މަޝްހޫރު ލިޔުންތެރިޔާ އަލްފާޟިލް މަޑުލު މުޙައްމަދު ވަޙީދު މި ލިޔުއްވުން ނަކަލުކޮށްފައި މިވަނީ [ފަތްތޫރަ]އިގެ 123 (ޖޫން 1989) ގެ އަދަދުންނެވެ. —————————————- ބަހުގެ ގަވާއިދުގެ ބޭނުމަކީ ކޮބައިތޯ އެވެ؟ ބަހުގެ ގަވާއިދަކީ ލިޔެކިޔުމުގައި ބަސްތައް ބޭނުންކުރާނެ ތަރުތީބު އަންގައިދޭ އެއްޗެކެވެ. ގަވާއިދު ނޭނގޭނަމަ، ބަސްތައް ބޭނުންކުރަންވާނެ ކަަމަށް ޢާންމުކޮށް ޤަބޫލުކުރާ ގޮތާ ޚިލާފަށް ބަސްބޭނުންކުރި ކަމުގެކުށް އެމީހެއްގެ ބޮލުގައި އެޅޭނެއެވެ. ތެެދެކެވެ. ބަހަކީ ޢަމަލީ އެއްޗެކެވެ. ބަހަކީ ދިރިހުރި އެއްޗެކެވެ. ބަދަލުވަމުން ދިރެމުންދާ އެއްޗެކެވެ. އެއްއިރެއްގައި…

މަޝްހޫރު ލިޔުންތެރިޔާ އަލްފާޟިލް މަޑުލު މުޙައްމަދު ވަޙީދު މި ލިޔުއްވުން ނަކަލުކޮށްފައި މިވަނީ [ފަތްތޫރަ]އިގެ 123 (ޖޫން 1989) ގެ އަދަދުންނެވެ.

—————————————-

ބަހުގެ ގަވާއިދުގެ ބޭނުމަކީ ކޮބައިތޯ އެވެ؟ ބަހުގެ ގަވާއިދަކީ ލިޔެކިޔުމުގައި ބަސްތައް ބޭނުންކުރާނެ ތަރުތީބު އަންގައިދޭ އެއްޗެކެވެ. ގަވާއިދު ނޭނގޭނަމަ، ބަސްތައް ބޭނުންކުރަންވާނެ ކަަމަށް ޢާންމުކޮށް ޤަބޫލުކުރާ ގޮތާ ޚިލާފަށް ބަސްބޭނުންކުރި ކަމުގެކުށް އެމީހެއްގެ ބޮލުގައި އެޅޭނެއެވެ.

ތެެދެކެވެ. ބަހަކީ ޢަމަލީ އެއްޗެކެވެ. ބަހަކީ ދިރިހުރި އެއްޗެކެވެ. ބަދަލުވަމުން ދިރެމުންދާ އެއްޗެކެވެ. އެއްއިރެއްގައި ބޭނުންކުރި ބަސްބަސް ފަހުން ބޭނުން ނުކުރެވި މަޑުމަޑުން ހަނދާންނެތި ދެއެވެ. އެއްއިރެއްގައި ބަހެއް ބޭނުން ކުރި ގޮތާ ތަފާތުގޮތަކަށް ތަފާތު މާނައިގައި ހަމަ އެބަސް ފަހުން ބޭނުންކުރެވެއެވެ. މީއަކީ، އަދި ބަހުގެ ގަވާއިދާ މާބޮޑަށް ގުޅިފައިވާ ކަމަކަށް ނުވެ ހިނގައިދާނެއެވެ.

