200ކޮންމެ ދީނެއްގެ ކޮންމެ ސަގާފަތެއްގެ ބައެއްގެތެރޭގައި ތަފާތު އާދަކާދަތަކެއް ހުރެއެވެ. ފާހަގަކުރާ ތަފާތު މުނާސަބަތުތަކެއް ހުރެއެވެ. ދީނީ މުނާސަބަތެވެ. ގައުމީ މުނާސަބަތެވެ. މިނޫން ވެސް ތަފާތު މުނާސަބަތެވެ. އެފަދަ މުނާސަބަތުތައް އެންމެ ފުރިހަމައަށް ފެންނަނީ، އެ ތަނަކަށް ދެވުމުން ނެވެ. ބައެއް ފަހަރަށް ޓީ.ވީ.ޕްރޮގްރާމަކުން އެފަދަ މަންޒަރެއް ނުފެންނަ ވާހަކައެއް ނޫނެވެވެ. ނަމަވެސް ހަމަލޮލުން ކަމެއް ދުށުމާއި ފިލްމަކުން ފެނުމާ ވަރަށް ތަފާތު ނޫންތޯއެވެ. އަޅުގަނޑު ދަންނަވައިލަން މިއުޅެނީ ބައެއްގެ ދީނީ މުނާސަބަތެއްގެ ވާހަކައެވެ. ނަމަވެސް އެއްގޮތަކަށްވެސް…
Share on Facebook2Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ކޮންމެ ދީނެއްގެ ކޮންމެ ސަގާފަތެއްގެ ބައެއްގެތެރޭގައި ތަފާތު އާދަކާދަތަކެއް ހުރެއެވެ. ފާހަގަކުރާ ތަފާތު މުނާސަބަތުތަކެއް ހުރެއެވެ. ދީނީ މުނާސަބަތެވެ. ގައުމީ މުނާސަބަތެވެ. މިނޫން ވެސް ތަފާތު މުނާސަބަތެވެ.

އެފަދަ މުނާސަބަތުތައް އެންމެ ފުރިހަމައަށް ފެންނަނީ، އެ ތަނަކަށް ދެވުމުން ނެވެ. ބައެއް ފަހަރަށް ޓީ.ވީ.ޕްރޮގްރާމަކުން އެފަދަ މަންޒަރެއް ނުފެންނަ ވާހަކައެއް ނޫނެވެވެ. ނަމަވެސް ހަމަލޮލުން ކަމެއް ދުށުމާއި ފިލްމަކުން ފެނުމާ ވަރަށް ތަފާތު ނޫންތޯއެވެ.

އަޅުގަނޑު ދަންނަވައިލަން މިއުޅެނީ ބައެއްގެ ދީނީ މުނާސަބަތެއްގެ ވާހަކައެވެ. ނަމަވެސް އެއްގޮތަކަށްވެސް އެކަމުގެ ދީނީ ނަޒަރަކުންނޫނެވެ. އިޖުތިމާއީ ނަޒަރަކުންނެވެ. އަޅުގަނޑުމެންގެ ތެރޭގައިވެސް ދީނީ ނަޒަރުން ބަލާއިރު އެހައި ރަނގަޅުނޫން ބައެއްކަންކަން އެކި ދުވަސްވަރު އެކި ފެންވަރަށް ހިނގަމުން ގޮސްފައިއެވެ. އޭގެތެރެއިން އެއްކަމަކީ، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިހެން ވަރަށް ފޯރިއާއި އެކުވެރިކަމުގެ ލާމަސީލު ރޫހަކާއެކު ބޭއްވެމުންދިޔަ ބޮޑުމާލޫދެވެ.

އަޅުގަނޑުގެ ކަނޑުބޭރުވުމުގެ ދަތުރު ކުރެވުނީ، 1981 ވަނަ އަހަރުގެ މާރިޗު މަހުގެތެރޭގައި ހދ.ކުޅުދުއްފުއްޓަށެވެ. އެ ދަތުރުގެ އެތައް ހަނދާންތަކެއް އެތައް ސުރުޚީތަކެއް ދަށުގައި އެކިދުވަސްވަރު ލިޔެވިފައިވާނެއެވެ. އެ ދަތުރުގައި އެ ރަށުގައި ބޭއްވުނު ބޮޑުމާލޫދެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ. މިއީ އަޅުގަނޑު ދުށް އެންމެ ފުރަތަމަ އަދި އެންމެފަހުގެ ވެސް ބޮޑުމާލޫދެވެ.

ކޮންމެއަކަސް އަނެއްކައިވެސް ”ބޮޑުމާލޫދެއް” ފެނުނީއެވެ. މިފަހަރު ރާއްޖެއަކުން ނޫނެވެ. އަވަށްޓެރި އުތުރުކަރައިންނެވެ. މިކަމަށް ”ބޮޑުމާލޫދެކޭ” އަޅުގަނޑު މިދެންނެވީ ހަމައެކަނި ކަމުގެ ރޫޙަށް ބަލައިފައެވެ.

އުތުރުކަރައިގެ ތިރުވަނަންތަޕޫރަމްގައި ފާހަގަކުރާ ޕޮންގަލައިން ފެންނަނީ، ވަރަށް އާދަޔާ ޚިލާފު މަންޒަރެކެވެ.

2017 ވަނަ އަހަރު މާރިޗު މަހުގެ 11 ވަނަ ދުވަހެވެ. އަޅުގަނޑުމެން ތިބީ އުތުރުކަރައިގެ ތިރުވަނަންތަޕޫރަމްގައެވެ. ހެނދުނުގެ ވަގުތެވެ. ހަސްފަތާލަށް ދިއުމަށްޓަކައި އަޅުގަނޑުމެން ތިބޭ ހޮޓަލުން ނުކުތްއިރު އަސްތާ ކަމަކުދާކަށް ނެތެވެ. ހުރިހާ އަންހެންވެރިން ގޭގޭގެ ބަދިގެތައް ދޫކޮށް ނުކުމެ، ކައްކަން މިތިބީ މަގުމަތީގައެވެ. މުޒާހަރާއެއް ނޫންބާވައެވެ! ހިތަށް އެރިއެވެ. ގޭސް އަގުބޮޑު ވެއްޖެއްޔާ އަންހެންވެރިން މަގުމަތީގައި މިކަހަލަ މުޒާހަރާއެއް ފަށައިފާނެއެވެ. ނަމަވެސް ނޫނެކެވެ! މިއީ މުޅީން އެހެންކަމެކެވެ. ދީނީ ސަގާފަތާ ގުޅިފައިވާ ކަމެކެވެ. ކުރިންވެސް ދަންނަވައިލެވުނުހެން ކަމުގެ ދީނީ ފަރާތަށް ބަލައެއް ނުލާނަމެވެ.

އުތުރުކަރައިގެ އަންހެންވެރީން ފާހަގަކުރާ ޕޮންގަލަ ދުވަހަށް އެމީހުން ތައްޔާރުވާކަމަށް ވަނީ ވަރަށް ދުރާލާއެވެ. ދިވެހީން ބޮޑުމާލޫދަށް ތައްޔާރުވާހެންނެވެ. އުތުރުކަރައިގެ އެކި ސަރަހައްދުތަކުން ޕޮންގަލާގައި ބައިވެރިވުމަށް ތިރުވަނަންތަޕޫރަމަށް އަނހެންވެރީން އާދެއެވެ. އެކަމަށް ދަތުރުފަތުރުގެ ފަސޭހަތައް ވެސް އެކިފަރާތްތަކުން އިންތިޒާމުކޮށްދެއެވެ. ރޭލު ދަތުރުތަކާއި ބަސް ދަތުރުތަކެވެ. ކުރޮޅިއާއި އެނޫން ވެސް ވަސީލަތްތަކެވެ.

20170311_113658ފޮންގަލައިގައި ބައިވެރިވުމަށް އަންހެންވެރީން އައު ހެދުމެއް ފަހައެވެ. އަދި ޕޮންގަލައިގެ ކުރީ ރޭ އައު ހެދުން ލައިގެން އެމީހުން ހޭދަކުރަނީ އެބައެއްގެ ކެއްކުން އޮންނަ ސަރަހައްދެއްގެ ދުވާރުމަތީގައެވެ. ރަސްމީކޮށް ޕޮންގަލަ ފެށެނީ އެދުވަހުގެ އިރު ފެނުން ތޮޅިލުމާއެކުގައެވެ.

މަގުމަތީގައި ދުވާރު ކައިރީގައާއި ބައެއް ހިސާބުގައި ދުވާރުމަތީގައި (ރާނާގައު ވައްތަރުގެ) ތިންގަނޑު މުށިން އުނދުންތައް ހަދަން ފަށައެވެ. ރުކުގެ އިލައާއި ފުޅަފި ފަދަ ތަކެތި ޖައްސައިގެން އަލިފާން ރޯކޮށް ކައްކަން ފަށައެވެ. ގިނައިން އުދާފައި ހުއްޓާ ފެންނަނީ ކުދިކުދި މުށި ބަނޑިޔަލާއި ފުފޭފަދަ ކަންވާރެވެ. ވަރަށް މަދުން އެލްމެނިއަމް ބަނޑިޔާ ވެސް ފެނުނެވެ. އަޅުގަނޑަށް ފެނުނު ސަރަހައްދަކުން އާދައިގެ ތެއްޔެއް ވެސް ފެނުނެވެ.

ސުއިޓު ޕޮންގަލަ (ނުވަތަ ޗައްކަރަ ސަދަމް) ގައި ކައްކަނީ ”ހަނޑުލުބޮނޑިބަތް” ފާޑު އެއްޗެކެވެ. ހަނޑުލުގެ އިތުރަށް ކާށިހުންޏާއި ގިތެލާ އަދި ވެސް ބައެއް ތަކެތި ވެސް އަޅައެވެ. ރަތްދަކައަވީގައި އަދި އަލިފާން ރޯކޮށްގެން އޭގެ ހޫނުގައި ތިބެގެން ކައްކާ ކެއްކުމުގައި އަންހެންވެރީން އެ ދުވަހުގެ މެންދުރުން އަނބުރަންދެން ހޭދަކުރަނީ ވަރަށް ޖޯޝާއެކުގައެވެ. ފޫހިކަމެއް ވަރުބަލިކަމެއް ނެތިއެވެ. ހޫނެއްގެ އިހުސާސެއް ވެސް ނެތިއެވެ. ބައެއް ހިސާބުތަކުގައި އަޑުގަދަކުރާއިން ލަވަ ޖަހަމުންވެސް ގެންދެއެވެ.

ދީނީ ފިކުރުގެ ގޮތުން މިކަމުގެ ހަގީގަތް އެއްކިބާކޮށް، އިޖުތިމާއީ ނަޒަރުން ބަލާއިރު މިއީ ވަރަށް ބޮޑު ގުޅުމަކާއި ބަދަހިކަމެއް ގެނެސްދޭކަމެއްކަމަށް ފެނުނެވެ. ސުއިޓު ޕޮންގަލަ ކެއުމަށްޓަކައި ދިގު ކިޔުތައް ހަދައިފައި ތިއްބާ ވެސް ފެނުނެވެ. އަންހެންވެރީންނާއި ފިރިހެންވެރީންނެވެ. އެމީހަކަށް އަތުޖެހުނު ކަންވާރެއް ހިފައިގެންނެވެ. މާބޮޑެތި ނޫން ކަންވާރެވެ. މިއީ، ބަދަހި ގުޅުމެއްގެ އުފާވެރި މަންޒަރަކަށް ހަމަގައިމު ވެސް އަޅުގަނޑަށް ވިއެވެ.

ދެން ފެނުނީ އެހެން މަންޒަރެކެވެ. މެންދުރުފަހެވެ. އެތައް ހިސާބަކަށް ދިގު ދެމިގެން ގޮސްފައިއޮތް އުނދުންބަރިތަކާއި ކެއްކުމުގެ ކާރޫބާރޫތައް މުޅިން ހިނދި ހަމަމަގަށް އެޅިފައިވާ ތަނެވެ. މަގުމަތީގައި ބަޔަކު ކަމެއް ކޮށްފައިވާހެން ވެސް ހިޔެއްނުވެއެވެ. ސާފުކޮށްލާފައި އޮތްއިރު ހީވަނީ މަގުމަތީ ފެންފޮތި ވެސް ލާފައި ވާހެންނެވެ. އެހައިވެސް ނަލައެވެ.

ޖެހިގެންއައި ދުވަހު ވެސް މަދު ތަނަކުން މި ކެއްކުމުގެ ކަންތައް ފެނުނެވެ. ވަރަށް މަދުންނެވެ. މާބޮޑު ފޯރީއެއް ނެތެވެ. ފަހަރެއްގައި ކުރީ ދުވަހު ބައިވެރި ނުވެވުނު މީހުން ސުންނަތް އަދާކޮށްލަނީ ކަމަށް ވެސް ވެދާނެއެވެ.

މިއީ، އަލަށް ފެނުނު އައު ކަމެކެވެ. އެހެންކަމުން އަޅުގަނޑުގެ ދަތުރުފަތުރުގެ ސުންނަތެއްގެ ގޮތުން އުތުރުކަރައިން ވެސް ހަދިޔާއެއް ”ގެނެސް ދިނީ” އެވެ. ރަހަ ރަނގަޅު ތޯއެވެ!

______________________

About the author
Leave Comment