ފެރީން ފައިބައިގެން ގިމަތައިގެ ދޮރާއްޓާ ދިމާއަށް ދެމެމުންދާ އިންސާނުންގެ ސައިލުގެ ތެރޭ ވެފައި ރިފާ ހުއްޓެވެ. އަތުކުރީ ގަޑިއަށް ކަޅިއެއްލަމުން އޭނާ ހިތާހިތާ ކިޔާލިއެވެ. “ކިހައި ދެރަ ހެއްޔެވެ؟ ކިޔާފައި އޮތް ގަޑިއަށް ވުރެ ދިހަ މިނެޓު ލަސްވީއެވެ. ގަޑިން އިރުއޮއްސި އަށެއް ޖަހައި ދިޔައީއެވެ.” ދުވަހަކީ ހަފުތާ ބަންދުގެ ތެރެއަށް ވަން ބުރާސްފަތި ދުވަހެކެވެ. މާލެއިން ހުޅުމާލެއަށް، ހުޅުމާލެއިން މާލެއަށް ދެކޮޅަށް ވަރަށް ގިނަ މީހުން ދަތުރުކުރާ ދުވަހެކެވެ. އެފަދަ ދުވަހެއްގެ ވެސް ފެރީތަކަށް އެންމެ…

ފެރީން ފައިބައިގެން ގިމަތައިގެ ދޮރާއްޓާ ދިމާއަށް ދެމެމުންދާ އިންސާނުންގެ ސައިލުގެ ތެރޭ ވެފައި ރިފާ ހުއްޓެވެ. އަތުކުރީ ގަޑިއަށް ކަޅިއެއްލަމުން އޭނާ ހިތާހިތާ ކިޔާލިއެވެ. “ކިހައި ދެރަ ހެއްޔެވެ؟ ކިޔާފައި އޮތް ގަޑިއަށް ވުރެ ދިހަ މިނެޓު ލަސްވީއެވެ. ގަޑިން އިރުއޮއްސި އަށެއް ޖަހައި ދިޔައީއެވެ.”

ދުވަހަކީ ހަފުތާ ބަންދުގެ ތެރެއަށް ވަން ބުރާސްފަތި ދުވަހެކެވެ. މާލެއިން ހުޅުމާލެއަށް، ހުޅުމާލެއިން މާލެއަށް ދެކޮޅަށް ވަރަށް ގިނަ މީހުން ދަތުރުކުރާ ދުވަހެކެވެ. އެފަދަ ދުވަހެއްގެ ވެސް ފެރީތަކަށް އެންމެ ބާރު ބޮޑު ގަޑިތަކުން ގަޑިއެކެވެ. ހީކޮށްގެން ހުރި ގޮތަށް ހަތްގަޑިބައިގެ ފެރީން ޖާގަ ނުލިބުމުން އޭގެ ފަހު ފެރީއަށް އިންތިޒާރުކުރަން ޖެހުނީއެވެ. ޅަދަރިބަފަޔަކު ނިތްކުރިމައްޗަށް ބޮޑު ސިންގާ ރަތް ފިނިފެންމަލެއް ފޮޅިފައި އިން އަންހެން ދަރިޔަކު ނަގައި ކޮނޑަށް ލައިގެން ދިޔައެވެ. ޅަދަރިމައިންތަކެއް ޅަދަރީންނެކޭ އެއްފަދައިން އެކި ދިމާމިދިމާއަށް ކަޅި އުކަމުން ދިޔައެވެ. އިސްކޮޅަށް ވުރެ ދިގު، ސާފު ބޯޑެއް ކިހިލިޖަހައިލައިގެން ޒުވާންފުރައިގެ ދޮންމީހަކު ދިޔައެވެ. އިޓަލީގެ ދެކުނު ބިތުގެ މީހެއް ކަންނޭނގެއެވެ. ކަޅު ކިފުޅި ބޯ ލޮނަށް ހިކިފައި ހުރީތީ އާއި ސޯޓެއްގައި ހުސްގަޔާ ހުރީތީ އޭނާ އެ އަންނަނީ ކޮންމެވެސް ފުއްޓަރެއްގައި އިރުއޮއްސެންދެން ރާޅާއަޅަން އުޅެފައިކަން އެނގެއެވެ.

