000ސަލާން ކުރި ގޮތަށް ޒަހީނުގެ އަތުގައި ހިފައިގެން ހުއްޓާ ރިފާ ލޮލަށް އަލިއަޅުވާލައިފައި މަގުގެ ނުބައި ފަޅިން ސައިކަލެއް ސީދާ އޭނާއާ ދިމާއަށް އަންނަތަން ފެނުމުން ސިހިގެން ގޮސް ދުވެފައި ކާރުގެ އަނެއް ފަރާތަށް އެރުނެވެ. ސައިކަލުގައި އިނީ ކަޅު ދިގު ހެދުމެއްލައި ކަޅުބުރުގާއެއް އަޅައިގެން އިން އަންހެނެކެވެ. އޭނާ ދިޔައީ ފަސްދީ ދަމުން ވެސް ވަރަށް ރަނގަޅަށް ރިފާއަށް ބަލައިލައިފައެވެ. ކާރުގައި ތަތްވެލިކަން ފިޔަވައި ޒަހީނުގެ މާކަ ބޮޑު ސިހުމެއް ނެތެވެ. ސައިކަލާ ދިމާއަށް ބަލައިލި…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ސަލާން ކުރި ގޮތަށް ޒަހީނުގެ އަތުގައި ހިފައިގެން ހުއްޓާ ރިފާ ލޮލަށް އަލިއަޅުވާލައިފައި މަގުގެ ނުބައި ފަޅިން ސައިކަލެއް ސީދާ އޭނާއާ ދިމާއަށް އަންނަތަން ފެނުމުން ސިހިގެން ގޮސް ދުވެފައި ކާރުގެ އަނެއް ފަރާތަށް އެރުނެވެ. ސައިކަލުގައި އިނީ ކަޅު ދިގު ހެދުމެއްލައި ކަޅުބުރުގާއެއް އަޅައިގެން އިން އަންހެނެކެވެ. އޭނާ ދިޔައީ ފަސްދީ ދަމުން ވެސް ވަރަށް ރަނގަޅަށް ރިފާއަށް ބަލައިލައިފައެވެ. ކާރުގައި ތަތްވެލިކަން ފިޔަވައި ޒަހީނުގެ މާކަ ބޮޑު ސިހުމެއް ނެތެވެ. ސައިކަލާ ދިމާއަށް ބަލައިލި ގޮތުން ސައިކަލުގައި އިނީ ޒަހީނު ދަންނަ ރައްޓެހި އަންހެންކުއްޖެއް ހެން ރިފާއަށް ވަރަށް ބޮޑަށް ހީވިއެވެ.

“އެއީ ކާކުތަ؟” ސައިކަލާ ދިމާއަށް ކަޅިއަޅައިގެން ހުރެ ރިފާއަށް އަހައިލެވުނެވެ.

ސީދާ ރިފާގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި ޒަހީން ބުންޏެވެ.

“އޭތް. ބޭކާރު ކަންކަމާމެދު ނުވިސްނާ އަވަހަށް ދަމާ ހިނގާ ރިފާ!”

ޒަހީނު އެފަރާތުން ކާރުގެ ދޮރު ހުޅުވާލައިފައި ވަދެ ފަހަތު ސީޓުގެ އެއްކޮޅަށް ތިރިކޮށްލިއެވެ.

“އާނ. ދަމާ ބަނހީއޭ” ބުނެފައި މިފަރާތުގެ ދޮރު ހުޅުވާލައިފައި ވަދެ ރިފާ ފަހަތު ސީޓުގައި ޖައްސާލިއެވެ. އޭނާއަށް އިނދެވުނީ ޒަހީނާ ޖެހި ފިތި ކޮނޑުގައި ބޯއަޅާލައިގެންނެވެ. ޒަހީނު ބޭނުންކޮށްފައި ހުރި ސެންޓެއްގެ މީރު ވަސް ވެސް މި ގައިގޯޅިކަމަށް ހިތްވަރުދޭ ކަހަލައެވެ. ހުޅުމާލެއަށް އަންނަން ކޮޓަރިން ނިކުމެވުނީ ނަލަހެދޭ މޭޒު ދޮށުގައި އިނދެ ބޮލުގައި ފުނާއަޅައިލައި ލޮލުގައި އަނދުން އަޅައިލައި ތުންފަތުގައި ރަތްކުލަ ކާއްތާލައި ހެދިތަނުން އޮފީހުން ކޯލެއް އައިސްގެން ތެދުވެ އެކޯލުގައި ހުއްޓާ މަގުމަތީ އިންތިޒާރުގައި އޮތް ޓެކްސީއަށް ލަސްވާތީ ރިސެޕްޝަނުން ފޯނުކުރާވަރުން އަވަސްއަރުވާލަން ހަދައިގެން ގަޔަށް ސެންޓު ފޮދެއް ވެސް ބުރުވާ ނުލާކަން ހަނދާންވިއެވެ.

ކާރު ދުއްވާލައިފިއެވެ. ޒަހީނުގެ އުނގުމަތިން ރިފާ ދިއްކޮށްލި އަތަށް އަތްމަހާލައިގެން އިނދެ ދުއްވާމީހާއަށް ބުންޏެވެ.

“ކިބާވަރަށް އިނގޭ!”

އޭނާ ނުރުހިފައި ބުންޏެވެ.

“ތިޔަ ވާހަކަ ކުރީން ވެސް ވިދާޅުވީމެއް ނޫންތޯ؟” ފެންނަ ފެނުމުގައި ދުއްވާ މީހާ އަކީ ހިނިތުންވުމެއް ނެތް ބަސް މަދު މީހެކެވެ. އެއްވާހަކައެއް ދެފަހަރަށް އޭނާ ގާތު ބުނުމީ ބޮލަށް އުނދަގޫ ވާ ޒާތުގެ ކަމަކަށް ވަނީ ތޯއްޗެކެވެ. ލަސްވާތީ ނުރުހުން ވެފައި އިނީމާ ކަމަށް ވެސް ވެދާނެއެވެ. މީހަކީ ބޯތުނބުޅިއެއް ލައިފައި ހުރި މީހެކެވެ. މެންކަފާޅަޔާ ހަމަޔަށް ތަލަވެފައި ތިބޭ އެހެން ވެސް އެފަދަ މީހުންހެން ފުރިހަމަ އުމުރު ދެނެގަތުން ދައްޗެވެ. ނަމަވެސް ދެވަން ފުރަޔަށް ވުރެ ހަގުވާނެކަމަށް ފެނެއެވެ.

ޒަހީނަށް ކަތި ނަޒަރެއް ދެމުން ރިފާ އަހައިލިއެވެ.

“ކީއްވެތަ އަހަރެން ގެންދަން އަމިއްލަ ސައިކަލުގައި ނައީ؟”

“ސައިކަލުވީ ވީ މާލޭގައި. ފެރީ ދޯނިފަހަރަށް ސައިކަލުގައި އަރައި ފޭބުން މަށަށް ތަންކޮޅެއް އުނދަގޫ ކަމަކަށް ވާތީ މާލޭގައި ބަހައްޓާފައި އާދެވުނީ!”

“މައްސަލައެއް ނެތް!” ރިފާ ޒަހީނުގެ އަތަށް ފިތާލިއެވެ.”މަށަށް ހުޅުމާލޭގެ ތަންތަން ވަރަށް އާވާނެ!” ‘ކިބާވަރަކީ’ ކޮން ކަހަލަ ތަނެއް ތަ؟”

“ހޮޓަލެއްގެ މަތިގޭ ފެންޑާއާއި ތައްޓަށް ހުންނަ ވަރަށް މަޤްބޫލް ރެސްޓޯރެންޓެއް. ޖަހައިފައި ހުންނަ މަޑު މިޔުޒިކާއި ލަވަޔާއެކު ތަނުގެ ޖައްވު ރިފާއަށް ވަރަށް ހިތްގައިމު ވާނެ!”

“ހާދަ އަވަހަކަށް އަހަރެން ތިޔަ ދަސްކުރީ؟”

“އަށް ނުވަ އަހަރު ވީމާ އަވަސް ތަ؟ އާރުކާޓީ އަކަށް އަހަރެން ހުރީމާ މިރަށުގައި މަގު އޮޅި ގެއްލިގެން އުޅޭކަށް ނުޖެހޭނެ!”

“ތިޔަ ހިމާޔަތް މީގެ ފަހަށް އަބަދު ވެސް މަށަށް އޮންނާނެ ދޯ؟”

އިނގިރޭސި ބަހުން ދެމީހުން މިޒާތުގެ ކުދިކުދި ވާހަކަތައް ދައްކައި އެއްފަރާތުން އަނެއް ފަރާތަށް ވައްބަސްތައް އުކައުކާ ތިއްބާ މަގަކަށް ފަހު މަގެއް ކަޑައްތުކުރަމުން ގޮސް ކާރު މަންޒިލަށް ވާސިލު ވެއްޖެއެވެ.

o o o o o o

ރިފާއާއި ޒަހީނު އޯޑަރުދިން ކާއެއްޗެހި އައުމުގެ އިންތިޒާރުގައި ތިއްބެވެ. ދެމީހުން ތިބި މޭޒަކީ ބޭރު ތައްޓުމަތީގެ މޭޒަކަށް ވިޔަސް ވައިދަށް ފަރާތުގެ ފުޅާ އަސްކެނި ދޮށުގައި ފެންޑާގެ ނިވާ އޮތް މޭޒަކަށް ވާތީ ޖައްވުގައި ހިނގާ ބާރު ރޯޅިތަކުގެ ކުޑަވެސް އުނދަގުލެއް ނެތެވެ. ދެމެދުގައި، ސަމޭދާނެއްގައި، ދިއްލާފައި ހުރި ރަތް އުށްބަތީގެ ހުޅުކޮޅު ދެއަތަށް ހެލިލަހެލިލައި ހުއްޓެވެ. މިހިސާބަށް، މަތިގޭ މައްޗަށް، ތިން ފަރާތުން ގަމުތެރެ ވަރަށް ރީއްޗަށް ފެންނާން އޮތެވެ. ހަނދުވަރުދޭ ރެއެއް ނަމަ އެފަރާތުން، ދިގު ފެންޑާގެ ބިއްލޫރި ބިތް ހުރަސްކޮށް، އަތިރިމައްޗާއި ކަނޑުފަޅާއެކު މަންޒަރު ވަކިން ރީތިވީހެވެ. ދެލޯބިވެރިއެއްގެ ރޭގަނޑުގެ ބައްދަލުވުމަކަށް މީ ކިތަންމެހައި ވެސް އިސްކީ ތަނެކެވެ.

ރިފާ ކުރިމަތީގައި ހުރި ފިނި ފޮނި އަނބުދިޔަތަށި ތިކިތިކިން ދަމާލަދަމާލައި އިނެވެ. އިވޭ ލަވަޔާ ވަރަށް ގަޔާވެގެން ފައި ހަލުވައިލެވެއެވެ.

“ހުވަފެންތަކުގައި ކަލާ ވާނަމަ

އެނގޭ މާނަޔަކީ ކޮބައި ހެއްޔެވެ؟

“މީސްމީހުން ކުރެން ކަލާގެ ވާހަކަ އަހައިލެވޭ ނަމަ

އެނގޭ މާނަޔަކީ ކޮބައި ހެއްޔެވެ؟”

ލަވަ ކުރިޔަށް ދާން ފެށުމުން ދެމީހުންނަށްމެ ހިނިތުންވެލެވުނެވެ. ރިފާ ހޮޅީގައި ތުން ޖަހަން އުޅެފައި ވެސް ޒަހީނަށް ބަލައިލިއެވެ.

“މިއަދު ވިލިނގިލިން ދިމާވީ ޒަހީންގެ ބޭބެއާ. އަހައިލިން ޒަހީން ކޮބައިތޯ–؟

ޒަހީނު ތުންޖަހައިގެން އިން ހޮޅި ދޫކޮށްލައިފައި ބުންޏެވެ.

“ތެދެއް ތަ؟ ރިފާ ގެއިން ނިކުމެގެން ގޮސް މެހުމާނީ ގެއެއްގައި ތަ ހުންނަނީ! މާލޭ ގެދޮރުވެރީން ރަށަށް އަރައި ފުރައިވާ ބީރައްޓެހިން ހެން މެހުމާނީ ގެތަކުގައި ތިބެން ޖެހޭ ތަ؟”

ރިފާ ބޮޑު ޗޮކެއް ކަނޑައިލިއެވެ. “އަވަހޭ ދޯ މާލޭގައި ޚަބަރު ފެތުރޭލެއް! އަމުދަކުން ހުންނަން ޖެހިގެންނެއް ނޫން މެހުމާނީގެއެއްގައި ހުންނަނީ! ކަންވީ ގޮތުން ރުޅި އައިސްގެން ގޮސް ހުރެވެނީ!”

ރިފާގެ ހަނދާނަށް އައީ އެއާޕޯޓަށް ބަލާއައިސް ހުރި ނޫރާ ކޮއްކޮއާއެކު މާލެ ގޮސް ގެޔަށް ދިއުމުން ފެނުނު މަންޒަރެވެ. ގޭގެ ތިރީބުރިން ގޭގައި ގެންގުޅޭ މީހާގެ ކޮޓަރިގަނޑު ފިޔަވައި އޭނާއަށް ހުސް ޖާގައެއް ނެތެވެ. ރިފާގެ ފޮތް އަލަމާރިއާ ފޮޓޯލޯ ތަކާއި ގެންގުޅުނު އެހެން ވެސް ތަކެތި ހުރީ އެތަނަށް ބަދަލުކޮށް ފައެވެ. އެއްފަރާތުން ފާރުގައި ޖައްސައި ފިއްތައި ރިފާ ނިދާ ޑަބަލް އެނދު ބެހެއްޓީމާ އަނެއް ފަރާތުން ފާޚާނާއާ ދެމެދު ދަތިކަމެއް ނެތި ހިނގާލެވޭނެ ހައި ވެސް ޖާގައެއް ނެތެވެ. ތިރީބުރީގައި މަންމަ ހިންގި ފަހާގޮޅި ހުރީ ބޮޑުކޮށް ފިހާރަޔަކަށް ބަދަލުކޮށް ކުއްޔަށްދީފައެވެ. މަތީ ދެބުރި ހުރީ ރިފާ އެއްބަނޑުގައި ތިބި ދޮންބައްޕަގެ ދެދަރީންނަށް ފަތްލިޔެދީފައެވެ. އެއީ ނޫރާ އާއި ނުއުމާނާ ދެބެއިންނެވެ. އަނބީން ފިރީން ޅިޔަން ފަހަރީންނާއެކު އެ ދެބުރީގައި ދިރިއުޅެނީ ވެސް އެދެބެއިންނެވެ. ހަތަރުވަނަޔަށް ހުރި އެންމެ މަތީ ބުރި ވެސް ހުރީ ހުހަކަށް ނޫނެވެ. ކުއްޔަށް ދީފައެވެ. އެއީ ރިފާއަށް ލިބެން އޮތް ބައެވެ. ރިފާ ދިރިއުޅުނު ކޮޓަރި ހުރި ބައި މެއެވެ.

މަންމަ ދުނިޔޭގައި ގޭގައި ގެންގުޅެން ގެނައި އިންޑިއާ އަންހެނަކާ އެކު ދޮންބައްޕަ ދިރިއުޅެނީ ތަނަވަސް ގެ ދޫކޮށް ވިލިނގިލިން ކުއްޔަށް ހިފައިގެން އުޅޭ ތަންކޮޅެއްގައެވެ. ރިފާ ދޮންބައްޕަޔާ ބައްދަލުކޮށް ގޭގެ އޭނާގެ ބައި ގާނޫނީ ގޮތުން ވެސް އޭނާގެ ނަން މައްޗަށް އަނބުރައިދޭން އެދުނީމާ ބުނީ އުފަންދަރިޔަކު ހުއްޓާ ދޮންދަރިޔަކަށް ގެއިން ބުރިއެއް ނުވަތަ ބައެއް ދިނުމީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެބުނާ ދަރިޔަކީ ދޮށީ ދަރިއެވެ. އެހެން ބަނޑެއްގެ ދަރިއެކެވެ. އަނގަމަޑު، ޚުލްޤު ހެޔޮ ބަފަޔާ ވަރަށް ތަފާތު ދަރިއެކެވެ. ސިޔާސަކަމުން ގޮސް އޮބިނޯވެފައި އޮތް ގޮލައެކެވެ. އުޅެ ބޮޑުވީ ބަފާގެ ބަސްނާހާ ރަށުތެރެއަށް ވީއްލިގެން އުޅެއެވެ. ދާދި މިދާކަށް ދުވަހާ ޖެހެންދެން ދިރިއުޅުނީ ވެސް ބަފަޔާ ގުޅުމެއް ނެތް ގޮތެއްގައި މައިފުށު ބޮޑުބޭބެ ގާތުގައެވެ. ބޮޑުބޭބެގެ ވަޒީފާގައެވެ. ދުނިޔަވީ ފިކުރު މަދު، ހަމައެކަނި ސަރުކާރުގެ އޮފީހުން ލިބޭ މުސާރައިގެ މައްޗަށް ދިރިއުޅުން ބިނާވެފައި އޮތް ދޮންބައްޕަގެ ދުނިޔެ ބާއްޖަވެރިވީ ރިފާ މަންމަ ފަދަ އުޅުންހުރި އަންހެނަކާ ޖެހުނީމައެވެ. ގެދޮރު ބޮޑުކޮށް އުހަށް ބިނާކުރުމުގައި ބެންކެއްގެ އެހީ ލިބުނަސް އެކަމުގައި ރިފާ މަންމަގެ ހިއްސާ ވަކިން ކުޑައެއް ނޫނެވެ. މަންމަ ފަހައިގެންނާއި ފަހާތަނެއް ހިންގައިގެން ހޯދި ލާރި ޚަރަދުކުރީ އެކަމަށެވެ. ގެއިން ބުރިއެއް ރިފާއަށް ދޭ މަތިންނެވެ.

ރިފާ ދޮންބައްޕަގެ މޫނަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.

“އަދު މަންމަ ދުނިޔޭގައި ނެތަސް މަންމަޔަށް ކުޑަވެސް ލޯތްބެއް އިހުތިރާމެއް އޮތް ނަމަ މަންމަޔަށް ވީ ވައުދަށް ދޮންބައްޕަ ހުރުމަތްތެރިކޮށް ހިތާނެކަމަށް ހީކުރަން!”

“ތިޔަ ބުނާ ވައުދަކަށް އިންކާރު ކުރަނީއެއް ނޫން. އެކަމަކު އުފަންދަރިޔަކު ވާނީ ބަސް ނޭހިޔަސް ބަފަޔާ މޫނު ކެނޑިފައި ހުއްޓަސް ދަރިޔަކަށް ނު؟ ދަރިޔަކު ހުއްޓާ ގެއިން ބައެއް ނުވަތަ ބުރިއެއް ދޮންދަރިއަކަށް ދިނުން ނުވާނެ ހަމަ ޖެހޭ ކަމަކަށް. އެހެނެއް ނޫން. ރިފާގެ ޚަރަދުގައި ގެއަށް ބުރިއެއް އިތުރުކޮށްފިއްޔާ އެބުރިއެއް ރިފާއަށް ފަތް ލިޔެދޭނަން!. މިހެން ބުނާ އިރުވެސް އެނގޭ ގޭގެ ބިންގާއެޅިފައި ހުރީ ގެޔަށް ބުރިއެއް ނުވަތަ ބުރިތަކެއް އިތުރުކުރެވޭހައި ގަދަޔަކަށް ނޫންކަން. ޚިޔާލުކުރަނީ ގެތަޅާލައިފައި އަލަށް ދިހަބުރީގެ އިމާރާތެއް ބިނާ ކުރަން. ކަމަށް ބޭނުން ފައިސާގެ ލޯނެއް ވަރަށް ރަނގަޅު އިންޓަރެސްޓް ރޭޓަކާއެކު ބެންކުން ލިބެން އެބައޮތް. އެކަމަކު އެއީ ލޯނުގެ ޢަދަދުގެ ހަތްދިހަފަސް އިން ސައްތަ. ބާކީ ފަންސަވީސް އިން ސައްތަ މަގޭ އެކައުންޓުގައި ހުންނަން ޖެހޭ. އެފައިސާ ދައްކައިދީފި ނަމަ ގޭގެ ދެބުރި ވެސް ކަނބުލޯ އަށް ފަތްލިޔެދީފާނަން. ދޭން ބުނެފައި އޮތް ބުރިއާއި ފައިސާ ދޭތީ ދޭ ބުރިއެއް. އޭރުން އެހެން ކުދިން ވެސް ހިތްކުޑައި ކުރާނެ ޖާގައެއް ނޯންނާނެ.”

“ތިޔަކަން މަށަށް ކޮށްދެވިދާނެ ދެއަހަރެއް ފަހުން. މިހާރަކު ނޫން!”

ކުރާ މަސައްކަތުން ވަރަށް ރަނގަޅު އާމްދަނީ އެއް ލިބޭއިރު، ގޮތަކުން ކުރެ ގޮތެއް ފެންނާން ނެތް ދެރަ ފަކީރު ބީރައްޓެއްސަކުހެން، ގެންގުޅޭ މީހެއްގެ ދަތި ޖަގަހައިގައި ނުހުންނާނޭ ކަމަށާއި އާދަވެފައިވާ ގޮތަށް، އަރާމުގައި ހުރެވޭނޭ މެހުމާނީގެއެއް ހޯދަން ދަނީ ކަމަށް ބުނެ އަނބުރާލަން އުޅުމުން ދޮންބައްޕަ ބުންޏެވެ.

“ކަނބުލޯ! ދޮންބައްޕަ މިއަދު ގޭގެ ވާހަކަ ދައްކާނޭ ނަމަ ދައްކާނީ ވެސް ކަނބުލޯ ގާތުގައި. ގޭގައި ހުރި އެންމެ އާރުލާ ކުއްޖަކީ، ހަރުދަނާ އަދި ޒިންމާދާރު ކުއްޖަކީ ކަނބުލޯ ކަމަށް ވާތީ. ދޮންބައްޕަ މިހާރު މިހިރީ މުސްކުޅި ކުރައްވާ އުމުރަށް އެޅިފައި. މަރުވާނީ ކޮން ދުވަހަކު ކަމެއް ނޭނގޭ. ދޮންބައްޕަ ދުނިޔޭގައި ހުރެ ދޭން އުޅޭ ވަގުތު ދޭން އުޅޭ އެތި ލިބިގަތުން ބުއްދިވެރި ގޮތަކީ!” ދެން ދޮންބައްޕަޔަކީ ކަންކަމުގެ ސަމާސާ ކޮޅު ވެސް ނަގާ މީހަކަށް ވާތީ ބުނެފިއެވެ. “ފުރުސަތުގެ ބޭނުން ނުހިފައި ހުއްޓައި މަންމަ ދިޔަ މަގުން ދޮންބައްޕަ ވެސް ހިނގައްޖެ ނަމަ ދެންވެސް ކޮޅު ކެހި ލިބި ބާކީ ވާނީ ދޮންދަރި!”

ދޮންބައްޕަ އެބުނަނީ ހެޔޮ ވާހަކައެއްކަމަށާއި އެ ހުށަހަޅާ ގޮތަކީ އާއިލީ މަސްލަހަތަށް ބަލައި ވަރަށް ވެސް ހަމަހަމަ ރަނގަޅު ގޮތެއް ކަން ރިފާއަށް ގަބޫލުކުރެވުނެވެ. އެހެން ނަމަވެސް ދިރިއުޅޭނޭ ތަނަވަސް ކޮޓަރިއެއް ކުޑަދުވަހުއްސުރެ ދިރިއުޅުނު ގެއިން ލިބެން ނެތީތީ ފުއްވާލައިފައި ދިޔައީއެވެ. އެކަމަކު ވެސް އޭނާ ހުރީ އުފާވެފައެވެ. ދޮންބައްޕަ ދަރިޔަކަށް ވެސް ނުކުރާ ފަދަ އިތުބާރެއް އޭނާއަށް ކުރާތީއެވެ. އޭނާ ދެކެ ލޯބިވާކަން އެނގޭތީއެވެ. ޒަހީނުގެ ލޮލަށް ބަލައިލަމުން ހިތާހިތާ ކިޔާލެވުނެވެ. އަނެއްކާ މަގޭ މުސްތަޤުބަލުގެ ފިރިމީހާ މަށާ މެދު ބާއްވާނީ މަގޭ ދޮންބައްޕަ ވެސް މަންމަޔާ މެދު ބޭއްވި ކަހަލަ ގުޅުމެއް ނޫން ބާވައެވެ؟ އެއީ ހަސަދަޔާއި ލޯތްބާއި ފަޚުރު އެކުވެފައި އޮތް ގުޅުމެކެވެ. ހަސަދަ އޮތީ ތިމާގެ އަނބިމީހާއަކީ ފިރިމީހާގެ މައްޗަށް ބުރަނުވެ އަމިއްލަ މަސައްކަތުން އުޅެވޭ މުސްތަޤިއްލު އަންހެނަކަށް ވާތީއެވެ. އަނބިމީހާއާ މެދު ފަޚުރުވެރިވަނީ ވެސް ހަމަ އެސަބަބަށްޓަކައެވެ.

“ރިފާ ހާދަ ބޮޑު ވިސްނުމެއްގެ ތެރޭގައި؟” ޒަހީނުގެ އަޑަށް ރިފާ ސިހިގެން ދިޔައެވެ.

“މިވިސްނެނީ ގޭގެ ކަންތަކާ މެދު. އަހަންނަށް ލިބެން އޮތް ބައި އަހަންނަށް ދެވެން ނެތް ކަމަށް ދޮންބައްޕަ މިއަދު ބުނެފި.އެކަމާ ހިލުނު ރުޅިގަނޑު އަދިވެސް މިއުޅެނީ ނުހިނދިގެން. ދަރިޔަކު ހުއްޓާ ދޮންދަރިޔަކަށް ގެއިން ބައެއް ދިނުމީ ހަމަޖެހޭ ކަމަކަށް ނުވާނެ ޔޯ! އެބުނާ ދަރިޔަކީ އެއުޅޭ ފިޔާޒު”

ޒަހީނު ދުރުބަލަހައްޓައިގެން ހިނދުކޮޅަކު އިނެވެ. ދެން ފިކުރުވެރި ގޮތަކަށް ހޮޅިން އޭނާގެ އަނބުދިޔަ ތަށިން އެތިފޮދެއް ދަމާލައިފައި ކިޔައިފިއެވެ.

“ތިޔަ ކަމުގައި މަށަށް ވެސް ބުރަވެވޭނީ ދޮންބައްޕަގެ ކޮޅަށް. އަހަރެން ވެސް ދަރިޔަކު ބާކީކޮށްފައި ގެއިން ބައެއް ނުވަތަ ބުރިއެއް ދޮންދަރިއަކަށް ނުދޭނަން”

“އެހެންވިއްޔާ ފުރަތަމަ ދުވަހު ވެސް އެގޮތަށް ތެދު ބަހުން މަންމަ ގާތުގައި ބުނި ނަމަ ނިމުނީއެއް ނު؟ ކީއްކުރަން ކޮންމެހެން މަށަށް ބައެއް ދޭނެ ކަމަށް ބުނެ މަންމަގެ ފައިސާކޮޅު އަތުލަންވީ!”

“މަންމަ ތިޔަ ފައިސާއެއް ދޭނީ ދޮންބައްޕަގެ ދެދަރީން ވެސް މަންމަ ގާތުގައި ތިބީމާ!”

“ޒަހީނުގެ ވިޔަފާރީގެ ބުއްދި ހާދަ ގަދައޭ ދޯ! އަހަންނަށް އަހަރެންގެ މަންމަ އެނގޭ! އަހަރެން ވަރަށް ކުޑައިރު ބައްޕަ ނިޔާވެފައިވާތީ މަންމަ ވިސްނީ އަހަންނާ މެދުގައި!” ރިފާ މި ވާހަކަ ބުނީ ނުވިސްނޭ މީހަކަށް ވިސްނައިދޭ ރާގުގައެވެ.

ރިފާގެ ވާހަކަޔާއި ރާގުން ދެމީހުންގެ ދެމެދަށް ނުތަނަވަސްކަން ވެރިވުން ނޫން ކަމެއް ނުވިއެވެ. ޒަހީން އިނީ ހިނިތުންވުން ގެއްލި ހަމަހިމޭންވެފައެވެ. އުއްމީދު ނުކޮށް ހުރި ނުބައި ޚަބަރެއް ލިބުނު މީހެއް ފަދައެވެ. ދެކެވުނު ވާހަކައިގެ މިސްރާބު ބަދަލުކޮށްލައި ކުރީގެ އުފާވެރިކަން އަނބުރާ ގެނައުމުގެ ނިޔަތުގައި ރިފާ ކިޔައިފިއެވެ.

އެޖަހާ ރީތި ލަވަ އަހާލަ ބަލަ!”

“ހުވަފެންތަކުގައި ކަލާ ވާނަމަ

އެނގޭ މާނަޔަކީ ކޮބައި ހެއްޔެވެ؟

މީސްމީހުން ކުރެން ކަލާގެ ވާހަކަ އަހައިލެވޭ ނަމަ

އެނގޭ މާނަޔަކީ ކޮބައި ހެއްޔެވެ؟

އެދޭވޭ ހިތަށް އިންކާރުކޮށް އިންޒާރު ދެވޭނަމަ

އެނގޭ މާނަޔަކީ ކޮބައި ހެއްޔެވެ؟

އިންތަކާއި މިންތައް ވިރިގެން ހިނގައްޖެ ނަމަ

އޭގެ މާނަޔަކީ ކޮބައި ހެއްޔެވެ؟

ބީވާ މަތިން އުދުހެވޭ އިރުވެސް ބީވެދާނޭ ބިރުހީވާ ނަމަ

އެނގޭ މާނަޔަކީ ކޮބައި ހެއްޔެވެ؟”

                        (ނުނިމޭ)


 

About the author
Leave Comment