އިބްރާހީމް މާހިރު
ޒަކާތާ ގުޅޭ ވަރަށް ގިނަ ޙުކުމްތަކަކީ ގިނަ ބަޔަކަށް އޮޅުންފިލާފައި ނުވާ ޙުކުމްތަކެކެވެ. އެކަމުގެ އެންމެ ބޮޑު ސަބަބަކީ ޒަކާތުގެ ޙުކުމްތައް ދެނެގަތުމަށް ދެވޭ ސަމާލުކަން ކުޑަކަމެވެ. ނަމަވެސް، ދީނުގެ ގިނަ އަޅުކަންތައް ފަދައިން، ދެނެގަންނަންޖެހޭ މުހިއްމު ނުކުތާތަކެއް އެނގުމުން ޒަކާތުގެ ޙުކުމްތަކަކީ ވެސް އުނދަގުލެއް ނެތި އެނގިދާނެ ޙުކުމްތަކެކެވެ. އެގޮތުން ޒަކާތް ދައްކަންޖެހޭ މުދަލަކީ ކޮބައިކަމާއި، ޒަކާތުގެ ނިޞާބަކީ ކޮބައިކަމާއި، އެމުދަލަކުން ޒަކާތް ދައްކަންޖެހޭ މިންވަރާއި، ޒަކާތުގެ އަހަރު ގުނާގޮތް އެނގުމުން، ޒަކާތުގެ އެހެނިހެން ޙުކުމްތައް ވަރަށް ފަސޭހައިން ތިލަވެގެން ދާނެއެވެ.
ދީނުގައި ކަނޑައަޅުއްވާފައިވާ އެހެނިހެން ޚާއްޞަ އަޅުކަންތަކާ ޚިލާފަށް ޒަކާތުގެ މައުޟޫޢަކީ މުދަލެވެ. ޒަކާތުގެ ޙުކުމްތައް ދެނެގަނެ، އެޙުކުމްތަކާ އެއްގޮތަށް ޒަކާތް ދެއްކުމަށް ސަމާލުކަންދޭ މީހަކު ނަމަ، އެމީހަކު މުދާ ހޯދާގޮތާއި، އެމުދާ ހޭދަކުރާގޮތް ދީނުގައި ކަނޑައަޅުއްވާފައިވާ އިންތަކުގެ ތެރޭގައި ބެހެއްޓުމަށް ސަމާލުކަން ދޭނެއެވެ. އޭރުން ޒަކާތަކީ އެފަދަ މީހުންގެ މުދަލާ ގުޅިފައިވާ ޙައްޤުތައް އަދާކުރުމުގެ ބާރަކަށްވެ، މުދާ ބަރަކާތްތެރިވެ، އެމީހެއްގެ އިތުރުން އެމީހަކު ބަލަހައްޓާ އަނބިދަރިންނާއި، މައިންބަފައިންގެ ދިރިއުޅުން އުފާވެރިވާނެއެވެ.

މަހު މުސާރައިގެ ޒަކާތާބެހޭ ގޮތުން ވަކި މައުޟޫޢެއްގެ ގޮތުގައި މިޒަމާނުގައި ބަހުސްކުރަންޖެހޭ ސަބަބުތަކެއް ވެއެވެ. ކުރީ ޒަމާންތަކާ އަޅާބަލާއިރު، މިޒަމާނުގައި ގިނަ ބަޔަކަށް އާމްދަނީލިބޭ އެންމެބޮޑު ވަސީލަތަކީ އެމީހަކު އަދާކުރާ ވަޒީފާއިން ކޮންމެ މަހަކު ކަނޑައެޅިފައިވާ ވަކި މިންވަރަކަށް ލިބޭ މުސާރައެވެ. ޖެހިގެން އަންނަ މަސް ނިމޭއިރު، ކުރީމަހުގެ މުސާރައިން ބާކީ ހުރެއްޖެ ނަމަ އެފައިސާގެ ތެރެއަށް އާ މަހުގެ މުސާރަ ޖަމާވެގެން ދާގޮތަށެވެ. ކުރީމަހުގެ މުސާރައާއި ޖެހިގެން އަންނަ މަސްތަކުގެ މުސާރައާއި ގުޅުމެއް ނޯވެއެވެ. ގުޅުމެއް ނެތުމުގެ މާނައަކީ އަލަށް ލިބޭ މުސާރައަކީ، ކުރިން ލިބުނު މުސާރައިން ލިބުނު ފައިދާއަކަށް ނުވުމެވެ. ކުރިން ލިބުނު މުސާރަ އިންވެސްޓް ކޮށްގެން އެއިން ލިބޭ މަންފާއެއްނަމަ އެއީ، އެމުސާރައާ ގުޅިފައިވާ އެއްޗެކެވެ. އެއިން ފެޅި ކުރިތަކެކެވެ. ނުވަތަ ލިބުނު އިތުރު މޭވާއެވެ.

ޒަކާތުގެ އަހަރަކީ އެމީހެއްގެ މުދަލުގައި ޒަކާތުގެ ނިޞާބު ހަމަވުމަށްފަހު، އެ މުދަލަށް އަހަރެއް ފުރުމެވެ. އެގޮތުން ބަލާއިރު، 2015 ޖެނުއަރީ މަހުގެ މުސާރައިގެ ގޮތުގައި މީހަކަށް 10000ރ (ދިހަ ހާސް) ރުފިޔާ ލިބިއްޖެނަމަ، އެއީ ޒަކާތުގެ ނިޞާބު ހަމަވާ މިންވަރެކެވެ. އިސްލާމިކް މިނިސްޓްރީން ހާމަކުރާގޮތުގައި، މިވަގުތު ( 2015 އޮކްޓޯބަރ 23) ރާއްޖޭގައި ޒަކާތުގެ ނިޞާބަކީ 4557.70ރ އެވެ. ޒަކާތުގެ ޢާއްމު އުޞޫލުން ބަލާނަމަ، އިސްވެ ބުނެވުނު މީހާ އެމުސާރައިގެ ޒަކާތް ދައްކަންޖެހޭނީ އެއް އަހަރު ފުރުމުން، މުދަލުގައި ނިޞާބު ހަމަވާނަމައެވެ. ހަމަ އެމީހާއަށް ޖެހިގެން އަންނަ ކޮންމެ މަހަކު މުސާރަ ލިބެމުންދާނަމަ، އެއީ ވަކިވަކިން ލިބޭ މުދަލެވެ. ޒަކާތުގެ ޢާއްމު އުޞޫލުން ބަލާނަމަ، އެއިން ކޮންމެ މަހެއްގެ ޒަކާތުގެ އަހަރަކީ ވަކި އަހަރެކެވެ. ނަމަވެސް، ކޮންމެ މަހެއްގެ މުސާރައިގެ ގޮތުގައި ލިބޭ މިންވަރާއި، އެއިން ބާކީވާ މިންވަރާއި، އެ މުސާރައަށް އަހަރު ހަމަވާ ދުވަސް ވަކިވަކިން ބަލަންވެއްޖެނަމަ، އެވާނީ މުސްލިމުންނަށްޖެހޭ ވަރަށްބޮޑު ތަކުލީފަކަށެވެ.

އިސްވެ ބުނެވުނު ސަބަބަށްޓަކައި، ޢިލްމުވެރިން ވިދާޅުވާގޮތުން މި ޙާލަތުގައި އެންމެ ރައްކާތެރި ގޮތަކީ އަދި އެންމެ ފަސޭހަ ގޮތަކީ، ތިމާގެ މުދަލުގައި ޒަކާތުގެ ނިޞާބު ހަމަވި ދުވަސް ބަލައި، އެމީހެއްގެ ނިސްބަތުން ޒަކާތުގެ އަހަރު އެދުވަހަކުން ގުނުމެވެ. އަހަރު ހަމަވާއިރު، ޒަކާތުގެ ނިޞާބު ހަމަވާވަރަށް ފައިސާ ހުރެއްޖެނަމަ، ހުރި މިންވަރެއްގެ 2.5 ނިސްބަތަށްވާ މިންވަރު (40 ބައިކުޅަ 1 ބައި) ޒަކާތުގެ ގޮތުގައި ނެރޭނީއެވެ. އޭރުން އެމީހަކަށް ފަހުން ލިބުނު ފައިސާގެ ޒަކާތް އެދެއްކެނީ އަހަރު ހަމަވުމުގެ ކުރިންނެވެ. އަހަރު ހަމަވުމުގެކުރިން ޒަކާތް ދެއްކުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. ނަމަވެސް ޒަކާތުގެ އަހަރު ހަމަވާއިރު، ދައްކަންޖެހޭ ޒަކާތް ނުދައްކައި ފަސްކުރުން ހުއްދައެއް ނޫނެވެ.
މުދާ އިސްރާފު ކުރުމެއްނެތި، އެމީހަކަށް ލިބޭ މިންވަރަކުން ހޭދަކުރުމުގެ ސަބަބުން އަހަރު ހަމަވާއިރު، ޒަކާތުގެ ނިޞާބު ހަމަވާވަރަށް އެމީހެއްގެ މިލްކުގައި ފައިސާ ނުހުންނަ މީހުން މިދެންނެވި ގޮތަށް އަހަރު ގުނައި، ޒަކާތް ދައްކާކަށް ނުޖެހޭނެއެވެ.

———————————–

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.