީޘެއް ނެތެވެ. ޤުއްރާގެ ކިބައިން އައިސްފައިވާ ރިވާޔަތަކީ ޟަޢީފު ރިވާޔަތެވެ. އަދި އެރިވާޔަތަށް ޢަމަލުކުރަން ބަލާއިރުގައިވެސް އެރިވާޔަތުގެ މާނަ ވަރަށް ޞަރީޙަކޮށް އިމާމު ބުޚާރީއާއި އިބްނު އަބީ ޝައިބާގެ ރިވާޔަތުން އެނގެއެވެ. އެއީ އެބޭކަލުން ސުތުރާއެއް ނުހުންނަ ގޮތަށް ނަމާދު ނުކުރާކަމާއި ސުތުރާއެއްގެ ގޮތުގައި ތަނބު ބޭނުން ކުރަށްވާތީ، އެގޮތަށް ސުތުރާ ނުބެހެއްޓޭ ޙާލަތްތަކުގައި އަވަހަށް ތަނބާ ދިމާއަށް ވަޑައިގަންނަވާ ކަމާއި އެފަދަ ޙާލަތުގައި ދެތަނބު ދޭތެރޭ ނަމާދު ނުކުރަށްވާ ކަމެވެ. އަދި އިބްނު ޢައްބާސްގެ ކިބައިން އައިސްފައިވާ (إِيَّاكُمْ وَالصَّفُّ …)  މިބަސްފުޅަކީވެސް ޟަޢީފު ބަސްފުޅެކެވެ. މިކަން ނަހީވެގެންވާ އެއްވެސް ބަސްފުޅެއް އެއްވެސް ޞަޙާބީއެއްގެ އަރިހުން ސާބިތުވާން ނެތެވެ. އިމާމު އިބްނު މުންޛަރު ވިދާޅުވެފައި ވެއެވެ. لَيْسَ فِي هَذَا الْبَابِ خَبَرٌ يُثْبَتُ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ نَهَى عَنْهُ، وَأَعْلَى مَا فِيهِ قَوْلُ أَنَسٍ: كُنَّا نَتَّقِيهِ. وَلَوِاتَّقَى مُتَّقٍ كَانَ حَسَنًا، وَلاَ مَأْثَمَ عِنْدِي عَلَى فَاعِلِهِ([8]) މާނައީ: ދެތަނބު ދޭތެރޭ ނަމާދު ކުރުމުގެ މިބާބުގައި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުން އެކަން މަނާ ކުރަށްވާފައިވާކަން ސާބިތުވާނެ އެއްވެސް ޙަދީޘެއް ނެތެވެ. އަދި އެންމެ ބޮޑު އެއްޗަކަށް ވެސް އޮތީ އަނަސްގެފާނު، ތިމަންމެން އެކަމުން ދުރުހެލިވަމޭ ވިދާޅުވެފައި އޮތް ބަސްފުޅެވެ. ކޮންމެއަކަސް މީހަކު އެފަދަ ކަމުން ދުރުހެލި ވުމަކީ އޭގައި އޮތް ރަނގަޅު ގޮތެވެ. އެއީއަކީ އަހުރެން ދެކޭ ގޮތުގައި އެކަން ކުރާ މީހާ ކުށްވެރިވާފަދަ ކަމެއް ނޫނެވެ.

(2) ޢިލްމުވެރިން ވިދާޅުވެފައި ވަނީ މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނު ޢުމަރުގެ ކިބައިން ރިވާވެގެންވާ ޙަދީޘުފުޅު مَنْ وَصَلَ صَفًّا وَصَلَهُ اللَّهُ وَمَنْ قَطَعَ صَفًّا قَطَعَهُ اللَّهُ عَزَّ وَجَلَّ([9])  (ނަމާދުގެ ޖަމާޢަތަށް ޙާޟިރުވެ ސަފެއްގެ މެދުކެނޑުން ގުޅުވައިފި([10]) މީހާއަށް ﷲ ރަޙްމަތް ލައްވާނެތެވެ. އަދި ސަފެއް މެދު ކަނޑައިފި މީހާ،([11]) މަތިވެރި މާތް ﷲގެ ރަޙްމަތުން ދުރުހެލި ކުރަށްވާނެތެވެ.) މިޙަދީޘުފުޅާ ތަނބުތަކުގެ ސަބަބުން ސަފު މެދުކެނޑިގެން ދިއުމާ، މިއީ މުޅިން ދެ މައްސަލައެއްގެ ދެވާހަކައެވެ. ޙަދީޘުން އެއަންގަވަނީ ތިމާ އަމިއްލައަށް ކުރާ ކަމަކުން ސަފު މެދުކެނޑިގެންދާ ގޮތް ނުހެދުމަށެވެ. ނުވަތަ ދެމީހެއްގެ ދޭތެރެ ދުރުނުކުރުމަށެވެ. ނުވަތަ އަނެކާއަށް ތަންނުދީ ސަފު މެދު ކެނޑިގެން ދިޔަ ނުދިނުމަށެވެ. ނަމަވެސް މިސްކިތާ ގުޅިފައިހުރި ތަނބެއްފަދަ އެއްޗަކާހުރެ މިގޮތަށް ސަފު މެދުކެނޑިގެންދާ ދިއުމަކީ މީހާގެ އަމިއްލަ އިޚްތިޔާރުގައި އޮންނަ ކަމެއް ނޫނެވެ. އަދި ސަފު ގުޅުވުމުގެ މަޤްޞަދު ގެއްލިގެންދާ ކަމެއްވެސް ނޫނެވެ. އެހެނީ ޙަދީޘުން ބާރު އަޅުއްވާފައި ވަނީ އެންމެހައި މުސްލިމުން އެކަތިގަނޑަކަށްވެ އުޅުމަށްކަމަށް ވާއިރު، އެމަޤްޞަދު މިތަނުން ގެއްލިގެނެއް ނުދެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ދުވަސްވަރު އެކަލޭގެފާނުންގެ މެންބަރުކޮޅުގެ ސަބަބުންވެސް މިގޮތަށް ފުރަތަމަ ސަފު މެދުކެނޑިގެން ގޮސްފައިވާކަން ކުރީގައި ބަޔާންވެ ހިނގައްޖެއެވެ.

ސަޢޫދީ ޢަރަބިޔާގެ ޢިލްމުވެރިއެއް ކަމުގައިވާ ޑރ. ސަޢުދު އިބްނު ޢަބްދުލްޙަމީދު ވިދާޅުވެފައި ވެއެވެ. ” وَالْجَوَابُ: أَنَّ الْمُصَلِّي بَيْنَ السَّوَارِي لَمْ يَقْطَعِ الصَّفَّ فَلاَ يُنْصَبُ عَلَيْهِ الْوَعِيدُ الْوَارِدُ وَكَيْفَ يَأْثَمُ بِشَئ لَيْسَ مُنْفَعِلُهُ فَالسَّارِيَةُ حَقِيقَةً هِيَ الْقَاطِعَةُ الصَّفَّ لاَ الْمُصَلِّي”([12]) (މާނައީ: ޙަޤީޤަތުގައި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެންވާ ޙަދީޘުގެ ޖަވާބުގައި ތިމަން ބުނާނީ ތަނބުތަކުގެ ދެމެދު ނަމާދު ކުރާ މީހާއަކީ ސަފު މެދުކަނޑާ މީހެއްނޫން ކަމަށެވެ. އެހެންކަމުން ޙަދީޘުގައި ވާރިދުވެގެންވާ ވަޢީދުގެ ބަސްފުޅު މިފަދަ މީހަކަށް ނިސްބަތް ނުވާނެއެވެ. އެހެނީ މީހާ އަމިއްލަ އިޚްތިޔާރުގައި ނުކުރާ ކަމެއްގެ ފާފައެއް އޭނާ އުފުލާކަށް ނުޖެހޭނެއެވެ. ޙަޤީޤަތަށް ބަލާއިރު މިޙާލަތުގައި ސަފު މެދުކެނޑުމުގެ ސަބަބަކަށް ވަނީ ތަނބެވެ. ނަމާދު ކުރާ މީހާ ސަފު މެދު ކަނޑާލަނީއެއް ނޫނެވެ.

(3) ސަފު ހެދުމާއި ސަފު ސީދާ ކުރުމާއި ސަފުގައި ކައިރިކައިރީގައި ތިބުމާއި މިކަންކަން ނަމާދުގެ ސުއްނަތުގައި ހިމެނޭ ފަދައިން ދެސަފު ދޭތެރެ ކައިރިކޮށް ބޭއްވުމަކީވެސް ސުއްނަތެކެވެ. އެއީ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރަށްވާފައިވާ ފަދައިންނެވެ. رُصُّوا صُفُوفَكُمْ وَقَارِبُوا بَيْنَهَا([13]) މާނައީ: “ތިޔަބައިމީހުން ސަފުތަކުގައި ޖެހިޖެހިގެން ތިބޭށެވެ. އަދި ދެސަފު ދޭތެރެ ކައިރި ކުރާށެވެ.” އެހެންކަމުން ދެސަފު ދޭތެރެ ކައިރިކޮށްފައި ބޭއްވުމުގެ ސުއްނަތް ގެއްލިދާ ފަދަ ގޮތަކަށް ޤިޔާސުން ސާބިތުވާ އެހެން ޢަމަލަކަށް އިސްކަން ދީގެން އަނެއް ސުއްނަތާ ޚިލާފުވެގެނެއް ނުވާނެއެވެ.

(4) ސަފު ހެދުމީ ނަމާދުގެ ސުއްނަތަކަށް ވެފައި، ސަފުގެ ދޭތެރެއަށް ތަނބު އަންނަ ގޮތަށް ސަފު ހަނދަން ދިމާވާއިރު، އެކަމުގައި ދަންނަބޭކަލުންގެ އިޚްތިލާފު އޮތްއިރު، އެކަމަކީ މާބޮޑު މައްސަލައަކަށް ހަދައިގެން، އެމައްސަލަ ނެގުމުގެ ބަދަލުގައި ނަމާދު ކުރާ މީހުންގެ ތެރެއިން އިހުމާލުވަމުންދާ އެއަށްވުރެ ބޮޑެތިކަންތައްތައް ހުރިކަމާއި އެކަންކަމާމެދު ޢިލްމުވެރިންނާއި ޢާއްމުން މާބޮޑު އަޅައެއް ނުލައްވާކަމާއި މިކަމަށްވުރެން އެކަންކަމާމެދު ވާހަކަ ދެއްކުން މާއައުލާކަން ބޮޑުކަމުގައި މިތާގައި ފާހަގަ ކޮށްލަމެވެ. އެއީ:

(ހ) މިސްކިތަކީ ﷲގެ ގެކޮޅު ކަމުގައި ވާއިރު ބައެއް ފަރާތުން މިސްކިތުގައި އަޑުގަދަކޮށް ހެދުން.

(ށ) ނަމާދަށް ފަހުން އަންނަ މީހުން ފުރަތަމަ ސަފަށް ދިއުމުގެ ބޭނުމުގައި ނުވަތަ ކުރީ ސަފަކަށް ދިއުމުގެ ބޭނުމުގައި މީސްތަކުންގެ ބޯމަތިން ގިރާކޮށްފައި ދިއުން.

(ނ) ކުޑަ ކުދިން ކުރިން ނަމާދަށް އައިސް ކުރީ ސަފުތަކުގައި އިށީދެ ތިއްބައި ފަހުން އަންނަ މީހުން އެކުދިން ފަހަތު ސަފުތަކަށް ފޮނުވުން.

(ރ) މިހާރަކަށް އައިސް ޖިންސާއި ކުރު ޓީޝާޓު ފަދަ ތަކެތި ލައިގެން ނަމާދަށް އައުމާއި އެއުރެން ނަމާދު ކުރާއިރު ޢައުރަ ފެންނަ ގޮތްވުމާއި، އެއީ ނަމާދު ބާޠިލުވާ ކަމަކަށް ވާއިރުވެސް އެކަމަށް ފަރުވާ ނުބަހެއްޓުން.

(ބ) ނަމާދަށް އައުމުގައި ރީތިވުމާއި ހުވަނދުލުމާއި މިފަދަ ސުއްނަތްތަކާއި އަދަބުތަކަށް ވަރަށް ގިނަ މީހުން އިހުމާލު ވެފައި ވުން.

(ޅ) ސަފު ހެދުމުގައި ކައިރިކައިރީގައި ނުތިބުން.

(ކ) ސިގިރޭޓު ބޮއިގެންނާއި އެނޫންވެސް މިފަދަ ހަޑިވަސް ދުވާ ތަކެތި ކައިގެން ރަނގަޅަށް އަނގައިން ވަސް ނުފިލުވައި، ސާފު ތާހިރު ކަމެއް ނެތި، ތިމާގެ ގައިން މުޑުދާރުވަސް ދުވާހާލު ބައެއް މީހުން މިސްކިތަށް އައުން.

(އ) ރަނގަޅަށް، ތަޖްވީދު މަގުން ރީއްޗަށް ޤުރުއާން ކިޔަވަން ނޭގޭ މީހުން އިމާމުވެ ނަމާދުކުރުން.

(ވ) ރަކުޢަތް ލިބިގަތުމަށްޓަކައި ރުކޫގައި އިމާމާ އޮތްވާ ދުވެފައި އައިސް ރުކޫޢުގައި ބައިވެރިވުން.

(މ) މިބުނެވުނު ގޮތަށް ދުވެފައި އައިސް ހަށަންބަން ތަކްބީރަކާ ނުލައި، އެއް ތަކްބީރު ކިޔަމުން ރުކޫޢަށް ދިއުން.

(ފ) މާކުޑަ ކުދިން މިސްކިތަށް ގެނައުމުގެ ސަބަބުން އެކުދިން މިސްކިތުގެ އަދަބުތަކާ ޚިލާފުވެ، ސަފުތަކުގެ މެދުކަނޑައި، ސަފުތަކުގެ ތެރެއިން ދުވެ ހެދުން.

(ދ) އިމާމާގެ ކަނާތްފަރާތަށް ވާގޮތަށް ހުއްޓި ތިބުމާއި އިމާމާ މެދަށް ވާގޮތަށް ސަފުތައް ހަމަހަމައަށް ބެހެއްޓުމާއި މިދެކަމަށް އެކުއެކީ ޢަމަލު ކުރުމުގައި ފަރުވާތެރި ނުވުން.

(5) ދީނުގައި އެއް ޢަމަލެއްގެ ތެރޭގައި އެއްފަހަރާ ކުރަންޖެހޭ ދެކަމެއް ފުށުއަރާގޮތް ދިމާވާހެން ހީވާނަމަ ކަންކުރަން އޮންނަ މޮޅު ގޮތަކީ އެކުއެކީ ދެގޮތަށްމެ ޢަމަލުކުރެވޭތޯ ބަލައި އެއާއެއްގޮތް ކުރުމެވެ. މިސާލަކަށް މުޤްތަދީ ސަފުގައި ކޮއްޅަށް ހުރުން ސުއްނަތް ވެގެންވަނީ އިމާމާގެ ކަނާތްފަރާތަށް ތިމާއަށް ހުއްޓިހުރެވޭ ގޮތަށެވެ. އަލްމުހައްޛަބުގެ މުޞައްނިފު އިމާމު އަބޫ އިސްޙާޤު އައްޝީރާޛީ ވިދާޅުވެފައި ވެއެވެ. وَالْمُسْتَحَبُّ أَنْ يَعْتَمِدُوا يَمِينَ اْلإِمَامِ لِمَا رَوَى الْبَرَاءُ قَالَ “كَانَ يُعْجِبُنَا عَنْ يَمِينِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِأَنَّهُ كَانَ يَبْدَأُ بِمَنْ عَنْ يَمِينِهِ فَيُسَلِّمُ عَلَيْهِ”([14]) މާނައީ: “ސުއްނަތް ގޮތަކީ މުޤްތަދީ ސަފުގައި ހުންނައިރު އިމާމާގެ ކަނާތްފަރާތުގައި ހުއްޓިހުރުމެވެ. އެއީ މާތް ﷲ ރުއްސުންލެއްވި ބަރާ އިބްނު ޢާޒިބުގެ އަރިހުން ރިވާވެގެންވާ ފަދައިންނެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ނަމާދުގައި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ކަނާތްޕުޅު ފަރާތުގައި ހުއްޓި ތިބުމަށް ތިމަންމެން އަޞްޙާބުން އަބަދުމެ ލޯބި ކުރަމެވެ. އެހެނީ އެކަލޭގެފާނު ފުރަތަމަ ސަލާމް ވިދާޅުވަނީ ކަނާތްޕުޅު ފަރާތުގައި ތިބޭ މީހުންނަށް ކަމަށް ވާތީއެވެ.” އަދިވެސް އެހެން ރިވާޔަތެއްގައި ބަރާގެ ކިބައިން ރިވާވެގެން ވެއެވެ. كُنَّا إذَا صَلَّيْنَا خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَحْبَبْنَا أَنْ نَكُونَ عَنْ يَمِينِهِ يُقْبِلُ عَلَيْنَا بِوَجْهِهِ([15]) މާނައީ: “رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ފަހަތްޕުޅުގައި ތިމަންމެން ނަމާދު ކުރާއިރު، އެކަލޭގެފާނުގެ ކަނާތްޕުޅު ފަރާތަށް އެނބުރި ވަޑައިގެން ތިމަންމެނާ ދިމާއަށް ކުރިމަތި ލައްވާގޮތަށް އެކަލޭގެފާނު އިންނެވުމަށް ތިމަންމެން ބޭނުންވަމެވެ.”

މިކަން މިގޮތަށް ސުއްނަތެއްގެ ގޮތުގައި އޮތް ކަމުގައި ވިއަސް އަނެއްކޮޅުން ސަފުތަކުގެ މެދަށް އިމާމާ ވާގޮތަށް މައުމޫމުން ސަފު ހެދުމަކީވެސް ސުއްނަތަކަށް ވާތީ އެކަމާމެދުވެސް މައުމޫމުން އިހުމާލުވެގެން ނުވާނެއެވެ. އިމާމު ނަވަވީ ވިދާޅުވެފައި ވެއެވެ. وَاتَّفَقَ أَصْحَابُنَا وَغَيْرُهُمْ عَلَى اِسْتِحْبَابِ يَمِينِ اْلإِمَامِ وَعَلَى أَنَّهُ يُسْتَحَبُّ الاِعْتِدَالُ فِي الصُّفُوفِ. وَيُسْتَحَبُّ أَنْ يُوَسِّطُوا اْلإِمَامَ وَيَكْشِفُوهُ مِنْ جَانِبَيْهِ لِحَدِيثِ أَبِي هُرَيْرَةَ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ “وَسِّطُوا اْلإِمَامَ وَسُدُّوا الْخَلَلَ”([16]) މާނައީ: ތިމަންމެންގެ އިމާމުންނާއި އެނޫން ބޭކަލުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި އިމާމާގެ ކަނާތްފަރާތަށް ވާގޮތަށް ހުއްޓި ތިބުމާއި އިމާމާ މެދަށް ވާގޮތަށް ސަފުތައް ހަމަހަމައަށް ބެހެއްޓުމާއި މިދެކަމަކީވެސް ސުއްނަތް ދެކަމެވެ. އެހެންކަމުން އިމާމާ މެދަށް ވާގޮތަށާއި އޭނާގެ ދެފަރާތުން ސަފު ހަދަމުން ދިއުމަކީ ސުއްނަތެކެވެ. އަބޫހުރައިރާގެ ކިބައިން ރިވާވެގެންވާ ފަދައިންނެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘުކުރަށްވާފައި ވެއެވެ. “ތިޔަބައިމީހުން އިމާމާ މެދަށް ވާގޮތަށް ސަފުތައް ހަދާށެވެ. އަދި ގާތްގާތުގައި ތިބެ، ހުސްތަން ފުރާށެވެ.”

އަޅުގަނޑު މިތާގައި ދަންނަވަން އުޅޭ ވާހަކައަކީ މަތީގައި ބަޔާންވެދިޔަ ދެސުއްނަތުން ކުރެ އެއް ސުއްނަތަށް ޢަމަލުކުރަން އުޅޭއިރު އަނެއް ސުއްނަތަށް ޢަމަލުނުވާފަދައިން ސަފުކައިރިކޮށްފައި ބެހެއްޓުމާއި ތަނބާހުރެސަފު މެދުކެނޑިގެންދާ ގޮތްވުމާއި މިދެކަމަށް އެއްފަހަރާ ޢަމަލު ނުކުރެވޭތަން އަތުވެދާނެއެވެ. އެފަދަ ޙާލަތެއްގައި ބޮޑަށް އިސްކަން ދޭންޖެހޭނީ ޢާއްމު މަޞްލަޙަތަށް ބުރުނާރާ ގޮތަށް ޢަމަލު ކުރެވޭ ސުއްނަތަކީ ކޮބައިތޯ ބަލައި އެސުއްނަތަކަށެވެ.

އަޅުގަނޑުގެ މިބަހަށް ތާއީދު ލިބޭ ޢިލްމުވެރިންގެ ބަސްފުޅުތަކެއް ވެސް މިމައިދާނުގައި ފެންނާން ހުރުމުން އެއިން ބައެއް ބަސްފުޅުތައްވެސް  މިތާގައި ހާމަ ކޮށްލާނަމެވެ.

(1) ފަލަސްޠީނުގެ ޢިލްމުވެރިއެއް ކަމުގައިވާ ފަޟީލަތުއްޝައިޚު މަޝްހޫރު އިބްނު ޙަސަން އާލު ސުލައިމާނުގެ ފަތުވާގައި އޭނާ ވިދާޅުވެފައި ވެއެވެ. لَكِنْ إِنْ اِضْطَرَرْنَا إِلَى الصَّلاَةِ بَيْنَ السَّوَارِي فَنُصَلِّي بَيْنَهَا اِضْطِرَارًا وَإِنْ تَلاَشَيْنَا الصَّلاَةَ بَيْنَ السَّوَارِي فَيَنْبَغِي أَلاَّ نَفِرَّ  مِنْ هَذَا الْمَحْذُورِ، فَنَقَعُ فِي مَحْذُورٍ آخَرَ وَهُوَ أَنْ نُبَاعِدَ بَيْنَ الصُّفُوفِ، فَالصُّفُوفُ الأَصْلُ مِنْهَا أَنْ تَكُونَ مُتَقَارِبَةً وَأَنْ يَكُونَ الصَّفُّ خَلْفَ السَّرِيَّةِ مُبَاشَرَةً وَكَذَلِكَ الَّذِي قَبْلَ السَّرِيَّةِ فَقَدْ أَخْرَجَ أَبُو دَاؤُدُ بِإِسْنَادٍ صَحِيحٍ عَنْ أَنَسٍ رَضِيَ اللَّهُ تَعَالَى عَنْهُ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : “رُصُّوا صُفُوفَكُمْ وَقَارِبُوا بَيْنَهَا” (މާނައީ: ނަމަވެސް ކޮންމެހެން ތިމަންމެން ތަނބުތަކުގެ ދެމެދު ނަމާދު ކުރަންޖެހޭއިރު ތިމަންމެން ނަމާދު ކުރަނީ ޢުޛުރުވެރިވާ ޙާލުގައެވެ. ދެން ކޮންމެހެން ތިމަންމެން ތަނބުތަކުގެ ދެމެދު ނަމާދު ކުރަންޖެހޭއިރު، ވިސްނާލަންޖެހޭ ކަމަކީ މިނުރައްކަލުން ސަލާމަތްވާން އުޅެގެންގޮސް އެހެން ނުރައްކަލަކަށް ވެއްޓިގެންދާ ދިއުމަށެވެ. އެނުރައްކަލަކީ ދެސަފު ދެމެދު ދުރުވެގެންދާ ގޮތް ވުމެވެ. ސަފުތަކުގެ އަޞްލަކީ ކައިރިކައިރީގައި އެތުރިފައި އޮތުމެވެ. ތަނބުގެ ފަހަތުގައި އޮންނަ ސަފާއި ތަނބުގެ ކުރީގައި އޮންނަ ސަފު ޖެހިގެން އޮތުމެވެ. އިމާމު އަބޫދާއޫދު ޞައްޙަ ސަނަދުން މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނުގެ ކިބައިން ރިވާކުރަށްވާފައިވާ ޙަދީޘެއްގައި އައިސްފައިވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރެއްވިއެވެ. “ތިޔަބައިމީހުން ސަފުތަކުގައި ގާތްގާތުގައި ތިބޭށެވެ. އަދި ސަފުތައް ކައިރި ކުރާށެވެ.”

(2) ސަޢޫދީ ޢަރަބިޔާގެ ޢިލްމުވެރިއެއް ކަމުގައިވާ ފަޟީލަތުއްޝައިޚު ސަލްމާން ޢައުދާ އޭނާގެ އިސްލާމު ސައިޓުގައި ވިދާޅުވެފައި ވެއެވެ. “މިމައްސަލަ، މަކުރޫހަކަމަކަށް ބެލިކަމުގައި ވިއަސް އެއާމެދު އެދެވިގެންވަނީ މައްސަލައާމެދު އެއްވެސް ފަރާތަކުން ހަރުކަށިގޮތް އިޚްތިޔާރު ނުކުރުމެވެ. އެކަމުގެ ނަތީޖާއަކަށް ވެގެންދާނީ ނަމާދުކުރާ މީހުންގެ ތެރޭގައި ވަޙުދަތުގެ ރޫޙު ގެއްލިގެން ދިއުމާއި މިސްކިތުގެއުޞޫލު ބޮއްސުންލައިގެން ދިއުމެވެ. އަދި ނަމާދު ޞައްޙަވުމާއި ނުވުމުގައި މީހުން ޝައްކުކުރާގޮތް ވުމެވެ. މިއީ ދީނުގައި މިފަދަ އެއްވެސް މައްސަލައެއް އޮންނަ ގޮތެއް ނޫނެވެ.”

(3) ޖޯޑަންގެ ޢިލްމުވެރިއެއް ކަމުގައިވާ ފަޟީލަތުއްޝައިޚު މަޙްމޫދު ޙަސަން ސަލްމާން އޭނާގެ ސައިޓުގައި ލިއުއްވާފައިވަނީ މިފަދައިންނެވެ. “މިގޮތަށް މިއީ މަކުރޫހަ ކަމަކަށް ބެލި ކަމުގައި ވިއަސް، ތިމަންމެނަށް ތަނބުތަކުގެ ދޭތެރޭ ސަފުހަދަން ޖެހިއްޖެހިނދަކު އެގޮތަށް ސަފުހަދާނީއެވެ. އެހެނީ ތިމަންމެން ވިސްނަންޖެހޭ ކަމަކީ ގޯހަކުން ސަލާމަތްވާން އުޅެގެން އަނެއް ގޯހަކާމެދު ފަރުވާ ކުޑަކޮށް އެގޯހަށް އަރައިގަނެވިދާނެތީއެވެ. އާދެ، އެއީ ސަފުތައް އޮންނަންވާ މިންވަރަށް ވުރެން ބޮޑަށް ދުރުވެގެން ދިއުމެވެ. ސަފުތަކުގެ އަޞްލަކީ ގާތްގާތުގައި ސަފު ހެދިފައި އޮތުމެވެ. އެހެންކަމުން ތަނބަކާހުރެ ސަފު ކުރިއަށް ނުވަތަ ފަހަތަށް ޖައްސަންވާނީ ދެސަފު ދޭތެރެ އުޞޫލާ ޚިލާފަށް ދުރުވެގެން ނުދާނަމައެވެ. އެހެނީ މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނުގެ ކިބައިން އިމާމު އަބޫދާއޫދު ނެރުއްވާފައިވާ ޙަދީޘެއްގައި ވަނީ މިފަދައިންނެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރެއްވިއެވެ. “ތިޔަބައިމީހުން ސަފުތަކުގައި ގާތްގާތުގައި ތިބޭށެވެ. އަދި ސަފުތައް ކައިރި ކުރާށެވެ.”

އެންމެ އައުލާކަމަށް އަޅުގަނޑު ދެކޭގޮތް:

(4) އަޅުގަނޑު ދެކޭ ގޮތުގައި ބަޔާންވެދިޔަ ހަތަރު ބަސްފުޅުގެ ތެރެއިން ދަލީލުތަކަށް ބަލާއިރު އެންމެ ޙައްޤު މަޛްހަބަކީ ހަތަރުވަނަ މަޛްހަބެވެ. އެއީ ސަފުގެ މެދަށް ތަނބު އަންނަ ގޮތަށް ސަފު ހަދައިގެން ތިބުމަކީ މަކުރޫހަކަމެއް ނެތް ހުއްދަ ކަމެއް ކަމެވެ.  ނަމަވެސް ސަފުގެ  މެދަށް ތަނބު އަންނަ ގޮތް ދިމާވެއްޖެނަަމަ އައުލާ ގޮތަކީ ދެސަފު ދޭތެރޭ މާބޮޑު ދުރުކަމެއް ނޯންނަނަމަ ތަނބަށްވުރެން ކުރިއަށް ނުވަތަ ފަހަތަށް ޖެހިލައިގެން ސަފު ހަދާލުމެވެ. އެއީ ޢިލްމުވެރިންގެ އިޚްތިލާފުން ބޭރުވުމަށްޓަކައެވެ. އެކަމަކު ދެސަފު ދޭތެރޭ މާބޮޑަށް ދުރުވާނަމަ އެގޮތަށް ހަދައިގެން ނުވާނެއެވެ.

އެންމެ ފަހު ބަސް:

މިބަހުސު ނިންމާލުމުގެ ގޮތުން އަޅުގަނޑު ހުށަހަޅާލާހިތްވަނީ ޖޯޑަންގެ دائرة الإفتتاح العام (ދާއިރަތުލް އިފްތާއިލް ޢާއްމުގެ) ފަތުވާ ކޮމިޓީއިން މިމައްސަލައާމެދު ނެރެފައިވާ ފަތުވާގެ ޚުލާޞާއެކެވެ. އެއީ އެކޮމެޓީގެ ފަތުވާ ނަންބަރު 520 އެވެ.

އޭގައި ޙަމްދު ޞަލަވާތަށް ފަހު އެބޭފުޅުން މިފަދައިން ވިދާޅުވެފައި ވެއެވެ.

ނަމާދަށް ސަފު ހެދުމުގައި، މިސްކިތުގައި ތަން ނެތުމާއި އެނޫންވެސް މިފަދަ ޟަރޫރީ ބޭނުމަކަށްޓަކައި ތަނބުތަކުގެ ދެމެދު ސަފު ހެދުމަކީ ފިޤުހުވެރިންގެ އަރިހު އިޚްތިލާފު ވެފައި އޮތް ކަމެއް ނޫނެވެ. ހަމަ އެހެންމެ އެކަހެރިކޮށް ނަމާދު ކުރާމީހާއާއި އިމާމާއާއި މިފަދަ މީސްމީހުން ދެތަނބު ދޭތެރޭ ނަމާދު ކުރުމީވެސް އެބޭކަލުންގެ މެދުގައި އިޚްތިލާފު އޮތްކަމެއް ނޫނެވެ. ނަމަވެސް އެބޭކަލުންގެ މެދުގައި ރައުޔު ތަފާތުވެފައި އޮތީ މިސްކިތުގައި ޖާގަ އޮވެފައި ސަފު މެދު ކެނޑޭ ގޮތަށް ތަނބުތަކުގެ ދެމެދު ސަފު ހަދާނަމައެވެ. މިކަމުގައި ބައެއް ބޭކަލުން މަކުރޫހަ ކަމެއް ކަމުގައި ވިދާޅުވާއިރު އަނެއް ބައި ބޭކަލުން ވިދާޅުވަނީ މަކުރޫހަ ކަމެއްނެތް ހުއްދަ ކަމެއް ކަމުގައެވެ.

ދެން އެބޭފުޅުންގެ ފަތުވާގައި އައިސްފައިވަނީ މިފަދައިންނެވެ. أَنَّ الَّذِي يَجِبُ أَنْ يَحْرُصَ عَلَيْهِ الْمُسْلِمُ هُوَ تَجَنُّبَ إِثَارَةِ الْفِتَنِ فِي الْمَسَاجِدِ، وَتَرْكَ اْلإِنْكَارِ فِي مَسَائِلَ الْخِلاَفِ، وَقَدْ اِتَّفَقَ أَهْلُ الْعِلْمِ عَلَى حُرْمَةِ إِنْكَارِ الْمُنْكَرِ إِذَا تَرَتَّبَ عَلَيْهِ مُنْكَرٌ أَعْظَمُ، وَكَذَلِكَ مِنْ بَابِ أَوْلَى يُحْرَمُ إِنْكَارُ الْمَكْرُوهَاتِ أَوِ الْمَسَائِلِ الْمُخْتَلِفِ فِيهَا إِذَا تَرَتَّبَ عَلَيْهَا شِقَاقٌ وَنِزَاعٌ فِي بُيُوتِ اللَّهِ عَزَّ وَجَلَّ. “ކޮންމެ މުސްލިމަކުވެސް ރައްކައުތެރިވާން ޖެހޭ ކަމަކީ މިސްކިތުގައި ފިތުނައެއް އުފެދިދާނެ ކަމަކުން ދުރުހެލިވެގަތުމެވެ. އަދި ޚިލާފު އުފެދިފައިވާ މައްސަލަތަކުގައި ތިމާގެ ރައުޔާ ޚިލާފުވާ ގޮތަކާ އިންކާރު ކުރުން ދޫކޮށްލުމެވެ. ދީނުގެ ދަންނަބޭކަލުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި މުންކަރާތަކާ އިދިކޮޅު ހެދުމުން އެއަށްވުރެ ބޮޑު މުންކަރާތެއް އުފެދޭނަމަ އެގޮތަކާ އިންކާރު ކުރުމަކީ ޙަރާމު ކަމެކެވެ. އެހެންކަމަށް ވާނަމަ އެކަންކަމާހުރެ ﷲގެ ގެކޮޅުގައި ޖަދަލުކޮށް އަރައިރުން އުފެދިދާނެ ކަމެއްނަމަ، މަކުރޫހަކަމުގައި ބުނެވޭ ކަންކަމާއި ދަންނަބޭކަލުންގެ މެދުގައި ރައުޔު ތަފާތުވެފައިވާ ކަންކަމުގެ ތެރެއިން ތިމާ ބުރަވާ ގޮތްނޫން އަނެއްގޮތާ އިންކާރު ކުރުމީ ޙަރާމު ކަމަކަށްވުމީ މާއުލާކަން ބޮޑު ގޮތެކެވެ.”

ދެން މިމައްސަލާގައި ދަންނަބޭކަލުންގެއަރިހުން އައިސްފައިހުރި ރައުޔުތަކާއި އެބޭކަލުން ގެންނަވާފައިހުރި ދަލީލުތައް ބަޔާން ކުރެއްވުމަށްފަހު އަނަސްގެފާނުގެ ރިވާޔަތުގެ މައްޗަށް ވާހަކަދައްކަވަމުން ފަތުވާ ކޮމެޓީން ބުނެފައިވަނީ މިފަދައިންނެވެ.

فَهَذَا الْحَدِيثُ يَحْتَمِلُ أَنْ يَكُونَ الْمَقْصُودُ بِمَا يَتَّقِيهِ الصَّحَابَةُ عَلَى عَهْدِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ هُوَ الاِضْطِرَابُ فِي الصَّفِّ وَعَدَمِ تَسْوِيَتِهِ، وَلَيْسَ خُصُوصُ الصَّلاَةِ بَيْنَ السَّوَارِي، لأَنَّ قَطْعَ السَّوَارِي لِلصُّفُوفِ قَطْعٌ مَعْفُوٌّ عَنْهُ، بِدَلِيلِ قَطْعِ مِنْبَرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الصَّفَّ اْلأَوَّلَ فِي مَسْجِدِهِ عَلَيْهِ الصَّلاَةُ وَالسَّلاَمُ، وَبِدَلِيلِ صَلاَةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَيْنَ اْلعَمُودَيْنِ دَاخِلَ الْكَعْبَةِ كَمَا رَوَى ذَلِكَ اْلإِمَامُ الْبُخَارِي رَحِمَهُ اللَّهُ، وَقَدْ كَانَ مُحَمَّدُ بْنُ سِيرِينٍ رَحِمَهُ اللَّهُ – وَهُوَ مِنْ كِبَارِ أَصْحَابِ أَنَسٍ – لاَ يَرَى بَأْسًا فِي الصَّلاَةِ بَيْنَ السَّوَارِي. رَوَى ذَلِكَ اِبْنُ أَبِي شَيْبَةَ فِي “الْمُصَنَّفِ” (1/222)

“މިޙަދީޘާމެދު ނަޒަރު ހިންގާލާއިރު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ދުވަސްވަރު، އަޞްޙާބު ބޭކަލުން އެކަމުން ދުރުހެލިވެ ވަޑައިގެން އުޅުއްވީ ސަފު ހަދަން އުނދަގޫވާތީއާއި ސަފު ސީދާ ނުކުރެވޭތީ ކަމަށްވުމީވެސް އެކަށީގެންވާ ކަމެކެވެ. އަދި މިއީއަކީ ތަނބުތަކުގެ ދޭތެރޭ ނަމާދު ކުރުމާ ގުޅުމެއް ހުރި ކަމެއް ނޫނެވެ. މިހެނީ ތަނބުތަކުގެ ސަބަބުން ސަފު މެދުކެނޑުމަކީ މައްސަލައެއް ނޫންކަން ދީނުގެ ހެކިތަކުން ފެންނާން އެބައޮތެވެ. އެއީ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ މިންބަރުކޮޅުގެ ސަބަބުން އެކަލޭގެފާނުގެ މިސްކިތްކޮޅުގެ ފުރަތަމަ ސަފު މެދުކެނޑިގެންދާ ގޮތް ވެފައި އޮތުމަކީ މައްސަލައެއްގެ ގޮތުގައި އެބޭކަލުން ދެކެވަޑައިގެންފައި ނުވާތީއެވެ. އަދި މާތް ﷲ ރަޙްމަތްލެއްވި އަލްއިމާމުލް ބުޚާރީ ރިވާކުރަށްވާފައިވާ ފަދައިން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ކަޢުބާގައި ދެތަނބު ދޭތެރޭ ނަމާދު ކުރެއްވިކަން ސާބިތުވާން އޮތުމީ މިކަމުގައި ލިބޭންއޮތް ސާފު އިތުރު ހެއްކެކެވެ. އަދި އިމާމު އިބްނު އަބީ ޝައިބާ އެކަލޭގެފާނުގެ ފޮތް “އަލްމުޞައްނަފު” ގައި ރިވާކުރަށްވާފައިވާ ފަދައިން، އިމާމު މުޙައްމަދު އިބްނު ސީރީނަކީ އަނަސްގެފާނުގެ އިސް ދަރިވަރުންގެ ތެރެއިން ބޭކަލަކަށް ވާއިރު، ތަނބުތަކުގެ ދެމެދު ނަމާދު ކުރުމީ މައްސަލައެއް ކަމުގައި އިބްނު ސީރީން ދެކެވަޑައި ނުގަންނަވާކަމީ އަނަސްގެފާނުގެ ބަސްފުޅުގެ މާނަ ބަޔާންކޮށްދޭ ހެއްކެކެވެ.”

މައްސަލައާމެދު ފަތުވާ ނިންމާލަމުން ފަތުވާ ކޮމެޓީން މިފަދައިން ބުނެފައި ވެއެވެ. وَعَلَى كُلِّ حَالٍ: فِي الْمَسْأَلَةِ سِعَةٌ لاَ يَلِيقُ أَنْ نَحُولَهَا إِلَى شِقَاقٍ وَنِزَاعٍ يَفْقُدُنَا حَلاَوَةَ اْلإِيمَانِ، وَيَحْرُمَنَا بِالطُّمَأْنِينَةِ وَالْيَقِينِ. وَاللَّهُ أَعْلَمُ.

” ކޮންމެއަކަސް މިމައްސަލައަކީ ފުޅާ ދާއިރާއެއްގައި ބަހުސު ކުރެވެން އޮތް މައްސަލައަކަށް ވީއިރު އަރައިރުމާއި ދެކޮޅުވެރިކަމަށް މަގު ފަހިވެގެންދާފަދަ ކަމަކަށް މިމައްސަލަ ވެގެން ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އަހަރެމެން ނުދެކެމެވެ. މިއަރައިރުމާހުރެ އަހަރެމެންގެ އަތުން ބީވެގެންދަނީ މުސްލިމުންނަށް ލިބުން ޙައްޤުވެގެންވާ އީމާންކަމުގެ ފޮނިކަމެވެ. ހަމައެހެންމެ މުސްލިމުންގެ މެދުގައި އޮންނަންޖެހޭ ހިތްހަމަޖެހުމާއި އިތުބާރާއި ޔަޤީންކަން ގެއްލިގޮސް، އެއިން އަހަރެމެން މަޙްރޫމުވާ ގޮތް ފަހިވެގެންވެސް ދަނީއެވެ. وَاللَّهُ أَعْلَمُ.”

[1] މިވާހަކަ އެކަލޭގެފާނުންގެ ކިބައިން ނަގުލު ކުރަށްވާފައިވަނީ ބުޚާރީގެ ޝަރަޙަ: 2/134ގައި، އިބްނު ބައްޠާލެވެ.

[2] މިވާހަކަ ނަގުލު ކުރަށްވާފައިވަނީ ފަތުޙުލްބާރީ: 2/247 ގައި، އިބްނު ޙަޖަރެވެ.

[3] މިރިސާލާ އަޅުގަނޑު ރާއްޖޭގައި ބޭއްވުނު ދީނީ ޢިލްމުވެރިންގެ މަހާސިންތާއަށް ހުށަހެޅިއިރު، އޭގައި ބައެއް ޢިލްމުވެރިން އަޅުގަނޑުގެ މިބަހަށް އިޢުތިރާޟު ކުރަށްވާފައި ވެއެވެ. އެބޭފުޅުން ވިދާޅުވަނީ މިރައުޔާ އެއްގޮތަށް އަޞްޙާބު ބޭކަލުންނާނާއި ސަލަފުގެ ދަންނަބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އަޅުގަނޑަށް ދެންނެވޭނީ މިއީ އެއްވެސް ޢިލްމުވެރިއަކު ބަޔާންކުރަށްވާފައިވާ ވާހަކައެއް ނޫނެވެ. އަދި ޙަރާމްކަމަށް ވިދާޅުވާ އަލްބާނީފަދަ ބޭފުޅުން އެއިން ބޭކަލެއްގެ ނަންފުޅު ގެންނަވާފައި ނެތުމަކީ އަޅުގަނޑުގެ މިވާހަކައިގެ ހެއްކެކެވެ. އަދި މިވާހަކައިގެ އިތުރު ހެއްކެއްވެސް މިތާގައި ބަޔާން ކޮށްލާނަމެވެ. ފަޟީލަތުއްޝައިޚު ޢައްމާރު އިބްނު ޢަބްދުލްމަޖީދު އަލްޢަދަނީ އޭނާގެ ބަޙުޘުގައި ވިދާޅުވެފައި ވެއެވެ. لَمْ يَقُلْ أَحَدٌ مِنْ أَهْلِ الْعِلْمِ بِحُرْمَةِ الصَّلاَةِ بَيْنَ السَّوَارِي وَغَايَةُ مَا فِي هَذَا قَوْلُ الشَّوْكَانِي فِي نَيْلِ الأَوْطَارِ (3/234) ( وَحَدِيثُ أَنَسٍ الَّذِي ذَكَرَهُ الْحَاكِمُ أَنَّ ذَلِكَ مُحَرَّمٌ) وَهَذَا لاَ يَدُلُّ عَلَى أَنَّهُ يَرَى هَذَا القَوْلَ وَيَخْتَارُهُ … وَلَمْ يُصَرِّحْ الشَّوْكَانِي بِاخْتِيَارِهِ لِلتَّحْرِيمِ فَعَلَى هَذَا مَا قَالَهُ بَعْضُ الْمُعَاصِرِينَ مِنَ الْقَوْلِ بِتَحْرِيمِ الصَّلاَةِ بَيْنَ السَّوَارِي مُخَالِفٌ لِقَوْلِ الأَئِمَّةِ قَبٍْلَهُمْ وَلَيْسَ لَهُمْ سَلَفٌ وَلَيْسَ فِيهِ دَلِيلٌ لاَ سِيَّمَا وَأَنَّهٌ لَمْ يَصِحَّ حَدِيثٌ فِي النَّهْيِ عَنِ الصَّلاَةِ بَيْنَ السَّوَارِي މާނައީ: ދީނުގެ ބޮޑެތި ޢިލްމުވެރިންގެ ތެރެއިން އެކަކުވެސް ތަނބުތަކުގެ ދެމެދު ނަމާދު ކުރުމަކީ ޙަރާމް ކަމެއްކަމުގައި ވިދާޅުވެފައި ނުވެއެވެ. އެންމެ ގާތްކުރާ ބަހަކަށްވެސް އޮތީ (ފަހު ޢިލްމުވެރިއެއްކަމުގައިވާ) ޢައްލާމާ ޝައުކާނީ ނައިލުލްއައުޠާރުގައި ވިދާޅުވަފައިވާ ބަސްފުޅެވެ. އޭގައި އެކަލޭގެފާނު ވިދާޅުވެފައިވަނީ “ބަޔާންވެދިޔަ އިމާމު ޙާކިމުގެ ރިވާޔަތުން މިކަމަކީ ހަރާމުކަމެއްކަން އެނގެއެވެ.” ޝައުކާނީގެ މިބަސްފުޅަކުން ޝައުކާނީގެ ބަސްފުޅަކީ މިއީކަމާއި އެކަލޭގެފާނު ބުރަވެ ވަޑައިގަންނަވަނީ އެގޮތަށް ކަމަށް ދޭހައެއް ނުވެއެވެ. އަދި ޝައުކާނީ ޞަރީޙަކޮށް އެކަލޭގެފާނު ބުރަވެ ވަޑައިގަންނަވަނީ ޙަރާމުކަމެއްކަމަށް ވިދާޅުވެފައެއްވެސް ނެތެވެ. އެހެންކަމުން މިހާރުގެ ބައެއް ޢިލްމުވެރިން، ތަނބުތަކުގެ ދެމެދުގައި ނަމާދު ކުރުމީ ޙަރާމްކަމެކޭ ވިދާޅުވަމުންދަނީ އެބޭފުޅުންގެ ގާތުގައި ސަލަފުންގެ ބަސްފުޅެއްނެތިއެވެ. އަދި އެކަމުގެ ދަލީލެއްވެސް ނެތްއިރުއެވެ. އެހެނީ ތަނބުތަކުގެ ދެމެދުގައި ނަމާދުކުރުން މަނާވެފައި އޮތް ޙަދީޘަކީ ޞައްޙަ ޙަދީޘެއް ނޫނެވެ.

[4] އިބްނު ޙަޖަރު: ފަތުޙުލްބާރީގައި، ޝައުކާނީ: ނައިލުލްއައުޠާރުގައި.

[5] އިބްނު ޙަޖަރު: ފަތުޙުލްބާރީގައި.

[6] އިބްނު ޙަޖަރު: ފަތުޙުލްބާރީގައި މިބަސްފުޅު ބަޔާން ކުރަށްވާފައި ވެއެވެ.

[7] އެކަމަކު މިއީ ޢުމަރުގެފާނާއި އިބްނު މަސްޢޫދު ފަދަ ބޭކަލުން އެންމެ ރުހިވަޑައި ނުގަންނަވާ ކަމެއް ކަމާއި އެބޭކަލުން ބުރަވެ ވަޑައިގަންނަވަނީ މިޙާލަތުގައިވެސް ތަނބަކާ ދިމާއަށް ނަމާދު ކުރުން ކަން އިމާމު ބުޚާރީ ޢުމަރުގެފާނުގެ އަރިހުން ބަޔާން ކުރެއްވި ބަސްފުޅުން ސާފުކޮށް ދޭހަވެގެން ދެއެވެ.

[8] މިވާހަކަ އިބްނު މުންޛަރު ވިދާޅުވެފައިވަނީ އެކަލޭގެފާނުންގެ ފޮތް الأَوْسَط ގެ (4/182) ގައެވެ.

[9] މިޙަދީޘު ރިވާ ކުރެއްވީ އިމާމު އަޙްމަދާއި އަބޫ ދާއޫދާއި ނަސާއީއެވެ. މިއީ ޞައްޙަ ޙަދީޘެކެވެ.

[10] އެބަހީ ނަމާދަށް އަންނައިރު ސަފަކުން މެދު ކެނޑުމެއް ފެނިއްޖެ ނަމަ އެތަނެއް ގުޅުވައިގެން އެސަފު ފުރިހަމަ ކުރި މީހާއެވެ. (ސިންދީ، ޢައުނުލްމަޢުބޫދު)

[11] ސަފެއް މެދު ކަނޑާ މީހާއަކީ ނަމާދުގައި ބައިވެރިނުވެ ސަފެއްގެ މެދުތެރޭގައި އިށީދެގެން އިންނަ މީހާއެވެ. ނުވަތަ ތިމާގެ ކުރީގެ ސަފުގައި ހުސްތަނެއް އޮވެފައި އެހުސްތަން ނުފުރައި ފަހަތުގައި ކޮށްޅަށް ހުންނަ މީހާއެވެ. ނުވަތަ އެފަދަ ހުސްތަނަށް މީހަކަށް ދެވުނަނުދީ ހުންނަ މީހާއެވެ. ނުވަތަ ތިމާ ކޮށްޅަށް ހުރި ސަފުތެރޭގައި އެއްޗެއް ބާއްވައިގެން ތިމާގެ ސަފު މެދު ކެނޑޭގޮތަށް ހުންނަ މީހާއެވެ. ޢިލްމުވެރިން ވިދާޅުވަނީ މިކަންކަމަކީ މަކްރޫހަ ވެގެންވާ ކަންކަން ކަމަށެވެ. (ސިންދީ، ޢައުނުލްމަޢުބޫދު)

[12] މިވާހަކަ ޑރ. ސަޢުދު ބަޔާން ކުރަށްވާފައި ވަނީ އޭނާގެ ސައިޓު شَبَكَةُ مَجْلِسِ الْعِلْمِي / الأَلُوكَة ގައެވެ.

[13] މިޙަދީޘު ރިވާ ކުރެއްވީ އިމާމު އަބޫ ދާއޫދާއި ނަސާއީއެވެ. އަދި ޢައުނުލް މަޢުބޫދުގެ ޝާރިޙު ވިދާޅުވެފައިވަނީ މިއީ މުސްލިމުގެ ޝަރުޠާ އެއްގޮތް ޞައްޙަ ރިވާޔަތެއް ކަމަށެވެ.

[14] މިޙަދީޘު ރިވާ ކުރެއްވީ އިމާމު އަބޫ ދާއޫދެވެ. އަދި މިއީ ޙަސަން ސަނަދެއްކަމުގައި އިމާމު ނަވަވީ އަލްމަޖްމޫޢުގައި ވިދާޅުވެފައި ވެއެވެ.

[15] މިޙަދީޘު ރިވާ ކުރެއްވީ އިމާމު މުސްލިމެވެ.

[16] އަލްމަޖްމޫޢޫ 4/192

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment