الحمد لله وحده އެއްގަމުގެ، مالے މުޙައްމަދު ޒާހިރު ނަޞީރަށް ގިނައިން ދުޢާ ސަލާމް ބުނުމަށްފަހު ނަންގަންނަމެވެ. ފޮނުއްވި ސިޓި ލިބި އެދިލެއްވި ކަންތައްތައް ރަގަޅަސް ފިލައްޖެއެވެ. އަޅުގަޑަށް އެގިފައިވާގޮތުން މިބަޔާން ކުރަނީއެވެ. ދިވެހި ކްރިކެޓް މާލޭގައި ކުރިކެޓް ކުޅޭން ފެއްޓުނީ ކޮން ދުވަސްވަރެއްގާކަން އަޅުގަޑަށް ޔަޤީނެއްކޮށް ނޭގެއޭ. ބުނާތީ އަހަނީ މީރުބަހުރު އިސްމާޢީލް ދީދީ ގާލީގައި ހުންނަވާފައި މާލެ ވަޑައިގެން އައްސުލްޠާނު އިބްރާހީމް ނޫރައްދީން ރަދުންގެ ފަހުކޮޅު މާލޭގެ ޒުވާން ކުދިބަޔަކު ލައްވާ ކުޅޭންފެއްޓި ކުޅިވަރެއް…

الحمد لله وحده

އެއްގަމުގެ،

مالے

މުޙައްމަދު ޒާހިރު ނަޞީރަށް ގިނައިން ދުޢާ ސަލާމް ބުނުމަށްފަހު ނަންގަންނަމެވެ.

ފޮނުއްވި ސިޓި ލިބި އެދިލެއްވި ކަންތައްތައް ރަގަޅަސް ފިލައްޖެއެވެ. އަޅުގަޑަށް އެގިފައިވާގޮތުން މިބަޔާން ކުރަނީއެވެ.


ދިވެހި ކްރިކެޓް

20170225_103704މާލޭގައި ކުރިކެޓް ކުޅޭން ފެއްޓުނީ ކޮން ދުވަސްވަރެއްގާކަން އަޅުގަޑަށް ޔަޤީނެއްކޮށް ނޭގެއޭ. ބުނާތީ އަހަނީ މީރުބަހުރު އިސްމާޢީލް ދީދީ ގާލީގައި ހުންނަވާފައި މާލެ ވަޑައިގެން އައްސުލްޠާނު އިބްރާހީމް ނޫރައްދީން ރަދުންގެ ފަހުކޮޅު މާލޭގެ ޒުވާން ކުދިބަޔަކު ލައްވާ ކުޅޭންފެއްޓި ކުޅިވަރެއް ކަމަށޭ.

އަޅުގަޑު ކަރާގައި އުޅެފައި މާލެއައި އިރު ސުމުއްވުލްއަމީރު މުޙައްމަދު ފަރީދު ފާށަނާކިލެގެފާނާ ހެންވޭރުގޭ އަލްފާޟިލް އަޙްމަދު ކާމިލް ދިދީއާ މިދެބޭފުޅުން ވެރިވެވަޑައިގެން، މާބަގީޗާގޭގައި ގެންގުޅުއްވާ ކުދީންނާއި އަދި ރަށުތެރޭގެ ބައެއް ކުދީން ބައިވެރިކުރައްވައިގެން ކޮންމެ ދުވަހަކު ހަވީރު ބޯޅަދަޑުގައި ވަރަށް ވަރުގަދައަށް ކުޅުއްވައޭ.

އަޅުގަޑު މާލެއައިމާ އަޅުގަޑުވެސް އެކުޅިވަރުގެތެރެއަށް ބައިވެރި ކުރެއްވީއެވެ. ކުޅޭ ކުދީންގެތެރޭގައި ކުރިއަށްތިބީ ބަންދު މުޙައްމަދު ކަލޭފާނާ، ކުޑަ މުޙައްމަދު ކަލޭފާނާ، ގަސްދޮށުގޭ އަޙްމަދު ދީދީ މިމީސްމީހުންނެވެ. އެއިރު ކުރިކެޓް ކުޅެނީ އެކުޅިވަރުގެ ގަވާއިދަށް ޙުރުމަތެއް ނެތުމާއެކުގައެވެ. ބޯޅައުކަނީ އުކާނެ ގޮތަކަށޭ.

އަޅުގަޑު ކުޅޭން ފެއްޓީމައޭ ކުޅޭ ކުދީންނަށް ބެޓްގައި ހިފައިގެން ވިކެޓްކުރިމަތީގައި އޮންނަންވީ ދުރުމިނާ ގޮތްވެސް ފިލީ. ބޯޅަ އުކާންވީ ވަކިގަވާއިދަކުންކަން އެކުދީނަށް ވިސްނުނީ. ކޮންމެއަކަސް ކުޅޭ ކުދިންނަށް އަޅުގަޑުގެ ގޮތް ރީތިވެގެން އެގޮތަށް ކުޅެވޭތޯ އުޅޭން ފަށައިފިއެވެ. ކުރިކެޓް ކުޅެންވީ ގަވާއިދަށް ކުޅެވޭތޯ ވަރަށް ދަންނަވައިގެން އުޅުނީމޭ އެކަމަކު ފައިދާއެއް ނުވިއޭ.

ނަމަވެސް ސުމުއްވުލްއަމީރު ޙަސަން ފަރީދު ދީދީއާ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނާ މިދެބޭފުޅުން މާލެވަޑައިގެން ކުރިކެޓް ކުޅުމުގައި ބައިވެރިވެވަޑައިގަތީމާ އެދެބޭފުޅުންނާ އެމަގުން ވާހަކަދެއްކީމާ ވަރަށް ތަރުޙީބުދެއްވައި ކުރިކެޓްގެ ގަވާއިދުތައް ލިއުއްވައިގެން ކުދީންނަށް ބައްސަވައިގެން ވަރުގަދައަށް ކުޅެން ފެއްޓިއްޖެއޭ. ދެންދިޔައީ އެއްދުވަހުން އަނެއްދުވަހަށް ކުރިއަރަމުންނޭ. ބަންދު މުޙައްމަދު ކަލޭފާނު އަޅުގަޑުގެ ފުރިހަމަ ދަރިވަރަކަށް ވެއްޖެއެވެ. އަޅުގަޑުގެ ހުރިހާ ސްޓްރޯކްތަކާ އުކުމުގެ ގޮތްތައްވެސް ވަރަށް ރަގަޅަށް ދަސްކޮށްފިއެވެ.

ދެން ކުޅޭ ކުދިން ތިންބަޔަށް ބައްސަވައި ފާށަނާކިލެގެފާނު އެއްބައެއްގެ ކެޕްޓަނަކަށް ޙަސަން ފަރީދު އަނެއްބައިގެ ކެޕްޓަނަކަށް، ދޮށިމޭނާކިލެގެފާނު އަނެއްބައިގެ ކެޕްޓަނަކަށް ތިއްބަވައިގެން ވާދައަށް ކުޅޭން ފެއްޓިއްޖެއެވެ. ސިފައިންގެތެރެއިން ޅަރީތި ދޮންތުއްތު، ކަރޯ، މިފަދަ ކުދީން ވިދާން ފަށައިފިއެވެ. މިހެންކަން ހިގަނިކޮށް އަންނަބީލް ޙަސަން ޢަލި ދީދީއާ، އަންނަބީލް ޙުސައިން ޢަލި ދީދީއާ، އަންނަބީލް އަޙްމަދު ޢަލި ދީދީއާ، އަލްފާޟިލް އަޙްމަދު ޙިލްމީ ދީދީއާ މިބޭބޭފުޅުން ކޮޅުބުން ވަޑައިގެން ކުޅުއްވާން ފެއްޓެވުމުން ކުރިކެޓަށް އިތުރުބާރާއި ފޯރީ ލިބިއްޖެއެވެ.

މިބޭފުޅުންނަކީ އިސްކޯލުން ކުރިކެޓް ރަގަޅަށް ދަސްފުޅުކުރައްވައިގެން ވަޑައިގެން ބޭފުޅުންނޭ. ދެންވަރަށް އަވަހަށް މާލޭގެ އަވަށް އަވަށުގައި ދަސްކޮށްގެން ރަގަޅަށް ކުޅޭ ކުދިން ގިނަވެއްޖެއެވެ. ކުޅޭ ބައިތައް އިތުރުވެ ރަގަޅަށް ކުޅޭ ކުދިން ގިނަވެއްޖެއެވެ. މާލެއަންނަ މަނަވަރުފަހަރުގެ ޓީމާ މާލޭގެ ޓީމާވެސް ކުޅޭތަން އަތުވެއްޖެއެވެ. މިގޮތުން މާލޭގެ ކުދިންނަށް މަޢުލޫމާތު އިތުރުވަމުން ދަސްވަމުން ދިޔައެވެ.

ކްރިކެޓަކީ މީހާގެ އަޚްލާޤު މަތިވެރިކޮށް ގަވާއިދަށް ޙުރުމަތްތެރިވާން ދަސްވެ، އަދި ވަކީން ވެރީންނަށް ކިޔަމަންތެރިވާން ދަސްވެ ހުރިހާ ގޮތަކުން އިންސާނާ މަތިވެރިކުރާ ކުޅިވަރެކެވެ. އެމައްޗަށް ވިސްނި ކޮންމެ މީހަކަށް މިގޮތް ބަޔާންވެގެން ވާނެއެވެ.

އަޅުގަޑު އެދެނީ ކްރިކެޓްވެސް މިރާއްޖޭގެ ޤައުމީ ކުޅިވަރަކަށް ވުމެވެ. އަދި، އުޖާލާ މުސްތަޤްބަލެކެވެ.

1969 އެޕްރީލް 2

                                                                                                                                                                                         އަޅުގަޑީ

ޤައުމަށާ ތިޔަބޭފުޅުންނަށް ހެޔޮއެދޭ.

ސޮއި: އިބްރާހީމް ޢަލި ދީދީ

_______________________________

އިދާރީ ނޯޓެއް:

މިލިޔުުން ނަކަލުކޮށްފައި މިވަނީ ރާއްޖޭގައި ކުރިކެޓު ކުޅޭން ފެށިތާ 25 އަހަރު ފުރުމުގެ މުނާސަބަތުގައި ޝާއިޢުކުރެވިފައިވާ ފޮތަކުންނެވެ.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment