000ޙަސަން ލުޠުފީ / ރަންފަސް، ސ.ހިތަދޫ ނިރުބަވެރިކަމުގެ ނުރައްކާ އޮތް ކަމަށް ގަބޫލް ކުރެވޭ މުސްލިމު ހަ ޤައުމެއްގެ މީހުން އެމެރިކާއަށް ވަނުން، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމް މަނާކުރެއްވީ ފާއިތުވި ޖެނުއަރީ މަހުގެ 27ވަނަ ދުވަހުއެވެ. އޭގެތެރޭގައި ހިމެނެނީ ސީރިއާ، އީރާން، ސޫދާން، ލީބިޔާ، ސޯމާލިއާ އަދި ޔަމަނެވެ. މިއީ ކޮންމެހެން މިއަދު އެކަނި ކުރަންފެށި ކަމެއްނޫނެވެ. މިއީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ފެށިގެންވެސް ކުރަމުން އަންނަ މަސައްކަތެކެވެ. ހަމައެކަނި ތަފާތުވަނީ…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ޙަސަން ލުޠުފީ / ރަންފަސް، ސ.ހިތަދޫ

ނިރުބަވެރިކަމުގެ ނުރައްކާ އޮތް ކަމަށް ގަބޫލް ކުރެވޭ މުސްލިމު ހަ ޤައުމެއްގެ މީހުން އެމެރިކާއަށް ވަނުން، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމް މަނާކުރެއްވީ ފާއިތުވި ޖެނުއަރީ މަހުގެ 27ވަނަ ދުވަހުއެވެ. އޭގެތެރޭގައި ހިމެނެނީ ސީރިއާ، އީރާން، ސޫދާން، ލީބިޔާ، ސޯމާލިއާ އަދި ޔަމަނެވެ. މިއީ ކޮންމެހެން މިއަދު އެކަނި ކުރަންފެށި ކަމެއްނޫނެވެ. މިއީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ފެށިގެންވެސް ކުރަމުން އަންނަ މަސައްކަތެކެވެ. ހަމައެކަނި ތަފާތުވަނީ މިވަގުތު އެކަން ކުރަން ހުރި މީހާއާއި އެކަމާއި މެދު ދުނިޔެއިން ދެކޭ ގޮތެވެ. ނިރުބަވެރިކަމުގެ ޙަމަލާތަކާއި ގުޅިގެން މިއަދު އުފެދިފައިވާ ނުތަނަވަސްކަމުގެ މާކުރިން ސްޕޭނާއި އަދި އިގިރޭސިވިލާތުން އަޅުވެތިކުރި އެފްރިކާގެ މީހުންގެ ތެރޭގައި ތިބި މުސްލިމުންގެ ފަރާތުން އެމީހުންނާއި ދެކޮޅަށް ތެދުވެދާނެކަމުގެ ބިރު އޮތްކަމަށް ސްޕޭނު މީހުންނާއި އިނގިރޭސިންވަނީ ޤަބޫލުކޮށްފައެވެ. އެހެންނަމަވެސް އަސްލު ޙަޤީޤީ މައްސަލައަކީ އިސްލާމްދީނެވެ. އެޖެންޑާގެ ކުރީގައި އޮތަސް އެވާހަކަ އެއީ ނުބުނާ ވާހަކައެކެވެ.

އެފްރިކާގެ އައްސޭރީގެ އެއްވެސް ޤައުމެއްގެ ބަޔަކާއިއެކު އެމެރިކާ މީހުން ސީދާ ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ކުރުންވަނީ މަނާކޮށްފައެވެ. އެމެރިކާގައި ތިބި ސްޕޭނު މީހުން މިގޮތަށް އަމުރުކުރަން ޖެހުނީ އަސްލު އެފްރިކާއިން އަންނަ އެފްރިކާ މީހުންގެ ފަރާތުން އާ ދުނިޔެއަށް އިސްލާމްދީނުގެ އަލިކަން ފެތުރިދާނެ ކަމުގެ ބިރަށްޓަކައެވެ. ސްޕޭނުގެ ތަޚުތާއި ތާޖުން މިކަމަށް ބިރުގެންފައިވާ މިންވަރު 1543 ނަންބަރު ޝާހީ ފަތްކޮޅުން އެނގި ހާމަވެގެންދެއެވެ. އޭގައި ބަޔާންކޮށްފައިވާ ގޮތުގައި ސްޕޭނުމީހުންގެ ބާރުގެ ދަށުގައިވާ އެމެރިކާގެ އެއްވެސް ސަރަޙައްދަކަށް މުސްލިމުންނަށް ވަދެވިގެން ނުވާނެއެވެ. “ސަބަބަކީ ނަޞާރާދީނުގެ އޮށް އިންދިތާ މާކަގިނަ ދުވަހެއްނުވާ މިފަދަ ބިމަކަށް، މުޙައްމަދުގެ ދީން ފެތުރިގެން ދިޔަ ނުދިނުމަކީ ކޮންމެހެން މުހިންމު ކަމަކަށްވާތީއެވެ.”

1522luthufee 1 ވަނަ އަހަރު ކްރިސްމަސް ދުވަހު، އަޅުވެތިކޮށްފައިވާ އެފްރިކާ މީހުންގެ ތެރެއިން 20 މުސްލިމުން ކަތިވަޅިއާއި ކޯރާޑީ ފަދަ ތަކެތި ބޭނުންކޮށްގެން އެމީހުން އަޅުވެތިކޮށްފައިވާ ޢީސާއީންގެ ވެރިންނަށް، ކްރިސްޓޮފަރ ކޮލަމްބަސްގެ ފިރިހެން ދަރިފުޅު ވެރިކަން ކުރަމުންއައި ރަށްކަމަށްވާ “ހިސްޕަނޯލިއާ” ގައި ޙަމަލާދީ ހަމަނުޖެހުން ހިންގާފައިވެއެވެ. މި ޙަމަލާދިން މީހުން އެކަން ކުރަން މަޖުބޫރުވީ ކެރީބިއަންގެ ހަކުރު ދަނޑުތަކުގައި އެމީހުން ލައްވާ އިންސާނިއްޔަތާއި ޚިލާފަށް ގަދަކަމުން މަސައްކަތް ކުރުވާ، އެމީހުންނަށް ލާއިންސާނީ އަނިޔާއާއި ވޭންތައް ތަޙައްމަލު ކުރަންޖެހުމުންނެވެ. އެދުވަހު އެމީހުންވަނީ އެތައް ބައިވަރު ސްޕެއިން މީހުން މަރާ، އަދި އެމެރިކާގެ އަސްލު ރަށްވެހީންގެ ތެރެއިން އެތައް ބަޔަކު، މިނިވަން ކޮށްފައެވެ. މިއީ ކްރިސްޓޮފަރ ކޮލަމްބަސް ހޯދިކަމަށް ބުނާ “އާ ދުނިޔޭގައި” އަޅުންގެ ގޮތުގައި ތިބި ބަޔަކު ހިންގި ފުރަތަމަ އިޙުތިޖާޖު ކަމަށް ތާރީޚުގައި ލިޔެފައިވާ އިޙުތިޖާޖެވެ.

އަޅުން އެމީހުންގެ ވެރީންނާއި ދެކޮޅަށް ތެދުވި ތެދުވުން ވަރަށް އަވަހަށް ސްޕޭނުމީހުން މައިތިރިކުރިއެވެ. އެހެންނަމަވެސް އަޅުންގެ ގޮތުގައި އެމެރިކާއަށް ގެންނަ މީހުންގެ ތެރޭގައި “އިސްލާމީ ޢަޤީދާއަށް ތަބާވާމީހުން” ނުހިމެނުމަށް ސްޕޭނުގެ ތަޚުތަށް އަލަށް އިސްވެ ވަޑައިގަތް ރަސްގެފާނު ޗާރލްސް 5 އަށް މަޖުބޫރުވެ ވަޑައިގަތެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ހަމަނުޖެހުން ހިންގަނީ، ކޮންމެހެން އެމީހުން އުޅެން ޖެހިފައިވާ އަޅުވެތި ދިރިއުޅުމުގެ ސަބަބުން ނޫންކަމާއި އެއީ އެމީހުން ޤަބޫލުކުރާ ހަރުކަށި ޢަޤީދާ ސަބަބުންނެވެ.

އާދުނިޔޭގައި 1522 ގައި އަޅުން ހިންގި ފުރަތަމަ ހަމަނުޖެހުމަށްފަހު 11 މެއި 1526ގައި ސްޕޭނުގެ ރަސްގެފާނު ނެރުއްވި ފުރަތަމަ ޝާހީ ފަތްކޮޅުގައި މެދުއިރުމަތީގެ ޤައުމުތަކުގެ މުސްލިމުންނާއި އެފްރިކާގެ މުސްލިމުންނާއި، މޫރުންނާއި އަދި އެމީހުން ގެންގުޅެ ބޮޑުކޮށްފައިވާ އެއްވެސް މީހަކު އަޅުންގެ ގޮތުގައިވެސް އެމެރިކާގެ އެއްވެސް ތަނަކަށް ގެންދިއުން ވަނީ މަނާކޮށްފައެވެ. މި ފަތްކޮޅުގައި އެމެރިކާއަށް ވަނުން މަނާކޮށްފައިވަނީ ހަމައެކަނި މުސްލިމުންނެވެ. އޭގެފަހުން ފާއިތުވި 5 އަހަރުގެ ތެރޭގައި މިފަދަ 5 ފަތްކޮޅުތަކެއް ނެރުއްވާފައިވާއިރު އެފަތްކޮޅުތައް މުޅިންވެސް އަމާޒުކޮށްފައިވަނީ މުސްލިމުން އެމެރިކާއަށް އެތެރެވުން ހުއްޓުވުމަށެވެ. ތަކުރާރުކޮށް މިފަދައިން ފަތްކޮޅުތައް ނެރުއްވާފައިވުމުން އޭގެއިން ދައްކުވައިދެނީ މުސްލިމުން އެމެރިކާއަށް އެތެރެވުން މަނާކޮށްފައިވީއިރުވެސް އެކިގޮތްގޮތުން މުސްލިމުން އެމެރިކާއަށް އެތެރެވެފައިވާ ކަމާއި އަދި އިސްތިޢުމާރީންގެ އަނިޔާއާއި އަދި އަޅުވެތިކަމާއި ދެކޮޅަށް އެކިފަހަރުމަތިން އިހުތިޖާޖު ކޮށްފައިވާކަމެވެ. އިސްތިޢުމާރީން ޤަބޫލުކުރާ ގޮތުގައި އެހެން ޤައުމުތަކުގެ މީހުންނަށް ދެކޮޅުވެރިވުމަށް ހިތްވަރު ލިބެނީ މުސްލިމުންގެ ފަރާތުންކަމާއި އަދި އެއަށްވުރެ ބޮޑަށް އިސްތިޢުމާރީން ބިރުގަންނަނީ އެމެރިކާގެ އަސްލު ރަށްވެހިން ކަމަށްވާ ރެޑް އިންޑިއަނުންނާއި ހަމައަށް އިސްލާމްދީނުގެ އަލިކަން ފޯރަފާނެތީއެވެ. މިއީ މިއަދުވެސް އެމެރިކާ ސަރުކާރުން މުސްލިމުން އެމެރިކާއަށް އެތެރެވުން ހުއްޓުވުމުގެ އެންމެ މުހިންމު އެއް ސަބަބެވެ.

ހިސްޕަނޯލިއާގައި ހިނގި ހަމަނުޖެހުންތަކަށް ފަހު، އަޅުންގެ ގޮތުގައި ގެންދެވޭ މީހުންނާއި ހިޖުރަކުރާ މީހުންގެ ތެރެއިން އެމީހުންނަށް ޝައްކުކުރެވޭ މީސްމީހުންގެ ފަތިފުށް ވަރަށްރަގަޅަށް ބަލައި ފާސްކުރުމަށްފަހު ނޫނީ އެއްވެސް މީހަކަށް އެމެރިކާއަށް އެތެރެއެއް ނުވެވެއެވެ. އެތެރެވާ މީހާއަކީ ނަޞާރާއެއް ކަމާއި އަދި އެމީހާގެ ކާބަފައިންގެ ތެރޭގައިވެސް މުސްލިމެއް ނުވަތަ ޔަހޫދީއެއްގެ ލޭ ނެތްކަމުގެ ޔަޤީންކަން އެމީހަކު ދޭންޖެހެއެވެ. މިއާއި ތަފާތުގޮތަކަށް ކަންތައް ކުރެވޭނީ ހަމައެކަނި ރަސްގެފާނު ދެއްވާ ޚާއްޞަ ހުއްދައެއްގެ ދަށުންނެވެ. ސޮލީބީ ޔޫރަޕް އޭރުއޮތީ އުސްމާނީ ޚިލާފަތާއިއެކު ކުރަމުންދިޔަ ނުރައްކާތެރި ހަނގުރާމައިގެ ތެރޭގައި ރަނގަޅަށް ތަޅުއެޅުވިފައެވެ. އެހެންކަމުން ހުރިހާ މުސްލިމުންނާއި މެދުވެސް ދެކެމުން އައީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައެވެ. އަޅުންގެ ގޮތުގައި ތިބި މުސްލިމުން ހިންގި ހަމަނުޖެހުން ތަކަށް ފަހު، އާ ދުނިޔެއިން އަޅުވެތި ކުރި މީހުންނާއިމެދުވެސް މި ބީދައިން ޢަމަލުކުރި ކަމަށް ތާރީޚު ޢިލްމުވެރިން ލިއުއްވާފައިވެއެވެ.

މުވައްރިޚެއް ކަމަށްވާ ޓޮބީ ގްރީން ލިއުއްވާފައިވާ “އިންކްއިޒިޝަން – ދަ ރެއިން އޮފް ފިއަރ” ގައި ހާމަކުރައްވާފައިވާ ގޮތުގައި، ސްޕެއިންގެ ރަސްގެފާނު، ނަޞާރާއިން ނޫން މީހުން އެމެރިކާއަށް ޙިޖުރަކުރުން މަނާކުރާ ޤަރާރުގެ ސަބަބުން މާ ބޮޑު އަސަރެއް ކޮށްފައެއް ނުވެއެވެ. އާ ދުނިޔެއިން ލިބެން ހުރި އެތައް ބައިވަރު ފުރުޞަތުތަކާއި ހެދި، ރިޝްވަތު ދީގެންނާއި ލިޔެކިއުންތައް ހަދައިގެން ޔަހޫދީން ދިޔައީ އެމެރިކާއަށް އެތެރެވަމުންނެވެ. އަޅުންގެ ވިޔަފާރީ ކުރި މީހުންވެސް މައިގަނޑު ގޮތެއްގައި މި ޤަރާރަކަށް ޢަމަލުކޮށްފައި ނުވެއެވެ. ސަބަބަކީ ހުޅަނގު އެފްރިކާގެ މުސްލިމުންނަކީ ކިޔަވައިގެންތިބި، ވިޔަފާރީގެ ދާއިރާގައި ފަންނުވެރި ބަޔަކަށް ވުމުން، އަޅުންގެ ވިޔަފާރީގައި އެފަދަ މީހުންގެ އަގު، މުސްލިމު ނޫން މީހުންނަށްވުރެ މާބޮޑަށްވެސް ބޮޑުވެފައި ލިބޭ ނަފާ ބޮޑުވާތީއެވެ. މެދުއިރުމަތީގެ ސަރަޙައްދުން އުސްމާނީ ޚިލާފަތާއި އުތުރު އެފްރިކާއިން ހައްޔަރުކުރެވޭ މީހުން، އާންމު ނަމުންނަމަ ތުރުކީންނާއި މޫރުންގެ ބޭނުން އާންމުކޮށް ހިފާފައިވަނީ ކެރީބިއަންގައި ދަތުރުކުރާ ނާފަހަރުގެ ފަލިޖެހުމަށާއި އަދި އެމީހުން އަޅުވެތިކޮށްގެން ގެންގުޅޭ ސްޕޭން މީހުންގެ ގެއާއި ބަދިގޭގެ މަސައްކަތަށާއި އަދި ދަނޑުބިންތަކުގައި މަސައްކަތް ކުރުމަށެވެ.

އޭރުގެ އިސްތިރާޖީ ބަދަރެއް ކަމަށްވާ ކާރޓަޖީނާ، މިހާރުގެ ކޮލަމްބިއާގައި ގެންގުޅުނު އަޅުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ މުސްލިމުން ކަމަށްވާއިރު، އެމީހުން އެތެރެކޮށްފައިވަނީ މިދެންނެވި ޤަރާރާއި ޚިލާފަށެވެ. 16 ވަނަ ޤަރުނާއި 17 ވަނަ ޤަރުނުގެ ތެރޭގައި އިނގިރޭސި ރަސްކަމުގެ ފަރާތުން ވަކިވަކި މީހުންނަށާއި ނާފަހަރަށް، ކަނޑުފޭރުމުގެ ހުއްދަދީފައިވެއެވެ. އެގޮތުން ކަނޑުފޭރުމުގެ ހުއްދަދީފައިވާ އިނގިރޭސިއެއް ކަމަށްވާ ސަރ ފްރާންސިސް ޑްރޭކް، 1586 ވަނަ އަހަރު، ކާރޓަޖީނާ ޙިޞާރުކޮށް އެރަށް ހިފުމަށްފަހު، އޭނާގެ ފަޅުވެރިންނަށް އަންގާފައިވަނީ ފަރަންސޭސީންނާއި، ތުރުކީންނާއި އަދި ކަޅު އެފްރިކާ ނަސްލުގެ މީހުންނާއި މެދު އިޙުތިރާމާއިއެކު މުޢާމަލާތު ކުރުމަށެވެ. ސްޕޭނުގެ ތާރީޚީ ލިއުންތަކުން އެނގޭ ގޮތުގައި ކާރޓަޖީނާގައި ތިބި މޫރުން، އެރަށުގެ އަސްލު ވަޒަންވެރިން ކަމުގައިވާ ކަޅު ނަސްލުގެ މީހުން ކަންތައް ކުރިގޮތަށް އިނގިރޭސިންނަށް އެތަން ދޫކޮށްލީއެވެ. ލަފާކުރެވޭ ގޮތުގައި މިކަން މިގޮތަށް ކުރަން ޖެހުނީ، ޑްރޭކަކީ އަޅުން ވިއްކުމުގެ ވިޔަފާރީގައި އަރާހުރި މީހަކަށް ވުމާއިއެކު، އެމީހުންގެ މިނިވަންކަން ގެރެންޓީ ކުރުމަށްޓަކައެވެ. ސްޕޭނުގެ ހައްޔަރީންގެ ތެރެއިން މީހަކު ފަހުން ހާމަކޮށްފައިވާ ގޮތުގައި ގިނަ ޢަދަދެއްގެ އަންހެނުން އޭގެތެރޭގައި ހިމެނޭ އިންޑިއަނުންގެ 300 މީހުންނާއި، އަދި 200 އެފްރިކާނުންނާއި، ތުރުކީންނާއި، އަދި މޫރުން، އިނގިރޭސި ފްލީޓުގައި ފަޅުވެރިންގެ ގޮތުގައިޔާއި އަދި އަޅުންގެ ގޮތުގައި މަސައްކަތް ކޮށްފައިވެއެވެ،

އިނގިރޭސިންގެ ކޮލޮނީއެއްކަމަށްވާ ރޯންކޭ ޖަޒީރާއަށް ކުރި ދަތުރުމަތީގައި ޑްރޭކާއި އޭނާގެ ނާފަހަރުން ސްޕޭނުމީހުން ވަޒަންވެރިވެފައިވާ އެޓްލާންޓިކްގެ އައްސޭރި ފަށުގައި އޮންނަ ސެއިންޓް އޮގަސްޓިން ކިޔާ ޖަޒީރާއަށް އަރައި، އެތަން ލޫޓުވާ ހިފައިގެންގުޅޭ ސާމާނާއި އަގުބޮޑު އެތައް އެއްޗެއް ފޭރިގެންފައިވެއެވެ. އަޅުންގެ ގޮތުގައި ގެންގުޅުނު ކަނޑުފޭރޭ މީހުންނާއި، ލޫޓުވާލި މުދާތަކާއެކު، ޑްރޭކް ގަސްދުކުރީ އުތުރު ކެރޮލައިނާއާ ދިމާލުން ބޭރުން ރޯންކޭ ޖަޒީރާއަށް އަރައި އެތަނުގައި އޭނާގެ ބާރުގަދަ ކުރުމަށެވެ. އެގޮތުން އެއީ “އާ ދުނިޔޭގައި” އިނގިރޭސިން ވަޒަންވެރި ވުމަށް ކުރެވުނު ފުރަތަމަ މަސައްކަތެވެ. ސްޕޭނުގެ ތާރީޚީ ފަށްފުށްތަކުން ހެކިދޭގޮތުގައި ޑްރޭކް ބޭނުންވީ ކަޅު ނަސްލުގެ މީހުންގެ ތެރެއިން އަންހެނުންނާއި ފިރިހެނުން އަދި އެތަކެއް ބައިވަރު މުދަލެއް ރޯންކޭ ޖަޒީރާގައި ހުރި ކިއްލާއަކަށް ގެންގޮސް އެތަނުގައި އެ އެންމެން ވަޒަންވެރި ކުރުވުމެވެ. އެތަނަކީ ރޯންކޭ ޖަޒީރާގެ އައްސޭރި ފަށުގައިވާ ސަރަޙައްދެކެވެ.

ޑްރޭކުގެ މި މަސައްކަތުގައި އެހީތެރިކަން ހޯދީ އޭނާގެ ރަޙުމަތްތެރިއެއް ކަމަށްވާ ސަރ ވޯލްޓަރ ރަލެއި ފަރާތުންނެވެ. އޭގެ އެއް އަހަރުކުރިން 100 އިނގިރޭސީންނާއެކު ވޯލްޓަރ ވަނީ، އެ ޖަޒީރާއަށް އަރައި އެތަނުގައި އަސްކަރީ މަރުކަޒެއް ޤާއިމްކޮށްފައެވެ. އޭގެ ބޭނުމަކީ އާ ދުނިޔެއިން ހޯދި އަގުބޮޑު މުދަލާއި ރަނާއި އަދި މައުދަންތަކުން ސްޕޭނަކީ އޭރު ދުނިޔޭގައި އޮތް އެންމެ މުއްސަދި އަދި އެންމެ ބާރުގަދަ ޤައުމު ކަމަށް ވެފައިވާތީ، ސްޕޭނުގެ ނާފަހަރަށް ހަމަލާދީ އެ ނާފަހަރުގައި ހުންނަ އަގުބޮޑު މުދާ ފޭރިގަތުމެވެ. މި މީހުންގެ ތެރޭގައި މައުދަންތަކާއިބެހޭ ޖަރުމަނުގެ ޢިލްުމުވެރިއެއް ކަމަށްވާ ޖޯކިމް ގަންސް ހިމެނެއެވެ. ތާރީޚު ހެކިދޭގޮތުގައި މިއީ އުފަން ޔަހޫދީއަކު އެމެރިކާގެ ފަސްގަނޑުގައި ފައިތިލަ ޖެއްސި ފުރަތަމަ ފަހަރެވެ. އަދި އެމީހަކީ މިދެންނެވި ޖޯކިމް ގަންސްއެވެ. އެދުވަސްވަރު އިނގިރޭސި ތަޚުތުގެ ފަރާތުން ވަނީ، އެއްވެސް ޔަހޫދީއަކު އިނގިރޭސިވިލާތުގައި ދިރިއުޅުމާއި އަދި އިނގިރޭސިވިލާތަށް ދަތުރު ކުރުން މަނާކޮށްފައެވެ. މިކަން މިގޮތުގެ މަތިން 1290 ވަނަ އަހަރުން ފެށިގެން 1657 ވަނަ އަހަރާއި ޖެހެންދެން ދެމިއޮތެވެ. އެހެންނަމަވެސް ސަރ ވޯލްޓަރ ރަލެއި އަށް އެދުވަސްވަރު އިނގިރޭސީންގެ ތެރެއިން ޢިލްމީ ތަޖުރިބާކާރެއް ލިބެން ނެތުމާއިއެކު ޖޯކިމްގެ ބޭނުން ހިފަން ޖެހުނީއެވެ. އެހެންކަމުން، މިޒަމާނުގައި ބިދޭސީ މަސައްކަތު މީހުންނަށް ދޫކުރާފަދަ ވިސާއެއް ނުވަތަ ހުއްދައެއް އިނގިރޭސި ރަސްގެފާނުގެ ފަރާތްޕުޅުން ސަރ ވޯލްޓަރ ވަނީ ޖޯކިމްއަށް ހޯދާދީފައެވެ. ޖޯކިމްގެ މަސައްކަތަކަށް ހަމަޖެހިފައި އޮތީ، ރޯންކޭ ޖަޒީރާއަށް ގޮސް، އެތަނުން އެކިއެކި އަގުބޮޑު މަޢުދަންތައް ހޯދައި އެ އެއްޗިއްސާބެހޭ މަޢުލޫމާތު ދިނުމެވެ. ޖޯކިމް އެތަނުގައި މަސައްކަތް ކުރުމަށް ބޮޑު ވޯރކްޝޮޕެއް އަޅައި އެތަނުގައި ފުޅާދާއިރާއެއްގައި ތަޙުލީލުތައްކޮށް އަގުބޮޑު އެތައް އެތައް މަޢުދަންތަކެއް އިނގިރޭސިންނަށް ހޯދާދީފައިވެއެވެ.

ކޮންމެއަކަސް ޑްރޭކްގެ ނާފަހަރު ކެރޮލައިނާގެ އައްސޭރިފަށަށް ގޮނޑުކުރިތާ މާގިނައިރުތަކެއް ނުވެ، ވަރަށް ނުރައްކާތެރި ޠޫފާނެއް އެ ސަރަޙައްދަށް އަރައި ރޯންކޭ ޖަޒީރާ ސުންނާފަތިކޮށް، ޑްރޭކުގެ ނާފަހަރު އެކި ދިމަދިމާލަށް ވިއްސި ވިހާލިވެގެން ހިގައްޖެއެވެ. އިނގިރޭސި އިސްތިޢުމާރީންނަށް ޖެހުނީ އެމީހުން އަތްގަދަކޮށްފައިވާ ކިއްލާ ދޫކޮށްލައި ނާތަކާއިއެކު އެނބުރި އިނގިރޭސި ވިލާތަށް ދާށެވެ. މޫސުން ތަންދިން ނަމަ، ރޯންކޭ ޖަޒީރާގައިވާ ބަލިކަށި ބޯހިޔާވަހިތަކުން ފާޅުވީހީ މައްސުނިވެފައިވާ ޖަމާޢަތެއްގެ މީހުންނެވެ. އޭގެތެރޭގައި ނަޞާރާއިންނާއި، ޔަހޫދީންނާއި، ޔޫރަޕާއި އަދި އެފްރިކާގެ މުސްލިމުންނާއި އަދި އޭގެއިތުރުން ދެކުނާއި އުތުރު އެމެރިކާގެ އަސްލު ރަށްވެހިންވެސް ފެނުނީހެވެ. ޑްރޭކްގެ ނާފަހަރު ނިޔާމަ ދަތުރަކަށްފަހު އިނގިރޭސިވިލާތަށް ދިއުމުން، ރާނީ އެލިޒަބަތު 1، އުސްމާނީ ޚިލާފަތުގެ ދަށުގައިތިބި މީހުންގެ ތެރެއިން އަޅުވެތި ކޮށްފައިވާ 100 މުސްލިމުން އަނބުރާ އިސްތަންބޫލަށް ފޮނުވާ ލެއްވިއެވެ. މީގެ ބޭނުމަކަށްވީ އުސްމާނީ ޚިލާފަތުގައި އޭރު ހުންނެވި ސްޕޭނު މީހުންނާއި އިދިކޮޅު ޚަލީފާގެ ފަރާތްޕުޅުން ރުހުން ހޯއްދެވުމެވެ.

މޫރުންނާއި، އެފްރިކާ މީހުންނާއި، އަދި އެމެރިކާގެ އަސްލު ރަށްވެހިން ކަމަށްވާ އިންޑިއަނުންނާ މެދު ކަންތައް ވެގެންދިޔައީ ކިހިނެއް ކަމެއް މިއަދާއި ހިސާބަށްވެސް އޮތީ ނޭގުމެއްގެ ތެރޭގައެވެ. އެމީހުން އިނގިރޭސި ވިލާތާއި ހިސާބަށް ފޯރިކަމެއް އެއްވެސް ލިޔެކިއުމަކުން އެނގޭކަށްނެތެވެ. ނިއުޔޯކް ޔުނިވަރސިޓީގެ ތާރީޚީ ޢިލްމުވެރިއެއް ކަމަށްވާ ކަރެން ކުޕަރމަން ވިދާޅުވާގޮތުގައި، ޑްރޭކް ހީކޮށްގެން ހުރީ، އިނގިރޭސި އިސްތިޢުމާރީންގެ ބާރު، ރޯންކޭ ޖަޒީރާއިން އޭނާއަށް ފެނިގެންދާނެ ކަމަށެވެ. އެހެންކަމުން އޭނާ ދިޔައީ އެތަނަށް ބޭނުންވާނެ މަސައްކަތު މީހުންގެ ފައުޖެއް އަޅުވެތިކޮށްގެންނެވެ. ކަރެންއާއި އަދި އެހެން ތާރީޚީ ޢިލްމުވެރިންވެސް ޤަބޫލުކުރާ ގޮތުގައި ޠޫފާނަށްފަހު، ކާރޓަޖީނާއިން ހައްޔަރުކުރި އަންހެނުންނާއި އަދި ފިރިހެނުން ކެރޮލައިނާގެ އައްސޭރިއަށް ދޫކޮށްލީއެވެ.

ޑްރޭކަކީ އަބަދުވެސް މާއްދީ ތަކެއްޗާއި އިންސާނުން އަޅުންގެ ގޮތުގައި ވިއްކައިގެން ބޮޑުފައިދާ ހޯދުމަށް ވަރަށް ބޮޑަށް ދަހިވެތިވެފައިވާ މީހެކެވެ. އެހެންކަމުން އަގެއްހުރި އެއްވެސް އެއްޗެއް އެއީ މުދަލެއް ކަމުގައިވިޔަސް އަދި އިންސާނެއް ކަމުގައި ވިޔަސް ދޫކޮށްލުމަކީ ޑްރޭކަށް ކުރެވޭވަރުގެ ކަމަކަށް ނުވާނެއެވެ. އެކަމަކު އިނގިރޭސި ބާޒާރުގައި އަޅުންގެ ވިޔަފާރިއަށް މާބޮޑު ފުރުޞަތެެއް ނެތުމާއިއެކު ރޯންކޭ ޖަޒީރާގައި ތިބި އިނގިރޭސި އިސްތިޢުމާރީންނަށް އެހީތެރިވުމުގެ ގޮތުން ބާކީތިބި އަންހެނުންނާއި ފިރިހެނުން ކެރޮލައިނާގެ އައްސޭރިއަށް ދޫކޮށްލާފައި ޑްރޭކް ދަތުރުކުރީ ކަމަށް ބެލެވެއެވެ. އަދި ބައެއް ހައްޔަރީން އެ ސަރަޙައްދަށް ކުރިމަތިވި ޠޫފާނުގައި ގެބިގެން މަރުވީކަމަށްވެސް ބެލެވެއެވެ.

އޭގެ އެއް އަހަރު ފަހުން އިނގިރޭސި އިސްތިޢުމާރީންގެ ދެވަނަ ފައުޖެއްގެ މީހުން އާދެ “މަޝްހޫރު ގެއްލުނު އިސްތިޢުމާރީން،” ރޯންކޭ ޖަޒީރާއަށް ދަތުރުކުރިއެވެ. ކޮންމެއަކަސް ޑްރޭކް ދޫކޮށްލި ކަމަށް ބުނާ އެތައް ސަތޭކަ ރެފިއުޖީން ރޯންކޭ ޖަޒީރާގައި ތިބިނަމަ ފަހުން އެ ޖަޒީރާއަށް އައި އިސްތިޢުމާރީންގެ ފަރާތުންވެސް އެކަން އެނގުނީސްތާއެވެ. ފަހަރެއްގައި، 16 ވަނަ ޤަރުނުގައި އުތުރު އެމެރިކާގެ އައްސޭރިފަށުން މީހުން އަޅުވެތި ކުރުމަށް ދަތުރުކުރާ ނާފަހަރުގެ މީހުންނަށް ފިލުމަށްޓަކައި ކަރޓަޖީނާއިން ހައްޔަރުކުރި މީހުން، އެމެރިކާގެ އަސްލު ރަށްވެހިންނާއެކު އެކި ދިމަ ދިމާލަށް ދިޔުމަކީވެސް އެކަށީގެންވާ ކަމެކެވެ. ދެވަނަ ފަހަރަށް މިއައި އިސްތިޢުމާރީންވެސް “އާ ދުނިޔެއަށް” އާދެވުމާއިއެކު ވީއްލިގަނެގެން އެމީހުން ދިޔަގޮތަށް އެމީހުންގެ ހިލަމެއްވެސް އޭގެފަހުން ނުވެއެވެ. އެގޮތަށް ދިޔަމީހުންގެ ތެރޭގައި އެމެރިކާ ބައްރުގައި އެންމެފުރަތަމަ ވިހޭ އިނގިރޭސި ކުއްޖާ ކަމަށްވާ ވަރޖީނިއާ ޑަޔަރވެސް ހިމެނެއެވެ.

އާދުނިޔޭގައި އިނގިރޭސީންގެ ދާއިމީ ކޮލޮނީއެއް ޤާއިމް ކުރުމަށްޓަކައި، ވަރޖީނިއާ ކުންފުނިން ތިން ނަވެއްގައި 144 މީހުންނާއިއެކު އިނގިރޭސި ވިލާތުން ފުރީ 1606 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައެވެ. އެމީހުންނަށް އަމުރު ކޮށްފައިވަނީ ވަރޖީނިއާ އާބާދުކޮށް، އެތަނުން ރަނާއި ފެންހޯދުމެވެ. މި މީހުންނަށް، ޖޭމްސް ކޯރުގެ އައްސޭރީގައި އޮންނަ ޖޭމްސް ޓައުންއަށް ފޯރީ 14 މެއި 1607 ގައެވެ. ޖޭމްސް ޓައުން އާބާދުކުރުމުގައި އިނގިރޭސީންވެސް ވަނީ މުސްލިމުންނާ ދެކޮޅަށް ސްޕޭނު މީހުން އެކުލަވާލި ފަދަ ހިޖުރަކުރުމުގެ ސިޔާސަތެއް އެކުލަވާލާފައެވެ. އެގޮތުން ޖޭމްސް ޓައުންއަށް ވަނުމަށްޓަކައި ނަޞާރާއަކަށް ވުމީ ޝަރުޠެކެވެ. އެފްރިކާ މީހުން އަޅުވެތިކޮށްގެން އަޅުންގެ ގޮތުގައި އެންމެފުރަތަމަ ވަރޖީނިއާއަށް ގެންދެވުނީ 1619 ވަނަ އަހަރުއެވެ. މި މީހުންނާއި މެދު ކަންތައް ކޮށްފައިވަނީ އިސްވެ ދެންނެވުނު ސިޔާސަތާއި އެއްގޮތަށެވެ. އޭގެފަހުން 1682 ވަނަ އަހަރު މި ސިޔާސަތު ކުރިއަށްވުރެވެސް ހަރުކަށިކޮށް ހުރިހާ ކަޅު ނަސްލުގެ މީހުންނާއި، މޫރުންނާއި، މުލާޓޫއިންނާއި (ދޮންމީހަކާއި ކަޅުމީހަކާއި އިނދެގެން ލިބިފައިވާ ދަރިން) އަދި އެމެރިކާގެ އަސްލު ރަށްވެހިން ކަމަށްވާ އިންޑިއަނުންނަށް އަމުރުކޮށްފައިވަނީ އެމީހުންނާއި، އެމީހުންގެ މައިންބަފައިންނާއި އަދި އެމީހުން ނިސްބަތްވާ ޤައުމަކީ، ނަޞާރާދީނަށް ތަބާނުވާ ބައެއްނަމަ ނުވަތަ ތަނެއްނަމަ، އެބަޔަކުވާނީ އަޅުންނަށް ކަމަށެވެ.

ޙަޤީޤަތަކީ، އިސްލާމީ ޢަޤީދާއަށާއި އިސްލާމީ ފިކުރަށް ކިތަންމެ ފިއްތުންތަކެއް ކުރިމަތިކުރި ކަމުގައިވީ ނަމަވެސް، ސްޕޭނު މީހުންނާއި އަދި އިނގިރޭސީން އިސްތިޢުމާރުކުރި އެމެރިކާގެ އެކި ހިސާބުތަކުގައި އަޅުން، އެމީހުންނަށް ދެމުންދިޔަ ޙަމަލާތައް ކުޑަކޮށް ނަމަވެސް ހުއްޓިފައި ނުވާކަމެވެ. 16 ވަނަ ޤަރުނުގެ ތެރޭގައި ޕެނަމާއިން ފިލައިގެންދިޔަ އަޅުން އެމީހުންގެ އަމިއްލަ ޖަމާޢަތްތައް ހަދައި، ސްޕޭނު މީހުންނާއި ދެކޮޅަށް ވަރަށް ވަރުގަދަ ގެރިއްލާ ހަނގުރާމަ ތަކެއް އެތައް އަހަރެއް ވަންދެން ކުރިއަށް ގެންދިޔައެވެ.

ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ޙަޤީޤީ ނުރައްކަލަކީ އިންސާނުންގެ ކަރާމާތް ނަގާލައި އަޅުވެތި ކުރި ނިޒާމާއި އަދި އެ ނިޒާމަށް ހިތްވަރުދީ މަގުފަހި ކޮށްދިން ނަޞާރާ ދީނެވެ. މައްސަލައަކީ ހިޖުރަކުރި މީހުންގެ ޢަޤީދާއެއް ނޫނެވެ. އެކަމަކު އެމީހުން އާދުނިޔެއަށް އައުމާއިއެކު އެމީހުންނާއި ދެކޮޅަށް ހިންގި ލާއިންސާނީ އަނިޔާއާއި ބޭއިންސާފެވެ.

_____________________


 

About the author
2 Comments
  1. ޖޭޒް

    ބޭނުންތެރި ރަނގަޅު މަޢުލޫމާތުކޮޅެއް ހިމެނޭ ލިއުމެއް. ކުރިމަގުގައިވެސް މިފަދަ ލިއުންތައް ފެންނާނެ ކަމަށް އުއްމީދުކުރަން.

    (0)(0)
Leave Comment