= ފާދިއްޕޮޅު އަތޮޅުވެރި ދޮންކަލޭގެފާނު= ފާދިއްޕޮޅު އަތޮޅުވެރި ދޮންކަލޭގެފާނު ފަހުން އަލްމުޙްތަރަމް ޢަބްދުލްޙަކީމް ކާންނާކަލޭގެފާނު (ރަޙިމަޙުﷲ) ގެ މި ލިޔުއްވުން ނަކަލުކޮށްފައި މިވަނީ، މީގެ 71 އަހަރު ކުރީން އާދެ! 1 ރަބީޢުލްއައްވަލު 1367 ގައި ނުކުތް ” ސަރުކާރުގެ ޚަބަރު” ގެ 15 ވަނަ އަދަދުންނެވެ. ____________________ އިންސާނާ، އުފެދުނީއްސުރެން، މިހައިތަނަށް އޭނާގެ ކަންތައް، ވެގެންދިޔަގޮތާއި މެދުގައި ވިސްނި ކޮންމެ މީހަކު އަޖާއިބު ނުވާނޭ ހެއްޔެވެ؟ ވެގެންދިޔަ ގޮތްތަކުގެ ސިއްރުތައް ހޯދުމުގައިވިސްނުމުގެ ފަހުލަވާނުން ހުއްޓުންނާރާނޭ ހެއްޔެވެ؟…

= ފާދިއްޕޮޅު އަތޮޅުވެރި ދޮންކަލޭގެފާނު=

image-0-02-05-376b2ad44116c979b0cb19e8acabb989e4037a9e8f8d4edd9ecbfe5a941675bb-Vފާދިއްޕޮޅު އަތޮޅުވެރި ދޮންކަލޭގެފާނު ފަހުން އަލްމުޙްތަރަމް ޢަބްދުލްޙަކީމް ކާންނާކަލޭގެފާނު (ރަޙިމަޙުﷲ) ގެ މި ލިޔުއްވުން ނަކަލުކޮށްފައި މިވަނީ، މީގެ 71 އަހަރު ކުރީން އާދެ! 1 ރަބީޢުލްއައްވަލު 1367 ގައި ނުކުތް ” ސަރުކާރުގެ ޚަބަރު” ގެ 15 ވަނަ އަދަދުންނެވެ.

____________________

އިންސާނާ، އުފެދުނީއްސުރެން، މިހައިތަނަށް އޭނާގެ ކަންތައް، ވެގެންދިޔަގޮތާއި މެދުގައި ވިސްނި ކޮންމެ މީހަކު އަޖާއިބު ނުވާނޭ ހެއްޔެވެ؟ ވެގެންދިޔަ ގޮތްތަކުގެ ސިއްރުތައް ހޯދުމުގައިވިސްނުމުގެ ފަހުލަވާނުން ހުއްޓުންނާރާނޭ ހެއްޔެވެ؟

     ފެންނަނީ ފިކުރުތައް ޙައިރާން ކުރާފަދަ ހެކިތަކެކެވެ. ނަޒަރުތަކަށް ހުއްޓުން އަރުވާފަދަ ކަންތައްތަކެކެވެ. ނުހަނު ތުނިތުނި ހަމެއްލެވިފައިވާ، ފޭރާމެއްނެތް ހާވިޔާ ހަށިގަނޑެކެވެ. ބަލިކަށި މުލައްދަޑިއެކެވެ. ހުންނާން ޖެހުނީ ދިރިއުޅުމުގެ ބޮޑަތި ރާޅުތަކެއްގެ ތެރޭގައި، އެކަނިވެރިގޮތެއްގައެވެ. އާލަމުގެ އޮއިވަރުގެ ތެރޭގައި، ރެކުމަކަށްފަހު ރެކުމެއްހޯދާ ހާލެއްގައެވެ.

     ވަށައިގެން ފެންނަނީ ނުލާހިކު އުސް ފަރުބަދަތަކާއި، ބޯވެ އަނދިރިވެގެންވާ، ބިޔަ ޖަންތަލީތަކެވެ. މަތީގައިވާ ނޫކުލައިގެ އުޑުގެ ތަނަވަސްކަމާއި،ތަރިތަކުގެ، އަލިކަން، މީނާއަށް ދެނީ ޙައިރާން ކަމެވެ.

     ބޯޖަންގަލީގެ ތެރޭގައިވާ ސިންގާތަކުގެ ގަދަފަދަ އަޑުތަކުން ލިއްބަނީ، ހިފެހެއްޓުމެއްނެތް ބިރުވެރިކަމެވެ. ވަހުޝީ ޖަނަވާރުތައް ދިމާކުރަނީ މީނާ ދިރިއުޅުނަ ނުދިނުމަށެވެ. މިފަދަ އެކަނިވެރި ހައިރާން ގޮތެއްގައި ވަނިކޮށް، މޫސުމްގެ ހޫނުކަން މީނާ މިލުވައެވެ. ފިނި މޫސުމުގެ ފިނިކަން ނާރުތަކަށް ބުރޫއަރުވައެވެ. ބަނޑުހައި ކަމާއި އަގަހިއްކުން، އޭގެ ތޫނުކަމާއިއެކުލިއްބައެވެ.

     އިންސާނާ މިދުނިޔޭގައި ފަށައިގަތް އިރު ޙާލު ހުރީ މިގޮތަށެވެ. ދެން، މީނާގެ ކަންތައްވަމުން ދިޔައީ ކިހިނަކުންބާވައެވެ؟

     ކަންވަމުން ދިޔަ ގޮތަކީ މިނިކަމެތި، ހަށިގަޑުގެ ވެރި އިންސާނާ ދުވަސްތަކަކަށް ފަހުގައި މީނާއަށް ދިމާވާ ކޮންމެ ކަމަކާއި، ދިމާކުރަނީ، ފިސާރި ހީވާގި ހިތްވަރުގަދަ ބަތަލެއްގެ ގޮތުގައެވެ. ކުރަމުން ގެންދާ ކަންތައްތައް މީނާ ނޫންއެހެން ހުލްޤުންނާއި، އެކަށީގެންނުވާ ހިސާބެއްގައެވެ.

     އާދޭހޭ! ބިމުގެ އެއްމެހައި ކަންތައްތައް މީނާގެ ކިޔަމަނުގެ ދަށުގައި، ލައިފިއެވެ. ޖެހޭކޮންމެ ބޮޑުކަމަކީ، މީނާގެ ފިޠުރަތުގެ ނޫރު ގަދަކޮށް ފުރާނައިގެ ބާރު އިތުރުކުރާ ކަމެއްކަމުގައި ދެކެފިއެވެ. ސިއްރަކީ ކީރިތި ﷲ އިންސާނާގެ ފިޠުރަތުގައި ލައްވާފައިވާ، ޖައުހަރެއްގެ ތަނަވަސްކަމާއި ތޫނުކަމެވެ.

     ތަރައްޤީގެ މައިދާންގައި އިންސާނާ ކުރިއަރަމުން އައީ ހަމައެކަނި، މާލިއްޔަތަކުން ނޫނެވެ. ހަރުދަނާ އަޚްލާޤާއި، އިންސާނިއްޔަތުގެ ގޮތް ތަކުންވެސް އައީ ތަރައްޤީ ވަމުން، ފުރިހަމަވަމުންނެވެ.

     އެންމެ ފުރަތަމަ، މަދަނިއްޔަތުގެ ނޫރު ވިދާލިކަމުގައި ތާރީޚް ވެރިން ބުނަނީ، މިޞްރާއި، ހިންދުކަރަ އިންނެވެ. އެއީ މިނޫންތަންތަނަށް ވުރެ ހައެއްކަހާސް، އަހަރު ކުރީގައެވެ. މިޞްރާއި، ހިންދުގައި، ޤާނޫނުތައް ހަދައި، ބިނާތައް ހެދިއެވެ. ދެންމީގެ ފަހުގައި  އާޝޫރީ،ބާބިލީ، މައިދީ، ފާރިސީ، މި ޤައުމުތައް ކުރީން ބުނި ދެތަނާއި ވިދިގެން މަދަނިއްޔަތު ލިބިގަތެވެ. ސީނުކަރަވެސް މަދަނިއްޔަތުގެގޮތުގައި އެތަކެއް ހާސް އަހަރު، އޮތްކަމަށް ބުނެވެއެވެ. މިއިން ކޮންމެ އުއްމަތަކީވެސް މީގެ ފަހުގައި މަދަނިއްޔަތު ލިބިގަތް، އުއްމަތްތަކަށް، އަލިއަޅުވައިދިން އުއްމަތެއްކަމުގައި ވެއެވެ.

     ދެން، އެކިއެކި އުއްމަތްތައް މަދަނިއްޔަތުގެ ފައިތިލައިގެ މައްޗަށް، ތެދުވަމުން، ވެއްޓެމުން އައި އައުމުގައި ޔޫނާނީ ދައުލަތް މަދަނިއްޔަތަށް އެތައް ކަންތައްތަކެއް އިތުރުކޮށް އެދުވަސްވަރުގައި ޔޫނާނީންނަށް ދަރަނިވެރި ނުވާ އުއްމަތެއް ނެތޭ ބުނެވޭ ދަރަޖައަކަށް ކުރިއަރައިގެން ދިޔައެވެ. އެދުވަސްވަރުގެ ޔޫނާނީ އުއްމަތުގެ އާޘާރު އަދި އަދަށްދާނދެން އެބަހުއްޓެވެ.

     ދެންމިޔާއި ވިދިގެން ހަނގުރާމައިގެ ކޮޅިކޮޅިގަނޑުގެ ނަގޫތައް، ދުނިޔޭގެ ކަންކޮޅުތަކުގައި ގިނަވެ ފިތުނަ ފަސާދުގެ ދުންތަކުން ދުނިޔެއަށް ހާސްކަން، ލިބުމުގެ ތެރޭގައި ޔޫނާންއަށާއި، މިނޫންތަންތަނަށް ލިބިފައިވާ މަދަނިއްޔަތުގެ ހިނދޫ ކުރިތައް މިލައި، އޭގެ ބިނާތައް ބިންގަލުން ގުޑައި ވިއްސިވިހާލިވެ ހިގައްޖެއެވެ.

     ދުނިޔެއަށް އެންމެ ފުރަތަމަ އިންސާނާ އައިއިރު ލިބިފައިވާ ނާމާން ކަމަށްވުރެ، ބިރުވެރި ނާމާންކަމެއް ދުނިޔެއަށް ވެރިވީ އެވެ.

     އާދޭހޭ! ފުރަތަމަ އިންސާނާ ދުނިޔެއަށް އައިސް، އެއްގޮތަށްވުރެ ގިނަގޮތުން، މިނިކާސޫފިތައް ދިފާޢުކޮށް އިންސާނާއަށް ނަޞްރުލިބި، ހުރިހައި، ޖަނާވާރުތައް، މީނާގެ ކިޔަމަނުގެ ދަށުގައި ލުމަށްފަހުގައި، ދެން މިޖެހުނީ އިންސާނުން އިންސާނުންނާއި ހަނގުރާމަކޮށް ދުނިޔޭގެ ބިންގަޑު މީނާގެ ލެއިން މޮޑެލުމަށެވެ. ސަހަރޯއެވެ! ދުނިޔެއަށް އަރަމުން އައި މަދަނިއްޔަތުގެ އިރުގައި، ފިތުނަ، ފަސާދަގެ، “ކަޅުކޭތަ” ހަނގުރާމައެއްގެ ސިފައިގައި ހިފީއެވެ. ގަދަފަދަ މީހާގެ ތޫނުދަތްތަކުން ނިކަމެތި މީހާގެ ކަށިތައް، ހަފަނީއެވެ. އެމީހެއްގެ މުލައްދަޑީގައި ބާރެއް ހުރެފައި ވަކި ތޫނުވެއްޖެ ކޮންމެ މީހަކު ތިމާއީ، ކަލަކުކަމަށް ދަޢުވާ ކުރަނީއެވެ. މުސްލިޙަކު ވަޑައިގަތުމުގެ ދުވަސް ލަސްވެގެން ދުނިޔެ ހާސްވީއެވެ.

     ރަސޫލު ބެއިކަލުން ވަޑައިގަންނަވާއިރު ދުނިޔެ އޮންނަ ފަދައަކީ މިއެވެ. އެބައިކަލުން ވަޑައިގަންނަވަނީ، ޖާހިލުކަން އާއްމުވާ ދުވަސްވަރުގައެވެ. މަގުފުރެދުމުގެ ހާސްކަން ދުނިޔެއަށް ވެރިވާދުވަސް ވަރުގައެވެ.

     محمــــد صلى الله عليه وسلم أعظم المصلحين

     މާތްﷲ އެކަލާނގެ އަޅުތަކުން ޖާހިލުކަމުގެ އަނދިރީގެ ތެރެއިން، ނޫރުގެ ތެރެޔަށް ނެރުއްވުމަށާއި، ސާފުސީދާ ތެދުމަގަށް ގެންނެވުމަށް ހިޖާޒުކަރައިގެ، ޢަރަބިންގެ ތެރެއިން، محمـــد بن عبدالله خاتم النبيـين ، صلى الله عليه وسلم ، މިމާތް ކަލޭގެފާނުން މީސްތަކުންގެ ގާތަށް ފޮނުއްވުމުން، މާތްރަސްކަލާގެ މަގުގައި އެކަލޭގެފާނުން ކުރެއްވީ ޙައްޤު ޖިހާދެވެ. ވެދެވަޑައިގަތީ ނުލާހިކު ދަތި ކަންތައްތަކެއްގެ ތެރެޔަށެވެ. އުފުއްލެވީ ބަޔާން ނުކުރެވޭ ފަދަ ބުރައެވެ. ހިންގެވީ ކުޅަދާނަ ޙިކުމަތް ތެރިޔަކު ހިންގަވާންވީ އެންމެމަތި ވެރި މަގުންނެވެ. ޤައުމާއި ދިމާކުރެއްވީ ރިވެތި ވަޢުޟު ތަކާއި، ހަރުދަނާ ބަސްފުޅު ތަކުންނެވެ.

     ފައުޅުކުރެއްވީ، ގަދަފަދަ ދަލީލުންނެވެ. ޚަލްޤުތަކުންނަށް މަގުދެއްކެވީ، އެންމެސީދާ ތެދުމަގުންނެވެ.

     އެދިވަޑައިގަންނަވާ ކަންތައްތައް ފުރިހަމަވީ، އަޚްލާޤީ ޢިޖްތިމާޢީ، ކާމިޔާބަކުންނެވެ. ސިޔާސީ ނުފޫޒަކުން ނެވެ. ޙަރުބީ ނަސްރަކުންނެވެ.

     މަތިވެރި އިސްލާމްދީންގެ އަޑާއި ޢަމަލާއި، އެޔާދެކޮޅު ހަދާމީހުންގެ މައްޗަށް ގަދަވީއެވެ.

     ދުނިޔެއިން ނެތިދިޔަ މަދަނިއްޔަތުގެ ބިންގައު، ޙިޖާޒުކަރައިގައި ބެހެއްޓުނީއެވެ.    އާދޭހެވެ! ޢަރަބި އުއްމަތުގައި މުޙައްމަދުގެފާނުން ޙަޔާތުގެ ރޫޙް އުފައްދަވައި، ބިމުގެ އަހުލުވެރީންގެ ކަންތައްތައް، އިޞްލާޙު ކުރެއްވުމުގެ ބުރަ އުފުލޭ ވަރަށް ޢަރަބި އުއްމަތް ތައްޔާރުކުރެއްވީއެވެ.

     އާދޭހޭ! ޢަރަބި އުއްމަތް ނުހަނު އަވަސް މުއްދަތެއްގެ ތެރޭގައި ތައްޔާރު ވެގެން އައުމުގެ، އެންމެބޮޑު ބާރަކީ، އިލްމުތަކުގެ މަންބަޢުކަމުގައިވާ، ކީރިތި ޤުރްއާނެވެ. މާތް ރަސޫލާގެ ހިކުމަތްތެރި ބަސްފުޅުތަކެވެ. މިދެ އަޞްލު މައިގަނޑަކަށް ލައިގެން، އޭގައިހުރި މަގުން، ޢަރަބި އުއްމަތް ހިގަމުން، ހޯދައި ބަލަމުން، ޔޫނާނު، ފާރިސް، ހިންދު، މިތަންތާގެ ޢިލްމުވެރީން ގެންގުޅުނު ފޮތްތައް އެތައްމިތާގައި ބޮނދައިފައިވަނިކޮށް، ހޯދައިނެރެގެން ޢަރަބި ބަހަށް ތަރުޖަމާކޮށް، ދުނިޔެއިން ނެތިދިޔަ މަދަނިއްޔަތު އަލުން އަނބުރައި، ދުނިޔެއަށް، ގެނެސްފިއެވެ. މިގެނައި އައު، މަދަނިއްޔަތު ހުރިހައި ގޮތަކުންމެ މަތިވެރިއެވެ. ލާބަޔާއި މަންފާ ބޮޑެވެ.

     އާދޭހެވެ! ޢަރަބި އުއްމަތަކީ، އަރަހުރިހުސް ޠާހިރުވަންތަ މާތްﷲ ދުނިޔޭގައި މަދަނިއްޔަތު ފެތުރުއްވުމަށް، ޚާއްޞަ ކުރެއްވި އުއްމަތެކެވެ. މި އުއްމަތް ފޭބި ކޮންމެ ތަނެއްމެ، ތަމައްދުނާއި ތަހުޒީބުން ނުހަނު ކުރިޔަށްދިޔައެވެ.

     ކުރިޔަށް ދިޔަތަންތަނުގެ ތެރެއިން އެއްތަނަކީ، ޔޫރަޕުގެ އިސްޕޭނެވެ. އާދެ- އަންދަލުސް އެވެ. ހައެއްކަ ސަތޭކަ އަހަރާއި ގާތަށް، މަދަނިއްޔަތުގެ ފުރިހަމަގޮތުގައި ޢަރަބި އުއްމަތް ކުރިއަރައިފައި ވަނިކޮށް، [ ހޫލާކޫ ] ގެ މަޝްހޫރު ފިތުނަ ފެށި ޙަމަލާގައި، ޢަރަބި އުއްމަތް ނުލާހިކު އަޑި ވަޅުގަނޑަކަށް ވެއްޓިއްޖެއެވެ.

     މިވެއްޓުން ދުވަސްވަރުގެ ތެރޭގައި، އިސްޕޭން، އިންލައިފައި “މަދަނިއްޔަތު” ޔޫރަޕުގެ ކަންކޮޅުތަކަށް، އަރައިގެން ގޮސް، ޞިނާޢަތާއި، އެކިއެކި ޢިލްމުތައް، މިހާރު ޢާލަމުގައި، ނުހަނު މަތިވެރި ދަރަޖައަކަށް އަރައިފައިވަނިކޮށް ބެލިކޮންމެ މީހަކަށް ފެންނާނެއެވެ.

     ޝައްކެއްނެތެވެ. އިންސާނިއްޔަތަށް ޚިދުމަތް ކުރަމުންދާ ކޮންމެ ކަމަކީ، ސަލާމާއި ޞަލަވާތް ލެއްވި މުޙައްމަދުގެފާނުން އެންގެވި މާތް އިސްލާމް ދީނުގައި އެކުލެވިގެންވާ ކަމެކެވެ. އާދޭހެވެ! މަދަނިއްޔަތުގެ އަމަޔަކީ، އިސްލާމްދީނެވެ.

وصلى الله على سيدنا محمـد وعلى آله الاكرمين واصحابه الميامين

_________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment