400 (12 ފެބްރުއަރީ 2017 ގައި ޝާޢިއު ކުރެވުނު ބަޔާ ގުޅޭ) މިބައި ނަގައިފައިވަނީ “ފަތްތޫރަ” މަޖައްލާގެ 183 (ޖޫން 1994) ވަނަ އަދަދާއި  185 (އޮގަސްޓު 1994) ވަނަ އަދަދުންނެވެ. ________________________________ “މަލިކުގައި ވާހަކަ ދައްކައި އުޅޭ ބަހުރުވަޔާ މެދު” މި ސިލްސިލާގެ މިފަހަރުގެ ބަޔާން އަޅުގަނޑު ފަށާނީ، ފ. ގެ ބަސްކޮޅަކުންނެވެ. ކުރީގެ ބަސްތައް ވެސް ލިޔަމުން އައި ގޮތަށެވެ. މަލިކު ބަސް            މާނަ ފޫޓު ރޯލު             ފޫޓު ފީތާ *ފޫރާ ކުރުން           ފުރިހަމަ…
Share on Facebook4Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

(12 ފެބްރުއަރީ 2017 ގައި ޝާޢިއު ކުރެވުނު ބަޔާ ގުޅޭ)

މިބައި ނަގައިފައިވަނީ “ފަތްތޫރަ” މަޖައްލާގެ 183 (ޖޫން 1994) ވަނަ އަދަދާއި  185 (އޮގަސްޓު 1994) ވަނަ އަދަދުންނެވެ.

________________________________

“މަލިކުގައި ވާހަކަ ދައްކައި އުޅޭ ބަހުރުވަޔާ މެދު” މި ސިލްސިލާގެ މިފަހަރުގެ ބަޔާން އަޅުގަނޑު ފަށާނީ، ފ. ގެ ބަސްކޮޅަކުންނެވެ. ކުރީގެ ބަސްތައް ވެސް ލިޔަމުން އައި ގޮތަށެވެ.

މަލިކު ބަސް            މާނަ

ފޫޓު ރޯލު             ފޫޓު ފީތާ

*ފޫރާ ކުރުން           ފުރިހަމަ ކުރުން

ފޫކުއްތު              ހުނިހަކުރު ފަތަފޮޅި ކަހަލަ ފޮނި ހެދިކާ އެއް

ފުނަފޮށި             ފުޅަފި

ފެންލުން             ފެންދިނުން(ބަފޯ ގަހަށް ފެންލަނީ)

ފޮރިއްޕުން             ރިހާކުރު ތެލުލުން

ފޯރިކުރުން             ފޯރިޔަށް ހުރުން

ފޯލިކުޅުން             މަންޑި ކުޅުން

ފިލި                ރެފްރީގެ ކަށިގަނޑު

ފަރިތަވެލުން            ތަޢާރަފުވެލުން

ފަހުރު               ފައުރު/ފާރު

ފުނާ އޮށް             ފުނަ އޮށް

ފުޅަތޮޅި               ޗިޗަންޑާ

ފިއްލާވަޅި              ރާވެރިން އެތް މަންނަން ގެންގުޅޭ ވަޅި

ފިރިމުޅަ               ފިރި މަރުވެފައި

ފަހަވެރި އަމޯ            މައިދައިތަ

ފަހަވެރި ބަފޯ            ބަފާ ކަލޭގެ

ފަހު ސަފު ކެއުން          އާ ކާވެނީގެ ރޭ ފިރިހެންކުއްޖާގެ ގެއިން ދާ ޢާއިލާގެ

                  މީހުންނަށް ދޭ އެންމެ ފަހުގެ ސައިޕާޓީ

*ފުހައްޔާ/ފުފައްޔާ           ފަޅޯ

*ފަޅޯ                 މޭވާ

ފާޑު                 ލަވަ

ފެންދުއްވި              ހުއިފިލަނޑާ

ފުތާ                 ފިރިހެން ދަރި

*ފަށްގަން               އިސްތަށިގަނޑު

ފީނުން                ފެތުން

ފިޔަ                 ފަތް(ކުކުޅުގެ އެންމެ ފަތެއް)

ފިޔަގަން               ފިޔަގަނޑު

ފުރުވައް ފަރާތް            ފުއްޓަރު ފަރާތް

ފަންކަން/ފަންކަނި           އޮޑިއެހެލާފައި އޭގެ މަތިން ހިޔާކުރަން ހަދާ ގެ

*ފޮޗުން               ދިޔުން/ފޯރުން

ފީސު                ފިނދަނަ

ފުއްޅު                ފޫޅު

ފައްޓުގަން             އަންހެނުން ބޮލުގައި އަޅާ ފޮތިގަނޑު

ފަންދަން             ހުދުމަޅު

*ފެހުން             ކާށި ހެހުން

ފަތްގަން             ރައިވަރު ފޮތް

ފައްޑަރަށް ޖެހުން         ފަހަތަށް ޖެހުން

*ފަށްގަނޑު ބަނަ         އިސްތަށިގަނޑު ބޯ

ފެން ނިވުން           ފެން ހިހޫކުރުން

ފަންކަ              އިންޖީނުގެ ބުރަފަތި

އިސްވެދިޔަ ބަސް ލިސްޓުގެ އެންމެ ފުރަތަމަ މަލެއް ޖަހައިގެން ފާހަގަކުރެވިފައި އެ ވާ ބަސް ފޫރާކުރުން  މިބަސް މިއޮތީ ހިންދީބަހުން ދިވެހިކޮށްފައެވެ. ޙަޤީޤަތުގައި އެ ބަހަކީ، ޕޫރާ އެވެ. ފުރިހަމަ އެވެ. ޕޫރާ ކުރުމޭ، އެ ބުނަނީ، ފުރިހަމަ ކުރުމަށެވެ.

ފުހައްޔާ އާއި ފަޅޯ ނުވަތަ ފުފައްޔާ

މަލިކު ބަހުރުވައިން ފަޅޯ މި ކިޔަނީ ހުރިހާ ބާވަތެއްގެ މޭވާއަކަށެވެ. އެ މީހުންގެ މުސްކުޅި ބަހެއްގައި ވެސް އޮވެ އެވެ. “އިންދި ފަޅޯ އެއް ކެވޭނީ.” މާނަޔަކީ، ކެވޭނީ އިންދި މޭވާ އެކެވެ.

ދިވެހި ބަހުގެ ފ ގެ ރަދީފަށް ބަލާލިއިރު، ފަޅޯ މި ބަހުގެ ދެވަނަ މާނަޔަކަށް އޮތީ، ބޯދާ މާނައެކެވެ. އެއީ ފޯދިކާ ގަސް މި އެވެ. ފަޅޯ ފަޅަ މި ބަހުގެ މާނަޔަކަށް އޮތީ، ބޯދާ މާނައެކެވެ. އެއީ ފޯދިކާ ގަހާއި ނުފޯދިކާ ގަހެވެ. މާނަޔަކީ، ކާން ބޭނުންކުރާ އެއްޗިހި އަޅާ ގަހާއި ކާން ބޭނުން ކުރާ ގަސްގަހެވެ. މި މާނަތަކަށް ބަލާއިރު، ކުރިން އަޅުގަނޑުމެންނަށް ވެސް ފަޅޯ، މި ބަސް ބޭނުންކުރެވިފައި ވަނީ ހަމަ އެއާ ދާދި އެއްގޮތް މާނައެއްގަ އެވެ.

މި ބަހަށް ފުހައްޔާ، ނުވަތަ ފުފައްޔާ ކިޔުނު ގޮތަކަށް ވިސްނާއިރު ލަފާކުރެވެނީ އެއީ ޕެޕޭ ނުވަތަ ޕަޕާޔާ މީން ބަހަކުން އެބަހުރުވަޔަށް ވަދެގެން އުޅޭ ބަހެއް ކަމަށެވެ.

ފަށްގަން

ބަހުގެ މާނަޔަކީ، އިސްތަށިގަނޑެވެ. އިސްތަށި މަދު މީހުންނަށް ބޮލުގެ ފަތްކޮޅު މަދު ވާހަކަ، ފަތްކޮޅު ތުނި ވާހަކަ އަޅުގަނޑުމެންވެސް ދައްކަމު އެވެ. އިސްތަށި ވެރުމަށް، ފަތްކޮޅު ވެރެނީއޭ، ފަތްކޮޅު ހިނގައްޖެ ދޯއޭ، މި ގޮތްގޮތަށް އެބަ ކިޔެއެވެ. އެހެންކަމުން ފަށް މިގޮތަށް ސުކުން އޮތް ކަމުގައި ވިޔަސް އެއީ ފަތް – ކަމުގެ ދަލީލު އެބަ ލިބެ އެވެ. ހއ.ގައި، ގަނޑު  މި ބަސް ގަން މިގޮތަށް ބޭނުން ކޮށް އުޅޭ ވާހަކަ ކުރީންވެސް އަޅުގަނޑު ވާނީ ދަންނަވާފައެވެ. ވީމާ، އެ ބަހަކީ ފަތްގަނޑު ކަމާ މެދަކު ޝައްކެއް ނެތެވެ.

ރާއްޖޭގެ ދެކުނުގައި މި، ތާ ސުކުން މިގޮތަށް ބޭނުންކުރާ އަތޮޅު އަތޮޅު އެބަހުރިކަން ޔަގީނެވެ. ފޮތަށް ކިޔައި އުޅެނީ ފޮއް މިހެންނެވެ. ނަކަތަށް ނަކައް – މިހެންނެވެ.

ކުރީންވެސް ދެންނެވި ފަދައިން މަލިކަށް މީހުން ދިޔައީ، ރާއްޖޭގެ އެތަން މިތަނުންނެވެ. މިއީވެސް އެކަމުގެ ހެއްކެކެވެ.

ފޮޗުން

މާނައަކީ، ދެވުން، ފޯރުން، މި އެވެ. ބަސް ލިބިގަނެގެން އުޅޭ ކަމަށް ފެންނަނީ ހިންދީ ބަހުގައި އޮންނަ ޕޮހޮނޗްނާ މި ބަހުންނެވެ. މި ބަސް ބޭނުން ކުރުމުގައި ފޮޗައިގެން، ފޮޗަނީ، ފޮޗީ މި ގޮތް ގޮތަށް ބޭނުން ކުރެވެ އެވެ.

ފެހުން

މިއީ، ހެހުން މި ބަހެވެ. ފާފު މި އޮތީ، ހާޔަށް ބަދަލުވެފަ އެވެ. ފާފު ހާޔަށް ހާ ފާފަށް ބަދަލުވުމަކީ، ރާއްޖޭގެ ބައެއް ހިސާބުގައި އަދި، އާއްމު ދިވެހިބަހުގައިވެސް އޮންނަ ކަމެކެވެ. މި ވާހަކަ ކުރީންވެސް އަޅުގަނޑު ވާނީ ދަންނަވާފަ އެވެ. ހޯދުނު ރުއް، ފޯދުނު ރުއް، ބަނޑުހައި، ބަނޑުފައި، އުފާ، އުހާ މިހިރީ ހައްތާވެސް ކިޔައި އުޅޭ ގޮތްގޮތެވެ.

ފަށްގަނޑު ބަނަ

އިސްތަށިގަނޑު ބޯ – ބަނަ މިބަސް ބޯ މި މާނައިގައި ބޭނުން ކުރަނީ އެވެ.

ފަތްގަން 

މިއީ، ރައިވަރު ފޮތަށް މަލިކުގައި ކިޔައި އުޅޭ ގޮތެވެ. ޙަޤީޤަތުގައި އެ ބަހަކީ ފަތްގަނޑު ތާ އެވެ. ކަޅު ބަސަރާ ކަލޯ ފަތްގަން މީގެ މާނައަކީ، ކަޅު ބަސަރާ ކަލޯއަށް ހަދައިފައި އޮންނަ ރައިވަރު ފޮތެވެ.

ވަކި ބަސްބަސް ހުންނަ ގޮތަށް ބަލައިލުމަށް ފަހު، އެހެން ފަހަރު ފަހަރެކޭ ވެސް އެއްގޮތަށް ދިގު އިބާރާތްކޮޅެއް އަތުރާލާފައި ހުންނަ ގޮތް ބަލައިލަމާ ތޯ އެވެ!

ނޫ ތައްޓު

ނިކަން އިސްއުފުލައި ބަލައި ބަންނި އެވެ. ނޫ ނޫ ތައްޓެއް ހާދަހައި ވެސް ފަރި ރީތި ނޫންތޯ އެވެ. ހެނދުނު އިރު އެރި އިރު އުދަރެސް އޮތީ ރަތްވެފައި އެވެ. މަށަށް ހީވީ އުދަރެހުގައި އަލިފާން ޖެހިފައި ހެންނެވެ. އިރު އަރަމުން ދިޔައުމާއި އެކު އުދަރެހުގެ ރަތް ކުލަ ވެސް ދިޔައީ ނެތިގެންނެވެ. މަގޭ ރިނބިލި ވެސް އެޔާއެކު ކުޑައިވަމުން ކުޑައިވަމުން ދިޔައީ އެވެ.

މެންދުރު އިރު މަގޭ ބޮލާއި ހަމަޔަށް އައި އިރު އެހިރިވީ ހޫނު ކަމޯ! ހަވަލި ކަމުން އިރާއި ދިމާޔަށް ލޯ ދިލަވާލާކަށެއް ވެސް ނުކެރުނެވެ. މަގޭ ރިނބިއްޔޯ؟ އިރުއަރައިލި ހިނދު އޭއި އޮތީ، ފިސަހަރި ދިގުކޮށެވެ. ރިނބިލި

ދެކެފާ ހީކޮށްގެން ހުރީ، އަހަރެން ނިކަން ދިގު ކަމަށެވެ. މިހާރު ވޯ! ހަމަ ހީވަނީ ބޮންމަ ފުޅެކޭ އެވެ.

އިރު މީޒާނުން ނެއްޓި ހަވީރު ވަމުން ދިޔުމާއެކު ރިނބިލި އަނެއްކާ ވެސް ދިގުވާން ފަށައިފި އެވެ. ހެނދުނު ރިނބިލި އޮތީ ހުޅަނގު ފަރާތަށް ދިގު ވެ ފައި އެވެ. މެންދުރަށް ފަހު ދިގު ވަމުން ދަނީ އިރު ދަށު ފަރާތަށެވެ.

އިރުގެ ހޫނުކަންވެސް ކުޑައިވަމުން ހިނގައިދެ އެވެ. ރިނބިލި ކުރުވިހައި ވަރަކަށް ހޫނުކަން ބޮޑުވެ ދެ އެވެ. އަދި ދިގުވި ހައި ވަރަކަށް ހޫނުކަން ކުޑައިވެ ދެ އެވެ.”

މި ބަޔާނުގައި ނޭނގޭ ބައެއް ބަސް ބަސް ހުރި ކަން ފާހަގަ ކުރެވެ އެވެ. ނަމަވެސް އެއީ މާ ގިނަ ބަސްތަކެއް ނޫނެވެ. އެބަސްތައް ވެސް ޚިޔާލުކޮށްލީމާ ގާތްގަނޑަކަށް މާނަ އެނގޭ ވަރުވެ އެވެ.

އެންމެ ފުރަތަމަ ބަހަކަށް ބަލައި ބަންނި އެވެ. މިތާނގައި ބަންނިގެ މާނަ އަކީ ބަނހީ ނުވަތަ ހިނގާ މި އެވެ. ވީމާ، ބަލާ ބަންނި މި ބަހުގެ މާނަޔަކީ ބަލާލަމާ ހިނގާށެވެ.

އަނެއް ބަހަކީ ނޫ ނޫ ތައްޓު މި އެވެ. އޭގެ މާނައަކީ ނޫ ކުލައިގެ ފަންގިފިލަ އެވެ. ދެން އޮތް ރިނބިލި މި ބަހުގެ މާނަޔަކީ ހިޔަނި އެވެ. އާދެ ހިޔަންޏެވެ.

ދެން އޮތް ބަހަކީ ކުޑައިވަމުން މި ބަހެވެ. އެއީ ކުޑަވަމުން ނެވެ.

ތިންވަނަ ޕެރެގްރާފް ގައި އޮތް މީޒާނުން ނެއްޓި މި ބަހުގެ މާނަ އަކީ މެދުން ފިލުމެވެ. އިރު ދަށު ފަރާތޭ ބުނެވެނީ އިރުމަތީ ފަރާތަށެވެ. އަދިވެސް އެއްބަހެކެވެ. އިރު މެންދުރާ ކައިރިވަމުން ގޮސް ބޮންމަ ފުޅަކަށް ވާ ވާހަކަ އެވެ. ކުޑަ އެއްޗަކަށް ވީމާ ފުޅު ބޭނުންކޮށްފައި ވަނީ އެވެ. ބޮންމަ ފުޅުގެ މާނަ އަކީ ކުޑަ ބޯޅައެކެވެ.

މަލިކުގައި ކިޔަވައިދޭ ފޮތްތަކަށް ނަޒަރެއް ހިންގައިލާއިރު ފޮތުގެ ފަރިތަ ކުރުންތަކުގައި މިއީ ވަރަށް ގިނައިން ތަކުރާރު ވެފައި އޮންނަ މަސައްކަތެކެވެ. “ދުނިދަނޑި ތެރޭގައި ހުރި ކަލަމިތަކުން ހަމަ އެޅޭ ކަލިމައެއް ލައިގެން ޖުމުލަ ފޫރާ ކުރަމާ!” މިބުނާ އެއްޗަކަށް ވިސްނައިލާއިރު ދުނިދަނޑިއޭ މި ކިޔަނީ އަޅުގަނޑުމެންގެ ލިޔެކިޔުމުގައި ޤައުސު ނުވަތަ ބުރެކެޓޭ މި ކިޔާ ބަހަށެވެ. ޙަޤީޤަތުގައި އިސްވެދިޔަ ދެ ބަހުން ކުރެ އެއްބަހަކީ ވެސް ދިވެހި ބަހެއް ނޫނެވެ. އެއް ބަހަކީ ޢަރަބި ބަހެކެވެ. އެޔާ ޚިލާފަށް ދުނިދަނޑި އެއީ ބަރާބަރު ދިވެހި ބަހެކެވެ. އެ މީހުން ބުރެކެޓްގެ ބަދަލުގައި ބޭނުންކޮށް އުޅެނީ އެ ބަހެވެ.

މި ޖުމުލައިގައި ދަށު ރޮނގަކުން ފާހަގަކުރެވިފައިވާ ހަމަ އެޅޭ މި ބަހުގެ މާނައަކީ އެކަށީގެންވާ، ނުވަތަ، ގުޅޭ މި އެވެ. ފޫރާ ކުރަމާ  މިއީ ހިންދީ ބަހެކެވެ. މާނަޔަކީ ފުރިހަމަ ކުރަމާ، މިއެވެ. ބަހުގެ އަސްލަކީ، ޕޫރާ ކަރްނާ، އެވެ. އެއީ ފުރިހަމަ ކުރުމެވެ.

މި ފަހަރު ދ. ގެ ބަސްކޮޅެއް ލިޔެލާނަމެވެ.

މަލިކު ބަސް        މާނަ

ދުނިދަނޑި         ބުރެކެޓު( ދުނިދަނޑިތެރޭ ހުރި އަކުރުތައް)

ދެއު            ދީ

ދަށްބުޑު          ގަސްބުޑު- ރުއްބުޑު

ދާނޑަ           އެހެން ނުވާނެ

ދާނިބޯ           މިސްކިތު ބިލިގާއިން ފެންނަގާ ދާނިގަނޑު

ދައުގަ           ގޮސްބަލަ

ދިޔާ            އަންހެން ދަރި

ދެކޮޅުޖަހަން         ދެކޮޅުވެރިވާން

ދޮރުމަތި           ބޮޑުކަމާއި ކުޑަކަމުދާ ދޮރު(މިސާލަކަށް މިއުޅެނީ ދޮރުމަތީގައި މުލިއްސެއް

              ޖަހައިގެންނެވެ.)

ދުރުން           ފެން ގެންނަ އިރު ބޮލުގައި ބަހައްޓާ ދުރަން

ދެންދެން          ދެންމެ(ހއ. ދެންދެ)

ދާގިނި            ދާގީނާ

ދާމަރަ            ކޮންކްރިޓް – މިސާލަކަށް ދާމަރަ އަޅަން، ކޮންކްރީޓް ކުރަން

ދަތުރުމީހުން         އިންޑިޔާ މީހުން

ދަތުރުން ގެނައި އެއްޗިހި  އިންޑިޔާ އިން ގެނައި އެއްޗިހި

ދިގުކަރަ          އިންޑިޔާ

ދަހައްޓޮ          ދިޔަޔަސް އެންމެ ރަނގަޅު

ދަރުނަ          އިށީނދެ ތިބެގެން ކުރާ މުޒާހިރާ

އަދިވެސް ބަސްކޮޅެއްގެ މާނައެވެ. މި ފަހަރު ތ އިން ފެށޭ ބަސްކޮޅެކެވެ.

މަލިކު ބަސް       މާނަ

ތައްތަ ފަތް        ޓިނު

ތަގަށި          ތަގަރި

ތިއްތި          ބައްޕަގެ މަންމަ( މީ ދެރަ މީހުން ކިޔާ ގޮތް)

ތިއްތިއް         ތިކިތިކި

ތެދުވާނެން       ތެދުވާނަން ( ނެން – މ.ފ.ދ. ގައި ކިޔައިއުޅޭ ގޮތް)

ތިބާރެން       ކަލޭމެން

ތަފޯލަ        ތަފާ

ތުޅައު        ތުޅާ

ތަތްކިލައު      ކިސަޑު

ތިބަ        ތިޔަ

ތައްޓު       ފަންގިފިލާ (ޑެކް)

ތޮރާ        އަރިއަރިޔަށް ފިތްފިތަށް ހުންނަ ތޮރާ

ތޮޅުން       އަރާރުންވުން، ހަމަލަދިނުން

ތޫރި        1- ތޫރި

          2- މަންޑި ކުޅޭއިރު ފޯލި ބަހައްޓާ ގައު

ތުޑުއްޕަތް      ކުރުއްޕަތް

ތީރާނި       ހިރުނދު

ތޮރުފާ ގެއުގަން   ތޮރުފާ ގެއުގަނޑު( ބާވަތެއްގެ ބުރުމާއެއް)

ތޮފި        މަތިކަން

ތާޖެހުން      އަންތަރީސްވުން

ތަށިބަރި      ކުޅިވަރެއް (ނާށިތަކެއް މަތިމައްޗަށް ބަހައްޓައިގެން ކުޅޭ ކުޅިވަރެއް)

ތުނބިސް     ކުޅިވަރެއް (ފީކޯތް)

ތައްޕަވުން     ތަތްވުން (މިސާލަކަށް: ހެދުން ތައްޕަވީ)

ތަރައި       ޑަކުޓަރުން ބަލިމީހާ ބެލުން (މިސާލަކަށް: ތަރައިކުރަމުން ކޭ އެއްޗަކާ މެދު ސުވާލު ކުރިއެވެ)

ތަންޑިޔާ      ބިލެތް ކަނޑާ ހަރު

ތަފިލި ފަކީރާ    ހަށިގަނޑުން ކުޑަ ފަކީރު

ތިއްތިފޮދަކުން މައިކަނޑު ހެދިދޭ

“ތިއްތިފޮދަކުން މައިކަނޑު ހެދިދޭ”

މިއީ އެމީހުންގެ މުސްކުޅި ބުނުންތަކުގެ ތެރެއިން ބަހެކެވެ. މި ބަހުގެ މާނަ އަކީ، މައި ކަނޑު(ބޮޑުކަނޑު) ހެދިފައި އެ އޮންނަނީ، ފެންތިކިތަކަކުންނެވެ. މާނަ އަކީ، ކުޑަކުޑަ ކަމެއް ބޮޑުވެގެން ގޮސް ބޮޑު ކަމަކަށް ވެދެއެވެ. ކުޑަކުޑަ ލާރިކޮޅެއް އެއްކުރަން ފަށައިގެން ގޮސް ބޮޑު މަހުޖަނަކަށް ވެދެއެވެ.

ދާނިބޯ 

މިއީ، ބައެއް މިސްކިތްދޮށުގައި، މިސްކިތާ ދާދި ކައިރީގައި އޮންނަ ފެންގަނޑަކުން ފެން ނަގަން ގެންގުޅޭ ކުޑަދާންޏެކެވެ. ބައެއް މީހުން އެއިން ފެން ނަގައިގެން ވުޟޫ ކުރެއެވެ. އަނެއް ބަޔަކު އެއިން ފެން ނަގައިގެން ފައިދޮވެއެވެ.

ދައުގަ

މިއީ، އަމުރުގެ ވައްތަރެކެވެ. މިހާރު އަޅުގަނޑުމެން މި ވާހަކަދައްކައި އުޅޭ ބަހުރުވައިގައި ނެތަސް ކުރިން މިކަހަލަ އަމުރުތައް ބަހުގައި އެބަހުއްޓެވެ. ހިނގައު، ނަގައު، އަންނަގަ، ދަގަ، މި ގޮތް ގޮތަށެވެ. މިކަހަލަ އަމުރުތައް އަދިވެސް އުތުރުން އިވެމުން ދެއެވެ.

ދެންދެން

މިއީ ދެންމެއޭ  ބުނާ ބަހެވެ. އުތުރުގައި މި ބަސް ބޭނުންކޮށް އުޅެނީ ވަރަށް ކުޑަކުޑަ ތަފާތަކާ އެކުގައެވެ. ދެންދެ މިހެންނެވެ.

ދިގުކަރަ

ދިގުކަރަ، މި ބަހަކީ، އިންޑިޔާ އެވެ. “ފިރިޔެއް ބޭނުން ވެއްޖެ.” މިމައިގަނޑު ނަމަށް ބީ.އޭ. އިބްރާހީމް މަނިކުފާނު ހައްދަވައިފައި އޮތް ލަވައެއްގައި އޮވެ އެވެ.

“ވަރިހަމަ ފިރިޔަކު ދިގުކަރަ ދީބުން

     އިންނަން އަފުރެން ގަބޫލުވާނަން…. “

މިޅެން ބައިތުގައި ނުވަތަ މިބަސްކޮޅުގައި ބަޔާންކުރެވިފައިވާ ގޮތުން ދިގުކަރައަކީ، އިންޑިޔާ އެވެ. ދީބަކީ، ލަކުޝަދީބެވެ.

ދެން ތ.ގެ ބައެއް ބަސްބަހުގެ މާނަ ލިޔެލެވޭތޯ ބަލާނަމެވެ.

ތަގަށި

އާއްމު ދިވެހި ބަހުގައި ކިޔައި އުޅެނީ ތަގަރި މިހެންނެވެ. ނަމަވެސް ރ.ށ އަށް ށަވިޔަނި ރާ އަށް ބަދަލުކޮށްގެން ކިޔުމަކީ ރާއްޖޭގެ އެކި ކަންކޮޅުގައި އޮންނަ ކަމެކެވެ. މި ވާހަކަ މިސިލްސިލާގައި ފަށްފަށް ކޮށް ދެއްކިފައި ވާނެއެވެ.

އެއް ބަޔަކު ބަކަށި ކިޔާއިރު އަނެއް ބަޔަކު ބަކަރި ކިޔައި އުޅެ އެވެ. އެބަހުރި، އޭ ކިޔާ އިރު ބަހުގެ އަސްލަކީ އަބަހުށި ކަން ސާފުކޮށް އެބަ އެނގެ އެވެ. ބަދަލުވެގެން ދާ އިރު ކިޔަނީ އެބަ ހުށްޓެވެ. މިހެންނެވެ. ރާ އަކީ، މި ގޮތަށް ބަދަލުވާ އަކުރެއް ނޫނެވެ. ވީމާ، މިއީ ދިވެހި ބަހުގައި މާ އާ ކަމެއް ނޫނެވެ.

ތަތް ކިލައު

މަގުމަތީގައި ޗަކަ ހެދިފައޭ، މިކިޔާ ބަހުގެ ބަދަލުގައި މަލިކުގައި ކިޔައި އުޅެނީ، ތަތްކިލާ ހެދިފައޭ މިހެންނެވެ. ދިވެހިބަސްފޮތުގެ ކ ގެ ރަދީފުގައި ކިސަޑުގެ އެއް މާނަޔަކަށް އޮތީ ތަތްކިލާ – މިހެންނެވެ. އެހެންކަމުން މިއީ، ބަރާބަރު ދިވެހި ބަހެކެވެ.

ތަފިލި

މި ބަހުގެ މާނަޔަކީ، ހަށިގަނޑުން ކުޑަ މި އެވެ. މިބަސް ބޭނުންކޮށް އުޅޭ ގޮތުގެ މިސާލެއް “މަގޭބަސް 3” މި ފޮތުގެ 51 ވަނަ ޞަފްހާއިން ނަކަލުކޮށްލާނަމެވެ.

“ޓަސް މި އިވުނީ ކޮން އަޑެއް؟ އެއްކަލަ ހަރުކަށި ވަރުގަދަ މީހާގެ ކަނޑި އެޔޮއް މުގުރިގެން ވެއްޓުނީ. އެ ތަފިލި މީހާ ހައުދަހައިވެސް ކުޅަދާނަ. ދެނެއް އަނެއް މީހާގެ ޖާނަކަށް ސަލާމަތެއް ނެތް….”

ދެން ލ.ގެ ބަސްކޮޅެއް ލިޔެލާނަމެވެ.

ލަފިދަތް        ކޮބަޑިދަތް

ލަބަޑި         ޕިން/ދަތި

ލުއިވުން        ވިހެއުން – އޭނާ މިހާރު ލުއި ވެއްޖެއެވެ.

ލަޑާ          ހަނގުރާމަ

ލަގަތް         ރާގު

ލޮންދާ         ރޮންދާ

ލަކިތެޅުން       ޓަކިތެޅުން

ލަބު          ލަފު

ލަދުބެލުން       އަދަބުވެރިވުން، ލަދުގަތުން

ލަނގޯ         މަހުގެ ލަގޮނޑި

ލައްވައިދިނުން      ހޯދައިދިނުން/މިސާލު: އިލްމު ލައްވައިދިނުން

ލަފިދަތް

މިބަސް އެ މީހުން ބޭނުން ކޮށް އުޅޭ ގޮތް އަޅުގަނޑުމެންނާ ހިސާބަކަށް ތަފާތެވެ. އަޅުގަނޑުމެން މިބަސް ބުނެ އުޅެނީ، އޭނާ ސްކޫލަށް ދިޔައީ ދަތް ނޫނގުޅައެވެ. ނުވަތަ ކޮބަޑި ޖަހައިފައި ހުރި ދަތްތަކަކާއެކުގަ އެވެ. މިކަހަލަ ގޮތަކަށެވެ. އެ މީހުން މިވާހަކަ ބުނަނީ އޭނާ ސްކޫލަށް ދިޔައީ ލަފިދަތް ހިފައިގެންނެވެ.

(ނުނިމޭ)

——————————————————————–

About the author
1 Comment
  1. އެނޮނީމަސް

    ކިއުންތެރިއެއް
    މިއަގުހުރި ޢިލްމީ މަސައްކަތްޕުޅަށްޓަކައި ސޯދަށް ފަށްފަށުން ޝުކުރާއި ތަހުނިޔާ ދަންނަވަން. ވަރަށް އިހުތިރާމާއެކު އަޅުގަނޑަށް ފާހަގަކުރެވުނު ދެތިން ނުކުތާއެއް ފާހަގަކޮށްލާނަން. ކުށްދެއްކުމުގެ ނިޔަތުގައެއް ނޫން. ހަމައެކަނި މައުލޫމާތަށްޓަކައި. އެއްކަމަކީ ކަމުގެ ފުނަށް ފީނުއްވުމެއް ނެތި ބައެއް ފަހަރު މާ މަތިމަތިން ކަންކަން ނިންމަވާލައްވާ ގޮތް ހުންނަކަން. މިސިލްސިލާގެ ކުރީ ބައިތަކުގައި ސޯދު މަލިކުބަސްބަހުގެ ގޮތުގައި ފާހަގަކުރައްވާފައިވާ ބައެއް ބަސްބަހަކީ ހަމަ އާއްމު ދިވެހި ބަސް ނޫންތޯ؟ ނުވަތަ އުތުރުގެ އަތޮޅުތަކުގައި ބޭނުންކުރެވޭ ބަސްބަސް ނޫންތޯ؟ މިސާލަކަށް: އަނގަމެޅުން، އަގަޑުބަގަޑުވުން، މެދުގޯތި، މެންދުރު ދަން، ކުރިގަތުން. ހަމަ މިއުސޫލުން މިބައިގައި ވެސް "ފެން ނިވުން" އެއީ މަލިކުބަހެއްކަމުގައި ފާހަގަކުރައްވާފައި އެބައޮތް. އެކަމަކު ފެން ހިހޫ ކުރުމުގެ މާނައިގައި ބޭނުން ކުރެވޭ މިބަހަކީ މިހާރު މާގިނައިން ބޭނުންކޮށް ނޫޅުނަސް އިހަށް ހަމަ އާއްމު ދިވެހިބަހެއް ކަމަށް ފެންނަނީ. ބަސްފޮތުގައި އެބަސް އެބައޮތް މެ.
    ފަށްގަން. އިސްތަށިގަނޑަށް މަލިކުބަހުގައި ކިޔާ "ފަށްގަން" އެއީ އަސްލުގައި "ފަތްގަނޑު" ކަމަށް ސޯދު ނިންމަވާފައި އެބައޮތް. މީގެ ދަލީލެއް ކަމަށް ދައްކަވައިފައި އޮތީ އާއްމު ދިވެހި ބަހުގައި ބޮލުން އިސްތަށި ވެރުމަށް "ފަތް ވެރުމޭ" ބުނާކަން. އަޅުގަނޑަށް ބުރަވެވެނީ ބަހުގެ އަސްލަކީ "ފަށް ވެރުން" ކަމަށް. އިސްތަށީގެ މާނައިގައި ބޭނުންކުރެވޭ "ފަށް" މިބަސް އާއްމު ދިވެހި ބަހުގައި "ފަތަށް" ބަދަލުވެފައި ވަނީ ކަމަށް. މީގެ ދަލީލަކީ ގަމީސް ނުވަތަ އެހެންވެސް އެއްޗެއް "ފަށްޖެހުމޭ" ބުނުމުގެ ބަދަލުގައި ދުލަށް ފަސޭހަޔަކަށް އާއްމު ދިވެހި ބަހުން "ފަތްޖެހުމޭ" ބުނެއުޅޭކަން. އަދި އެގޮތަށް ލިޔެ އުޅޭކަން. "ފަތްޖެހި އެނދަކީ" ވެސް އަސްލުގައި ފަށްޖެހި އެނދު، ނޫންތޯ؟

    (0)(0)
Leave Comment