ތަންދޮރު ދަންނަކަމަށް، ޢާންމުކޮށް ޤަބޫކުރާ މީހުން، ބަހުގެ ގަވާއިދާއި ހަމަތަކަށް ބަލާފައިވާ އުސޫލުތަކަކީ ހިފަހައްޓަން ޖެހޭނެ އުސޫލުތަކެއްކަމަށް އެންމެންހެން އެއްބަސްވެއެވެ. ކުރިން ދެންނެވިހެން، ބަހުގެ ގަވާއިދަކީ، ވާހަކަދައްކައި ލިޔެއުޅޭއިރު ބަހުގައި އެކުލެވޭ ބަސްތައް ބައިތަކަކަށް ބަހާލައި އެބައިތަކުގައި ހިމެނޭ ބަސްތައް ޢިބާރާތެއްގައި ނުވަތަ ޖުމުލައެއްގައި އަންނާނެ ތަންތަން ބުނެދޭ އުޞޫލުތަކަކަށް ކިޔާ ނަމެކެވެ. މިއުޞޫލުތައް އެގޮތަށް ހަމަޖައްސާފައިވަނީ ހަމަ ބުއްދި ޤަބޫލުކުރާ ހަރުދަނާ ސަބަބުތަކަކަށް ޓަކައެވެ. އެއްބަހެވެ. އެއް އިރެއްގައި، ހަރުދަނާކަމަށް ފެނުނު އުޞޫލުތައް ފަހުން ކަމުނުގޮސްގެން ބަދަލުކުރަން ޖެހިފައި އެބަހުއްޓެވެ.

ބަހުގެ ގަވާއިދު ރަނގަޅަށް އެނގުމުގެ ސަބަބުން ވާނެ ކަންތައްތަކެއްވެސް އެބަ ހުއްޓެވެ. އެއީ:


  • ލިޔާ އެއްޗެއްސާއި ދައްކާވާހަކައިގައި ބަހުގެ ގަވާއިދާ ޚިލާފުކުށްތައް ނެތުމުން ތިމާގެ ޤަދަރާއި އަގު އުފުލުމެވެ.
  • ދައްކާ ވާހަކައާއި ލިޔާ އެއްޗެހީގައި ކުށް ނުލިޔެވޭނެކަން، ކުށް ނުހުންނާނެކަމުގެ ޔަޤީކަން އޮތުމުން ތިމާގެ އަމިއްލަނަފްސަށް ކުރެވޭ އިތުބާރު ބޮޑުވުމެވެ. އެހެން މީހުންގެ މިފަދަ ކުށްތައް ރަނގަޅުކޮށް ދިނުމަށް އެހީވެ ދިނުމުން ތިމާއަށް އިޙްތިރާމް ކުރާލެއް ބޮޑުވުމެވެ. (ކުށް ރަނގަޅުކޮށްދޭ މީހާދެކެ ރުޅި އަންނަ ފޫހިވާ މީހުންވެސް އުޅެއެވެ.)

ބަހުގެ ބާރާބެހޭ ގޮތުން ދަންނަވަން ޖެހެނީ، އަދަބީ އަދި އިދާރީ ކަންކަމުގައި، ބަހުގެ ތެރެއަށް ލޯހުޅުވިފައި ވުމަކީ ބާރެއް ކަމަށެވެ. ބަސްބަސް ބޭނުންކުރެވޭ ތަފާތު ގޮތްތައް އެނގުމަކީ މޮޅުކަމެއް ކަމަށެވެ. އެހެނީ، މީހަކަށް ކަމެއް ޔަޤީންކޮށް ދެވޭނީވެސް، ޤަބޫލުކޮށް ދެވޭނީވެސް، ޚިޔާލުގައިވާ އެއްޗެއް ރައްދުކޮށް ދެވޭނީވެސް ބަހުގެ ކުޅަދާނަކަން ލިބިހުރި މިންވަރަކުންނެވެ. ތެދެކެވެ. ގިނަ ލަފުޒުތައް އެނގުމަކީ، ޖެހޭ ކޮންމެ ކަމެއްގައި، އެހުރިހާ ބަސްތައް ބޭނުންކޮށްލަން ލިބިފައިވާ ކުޅަދާނަކަމެއްނޫނެވެ. އެހެންނަމަވެސް، އެކަށީގެންވާ ދަނޑިވަޅުގައި އެކަށީގެންވާ ބަހުރުވަ ބޭނުންކުރުމަށް ލިބިފައިވާ މުއްސަނދިކަމެކެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، ތަޢުލީމު ލިބިފައިވާ މީހުން ވާހަކަ ދައްކާއިރު ނުބައިކޮށް  ބަސްބަސް ބޭނުން ކުރުމުން އަޑުއަހަން ފޫހިވާގޮތް ވެއެވެ.

 ވާހަކަދެއްކި ނަމަވެސް އެއްޗެއް ލިޔުނު ނަމަވެސް ބޭނުންކުރާ ބަސްތަކަކީ ވަރަށް މުހިންމު އެއްޗެކެވެ. އެއީ ބުނާ އެއްޗެއްގެ ދޭހަކޮށްދޭން ބޭނުންވާ މާނާގައި، ދޭހަކޮށް ދިނުމަށް ޓަކައެވެ. ބަހަކީ، އަނެކާގެ ސިކުނޑީގެ މައްޗަށް ނުފޫޒު ހިންގުމުގައި އެންމެމުހިންމު ބައި އަދާކުރާ އެއްޗެވެ. ބަސް ބޭނުން ކުރަނީ އެއްބަސް ކުރުވުމަށެވެ. ރުއްސާލުމަށެވެ. ހައްލާލުމަށެވެ. ޤަބޫލުކުރުވުމަށެވެ. ހިތްހަމަޖައްސާލައިދިނުމަށެވެ. ޝައުޤުވެރި ކުރުވުމަށެވެ. ރުހޭނެ ގޮތް ހެދުމަށެވެ. މަގު ދައްކައި ދިނުމަށެވެ. ނަސޭހަތްދިނުމަށެވެ. ހަމަ އެހެންމެ، ބިރުގެންނެވުމަށެވެ. ރުޅި އެރުވުމަށެވެ. ނަފްރަތު ކުރުވުމަށެވެ. ޝައްކު އުފެއްދުމަށެވެ. މިސަބަބަށް ޓަކައި، “ގަލަމަކީ ނުވަތަ ދުލަކީ ކަނޑިއަށްވުރެ ތޫނު އެއްޗެކޭ” ބުނެއެވެ.

ބަހެއްގައި އެކުލެވޭ ހުރިހާބަސްތަކަކީ މިދެންނެވި ވާޖިބު  އަދާކުރާ ބަސްތަކެއްނޫނެވެ. ބައެއް ބަސްބަސް އަނެއްބައި ބަސްބަހަށް ވުރެ ބާރުގަދައެވެ. ބައެއް ބަސްބަސް އަނެއްބައި ބަސްބަހަށްވުރެ ޞަރީޙެވެ. އެއްބައި ބަަސްބަސް އަނެއްބައި ބަސްބަހަށްވުރެ އިޙްސާސްކޮށް ދިނުމުގައި، ވާޖިބު އަދާކޮށްދޭލެއް މާ ފުރިހަމައެވެ. ހަމަ އެހެންމެ، ބަހެއް އެހެން ބަސްތަކާއެކު ބޭނުން ކުރެވޭ ގޮތަކުން އެބަހެއްގެ އަސަރު ގަދަވެއެވެ. މާފުރިހަމަ ކަމަށް އަންގައިދެއެވެ. އެބަސް ބޭނުން ކުރެވޭ ވަގުތާއި އެބަހަކާއި ހުރި ގުޅުމެއްގެ ސަބަބުންވެސް އެބަހެއްގެ ފުރިހަމަ އަސަރު ގެނެސްދެއެވެ.

އެހެންކަމުން،ބަސް ބޭނުންކުރާ ތަނާއި، ވަގުތާއި، ބަސްބޭނުން ކުރާގޮތާއި ރާގަކީ، ޚިޔާލުކުރަން ނުޖެހޭނެ ކަމެކޭ އަޅުގަނޑުމެންނަށް ބުނެވާކަށް ނެތެވެ. ބަހުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމުން ބަހުންކުރާ އަސަރު ބޮޑުވާނެކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ. އެކަމަކު، ބަހުގެ ބޭނުން ރަނގަޅު ގޮތުގައި ހިފޭނީ، ގިނަ ބަސްތައް އެނގޭނަމައެވެ. އެހެންނޫނީ، ޖެހޭނީ އެހެން ގޮތެއްނެތިގެން އެކަށީގެންނުވާބަސް ބޭނުންކޮށްލައި ފަރުޖައްސާށެވެ. މިގޮތަށް ފަރުޖައްސާލަން ޖެހުމުން އެ ބުނެވެނީ ބުނަންވާ އެއްޗެއް ބުނަންހިތުގައި އޮތް ގޮތަކަށް ނޫނެވެ. އެގޮތާ ގާތްކުރާ ގޮތަކަށެވެ.

ބަހުގައި އެކުލެވޭ ގިނަ ބަސްތައް އެނގުމަކީ ލިޔުންތެރީންނާއި އަދީބުންނާއި، ޝާޢިރުންނާއި ނޫސްވެރިންނާއި، ވާހަކަދެއްކުންތެރީންނަށް އެކަނި ބޭނުންވާ ކަމެއް ނޫނެވެ. ވިޔަފާރީގައިވެސް އޮފީސް ހިންގުމުގައިވެސް މިއީ ކޮންމެހެން ބޭނުން ކަމެކެވެ. މިކަން ލިބިގަތުމަށް ޓަކައި ކުރަން އެންމެ ރަނގަޅު ކަަމަކީ، ފޮތްކިޔުމެވެ. ތަފާތު މީހުން ލިޔެފައިވާ ތަފާތު އެއްޗެހި ކިޔުމެވެ. (ބަހުގެ ހަމަތަކާ އެއް ގޮތަށް ބަސް ރަނގަޅަށް ބޭނުންކޮށްގެން ލިޔެފައިވާ ފޮތްތައް ލިބެންހުރީ ކިހާވަރަކަށް ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. މިކަމަށް އެއްބަސްވަމެވެ.)

ވާހަަކަދެއްކުންތެރިކަމާއި ލިޔުންތެރިކަމުގައި ބަސްބޭނުންކުރާ ރަނގަޅު ނުވަތަ އެންމެ ރަނގަޅުގޮތް އެއީ އެ މީހެއްގެ ކުޅަދާނަކަމާއި، އިސްޓައިލުކަމަށް އެހެން މީހުން ދެނެގަނެއެވެ. ރަސްމީ ކަންކަމުގައި ބޭނުންކުރާ ބަސްތަކާއި ނުރަސްމީ ކަންކަމުގައި ބޭނުންކުރާ ބަސްތައް ތަފާތުކުރަން ޖެހެއެވެ. ރަޙުމަތްތެރީންނަށް ލިޔާ ސިޓީއާއި އޮފީހެއްގެ ވެރިޔަކަށް ލިޔާ ސިޓީއެއްގެ ބަހުރުވަ ތަފާތު ކުރަންޖެހެއެވެ. މި ބޭނުންތަކަށް ޓަކައި ގިނަބަސްތައް އެނގުމާއެކު، އެއްބަސްތައް ބޭނުން ކުރަންޖެހޭ ރަނގަޅުގޮތް ދެނެ ގަތުމުގެ މުހިއްމުކަން ވަރަށްވެސް ބޮޑެވެ. ކުރިން ދެންނެވިހެން ބަސްތައް ބޭނުންކުރާގޮތް އެއީ އެމީހެއްގެ އިސްޓައިލެވެ. އެހެންނަމަވެސް ގެންގުޅޭ އިސްޓައިލުވެސް އެހެން މީހުންނަށް ފަސޭހަވާނެ ގޮތަކަށް ގެންގުޅެން ޖެހެއެވެ. އެހެންކަމުން:


  • އަޑުނާހާ ދުރުބަހަކަށް ވުރެ ޢާންމު ބަހެއް ބޭނުން ކުރުން ރަނގަޅެވެ.
  • ހަރުދަނާކަން ކުޑަބަހަކަށްވުރެ ހަރުދަނާބަސް ބޭނުންކުރުން ރަނގަޅެވެ.
  • ދިގު ބަސްބަސް ބޭނުން ކުރުމަށްވުރެ ކުރުބަސްބަސް ބޭނުންކުރުން ރަނގަޅެވެ.
  • މަދުބަސްތައް ބޭނުން ކުރެވެން އޮތް ތަނެއްގައި، ގިނަބަސްތައް ބޭނުންނުކުރުން ރަނގަޅެވެ.

ޢިލްމުގެ ތަފާތު ރޮނގުތަކަކީ ވަރަށް ޚާއްޞަ ބައިތަކެކެވެ. ކޮންމެ ބަޔަކަށް ވެސް ޚާއްޞަވެފައިވާ ފަންނީ ލަފުޒުތަކެއް ނުވަތަ ބަސްތަކެއް ހުރުއެވެ. ގިނަފަހަރަށް ވާގޮތަކީ، އެ ޢިލްމެއްގައި އުޅޭ މީހަކު އެ ޢިލްމު ނޭނގޭ މީހާއާ މުޚާޠަބު ކުރާއިރުވެސް، ފަންނީ ބަސްތައް ބޭނުން ކުރެވޭގޮތް ވުމެވެ. މިއީ ބަހުގެ ހަމަތަކުން އެންމެ ރަނގަޅު ކަމެކެވެ. އެހެންނަމަވެސް “ބަހުގެ ބާރު” އެދެވޭ ގޮތުގައި ބޭނުން ކުރުމުގެ މައްޗަށް ބަލައިރު ރަނގަޅު ކަމެއްނޫނެވެ. ސަބަބަކީ، އެފަަދަ ބަސް ބަހުން އެފަންނެއްގެ މީހަކަށް މާނައެއް ދޭހަވިޔަސް އެފަންނުން ބޭރު މީހަކަށް އެއްވެސް އެއްޗެއް ދޭހަނުވާނެތީއެވެ. ނޫނީ ފުރިހަމަ މާނަ ދޭހަނުވާނެތީއެވެ. ގިނަ ބަޔަކަށް ރައްދުވާގޮތަށް މިފަދަ ބަހެއް ބޭނުންކުރަން ޖެހިއްޖެނަމަ އެބަސް ތަފްޞީލު ކޮށްދޭން ޖެހެއެވެ. މިމައްސަލަ ވަކީން ބޮޑުވާ އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ، ޢާންމު ބަހުރުވައިގައި ގެންގުޅޭ ބަސްބަސް ފަންނީ ބަސްބަސް ކަމުގައި ހަަމަޖެއްސުމެވެ.

ބަހަކީ، މުވާޞަލާތެވެ. ބަހަކީ އަސަރެކެވެ. އިޙުސާސެކެވެ. އޭގެ ބާރު ފޯރައިފިނަމަ، އެތައް ކަމެއް ހިނގައެވެ. ހެވެއެވެ. ރޮވެއެވެ. އުންމީދުކުރެވެއެވެ. ހިންމަތްކުރެވެއެވެ. ޖިހާދުކުރެވެއެވެ. ޤުރްބާންވެވެއެވެ. އެހެން ވީމާ، ބަސް އޭގެ ފުރިހަމަަބާރު ދެނެ ގަތުމަކީ، ހީކުރާ ވަރަށްވުރެ މާމުހިންމުކަމެކެވެ.

__________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment