(30 ޖެނުއަރީ 2017 ގައި ޝާއިޢުކުރެވުނު ބަޔާ ގުޅޭ) މިބައި ނަގައިފައި ވަނީ “ފަތްތޫރަ” މަޖައްލާގެ 176 ވަނަ ޢަދަދާއި( ނޮވެމްބަރު 1993) އާއި 178 ވަނަ ޢަދަދުންނެވެ(ޖެނުއަރީ 1994) ރޯދަމަހާއި ޢީދު   އިސްލާމީ ކޮންމެ މުޖްތަމަޢެއްގައިވެސް ރޯދަމަހަށް މަރްޙަބާ ކިޔުމުގެ ގޮތުން ޚާއްސަ ތައްޔާރުތަކެއް ކުރެވެއެވެ. މިގޮތުން ދިވެހި ކާބަފައިންގެ ދެދަރިކޮޅުކަމުގައިވާ މަލިކާއި ދިވެހިރާއްޖޭގައި ރޯދަޔަށް ތައްޔާރުވުމުގެ ގޮތުން ހިންގެނީ އެއްކަހަލަ ކަންތައްތަކެކެވެ. ރާއްޖެތެރޭގެ ރަށްރަށާއި މަލިކުގައިވެސް ރޯދަޔަށް ތައްޔާރުވުމުގެ ގޮތުން ހިންގޭ އެންމެ…

(30 ޖެނުއަރީ 2017 ގައި ޝާއިޢުކުރެވުނު ބަޔާ ގުޅޭ)

މިބައި ނަގައިފައި ވަނީ “ފަތްތޫރަ” މަޖައްލާގެ 176 ވަނަ ޢަދަދާއި( ނޮވެމްބަރު 1993) އާއި 178 ވަނަ ޢަދަދުންނެވެ(ޖެނުއަރީ 1994)

ރޯދަމަހާއި ޢީދު  

އިސްލާމީ ކޮންމެ މުޖްތަމަޢެއްގައިވެސް ރޯދަމަހަށް މަރްޙަބާ ކިޔުމުގެ ގޮތުން ޚާއްސަ ތައްޔާރުތަކެއް ކުރެވެއެވެ. މިގޮތުން ދިވެހި ކާބަފައިންގެ ދެދަރިކޮޅުކަމުގައިވާ މަލިކާއި ދިވެހިރާއްޖޭގައި ރޯދަޔަށް ތައްޔާރުވުމުގެ ގޮތުން ހިންގެނީ އެއްކަހަލަ ކަންތައްތަކެކެވެ.

ރާއްޖެތެރޭގެ ރަށްރަށާއި މަލިކުގައިވެސް ރޯދަޔަށް ތައްޔާރުވުމުގެ ގޮތުން ހިންގޭ އެންމެ ޚާއްޞަ ޙަރަކާތަކީ ގޯތިގެދޮރު ސާފު ތާހިރުކުރުމާއި، ގޭތެރެޔާއި ބަދިގެތެރޭގެ ތަޅުމާއި ފާރުތައް ދޮވުމާއި، ފާރުގައި އުވަލުމާއި، ވަޅުވަޅާއި ވެޔޮތައް ސާފުކުރުމާއި، ދަނޑިފަނުން އަޅައިފައި ހުންނަ ގޭގޭގެ ފުރާޅުތަކާއި ބިތްތަކާއި ބަދިގޭގެ ދުމަށިތައް އާކުރުމާއި، ގޭތެރެޔަށާއި ގޯތިތެރެޔަށް ކަށިވެލިލުމާއި، ރޯދަމަހަށް ބޭނުންވާ ދަރުކާށި ފަދަ ތަކެއްޗާއި ހަނޑޫހަކުރާއި ހަވާދުގެ ބާވަތްތަކާއި ކަދުރާއި ސަރުބަތާއި އެސެންސާއި ސާގާއި އިސްބަޣޫލު ފަދަ ފަނި ކެއްކުމާއި ފަނި ގިރުމާއި ބެހޭ ތަކެތި ހޯދުމެވެ.

ރޯދަޔަށް ތައްޔާރުވުމުގެ ގޮތުން މަލިކުގައި ކުރާ ގިނަ ކަންތައް އިހުގައި ކޮށް އުޅެނީ އަވަށް އަވަށުގެ ރައްޔިތުން ބައިވެރިވެގެންނެވެ. މިގޮތުން ކުރާ ކަންތައްތަކުގެ ތެރޭގައި، މަލިކުގައި ހުންނަ ބޮޑު ވަޅުތައް(ވެޔޮތައް) ސާފުކުރުމާއި، ބަންޑާރަޔަށް ގޮސް ކާށި އަޅައި ދަރުކޮށައި އެތަކެތި އަވަށު ދޯނީގައި އަވަށަށް ގެނައުން ހިމެނެއެވެ. ދަރާއި ކާށި އަވަށަށް ގެނެސް ގޭގޭގެ ނިސްބަތުން ބަހައިލަނީއެވެ. ފިރިހެނުން ތަކެތި ގެނެސް ބަހައިލުމުން އެތަކެތި ގެޔަށް ގެންދަނީ އަންހެނުންނެވެ.

ނަމަވެސް ރަށުގެ ބަންޑާރަގަނޑު ބޯބޯމައްޗަށް ބެހުމާވިދިގެން މިހާރު ކާށި އެޅުމާއި ދަރުގެނައުމަކީ ކޮންމެ ގެއެއްގެ މީހުން ވެސް އަމިއްލަޔަށް ކުރާ ކަމެކެވެ. ތަކެތި އުފުލުމަށް ދޯނިފަހަރުގެ ބަދަލުގައި މިހާރު ބޭނުން ކުރަނީ ‘ޓިއްލަރު” ނުވަތަ އޮޓޯ ފަދަ ދުއްވާ ތަކެއްޗެވެ.

ރާއްޖޭގައިވެސް ރޯދަޔަށް ހަނދުބަލަންދާ ފަދައިން މަލިކުގައިވެސް އެކަން އޮވެއެވެ. އިހުގައި މިއީ ވަރަށް ފޯރިއާއެކު ކުރާ ކަމެކެވެ. ހަނދުބަލަން ދަނީ މާހެފުމަށް ބޭނުންކުރާ ތަކެއްޗާއި، މަށައިފައި ހުންނަ ކާށި ފަދަ ތަކެތި ހިފައިގެންނެވެ. ހަނދުފެނުމުން ކާށިޖެހުމާއި “ހަނދޯތް” މިހެން ގޮވުން އޮވެއެވެ. “ހަނދޯތް” ގޮވުމުގެ ބޭނުމަކީ ރޯދަޔަށް ހަނދު ފެނުނުކަން ރަށަށް އިޢުލާނުކުރުމެވެ. ކާށި ޖެހުމަކީ އެއްކާށި ބިންމަތީގައި ބާއްވައިފައި އަނެއް ކާށިން ޖަހައި ކާށި ފަޅާލުމެވެ. މިއީ ވަރަށް ފޯރިގަދަކޮށް މުބާރާތެއް ކަހަލަ ގޮތަކަށް ހިނގާ ކަމެކެވެ. ނަމަވެސް މިއީ މިހާރު މާފޯރިގަދަކޮށް އޮންނަ ކަމެއް ނޫނެވެ.

ރާއްޖޭގައިވެސް އިހު ޒަމާނުގައި ރޯދަމަހަށް ހަނދުބަލާ ރެޔަށް އަންބަލަންލުމާއި މިފަދަ ކުޅިވަރުތައް އޮތް ފަދައިން މަލިކުގައި އޮތް ކަމެކެވެ. މިހާރު ރާއްޖޭގައި ހަނދުބެލުމުގެ އާދަ އިހާ އަޅާ ބަލާއިރު ކުޑަވެފައިވާ ފަދައިން މަލިކުގައި ވެސް އެކަން ހިސާބަކަށް ހީނަރުވެފައި ވަނީއެވެ.

ރޯދަމަހަކީ “އިސްރާފުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް” ކަމުގައި ދިވެހީންގެ ތެރޭގައި ވެފައި އޮންނަ ފަދައިން މަލިކުގައިވެސް ރޯދަމަހަކީ ކެއުމުގެ ޚަރަދު ވަރަށް ބޮޑު މަހެކެވެ. މީރު އެއްޗެހި ހެދުމާއި ކެއުމުގައި މަލިކުމީހުންނާއި ދިވެހީންގެ އެއްބައެއްވަންތަކަން ހާމަވެގެންދަނީ ވަރަށް ބޮޑަށެވެ.

ރާއްޖޭގެ މީހުންނެކޭ އެއްފަދައިން މަލިކު މީހުންވެސް ރޯދަވީއްލުމަށް(މަލިކު ބަހުރުވައިގައި ކޯދޮވުމަށް) ވަރަށް ގިނަ ހެދިކާ ތައްޔާރު ކުރެއެވެ.

މަލިކުގައި ރޯދަ ވިއްލާއިރަށް ތައްޔާރުކުރާ ބާވަތްތަކުގެ ތެރޭގައި ކަދުރާއި، އިސްބަޣޫލު ފަންޏާއި، އެކިވައްތަރުގެ ފަންޏާއި، ކަންޖާއި، ގުޅަޔާއި،

“މުގުއައްޕަނާއި”، ކިރާއި، ފޮޅިޔާއި، ބަނބުކޭލު ސަންނަޓި ހިމެނެއެވެ.

ރޯދަވީއްލުމަށް ފަހު މަޣުރިބުނަމާދުގެ ފަހަށް ބަތްކައިއުޅޭ މީހުންވެސް ކޮންމެވެސް ވަރަކަށް އުޅެއެވެ.

ރާއްޖެއެކޭ އެއްގޮތަށް މަލިކުގައިވެސް ތަރާވީސްދަމަށް ހެދިކާ ހަދައި ތައްޔާރުކުރުން އޮވެއެވެ. ގާތްތިމާގެ މީހުންނާއި، ރައްޓެހިންގެ ގޭގެއަށް ތަރާވީސް ދަމު ޒިޔާރަތްކުރުމަކީ ދެ ތާނގައިވެސް އެކުވެރިކަން ބަދަހިކުރުމުގެ ވަސީލަތެއްގެ ގޮތުން ބޭނުންކުރެވޭ ކަމެކެވެ.

Malikuމަލިކުގައި “ތަރާވީސް ކެއުމަށް” ތައްޔާރުކުރާ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ހުނިހަކުރުފަތަފޮޅި(ހުނިހަކުރު ފޫކުއްތު) ފެންވަރާ ބޮނޑި، ހިކި ތަވާ،

“ގުޅަގަން”، “ހާލިފޮޅި”، “ކީނައްތު”، “ފޮއްޅަ”، “ބިސްފަރާޓާ” މިފަދަ ބާވަތްތަކެވެ.

މަލިކުގައިވެސް ހާރުދަމު ކައިއުޅެނީ ބަތެވެ. ނަމަވެސް ރާއްޖެއެކޭ އެއްގޮތަށް ކޮންމެ ބަޔަކުވެސް ހާރުކައްކަނީ އެބަޔަކަށް ލިބޭ އެންމެ ރަނގަޅަކަށެވެ. ތައްޔާރުކުރެވޭ އެންމެ މީރެއް ކޮށެވެ.

ފިރިމީހާގެ ގެއަށް ރޯދަވީއްލާނެ ވައްތަރު ވައްތަރުގެ ހެދިކާ ތައްޔާރުކޮށްފައި ފޮނުވުމަކީ މަލިކު އަންހެނުން ވަރަށް ފަރުވާ ބަހައްޓައިގެން ކުރާ ކަމެކެވެ.

ރޯދަމަހުގެ ފަހު ދިހަޔަށް އެޅުމާއެކު މަލިކުމީހުން ޢީދަށް ތައްޔާރުވެއެވެ. ހަނޑޫހޮވުމާއި، ހަނޑޫފޮޅުމާއި، ހަވާދު އަވީލައި ތައްޔާރުކުރުމެވެ.

ޢީދުވިލޭރޭ ހަނދު ފެނުމާއެކު މަލިކުގެ ކޮންމެ އަވަށެއްގައިވެސް ގެރިކަތިލުން އޮވެއެވެ. ބޮޑެތި އަވަށް އަވަށުން ދެގެރި ތިންގެރި ކަތިލައެވެ. ޢީދުވިލޭރެއަށް ކުރީއްސުރެ ހުންނަނީ ހެދިކާގެ ބާވަތް ތައްޔާރުކޮށްފައެވެ. ކޮންމެ އަވަށެއްގެވެސް އަވަށުގޭގައި އަވަށުގެ އެންމެންނަށާއި، އެހެނިހެން އަވަށްއަވަށުން ޒިޔާރަތްކުރާ އެކުވެރީންނަށް ސައި ތައްޔާރުކޮށްފައި އޮންނާނެއެވެ.

ފިރިހެނުން ޢީދުނަމާދުކޮށްގެން އަންނައިރަށް އަވަށުގޭގޭގައި ކާން ތައްޔާރުކޮށްފައި ހުރެއެވެ. ފުރަތަމަ ކާނީ އަވަށުގެ ބޮޑުންނެވެ.ދެން އަވަށުގެ އެހެނިހެން މީހުންނެވެ. އަވަށުގެ ހުރިހާ ފިރިހެނުން ކާނީ އަވަށުގެއިންނެވެ. އެއްއަވަށެއްގެ މީހުންނަށް އަނެއް އަވަށަކަށް ދަޢުވަތު ދިނުންވެސް އޮވެއެވެ. ޢީދުދުވަހަށް އަވަށުގެ އެންމެންނަށް ފުދޭ ވަރަށް އަވަށު ގޭގައި ކައްކާނެއެވެ. ކައްކާ ތަކެތި އަވަށުގެ ހުރިހާ ގޭގެއަށް ބަހައިވެސް އުޅެއެވެ. މިކަމަށް ކިޔަނީ “ބަތްދޭން ދިޔުމެވެ.” ބަތްދޭން ދަނީ އަވަށުގެ އަންހެނުންނެވެ. ކޮންމެ އަވަށެއްގެވެސް މާލިއްޔަތުގައި

މިބާވަތުގެ ޚަރަދު ކުރެވޭހައި ތަނަވަސްކަން ހުރެއެވެ.

ރޯދަމަހާ ވިދިގެން އަންނަ ފިޠުރުޢީދަށް މަލިކުމީހުންވެސް ކިޔައިއުޅެނީ ކުޑަޢީދެވެ. ޙައްޖުމަހުގައި އަންނަ ޢީދަށް ކިޔަނީ ބޮޑު ޢީދެވެ. މިއީ އަޅުގަނޑުމެންވެސް ދެޢީދަށް ނަންކިޔާގޮތް ނޫންތޯއެވެ؟ މިހާރުގެ ދިވެހިރާއްޖެއެކޭ އެއްގޮތަށް ފިޠުރުޢީދު، އަޟްޙާޢީދު މިދެނަންވެސް ބޭނުންކުރެއެވެ.

އަޟްޙާޢީދު(ބޮޑުޢީދު)ގައި އުޟްޙިޔާގެ ގޮތުން ގެރިބަކަރި ކަތިލުމާއި، ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ކަތިލާ ތަކެތިގެ މަސްބެހުމުގެ އިސްލާމީ ރީތި އާދަ މަލިކުގައި އޮވެއެވެ.

މަލިކުގައި ޢީދުތެރޭގައި ކުޅޭ ވަކި ޚާއްޞަ ކުޅިވަރެއް ނޯވެއެވެ. އެއީ “މަލިކުދަނޑި” ފަދަ ކުޅިވަރުތައް މިހާރު މަލިކުން އުވިގޮސްފައިވާތީ ކަމަށް ވެދާނެއެވެ. ޢީދުގައި މިހާރުކޮށް އުޅޭ ކަމަކަށް އޮންނަނީ ރާތީބު ކިޔުމެވެ. ރޯދަމަހުވެސް ރާތީބު ކިޔުމާއި ތާހީދު ކިޔުން އޮވެއެވެ.

އިސްލާމްދީނުގައި ކަނޑައެޅިފައިވާ ދެޢީދުގެ އިތުރަށްވެސް މަލިކުގައި ބައެއް “ޢީދު” ފާހަގަކުރާކަމަށް މަލިކާ ބެހޭ ގޮތުން ލިޔާ ބޭރުގެ ލިޔުންތެރިން ލިޔެއެވެ. އޭގެ ތެރޭގައި އައްޝައިޚް މުޙްޔިއްދީން(އައްޝައިޚް ޢަބްދުލް ޤާދިރު ޖީލާނީ) ގެ އަހަރުމަތިފުޅާއި، “ޝައިޚް ރިފާޢީ”

ގެ އަހަރުމަތިފުޅާއި، ޝަޢުބާންމަހުގެ ފަނަރަވަނަ ދުވަހާއި، މުހައްރަމްމަހުގެ ދިހަވަނަ ދުވަސް ހިމެނެއެވެ. އަދި ކީރިތި ރަސޫލާގެ ޢީދު މީލާދު ދުވަސްވެސް މީގެ ތެރޭގައި ހިމެނެއެވެ.

ނަމަވެސް ހަޤީޤަތުގައި މިއީ ޢީދެއްގެ ގޮތުން ފާހަގަކުރެވޭ ދުވަސްދުވަހެއް ނޫނެވެ. ފާހަގަކުރެވޭ ޚާއްޞަ މުނާސަބާތަކެކެވެ. މީގެ ތެރެއިން

“ޝައިޚް ރިފާޢީ” ގެ އަހަރުމަތިފުޅު ދުވަސް ނޫން ދުވަސް ދުވަހަކީ ރާއްޖޭގައިވެސް އިހު ޒަމާނުގައި ފާހަގަކުރެވުނު ދުވަސްދުވަހެވެ.

މަލިކުގައި ޝަޢުބާންމަހުގެ ފަނަރަ ދުވަހު މަރުފޮޅިފިހެ މަރުވާމީހުންނަށް ހެޔޮ ދުޢާކޮށް އުޅުނެވެ. ދިވެހި ޘަޤާފަތުގެ އަހުލުވެރިން ހަނދުމަފުޅު ހުންނާނެ ފަދައިން ޝަޢުބާންމަހުގެ ސާދަވަނަ ދުވަހަކީ ރާއްޖޭގައިވެސް މިގޮތުން ފާހަގަކުރެވުނު ދުވަހެކެވެ. އެއީ ހަތަރުބޯފޮޅި ދުވަހުގެ ތެރެއިން އެއްބޯފޮޅި ދުވަހެވެ. ބޯފޮޅި ދުވަހު އަސުރުނަމާދަށް މުންނާރުން ބަންގިގޮވީމާ ނާބުސްޚާނުން “ފާތިހާބެރު” ޖެހި ހަނދުމަފުޅާއި، ކީރިތިމަހާރަދުން ބޯފޮޅިޔަށް ވަޑައިގަންނަވާ ހަނދުމަފުޅު ހުންނާނެ ބޭފުޅުން މާލޭގައި މިހާރުވެސް ތިއްބަވާނެއެވެ. ރާއްޖެތެރޭގައިވެސް އެދުވަހު

“ބޯފޮޅި” ފިހެ މިސްކިތްދޮށަށް ފޮނުވައި ފާތިޙާކިޔުއްވައި އުޅުނެވެ. ނަމަވެސް މިކަން މިހާރު ރާއްޖޭގައިވެސް އަދި މަލިކުގައިވެސް މިސިފަޔަކަށް ކުރެވެމަކުން ނުދެއެވެ.

މަލިކުގައި މިހާރުވެސް މުޙައްރަމްމަހުގެ ދިހަވަނަދުވަސް ފާހަގަކުރާ މުއްސަނދި ބައެއް ޢާއިލާތައް އުޅެއެވެ. ނަމަވެސް މިއީ ރާއްޖޭގައިވެސް އިހުގައި މުޙައްރަމްމަހުގެ ދިހަވަނަދުވަސް ފާހަގަކުރެވުނު ފަދައިން ފާހަގަ ކުރެވުނު ދުވަހެކެވެ.

އާދެ، އިހުގައި ކޮންމެ އަހަރަކުވެސް މުހައްރަމްމަހުގެ ހަތްވަނަ ދުވަހު މާލޭގައި ކަނދި ޒަކާތުގެ ކޮލިލެވެއެވެ. މުހައްރަމްމަހުގެ ދިހަވަނަ ދުވަހު ކަނދިކައްކައި ކުދީން ކަންޖާއަޅައި ކިރައި ޞަލަވާތް ކިޔަވައި އުޅުނެވެ. ރާއްޖެތެރޭގައިވެސް ކަނދިކައްކައި ކުދީން ކަންޖާއަޅައި ކިރައި، ޞަލަވާތް ކިޔަވައި އުޅުނެވެ. ނަމަވެސް މީގެ އެއްވެސް އަސަރެއް މިހާރު ރާއްޖެއަކުވެސް ނެތެވެ.

ކީރިތިރަސޫލާގެ ޢީދުމީލާދު ފާހަގަކުރުން ރާއްޖޭގައި އޮންނަ ވަރަށްވެސް މިހާރު މަލިކުގައެއް ނެތެވެ. އެކަން ވަނީ “ބިދްޢަ” އަކަށް ވާތީ ހުއްޓާލެވިފައެވެ. މަލިކުގައި ތިބޭ ދިގުކަރައިގެ(އިންޑިޔާގެ) މުސްލިމުންނާއި “ދީބުގެ” (ލަކްޝަދީބުގެ ރަށްރަށް) މުސްލިމުން އެދުވަސް ފާހަގަކުރެ އެވެ.

އަޅުގަނޑާއި އަޅުގަނޑުގެ އަޚު ޢަބްދުﷲ ޞާދިޤާ މަލިކުގައި ތިއްބައިވެސް ރަބީޢުލް އައްވަލް މަހުގެ ބާރަދުވަސް އައެވެ. މަލިކުމީހުންގެ ތެރޭގައި އެއްވެސް ފެންވަރެއްގައި އެދުވަސް ފާހަގަކުރެވިފައެއް ނުވެއެވެ. ނަމަވެސް މަލިކުގައި ތިބި “ދީބު މުސްލިމުން” އެދުވަހު ހިނގާލުމެއް ބޭއްވިއެވެ.

ބިދްޢައާމެދު ދީނީ ޢިލްމުވެރީން ވިސްނާ ވަޑައިގަންނަވާ ނަޒަރުން ވިސްނާވަޑާއިނުގެން މަލިކާ މިވަގުތު ކުރިމަތިވެފައިވާ ޣައިރު މުސްލިމުންނާ މައްސުނިވުމުގެ ޙާލަތަށްޓަކައި، އެދުވަހަކީ ކީރިތި ރަސޫލާގެ ޝަޚުޞިއްޔަތާއި އެކަލޭގެފާނުގެ މިޝަން ތަޢާރުފްކޮށްދިނުމުގެ ދުވަހަކަށް މަލިކުގެ ޢިލްމުވެރީން ހައްދަވާނެ ނަމައޭ އަޅުގަނޑު އެދުވަހު ހިތަށްއެރިއެވެ. މަލިކުގެ ބައެއް ޢިލްމުވެރީންގެ އަރިހުގައި އަޅުގަނޑު މިޚިޔާލު ފާޅުކޮށްވެސް ހެދީމެވެ.

ރަށްގަނޑަށް ދިއުން

މަލިކު މީހުންގެ އާދަކާދަޔާ މެދު ލިޔާ ބާބެއް ނިންމާލާއިރު އެބައިމީހުންގެ “ރަށްގަނޑަށް ދިއުމުގެ” މައްޗަށް އަލިއަޅުވައި ނުލައިފިނަމަ އެބާބެއް ފުރިހަމަ ނުވާނެކަމީ ޝައްކެއްހުރި ކަމެއް ނޫނެވެ.

ރަށްގަނޑަށް ދިއުމަކީ އަޅުގަނޑުމެންގެ ގޮތަށް ދަންނަވާނަމަ ދަތުރުދިއުމެކެވެ. އަޅުގަނޑުމެންވެސް ފަޅުރަށްރަށަށް ދަތުރުދާ ފަދައިންނެވެ. ނަމަވެސް މަލިކަކީ އެކަހެރީންނަށް އޮންނަ ރަށެއްކަމުގައިވުމާއެކު އެބައިމީހުން އެކަންކުރަނީ މާފުޅާ ދާއިރާއެއްގައެވެ. އަޅުގަނޑުމެންގެތެރޭގައި އެކުވެރި ގްރޫޕްތަކުން ދަތުރު ދާ ފަދައިން އެބައިމީހުންގެ ތެރޭގައިވެސް އެކިއެކި އާއިލާތަކުންނާއި “ވިލިވިލީން”ވެސް ރަށްގަނޑަށް ގޮސް އުޅެއެވެ. ނަމަވެސް މަލިކުމީހުން އެބައިމީހުންގެ ޚާއްޞަ ގޮތުގައި ރަށްގަނޑަށް ދާއިރު ރަށުގެ އަވަށެއް ނުވަތަ ދެތިން އަވަށެއްގެ މީހުން އެކަމުގައި ބައިވެރިވެއެވެ.

ރަށްގަނޑަކީ މަލިކު ފަޅުތެރޭގައި ފޯޗަންޗޯރު މަގެވެ ކިޔާ ނެރާ ދާދި ގާތުގައި އިހަށް އޮތް ފިނޮޅެކެވެ. ފަހުން އެފިނޮޅު ގިރަމުން ގިރަމުން ގޮސް ހުސްގާތަކުގެ ފުށްޓެއްގެ ގޮތުގައި އޮވެފައި މިހާރު ވަނީ މުޅިން ގިރާފައެވެ. “ރަށްގަނޑު” މުޅިން ނެތިގެން ދިޔައީ އަޅުގަނޑުމެން މަލިކަށް ދިއުމުގެ އަހަރެއް ދެއަހަރެއް ކުރީންނެވެ.

އަވަށް އަވަށުގެ މީހުން އެކުވެގެން ރަށްގަނޑަށް ދާއިރު ރަށްގަނޑަށް ދާ ދުވަހުގެ ކުރީ ދުވަހު އެއަވަށެއްގެ ހުރިހާ ފިރިހެނުން ނުކުމެ ޖަހާ ދޯންޏާއި އިތުރު ދޯނިފަހަރު ތައްޔާރުކޮށް ޒީނަތްތެރިކޮށް ދޯނިފަހަރުގައި ސަނދުވާ ދަމައި ތައްޔާރުކުރެއެވެ. އަންހެނުންނާއި ފިރިހެނުން ޢާންމުކޮށް ދަތުރުކުރަނީ ތަފާތު ދޯނިފަހަރުގައި ކަމަށްވުމާއެކު އަންހެނުން ދަތުރުކުރާ ދޯނިފަހަރުގައި ފޮތިދަމައި ހަދައެވެ. އަވަށު ގެއިން ރަށްގަނޑަށް ދާ ދޯންޏަށް ދާން އޮންނަ މަގުގައިވެސް ފޮތިދަމައެވެ.

އަންހެންވެރީންގެ އެދުވަހުގެ މަސައްކަތަކީ ރަށްގަނޑަށް ގެންދަން ބޭނުންވާ ކާބޯތަކެއްޗާއި ބޯފެނާއި ކައްކާނެ އެއްޗެހި ތައްޔާރު ކުރުމެވެ.

ރަށްގަނޑަށް ދާން ފުރަނީ ފަތިސްނަމާދުކޮށްގެންނެވެ. ފިރިހެނުން ދޯނިފަހަރު ބާލަން ފެށުމާއެކު ދުވަސްވި ފިރިހެނުންގެ ބަޔަކު ބެރުޖަހަމުން އަންހެންވެރީން އަތިރިމައްޗަށް ނެރޭނެއެވެ. އަންހެންވެރީން ނުތެމި ދޯންޏަށް އެރުވުމަށްޓަކައި ގޮނޑުދޮށުގައި ދިގު ގޮނޑީގެ ދެގޮނޑި މަތިމައްޗަށް ބަހައްޓައި ފިރިހެނުން އެގޮނޑިތަކުގައި ހިފަހައްޓައިގެން ތިބެ އަންހެނުން ދޯންޏަށް އަރުވައެވެ.

ބެރުޖަހަމުން އަންހެންވެރީން ނެރެ ދޯންނަށް އަރުވާ މީހުންނަކީ އާންމު ގޮތެއްގައި ރަށުގައި ތިބޭ ބައެކެވެ. އެބައިމީހުންނަށް ދެން ކުރަން ޖެހޭ ކަމަކީ އަންހެންވެރީން ދޯންޏަށް އަރުވަން ބޭނުންކުރި ދިގުގޮނޑިތައް އެއްގަމަށް ގެންދިއުމާއި ދޮނި ފަހަރު ރަށްގަނޑުން އެނބުރި އައުމުން އަންހެންވެރިން ދޯނިން ބޭލުމެވެ. އަންހެނުން ދޯނިން ބާލާނީވެސް އެބައިމީހުން ދޯންޏަށް އެރުވި ފަދައިންނެވެ.

މަލިކުގައި ބެރުޖަހާ މީހުން އަޅަނީ ޚާއްޞަ ހެދުމެކެވެ. އެއީ ރަތްކުލައިގެ ހަރުވާޅުލައިފައި ހުދުކުލައިގެ މުންޑެއް(ހޮޅި ސާޑި) އަނދެ އަރުވާ ޖަހައިގެން ގަންޖުފަރާސްލައި ބޮލުގައި ރަތްރުމާ އޮޅުމެވެ. ބޮލުގައި އޮންނަ ރަތްރުމާލުގެ ތެރެއަށް ފެންފޯއްރުކުގެ އެތުމާ ޖަހައިފައި ހުރެއެވެ.

ޖަހާދޯންޏާއި އެހެން ދޯނިފަހަރަށް މީހުން އަރައި ހަމަވުމުން ޖަހާދޯނީގެ ކަފުގައި އެހެން ދޯނިފަހަރު ޖަހައިގެން ރަށްގަނޑަށް ދާން ވީއްލައިލައެވެ. އޭރު ކޮންމެ ދޯންޏެއްގެ ދިރުނބާކޮޅާއި ކޮޅުފަސްކޮޅުގައި ކުރުނބާ އިހާ އެލުވައިފައި ހުރެއެވެ.

އަންހެންވެރީންގެ ދޯނީގައި ތިބޭނީ ދެފިރިހެނުންނެވެ. އެއީ ހުންގާނުހިފާ މީހަކާއި ދިރުނބާކޮޅުގައި ގަލަށް ކިޔާން ހުންނަ މީހެކެވެ. ކާބޯތަކެއްޗާއި ބޯފެނާއި، ޖަހާދޯންޏަށް ނޭރި ބާކީވާ ފިރިހެންކުދިން ތިބެނީ ވަކި ދޯންޏެއްގައެވެ.

ދޯނިފަހަރު ރަށުގެ ފަޅުތެރެއިން ރަށާ ކައިރިން ފަލިޖަހަމުން ދާނީ ސާލުމަގާވީ ކޮޅަށެވެ. ގޮސް ކޯޑިކޮޅުގެ ވަކި ހިސާބަކުން ދޯނިފަހަރު ބޭރުކޮށް ރަށްގަނޑަށް މިސްރާބު ޖަހައެވެ. ދޯނިފަހަރު ދަތުރުކޮށްފައިދާއިރު އަންހެނުން ތިބޭ ދޯނިން ރައިވަރުކިޔައި ބެރުޖަހަމުން ގެންދެއެވެ. ޖަހާދޯނީގައި ތިބޭ ފިރިހެނުން އަންބާ ކިޔައެވެ.

މިގޮތުގައި ރަށްގަނޑަށް ގޮސް އެރަށަށް ފައިބައިފައި އެންމެން އަވަލި މޮޑެގެން ކަނީއެވެ. އަވަލި ކައިނިމިގެން އެންމެން ދޯންޏަށް އަރައިގެން ދެން ދާނީ ވިލިގިއްޔަށެވެ.(މަލިކު ބަހުރުވައިގައި އެރަށަށް ކިޔަނީ ވިރިގިއްޔެވެ.)

ވިލިގިއްޔަށް ގޮސް ފޭބުމަށް ފަހު އަންހެނުން މަޝްޣޫލުވަނީ ކެއްކުމުގެ ކަންތަކާއެވެ. ފިރިހެނުން ލާނދާ އަޅަން ދިޔުމާއި، މަސްބާނަން(މަލިކު ބަހުރުވައިގައި އެއްލަން) ދިއުމާއި، އެކިއެކި ކުޅިވަރުކުޅުމާއި، ބޮލި ހިލުމާއި މޫދަށް އެރުމާއި މިބާވަތުން އެމީހަކު ކުރާހިތްވާ ކަމެއްގައި މަޝްޣޫލުވަނީ އަޅުގަނޑުމެންވެސް ދަތުރުގޮސް އުޅޭ ގޮތަށެވެ.

މެންދުރު ކާ ގަޑިޔަށް އެންމެން އެއްވެ ކައިހަދައިގެން އަނެއްކާވެސް އެމީހަކު ކުރާހިތްވާ ކަމަކާއި ދިމާޔަށް އެމީހަކު އެނބުރެނީއެވެ.

ރަށަށްދާން ފުރަނީ ހަވީރު ސަޔަށް ފަހުގައެވެ. ސައިބޮއި ނިމިގެން ދޯނިފަހަރަށް އަރައިގެން ރަށަށް އަންނާން ފުރަނީއެވެ. ވިލިގިލިން ރަށަށް ދާއިރު މަލިކާ ކައިރިކުރަނީ ފުރެއުދޮށު ކޮޅުންނެވެ. އެހިސާބުން ފެށިގެން ދޯނިފަހަރު ފަލިޖަހަމުން އަންނާނީ ރަށުގެ ފަސްގަނޑާ ވީހާވެސް ކައިރިޔަކުންނެވެ. އަންނައިރު ކޮންމެ އަވަށަކާ ހަމަވުމުން މޫދަށް ކުރުނބާ އިހަލެއް ވައްޓައެވެ. އޭރު އަވަށު މީހުން ކުޅިބަލަން ނުކުމެ އަތިރިމަތީގައި ތިބެއެވެ.

މިގޮތަށް ކޮންމެ އަވަށަކަށް ކުރުނބާ އިހަލެއް ވެއްޓުމަށް ފަހު އަނބުރައި އައިސް ފުރިދިމާޔަށް ލަފަނީއެވެ. އޭރު ދަތުރު ދިޔަ އަންހެނުން ބާލަން މީހުން އައިސް ތިބޭނެއެވެ. އަންހެނުން ފޭބުމާއެކު ބެރުޖަހާ މީހުން ބެރުޖަހަމުން(މަލިކު ބަހުރުވައިގައި ބެރުމަތީގައި) އެބައިމީހުން ގެންދަނީ އެއަވަށެއްގެ އަވަށުގެއަށެވެ. އޭރު އަވަށުގައި ދަތުރުނުގޮސް ތިބޭ މުސްކުޅި ފުރައިގެ އަންހެނުން ދަތުރުދިޔަ މީހުންނަށް އަވަށުގޭގައި ސައި ތައްޔާރުކޮށްފައި ހުންނާނެއެވެ.

ރަށަށް ދިޔަ ދޯނި ތާހިރުކޮށް ދޯނި އެހިލައި ހެދުމަށް ފަހު ފިރިހެނުން މަސައްކަތް ނިންމައިފައި އަވަށުގެއަށް ދިއުމުން އެންމެން އެކުގައި ސައިބުއިމަށް ފަހު އެމީހަކު އެމީހެއްގެ ގެއަށް ދިއުމުން ރަށްގަނޑަށް ދިއުމުގެ ޕްރޮގްރާމް ނިމުނީއެވެ.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment