ޢަލީ ޙުސައިން ނައިފަރު – ފާދިއްޕޮޅު ނައިފަރު، އަލްފާޟިލް ޢަލީ ޙުސައިން (ރަޙިމަހުﷲ) ގެ މި ލިޔުއްވުމުގެ މިބައި ނަކަލުކޮށްފައި މިވަނީ، ”ފަތްތޫރަ” މަޖައްލާގެ 70 (ޖެނުއަރީ 1985) ގެ އަދަދުންނެވެ. _____________________ މިސްކިތްތައް ނައިފަރުގެ އެންމެ އިސް މިސްކިތަކީ “ކުޑަމިސްކިތް” (އުތުރުކޮޅުގައި ހުންނަ މިސްކިތް) އެވެ. މީސްކޮޅު މަދު ދުވަސްވަރުކަމުން އޭރު ކުޑަކޮށް އެޅިފައިވަނީއެވެ. ފަހުން ހުރީ ފުރަތަމަ ޢިމާރާތް ކުރެވުނު މިސްކިތް ރޫޅައިލައި އަލުން އަޅައިފައެވެ. ކުރީ މިސްކިތުގެ ބޮޑުމިނެއް އެނގިފައެއް ނެތެވެ. މިދެންނެވި…

  • ޢަލީ ޙުސައިން ނައިފަރު –

ފާދިއްޕޮޅު ނައިފަރު، އަލްފާޟިލް ޢަލީ ޙުސައިން (ރަޙިމަހުﷲ) ގެ މި ލިޔުއްވުމުގެ މިބައި ނަކަލުކޮށްފައި މިވަނީ، ”ފަތްތޫރަ” މަޖައްލާގެ 70 (ޖެނުއަރީ 1985) ގެ އަދަދުންނެވެ.

_____________________

މިސްކިތްތައް

ނައިފަރުގެ އެންމެ އިސް މިސްކިތަކީ “ކުޑަމިސްކިތް” (އުތުރުކޮޅުގައި ހުންނަ މިސްކިތް) އެވެ. މީސްކޮޅު މަދު ދުވަސްވަރުކަމުން އޭރު ކުޑަކޮށް އެޅިފައިވަނީއެވެ. ފަހުން ހުރީ ފުރަތަމަ ޢިމާރާތް ކުރެވުނު މިސްކިތް ރޫޅައިލައި އަލުން އަޅައިފައެވެ. ކުރީ މިސްކިތުގެ ބޮޑުމިނެއް އެނގިފައެއް ނެތެވެ. މިދެންނެވި މިސްކިތުގެ ބޮޑުމިނަކީ 17 ގުނަ 22 ފޫޓެވެ. މިމިސްކިތްވެސް މިހާރު ކުޑަވެގެން ބޮޑުކުރުމުގެ ޕްރޮގްރާމް ވަނީ ހަމަޖެހިފައެވެ. މި މަޒުމޫނު ޗާޕް ކުރެވޭއިރު ހުންނަ މަސްޖިދުއްޞިއްދީޤަކީ ފަހުން މިޕްރޮގްރާމްގެ ދަށުން އެޅިފައިވާ މިސްކިތެވެ.

ހުކުރު މިސްކިތް އެޅުނީ، ހުކުރު ކުރާހައި މީހުން ހަމަވުމުން ކަމަށް ފެނެއެވެ. މި ދެ މިސްކިތްމެ ކުރީން އަޅާފައިވަނީ ހިރިގަލުންނެވެ. މަތީގައި ފަންގެލައިފައެވެ. ކުރީގެ ހުކުރު މިސްކިތްވެސް މާބޮޑެއްނޫނެވެ. އެމިސްކިތް އެހުރީ ތިންވަނަ ފަހަރަށް ބޮޑު ކުރެވިފައެވެ.

ދެކުނުކޮޅު “އާމިސްކިތް” އެޅުނީ ރަށުގެ ޓައުނުފުޅާވެ މާބޮޑަށް ދެކުނަށް ޖެހުމުން، އެސަރައްދުގައިވެސް މިސްކިތެއް ހުރުން ލާޒިމުވީމައެވެ. ގާތްގަނޑަކަށް 1300ހ. ހައި ތާނގައެވެ. އެއީވެސް އުތުރުކޮޅު މިސްކިތް ކަހަލަ ކުޑަކުޑަ މިސްކިތެކެވެ. ފަހުން އަވަށް ބޮޑުވެ މީހުން ގިނަވުމުން މިސްކިތްހުރީ ކުރިން ހުރިވަރުގެ 3 ބައިވަރު ބޮޑުކޮށްފައެވެ. މިމަޒުމޫނު ޗާޕްކުރެވޭއިރު ހުންނާނެ މަސްޖިދުލް ހާދީއަކީ ތިންވަނައަށް އެޅިފައިވާ މިސްކިތެވެ.

ނައިފަރުގެ މިސްކިތްތަކުން ބޯގަ ލައްވާފައިވަނީ ކުޑަމިސްކިތަށާއި، ހުކުރު މިސްކިތަށެވެ. ކުޑަމިސްކިތަށް 3 ބޯގަ އޮތެވެ. ރ.ފަސްމަންދޫގައާއި،ރ.އިންނަމާދޫން ހިންނަޔަކާއި، ރ.ރާފުށްޓެވެ. މިތަނުން ފަސްމަންދޫއާއި އިންނަމާދޫ ހިންނަ 1308ހ. އާއި 1312ހ. ގައިވެސް ލިބިފައި އޮންނަކަން ސާބިތުވެއެވެ. އެކަން އެނގެނީ ނައިފަރު އޮފީހުގައިވާ، މިއަންނަ ދެނަކަލުންނެވެ.

“ނޫރުއްދީން ރަދުން (ރަނގަޅަކަށް ނޭނގޭ) ވަނަ އަހަރު ޙައްޖުމަހު  ބާރަވީ ބުރާސްފަތި ދުވަހު މަޑުއްވަރީ އަލި ކަލޭގެފާނު ފަސްމަންދޫ ވަރުވާޔަށް ދެއްކި ބޮލި ކޮއްޓޭ “20” ލާރި “600” 1308 “

“ހާހާ ތިންސަތޭކަ ބާރަވަނަ އަހަރު ޖުމާދިލް އައްވަލް މަސް އެއްކޮށް އިންނަމާދޫ އޮތް ނައިފަރު މިސްކިތުގެ ހިންނަ ހުޅުދެލީ ދޮންހުސޭނު ލިޔުއްވި ކަމުގެ ހަނދާން ވަރުވާ ޔަކަށް އަހަރަކު 200 ދުއިސައްތަ ގަނޑު ފަންގެޔާއި ހަތަރު ރުފިޔާއާ ދޭންކަމަށް. މިކަމުގެ ހަނދާނަށް ލިއުނު ސިޓީ 1312 “

އެއްވެސް ބޯގައެއް ލިބުނު އަޞްލު ތާރީޚެއް އެނގޭކަށް ނެތެވެ. ހުކުރު މިސްކިތު ބޯގަޔަކަށް އޮތީ، ނައިފަރު ގޮއިފާލައްބައެވެ. އިންނަމާދޫ ހިންނައިގެ އެއްވެސް ފަތެއް ނުފެނުނެވެ. އަނެއް ތިންބޯގައިގެ ދެވަނަޔަށް ލިޔެވުނު ފަތް ފެންނަން އެބައޮތެވެ. ފަތޭ މިދަންނަވަނީ، ބޯގަތައް ނެއްތައިލި ދުވަސްވަރު އެފަތްތައް މާލެ ފޮނުވަން ޖެހިގެން ބޭއްވި ނަކަލެއްގެ ވާހަކައެވެ.

ކުޑަމިސްކިތު ހަރިންމާގެ ތެރޭގައި ރީތި ކުޑަކުޑަ ޒިޔާރަތެއް ހުރެއެވެ. ޒިޔާރަތު ކައިރީގައި ދިގު ދިދަދަނޑިއެއްވެސް ހުއްޓެވެ. ހުކުރު ދުވަސް ދުވަހާއި ޚާއްޞަ ދުވަސް ދުވަހަށް ދިދަނަގައެވެ. އެދަނޑި ވެއްޓުނު ފަހުން އިތުރު ދަނޑިއެއް ނުޖަހައެވެ. އެއީ ކޮން ބޭކަލެއްގެ ޒިޔާރަތެއްކަން އަޅުގަނޑަށް އެނގިފައެއް ނެތެވެ. މަހާނާގައި ހުރި ގަލުގެ ވެސް ލިއުމެއް ނޯވެއެވެ.

މިކަހަލަ ނަންނޭނގޭ ޒިޔާރަތްތަކަކީ ރާއްޖެތެރޭގައި ވަރަށް ގިނައިން ހުންނަ ތަންތަނެވެ. މިކަހަލަ ޒިޔާރަތެއް، މަގާމެއް ނުހުންނަރަށެއް މަދުވާނެއެވެ. ކޮންމެވެސް ސިފައެއްގައި ޒިޔާރަތެއް ކަހަލަ ގޮތަކަށް ބަހައްޓާ މަހާނައެއް ނުހުންނަ ފަޅުރަށެއްވެސް މަދުވާނެއެވެ. ހީވަނީ މަރުވެފައިވާ މީހުންގެ ރޫޙުން ބަރަކާތްލިބި، ނާމާންކަމާ މުޞީބަތުން ސަލާމަތްވެތިބުމުގެ އީމާނުގައި މެދުވެރިކުރާ ވާސިތާއެއްގެ ގޮތުން، ކޮންމެ ރަށެއްގައިވެސް  ބަލަހައްޓާ ތަންތަން ހެނެވެ. ބައެއް މަހާނައިގެ އަޞްލެއް ކަމުގައި ކަނޑުން ލެއްގި މައްޔިތެއް، ނުވަތަ މީހެއްގެ ގުނަވަނެއް، ނުވަތަ އާދަޔާ ޚިލާފު ގޮތެއް ހުންނަ މީހަކަށްވެސް ވެދެއެވެ. މިކަހަލަ މަހާނާގައި ނަދުރު ބުނެގެން ކުކުޅުފަތާ، ކުދި ދިދަޖަހައި، އަދި ބޮނބިކާށި ބަހައްޓައިވެސް ހަދައެވެ.

ހުކުރު މިސްކިތާއި ކުޑަމިސްކިތާ ދެމެދުގައި ހުކުރު މިސްކިތުގެ ޙަރީމައިގެ ކައިރީގައި ވަރަށްބޮޑު ހިރިގަލުގެ ވެވެއް އޮތެވެ. އެވެވު ނެގުނީ މާލެއިންވެސް އެފަދަ ވެވުތައް ނެގި ދުވަސްވަރުގައެވެ.

ކުރީގައި ޢީދުނަމާދު ކުރިކަމަށް ވަނީ، ކުޑަމިސްކިތާ ދިމާ ހުޅަނގު އައްސޭރިގައިވާ ގަސްތަކެއްގެ ހިޔަލުގައެވެ. ޢީދު ދުވަހުގެ ކުރީ ދުވަހު އެތަން ކުނިކަހައި، މީހުނަށް ތިބެވޭވަރުގެ އޭރިޔާއެއް، ދޮން ވެލިން ރޮނގުއަޅައިގެން ފާހަގަކޮށްލަނީ އެވެ. އަދި ޒީނަތްތެރިކުރުމުގެ ގޮތުން، ހަތަރުކަނުގައި ދޮންވެލިން ކުރިބޯށި ކުރަހައި، އިމާމު މީހާ ހުންނަ މިޙްރާބުވެސް ވަކި ގޮޅިޔަކަށް ވާގޮތަށް ކުރަހަނީއެވެ. ޚުޠުބާ ކިޔާންއަރާ މިންބަރުގާ ކަމަށް ބުނާ ދެތިން ގަލެއް އަޅުގަނޑުމެންވެސް އެދިމާއިން ދުށީމުއެވެ.

ރަށުގެ ފަޅާއި ތޮށި

ރަށުގެ އިރުމަތީ ފަރާތުގައިވާ ތޮށިލެވުނީ ވަރަށް ފަހަކުންނެވެ. މީގެ 100 ވަރަކަށް އަހަރު ކުރިންވެސް ބަޔަކު ކޮށްފައިވާ މަސައްކަތެއްކަން އެނގެއެވެ. ބަރިޔަކަށް ބެހެއްޓިފައި ހުންނަ ބޮޑެތި ގާތަކެއް ހުންނަކަމަށް ވެއެވެ. އެހުންނަނީ ބޮޑުނެރުދޫކޮށް ދެފަރާތުގައި ދެ ތޮށިގަނޑަށެވެ. ދޮން ޙުސައިން ޙާޖީ ހަތީބުގެ ދުވަސްވަރު ހަނިހަނިކޮށް ދެތޮށިގަނޑެއް ލެވުނު ކަމަށް ވެއެވެ. އެއީ މީގެ ސަތޭކަވަރަކަށް އަހަރު ކުރިން ކަމަށް ފެނެއެވެ. މިހާރު މިއޮންނަ ގޮތަށް ފުޅާކޮށް ދިގުކޮށް ތޮށިލެވުނީ މީގެ 60 އަހަރު ކުރިން އާދަމް ޙާޖީ ކަލޭގެފާނުގެ އަތޮޅުވެރިކަމުގައެވެ. ދެން އެކި ފަހަރު މަތިން ދެކޮޅަށް ތޮށިދިގުކޮށް ވަށް ކުރަމުން ގެންގޮސް، ދެކޮޅު ތުނޑިޔާ ދިމާއިން ރަށުގެ ފަސްގަނޑާ ގުޅައިލެވުނެވެ. މިގޮތަށް ތޮށިލައި މުޅިން ނިމުނީ، މީގެ ސާޅީހަކަށް އަހަރުކުރިން އަލްފާޟިލް ޢަބްދުލްޙަކީމް ކާންނާކަލޭގެފާނުގެ ކަތީބުކަމުގެ ދުވަސްވަރުއެވެ. ދެކޮޅުން ރަށާ ގުޅައިލިބައި އެގޮތަށް ބޭއްވުން ނުފެނިގެން ފަހުން ނަގައިގަނެވުނީއެވެ. ރަށުގެ ހުޅަނގު ދެކުނުން ވޭވަށާ ދިމާޔަށް އެވާނެރު “ބަދިގެ ފެންނައޮޅު”ގެ ތޮށިގަނޑު ހެދި ދުވަސްވަރެއްވެސް އެނގިފައެއް ނެތެވެ.

ރަށުގެ ޗާޓް ބަލާއިރު ވަށާބުރުގެ ބޭރަށް ނިކުމެފައިވާ ދިމަދިމާ ފެންނާނެއެވެ. އެއީ އެކިދުވަސްވަރު “ވާޓަރު” ލައި ނެރިފައި ހުންނަ ދިމަދިމަޔާއި އަމިއްލަ މީހުންގެ ގެދޮރުއަޅަން ހިއްކާ ދިމަދިމާއެވެ.

ނައިފަރުގެ އިރުމަތީ ފަރާތުގެ ފަޅަކީ، ހުޅަނގުފަރާތު ފަޅުހެން އެކަށް ހިކޭ ތިލަ ފަޅެކެވެ. މިހާރު މިއޮންނަހެން ފަޅުފުންކުރީ، ތޮށިލުމަށްފަހު އެކިފަހަރު މަތިން ކޮންނަމުން ގޮހެވެ. އުދެއްޔާއި އިތާ ބޭނުންކޮށްގެންނެވެ.

ރައްޔިތުންގެ މަސައްކަތް

ރައްޔިތުންނާ ބަންޑާރަ މަސައްކަތްތައް އިހުގައި ކުރެވަމުން އައީ، ރައްޔިތުން ބަންދުކޮށްގެން ޢާއްމު އެންމެން ލައްވައެވެ. މަދު މީސްކޮޅެއް ލައިގެން ކުރުވާ މަސައްކަތް ކުރުވަނީ، ކޮންމެ މަސްދޯންޏަކުން މީހެއް ބަހައްޓައިގެންނެވެ. އެމީހަކު ބެހެއްޓި އޮޑިޔަކުން އެދުވަހު ބޭނިމަހަކުން، އެމީހަކަށް ބައި ލިބޭނެއެވެ. ނުބާނާނަމަ ނުލިބޭނެ އެވެ. މިގޮތުން ބައެއް މީހުނަށް ލިބި ބައެއް މީހުނަށް އެއްޗެއް ނުލިބިދާތީ ހުރިހައި ދޯންޏަކުން މަސްބައި އަޅައި، މަސައްކަތްކުރި އެންމެނަށް ބަހައިލާ ގޮތަށްވެސް އޮވެއެވެ.

އެކިއެކި ދަތުރުކުރުވަނީ އޮޑިދޯނި ފަހަރަށް ދަތުރު ޖައްސައިގެންނެވެ. އެ ދޯންޏަކުން ދަތުރުދާނީ، އެއެއްޗެއްގައި މަހަށްދާ މީހުންނެވެ. ފަހަކަށް އައިސް މީހުން ގިނަވެ، މީހުންގެ ފެންވަރުތައް ތަފާތުވެ، މަހަށް ނުގޮސް ތިބޭ މީހުން ގިނަވުމުން މަސައްކަތްތަކަށް ދަތިވާތީ އެންމެން ހަމަހަމަ ކުރުމަށް ޓަކައި 1356ހ. ގައި ރައްޔިތުންގެ ފަނަރަ ފުރިފައިތިބި ހުރިހައި ފިރިހެނުން 36 ފަތަށް ބަހައިލެވުނެވެ. އޭގެފަހުން މަސައްކަތް ކުރުވަމުން އައީ އެފަތްފަތަށް އާދެ، ފަންވަތު ޖައްސައިގެންނެވެ. މިހެން ވީމާ މަސައްކަތް ނުކުރާ މީހަކަށް ހުރެވޭކަށް ނޯވެއެވެ. ދަތުރު ޖައްސަނީ ދޯނި ފަހަރަށާއި ފަތްފަތަށެވެ. އެފަހަރަކު ޖެހުނު ދޯންޏެއްގައި އެފަހަރަކު ޖެހުނު ފަތެއްގެ މީހުން ދަތުރުކުރަނީއެވެ. ފަތްފަތަށް މީހުން ބަހައި މިއުސޫލު ހަމަޖައްސެވީވެސް ޢަބްދުލްޙަކީމް ކާންނާ ކަލޭގެފާނުގެ ކަތީބު ކަމުގެ ދުވަސްވަރުގައެވެ.

އޮޑިދޯނިފަހަރު

އިހުގައި ދަތުރުކޮށް އުޅުނީ، އަދި މަހަށްގޮސް އުޅުނީވެސް، އޮޑިފަހަރުގައި ހަތަރެސްކަން ރިޔަލުގައެވެ. ދޯނިފަހަރާ ކަތިރިޔަލަށްވީ ވަރަށް ފަހަކުންނެވެ. 1335ހ. ގައި ނައިފަރުގައި ހުރީ 30 އޮޑިޔާ 10 ދޯންޏެވެ. އެއީ:  1- ހަންޑިކަލޭގެ އާއޮޑި. 2- ދޮންހުސޭނުބޭ ކާށިދޫ އޮޑި. 3- މާދޫ އޮޑި. 4-5 އަލިބޭބޭ އާއޮޑި،ހިންނަވަރު އޮޑި. 6- ކާށިދޫއޮޑި. 7-ދަރުވައްދޯނި.8- ވާތި އާއޮޑި. 9- ދޮންމޫސަކަލޭގެ ހިންވަރުއޮޑި. 12- ޚަތީބު ޙާޖީ އޮޑި. 13- ޚަޠީބު ޙާޖީ ދޯނި. 14- މާމުދިންއޮޑި. 15- ފަރިހުގޭ މަނަދޫއޮޑި. 16- ކަޅުފުތުދޮންޢަލީ އޮޑި. 17- އައްޕުތު ޒަކަރިއްޔާ އޮޑި. 18-ފުރުޅޭއޮޑި. 19- ބިތްގަނޑުއޮޑި. 20- ވާތިފެނޭއޮޑި. 21- ޙަކީމު ޢަބްދުﷲ އާއޮޑި. 22- ތުނޑުބުރިކާފައިއޮޑި. 23- މާވަޑި ޢަބްދުﷲ އޮޑި. 24- މޫސާފުޅު ކާށިދޫ ދޯނި. 25-ގާދޯނި. 26- އައްޑާބޭދޯނި. 27- މޫސާފުޅު އާއޮޑި. 28- ބާއޮޑި 29- މޫސާ ކަލޭގެ ބާއޮޑި. 30- އިބްރާހީމް ކަލޭގެ ދޯނި. 31- ހެލޭސޮރު. 32-ފޫގަނޑު. 33- ދޮލަނގުއޮޑި. 34- ކަލޯހަސަނު އޮޑި. 35- ވާތިކިއްސަރުއޮޑި. 36- މާއޮޑި. 37-ބައްދު. 38-ފަލައޮޑި. 39- ފިނޭއޮޑި. 40- (ނޭގޭ) މިމަޢުލޫމާތު ހޯދީ ނައިފަރު އޮފީހުގައިވާ ދަތުރު ޖައްސާ ފޮތަކުންނެވެ.

މިއަދު 1339ހ. ގައި ނައިފަރުގައި ހުރީ. 30 މަސްދޯންޏާ އެހެނިހެން 50 ގަނޑެއްޗެވެ.

(ނުނިމޭ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment