000ލިޔުނީ: އަމްރީތާ ޕްރީތަމް ތަރުޖަމާ: އިބްރާހިމް ހުސެން މަނިކު ———————————————————— އަމްރީތާ ޕްރީތަމަކީ އިންޑިއާގެ މަޝްހޫރު ވާހަކަ ލިޔުންތެރިއެކެވެ. އަދި ޅެންވެރިއެއް މެއެވެ. އޭނާގެ އަސްލު ނަމަކީ އަމްރިތް ކައުރެއެވެ. ޕްރީތަމް އެއީ އޭނާގެ ފިރިމީހާގެ ނަމެވެ. އޭނާ އުފަންވީ  1919 ވަނަ އަހަރުގައެވެ. އުފަން ރަށަކީ ހުޅަނގު ޕަންޖާބުގެ ގުޖުރަންވާލާއެވެ. މިހާރު އެއީ ޕާކިސްތާނުގެ ރަށެކެވެ. އޭނާ ނިޔާވީ 2005 ވަނަ އަހަރު އައުދިއްލީގައެވެ. އޭނާގެ ލިޔުންތަކުގެ ތެރޭގައި ޅެމާއި ކުރުވާހަކައާއި ދިގު ވާހަކަޔާއި މަޒުމޫނު…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ލިޔުނީ: އަމްރީތާ ޕްރީތަމް

ތަރުޖަމާ: އިބްރާހިމް ހުސެން މަނިކު

————————————————————

އަމްރީތާ ޕްރީތަމަކީ އިންޑިއާގެ މަޝްހޫރު ވާހަކަ ލިޔުންތެރިއެކެވެ. އަދި ޅެންވެރިއެއް މެއެވެ. އޭނާގެ އަސްލު ނަމަކީ އަމްރިތް ކައުރެއެވެ. ޕްރީތަމް އެއީ އޭނާގެ ފިރިމީހާގެ ނަމެވެ. އޭނާ އުފަންވީ  1919 ވަނަ އަހަރުގައެވެ. އުފަން ރަށަކީ ހުޅަނގު ޕަންޖާބުގެ ގުޖުރަންވާލާއެވެ. މިހާރު އެއީ ޕާކިސްތާނުގެ ރަށެކެވެ. އޭނާ ނިޔާވީ 2005 ވަނަ އަހަރު އައުދިއްލީގައެވެ. އޭނާގެ ލިޔުންތަކުގެ ތެރޭގައި ޅެމާއި ކުރުވާހަކައާއި ދިގު ވާހަކަޔާއި މަޒުމޫނު ހިމެނެއެވެ. ލިޔުނީ ޕަންޖާބީ ބަހުންނާއި ހިންދީބަހުންނެވެ. 20 ވަނަ ގަރުނުތެރޭގައި ޕަންޖާބީ ބަހުގެ އެންމެ ބޮޑު ޅެންވެރިޔަކީ އޭނާ ކަމަށް ބެލެވެއެވެ. އިންޑިޔާގައި ދެވޭ އެންމެ މަތީ އަދަބީ އިނާމު ކަމަށްވާ “ސާހިތަ އެކެޑެމީގެ އިނާމު” ފުރަތަމަ ލިބުނު ބޭކަނބަލަކީ އޭނާ މެއެވެ. މީގެ އިތުރުން އޭނާ އަށް ވަނީ “ޕަދްމާ ޝްރީ” އާއި “ޕަދްމާ ވިބޫޝަން”(އިންޑިއާގައި ދެވޭ ހަތަރު ވަނަ އަދި ދެވަނަ އެންމެ މަތީ ޤައުމީ ޝަރަފު) ވެސް ލިބިފައެވެ. އޭނާގެ ކުރުވާހަކަ “ބަނގުފަތް” އަޅުގަނޑު ވާނީ މީގެ ކުރިން ދިވެހިބަހަށް ތަރުޖަމާކޮށް މިސައިޓުގެ އަހުލުވެރީންނަށް ގެނެސްދީފައެވެ.

————————————————————

ކޮންމެ މީހެއްވެސް ހަޔާތުގައި ހަދަން ޖެހޭ ވިޔައެއް އޮވެއެވެ. އަހަންނަށް ވެސް މިވިޔަ ހަދަން ޖެހުނެވެ. އެއީ އެގޮތް މިގޮތަށް ހަދަން ޖެހުނު ހިސާބެކެވެ. އޭގައި އެއްކުރުމާއި ކެނޑުން ހިމެނެއެވެ.

ހެނދުނު ސަޔަށް ފަހު އަހަރެން ނޫސް ބަލައިލީމެވެ. ފުރަތަމަ ސަފުހާގައި ފެނަރ ބްރޮކަރގެ ފޮޓޯއަކާއެކު ނަސްލީ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ ގޮތުން އޭނާ އިނގިރޭސި ވިލާތުގެ މަޖިލިހުގެ ތިރި ގެއަށް ހުށަހެޅި ބިލެއްގެ ވާހަކަ އޮތެވެ. އެއީ އާދައިގެ ބިލެއް ނޫނެވެ. ނަމަވެސް އެބިލުގައިވާ ކަންތައްތަކަށް ހަމްދަރުދީގެ ނަޒަރަކުން ބަލައިލާ މީހަކަށްވެސް އެއީ އިޚުލާސްތެރިކަމެއް ނެތް މަތި އޮމާންކުރުންގަނޑެއް ކަން ވިސްނޭނެއެވެ.

މެންދުރު ކުރާނެ މާ މުހިންމު ކަމެއް ނެތުމާއެކު އަހަރެން ނިންމީ ބައިސްކޯފަށް ދާށެވެ. ސިނަމާތަކުގައި ދައްކާ ފިލްމުތަކުގެ އިޝްތިހާރުތައް މަތިމަތިން ބަލައިލައިފައި އަހަރެންގެ ހޮވުމަކަށްވީ ޕްލާޒާ ސިނަމާގައި ދައްކާ “ލޯބީގެ ހަދިޔާ” އެވެ.

އަހަރެންގެ ކަޅި ދަތުރުކުރީ ޖެހިގެން އޮތް ސަފުހާގެ ތިންވަނަ ކޮލަމްގައި އޮތް ޚަބަރަށެވެ. ސުރުޚީއަކީ “ޝްރީމަތީ ޗެތުނާ ނިޔާވެއްޖެ” އެވެ. އެއާ ގުޅިގެން އޮތް ވާހަކައަކީ “އަހުމަދާބާދަށް ނިސްބަތްވާ ސޭޓު ދޭވީ ދަތުގެ އަންހެނުން ޝްރީމަތީ ޗެތުނާ ރޭ މެންދަމުން އަލިވެ ދޭއް ޖެހިއިރު ނިޔާވެއްޖެއެވެ. އޭނާއަކީ ލޭމައްޗަށް ދިއުމުގެ ބައްޔަށް ފަރުވާހޯދަމުން އަންނަތާ ގިނަ ދުވަސްވީ ބަލިމީހެކެވެ. މީގެ ދެދުވަސްކުރިން އޭނާ ކުއްލިއަކަށް ހާލު ބޮޑުވީއެވެ. އޭނާގެ އެންމެ ފަހުގެ އެދުމަކަށް ވީ ބުންބާގެ ސީގިރީން ހޮޓަލުގެ ނުވަ ނަންބަރު ކޮޓަރިއަށް ގެންގޮސް ދިނުމެވެ. އެހެން ކަމުން އިއްޔެ ހެނދުނުގެ ވަގުތެއްގައި އޭނާ އެކޮޓަރި އަށް ގެންދެވުނެވެ. ބުންބާގެ އެހިސާބުގައި އޭނާގެ އަމިއްލަ ގެއެއް ހުރުމާއެކު ވެސް އޭނާގެ އެދުމަށް އިހުތިރާމް ކުރުމުގެ ގޮތުން އޭނާ އެހޮޓަލުގެ އެ ކޮޓަރީގައި ބާއްވަން ހަމަޖެއްސީއެވެ.

ޚަބަރު ކިޔާލުމުން މަގޭ ލޮލުން ކަރުނަ ހިލިއްޖެއެވެ. ހިތާހިތާ ކިޔައިލެވުނެވެ. ޗެތުނާއެވެ. ދިރިއުޅުމުގައި ކަލެޔަށް ލިބުނީ އަދި ކަލޭ އަތުން ބީވެގެން ދިޔައީ ކޯންޗެއްކަން އެނގޭނީ ހަމަ ކަލެޔަށެވެ.

މަގޭ ހިތުގެ ލޮލުގެ ކުރިމަތީގައި ފައިބެ އަހަރުގެ އެޕްރީލު މަސް ތަމްސީލުވެގެން ދިޔައެވެ. އަހަރެން ބުންބާ އަށް ގޮސް ހުރީ ބާރަ ދުވަހުގެ ޗުއްޓީއެއްގައެވެ. ހުރުމަށް ހަމަޖެއްސީ ކަނޑުގެ މަންޒަރު ފެންނާނޭ މަގުން ސީގިރީން ހޮޓަލުގެ ކޮޓަރިއެކެވެ.

އަހަރެން ކޮޓަރިއަށް ވަދެ ފޮށިއަތްދަބަސް ހަމަޖައްސައިލެވޭހައި ނުވެއެވެ. ވަރަށް ބޮޑު ހައިރާންކަމެއް ލިބުނީ ކޮންމެވެސް އަންހެނަކު އަހަންނާ ބައްދަލުކުރަން ބޭނުންކަމަށް އެންގުމުން ތިރިއަށް ފޭބީމައެވެ. އަހަރެންގެ ނަން އެހުމަށް ފަހު އެ އަންހެނަކު ބޭނުންވީ އަހަންނާ ވާހަކަދައްކާލާށެވެ. އަހަރެން ބުނީމެވެ. “ދެވަނަ ބުރީގައި ހުރި އަހަރެންގެ ކޮޓަރިއަށް ހިނގާށެވެ.”

ބަހެއް ނެތި އޭނާ އަހަންނާއެކު އައެވެ. އަހަރެން އޭނާ އިށީންނަން ގޮނޑިއެއް ދައްކައިލީމެވެ. އޭނާ ކިޔައިފިއެވެ.

“ކަލެޔަށް މަށަކީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެކޭ ހީވެދާނެ. އެހެނަސް ކަލެޔަށް ވަރަށް ބޮޑު ކަމަކު އެބަ ކިޔަންޖެހޭ!”

“ބުނެބަލަ. ބުނެބަލަ. އަހަންނަށް ކަލެޔަށް ކޮށްދެވޭނީ ކޮން ކަމެއް؟”

ސީދާ ސީދާ އަހަރެންގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި އޭނާ ބުންޏެވެ.”އަހަރެން ދިރިއުޅެނީ އަހުމަދާބާދުގައި. ފޫހިވެއްޖެ ނަމަ ދެދުވަހަކަށް އަންނަނީ ބުންބާއަށް. އަހަރެންގެ އަމިއްލަ ގެއެއް މިރަށުގައި ހުއްޓަސް އެގެޔާއި އެވެށިން މަށަށް ލިބޭ ކުޑަވިޔަސް ތަސައްލީއެއް ނޯވޭ! ކޮންމެ ތިން މަހަކުން އެއްފަހަރު ކަހަލަ ގޮތަކަށް އަހަރެން މިހޮޓަލަށް އައިސް ހުންނަން. ކޮންމެ ފަހަރަކު ވެސް އަހަރެން ހުންނަނީ މިކޮޓަރީގައި! ތިން ހަތަރުދުވަހަކަށް ފަހު އެނބުރި އަހުމަދާބާދަށް ދަނީ. މިހޮޓަލުގައި ހުންނަން ކޮންމެ ފަހަރަކު ވެސް އަހަރެން ހަމަޖައްސަނީ މިކޮޓަރި. އެކަމަކު މިފަހަރު ދިމާވި ގޮތުން އަހަރެން ފޮނުވި ޓެލެގްރާމް މެނޭޖަރަކަށް ރައްދެއްނުވި. އަހަރެން އައިސް ޚަބަރު ބަލައިލިއިރު މިކޮޓަރި ހިފައިފައި ހުރީ އެހެން މީހެއް. މެހުމާނުންގެ ރަޖިސްޓަރީން އެމީހެއްގެ ނަން ހޯދައިލުމުން ފެނުނީ ކަލޭގެ ނަން. ހަނދާންކޮށްލުމުން ކަލޭގެ ނާވިލު “އަޝޫ” ކީ ހަނދާންވެއްޖެ. އަޝޫގެ ހިތުގެ ކެކުޅުންތައް ދެނެގަތް ހިތަށް އަހަރެންގެ ހިތުގެ ކެކުޅުންތައް ވެސް ދެނެގަނެވިދާނެ ކަން ނޭނގެ!”

“ތިޔައީ ހަމައެއްވެސް މައްސަލައެއް ނޫން. ކަލެޔަށް މިކޮޓަރި ދޫކޮށްލައިފައި އަހަރެން އެހެން ކޮޓަރިއަކަށް ބަދަލުވެދާނަން.” އަހަރެން މެނޭޖަރާ ގުޅާފައި މިކޮޓަރި މި އަންހެނާ އަށް ދީފައި އަހަރެން އެހެން ކޮޓަރިއަކަށް ބަދަލުކޮށްދޭން އެދުނީމެވެ.

މެނޭޖަރު ބުންޏެވެ.” ފަންސަވީސް ނަންބަރު ކޮޓަރި ރަނގަޅުވާނެ. އެއީ މިހާރު ތިޔަހުރި ކޮޓަރިއަށް ވުރެވެސް ފައްކާ ކޮޓަރިއެއް. އަދި ކަނޑުމޫނަށް ހުންނަ ކޮޓަރިއެއް މެ. ކަލޭގެ ފޮށިއަތްދަބަސް އެކޮޓަރިއަށް ބަދަލުކޮށްދޭން ކުއްޖަކު މިފޮނުވަނީ.”

“އަޝޫ އެއީ ކަލޭ ކިހިނެއް ލިޔަން ހިތަށް އެރި ވާހަކައެއް؟” އަންހެނާ އަހަރެން ކުރެން އަހައިލިއެވެ.

“މުޅި ވާހަކަ ކީމުތަ؟”

“އާނ. ކީން. ކިޔާފައި މަށަށް ރޮވުނު!”

“އަޝޫ ކަހަލަ ވަފާތެރި، ފިދާވުމަށް ފަސްނުޖެހޭ އަންހެނުންނަކީ ހަގީގީ ދިރިއުޅުމުގައި އުޅޭ ބައެއް ނޫން ކަމަށް މީހުން ބުނޭ!”

“ތިޔައީ ރަނގަޅު ވާހަކައެއް ނޫން. ލޯބި ތަޖުރިބާކޮށްފައި ނުވާ މީހަކަށް އެޒާތުގެ އަންހެނުން އުޅޭކަމެއް ނޭނގޭނެ. ކަލޭގެ އަޝޫ ވާހަކަ ކިޔާލުމުން އަހަންނަށް އިހުސާސްކުރެވުނީ ކަލޭ ލިޔެފައި އެއޮތީ ހަމަ  އަހަރެންގެ ވާހަކަ ކަމަށް!”

“އެކަމަކު ކަލޭގެ މޫނަކީ މުއްސަނދި މޫނެއް! ދުނިޔެމަތީގެ މުދަލުން ކަލެޔަށް އުނިވާ އެއްޗެއް އޮތް ހެނެއް ހީއެއް ނުވޭ!”

“މުދާ ދޯ!” އެ އަންހެނާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ފިކުރެއްގެ ތެރޭގައި އިނުމަށް ފަހު ވާހަކަ ކުރިޔަށް ގެންދިޔައެވެ. އަހަންނަށް ދިރިއުޅުމުގައި ލައްކަ ‘މުދާ’ ލިބުނު. ހަމަ އެހައި ‘މުދާ’ ގެއްލިގެން ވެސް ދިޔަ. ބާކީވެފައި މަގޭ އަތުގައި އޮތީ ކޮންފަދަ އަގުމާތް ޖަވާހިރެއްކަން މީ އަހަރެން އެއްވެސް މީހަކަށް ކިޔައިދިން ވާހަކައެއް ނޫން. އެހެނަސް މިއަދު ކަލޭ އަހަރެންގެ ލެއްޕިފައި އޮތް ހިތް ހުޅުވާލަދީފީމު!”

“ފުރަތަމަ ކަލޭ މިކޮޓަރިއަށް ތަކެތި ބަދަލުކޮށް ހަމަޖެހިލާ. އަހަރެންވެސް އަހަރެންގެ ތަކެތި ކޮޓަރީގައި ރަމަތަކޮށްލާފައި އެބަ އަންނަން”

ބައިގަޑިއިރެއްހައި އިރުފަހުން އަހަރެން އެނބުރި އަތުވެއްޖައީމެވެ. އަހަރެމެން ދެއަންހެނުން ކަނޑުމޫނަށް ހުރި ބެރެންޑާގައި ކޮފީ ބޯންޖައްސާލީމެވެ. މޭޒުމަތީގައި ފިނިފެންމާ ވައްޓެއް ބެހެއްޓިފައި ހުއްޓެވެ.

“މަގޭ ނަމަކީ ޗެތުނާ. އުފަން ރަށަކީ ކާންޕޫރު. މަގޭ ބައްޕަގެ ރީތި ބޮޑުގެއާ އިންވެގެން ވަރަށް ކުޑަކުޑަ ގެއެއް ހުރޭ. އެގޭ ކުދީންގެ ބައްޕަ ސަތިޔާގުރަހާގެ ހަރަކާތްތަކުގައި ބައިވެރިވެގެން ވަނީ ޖަލަށްލެވިފައި. އެހެންކަމުން އޭނާގެ ފިރިހެންދަރިފުޅަށް މާރަނގަޅު ތައުލީމެއް ލިބޭނެ ފުރުސަތެއް އަމުދުން ނެތް. މިބުނި ދަރިފުޅުގެ ނަމަކީ ޔުގްރާޖް. އެފަދަ މީހަކަށް އަދާކުރަން ޖެހޭނީވެސް އާދައިގެ ދެރަވަރު ވަޒީފާއެއް ތާ! ޔުގްރާޖު ފެންނަ ކޮންމެ ފަހަރަކު މަގޭ އަރުން އެތެރެހައްޓަށް މާމުއި ފޭދިގެންދާ ކަހަލަ. އެކަމަކު ފޭރާން ވިޔާ ކާރުޚާނާއެއްގެ ވެރިއެއްގެ ގޭގައި އެފަދަ ކުދިންގެ ނަންގަންނަސް ވެސް ކެރޭނީ ކާކަށް؟”

“މަގޭ ކައިވެންޏަށް ފަހު ރިހީގެ ސަމުސާތަކަކީ މަށަކަށް މަދު އެއްޗެއް ނޫން. އެހެނަސް މަގޭ ދިރިއުޅުމުގެ ބޯތަށި ހުރީ ހުހަށް. އަހަރެން މިއުނިކަން ހަނދާން ނައްތާލީ ފޮތްކިޔުމާއި އިޖުތިމާއީ ޚިދުމަތުގައި ވަގުތުތައް ވޭތުކޮށްގެން. އަހަރެންގެ ނަފުސުގެ ބޭނުންތަކަށް ބީރުކަންފަތެއް ދީފައި އަހަރެން އުޅުނީ އެހެން މީހުންގެ ކަންތައްތައް ހަމަޖައްސައިދެވޭތޯ. މިގޮތުން އެއްފަހަރަކު އަހަރެން ކޮންގްރެސް ޕާޓީގެ ފަރާތުން ބޭއްވި އެއްވުމަކަށް ދިޔައިން. މިއެއްވުމުގައި ޔުގްރާޖު އުރުދޫ ޅެމެއް ކީ. އޭނާ އެތާ ހުރުމުން މަށަށް ބުނަން ނޭނގޭ ފަދަ ގޮތްތަކެއް ވާން ފެށި. އޭނާގެ ހުވާސްގެ ހުވަނދު މަށަށް ވެފައި އޮތީ ހިނގަހިނގާ ހުރި އާރަކަށް. އެއާރަށް މަގޭ ފައި ކައްސާލައިގެން ވެއްޓި ތެމި ފޯވެއްޖެ. ހޭވެރިވުމުން އަވަހަށް އައީ ގެއަށް.”

އަނެއް ދުވަހު ކޮންގްރެސްގެ އޮފީހަށް ގުޅަން ކަމަށް އަހަރެން ދެތިން ފަހަރަކު ނަންބަރުގެ ދެބައިކުޅައެއްބައި ޖެހިން. އެންމެ ފަހުން ފުރިހަމަ ނަންބަރު ޖަހާނެ ހިތްވަރު ލިބިގެން ގުޅައިލިން. އަހަރެންގެ އެދުމަށް އެމީހުން ޔުގްރާޖާ ގުޅައިދީފި. އޭނާ ވާހަކަދައްކަން ފެށުމުން…” ޗެތުނާ ހަމަ ހިމޭންވެފައި އިނެވެ. އަހަރެން އޭނާގެ އަތުގައި ހިފަހައްޓާލައިގެން އިނީމެވެ. ދެން ޗެތުނާއަށް ‘ހޭލެވިގެން’ ވާހަކަޔައިގެން ކުރިޔަށް ދާން ފަށައިފިއެވެ. “ކިހާ ހެއްވާ ކަމެއް؟ ޔުގްރާޖު އެހައި ދުރުގައިވާ އިރުވެސް އަހަންނަށް އޭނާގެ ހޫނު ހުވާސް ލަންސުކުރެވޭ ކަހަލަ. ޔުގްރާޖު ބުނީ އޭނާ ނިންމައިގެން ހުރީ ދިއްލީއަށް ދާން ކަމަށް. އެހެނަސް އޭނާ ހުރީ ބުންބާއަށް ދާހިތުންވެސް މެ. އެތާ އޭނާ ކުރަން ފައްޓާފައި ނުނިމިހުރި ކަމެއް ވެސް އޮތުމާއެކު. އަހަރެންވެސް ހުރީ ބުންބާގައި ބިނާ ކުރެވެމުންދާ އަހަރެންގެ ގޭގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބަލައިލަން ބޭނުންވެފައި. ‘ޔުގްރާޖަށް އެއްވެސް ގޮތަކުން އަހަރެންގެ އެހީތެރިކަން ބޭނުންވާ ނަމަ އަހަރެން މިހުރީ ޔުގްރާޖަށް އެހީތެރިކަމެއް އުފަލުން ފޯރުކޮށްދޭން.’ މިހިސާބުން ޗެތުނާގެ އަރުބެދިއްޖެ ކަހަލައެވެ. ހަމަޖެހިލުމުން އަނެއްކާވެސް ވާހަކަ ކުރިޔަށް ގެންދާން ފެށިއެވެ. “ޖެހިގެން އައި ދުވަހު ޔުގްރާޖު އަހަންނާއެކު ބުންބާއަށް އައި. ކުރިން ބުންބާ އަށް އައިސްފިނަމަ އަހަރެން އަބަދުވެސް ހުންނަނީ އަހަރެންގެ ރައްޓެއްސެއްގެ ގޭގައި. އެކަމަކު އެފަހަރު އަހަރެން ހުރީ މިހޮޓަލުގައި. މިކޮޓަރީގައި. ޔުގްރާޖަށް އަހަރެން ހަމަޖެއްސީ  ޖެހިގެން ހުރި ކޮޓަރި.”

ޗެތުނާ ދިގު ނޭވާއެއްލައިފައި ވާހަކަ ކުރިޔަށް ގެންދިޔައެވެ. “ރޭގަނޑުގެ ކެއުމަށް ފަހު އަހަރެން ޔުގްރާޖުގެ ކިބައިން އެދުނީ މަށަށް އުރުދޫ ޅެން ކިޔައިދޭން. ދެމީހުން ދެމެދުގައި މޭޒުމަތީ ފިނިފެންމާ ވައްޓެއް ބެހެއްޓިފައި ހުރި. ޔުގްރާޖު ޅެން ކިޔަމުންދިޔައިރު ސިނގިރޭޓަކަށް ފަހު ސިނގިރޭޓެއް ރޯކޮށް ހުލިކުރަމުން ދިޔަ. ކަލެޔަށް އުދަނގޫނުވާ ނަމަ އަހަރެން ސިނގިރޭޓެއް…”

“ކީކޭ؟”

“އަހަރެން ސިނގިރޭޓެއް ރޯކޮށްލިޔަސް ހެޔޮތަ؟ މިކޮޓަރީގައި އަހަރެން ހުންނަ އިރު އަހަންނަށް އަބަދުވެސް އިހުސާސްކުރެވެނީ އަހަންނާއެކު ޔުގްރާޖު ވާކަމަށް. އަހަރެން ދުރާލައި އޯޑަރުދީގެން މޭޒުމަތީ ފިނިފެންމާ ވައްޓެއް ބަހައްޓަން ހަނދާންކުރަން. އަދި އަހަރެންގެ ދެއިނގިލި ދޭތެރޭ ސިނގިރޭޓެއް ރޯކޮށްލައިފައި ބާއްވަން. އަހަންނަކީ ސިނގިރޭޓު ބޮއިއުޅޭ އަންހެނެއް ނޫން”

“އަހަރެންގެ އިއުތިރާޒެއް ނެތް.”

ޗެތުނާ ސިނގިރޭޓެއް ރޯކޮށްލިއެވެ. އަދި ދެއިނިގިލި ދޭތެރޭ ސިނގިރޭޓު ބާއްވައިގެން އިނދެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

“ޔުގްރާޖުގެ ހާޒިރު އަހަރެންގެ މުޅި ނަފުސުގައި ފިނިފެންމަލުގެ މީރުވަސް ހިއްޕާލި ކަހަލަ. މަގޭ ހިތުގެ ހުސްކަން އެމީރުވަހުން ފުރިއަރައިފި… މަގޭ މުރާދު ހާސިލްވެއްޖެ. މިކަން ހިނގީ މީގެ ވިހި އަހަރުކުރިން. އަހަރެންގެ ހަޔާތުގައި ހަދަން ޖެހޭ ވިޔަ އަހަރެން ހެދިން. އެއީ އެގޮތް މިގޮތަށް ހަދަން ޖެހުނު ހިސާބެއް. އޭގައި އެއްކުރުމާއި ކެނޑުން ހިމެނޭ. ބާކީ އަކީ ޔުގްރާޖުގެ ހޫނު ހުވާސް!”

ޗެތުނާއަށް އަހަރެން ނުވެސް ފެންނަ ކަހަލައެވެ. އޭނާ ހަނދާންތަކުގެ ދުނިޔެއަށް ގެއްލި ނިމިއްޖެއެވެ. ކޮޓަރީގެ ދޮރު ހުޅުވާލައިފައި އަހަރެން އަވަހަށް ނިކުމެގެން ދިޔައީމެވެ.

މިކަމެއް ހިނގީ ފައިބެ އަހަރު އެޕްރީލު މަހު ތެރޭގައެވެ. މިއަދު މެއި މަހު ބާވީސްވަނަ ދުވަހު އަހަންނަށް ނޫހުން މިފެނުނީ:

“ޝްރީމަތީ ޗެތުނާ… އޭނާގެ އެންމެ ފަހުގެ އެދުން ސީގިރީން ހޮޓަލުގެ ނުވަ ވަނަ ކޮޓަރިއަށް. މިރޭ މެންދަމުން އަލިވެ ދޭއްޖަހާއިރު…”

-ނިމުނީ-

ހަވާސާ ނޯޓު:


  • ބުންބާއަކީ މިއަދުގެ މުންބައިއެވެ. މިވާހަކަ ލިޔެވުނު ދުވަސްވަރު ދިވެހިބަހުން އެސަހަރަށް ކިޔައި އުޅުނީ ބުންބާއެވެ.
  • ސަތިޔާގުރަހާއަކީ އިންޑިއާ އަށް މިނިވަންކަން ހޯއްދަވައިދެއްވުމަށް މަހާތުމާގާނދީ ހިންގެވި ލޭއޮހޮރުވުމެއް ނެތް ސުލްހަވެރި ހަރަކާތްތަކެވެ.
  • ލަންސުވުން: ބީހުމުގެ އިހްސާސްވުން: މިއީ މަލިކު މަވްލަވީ ޢަލީ އިސްމާޢީލު ޢުމަރީ ދިވެހިކުރައްވާފައި އޮތް އަރަބި ބަހެކެވެ. (އަރަބި: ލަމްސު)

މިހަވާސާ ނޯޓަކީ މިވާހަކައިގެ ލިޔުންތެރިޔާގެ ވާހަކަކޮޅެއް ނޫނެވެ. މިވާހަކަ ވިދާޅުވާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ތަރުޖަމާކުރި މީހާ އިތުރުކޮށްލި ވާހަކަކޮޅެކެވެ.

———————————————-

About the author
1 Comment
  1. ެއަހުމަދު ޝިޔާމު

    ކުރު އެހެނަސް ހިތް ގައިމު ވާހަކަ އެއް.

    (1)(0)
Leave Comment