ރިފާ ހަތަރު ފަރާތައް ބަލައިލިއިރު ވެސް ކޮއްޕައި ގެޅުވުމެއް ނެތި ބައިގަނޑު ތެރޭން ނިކުމެވޭނެ ‘މަގެއް’ ނުފެނުނެވެ. ޒަހީނު ހުންނާނީ އޭނާގެ އިންތިޒާރުގައި ކަން އެނގޭތީ ހާސްކަމެއް ނެތި ހަމަޖެހިލައިގެން ހުރެވުނެވެ. ‘މިހިތްގައިމު’ ރޭ، ހިތުގައިވާ ލޭފަވެތިކަން ނުދަންނަ އަންހެނުންނަށް ވެސް ހަދިޔާކުރެވޭ ކަހަލައެވެ. އެމީސްމީހުންނާ ދިމާއަށް ބަލައިލައިފައި ހިނިތުންވެލެވެއެވެ. މަންޒިލަށް ފޯރުމުގެ ކުރިން ހިނގަން އޮތް ރާސްތާ ދިގުވެގެން ރާޅާއަޅާ މީހާ ޝަކުވާ ކުރި ނަމަވެސް ރިފާގެ އެފަދަ ޝަކުވާއެއް ނެތެވެ. ހަތަރު ސަތޭކަ އެތައް މޭލެއްގެ ދުރުގައި، ދެމީހުން ދެރާއްޖޭގައި ތިއްބަސް، އެންމެ ދެތިން ދުވަހެއްގެތެރޭގައި ދުރުމިނެއް ނެތޭ ބުނެވޭހައި ވަރަށް ވެސް ދެމީހަކަށް ގާތްވެވިއްޖެ ނަމަ ދެން ކަޑައްތުނުކުރެވިގެން އުޅެން ވީ ކޮން “ރާސްތާ” އެއް ހެއްޔެވެ؟

މި ޚިޔާލު އައުމުން އޭނާގެ މިޔަކަނުގައި ހުރި ހިނިތުންވުން މޫނު މައްޗަށް ފުޅާވެގެން ދިޔައެވެ. އެންމެ ކޯލަކުން ފެށުނު ގުޅުމެއް ވިދިގެން އައި ދުވަސްތަކުގައި ގަޑި ދެގަޑިއިރަށް ދެމިގެންދާ ކޯލުތަކުގެ ވިއްސާރައަކަށް ވެދާނެކަމީ އޭނާ ހުވަފެނުން ވެސް ދެކެފައިވާ ކަމެއް ނޫނެވެ. އަމުދުން މިފުރައިގައެވެ. ސާއްބަކަމުގެ ފަހު ކޮޅުގައެވެ. ހިތުގެ މައްޗަށް ބުއްދީގެ ބާރުފޯރުވޭ ހަރު އުމުރުގައެވެ. ފަހަތަށް އޮޅިގަތް ފިލްމެއްހެން ހަނދާންތައް އޮޅިގަތީ ވޭތުވެދިޔަ މިދިޔަ އަންގާރަދުވަހަށެވެ. އެދުވަހުގެ ވެސް ކުޑަމެންދުރެއްހައި އިރަށެވެ. އޭނާ އުޅުނީ މަންމަގެ ކުއްލި މަރާ ވިދިގެން ހަމަޖައްސާލަން ޖެހޭ ބައެއް އާއިލީ ކަންތައްތައް ހުރީތީ މާލެ އަންނާށެވެ. ދުރާލައި ދަތުރަށް ތައްޔާޜުވުމުގެ ގޮތުން އޭނާ ބާޒާރަށް ނިކުތީ އެއްބަނޑު ތިމާގެ ކުދީންނާއި ބައެއް ވަރަށް ޚާއްސަ ރައްޓެހީންނަށް ހަދިޔާބަދިޔާ ގަނެދީ ހެދުމަށެވެ. މާލެއިން ނުދަންނަ ނަންބަރަކުން ފޯނުވާން ފެށުމުން ކޯލުނެގީ ކާކު ބާވައޭ ހިތަށް އަރާ ހާލުގައި ދެބުމަ ދޭތެރެއަށް ރުލެއް އަރުވައިގެން ހުރެއެވެ. އެކޮޅުން ވާހަކަދެއްކީ ހިތްއަވަސްވެފައި ހުރި ފިރިހެނެކެވެ. ލަދުވެތި ފިރިހެނަކު “ވާހަކައެއް” ބުނަން ނުކެރި ދޫގޮށްޖެހިފައި ހުއްޓާ ކުއްލިއަކަށް ދޫ ވީއްލިގެން އުޅޭ ކަހަލައެވެ.

“އޭ ރިފާދައްތާ ވަރަށް ބޮޑު ކަމަކު ކިޔަން މިގުޅާލީ. ތިޔަ ހުރީ ކޮޅުނބުގައި ނު. މާދަމާ ނޫން އަނެއް ދުވަހުގެ ހެނދުނު ފުލައިޓުން މާލެ އަންނާކަށް ނު ތިޔަ އުޅެނީ؟ އަހަރެމެން ހިންގާ ސެމިނާއަކަށް ބޭނުންވާ ބައެއް ފާރުކަރުދާހާއި އެނޫންވެސް ބައެއް ޗާޕުކުރި ތަކެތި ހުރީ ކޮޅުނބުގައި. ސެމިނާ ފެށެން އެންމެ ހަތަރު ދުވަހަށް ވީ. އަދި މި އުޅެނީ އެތިކޮޅު އަތުނުޖެހިގެން! ހެޔޮ ނުވާނެ މާލެ އަންނަމުން މަށަށް އެ އެތިކޮޅު ގެނެސްދީ!”

އެ ފިރިހެނާގެ އަޑުގައި ވަނީ އާހެވެ. އާދޭހެވެ. ‘ރިފާދައްތައޭ’ ކިޔައިގެން ވާހަކަދެއްކީމާ އެއީ ރިފާ އަށް ވުރެ ހަގު ފިރިހެނެއް ކަން އެނގިއްޖެއެވެ. އަދި އޭނަޔާ ގާތްކަމެއް އޮތް ފިރިހެނެއްކަން ވެސް އެނގިއްޖެއެވެ. އެކަމަކު އެއީ ކާކު ބާވައެވެ؟ މާ ފަރިތަ އަޑެއް ނޫނެވެ. މާލޭ ބަހުރުވަ ނަމަވެސް މުޅިން މާލޭ ރާގެއް ނޫނެވެ. ރިފާޔަކީ ހަތަރުމަތިފުށް މާލޭ މީހަކަށް ވާތީއެއް ނޫނެވެ. ނަމަވެސް ބައެއް ދިވެހީންނަކީ މާލޭގައި އުޅެ މުސްކުޅިވާއިރު ވެސް އެމީހުންގެ ރަށު ރާގަށްޓަކައި ފަޚުރުވެރިވާ ބައެކެވެ. އެރާގު ދޫނުކޮށް ހިފަހައްޓާ ބައެކެވެ. މި ފިރިހެނާ ނުވަތަ ފިރިހެންކުއްޖާގައި އެކަހަލަ ގޮތެއް ހުރި ކަމަށް ފެނުނެވެ. ނޫން ނަމަ މިއީ ރިފާގެ ހިންދީ، ސިންގަޅަ ތަމަޅަ އަޑުތަކަށް ހޭނިފައިވާ ކަންފަތަށް ހަމަ އެކަނި ހީވި ހީވުމެއް ނޫން ބާވައެވެ؟

“ތިޔައީ އަދި ކާކު ކަމެއް ނޭނގުނު!”

ޖަވާބުގައި އެކޮޅުން ބުންޏެވެ. “މީ ޒަހީން. ޔުނިވަރސިޓީގެ ފަހު އަހަރު ރިފާ ބޮޑުދައިތަމެން ގޭގައި ހުރެގެން ކިޔެވި ޒަހީން!”

މިހާރު ރިފާ ހަނދާންވެއްޖެއެވެ. އެއީ މީގެ އަށް އަހަރު ކުރިއެވެ. ފުރާވަރު ފަހަނަޅައި އެންމެ ފޮނި ޒުވާން ފުރަޔަށް އޭނާ އަރަމުންދިޔަ ދުވަސްވަރެވެ. އޭރު އޭނާޔަކީ ކުޅިވަރު ބޮޑު ކުއްޖެކެވެ. ނަމަވެސް ބުޅިއެއްގައި ނުޖެހި މިނިވަންކަން މަތީ ހުރުމަށް ލޯބިކުރި ކުއްޖެކެވެ. އަންހެނަކަށް ވިޔަސް އޭނާގެ ދުނިޔެ އޭނާ އަމިއްލަޔަށް ބިނާ ކުރުމުގެ އަޒުމާއި އުއްމީދު އޮތް ކުއްޖެކެވެ. ދިއްލީގައި ހޭދަކުރި ތަމްރީނުގެ ދުވަސްތަކަށް ފަހު ދިރިއުޅުމުގެ މަސައްކަތެއް ގޮތުގައި ބޭރުގެ މަޝްހޫރު މަޖައްލާއެއްގެ ވަޒީފާގައި ހިފީ އެއީ ޑިޕްލޮމާ ފާސް އޮތް ރޮނގާއި އިނގިރޭސި ބަހުން ލިޔެކިއުމަށް ހުރި ކުޅަދާނަކަމާ ކިތަންމެހައި ވެސް ގުޅޭ ކަމަކަށް ވާތީއެވެ. ހިތްއެދޭހެން، އާއިލީ “ލަގޭޖެއް ނެތި” ޖީބުން ހޭދަ ނުމެކޮށް، ކުންފުނީގެ ޚަރަދުގައި ދުނިޔެ ބަލައިލާން އެއް ރަށުން އަނެއް ރަށަށް އުދުހެވޭނެ މަސައްކަތަކަށް ވާތީއެވެ.

ވަރަށް ޤާބިލް، ކަމަށް ކަމޭ ހީކުރާ އަންހެންވެރިއެއްގެ ދަށުގައި އަހަރުތަކެއްވަންދެން މަސައްކަތްކުރުން އޭނާގެ ލޯހުޅުވާލަދީފިއެވެ. އަންބަކަށް މަންމަޔަކަށް، ގެއެއްގެ އޮޅިއަކަށް ވުމީ، ދިރިއުޅުމުގައި ތިމާ އެދޭ ރޮނގަކުން ކުރިޔަށް ދިއުމަށް އަދި ހަމަ އެއާއެކު ތިމާގެ ފިރިމީހާގެ ކުރިއެރުމަށް އެހީތެރިވެދިނުމަށް އޮތް ހުރަހެއް ނޫންކަން ވެރިޔާ ވަނީ ކިތަންމެހައި ވެސް ރަނގަޅަކަށް ދުނިޔެއަށް ސާބިތުކޮށް ދީފައެވެ. ފިރިމީހާއާ ދެދަރީންނާއެކު ވެރިޔާ އެ ވޭތުކުރަނީ ކޮން ފަދަ ހިއްސާވުން ބޮޑު، އުފާވެރި އާއިލީ ހަޔާތެއް ހެއްޔެވެ؟ ދިރިއުޅުމަކީ ފަހެ އެއީ ނޫން ހެއްޔެވެ؟

‘ރިފާ ދައްތައޭ’ ޒަހީނު އެކީ އާއިލާތެރޭގައި ބޮޑުދައިތަމެންގޭ ކުދިންވެސް އޭނާއަށް އެނަމުން ކިޔާތީއެވެ. ކޮއްކޮ ކިޔުމަކީ ކުޑައިރު އޭނާ މާ ރުޅިއަރާ ކަމަކަށް ވާތީ ދޮއްޓަސް ހަގަސް ގާތްތިމާގެ ހުރިހައި ކުދީން، އޭނާ އަށް ކިޔާނީ ‘ރިފާދައްތައެވެ.’ ހަޖުލަކަށް ވުރެ ބޮޑަށް މަޖަލަކަށެވެ. ލޯބިންނެވެ. އޭރު އޭނާ ދައްތަ ހެދިގެން އުޅުނުވަރު ހަނދާންވުމުން މިހާރު ހިނި އާދެއެވެ. ހަގީގަތުގައި ޒަހީން އޭނާ އަށް ވުރެ ދެތިން އަހަރެއް ދޮށީ ވާނެއެވެ. އަންހެންކުދިންނަށް ކަތިލޮލުން ބަލައި އުޅޭ ލޯ ލަދާއި ތަދާއެކު ނަމަވެސް ރިފާއާ ދިމާއަށް ސީދާސީދަލަށް ދިލުވާލެވިފައި ހުރެއެވެ. އަޑެއް އިއްވައިނުލައި ހަމަ އެކަނި ލޮލުން ދުވަހަކު ވެސް ފިރިހެނަކު އެކަހަލަ ޖާޒުބީ ގޮތަކަށް އޭނާޔާ ވާހަކަދައްކާފައެއް ނެތެވެ. އެއްދުވަހަކު މިވާހަކަ ޒަހީނާ ދިމާއަށް ބުނެވިއްޖެވެސް މެއެވެ. ޖަވާބުގައި ރިފާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށް ފަހު ހިންދިރުވާލައިފައި ބުންޏެވެ. “މިލޮލުން ބެލެނީ މަގޭ ހިތުގައި ރިފާއާ މެދު އެއްޗެއް އޮންނާތީ ނޫން ހެއްޔެވެ؟”

ކޮންފަދަ ބެލުމެއް ހެއްޔެވެ؟ ކޮންފަދަ އަސަރެއް ހުރި ރާގެއް ހެއްޔެވެ؟ ރިފާ ހިތުގެ އަޑީގައި އޮތް ހަރު އެތިގަނޑެއް ވިރިގެން ދިޔަ ކަހަލައެވެ. އެހެނަސް ބޯހޫރާލައިފައި ދުރު ބަލަހައްޓައިގެން ހުރެ ބުންޏެވެ.

“ތިޔައީ ބޭކާރު ކަމެކެވެ. އަހަންނަކީ ރޮދިފަށެއްގެ އުޅިއެއްކަމުގައިވެ ގޮށްޖެހި ހަރުވެ ކާށި އަރާ ހިތްވާ އަންހެންކުއްޖެއް ނޫނެވެ.”

އާވެގެން ދިޔަ ހަނދާންތަކާއެކު ހިތުގައި ހަރުލައިފައި ހުރި ޒަހީނުގެ ތަސްވީރަށް ފާޑުވެރި ނަޒަރަކުން ބަލައިލެވުނެވެ. ގާތްގާތުން، ބޮޑުދައިތަމެން ގޭގައި އޮތް ޕާޓީއަކުން ޒަހީން ދެކެގެން އެއްދުވަހަކު ރިފާގެ ކިލާހު އަންހެންކުއްޖަކު ރިފާގާތުގައި ސިއްރުސިއްރުން ބުނެލިހެން ޒަހީނަކީ އަންހެންކުދީން ހިތްކިޔާ ކަހަލަ ގޮތެއް ހުންނަ ފިރިހެނެއް ކަމަށް އެއްބަސްވެވުނެވެ. އިސްކޮޅުން ދިގު ބަޔަށް ދައްކާ އަލި އޮޅަލި ފިރިހެނެކެވެ. ފިރިހެނުން މާ ދޮންވީމާ ނުވަތަ ކަޅުވީމާ ރިފާއަށް ރީއްޗެއް ނޫނެވެ. ޒަހީންގެ ދޮންކަޅު މިން އެއީ އެންމެ ރީތިވަރެވެ. ތަންކޮޅެއް ބައިމަތި ހަނިކަން ނުވަތަ ހިމަތޮޅިވުން އެއީ އައިބެއް ކަމަށް ނުދެކޭ އެއްވެސް އަންހެންކުއްޖަކު ޒަހީން އެއީ ހުތުރު ފިރިހެނެއް ކަމަކަށް ނުބުނާނެއެވެ. ރިފާ އަހައި ގޮތުގައި ދަސްވެނިވެގެން ސަރުކާރު ކުންފުންޏެއްގައި ހަތަރުފަސް އަހަރު އުޅުމަށް ފަހު ޒަހީން އުޅެނީ ޕާޓީތަކަށް ކައިބޮއި ތަކެތި ތައްޔާރު ކޮށްދިނުމުގެ އަމިއްލަ ވިޔަފާރިއެއްގައެވެ. އަދިވެސް ހުރީ ހުސްހަށިބަޔަށެވެ.

ޒަހީން އެބުނާ އެތިކޮޅު ގެނެސްދޭން ރިފާ އެއްބަސްވީ ބަރުދަން ވެސް އެހުމެއް ނެތިއެވެ. ވައިގެ ދަތުރުތަކުގައި އެއްރަށުން އަނެއް ރަށަށް ގެންގޮސްދޭން އެހެން މީހުން ދޭ އެއްޗެހި ހިފުމީ ކޮށް އުޅޭ ކަމަކަށް ނުވިޔަސް އަދި އެއާލައިންތަކުން ނުކުރަން އިލްތިމާސްކުރާ ކަމަކަށް ވިޔަސް ޒަހީނަށް ޓަކައި ބުރަކަމެއް ނެތި އުފަލުން އެކަންކޮށް ދޭނެ ކަމަށް ބުންޏެވެ. “އެކަމަކު ބުނަންތަ އިހަށް މަށަށް ‘ރިފާދައްތަ’ ކިޔަސް ދެން ނުކިޔާތި؟”

ޖަވާބުގައި އެކޮޅުން ޒަހީން މާނަވީ ހިނގަނޑެއް ޖަހައިލައްފައި ބުންޏެވެ. “ވިސްނުން ބަދަލުވެއްޖެ ހެން ހީވެއެވެ. ލައިދެމުމުގެ އަހަރުތަކަށް ނިމުމެއް ގެނެސް ދިރިއުޅުމެއް ހޯދުމާމެދު ފިކުރެއް ނުކުރަން ހެއްޔެވެ؟

ރިފާގެ ޖަވާބަކަށްވީ “ނޫނެކެވެ. ކުރަމެވެ.ވަރަށް ބޮޑަށް ކުރަމެވެ. އަހަރެން ވެސް ހަމަ ތިޔަ ސުވާލު ޒަހީނާ ކޮށްލަން ހެއްޔެވެ؟”

ޒަހީން ހީނލައިފައި އިނގިރޭސި ބަހުން ބުންޏެވެ. “ދިވެހިން ބުނާހެން އެއްފަހަރު ނޫނެކޭ ބުނެފައި ދެވަނަ ފަހަރު އަހަރެން އާނއެކޭ ނުބުނާނަމެވެ. ދެފަހަރު ވެސް އަހަރެން ބުނާނީ އާނއެކެވެ. އާނއެކެވެ” އެއިޝާރާތް ކުރަނީ ދިވެހި ބަހުން ނޫން، ކުރަމެވެ.”ބުނެ އުޅޭ ހަމަޔަށް ކަން ވިސްނުނެވެ. އިނގިރޭސި ބަހުން ނަމަ ބުނާނީ “އާނ. ކުރަމެވެ” މިހެންނެވެ. ވާހަކައެއް ބުނަން އެއީ ކޮން ކަހަލަ މޭރުމެއް ހެއްޔެވެ؟ ވިސްނުން ކޮށި އަންހެނަކަށް އަރަތަކަށް ވާ ކަހަލަ މޭރުމަކަށް ވިޔަސް ރިފާއަށް ޒަހީންގެ ޖަވާބު ހަމަ ވަރަށް ސާފެވެ.

ދެފަރާތުން ފެންފޮދެއް ވިއްސާލުމާއެކު ވަޅުޖަހައިފައި އޮތް ގުޅުން ކުއްލިއަކަށް ކޯދުލައި ފަޅައި އާރޯކަމާއެކު ހެދިގަތް ކަހަލައެވެ.

ދޮރާށިން ރިފާ ބޭރުވުމުން ޒަހީން ކޮބައިތޯ ހޯދައި ބަލައިލެވުނެވެ. ގިމަތައިގެ އަލިކަން ބޭރަށް މަގަށް ފޭދިފައި ހުއްޓަސް ބޮޑު ގަހެއްގެ ހިޔަނި އެހިސާބަށް ފެތުރިފައިވާތީ ދޮރާށިދޮށް މާ އައްޔެއް ނޫނެވެ. ފެރީން ފޭބި މީހުން ދުއްވާ އެއްޗިއްސަށް އަރައިގެން ނުވަތަ ފައިމަގުގައި އެދާ ދިމާއަކަށް ދާން ފަށައިފިއެވެ. ދޮރާށްޓާ ދިމާއިން މަގުގެ އަނެއް ފަރާތުގައި ރަތް ޓެކްސީއެއްގައި ލެނިގިލައިގެން ފިނިވެފައި ހުރި ކަހަލަ ގޮތަކަށް އަތްއުރާލައިގެން ޒަހީން ހުއްޓެވެ. ރިފާ ފަދައިން ބޭރުގައި އުޅެ ފިންޏަށް ހޭނިފައި ހުރި މީހަކު ހީނުކެރުވިޔަސް ހޭނިފައި ނެތް މީހަކު ހީ ނުކަރުވާނޭ ރެއެއް ނޫނެވެ. އިރުވައިގެ މަޑު ނަކަތްތަކަށް ފެށިފައި އޮތަސް ހަޅަ ބުރުއްސާ ރެއެއް ވިއްޔާއެވެ. މިހިސާބަށް ރަށުގެ ނިވަލަށް ތައްކަތު ކަމަށް ފެނުނަސް ފެރީދޯނި ތަޅުވާފޮޅުވި ކަނޑުގައި ވައިގެ ބާރުމިން ރިފާއަށް އޮތީ ފުރިހަމަޔަށް ވަޒަންކޮށްލެވިފައެވެ. މިތާ ގަމުތެރޭގައި ވެސް ރުއްގަހުގެ ފަންތަކާއި ފަތްތައް ގޮއްވާލައިފައި ހުއްޓެވެ. ވައިމަތިން ނަގާ ހާފުސްތައް ތިރިތިރިން، ދަށް އުޑުން،  ވައިދަށަށް އުކަމުން ދިޔައެވެ. ރިފާ ލޮލުގައި ޒަހީން އަޅައިގަތްހައި ފަސޭހައިން ޒަހީނުގެ ލޮލުގައި ރިފާ އަޅައިނުގަތްކަން ފާހަގަކުރެވުނެވެ. އެކުން އެހެންވީ މަގުން ހުރަސްކުރާ މީހުންނާއި ދުއްވާ އެއްޗެހި ގިނަކަމުން ކަމަށް ވެދާނެއެވެ.

ރިފާ މަގުގު ދެކޮޅަށް ދުއްވާ އެއްޗިއްސަށް ބަލަމުން މަގުމެދަށް ކަހަލަ ގޮތަކަށް ހުއްޓާލައި ފައްތަރުވެފައި އޮތް އުސް ދެޓެކްސީ ލައިވަށައިލައިފައި އަނެއް ފަރާތަށް އެރުނު އިރު ހުރެވުނީ ދިމާ ޒަހީން ކުރިމަތީގައެވެ. ޒަހީން ދެލޯ ބޮޑުކޮށްލައިފައި ކިޔައިގަތެވެ.

“އޭ ރިފާ ދޯ؟ މިއަތަށް އަތްދަބަސް ކޮނޑުގައި އަޅައިގެން ހުރި އަންހެނަކު ހުރަސް ކުރާތަން ފެނުމުން ވެސް އަހަރެން މިހުންނަނީ ވަކި ކުރަން ނޭނގިފައި”

“ކުރިން އަތްދަބަސް ކޮނޑުގައި ނާޅާތީ ތަ؟” ރިފާ ހީނލައިފައި އަހައިލިއެވެ.

ޒަހީން އަޅައިގެން ހުރި ނަންބަރު އައިނު ނަގައި އަތަށް ލިއެވެ. “ނޫން އެހެން ވެގެންނެއް ނޫން. ކުރިން އުޅިތަކަކަށް ގަތާފައި ހުންނަ ބޯ ހީނާފަތް ކުލައިން ފަވާލައި ރާޅު ބާންޏަކަށް ކޮނޑު މައްޗަށް ދޫކޮށްލައިފައި އޮތީމާ. އިހު އެހެރަ ލޫޅާފަތި ކުއްޖާ ރޫފަ ހެޔޮ ވަރަށް މަސްޖަހަލައިފައި ހުރީތީ!”

“ޒަހީނަށް އަންހެނުން ރީތީ ބޮނޑިމަސްކޮށް ހުރީމަކާ ނޫން ދޯ؟ ކަށިގަނޑެއްހެން ހުރީމާ ދޯ؟ އެކަން އެނގޭ ނަމަ ތިނޯހެއްގެ ފަގައިން ދެމިގެން ވިޔަސް އިހުގެ ލޫޅާފަތިކަން ގެނައިމުސް!” ޒަހީން ހުރީ އަޅިކުލަޔަކަށް ދާ ފަޓްލޫނަކާއި އަތްދިގު ރަތް ގަމީހެއްލައި ޗޮކުލެޓު ކުލައިގެ ބޫޓު ފައިވާނަކަށް އަރައިގެންނެވެ. ހެދުމުގެ ނަލަކަމާއި މުއްސަނދި ދަޅަ މެނުވީ އެހެން މާ ބޮޑު ބަދަލެއް ނެތެވެ. އިހަށް ވެސް ހުންނަ ހިމަތޮޅިކަން މަތީގައެވެ. ބައެއް މީހުންނަކީ މުސްކުޅިވާ އިރުވެސް ގައިގައި މަސްނުޖަހާ މީހުންނެވެ. ޒަހީންނަކީ އެ ބައްޓަމުގެ ފިރިހެނަކީ ތާއެވެ.

ރިފާ އުއްމީދު ކުރީ ބައްދަލުވުމުގެ ޖަޒުބާތުގައި “މަގޭ ޖާނުގަނޑާއޭ” ފަދަ ލޯބީގެ ބަހެއް ބުނެފައި ޒަހީން އޭނާގެ އުނަގަނޑަށް އަތްވައްޓާލައި ގަޔާލައި ފިއްތާލައިފައި ހޫނުހޫނުކޮށް ދޮނެއް ދޭނޭ ކަމަށެވެ. ނަމަވެސް ޒަހީން ސަލާމަށް ދިއްކޮށްލީ އެކުވެރި އަންހެނަކަށް ދިއްކޮށްލާނެ ހެން އަތެވެ. ލަދުވެތި ގޮތެއް ހުންނަ މީހަކަށް ވެފައި މަގުމަތީ މީހުން ގިނަ ވަގުތެއް ކަމަށް ވީމާ ކަމަށް ރިފާ ނިންމިއެވެ.

ދިއްކޮށްލެވުނު އަތުގައި ރިފާ ހިފިއިރު އެއަތް ވަރަށް ފިނިވެފައި މަޑެވެ. ޒަހީން ކަހަލަ މުރާލި ވިޔަފާރިވެރިއެއްގެ އަތަކީ ހެޔޮ ވަރަކަށް ހަރު އަތަކަށް ވާނޭ ކަމަށް ރިފާއަށް ހީވެފައި އޮތް ނަމަ މިހާރު އެއީ ކުށް ހީއެއް ކަން އެނގިއްޖެއެވެ. ބާރުވައި ރޯޅިތައް ވަކިން ގަދަޔަށް ގަސްރުކުގައި އަޅާލިއެވެ. މަތިން ހުރަސްކުރި ވިލާތަކެއްގެ ހިޔަނި އެޅި މަގު ކުއްލިއަކަށް ތަންކޮޅެއް އަނދިރިވެލިއެވެ. ހަމަ އުޑުން ވިދާލައި ތަރިއެއް ވަރަށް މަދުން ނޫނީ ފެންނާން ނެތް ރެއެކެވެ.

(ނުނިމޭ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment