އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ މި ލިޔުއްވުން ނަކަލުކޮށްފައި މި ވަނީ ”ފަތްތޫރަ” މަޖައްލާގެ 125  (އޮގަސްޓް 1989) ވަނަ އަދަދުންނެވެ. ______________________________ ކޮންމެ ވަގުތެއްގައި އަޅުގަނޑުމެން ވާހަކަދައްކަމުއެވެ. އަދި ކޮންމެ ވަގުތެއްގައި އެހެން މީހުން ދައްކާ ވާހަކަ އަޑުއަހަމުއެވެ. އެހެން ބަހަކުން ދަންނަވާނަމަ އަޅުގަނޑުމެންނަކީ މެދުނުކެނޑި ވާހަކަދައްކަމުން ގެންދާ ނުވަތަ އެހެން މީހުން ދައްކާ ވާހަކަތައް އަޑު އަހާ ބަޔަކީމުއެވެ. އަޅުގަނޑުމެންނަކީ ވަރަށް ތުއްތު އިރުއްސުރެ މި އުފެއްދުންތެރި ކަމުގައި އުޅޭ ބަޔަކީމުއެވެ. މިފަދަ އުފެއްދުންތެރި…

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ މި ލިޔުއްވުން ނަކަލުކޮށްފައި މި ވަނީ ”ފަތްތޫރަ” މަޖައްލާގެ 125  (އޮގަސްޓް 1989) ވަނަ އަދަދުންނެވެ.

______________________________

ކޮންމެ ވަގުތެއްގައި އަޅުގަނޑުމެން ވާހަކަދައްކަމުއެވެ. އަދި ކޮންމެ ވަގުތެއްގައި އެހެން މީހުން ދައްކާ ވާހަކަ އަޑުއަހަމުއެވެ. އެހެން ބަހަކުން ދަންނަވާނަމަ އަޅުގަނޑުމެންނަކީ މެދުނުކެނޑި ވާހަކަދައްކަމުން ގެންދާ ނުވަތަ އެހެން މީހުން ދައްކާ ވާހަކަތައް އަޑު އަހާ ބަޔަކީމުއެވެ. އަޅުގަނޑުމެންނަކީ ވަރަށް ތުއްތު އިރުއްސުރެ މި އުފެއްދުންތެރި ކަމުގައި އުޅޭ ބަޔަކީމުއެވެ. މިފަދަ އުފެއްދުންތެރި ބަޔަކަށް އަޅުގަނޑުމެން ވަނީ ކިހިނެއްތޯ ސުވާލުކުރަނީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް މަދު ބަޔެކެވެ. ނުވަތަ އަޅުގަނޑުމެން ދިރިއުޅޭ ވެށީގެ ބަސް ދަސްވަނީ ކިހިނެއްތޯ ސުވާލު ކުރަނީ މަދު ބަޔެކެވެ.

     އެވްރެޖް ގޮތަކަށް ބަލާއިރު މިދުނިޔެއަށް އަންނަ އިންސާނާ އޭނާގެ އުމުރުން އެއްއަހަރު ފުރޭއިރު އޭނާގެ ދުލުން އޭނާގެބަސް ފޮތުގައި ހިމެނޭ ފުރަތަމަބަސް އެހެން މީހުންނަށް އިއްވަންފަށައެވެ. އެއަށްފަހު އޭނާގެ ބަސްފޮތަށް މަޑުމަޑުން ކަލިމަތައް އިތުރުވަމުން އާދެއެވެ. އޭނާގެ އުމުރުގެ ދެވަނަ އަހަރުގެ މެދުތެރެއަށް ދާއިރު އޭނާއަށް ވިއްސަކަށް ބަސް އެނގޭނެ ކަމަށް ބަހުގެ މާހިރުން ވިދާޅުވެއެވެ. ވިހިމަސް ފުރޭއިރު އޭނާގެ ބަސްފޮތުގައި އެއްސަތޭކަ ކަލިމަ އޮންނާނެއެވެ. ދެ އަހަރު ފުރޭ އިރު މިބަސްފޮތުގައި ތިންސަތޭކަ ކަލިމަ އަދި ތިންއަހަރު ފުރޭއިރު އެއްހާސް ކަލިމަ އޭނާއަށް އެނގިފައި އޮންނާނެއެވެ. ބަހުގެ އަސާސީ މައިގަނޑުތައް އޭނާއަށް ދަސްވެ ފަހްމުވުމަށް ފަހު ކޮންމެ ވަގުތެއްގައި އެއްވެސް ދަތި ކަމަކާއި ނުލައި ޢަދަދު ނުކުރެވޭހާ ގިނަ ޖުމްލަތައް އަތުރާލަން އޭނާއަށް އެނގޭނެއެވެ. އަދި އޭނާ ދުވަހަކުވެސް އަޑުއަހާފައި ނުވާފަދަ ޖުމުލަތައް އެކުލަވާލާށާއި ފަހްމުވާން އެނގޭނެއެވެ.


 ބަސްލިބިގަނެވޭގޮތް:  

     މިދުނިޔޭގައި އިންސާނުން އުޅޭތާ އެތައްހާސް އަހަރެއް ވެފައިވާއިރުވެސް އަދި ދުނިޔޭގެ އެތައްއެތައް މިލިޔަން ކުޑަކުދިން ނަކަށް އެކުދިންގެ ބަސް ދަސްވަމުންދާއިރުވެސް، އިންސާނުންނަށް ބަސް ލިބިގަނެވޭ ގޮތާމެދު ޢިލްމުވެރިން އަދިވެސް ތިބީ ބޮޑު ޙައިރާންކަމެއްގައެވެ. މިއީ ބާޙިސުން މަސައްކަތް ކުރަމުންގެންދާ ވަރަށް ފުޅައު ދާއިރާއެކެވެ. ބަހުގެ ޢިލްމުވެރިއެއް ކަމުގައިވާ އެމެރިކާގެ ޗޯމިސްކީ ވިދާޅުވާ ގޮތުގައި ބަހުގެ ޢިލްމު ތަރައްޤީ ކުރުމުގައި ބަހުގެ ޢާލިމުން މރ.ޝޯމިސްކީ އާ އެއްބަސްވެ ވަޑައެއް ނުގަންނަވައެވެ. އެބޭފުޅުން ވިދާޅުވާގޮތުގައި ބަހުގެ ޢާންމު ޢިލްމު ޞިޔާޣާކޮށް ފުރިހަމަ ކުރެވުމުގެ ކުރިންވެސް އިންސާނުންނަށް ބަސް ލިބިގަނެވޭގޮތް ދިރާސާ ކުރެވިދާނެއެވެ. އަދި ކީއްތޯއެވެ؟ ބަހުގެ ޢިލްމު ދިރާސާ ކުރުމުގައި ދިމާވާ ބައެއް މައްސަލަތައް ޙައްލު ކުރުމުގެ ބޭނުމުގައި ބަސްލިބިގަނެވޭގޮތް ދިރާސާ ކުރަން ޖެހިފައިވެއެވެ. މިމައްސަލާގައި ޢިލްމު ވެރިން ދެމަދްރަސާ އަކަށް ބެހިގެން ގޮސްފައި ވެއެވެ. މީގެ ތެރެއިން އެއްމަދްރަސާ އަކީ “ސުލޫކީ މަދަރުސާ” އެވެ. އަނެއް މަދްރަސާ އަކީ ބަހަކީ އުފައްދާ ބަދަލުކުރެވިދާނެ އެއްޗެއް ކަމަށް ބުނާ މަދްރަސާއެވެ.


ސުލޫކީ މަދްރަސާ:

     މި މަދްރަސާ ބުނާގޮތުގައި ބަސް ލިބި ގަނެވޭނީ އިޖާބަދިނުމުގެ ތެރެއިން އުނގެނެވޭ އުނގެނުމަކުންނެވެ. ވީމާ އެއީ އިންސާނުން ލިބިގަންނަ އެހެނިހެން ސުލޫކުތައް ފަދައިން ބަހުގެ ސުލޫކުވެސް ލިބިގަންނަނީ އެވެ. ޢާންމު ގޮތެއްގައި ބަސް ލިބިގަންނަނީ (ނުވަތަ ދަސްވަނީ) ކުޑަކުއްޖާ ގަސްތަކާނުލައި ނެރޭ އަޑުތައް ބަހުގެ އަޑުތަކަކަށް (ނުވަތަ ފޯނިމް ތަކަކަށް) ބަދަލު ކުރުވުމުންނެވެ. ބަހުގެ އަޑެއް (ނުވަތަ މާނައެއްހުރި އަޑެއް) ނެރުމުން ބޮޑެތި މީހުން އެއަޑަށް އިޖާބަދީ އަޅާލުމާއި މާނައެއްނެތް އަޑެއް ނެރުމުން އެއަށް އަޅާ ނުލުމުންނެވެ. މިމަދްރަސާގެ ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ބަސްލިބިގަންނަނީ ދެމަރްޙަލާއެއްގެ ތެރެއިންނެވެ. ފުރަތަމަ ކުޑަކުއްޖާ ކަލިމަތަކެއް (ނުވަތަ ބަސްތަކެއް) އުނގެނެނީއެވެ. ކޮންމެ ކަލިމަކައަކަށް ވަކި އަޑެއް ވަކިމާނައެއް ލިބިގެންވެއެވެ. އެއިން ކޮންމެ ކަލިމައަކީ އޭނާދިރިއުޅޭ އޭނާގެ އަމިއްލަ ވެށީގައި ހިނގަމުންދާ ކަމަކާ ނުވަތަ މައުޟޫޢަކާ ގުޅިފައިވާ އެއްޗެކެވެ. އެއަށްފަހު ބައެއް ބަސްތައް (ނުވަތަ ކަލިމަތައް) ގުޅުވައިގެން ޖުމުލަތައް އެކުލަވާލަން ދަސްކުރަނީއެވެ.

     މިމަދްރަސާ ބުނާގޮތުގައި ބަސް ލިބިގަތުމަށް ޓަކައި (ނުވަތަ ދަސްކުރުމަށް ޓަކައި) މީހުންގެ އިޖާބަ ލިބެން ޖެހޭނެއެވެ. ރަނގަޅު ބަހެއް ނުވަތަ ޖުމްލައެއް ބުނުމުން އެއީ ރަނގަޅު ބަހެއްކަން ނުވަތަ އޭނާއަށް އެއެއްޗެއް އެ ބުނެވުނީ ރަނގަޅަށް ކަން ހާމަ ކުރެވެން ޖެހޭނެއެވެ. އެބަސް އޭނާގެ ބަސްފޮތުގައި ހަރުދަނާ ވާނީ އޭރުންނެވެ. މިމަދްރަސާގެ އެދުރުން ވިދާޅުވާގޮތުގައި ކުޑަކުއްޖާއަށް ބަސް ދަސްވަނީ “އޮނިގަނޑުގެ ގިއުގަނޑު” ދަސް ވުމުންނެވެ. މިގިއުގަނޑުގައި ހިމެނޭ މުހިންމު ބައިތަކަކީ ނަމާއި ކަމާއި ނަންއިތުރާއި ކަންއިތުރުފަދަ ބައިތަކެވެ. މިއޮނިގަނޑުގެ ގިއުގަނޑު ދަސްވުމުން އޭނާއަށް މިބައިތައް އަތުރާ ރާވާލަން އެނގެއެވެ. އެހިނދު ޖުމުލަތައް އެކުލަވާލުމުގެ ކުޅަދާނަކަން އޭނާއަށް ލިބެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ބަސްމޮށުންތެރިކަމުގެ ހުރިހާ  ބައިތަކެއް ކުޑަކުއްޖާ އުނގެނެނީ ޖުމްލައިގެ ގިއުގަނޑުގެ ތެރޭގައެވެ. ހަމައެކަނި ނަމާއިކަން ފަދަ މުހިންމު ބައިތަކުގެ ތެރެއަކުން ނޫނެވެ.

     މިމަދްރަސާގެ އެދުރުން ވިދާޅުވާގޮތުގައި ކުޑަކުއްޖާގެ ސިކުނޑިއަކީ ހުސް ޞަފްޙާއެކެވެ. އެކުއްޖާއަށް ބަސްދަސްވަނީ އޭނާގެ ވެށީގެ ސަބަބުންނެވެ.


އުފައްދާ ބަދަލު ކުރެވިދާނެ ކަމަށް ބުނާ މަދްރަސާ:

     އެކަމަކު ބަހަކީ އުފައްދާ ބަދަލުކުރެވި ދާނެ އެއްޗެއް ކަމަށް ބުނާ މީހުން ބުނާގޮތުގައި ކުޑަކުއްޖާގެ ސިކުނޑިއަކީ ޕްރޮގްރާމް ކުރެވި ފައިވާ ކޮމްޕިއުޓަރެއް ފަދަ މެޝިނެކެވެ. ބަސް ލިބިގަތުމަށާއި ދަސްކުރުމަށް ބޭނުންވާ މަޢްލޫމާތު މިމެޝިނަށް “ކާންދެވިފައި”ވެއެވެ. މިމަދްރަސާ ބުނާގޮތުގައި ބަހުގެ މަޢުލޫމާތު ބަލައިގަތުމަށް އެހީވެދޭ ފިޠުރީ ކުޅަދާނަކަން އިންސާނާ އަށް ލިބިގެންވެއެވެ. މީގެ މާނައަކީ އެއްވެސް ޝުޢޫރަކާ ނުލައި އޭނާގެ މާދަރީބަހުގެ ގަވާއިދު ލިބިގަތުމުގެ ބާރު އިންސާނާއަށް ލިބިގެންވެއެވެ. އެހެން ބަހަކުން ދަންނަވާނަމަ އިންސާނާއަށް ލިބިފައިވާ ފިޠްރީ ބާރެއްގެ ސަބަބުން އޭނާއަށް އޭނާގެ ބަސް ބިނާކޮށް އީޖާދުކުރެވިދާނެއެވެ.

     މިމަދްރަސާ ބުނާގޮތުގައި ކުޑކުދިންގެ ބަހަކީ ބޮޑެތި މީހުންގެ ބަހުގެ ނަކަލެއް ނޫނެވެ. މީގެ މާނައަކީ ކުޑަކުއްޖާއަށް ޚާއްޞަ ބަހެއް ލިބިގެން ވެއެވެ. މިބަސް އޮންނާނީ ފިޠްރީ ގޮތުން އޭނާއަށް ބޭނުންވާ ދާއިރާގެ ތެރޭގައެވެ.


އިބްނު ޚަލްދޫނާއި ބަސް:

     ޢަބްދުއްރަޙްމާން ބުނު ޚަލްދޫނަކީ، 1332މ. ވަނަ އަހަރު ތޫނިސްގައި އުފަންވެ ވަޑައިގެންފައިވާ އިސްލާމީ ބޮޑު ޢާލިމެކެވެ. އޭނާ އަވަހާރަވީ 1406މ. ވަނަ އަހަރު މިޞްރު ގައެވެ. އިޖްތިމާޢީ ޢިލްމުގެ ބައްޕައަކީ ނުވަތަ ބާނީއަކީ އިބްނުޚަލްދޫން ކަމަށް ބުނެވިދާނެއެވެ. މީގެ ހައެއްކަ ސައްތަ އަހަރުކުރިން ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައިވާ ބޭފުޅަކު މިފަދަ ޒަމާނީ މައްސަލައަކާ މެދު، “ރަނގަޅު” އެއްޗެއް ވިދާޅުވެފައި އޮންނާނެ ބާވައޭ ހިތަށް އެރުމަކީ ދުރުކަމެއް ނޫނެވެ. އިބްނުޚަލްދޫނަކީ މިފަދަ ވަރަށް ގިނަ ކަންތައްތަކާ މެދު ވިސްނަވާ ފިކުރު ކުރައްވާފައިވާ މުފައްކިރަކަށް ވާތީ މިމައިދާނުގައިވެސް އޭނާގެ ފުންނާބުފުޅު ވަރަށް އުސް ކަމަށް ދެންނެވިދާނެއެވެ.

     އިބްނު ޚަލްދޫން ވިދާޅުވާ ގޮތުގައި ބަހުގެ ޢިލްމުގައި އެންމެ އިސްކަންދޭންޖެހެނީ ގަވާއިދަށެވެ. އެހެނީ ގަވާއިދު ނޭނގި ޖުމުލައެއްގައި ބުނެވޭ އެއްޗެއް އެނގުން އުނިވާނެއެވެ. ކަމާއި ކަން ކުރާއާއި ނަންއިތުރާއި ކަން ރައްދުވާ ފަރާތް ފަދަ ގަވާއިދުގައި ހިމެނޭ ބައިތައް ނޭނގި ޖުމުލައެއްގައި އެބުނެވޭ އެއްޗެއް އެނގޭނެތޯ އެވެ. އިބްނުޚަލްދޫން ވިދާޅުވާގޮތުގައި “ބަހަކީ މަލަކާ” އެކެވެ. އޭނާގެ އަރިހުގައި މަލަކާ އަކީ ބިންވަޅުނެގި ހަރުލައިފައި ހުންނަ ސިފައެވެ. ޙާލަކީ ބިންވަޅުނުނެގި ހުންނަ ސިފައެވެ. ޠަބީޢަތަކީ އޭނާގެ ގައިގައި ހުންނަ އެހެން ފަރާތަކުން ލިބިނުގަން މަލަކާއެވެ. ބަހަކީ މަސައްކަތް ތެރިކަމާ އެއްފަދަ މަލަކާ އެކެވެ. އިބްނު ޚަލްދޫން ވިދާޅުވާ ގޮތުގައި ބަހުގެ މަލަކާ އަކީ ޖުމުލަ އެކުލަވާލުމުގެ ކުޅަދާނަކަމާ ގުޅިފައިވާ އެއްޗެކެވެ. އިންސާނާއަށް މަލަކާ ލިބިގަނެވެނީ ތަކުރާރުކޮށް ކުރުމުގެ ސަބަބުންނެވެ.

     އިބްނު ޚަލްދޫން ވިދާޅުވާ ގޮތުގައި ބަސް ލިބިގަތުމުގައި ފާހަގަކުރެވޭ ދެ މަރްޙަލާއެއް ވެއެވެ. ފުރަތަމަ މަރްޙަލާއަކީ ވަކިބަސްތައް ބޭނުންކުރުމާއި އޭގެ މާނަ އެނގުމުގެ މަރްޙަލާ އެވެ. ނުވަތަ އެއީ ބަހާ މައުޟޫޢާ ނުވަތަ ބަހާ ހިނގާކަމަކާ ގުޅުވުމެވެ. މިކަން ޙާޞިލް ކުރެވެނީ (ނުވަތަ ލިބިގަނެވެނީ) އަޑުއެހުމުގެ ތެރެއިންނެވެ. ދެން އަންނަ މަރްޙަލާއަކީ ޖުމްލަ ހެދުމުގެ ކުޅަދާނަކަން ލިބިގަނެވޭ މަރްޙަލާއެވެ. މިކަންވެސް ވަނީ އަޑުއެހުމުގެ ޒަރީޢާއިންނެވެ. މަލަކާ އުފެދެނީ ތަކުރާރުކޮށް އަޑުއެހުމާއި ތަކުރާރުކޮށް ބޭނުންކުރުމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން ކުޑަކުދިންނަށް ބޮޑެތި މީހުންގެ ބަސް ރަނގަޅަށް ޙާޞިލް ކުރެވެއެވެ. އެއްޖީލުން އަނެއްޖީލަށް ބަސް ނަޤްލު ވަނީ މި މޭރުމުންނެވެ.

     އިބްނު ޚަލްދޫން ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ޒަމާނުގައި ބޭނުން ކުރެވެމުން ދިޔަ ޢަރަބި ބަހަކީ ޤުރްއާން އެބަހަކުން ބާވައިލެއްވުނު ޢަރަބި ބަހާ ތަފާތު ބަހެކެވެ. މިތަފާތު ކަމަށް “ފަސާދަ” އޭ ކިޔެއެވެ. އެބަސް ފަސާދަވީ އެބަހުން އަޞްލު ވާހަކަ ނުދައްކާ މީހުންނާ އެކުވެ މަސްހުނިވުމުގެ ސަބަބުންނެވެ. އެކަމަކުވެސް އިންސާނަކަށް ފަސާދަނުވެއޮތް އަޞްލު ޢަރަބިބަސް އުނގެނެވިދާނެއެވެ. އެބަސް އުނގެނެން އެދޭ މީހާގެ މައްޗަށް ހުރީ ކީރިތި ޤުރްއާނާއި ރަސޫލާގެ ޙަދީޘް ފުޅުތަކާއި އެޒަމާނުގެ ޢަރަބިންގެ ޅެންތަކާއި ތަޤްރީރުތައް ދަސްކުރުމެވެ. އެމީހުންގެ ބަސް މޮށުން ދަސްކުރުމެވެ. އެމީހުންގެ ބަސް މޮށުން ދަސްކޮށް ކުރުމުގެ ސަބަބުން އެމީހުންގެ މީހަކަށް ވަނީއެވެ. މިހިތުދަސް ކުރުމާއި ބޭނުން ކުރުމުގެ ސަބަބުން އެމީހާއަށް މަލަކާ ލިބެނީއެވެ.

     އިބްނުޚަލްދޫން ވިދާޅުވާގޮތުގައި ބަހުގެ މަލަކާއާއި މިމަލަކާގެ ގަވާއިދު އެނގުމާ ދެމެދު ގައި ތަފާތުކަމެއް ވެއެވެ. އެއިންކަމެއްގެ ސަބަބުން އަނެއްކަން ޙާޞިލެއް ނުވާނެއެވެ. އެއީ ކަމެއް ކުރަން ޢަމަލީ ގޮތުން އެކަމެއް ކުރާނެ ގޮތް ނަޒަރީގޮތުން އެނގުމާ ދެމެދުގައި ތަފާތު ހުންނަ ފަދައިން ކަމެއް ކުރުމުގެ ގަވާއިދު ދަންނަ މީހަކީ އެކަމެއް ކުރަން އަދި އެނގޭ މީހަށްވުން ލާޒިމެއް ނޫނެވެ. އިނގިރޭސި ބަހުގެ ގަވާއިދު ވަރަށް ރަނގަޅަށް ދަންނަމީހަކު ކުށްނުލައި ލިޔަން ނޭނގި ހިނގައި ދާނެއެވެ. ޢަރަބިބަހުގެ ގަވާއިދު ކިޔަވައިދޭ ވަރަށް ގިނަ މުދައްރިސުން ލިޔާއިރު ކުށް ހަދައެވެ. ދިވެހިބަހުން ވަރަށް މޮޅަށް ޅެން ހައްދަވާ ބޭފުޅުންނަށް ބަހުގެ ގަވާއިދުގައި ހުންނަކަންތައްތަކާ މެދު ސުވާލު ދެންނެވިއްޖެނަމަ ޖަވާބުދެއްވަން އެނގި ވަޑައިނުގެން ހިނގައިދާނެއެވެ. ވީމާ ބަހުގެ މަލަކާއަކީ އޭގެ ގަވާއިދާ ގުޅުންހުރި އެއްޗެއްނޫނެވެ. ހުރިހާ ދިވެހިން ވާހަކަ ދައްކަނީ ބަހުގެ ގަވާއިދު އެނގިތިބެގެނެއް ނޫނެވެ.

_______________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment