”ޓެކް އަ ލުކް އެޓް ޔޮރސެލްފް” އަކީ ޖޯން މިލަރ އޭ ނަމަކަށް ކިޔާ މީހަކު ލިޔެފައިވާ ފޮތެކެވެ. އެ ފޮތުގައި ވަރަށް މަޖާ ވާހަކައެއް އޭނާ ލިޔެފައި ވެއެވެ. ”ފަރުބަދަތަކުގެ މަތީގައި ހުރި ކުޑަކުޑަ ގެއެކެވެ. ގޭގެ ދޮރުމަތީގައި އެލުވާފައި އޮތް ކޮށްޓެއްގައި އިން ގުރައެކެވެ. އެ ގެއަށް މީހަކު ވަންނާން އައުމާއެކު އެ ގުރާ ގޮވައިލިއެވެ. ” ބޭކަލުންނޭ – ފަހަރަކު ބޭކަލަކު ވަންނަވާ! ” އެއް ދުވަހަކު ކޮށި ހުޅުވާފައި ހުއްޓާ ގުރާ…

”ޓެކް އަ ލުކް އެޓް ޔޮރސެލްފް” އަކީ ޖޯން މިލަރ އޭ ނަމަކަށް ކިޔާ މީހަކު ލިޔެފައިވާ ފޮތެކެވެ. އެ ފޮތުގައި ވަރަށް މަޖާ ވާހަކައެއް އޭނާ ލިޔެފައި ވެއެވެ.

”ފަރުބަދަތަކުގެ މަތީގައި ހުރި ކުޑަކުޑަ ގެއެކެވެ. ގޭގެ ދޮރުމަތީގައި އެލުވާފައި އޮތް ކޮށްޓެއްގައި އިން ގުރައެކެވެ. އެ ގެއަށް މީހަކު ވަންނާން އައުމާއެކު އެ ގުރާ ގޮވައިލިއެވެ. ” ބޭކަލުންނޭ – ފަހަރަކު ބޭކަލަކު ވަންނަވާ! ”

އެއް ދުވަހަކު ކޮށި ހުޅުވާފައި ހުއްޓާ ގުރާ އުދުހިގެން ހިނގައްޖެއެވެ. ގޭގެ ވެރިމީހާ ގުރާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. ހޯދަމުން ދަނިކޮށް ފެނުނީ ކަށިކުނބު ގަހެއްގެ ތެރޭގައި ހައްޔަރުވެފައި އޮއްވައެވެ. އެ ހާލުގައި އޮވެގެން ވެސް ގޮވައެވެ. ” ބޭކަލުންނޭ – ފަހަރަކު ބޭކަލަކު ވަންނަވާ! ”

އަޅުގަނޑުމެން ދަސްކުރާންވީ ފިޔަވަޅަކުން ފިޔަވަޅަކުން ކުރިޔަށްދާން އެކަންޏެއް ނޫނެވެ. ކޮންމެ ދުވަހެއްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ ވެސް އަޅުގަނޑުމެން ދަސްކުރާން ޖެހިފައިވާ ކަމެކެވެ. ކޮންމެ ރެޔަކާއި ދުވާލެއްގައި ސައުވިސް ގަޑިއިރު އޮވެއެވެ. އެ ސައުވީސް ގަޑިއިރު ބޭކާރު ގޮތުގައި ދުއްވާނުލައި ބޭނުން ކުރެވޭތޯ ބަލަން ވާނެއެވެ.

ކޮންމެ ދުވަހަކު އިރު އެރުމާއެކު ހިތަށް އަރަން ޖެހޭ ވާހަކައަކީ މިއީއެވެ.

”މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަންނަށް ދެއްވި އައު ދުވަހެކެވެ. އެ ކަލާނގެ ނިޢުމަތްތަކުގެތެރެއިން ނިޢުމަތެކެވެ. މި ދުވަސް ނުދެއްކެވި ނަމަ އިއްޔެ ވެގެން ދިޔައީހީ އަހަރެންގެ އަހަރެންގެ އެންމެ ފަހު ދުވަހަށެވެ. މިއަދު މި ދެއްކެވީ ވަކި މަގުސަދަކަށް ޓަކައި ކަން ކަށަވަރެވެ. މިއަދުގެ ބޭނުން އަހަރެން ނުހިފައިފިނަމަ މިއަދު އެނބުރިއެއް ނާންނާނެއެވެ. ސައުވީސް ގަޑިއިރު ބޭކާރު ވެގެން ދިޔައީއެވެ.”

ދުނިޔޭގައި އުޅެން ލިބިފައިވާ ކޮންމެ ފުރުސަތަކީ ނިޢުމަތެކެވެ. އެ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ނުހިފާ ނަމަ އޭގެ ގެއްލުން ލިބޭނީ ޚުދު ތިމާގެ އަމިއްލަ ނަފުސަށެވެ. މަރު އައިސް ތިމާޔާ ބައްދަލުކުރާނީ ކޮން ދުވަހަކުކަމެއް ނޭނގެއެވެ. އެހެންވީމާ، ބުއްދިވެރި ބަހެއްގައި އޮންނަ ފަދައިން؛

”ދިރިއުޅެން ވާނީ އެއް ހާސް އަހަރު އުޅެވޭނޭ ކަމަށް ބަލައިގެންނެވެ. އެކަމަކު ހަމަ މި ވަގުތު ވެސް މަރުވެދާނޭ ކަމަށް ތައްޔާރުވެގެން ހުންނާށެވެ.”

_____________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment