000تاليف (” ނަން ނުއައްސަވާ!”) މިއީ، ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު (ރަޙިމަހުﷲ) ގެ ހިނގާ ގަލަންކޮޅު މީގެ 76 އަހަރު ކުރީން ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. މި ލިޔުން ޝާއިއުކޮށްފައިވަނީ”އައްރަފީޤު” މަޖައްލާގައެވެ. ނަމަވެސް  މިސައިޓަށް ނަގާފައި މިބަނީ، ނޮވެލްޓީން ނެރެފައިވާ ”ދިވެހިޑައިޖެސްޓް” 86  (8 ނޮވެންބަރު 2016)  ވަނަ އަދަދުންނެވެ. __________________________ މިޖެހުނީ ބޮޑުކަމެކެވެ. ” ފޫހިފިލުވުމަށް” ލިޔާންވީއެވެ. ބަހުގައި ބުނެވޭ ޖެހިއްޖެކަމަކަށް ފަސްޖެހުމަކީ ފިނޑިންގެ ކަމެކެވެ. ފިނޑިއަކަށް ވާހިތްވާނީ ކާކުތޯއެވެ؟ ގައިމުވެސް އަޅުގަނޑެއް ނޫނެވެ……. އެހެންވީއިރު…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

تاليف

(” ނަން ނުއައްސަވާ!”)

wp_20160912_00_20_39_pro-2

މިއީ، ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު (ރަޙިމަހުﷲ) ގެ ހިނގާ ގަލަންކޮޅު މީގެ 76 އަހަރު ކުރީން ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. މި ލިޔުން ޝާއިއުކޮށްފައިވަނީ”އައްރަފީޤު” މަޖައްލާގައެވެ. ނަމަވެސް  މިސައިޓަށް ނަގާފައި މިބަނީ، ނޮވެލްޓީން ނެރެފައިވާ ”ދިވެހިޑައިޖެސްޓް” 86  (8 ނޮވެންބަރު 2016)  ވަނަ އަދަދުންނެވެ.

__________________________

މިޖެހުނީ ބޮޑުކަމެކެވެ. ” ފޫހިފިލުވުމަށް” ލިޔާންވީއެވެ. ބަހުގައި ބުނެވޭ ޖެހިއްޖެކަމަކަށް ފަސްޖެހުމަކީ ފިނޑިންގެ ކަމެކެވެ. ފިނޑިއަކަށް ވާހިތްވާނީ ކާކުތޯއެވެ؟ ގައިމުވެސް އަޅުގަނޑެއް ނޫނެވެ……. އެހެންވީއިރު މިފަށަނީއެވެ. މީހުން ކުރާނީ މަސައްކަތެވެ. ފުއްދަވައިދެއްވާނީ މާތް ރަސްކަލާގެއެވެ. މާތް ކަލާގެއާ وکيلވެ.

އައްސަވާށެވެ! އަޅުގަޑުގެ ފުރަތަމަ واجبކީ އަޅުގަޑު އެންމެ ”ފޫހި”ވާ ކަންތައްތައް بيان ކޮށް ދެންނެވުންތާއެވެ. ދެން އަޅުގަޑުގެ ވިސްނުމަށް ފެންނަ ގޮތުގައި އެކަންތައްތައް ” ފިލުވާނޭ ” ގޮތެއް ދެންނެވުން ނޫންތޯއެވެ. އަޅުގަޑުހިތުން އެއީ إنسانية ށް އަދާކުރެވޭ ނުހަނުބޮޑު خدمةއަކަށް ވާނެއެވެ.

(1) އައްސަވާށެވެ! އަޅުގަޑު އެންމެ ފޫހިވާ ކަމަކީ ­— ބޮޑެތިސިންގާ ފިރިހެނުން އަންހެންދުޅާ ވެގެން އުޅޭތީއެވެ. ބޮލުހުޅިގަޑު ނިތްކުރިމައްޗަށް ދިގުކޮށްފައި ފުނާއަޅައި އެއްފަރާތަކަށް ކަހައިނަގާފައި ދަތިޖަހައި ހަރުކޮށްލައި މޫނުގައި ފުށްޖަހައި ”مولنا” މަރުކާގެ ހުސްގަންޖުފަރާހެއްލާފައި މުންޑު ދެކައްޗަށް އަދެފައި ”ދާޔަކުކުން ފޯޔަކުކުން” ރާގެއްގައި ދެއަތްހަލަމުން ހަށިގަޑަށް ބަޑިބަޑިލައްވައި ވަންޖިޖައްސަމުންދާއިރު ދެކެފައި އަޅުގަޑު ހަމަ حيرانވަމެވެ. މިއީ ކޮންފަދަ عجائبއްބާވައޭ ހިތަށް އަރައެވެ! އެކަހަލަ މީހަކު ވާހަކަދައްކައިލާއަޑުއިވުނީމަކީ ބައިލާހިދެބައިކުޅައެއްބައަށްވުރެން އަޅުގަޑުގެހިތަށް އަސަރުކުރުން ކުޑަކަމެއްނޫނެވެ. މީހަކު އެއްޗެކޭ ބުނާއިރަށް އާތްގޮތެއްގައި —- ”ދެންހަމަ عجائب!—” ކިޔައިލާ އަޑުއިވިފައި ގިނަފަހަރަށް މިހާރު އަޅުގަޑު ގާތަށް އަންނަނީ ރުޅިއެވެ. ………. މިބައިމީހުންނަށް ކުރާނޭ ފަރުވާއެއް އަޅުގަޑުގެ ވިސްނުމުގައި އަދި މާރަގަޅަކަށް ރޭވިފައެއްނެތެވެ. އެންމެރަގަޅުވާނޭކަމަށް މިތަންވަޅުފެންނަ ގޮތަކީ މިއިންމީހަކު އަވަހަށްފުރާބޯޓަކުން ކަރަޔަށް ފޮނުވައި ކޮންމެވެސް މޮޅު ڈاکئرކަށް ދައްކައިގެން އެމީހަކަށް ޖެހިފައި އެހުރީ ކޮންކަހަލަ ބައްޔެއްތޯ ބައްލައި ނުވަތަ އެމީހަކުގެ ހަށިގަޑުގެތެރެއިން މަދީ ނުވަތަ ގިނައީ ކޮންގުނަވަނެއްތޯ ހޯދައި – ދެން އެކަމަށް ކުރެވޭނޭ ފަރުވާއެއް ވަނީނަމަ އެކަމުގެމައްޗަށް معتبرمشوریއެއް ލިއުމަކުން ލިބޭތޯބެލުމެވެ…….. މިކަމުގެ އެކޮޅުމިކޮޅު ރަގަޅަށް ދަންނަ ނުވަތަ އެގިދާނޭ ڈاکئرކާއި ދިމާނުވިނަމަ ދެން އިސާރިނުކޮށް ތަށަށްކިޔަނީ މަރިޔަބޭހޭވެސް އަހައިނުލައި އަގަހިމޭނުންލައިގެންތިބުމެވެ!

(2) ދެން އަޅުގަޑުގެ ”ފޫހިކެރުވުން” ދަނީ وقتއަށް حرمة ތެރިކޮށް ނުހިތުމާއި ގަޑިންގަޑީއަށް ކަންތައް ނުކުރެވުމުގެ މައްޗަށެވެ. މިعادހިފެވިއްޖެ މީހަކީ ދެދުނިޔެއިން ގެއްލެނިކުރަށްވައިފަނިވި މަގަކަށް އެޅިއްޖެ މީހެކެވެ. رحمةތެރިއަކުގެ ”ގެއަށް] فاتحهއެއްގެ ޖާފަތަކަށް ދާންކިއައިފާއޮތީ އިރުއޮސްފުހި ހަގަޑިބައިވާއިރަށެވެ. ހަގަޑިބައިވެގެން ފަނަރަމިނިޓް ހިގިއިރުވެސް ދައްކައެއްނުލެވުނެވެ. އެންމެންތިބެތިބެ ”ވާޅުވެގެން” ކާންހަދާފައިހުރި އެއްޗެތި ހިހޫވާންފެށީމާ ދެންނައިކަމުގައި ކާންފަށައިގަތްތަނާ ދޮރޯށިޖަހައިލައިފައި އެބަވެންނެވިއެވެ! ……. މިއީ މިބުނި عادހިފެވިއްޖެމީހަކުގެ حالހުރިގޮތެވެ. އަދި އެންމެހެއްވާކަމަކީ މިމަގަށްއެޅިފައިހުރިމީހަކު އަބަދުވެސް ފާފަމައްޗަށް ފާފަކުރާތީއެވެ. އަޅުގަޑުދަންނަ ގޮތުގައި ގަޑިއަށް ތާކަށްދިއުމަށް وعدވެފައި ނުވަތަ قبولކޮށްގެންހުރި މީހަކު އެދާންވީ ތަނަކަށް ގަޑިއަށް ނުދެވިއްޖެނަމަ އެކަމާއިމެދު ކުޑައިކޮށްވެސް ދެރަވުމެއް ނެތުމަކީ އެމީހަކުކުރާ ދެވަނަ ފާފައެވެ. ތިންވަނަ ފާފައަކީ މިއީ އެމީހަކުގެ ގޮތްކުޑަކަމުން ވީގޮތެއްނޫންކަންދެއްކުމުގެމައްޗަށް [ހެކި]ތައް ދައްކައިގަތުމެވެ. ގިނަފަހަރަށް މި[ހެކި]ތައް ދައްކައިގަންނަނީ އަނެއްކޮޅުން ބޭނުންކުރުމަކާއިވެސް ލައިގެނެއްނޫނެވެ!…. ކޮއްމެއަކަސް މިކަހަލަ ނުބައި عادމީހުންނަށް ހިފެވިފައިވާކަމީ ވަރަށްވެސް ނަސީބުދެރަކަމެކެވެ. ނަސީބުދެރައީ އެކަނި އެ عادހިފެވިފައިތިބި މީހުންނެއްނޫނެވެ.އެއިގެ އިދިކޮޅު عادހިފެވިފައި ތިބިމީހުންވެސްމެއެވެ! ބަލަބަލައިތިބުމުގައި ގިނަ وقتހޭދަކުރާންޖެހެނީ މިބައިމީހުންނަށެވެ……. އާދެ މިދެންނެވި ނުބައި عادހިފެވިފައިހުރިމީހަކަށް ހަދާންފެންނަނީ ހަމައެއްމެ ގޮތެކެވެ. ގޮވައިގެން ހުކުރުމާމިސްކިތަށް އަރައި މާތްރަސްކަލާގެކިބައަށް ކިއަމަންގަތުމުގެ ދެ ركعة ނަމާދެއް ކުރަށްވައި ކައިރީގައި ބައިންދައިގެން އަޑުވީއްލައި يَس ސޫރަތް ފެށުނީއްސުރެ ނިއަލަށް ކިއަވައި އެފަހުގައި ބައިގަޑިއެއްހައިއިރުވާންދެން ރަގަޅަށް نصيحۃ ދީ وقتއަށްވުރެ އަގުހުރިއެއްޗެއް ނެތްކަން އަންގައިދީ އާދަމުގެދަރީންގެ حقّ ތަކުގެ މައްޗަށް حرمة ތެރިކޮށް ހިތާންވާނޭކަން ވިސްނައިދިނުމެވެ. މިގޮތުން އެމީހަކު توبهވެ މަގަށް ނުއެޅުނުނަމަ ދެން ފެންނަ ފަހަރަކުން سلام ކޮށްފިނަމަ އަޑުނުއިވޭވަރަށް سلام ބަލައިގަތުންނޫން އެހެންހަމަ އެކައްޗެއްވެސް ނުބުނުމެވެ!

(3) جماعۃ އެއްގައި ނުވަތަ ދެމީހަކު އެއްތަނެއްގައި ވާހަކަދައްކާން ތިބޭއިރު އާފުރެމުން ކުރިމަތީއިން މީހަޔާދިމާއަށް އަގަ މިނަށްހުޅުވައި އާފުރި ނިމެމުންދާއިރު ދެބައިކުޅައެއްބައަށް ކަރުބުޑުން ޒާތެއްގެ ސުންފާއަޑަކުން [ހަޅޭލަވައި] ގަތުމަކީ ދަންނަވަންތޯ އަޅުގަޑު އަމަށަކު ފޫހިކަރުވާކަމެއްނޫނެވެ!….. މިވަޑާންހަދާ މީހަކަށް ކުރާންފެންނަ ފަރުވާއަކީ އަވަހަށް އަތުޖެހުނު ފަންސުރެއް ރޯލެއް ފަތިގަޑެއްފަދައެއްޗެއް އަގަހުޅުވާތަންވަޅު އަގައިގެތެރެއަށް ކޮއްޕައިލުމެވެ. މީގެއިތުރަށް ކުރާންވީކަމެއް ދަންނަވާންއެގޭނީ ކުޑައިކޮށް ވިސްނައިލައިފައެވެ!

(4) އުޑުބަޅުކުރެއްވި ހިސާބުން އެއްވެސް މީހެއްގައި ނުވަތަ އެއްވެސްކަމެއްގައި އެއްވެސް ރަގަޅެއް ނުފެނުމަކީ ހަމައެކަނި އަޅުގަޑު ފޫހިވާކަމެއްނޫނެވެ. އަޅުގަޑުމެންނަށްޖެހެ ބޮޑުބަލާވެރިކަމެކެވެ! އާދަމުގެދަރިއަކުގައި މިސިފަލައްވައިފުމަކީ ބިންގަޑުންފިއަވައި މިދުނިޔެއަށްޖެހެ ބޮޑެތި އާފާތްތަކުގެތެރެއިން ހުރިކަމެކެވެ. އެއްވެސްމީހަކަށް އެއްވެސްތާކު އެއްވެސްފަހަރަކު އެއްވެސްގޮތަކުން މިކަހަލަމީހަކުގެ ރުހުމާއިއެއްގޮތްވާގޮތަށް ކަމެއްކުރެވިފައި އެއްޗެއްބުނެވިފައި ނުވަތަ ހިރިވެސް ލެވިފައި އޮތްކަމެއް ނޭގެއެވެ. މިކަހަލަ މީހަކު ނުދަންނަކަމެއް ނުއޮވެއެވެ. މިކަހަލަ މީހަކީ ބުއްދިވެރިކަމާއި ވިސްނުންތެރިކަމުގެ ހިގަހިގައިހުރި ފެންއަރުވާ ވަޑާމެކެވެ. މިކަހަލަ މީހަކުގެ ލަފާއަހައިގެން އުޅުނުއެއްޗަކީނަމަ [ނަޕޯލިއަން] ވެސް އިގިރޭސީންގެ ދަށަކު ނުވީހެވެ. قدرةގެތެރޭގައިވެސް ބައެއްކަންތައްތައް މިކަހަލަ މީހުންގެ ވިސްނުމާއި އިދިކޮޅަށް ރޭވިފައި ހުންނަ ކަހަލައެވެ. …… ކޮއްމެއަކަސް މިކަހަލަ މީހަކަށް ކުރާންވީ ފަރުވާއެއް އަޅުގަޑަކަށް ނުވިސްނޭތާގައި އަދި ތިންސަތޭކަ އަހަރުގެތެރޭގައިވެސް ވިސްނޭނޭ މީހަކު އުފެދޭނެއެކޭ ހީއެއްނުވެއެވެ. އަޅުގަޑުގެ އެއްމެ ބޮޑު عجائبއަކީ އާދަމުގެ ދަރީންގެތެރޭގައި މިކަހަލަ ސިފަ ލިބިގެންވާ މީހުން އުޅޭކަމާއި ދުނިޔޭގައި ފައިދިގުމަކުނު އުފެއްދެވިކަމެވެ! ބިރުގަންނާތީއެއް ނޫނެވެ. ފޫހިވާވަރުންނެވެ.

(5) قوم އާއި ވަޒަނުގެ ބަސްކުރި އެރުވުޔމުގައި [މެދުމިންވަރަކީ ރަންމިންވަރުކަން] ހަދުމަނެތިކުރެވޭކަމީވެސް އަޅުގަޑު ފޫހިވާކަމެކެވެ. [قوم ގެ ބަސް] ކުރިއެރުވުމަށްޓަކައި – [وقت] އަށް [ވަގުތު] عيد ދުވަހަށް [އީދު] ދުވަސް. عشا ނަމާދަށް [އިސާ] ނަމާދު [عصر] ނަމާދަށް [އަސުރު] ނަމާދު.  [محرم] މަހަށް [މުހައްރަން] މަސް. [أحمد] އަށް އޮތުމުގެ ބަދަލުގައި [އަހަންމަދަށް] . [مشورے] އާއިއެކުގައި] އޮންނަންވީތަނަށް [މަސްވަރާއިއެކުގައި] – ލިއުމަކީ قوم ގެބަސް ކުރިއެރުވުންކަމުގައިވިއަސް އަޅުގަޑުގެ ބޯފަޅައިގެންދާވަރަށް އުދަގޫވެ ފޫހިވާކަމެކެވެ. އެހެނެއްކަމަކު މީގެއަނެއްކޮޅަށްގޮސް [ހުކުރު] ގެ ބަދަލުގައި [هكر] ލިއުމަކީ އަނެއްކައިވެސް حدّ ފަހަނަޅައި ބޭރަށް ނުކުތުމެވެ…… އެހެންވީއިރު قوم ގެ ބަސް ކުރިއެރުވުމުގައިވިއަސް ހިތްވަރުކުރާންވީ މެދުމިންވަރަކުގެތެރޭގައި ހިފެހެއްޓޭތޯ ބެލުމަށެވެ.

މިދަންނަވައި ނިމުނީ އަޅުގަޑު ފޫހިވާ ކަންތައްތަކުގެތެރެއިން ބައެއްކަންތަކެވެ. ދެން ދަންނަވައިލާންއޮތީ ސިއްރެކެވެ. ވަރަށްބޮޑު ބޮޑުސިއްރެކެވެ. ހަދުމަފުޅުނެތިގެން ކަމުގައިވިއަސް އެހެންމީހަކަށް ކިތަންމެހައިވެސް އެދެމެވެ. މިދެންދެވި ސިފަތަކުގެތެރެއިން ދުރަކުނޫން ހަމަ އަޅުގަޑުގައިވެސް އެބަހުއްޓެވެ. މިހެންމިދެންނެވީ ވަރަށްވެސް މަޑުމަޑުންނެވެ. މިއީ ސިއްރެއްވީމައެވެ. އެކަމަކު އެސިފަތަކުން سلامة ވެގަތުމަށް އައުއަހަރު ލައިގަތްދުވަހު އަޅުގަޑުމިހުރީ ލޮލުންބޮލުން قصد ކޮށް ކަޑައަޅައިގެންނެވެ. މިދެންނެވީ ތެދުތެދަށެވެ!

އަނެއްބައިސިފަ ކިތައްމެކުޑަކޮށްނަމަވެސް އަޅުގަޑުގައި ނެތްކަމަށް ހަމަމިހާރުވެސް وضو ކޮށްގެން އައިސް ختمގައި އަތްލައި ކަލާގެރަސްކަންފުޅުގަންދީ ހުވައިވެސް ކޮށްފާނަމެވެ!

_____________________

About the author
Leave Comment