000 ތިބާގެ މާލީ ޙާލަތު ރަނގަޅުކުރެވޭނީ ހަމައެކަނި ގިނަ ފައިސާތަކެއް ލިބިގެންނެއްނޫނެވެ. އޭގެ ބަދަލުގައި ޚަރަދު ކުޑަކުރުމަކީ ވެސް ފަހަށްރައްކާކުރެވޭ ފައިސާއެވެ. ވަޒީފާއިން މުސްކުޅިކުރުމުން ދެމީހުން (ދެމަފިރިން) ވަޒީފާއަށް ނުދާކަމުގައި ވަނީނަމަ، ކުރިން ދެ ކާރު ގެންގުޅުނުކަމުގައިވީނަމަވެސް ރިޓަޔަރކުރުމުން އެއްކާރު ބޭނުންކުރެވިދާނެއެވެ. ޖާގައިގެ ގޮތުން ތަނަވަސް އަގު ބޮޑު ގެއެއްގައި އުޅުމުގެ ބަދަލުގައި ގޭގައި އުޅޭ މީހުން މަދުވެއްޖެނަމަ، އެތަނުގައި ދިރިއުޅޭ މީހުންނަކީ ދެމަފިރިން އެކަނި ކަމުގައި ވަނީނަމަ، ކުރިން އުޅުނު ބޮޑު ގެ ނުވަތަ އެޕާޓްމަންޓްގެ…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ތިބާގެ މާލީ ޙާލަތު ރަނގަޅުކުރެވޭނީ ހަމައެކަނި ގިނަ ފައިސާތަކެއް ލިބިގެންނެއްނޫނެވެ. އޭގެ ބަދަލުގައި ޚަރަދު ކުޑަކުރުމަކީ ވެސް ފަހަށްރައްކާކުރެވޭ ފައިސާއެވެ. ވަޒީފާއިން މުސްކުޅިކުރުމުން ދެމީހުން (ދެމަފިރިން) ވަޒީފާއަށް ނުދާކަމުގައި ވަނީނަމަ، ކުރިން ދެ ކާރު ގެންގުޅުނުކަމުގައިވީނަމަވެސް ރިޓަޔަރކުރުމުން އެއްކާރު ބޭނުންކުރެވިދާނެއެވެ. ޖާގައިގެ ގޮތުން ތަނަވަސް އަގު ބޮޑު ގެއެއްގައި އުޅުމުގެ ބަދަލުގައި ގޭގައި އުޅޭ މީހުން މަދުވެއްޖެނަމަ، އެތަނުގައި ދިރިއުޅޭ މީހުންނަކީ ދެމަފިރިން އެކަނި ކަމުގައި ވަނީނަމަ، ކުރިން އުޅުނު ބޮޑު ގެ ނުވަތަ އެޕާޓްމަންޓްގެ ބަދަލުގައި ކުޑަ ތަނެއް ޚިޔާރުކޮށްފިނަމަ، މަހަކު އެތައް ރުފިޔާއެއް ސަލާމަތްކުރެވޭނެއެވެ. ސިޓީ ސެންޓަރު (ރަށުގެ މައި ސަރަޙައްދު)ގައި އެޕާޓްމަންޓެއްގެ އެވެރެޖް އަގަކީ 15،000.00 ރުފިޔާ ކަމުގައި ވެފައި، ސިޓީން ބޭރުން ގާތްގަނޑަކަށް 5000.00 ހާސް ރުފިޔާއަށް ލިބޭނަމަ، އެ ސަލާމަތް ކުރެވެނީ ވަރަށް ބޮޑު ޢަދަދެކެވެ. މިގޮތަށް ރިޓާޔަމަންޓްގައި ޚަރަދު ކުޑަކުރުމަށް ވިސްނަންޖެހޭ އެންމެ ބޮޑު ސަބަބަކީ މި އުމުރުގައި އާމްދަނީ ހޯދޭނެ ގޮތްތައް ނުވަތަ ފުރުސަތު ނެތުމެވެ. މިކަމުގައި އެންމެ ރަނގަޅު އެއްގޮތަކީ ޖަމާކޮށްފައިވާ ފައިސާ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ގޮތްތައް ހޯދައިބަލައިގެން ޚަރަދުކުރުމެވެ.

ތިބާގެ ހުރިހާ ޚަރަދުތަކެއް އަލުން މުޅިން މުރާޖަޢާކުރުމަށްފަހު، ރައްކާކޮށްފައިވާ ފައިސާއަށް އަންނަ ބަދަލުތައް ދެނެގަނެ، އެ ފައިސާއިން ތިބާގެ ކަންކަމަށް ބޭނުންކުރެވޭނީ ކިހައި މުއްދަތަކަށްތޯ ބަލައި ހިސާބު ހަދާށެވެ. އަދި އަތުގައި ހުރި ފައިސާއިން އެންމެ ރަނގަޅު އާމްދަނީ ލިބޭ ކަންކަމުގައި ލިބިދާނެ ގެއްލުމަށް ބަލައިގެން އިންވެސްޓްކުރާށެވެ. ރިޓަޔަރމަންޓްގައި އެންމެ ބޮޑު ޚަރަދެއް ހިނގާނެ އެއްކަމަކީ ހެލްތު އިންޝުރެންސަށް ހިނގާނެ ޚަރަދެވެ. މި ޚަރަދަކީ އުމުރުން ދުވަސްވުމުން ހިނގާނެ އެންމެ މުހިންމު އެއް އަސާސީ ޚަރަދެވެ. މިކަމަށް ބޭނުންވާ ފައިސާ އަބަދުވެސް އިންތިޒާމްކުރެވޭނެ ގޮތަށް ޚަރަދުތައް ރާވަންޖެހެއެވެ. މިކަމަށް އޮތް އެއް ޙައްލަކީ އެހެނިހެން ޚަރަދުތައް ކުޑަކުރުމެވެ. މިސާލަކަށް ކުޑަ ޕެކެޖެއް ނަގައިގެން ފޯނު ބިލަށް ހިނގާ ޚަރަދުކުޑަކުރެވިދާނެއެވެ. އަދި ބާޒާރަށް ދިއުމަށާއި އަދި ބާޒާރުކުރުމަށް ކުރާ ޚަރަދު ކުޑަކުރެއްވިއްޖެނަމަ، އަހަރަކު އެތައް ރުފިޔާއެއް ސަލާމަތް ކުރެވެއެވެ.

ބައެއް އިންވެސްޓްމަންޓްތަކާއި އަދި ބޭންކިންގ ޚިދުމަތްތަކަކީ ވަރަށް ގިނަ ފީ ނަގާ ޚިދުމަތްތަކެކެވެ. މިފދަ ބޮޑެތި ފީ ނުވަތަ ކޮމިޝަން ނަގާ ބޭންކުތަކުން ޚިދުމަތް ހޯދުމުގެ ބަދަލުގައި ކުޑަ ފީއެއް ނަގާ ތަންތަނުގައި ފައިސާ ބެހެއްޓުމަކީ ވެސް ކުރެވިދާނެކަމެކެވެ. އެފަދަ ބޭންކަކަށް ނުވަތަ ކުރެޑިޓް ޔޫނިއަނަށް ބަދަލުކުރުމުންވެސް ފައިސާ ސަލާމަތްކުރެވޭނެއެވެ. އަދި މީގެއިތުރުން، އިސްރަށްވެހިންނަށް (ސީނިއަރ ސިޓިޒަންސް) އަށް ޚާއްޞަ އަގުގައި ޚިދުމަތްދޭ ތަންތަން ހުރެއެވެ. އެފަދަ ތަންތަން ދެނެގަނެ އެތަންތަނުން ޚިދުމަތާއި ތަކެތި ބަލައިގަތުމުން ޚަރަދުކުޑަކުރެވި އެތައް ރުފިޔާއެއް އަހަރަކު  ސަލާމަތްކޮށް ރައްކާކުރެވޭނެއެވެ.

ރިޓަޔަރމަންޓަށް ގިނަ ފައިސާ ރައްކާކުރުމާއި އަދި ޚަރަދުކުޑަކުރުމާއި މި ދެ ކަންތައްތަކަކީ ވެސް ފަހަށްރައްކާކޮށް އަދި ލިބިފައިވާ އާމްދަނީ އާއި ރައްކާކޮށްފައިވާ ފައިސާ ގިނަ ދުވަހަށް ދެމިގެންދާނެ ދެ ގޮތެވެ. ނަފުސާނީ ތަޖުރިބާކާރުން ބުނާގޮތުގައި ތިބާގެ ދިރިއުޅުމުގެ ކަންތައްތައް ހަމަޖެހިފައި އޮތުމަކީ ހާސްވުމާއި ސްޓްރެސް ކުޑަކޮށްދޭ ކަމެކެވެ. އަދި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްވެސް މަގުފަހިކޮށްދެއެވެ. އަދި ކަމާބެހޭ މާހިރުންގެ އިރުޝާދާއި ލަފަޔަކީ އުމުރުން ދުވަސްވީނަމަވެސް މަސައްކަތްކުރެވޭ ފަދަ ދުޅަހެޔޮ ޞިއްހަތެއްގައި ހުރިނަމަ ރިޓަޔަރނުކޮށް މަސައްކަތުގައި ދެމިހުރުމެވެ. މިކަންކަމަށް މިހާ ބޮޑަށް ސަމާލުކަންދޭންޖެހޭ ސަބަބަކީ ތިބާގެ ދިރިއުޅުމުގެ ކަންތައްތައް ތިބާ އަމިއްލައަށް ހަމަޖެއްސުމެވެ. ސަލާންޖެހުމާއި އެހެން މީހުންނަށް ބަރޯސާވުން ކުޑަކޮށް އަބުރުވެރި ދިރިއުޅުމެއް އުޅުމެވެ. އަދި ތިބާއަކީ މީހުންގެ އަތުން އެއްޗެހި ހޯދާ މީހަކަށް ވުމުގެ ބަދަލުގައި އެހެންމީހުނަށް އެއްޗެހި ފޯރުކޮށްދީ ފުދުންތެރި ދިރިއުޅުމެއް ހޯދުމެވެ. އެއީ އުފާވެރި އަދި ޝަރަފުވެރި ދިރިއުޅުމަކަށް ތިބާގެ ދިރިއުޅުން ހަދައިދޭނެކަމެކެވެ.

_______________________

About the author
Leave Comment