-ޢަލީ ޙުސައިން ނައިފަރު- ފާދިއްޕޮޅު ނައިފަރު، އަލްފާޟިލް ޢަލީ ޙުސައިން (ރަޙިމަހުﷲ) ގެ މި ލިޔުއްވުމުގެ މިބައި ނަކަލުކޮށްފައި މިވަނީ، ”ފަތްތޫރަ” މަޖައްލާގެ 69 (ޑިސެންބަރު 1984) ގެ އަދަދުންނެވެ. _____________________      މީހުން ނޫޅޭ ގިނަ ފަޅުރަށްރަށް އޮންނަ ގޮތް މިހާރުވެސް އަޅުގަނޑުމެން ދެކެމެއެވެ. ލަފައި ފުރަން ރީތި ނެރުތަކުގެ ބަދަލުގައި އޮންނަނީ، ގާތަކުގެ ތެރެއިން ހަދާފައި އޮންނަ ހަނިހަނި ރޮނގެކެވެ. ފުން ވިލެއް އޮންނަ ރަށެއްނޫނެވެ. ފަޅު އޮންނަނީ، ހިކި ދިޔާގައި ބީހޭ ތިލަފަޅެކެވެ.…

-ޢަލީ ޙުސައިން ނައިފަރު-

20170308_000855ފާދިއްޕޮޅު ނައިފަރު، އަލްފާޟިލް ޢަލީ ޙުސައިން (ރަޙިމަހުﷲ) ގެ މި ލިޔުއްވުމުގެ މިބައި ނަކަލުކޮށްފައި މިވަނީ، ”ފަތްތޫރަ” މަޖައްލާގެ 69 (ޑިސެންބަރު 1984) ގެ އަދަދުންނެވެ.

_____________________

     މީހުން ނޫޅޭ ގިނަ ފަޅުރަށްރަށް އޮންނަ ގޮތް މިހާރުވެސް އަޅުގަނޑުމެން ދެކެމެއެވެ. ލަފައި ފުރަން ރީތި ނެރުތަކުގެ ބަދަލުގައި އޮންނަނީ، ގާތަކުގެ ތެރެއިން ހަދާފައި އޮންނަ ހަނިހަނި ރޮނގެކެވެ. ފުން ވިލެއް އޮންނަ ރަށެއްނޫނެވެ. ފަޅު އޮންނަނީ، ހިކި ދިޔާގައި ބީހޭ ތިލަފަޅެކެވެ. ޤުދްރަތީ ގޮތުން އޮންނަ ގާތައް ނޫނީ، ލެވިފައި އޮންނަ ތޮށްޓެއް ނޯވެއެވެ. މުޅިރަށުގައި އޮންނަނީ ވަލެވެ. ކަށިއަޅާ ބޯކޭލާ، ކުޅަނދުރާ، ކަޅުހިނި ހަފާ މަގޫގަސްތަކުގެ ޖަންގައްޔެކެވެ.

     ހަމަ މިގޮތަށް ނައިފަރަކީވެސް ކުރީ ޒަމާނުގައި، އެހެނިހެން ރަށްރަށްކަހަލަ ތޮށްޓެއް ފަޅެއް، ގެޔެއް މަގެއްނެތް ފަޅުރަށެކެވެ. މިހާރު މިއޮތްކަހަލަ ހިތްފަސޭހަ، ނާމާން ކަމެއްނެތް ޓައުނަކަށް މިފަޅުރަށް ޢިމާރާތް ވެފައިވަނީ، ދިވެހިތާރީޚުގެ މެދު ޒަމާނުގެ ދުވަސް ވަރަކުން ފެނިގެންނެވެ.

     ނައިފަރުގެ ތާރީޚަށް އަޅުގަނޑު މިބަލައިލަނީ، ލޮލުން ދެކިފައިވާ ޙަޤީޤަތް ތަކެއްގެ މައްޗަށާއި، އެ ޙަޤީޤަތްތަކުގެ އަލީގެ ތެރެއިން ފެންނަ މާޟީއަށެވެ. މީގެ ތެރޭގައި ލިޔެވިފައި ހުރި ބައެއް ލިޔުމާއި، މުސްކުޅިން ބުނާތީ އަޑުއަހާފައި ހުރިބައެއް ކަންތައް ހިމެނިގެން ވެއެވެ.

ނައިފަރުގައި މީހުން އުޅުން

     ނައިފަރުގައި މީހުން އުޅެން ފެއްޓި ތާރީޚެއް އެނގޭކަށް ނެތެވެ. ނަމަވެސް ނައިފަރަކީ، މެދުޒަމާނުގެ ކޮންމެވެސް ދުވަސްވަރެއްގައި މީހުން އުޅެން ފެއްޓި ރަށެއް ކަމަށް ވިސްނޭ ހެކިތަކެއް ފެނެއެވެ. އެއްކަމަކީ، އެހެނިހެން ބައެއް ރަށްރަށުގައި ހުންނަކަހަލަ، އެންމެ ކުރީޒަމާނުގައި މީހުން އުޅުނު ކަމުގެ ޢަލާމާތުގެ ތެރެއިންވާ ގާފުނިފުންޏާ، ތަރަހަތަރަހަގަނޑުކަހަލަ، އަދި ގަބުރުސްތާނު ކަހަލަ ތަންތަން ނުހުންނަ ކަމެވެ. އަދި ރަށަކީ ކުރީދުވަސްވަރެއްގައި މާބޮޑު ރަށެއްކަން އެނގޭނެ އަސަރެއްވެސް ނެތުމެވެ. ހުރުވަޅިޔާ، ދިއްފުށިމައިދޫ ގައި މީހުން އުޅުނު ދުވަސްވަރު ނައިފަރާ މަޑިވަރަކީ ހުޅުވަޅީ މީހަކަށް އޮތް ފަޅުރަށްރަށް ކަމާއި، އެރަށްރަށަށް ރާއަރަން ކޮތާފަރުގެ ބަޔަކު ލާފައި ތިބިކަމާ، ހުރުވަޅީގައި އުފެދުނު ފިތުނައެއްގައި އެމީހުންގެ ޢާއިލާ ނައިފަރަށް ހިޖުރަކޮށް ވަޒަންވެރިވީކަމަށް ލިޔެވިފައިވާ  ވާހަކައެއް ދުށީމެވެ. އެއީ ދޮގެކޭވެސް އަދި ތެދެކޭވެސް ކަނޑައަޅައި ބުނުމުގެ މަސްއޫލިއްޔަތެއް އުފުލާކަން އަޅުގަނޑު ނެތީމެވެ. ކޮންމެޔަކަސް، ހުރުވަޅިޔާ އަދި ޖާވަކަރައިގެ ބައެއް ރަށްރަށުގައި މީހުންއުޅުނު ކަމުގެ ލިސާންތައް، މާފިލާފުއްޓާ ކަނިފުށިންވެސް އެފަދަ އަސަރު ފެންނާން ހުރިފަދައިން، ފެންނާން އެބަހުއްޓެވެ. އެރަށް ރަށުގައި މީހުން އުޅުނު ދުވަސްވަރު ނައިފަރު ހިންނަވަރު ފަދަ ރަށްރަށް ފަޅުރަށްރަށުގެ ގޮތުގައި ހުރުމަކީ، ވަރަށް ގާތް ކަމެކެވެ. ހިޖުރައިން 1000ހ. ހައިތާ (ކަލާފާނުގެ ދުވަސްވަރު) ނައިފަރުގައި މީހުން އުޅޭނޭ ކަމަށް ފެނެއެވެ. އެހެނީ 1116ހ. ގައި ޙުސައިން ވެލާނާ ތަކުރުފާނު (ޙުސައިން ޝާހުބަންދަރު) ނައިފަރަށް އަރުވައިލެއްވި ކަމަށް، ތާރީޚްގައި ލިޔެވިފައި ވެއެވެ.

     ނައިފަރަކީ ވަރަށް ފަހުން މީހުން އުޅެން ފެއްޓި ރަށެއްކަމަށް 1345ހ. ހައިތާ ރަށުގެ ކަންތައްތައް ހުރިގޮތުންވެސް ވިސްނައި ގަނެވިދާނެއެވެ. އެއީ އަޅުގަނޑުގެ ހަނދާން ބިންވަޅު ނެގޭން ފެށި ދުވަސްވަރެވެ. ހަނދާނުގެ ކުރިމައްޗަށް އެދުވަސްވަރުގެ ނައިފަރު ޙާޟިރުކޮށްލައި، މަގުތަކާ ގެތައް ހުންނަގޮތް ޚިޔާލު ކޮށްލާއިރު ޔަޤީނާ ގާތަށް ރަށުން ފެންނަނީ 250 ވަރަކަށް ގެއެވެ. އެގެތައް އެޅިފައިވަނީ، ރަށުގެ ދެކޮޅުންވާ ވާގަނޑާއި،ގަސްރުއްތައް ދޫކޮށް، ރަށުގެ މެދަކާ ހަމައިންނެވެ. އެހެންކަމުން ހުޅަނގުފަރާތުން ގޮނޑުދޮށާ ހަމަޔަށް ފޯރާފައެއްނުވެއެވެ. އެފަރާތުގައިވެސްވަނީ ގަސްރުކާއި ޖަންގައްޔެވެ. އެހައިތަނަށް ޢިމާރާތް ވެފައިވަނީ ރަށުގެ 4/1 އެވެ. މިމަޒުމޫނު ލިޔާ ދުވަސްވަރު (1399ހ.) ނައިފަރުގައި ވަނީ 470 ގެއެވެ. ރަށްވަނީ ގާތްގަނޑަކަށް ފުރިފައެވެ. މިގޮތުން ބަލާއިރު މިދިޔަ 60 ވަރަކަށް އަހަރު، ކުރީން ގެދޮރު ނޭޅިއޮތް 4/3 ބައިގައި 220 ގެ އިތުރަށް އެޅިފައިވާއިރު، ރަށުގެ 4/1 ގައި ކުރިން ހުރި 250 ގެ އެޅިފައިވާނީ މާގިނަ އަހަރުތަކެއްގެ ކުރިޔަކުން ނޫނެވެ. ވީމާ ޝާހު ބަންދަރު އަރުވައިލެއްވިއިރު މާގިނަ ގެއެއް ނުހުންނާނޭ ކަމަށް ފެނެއެވެ. އެކަންވާނީ މީހުން އުޅެން ފެއްޓިތާ ވަރަށް ކައިރީ މުއްދަތެއްކަމަށެވެ. އަދި ސިޔާސީ ކުށްވެރިން ގިނައިން އަރުވައި ލައްވާފައި ހުންނަނީ، މީހުން މަދު ރަށްރަށަށެވެ.

     އަނެއް ހެއްކަކީ، 1197ހ. ގައި ނައިފަރު ކުޑަމިސްކިތަށް “ރާފުށްޓޭ ކިޔާ ރަށްގަނޑު” ވަގުފުކޮށްދެއްވި ކަމަށް އެނގޭ ފަތްކޮޅެއް އޮތުމެވެ. ތަނެއްގައި އެންމެ ފުރަތަމަ އުޅޭ މަދު މީހުންކޮޅުވެސް، ނަމާދުކޮށް އުޅޭނޭ ތަނެއް ހުންނާނޭކަން ޔަޤީނެވެ. އޭރު ހުންނާނީ ދަނޑިފަނުން އަޅާފައިވާ ނަމާދު ގެއެކެވެ. މީހުން ގިނަވެ، ހިރިގަލުން މިސްކިތް ޢިމާރާތްކޮށް، އެތަން ބެލެހެއްޓުމަށް ބޯގައެއް ލިބޭވަރަށް ދާނީ، ސަތޭކައެއް ދުއިސައްތައެއް އަހަރު ކަމަށް ބަލައިފިއްޔާ، މީހުން އުޅެން ފަށައިފައިވަނީ 1000ހ. ހައި ތާނގައެވެ. ފަތްކޮޅުގައި ކުޑަ މިސްކިތޭ އޮތުމުން، ދެވަނަ މިސްކިތެއްވެސް ހުރިކަމަށް ދަލީލު ކުރެއެވެ. އެއީ މީހުން ގިނަވިފަހުން އެޅި ހުކުރު މިސްކިތެވެ. މިގޮތްގޮތުން ބަލާއިރު، ނައިފަރުގައި މީހުން އުޅޭތާ 400 އަހަރަށްވުރެ މަދު ނުވާނޭކަމަށް ބުނެވިދާނެއެވެ. އަޅުގަނޑުމެން ކުޑައިވަރުއިރު ހުކުރު މިސްކިތުގެ ގަބުރުސްތާނަށް ވަދެ މަހާނަގައު ކިޔައި ހަދަމުއެވެ. އެންމެގިނަ ދުވަސްވެފައިވާ ގަލުގެ ތެރެއިން ވަރަށް މަދު ގަލެއް ނޫނީ ލިއެފައެއް ނުހުރެއެވެ. ބައެއްގާ ދިވެސް އަކުރުން ލިއެފައި ހުއްޓެވެ. ކިޔަން އެނގެނީ ޢަރަބި އަކުރުން ލިޔެފައި ހުންނަތަންކޮޅު ކޮޅާ، ޖަހާފައި ހުންނަ ތާރީޚެވެ. އެއް ހާހަށް ނާރާ  ތާރީޚެއް އޮތް ހަނދާނެއް ނުވެއެވެ. ބޮޑަށް ހަނދާންވަނީ އެގާރަ ސަތޭކަހައިވަރު ކަމަށެވެ. މިގޮތުން ވިސްނާއިރުވެސް ރަށުގައި މީހުން އުޅެނީ އެއްހާހާ ކައިރީގައި ކަމަށް ޔަޤީން ކުރެވެއެވެ.

     ހުކުރު މިސްކިތުގެ ހުޅަނގުން، މިސްކިތާ އެންމެގާތަށް ވަރަށްބޮޑު ދެގާ ޖަހާފައި ހުންނަ ބިސްތާނެއް ހުރެއެވެ. މުސްކުޅިން ބުނާ އަޑުއަހަނީ، އެއީ ދޮނަކުޅިޔަށް ހަނގުރާމަޔަށް ދިޔަ ލަޝްކަރުގެ މީހެއް ކަމަށެވެ. އެހަނގުރާމަ ހިނގާފައިވަނީ 1167ހ. ގައެވެ. އެގަލަކުން، އެއްވެސް ލިޔުމެއް ތާރީޚެއް ނޭނގެއެވެ.

ރަށުގެ މިނި

     ރަށުގެ އަޞްލު ދަރިކޮޅަކީ ކޮބައިކަމެއް އެނގިފައެއް ނެތެވެ. ފަހުން މަޝްހޫރުވެފައިވާ ދަރިކޮޅުތަކުގެ ތެރޭގައި، ކަޅު ހަސަންބޭ ދަރިކޮޅު،ދޮންމަބޭ ދަރިކޮޅު، ރަސްމޫސަބޭ ދަރިކޮޅު، އަދި މިނޫންވެސް ދަރިކޮޅުތައް ވެއެވެ. މި ދަރިކޮޅުތަކާ ހުރުވަޅީ ޢާއިލާޔަކީ އެއްސިލްސިލާ އެއްކަމެއް ނުވަތަ ނޫންކަމެއްވެސް އެނގިފައެއް ނުވެއެވެ. ފަހަކަށް އައިސް ވަރަށް ގިނަ އެހެން އަތޮޅުން ނައިފަރަށް އައިސް ވަޒަންވެރިންނަށް ވެފައިވާ ޢާއިލާތައް ވެއެވެ. ވީމާ އޭގެ ކުރިން ވެސް އެކިރަށްރަށުގެ މީހުން ވަޒަންވެރިވެފައި ތިބެދާނެކަން އެނގެއެވެ. ފަހަކަށް އައިސް ވަޒަންވެރިވެފައިވާ މީހުންގެ ތެރޭގައި، ފައިނު، މާކުރަތު، އުނގުލު، އުނގޫފާރު، ކުރެދިވަރު، މިލަދޫ، މަނަދޫ، ކަނޑޫދޫ، ފޯކައިދޫ، ފަރެހު، ހުޅުދެލި، ކާށިދޫ، މިނޫންވެސް ރަށްރަށުގެ ޢާއިލާތައް ވެއެވެ. ރަށު މީހުންނަށްވުރެ ބޭރުގެ ދަރިކޮޅުތަކުގެ މީހުން ގިނަނުވާނޭ ކަމެއްވެސް ނޭނގެއެވެ.

     ބޭރު މީހުން މިހައި ގިނައިން ނައިފަރުގައި ވަޒަންވެރި ވުމުގެ ސަބަބަކަށް ވިސްނެނީ، ރަށުގެފަޅާ ބަނދަރު ފަސޭހަތަނަކަށް ވުމާއި، ފުރައިދުއްވާ ތަކެތި ގެންގުޅެން ފަސޭހަވުމުން، މަސްވެރިކަން ރަނގަޅަށް ކުރެވޭ ތަނަކަށް ވުމެވެ. ފަލަމަޑިޔާއި އެއްގަމުގެ ކާތަކެތި ގިނައިން ހުންނަ ބޮޑަތި، މާރަށްރަށް ދޫކޮށް، ފަލަމަޑިއެއްނެތް މިކުޑަކުޑަރަށްގަނޑަށް އަންނާނޭ އެހެން ސަބަބެއް ނުވިސްނެއެވެ. ފަހަކަށް އައިސް އެންމެގިނައިން ބޭރު މީހުން އައިސްފައިވާ ކަމަށް ފެންނަނީ، ވޯރާ ވިޔަފާރިވެރިން މާލެއައިސް ކަނޑުމަހުގެ އަގުއަރައި، ބާޒާރަށް ހަނޑޫ، ހަކުރު ފޭރާން ފަދަ ތަކެތި ގެންނަން ފެށުމުން، މަސްވެރިރަށްރަށް ތަނަވަސް މުއްސަނދި ރަށްރަށަށް ވީކަމެވެ. މާލެ ފިޔަވައި ބޭރުރަށްރަށުގެ މީހުން ވަޒަން ވެރިވެފައިވާ އެންމެގިނަ ރަށަކަށް މިރަށް ވާނެއެވެ.

     ކުރީގައި މީހުން އުޅުނު، އަތޮޅުތެރޭގެ ރަށަކުން އައިސްތިބި ދަރިކޮޅެއްވާ ކަމެއް އެނގިފައެއް ނެތެވެ. ފަހަކަށް އައިސް ހިންނަވަރާއި ކުރެންދޫން މީހުން އައިސްފައި ވެއެވެ. 11 ޖުމާދިލްއާޚިރާ 1353ހ. ގައި، ނައިފަރުގެ ބަޔަކުގޮސް، މާފިލާފުށީގައި ވަޒަންވެރިވިއެވެ. ނަމަވެސް އެއް އަހަރު ވީތަނާ، އަނބުރައި އައީއެވެ. 1350ހ. ހައިތާ، ނައިފަރުގައި ތިބީ 1800 ހައި މީހުންނެވެ. މިހާރު (1399ހ.ގައި) 2810 މީހުން އެބަތިއްބެވެ.

(ނުނިމޭ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment