ކައި ނިމިގެން ތަށިތައް ނެގިތާ މާ ގިނައިރެއް ނުވެއެވެ. ވެއިޓަރު ކަޅު ފޯލްޑަރެއްގެ ތެރެއަށް ލައިގެން ބިލު ގެނެސް މޭޒުމަތީ ބާއްވައިފައި ހިނގައްޖެއެވެ. ފޯލްޑަރު ހުޅުވައިގެން ޒަހީނު ބިލަށް ބަލައިލައިފައި ގަމީހުގެ ޖީބުގައި އަތްޖައްސާލިއެވެ. އަދި ފަޓްލޫނު ޖީބުގައިވެސް އަތްޖައްސާލައިފިއެވެ. ދެވަނަ ފަހަރު ވެސް އަވަސް އަވަހަށް މިހަރަކާތްތައް ތަކުރާރުކޮށްލިއެވެ. ހާސްކަމުގެ ކުލަވަރު މޫނުމައްޗަށް އަރައިފައި ހުރެއެވެ. ރިފާ އަހައިލިއެވެ. “ކޯންޗެއް ތިޔަ ހޯދަނީ؟ ފައިސާ ދަބަސް ތަ؟” “ނޫން ފައިސާ ދަބަސް ފަޓުލޫނުގެ ފުރަގަހު ޖީބުގައި…

ކައި ނިމިގެން ތަށިތައް ނެގިތާ މާ ގިނައިރެއް ނުވެއެވެ. ވެއިޓަރު ކަޅު ފޯލްޑަރެއްގެ ތެރެއަށް ލައިގެން ބިލު ގެނެސް މޭޒުމަތީ ބާއްވައިފައި ހިނގައްޖެއެވެ. ފޯލްޑަރު ހުޅުވައިގެން ޒަހީނު ބިލަށް ބަލައިލައިފައި ގަމީހުގެ ޖީބުގައި އަތްޖައްސާލިއެވެ. އަދި ފަޓްލޫނު ޖީބުގައިވެސް އަތްޖައްސާލައިފިއެވެ. ދެވަނަ ފަހަރު ވެސް އަވަސް އަވަހަށް މިހަރަކާތްތައް ތަކުރާރުކޮށްލިއެވެ. ހާސްކަމުގެ ކުލަވަރު މޫނުމައްޗަށް އަރައިފައި ހުރެއެވެ. ރިފާ އަހައިލިއެވެ.

“ކޯންޗެއް ތިޔަ ހޯދަނީ؟ ފައިސާ ދަބަސް ތަ؟”

“ނޫން ފައިސާ ދަބަސް ފަޓުލޫނުގެ ފުރަގަހު ޖީބުގައި އެބައޮތް. މިހޯދެނީ މަގޭ އައިނު!”

“މަށާ ގިމަތަކައިރިން މަގުމަތިން ދިމާވިއިރު ތިޔަ އައިނެއް އަޅައިގެން ހުރީ. އޭގެ ފަހުން ނަގާ އަތަށް ލީ ތަން ދުށިން. ނަންބަރު އައިނަކީ ލޮލުގައި އޮންނަން ޖެހޭ އެއްޗެއް ނު؟”

“އެއީ ދުރު ބެލުމުގައި ފުސް ކަމެއް ހުންނާތީ ހަމައެކަނި ބޭރުގައި އުޅޭ އިރު އަޅައިލާ އައިނެއް. ކައިރި ފެނުމުގައި ފުސްކަމެއް ނުހުރޭ. އައިނާ ނުލައި ފޮތް ނުވަތަ ކޮންޕިއުޓަރު އިސްކިރީން ބަލައި ހެދުމަކަށް ވެސް ދައްޗެއް ނޫން! އަނެއްކާ މަށަށް އައިނު ޓެކުސީތެރެއަށް ދޫކޮށްލެވުނީ ބާ؟”

“ހީއެއް ނުވޭ. ޓެކުސީ އަށް އެރިއިރަކު ލޮލަކު ނުވަތަ އަތަކު އައިނެއް ނެތް. އެކަން މަށަށް ގައިމު!”

އެވާހަކަ ގަބޫލުނުކޮށް ޒަހީނު ޓެކުސީ ސެންޓަރަށް ގުޅާފައި ކާރުގެ ކުލައާއި ޑްރައިވަރުގެ ސިފަ ކިޔައިދީފިއެވެ. އަދި ޓެކުސީ އަށް އެރި ހިސާބާއި ގަޑި ވެސް ބުނެފައި ޓެކްސީގެ ފަހަތު ސީޓުމަތީ ނުވަތަ ސީޓު ދޮށަށް ވެއްޓިފައި ނަމަވެސް ލޯހަނި، ރަންދުނިގަނޑެއްލީ ނަންބަރު އައިނެއް އޮތްތޯ ބަލައިލަދޭން އެދުނެވެ. އެކޮޅުން މަޑުކޮށްލަން ބުނެފައި ފޯނު ކަނޑާލުމުން ޒަހީނާއި ރިފާ މަޑުކޮށްލައިގެން ތިބީއެވެ. އެދަނޑިވަޅުގައި ރިފާ ފޯލްޑަރު ނަގައި ބިލަށް ވަގުލޮލުން ބަލައިލައިފައި ބުނެފިއެވެ.

“އަހަރެން ބިލު އަދާކުރަން ތަ؟”

ޒަހީނު ކިޔައިފިއެވެ. “އަހަރެން ބިލު އަދާކުރާނީ. މީމަގޭ ދައުވަތެއް ނު!”

“ދެން ފަހަރަކުން ޒަހީނު ބިލު ދައްކައިދޭން ހުރޭ. މިފަހަރު ބިލުގެ ފައިސާ ދައްކާނީ އަހަރެން” ރިފާ އަތްދަބަސް ތެރެއިން ފައިސާ ދަބަސް ނަގައި އޭގެ ތެރެއިން ރަންކުލައިގެ ކުރެޑިޓް ކާޑު ނަގައި ބާއްވާފައި ފޯލްޑަރު ފަތްޖަހާލިއެވެ. ރިފާ ދެން ވެސް އުއްމީދުކޮށްގެން އިނީ ރިފާގެ ކުރެޑިޓް ކާޑު އަނބުރައި ރިފާ އަށް ދީފައި “ނޫނެކޭ މީ އަހަރެންގެ ދައުވަތުކޭ ބިލުގައި ހިފާނީ އަހަންނޭ” ބުނެ ޒަހީނު ބިލު ޖަހައިގަންނާނެ ކަމަށެވެ. އެކަމަކު އެކަމެއް ނުވިއެވެ. ޒަހީނު އިނީ ހަމަ ހިމޭނުންނެވެ. އަދިވެސް އައިނު ގެއްލުމުގެ ހާސްކަންމަތީގައި ކަންނޭނގެއެވެ. އެދަނޑިވަޅުގައި މޭޒުމަތީގައި އޮތް އޭނާގެ ފޯނުވާން ފެށުމުން ނަގައިފިއެވެ. އެކޮޅުން ގުޅީ ޓެކްސީ ސެންޓަރެވެ. އެމީހުން ބުނީ އައިނު ޓެކްސީތެރެ އަށް ދޫކޮށްލެވިފައި ނެތް ކަމަށެވެ. ރިފާ ނިތް އެއްލައިފައި ކިޔައިފިއެވެ.

“ކޮބާ؟ މަ ބުނީމެއް ނު!”

“މަގުމައްޗަށް ދޫކޮށްލެވުނީ ބާ! ތިޔައީ މަގޭ އަތުން ވަރަށް ނުވާ ޒާތުގެ ކަމެއް ރިފާ! ދަމާ ހިނގާ މަގުމަތީ އައިނު އޮތް ތޯ ބަލައިލަން.”

“ޒަހީނަށް ހީވޭތަ އެހައި ގިނަ މީހުންނާއި ދުއްވާ އެއްޗެހި ދަތުރުކުރާ މަގެއްގައި މިހައި ގިނައިރު ވާއިރު އައިނު ސަލާމަތުން އޮވެދާނެހެން. ދުއްވާ އެއްޗެއްގެ ދަށުވެ ނުވަތަ މީހެއްގެ ފައިދަށުވެ ފުނޑުފުނޑުވެފައި އޮންނާނީ!”

“އަޅެ ގޮސް ބަލައިލަމާ!”

ޒަހީނު ސެންޓަރަށް ގުޅާފައި “ކިބާވަރު” ދޮށަށް ޓެކްސީ އެއް ފޮނުވައި ދިނުން އެދުނެވެ.

ދެމީހުން ރަތް ޓެކުސީ އޮތް ހިސާބުގަނޑު މަގުމަތީ ލޯޖަހައިގެން ބަލަބަލައި ބަލިވީއިރު ވެސް އައިނެއް ނުފެނުނެވެ. މީހެއްގެ ފައިން އެރި ނުވަތަ ދުއްވާ އެއްޗެއްގެ ދަށުވެ ފުނޑުފުނޑު ވީ ނަމަ ބިއްލޫރި ކޮޅުތަކެއް ދުނިގަނޑެއް ވިޔަސް ފެންނާކަށް ނެތެވެ. ހިންދެމިލައި މާނޭވާއެއް ދޫކޮށްލައިފައި ޒަހީނު ކިޔައިފިއެވެ.

“އަރަތެއް ތާ!”

“އަރަތެއް ނޫން މަށަކަށް. ކޮންމެވެސް މީހަކު މަގުމަތިން ދެކެގެން އައިނު ގެންދިޔަ ކަމަށް ވާނީ!” ރިފާ ބުންޏެވެ.

“އެކަމަކު އެހެން މީހެއްގެ ނަންބަރު އައިނެއްގެ ކޮން ބޭނުމެއް އެމީހަކަށް ހިފޭނީ؟”

“ބޭނުން ނުހިފުނަސް ގެންދިޔައިމާ ތާ ނެތީ! ދެން އެންމެ ރަނގަޅުވާނީ އައިނު ހޯދުން ހުއްޓާލައިފައި ދެމީހުން އަތުގުޅާލައިގެން ހިނގާލަން ދިޔައްޔާ. ނުވަތަ އަތިރީ ރުއްތަކުގެ ހިޔަނި އެޅިފައިވާ ދިގު ގޮނޑިތަކުން ގޮނޑިއެއްގައި ޖައްސައިލައިގެން ތިބިއްޔާ! ފާރަވެރި ލޯތަކަށް ފަރުދާވެގެން ދެމީހުންގެ އަމިއްލަ ދުނިޔެއެއްގައި! ރޭގަނޑު އަދި ހަމަ ޒުވާން. ދެމީހުން ވެސް ޒުވާން. އަނދިރިކަން ފެތުރިފައި އޮތް ފަޅުތެރެއިން ދިއްލާ އަޅައިފައިވާ ސަފާރީ އުޅަނދުތައް ވެސް އެ ދައްކަނީ ކޮންފަދަ ރީތި އުއްމީދީ މަންޒަރެއް!”

ރިފާގެ ޝާއިރީ ޚިޔާލުން ކުރި ފައިދާއެއް ނެތެވެ. ޒަހީނުގެ ވިސްނުން އަދިވެސް ހުރީ އައިނުގައެވެ.

“އެކަމަކު އަލަށް ހެއްދިތާ ދިހަ ދުވަސް ނުވާ އައިނެއް ވިއްޔަ އެ ގެއްލުނީ!”

“އައިނުގެ ނަންބަރު އެބައޮތް ތަ؟” ރިފާ އަހައިލިއެވެ.

“ފައިސާލާ ދަބަހަށް ލީ ގޮތަށް އޮންނާނެ.”

“އެހެންވިއްޔާ އައު އައިނެއް ހައްދަން އަތުގައި އޮތް ނަންބަރު ދެވިދާނެ ނު؟”

“އެއައިނުގައި ބޭނުން ކުރި ނަންބަރުގެ ބިއްލޫރި މާލެއިން ލިބެން ނެތިގެން ތައިލެންޑުން ބިއްލޫރި ގެނެސްގެން އެމީހުން ހެއްދީ. އެކަމަށް ތިން ހަފުތާ ނެގި. އަގުވެސް އެހައި ބޮޑު. އަނެއް ފަހަރު އައިނަށް ތިން ހަފުތާ ނޫނީ އެއަށް ވުރެ ވެސް ދިގު އިންތިޒާރެއް ކުރަން ޖެހުނީ ތާ!”

“ގެނޭ ނަންބަރު މަގޭ އަތަށް. އަހަރެން ކޮޅުނބުން ނުވަތަ ދިއްލީން އައިނު ހައްދާފައި ފޮނުވަފާނަން. ގައިމުވެސް ތިން ހަފުތާގެ އިންތިޒާރެއް ކުރާކަށް ނުޖެހޭނެ. މާލެ އަށް ވުރެ އަގު ވެސް ހެޔޮވާނެ!”

ޒަހީނު ފައިސާ ދަބަސް ނަގައިގެން ހާވައިލައިފައި ނަންބަރު ކަރުދާސްގަނޑު ރިފާއަށް ދީފިއެވެ. ދެން ގަޑި ބަލައިލައިފައި ކިޔައިފިއެވެ.

“ރިފާ ގާތަކު އަދި ނުބުނެވޭ ތަ؟ މާދަން މި އުޅެނީ އައްޑުވަށް ފުރަން!”

“އެޔޯ؟ ސެމިނާ އޮންނަނީ މާދަން ނޫން އަނެއް ދުވަހު ނު؟”

“ސެމިނާ އަށް ހިފި މާލަމާއި ކުރަން ޖެހޭ ތައްޔާރުތައް ކުރަން އެކޮޅުން މީހަކާ ހަވާލުކޮށްފައި މިކޮޅުގައި ހުރެގެން ލަނޑެއް ލިބިދާނެހެން ހީވަނީ! ފޫކޮޅުގައި ރޯވަންދެން ނުހުރެ ޚުދު އަހަރެން ލޮލުން ބަލައި  ހަމަ ނުޖެހި ކަމެއް ހުރެއްޖެއްޔާ ކުރީބައިގައި ހަމަޖައްސައިލުން ބުއްދިވެރި ގޮތަކީ. މާދަމާ ހެނދު ހަތެއްގައި ގަމަށް ދާ ފުލައިޓުން ޖާގަ ލިބުނީ. ފަތިހު ތެދުވެގެން ގެންދަން ހުރި ތަކެއްޗާއެކު ހައެއްގެ ކުރިން އެއާޕޯޓަށް ދާން ޖެހޭނެ. މިއަދަކީ ވެސް ވަރަށް ބުރަކޮށް ތެޅެން ޖެހުނު ދުވަހެއް. މިރޭ ގެޔަށް ގޮސް އަވަހަށް ނިދަން އޮށޯތުން ހެން ހީވަނީ ރަނގަޅު ވާނީ!”

ރިފާ އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ.

ޒަހީނު ޓެކުސީއެއް ހޯދަން ފޯނުކޮށް ނުލިބިގެން އުޅެނިކޮށް ގިމަތައިން ނިކުތް ސައިކަލެއްގައި ގާތް ރައްޓެއްސެއް ކަމަށްވާ ޒުހުރީ އިންދާ ފެނިގެން ހަނާ އަޅާލުމުން އައިސް ގާތަށް މަޑުކޮށްލައިފިއެވެ. ޒަހީނު ބުނެފިއެވެ.

“ޅިޔަނާ މިއުޅެނީ ގެއަށް ދާނެ ޓެކްސީ އެއް ނުލިބިގެން. މަ ކަލެއާއެކު ގެންގޮސް ގޭދޮށަށް ވައްޓާލަ ދީބަލަ!”

“ފަހަތަށް އަރާ!”

ރަހުމަތްތެރިޔާގެ ބިޓާ ދިމާއަށް މާބޮޑަށް ނުބަލަންވެގެން ވައްކަޅި އަޅައިގެން އިން ޒުހުރީ އަށް ރިފާއާ ރީއްޗަށް ދިމާއަށް ބަލައިނުލައި ފަރެއްނުޖެއްސުނެވެ. އަދި ރިފާ އަށް އިޝާރާތްކޮށް ކިޔައިފިއެވެ.

“ހާދަ ރަނގަޅު ކަމެއް ހެން ހީވެއޭ!”

ޒަހީނު ހީނލިއެވެ.

“ޒުހުރީ! ކަލޭ މިތާ މަޑުކޮށްލާ އަހަރެން ރިފާ ދަތުރު އެރެހައްޓާފައި އަންނާނަން” ދެން ރިފާ އަށް ބަލައިލައިފައި ބުނެފިއެވެ. “ފުރަންދަމާ! ވަރަށް ދެރަ ދޯ މިރޭ މި ދިމާވި ގޮތް!”

“ދެން އަޅައިނުލާ” ފޫހި ގޮތަކަށް ތުން އަނބުރާލައިފައި ރިފާ ބުންޏެވެ.

“އަހަރެން އެނބުރި އައްޑޫން އަންނަން ދެން ރިފާ މާލޭގައި މަޑުކޮށްލާނަމެއް ނު؟ ކުރިން ބުނެވިފައެއް ނެތް ތަ؟ ސެމިނާއަކީ ފަސްދުވަހުގެ ސެމިނާއެއް. ޚާއްސަކޮށް ރިސޯޓުތަކާއި ހޮޓަތަކުގެ މުއައްޒިފުންނަށް، އާއްމުކޮށް ކާބޯތަކެތި ތައްޔާރުކޮށް އެތަކެތީގެ ޚިދުމަތްދޭ ހުރިހައި ފަރާތްތަކަށް އަމާޒުކުރެވިފައި އޮތް ސެމިނާއެއް. ހީކުރި ވަރަށް ވުރެ ވެސް ބޮޑު ތަރުހީބެއް ސެމިނާ އަށް ލިބިފައިވަނީ. ހުރިހައި ޖާގައެއް ވަނީ ވިކި ހުސްވެފައި!”
“ރަނގަޅު ތާ! ޗުއްޓީގެ މުއްދަތު އިތުރުކޮށްގެން ނަމަވެސް ޒަހީނު އެނބުރި އަންނަންދެން މާލޭގައި މަޑުކޮށްލާނަން!”

OOO

އައްޑުވަށް ފުރައިގެން ދިޔަ ފަހަކުން ޒަހީނުގެ ޚަބަރެއް ހިލަމެއް ނުވެއެވެ. ރިފާ ކިތަންމެ ފަހަރަކު ގުޅަން މަސައްކަތްކޮށްފިއެވެ. އެކަމަކު ގުޅޭނޭ ގޮތެއް ނުވިއެވެ. އެހެން އުޅެނިކޮށް އެއް ފަހަރަކު ގުޅުނެވެ. ޒަހީނު ބުނީ ސެމިނާގައި ދުވާލު އުޅެން ޖެހިފައިވާލެއް ބުރަކަމުން ނުގުޅެނީ ކަމަށެވެ. އަނެއްކޮޅުން ރޭގަނޑު ނިދަންވަންދެން އުޅެންޖެހިފައި އޮންނަނީ ސެމިނާ ހިންގުމަށް ގެނައި ބޭރުގެ ވަރަށް މަޝްހޫރު ދެބޭކަލަކު އެކަނި ނުކޮށް އެމީހުންނާ އެކުގައި ކަމަށެވެ. މިޖަވާބު ވީ ރިފާ ވަރަށް ހިތްހަމަ ނުޖެހުނު ޖަވާބަކަށެވެ. އެހެން ނަމަވެސް އެ ވާހަކައެއް ނުބުނެއެވެ. ބުނެލިހައި ވެސް އެއްޗަކީ އެނބުރި މާލެ އައުމުން ދައްޗެއް ނެތި ގުޅޭނެތާ އެވެ! ޒަހީނު އާނއެކޭ ބުންޏެވެ.

ޒަހީނު އެނބުރި އަންނަ ދުވަސް ޖެހިއްޖެއެވެ. އަންނަން އޮތީ އެދުވަހުގެ ހެނދުނު އެގާރަގަޑީގެ ފުލައިޓުންނެވެ. މެންދުރުން އަނބުރައި އެކެއް ޖެހި އިރުވެސް އިޝާރާތެއް ނުވުމުން ރިފާ އިސްވެ ގުޅައިފިއެވެ. މެސެޖު އައީ އެކޮޅުގެ ފޯނު އޮތީ ނިވާލައިފައި ކަމަށެވެ. އަސުރެއް ހައި އިރު ގުޅުމުން ވެސް ލިބުނީ އެ ޖަވާބެވެ. އެރޭ އިރާކޮޅު އެތަކެއް ފަހަރު ގުޅަން އުޅެގެންވެސް އެނޫން ނަތީޖާއެއް ނުނިކުތެވެ. ބުނަން ނޭނގޭ ޒާތެއްގެ ބިރުވެރިކަމެއް ރިފާ ހިތުގައި ވަކި ހިއްޕާލިއެވެ. އަނެއްކާ ޒަހީނަށް ކަމެއްވީ ބާވައެވެ؟ އެހެންކަމުން “ވީހައިވެސް އަވަހަކަށް ޚަބަރެއްކޮށްލަބަލާށޭ” ކިޔައިފައި މެސެޖެއް ފޮނުވާލިއެވެ.

ފަނަރަވަރަކަށް މިނެޓުހައިއިރު ފަހުން، ކޮޓަރީގައި އުޅެނިކޮށް ފޯނަށް މެސެޖެއް އައުމުން ބަލައިލިއިރު އެއީ ޒަހީނުގެ މެސެޖެކެވެ. އޭގައި ލިޔެފައި އޮތެވެ. “ރިފާ މަށާ ގުޅަން ވަރަށް މަސައްކަތްކޮށްފީމު ތާއެވެ. ނުގުޅުނީ ތީ ހިތާމަކުރަމެވެ. ގުޅޭހިތްވިޔަސް… ގުޅުމުގެ މާބޮޑު ބޭނުމެއް ނެތީއެވެ. އަހަރެމެން ދެމީހުންނަށް ވެސް ރަނގަޅުވާނީ ގުޅުން ކުރިޔަށް ނުގެންގޮސް މިހިސާބުން ނިންމައިލިއްޔާއެވެ. އަހަންނަށް ރިފާއާ ގުޅެވޭ ގޮތްވީ ވަކި އަތަކަށް ދުއްވަދުއްވާ ހުއްޓައި ނިވާރޯޅިއެއްގައި ޖެހި ރިޔާފުށުން ޖެހިފައި ހުރި ދަނޑިވަޅެއްގައެވެ. މިހާރު ހަމަރޯޅި ލިބިއްޖެއެވެ. ބަނޑު ރިޔާ ފުއްޕާލައިފައި ފެން ކަފައި އޮޑި ދުއްވައިގެންފިއެވެ. ސާދާ ބަހުން ބުނަން ހެއްޔެވެ؟ އަހަރެން އުޅުނީ ކުއްޖަކާ ރައްޓެހިވެގެންނެވެ. ކުއްޖަކީ ރިފާ ކަހަލަ ތޫނު، ތައުލީމީ، ތަހުޒީބީ، ނުވަތަ ހަސްތީ ތެރެއަށް ލޯހުޅުވިފައި ހުރި ކުއްޖެއް ނޫނެވެ. އެހެނަސް އެއީ އަހަރެންގެ ދިރިއުޅުމުގައި ފުރިހަމަޔަށް ބައިވެރިވެ އަހަރެންގެ ކުރިއެރުމަށް އެހީތެރިވެދޭނޭ ކުއްޖެކެވެ.”

ރިފާ އެނދުމައްޗަށް ބަންޑުންޖެހިއެވެ. ތޫފާނެއްގެ ގަދައިގައި ޖެހިގެން ރިޔަލަށް ނުކުޅަދާނަވެގެން ކަނޑުމައްޗަށް ބަންޑުން ޖެހި ދޯންޏެއް ހެންނެވެ. އެގޮތަށް ބަންޑުންޖެހިފައި ބާލީހުގައި މޫނު ޖަހައިގެން އޮވެވުނީ ކިހާއިރަކު ކަމެއް ނޭނގެއެވެ. ކެއުމެއް ހެދުން ބަދަލު ކުރުމެއް ވިޔަސް ނެތެވެ.ރޭ ދެބައިވެގެން ދިޔައިރު ވެސް “ކަނޑުވެ” ފިކުރާއި ޚިޔާލުތަކަށް ޣަރަގުވެފައި އޮވެވުނީއެވެ.

މަގޭ ދަތުރުގެ މިތުރާއެވެ.

އަހަރެމެން އެއް އޮޑިން ދަތުރުކުރީމެވެ.

އެކައްޗެއް ކައިބޮއި ހެދީމެވެ.

އެކަމަކު ކަލެޔަކަށް މަށެއް ނޭނގުނެވެ.

އަހަރެމެން މަލަ ފެންނަ ރަށަށް މިސްރާބު ހިފީމެވެ.

އެއް ދުރުމީން ބަލައި އުޅުނީމެވެ.

އެއް ލަވައެއް ކިޔައި އުޅުނީމެވެ.

އެކަމަކު ކަލެޔަކަށް މަށެއް ނޭނގުނެވެ.

ދެމީހުން ބަނދަރުޖެޙީމެވެ.

އުރުއްޓުން ބޮޑު ބޮއްކުރާ އަށް އެރީމެވެ.

އެކުއެކުގައި އެއްގަމަށް ފޭބީމެވެ.

އެކަމަކު ކަލެޔަކަށް މަށެއް ނޭނގުނެވެ.

އަނެއް ދުވަހު ރިފާއާ އެކުގައި ކިޔަވަން އުޅުނު މިތުރެއް ކަމުގައިވާ ޒާޝާގެ ދައުވަތަކަށް އޭނަޔާއެކު ދިޔައީ ހުޅުމާލެއަށެވެ. ވޭތުވެ ދިޔަ ހަފުތާއެއްހައި ދުވަހު އެރި ވައިގަނޑަށް ފަހު މިއަދު އޮތީ ރީއްޗަށް މަޑުވެފައެވެ. ނޫ ޖައްވުން އޮހޭ ސާފު އަވި ދުނިޔެ ދިއްލައި އަލިކޮށްފައި އޮތް ދުވަހެކެވެ. ކަނޑުފަޅުގައި އެހެރަ އޭގެ އަސްލު ކުލަތައް ވެސް “ދެރަނުވާށޭ އިރުވައިގެ ރީތި ދުވަސްތަކަށް ފެށުނީއޭ” ބުނެލައި ކަހަލައެވެ.

ފެރީދޯނިން ފައިބައިގެން ރިފާމެން ގިމަތައިގެ ދޮރޯށިން ނިކުމެއްޖެއެވެ. ތަންކޮޅެއް ދުރުގައި ޕާކުކޮށްފައި ހުރި ޒާޝާގެ ސައިކަލާ ދިމާއަށް ދާން އޭނާއާއެކު މަގުގެ އަނެއް ފަރާތަށް ކަށި ފައިވާން ހިއްލާލިތަނާ “ކަންމަތީ ފިހާރައިގެ” ކުއްޖަކަށް ރިފާ ފެނިގެން އެތެރެއަށް ޖެހިލައިފައި ދުވެފައި ކަހަލަ ގޮތަކަށް ނިކުމެއްޖެއެވެ. މުށުގައި ކަރުދާސްގަނޑަކަށްލައި އޮޅާލައިފައި އޮތް އެއްޗެއް އޮތެވެ. އެކުއްޖަކު އެ އަންނަނީ ރިފާއާ ބައްދަލުކުރަންކަން އެނގޭތީ ރިފާ ގަސްދޮށުގައި މަޑުކޮށްލައިގެން ހުރީއެވެ. ކޮން މޮޔައެއްވެގެން އުޅޭ ކުއްޖެއް ބާވައޭ ހިތަށް އަރާ ހާލުގައެވެ. ޖެހޭ ނަލަ ރޯޅިތަކާ ގަހުގެ ގޮފިތައް ހޫރޭއިރު ކޮކާ އަވިކޮޅުކޮޅު ރިފާ ލައިގެން ހުރި އޮރެންޖު ކުލައިގެ ސަލްވާރު ގަމީހުގައި ނަށަމުން ދިޔައެވެ.

ރިފާ ކުރިމައްޗަށް ހުއްޓިފައި ފިހާރައިގެ ކުއްޖާ ކަށި ރާގަކަށް އިނގިރޭސިބަހުން އަހައިލައިފިއެވެ.

“ތިޔައީ އިންޑިޔާ އަންހެނެއް ތަ؟”

ޖަވާބުގައި ރިފާ ދިވެހިބަހުން ބުންޏެވެ.

“ގައިގެ ކުލަވަރުންނާއި ލައިގެން ހުރި ހެދުމުން އިންޑިޔާ އަންހެނެކޭ ހީވީ ދޯ؟ އަހަންނަކީ މައް ދިވެއްސެއް!”

ފިހާރައިގެ ކުއްޖާ ރަކިވެގެން ހުރެ ދިވެހިބަހުން ބުންޏެވެ

“އެހެން ދޯ! މާފު ކުރޭ-“

ރިފާ ހީނލައިފައި ކިޔައިފިއެވެ.

“ނޫން މާފު އެދޭވަރުގެ ކަމެއް އަދި ނުވޭ!”

ފިހާރައިގެ ކުއްޖާ ގާތަށް ވެސް ހިނި އަތުވެއްޖެއެވެ. ކުރިން ރާގުގައި ހުރި ދުރުކަން ގާތްކަމަށް ބަދަލުވެއްޖެއެވެ. ރިފާއަށް ނިތް އެއްލައިފައި ކިޔައިފިއެވެ.

“ރައްޓެހި ފިރިހެންކުއްޖަކާ އެކު ކުރީ ރެއަކު އަހަރެމެން ފިހާރަ ކުރިމަތިން ޓެކުސީއަކަށް އެރީމެއް ނު؟”

“ކީއްތަވީ؟ ކޮށްގެން ނުވާނެ ކަމެއް ދޯ މަށަށް ކުރެވުނީ؟” ރިފާ ހިތި ގޮތަކަށް، ފުން މާނަލައި އަހައިލިއެވެ.

އެކުއްޖާ ބޯހޫރައިލައިފައި ބުންޏެވެ. “ލައިގެން ހުރި ހުދު ގަމީހާއި ނޫ ޖީންސުގައި އެރޭ ކަމަނާފާނު ފެނުނުލެއް ވަރަށް ލޯބި. އެހެންވެގެން–“

“އެވާހަކަ ބުނަންވެގެން ތަ ދުވެފައި ތިޔަ އައީ؟” ޝައްކުގެ ރާގަކަށް ރިފާ ބުންޏެވެ. އެއާއެކު ފެއަށް ފަހަތަށް ފިޔަވަޅެއް އެޅުނެވެ.

“ނޫނޭ. މިއޮތީ ކަލޭމެން އެރި ޓެކްސީ ދޮށަށް ވެއްޓިފައި އޮތް އައިނެއް. ކަލޭމެންގެ އެއްޗެއް ކަމަށް ހީކުރަން!” އެކުއްޖާ އަތުގައި އޮތް ތެލުގެ އަސަރު ހުރި ބާ ނޫސްކަރުދާސްގަނޑު ނިއުޅާލައިފައި ދައްކާލިއިރު އައިނަކީ ޒަހީނު ގެއްލިގެން އެއުޅޭ އައިނެވެ.

އައިނުގެ ވެރިޔާ ދެކެ އައިސްފައި ހުރި ރުޅީގައި އައިނު އަތުލައިފައި ފައިދަށުލައި ފުނޑާލަކަށް ރިފާ ކޮންމެހެން ބޭނުމެއް ނުވިއެވެ. މީގެ އަށްނުވަ އަހަރުކުރިން ނަމަ އޭނާޔަށް ޖަޒުބާތުގައި އެކަން ކުރެވުނީ ހީ އެ ގޮތަށެވެ. އޭރު އޭނާއަކީ ކިހަސްކަން ގަދަ އަންހެންކުއްޖެކެވެ. ނަމަވެސް މިހާރު އޭނާއަކީ ދޮންވެ ފައްކާވެފައި ހުރި އަންހެނެކެވެ.

ރިފާ އައިނަށް އިޝާރާތްކޮށް ކުއްޖާއަށް ބުންޏެވެ. “ކަލޭގެ ތިޔަ އިހުސާންތެރިކަމަށްޓަކައި ފަށްފަށުން ޝުކުރިއްޔާ! އެކަމަކު ތިޔައީ އަހަންނަކާ ވާކަމެއް ނޫން. އަހަންނާއެކު ޓެކްސީ އަށް އެރި ފިރިހެނާގެ އެއްޗެއް. އޭނާ އަށް އަހަރެން އަންގާލާނަން. އޭނާ އައިސް ނަގާފާނެ ތާ!” ދެން ކުރިން  ފަތްޖަހައިލައިފައި ފައިސާ ދަބަހަށް ލީގޮތަށް އޮތް ‘ނަންބަރު” ކަރުދާސްގަނޑު ދަބަހުން ނަގައި އެކުއްޖާ އަތަށް ދިއްކޮށްލިއެވެ. “ތިވެސް އޭނާގެ އެއްޗެއް. އޭނާ އަތުވެއްޖެ ނަމަ ރައްދުކޮށްދީ!”

ހިސާބަކަށް ހައިރާންވެފައި ހުރި ނަމަ ވެސް އެކުއްޖާ އެއްބަސްވުމުގެ ގޮތުން ބޯޖަހައިލައިފައި  ދިއްކޮށްލެވުނު ތަކެއްޗާ ހަވާލުވެއްޖެއެވެ.

ރިފާ ފަރިތަ އަތަކުން ޒަހީނަށް މެސެޖެއް ލިޔެފައި ފޮނުވާލިއެވެ.

“ޒަހީނު ގެއްލިގެން އުޅުނު އައިނު ހުޅުމާލޭ ފެރީ ގިމަތައިން ނިކުމެގެން މަގު ހުރަސްކުރާއިރު ދިމާކުރިމަތީ އެހުންނަ ފިހާރައިގެ ކުއްޖަކު ދެކެގެން ފޮރުވާފައި އެބަ އޮތެވެ. ފިހާރަޔަށް އައިސް އެކުއްޖާ އަތުން އައިނު ލިބިގަންނާށެވެ. ޒަހީނު އަހަންނާ ބައްދަލުކުރަން ބޭނުން ނުވެދާނެތީ ޒަހީނު ދިން ‘ނަންބަރު’ ކަރުދާސްގަނޑު ވެސް ޒަހީނަށް ދޭން އެކުއްޖާއާ ހަވާލުކޮށްފީމެވެ.”މިތަންކޮޅު ކިޔާލައިފައި ހިތި ހިތަކުން ވިޔަސް ހަލީސާއެއް މަރައިލަމުން އަންނަނިވި ތަންކޮޅު މެސެޖަށް އިތުރުކޮށްލިއެވެ.  “ދުރު ފެނުމުގައި ފުސްކަމެއް ހުރި ނަމަ ހުރީ މަށަށެވެ. ޒަހީނަށް ފުސްކަމެއް ހުރި ނަމަ އައިނު އަޅައިލަނިކޮށް އެކަން ފިލައިދާނެއެވެ!”

ލޮލަށް ގިނަވެގަތް ކަރުނަތައް ހިންދައިލައިފައި ދުނިޔެއަށް ރިފާ ދައްކައިގެން ހުރީ ހިނި މޫނެވެ. ތޮށަލި ދުޅަޔަށް ވަތް ދުވާ ދުނިޔޭގައި ނުރޯން އޭނާ އަށް ވަނީ ދަސްވެފައެވެ. އެހެންނަމަވެސް އަވިއައިނު އަޅައިގެން ހުރެވުނުކަން ރަނގަޅޭ ހިތަށް އެރިއެވެ. އެހެން ނޫން ނަމަ އެހައި ފަސޭހައިން ކަރުނަތަކެއް ނުފޮރުވުނީހެވެ. އަވިއައިނު ނަގައިފައި ބަލާ މީހަކަށް އެއެއް މިއެއް ނޭނގޭނޭ ކަހަލަ ގޮތަކަށް ކުޑަރުމާލުން ލޯ ފުހެލިއެވެ. އަދި ފިހާރައިގެ ކުއްޖާ އަތުން ޒަހީނުގެ އައިނު އަތުލާފައި ހަމަ އެރުމާލުން ރީއްޗަށް ފޮހެލައި ރުމާލާލައި އޮޅައިލައިފައި އަނބުރާ އެކުއްޖާ އަށް ދީފިއެވެ.

ކިހައި ހެއްވާ ކަމެއް ހެއްޔެވެ؟ ޒަހީނު މި ގެންގުޅެނީ ޖާދޫގެ އައިނެއް ނޫން ބާވައެވެ! އެ އައިނު ފުހެލުން ވީ ރިފާގެ ސިކުނޑީގެ އައިނު ވެސް ފުހެލުން ފަދަ ކަމަކަށް ވިއްޔާއެވެ. ވިލާގަނޑެއް ފަޅާލައިފައި ދިއްލާލި މެންދުރުގެ އިރުހެން ކުއްލިއަކަށް ހިތަށް ހާސާވެގެން ދިޔައީ ރޭއްސުރެ ފުށްކިބައިގައި ބޮނދައި އޮތް ޚިޔާލެކެވެ. ޝައްކެއް ވެސް ނެތެވެ. ރިފާހެން ހިތުގައި އޮތް އެތި ދިމާ އަށް ބުނެލުމަކީ ޒަހީނުގެ ނެތް ސިފައަކީއެވެ!

އޭނާ ބުނެފައި އޮތެއް ނޫން ހެއްޔެވެ؟ “ގުޅޭ ހިތްވިޔަސް … ގުޅާނޭ މާ ބޮޑު ބޭނުމެއް ނެތީއެވެ”. އަދި އޭނާ އަލުން އެ ގުޅުނު މަންޖެ އަށް އިޝާރާތްކޮށް “އެއީ ރިފާ ކަހަލަ ތޫނު، ތައުލީމީ ތަހުޒީބީ ކުއްޖެއް ނޫނޭ” ވެސް ބުނި ނޫން ހެއްޔެވެ؟

ކޮންމެ އެއްޗެކޭ ބުނެފައި އޮތަސް ޒަހީނުގެ ހަގީގީ ޖެހިލުންވުމަކީ ރިފާގެ ތޫނުކަމާއި ތައުލީމާއި ތަހުޒީބެވެ! އަނބީން ތިމާމެންހައި ނުވަތަ ތިމާމެންނަށް ވުރެ ތޫނު، ތައުލީމީ، ތަހުޒީބީ ބަޔަކަށް ވުމީ ފިރީންނަށް ބަލައިގަތުން ދަތި ކަމަކީއެވެ!

މި ވާހަކަތައް ސުވާލެއްގެ ސިފައިގައި ލިޔެ ޒަހީނަށް އައު މެސެޖެއް ފޮނުވާލިއެވެ. ދެން ކުރިޔަށް ނިތް އެއްލަމުން “ދަމާ ބަނހީއޭ” ބުނެ ޒާޝާއާ އެކު ހިނގައިގަތެވެ. ހިތަށް ފިނިކަން ލިބިފައި ހުރެއެވެ. ފޮނުވާލި ދުންޏަކީ ބަރާބަރަށް އަމާޒަށް ފޮނުވާލެވުނު ދުންޏެއްކަން އެނގޭތީ ލިބިގެން ދިޔަ ފިނިކަމެވެ.

-ނިމުނީ-

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
2 Comments
  1. ފަތީނާ

    އަސަރުގަދަ މިވާހަކައިގެ އަސަރުގައި ޖެހެވިއްޖެ.... ދެން އޮތީ ހަމަ ދިމާ ކުރިއަށް ހިނގައިގަތުން... މަރުނުގަންނަވާހާ ހިނދަކު ދިރިހުރި މީހާ ޖެހޭނީ ހިތްވަރުކޮށްގެން ކުރިއަށް ދާންތާއެވެ.

    (1)(0)
  2. ެއަހުމަދު ޝިޔާމު

    މަނިކުގެ ކޮންމެ ވާހަކަ އެއްގައި އާ ޚިޔާލެއް އުފަން ކުރުވައެވެ. ވާހަކަ އިންވެސް އަދަބިއްޔާތަށް އެ ތައް ފައިދާ ތަކެއް ކުރުވައެވެ. ފައްފަށުން ޝުކުރިޔާ ކައިރި މުސްތުޤު ބަލެއް ގައި މަނިކުގެ އާ ވާހަކަ އެއް ކިޔާލަން ލިބޭނެ ކަމުގެ އިންތިޒާރުގައި ހުރީމެވެ.

    (1)(0)
Leave Comment