ދުނިޔޭގެ ނަން މަޝްހޫރު ބައެއް ކުންފުނިތައް ވަނީ ކުއްލި ގޮތަކަށް ބަނގުރޫޓްވެފައެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް ނަން މަޝްހޫރު ބޮޑެތި ކުންފުނިތަކުގެ ތެރޭގައި އިޓަލީގެ ޕާމްލާ، ސަތޭކަ އެތައް އަހަރެއް ވަންދެން ކާމިޔާބުކަމާ އެކު ހިނގަމުންދިޔަ އިނގިރޭސިވލާތުގެ ބޭރިންގްސް ބޭންކް، އިންޑިއާގެ ސަތިޔަމް ކުންފުނި އަދި އެނަމަކަށް ފަޚުރުވެރިވާ އެމެރިކާގެ އެންރޯން ކުންފުނި ހިމެނެއެވެ. މިކުންފުނިތައް އުވިދިއުމަށް ދިމާވި މައިގަނޑު ސަބަބުތައް ވަރަށް އެއްގޮތެވެ. ކުރުގޮތަކަށް ބުނަނީނަމަ ބުނެވޭނީ އެ ވިޔަފާރިތައް ހުއްޓާލަން ޖެހުނު ސަބަބަކީ ގަވަރަނަންސް…

ދުނިޔޭގެ ނަން މަޝްހޫރު ބައެއް ކުންފުނިތައް ވަނީ ކުއްލި ގޮތަކަށް ބަނގުރޫޓްވެފައެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް ނަން މަޝްހޫރު ބޮޑެތި ކުންފުނިތަކުގެ ތެރޭގައި އިޓަލީގެ ޕާމްލާ، ސަތޭކަ އެތައް އަހަރެއް ވަންދެން ކާމިޔާބުކަމާ އެކު ހިނގަމުންދިޔަ އިނގިރޭސިވލާތުގެ ބޭރިންގްސް ބޭންކް، އިންޑިއާގެ ސަތިޔަމް ކުންފުނި އަދި އެނަމަކަށް ފަޚުރުވެރިވާ އެމެރިކާގެ އެންރޯން ކުންފުނި ހިމެނެއެވެ. މިކުންފުނިތައް އުވިދިއުމަށް ދިމާވި މައިގަނޑު ސަބަބުތައް ވަރަށް އެއްގޮތެވެ. ކުރުގޮތަކަށް ބުނަނީނަމަ ބުނެވޭނީ އެ ވިޔަފާރިތައް ހުއްޓާލަން ޖެހުނު ސަބަބަކީ ގަވަރަނަންސް އުސޫލުތަކުގެ ބޭރުން ހިންގާފައިވާ ޢަމަލުތަކެއްގެ ސަބަބުން ކުންފުންޏަށް ލިބުނު ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހުމެވެ.

މި ކުންފުނިތަކުން އެއް ކުންފުންޏަށް ބަލައިލާނަމެވެ. އިންޑިޔާގެ މަޝްހޫރު ސަތިޔަމް ކުންފުންޏަކީ، 1987 ވަނަ އަހަރު ކޮންޕިއުޓަރު ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށާއި އަދި އެ ދާއިރާއިން ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދިނުމަށް އުފެއްދި ޕްރައިވެޓް ކުންފުންޏެކެވެ. މަދު އަހަރުތަކެއްގެ ތެރޭގައި ކުންފުނީގެ ވިޔަފާރި ފުޅައުވެ، ކުރިއަރައިގެން ދިއުމުން ސަތިޔަމް ކުންފުނި 1991 ވަނަ އަހަރު ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް 1992 ވަނަ އަހަރު ވަނީ އާންމުންނަށް ހިއްސާ ވިއްކައި ހިއްސާގެ ބާޒާރުގައި ކުންފުނި ލިސްޓްކޮށްފައެވެ. މިކުންފުނީގެ މަގުބޫލުކަން އިތުރުވުމުން ކުންފުނީގެ ހިއްސާގެ އަގު ބާޒާރުގައި ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އަދި ކުންފުނީގެ ވިޔަފާރި ފުޅައުކޮށް އެކުންފުނީގެ އެކިއެކި ސަބްސިޑިއަރީ ކުންފުނިތަކާއި ބްރާންޗްތައް އިންޑިއާގެ އެކި ސަހަރުތަކުގައި ގާއިމުކޮށް އަދި ބޭރުގެ އެކި ޤައުމުތަކުގައިވެސް އެކުންފުނީގެ ގޮފިތައް ވަނީ އުފައްދާފައެވެ.

ސަތިޔަމް ކުންފުނީގެ ބާނީ އަދި އެގްޒެކެޓިވް ޗެއަރަމަން ވަނީ 8 އަހަރުވަންދެން އުޞޫލުތަކާއި ޚިލާފަށް އޮޅުވާލައިގެން އޮޑިޓް ހިސާބު ތައްޔާރުކޮށްފައެވެ. އަދި ކުންފުންޏަށް ލިބުނު ފައިދާ 10 ގުނައަށްވުރެ ބޮޑަށް އުފުލައި މައްޗަށްޖައްސައި ފައިސާގެ ބެލަންސް 1.5 ބިލިއަން އެމެރިކާ ޑޮލަރު ހުރިކަމަށް ދައްކާފައެވެ.  އަދި މިކުންފުނީގެ ޗެއަރަމަނަށް ވަނީ އިންޑިއާގައި ދެވޭ އެންމެ ޝަރަފުވެރި އެތައް އެވޯޑެއް ލިބިފައެވެ. އަދި ވިޔަފާރީގެ ޢާއިލާތަކުގެ މެދުގައި ސަތިޔަމް ކުންފުނީގެ ބޯޑުގެ ޑިރެކްޓަރުންނަކީ އާދަޔާ ޚިލަފު މަޤުބޫލު ބަޔަކަށް ވަނީ ވެފައެވެ.

ސަތިޔަމް ކުންފުނީގެ އަސްލު ސިފަ ފެނިގެންދިޔައީ އެކުންފުނިން ހަވާލުކުރަންޖެހޭ ލިޔެކިޔުންތަކާއި، އަދި 2006 ވަނަ އަހަރު އަހަރީ ހިސާބުތައް ހާމަކުރަންޖެހޭ މުއްދަތުގައި (2007 ވަނަ އަހަރުގެ އޭޕްރީލް މަހު) ސްޓޮކް އެކްސްޗޭންޖާއި ހަވާލުކުރުމުގައި ފެއިލްވުމުގެ ސަބަބުންނެވެ. ޝައްކުކުރެވޭ މުއާމަލާތްތަކެއްގެ ސަބަބުން އެކްސްޓަރނަލް އޮޑިޓު ހިސާބުތަކުގައި އޮޑިޓަރު ސޮއިކުރުމަށް ދެކޮޅު ހެދުމުންނެވެ. މިގޮތުން އޮޑިޓަރުންނަށް ފާހަގަކުރެވުނު އެއްކަމަކީ، 2004 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރުގެ ނިޔަލަށް ކޮންމެ އަހަރަކުވެސް ލިބުނު އާމްދަނީއަށްވުރެ ބޮޑު އަދަދުތަކެއް ރެކޯޑުކޮށްފައިވާކަމެވެ. އަދި ސަޕޯޓިންގ ޑޮކިއުމަންޓް (ލިޔެކިޔުންތައް) ނެތި 189 މިލިއަން އިންޑިއަން ރުޕީސް ވަނީ ކުންފުނިން ޚަރަދުކޮށްފައެވެ. މިގޮތަށް އޮޅުވާލައިގެން ހަގީގަތާއި ޚިލާފު ހިސާބުތަކެއް ހެދުނު ސަބަބަކީ ކުންފުނީގެ ކަންކަން ކޮންޓްރޯލުކޮށް ބަލަހައްޓަމުން ދިޔައީ އެންމެ މީހެއްކަމަށް ވާތީއެވެ. ކުންފުނީގެ އެތެރޭގެ ހިންގުމުގެ ނިޒާމެއްނެތުމެވެ. އަދި  އެގްޒެކެޓިވް ޗެއަރމަންގެ ނުފޫޒު މުޅި ކުންފުންޏަށް ފޯރާފައިވާތީ ކަމަށް ސްޕެޝަލް އިންވެސްޓިގޭޝަނުން ހާމަވިއެވެ. އަދި ކުންފުނީގައި ގުޑް ގަވަރަނަންސް އުސޫލުތަކަށް ވެސް އަމަލުކޮށްފައެއް ނުވެއެވެ. މިކަންކަމާއެކު ހުރިހާ ބާރުތަކަކާ އަދި ލިޔެކިޔުންތައް ބެލެހެއްޓުން ވަނީ އެކަކުގެ އަތްމަށްޗަށް ދޫކޮށްލާފައެވެ. މިފަދަ ހާދިސާކުން އިބުރަތް ހޯދައިގެން ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ކުންފުނިތައް ހިންގުމުގައި ގަވަރނަންސް އުޞޫލުތަކަށް ޢަމަލުކޮށް، ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ކުންފުނިތައް ހިންގުމަށް ސަމާލުވަމާތޯއެވެ!

___________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment