މުޙަންމަދު ވަޙީދު، މަޑުލު ރަށު އޮފީހުގެ ކައިރީގައި ހުރެގެން އަންހެންމީހާ ރޮނީއެވެ. އޭނާގެ 12 އަހަރުވީ ފިރިހެން ދަރިފުޅު އޮފީހުގެ ތެރޭގައި ހުރި ދިގުގޮނޑިއެއްގައި އިނެވެ. މަންމަ ރޯއަޑު އޭނާއަށް އިވުނުނަމަވެސް އެކަމާ ކަންބޮޑުވާކަމަކަށް ނުފެނެއެވެ. މޫނުމަތީގައި ވަނީ ބިރުގަތުމެވެ. ތަންތަން ބެލުމާއި ފައިހޫރުވައި ހަމަހިމޭނުން ނުއިނދެވިގެން އުޅޭތީ އޭނާއަކީ ސިޔާސަ ކުއްޖެއްކަން ބަލާމީހަކަށް އެނގޭވަރުވެއެވެ. ކަތީބު ނިކުންނަވައިފިއެވެ. ބޭރުގައި ހުރި އަންހެންމީހާއަށް ނަސޭޙަތްދެއްވިއެވެ. ކުޑަކުދީން ބަލަހައްޓާ ތަނުން ޢަލީއަށް ތަޢުލީމާއި ތަރުބިއްޔަތު ލިބޭނެ ވާހަކައާއި ބޭކާރު…

މުޙަންމަދު ވަޙީދު، މަޑުލު

ރަށު އޮފީހުގެ ކައިރީގައި ހުރެގެން އަންހެންމީހާ ރޮނީއެވެ. އޭނާގެ 12 އަހަރުވީ ފިރިހެން ދަރިފުޅު އޮފީހުގެ ތެރޭގައި ހުރި ދިގުގޮނޑިއެއްގައި އިނެވެ. މަންމަ ރޯއަޑު އޭނާއަށް އިވުނުނަމަވެސް އެކަމާ ކަންބޮޑުވާކަމަކަށް ނުފެނެއެވެ. މޫނުމަތީގައި ވަނީ ބިރުގަތުމެވެ. ތަންތަން ބެލުމާއި ފައިހޫރުވައި ހަމަހިމޭނުން ނުއިނދެވިގެން އުޅޭތީ އޭނާއަކީ ސިޔާސަ ކުއްޖެއްކަން ބަލާމީހަކަށް އެނގޭވަރުވެއެވެ. ކަތީބު ނިކުންނަވައިފިއެވެ. ބޭރުގައި ހުރި އަންހެންމީހާއަށް ނަސޭޙަތްދެއްވިއެވެ. ކުޑަކުދީން ބަލަހައްޓާ ތަނުން ޢަލީއަށް ތަޢުލީމާއި ތަރުބިއްޔަތު ލިބޭނެ ވާހަކައާއި ބޭކާރު ގޮތުގައި ރަށުގައި އުޅެބޮޑުވުމަށްވުރެ، މާލެ ފޮނުވައިލުން ރަނގަޅުވާނެ ވާހަކަ ސާފުކޮށްދިނެވެ.

ކުއްޖާގެ މަންމައަށް މި ވާހަކަތައް އިވޭ ކަމަކަށް ނުހަދައެވެ. ޢަލީ ރަނގަޅަށް ބަލަހައްޓާނަމޭ، ރަށުން ފޮނުވައިނުލާށޭ، އެއީ އޭނާގެ ދެލޯފަދަ ލޯބިވާ ދަރިފުޅޭ ބުނެ ހަމަ ރޮނީއެވެ. ކަތީބު ހިތަށް އަރައެވެ. ދެލޯފަދަ ލޯބިވާ ދަރިފުޅު ބެލެހެއްޓުމަށް މިހާތަނަށް ކުރީ ކީއްހެއްޔެވެ؟ މީހުންނަށް ގޯނާކުރުމާއި ވައްކަންކުރުމުގެ ކިތައް މައްސަލައިގައި އޭނާ އޮފީހަށް ގެނެސްފިކަން ހަނދާން ނެތުނީހެއްޔެވެ؟ މިއީ މީހުންގެ ކުރިމަތީގައި ވެރިން ބަދުނާމުކުރުމުގެ ކަމަކަށް ނޫނީ ނުވެއެވެ.

އެންމެ ފަހުން ކަތީބު ރުޅިދުރުވެއްޖެއެވެ. ބާރަށް ބުނުއްވީ، އެ އަންހެނާ އެއީ ދަރިންނަށް އަޅައިނުލާ މީހެއްކަމަށެވެ. ވަޅަށްވެއްޓި މަރުވި ކުއްޖެއްގެ މަތީން ހަނދާންކޮށްދިން އަޑުއިވުނެވެ. ޢަލީގެ މައްސަލައިގައި އެތައް ފަހަރަކު އަންގައި ވެސް އޭނާ ނުބެލެހެއްޓުނުކަން ވެސް ހަނދާންކޮށްދިނެވެ. އަދި ބުނުއްވީ ރަށްމެދަށް ކުދިން ވިހައިފައި ދޫކުރީމައި އެ ނިމުނީނޫން ކަމަށެވެ.މި ހިސާބުން އަންހެންމީހާގެ ރުއިމުގެ އަޑު ކެނޑިއްޖެއެވެ. ކަތީބާ ދިމާއަށް ހަޅޭއްލަވަން ފެއްޓިއެވެ. ރަށްމެދަށް ވިހަނީ އޭނާ އެކަނިތޯ އަހައިލިއެވެ. މާމޮޅުމީހަކަށް ވެފައި ތިހަރަމީހާ ކިތައްރޭ އޭނާ ގާތަށް ދިޔައިންތޯ ކަތީބުކުރެން އެހިއެވެ. އަތޮޅުވެރީން ހިތްހަމަޖައްސައިދޭން އަންހެންކުދީންނާ އަތޮޅުވެރިޔާ ތަތްކުރުވަނީ ކާކުތޯ އެއްސެވެ.

ކަތީބު ހާސްވާގޮތް ވިއެވެ. ވަށައިގެން ބެލެން ފެށިއެވެ. ޒުވާބުގެ އަޑަށް މީހުން ހުއްޓެމުން ދިޔައެވެ. އޮފީހުގެ ތެރޭގައި ތިބި ބައެއް މީހުން ވެސް ނުކުންނަން ފެށިއެވެ. ކަތީބު މަޑުމަޑުން ބުނުއްވީ އޭނާ ދާށޭއެވެ. އަންހެންމީހާ ހިނގައިގެންފިއެވެ. ވެރިންނާ ދިމާއަށް އެއްޗެތިގޮވަމުން ސަރުކާރުގެ ކުރިޔަށް ތިއްބެވި ބައެއް ވެރިންނާ ބެހެމުންނެވެ. ބައެއް މީހުން ހީނލައެވެ. އަނެއް ބަޔަކު މޫނުކުނިކުރެއެވެ. ބަލާ ބެލުމަށް، މީހުންގެ މޫނުމަތިން މި ފެންނަ ކުލަތަކަކީ، ގޮތްކުޑަ އަންހެނަކު އެރަށުގައި ގޮތެއް ނެތި އުޅޭތީ ވާ ފޫހީގެ ކުލަވަރުކަމެއް ނޫނީ ވެރިންގެ ނުކުޅެދުންތެރިކަމާއި އެމީހުންގެ ބަލިކަށިކަމުގެ މައްޗަށް ވާ ފޫހިން އަރާ ކުލަތަކެއްކަމެއް ނޭނގެއެވެ.

އެ ކުޑަކުއްޖާ ފުރުވާކަށް އޭނާގެ މަންމައެއް ނުދެއެވެ. މާލެއޮޑިއަށް އެރީ އަނދެގެން ހުރި މުންޑުގަނޑާ އެކުގައެވެ. ހުރީ ގަޔަށް ކުޑަކަމުން ގޮށްނޭޅުވޭހާ ބާރު ގަމީހެއް ލައިގެންނެވެ. އޮޑިއަށް އެރިގޮތަށް ހިޔާމައްޗަށް އަރައި، އޮށޯތީއެވެ. އެއްޗެއް ކާން ދިނީމައި ނުވެސް ކެއެވެ. ހިޔަލަށް ވަންނާށޭ ބުނީމައި ނުވެސް ވަނެވެ.

ބައެއް މީހުން ބުނާ އަޑުއިވެނީ ކަމެއް ޖެހުނީމައި، އައްޔަށް ވެސް މާ ބާރެއް  ނުދެއްކުނުތާއޭ މިހެންނެވެ. އޭނާ ރުއި ދުވަހެއް ހަނދާންވެސް ނެތެވެ. 12 އަހަރުވީނަމަވެސް އޭނާއަކީ ޢުމުރަށްވުރެ ދޮށިކޮށް އުޅޭ ކުއްޖެކެވެ. ހަނދާން ހުންނަން ފެށިއްސުރެ އޭނާ އުޅެނީ އޭނާ ބޭނުން ގޮތަކަށެވެ. ގޮތްކިޔާނެ މީހަކު ނުހުރެއެވެ. އެއްޗަކަށް ވެސް މީހަކަށް ވެސް ބޭނުމެއް ނުވެއެވެ. ނަމަވެސް މިހާރު އޭނާގެ މަންމަ ފެންނާނެ ނަމައޭ ހިތަށްއެރިއެވެ. ޢަލީގެ ގިސްލުމުގެ އަޑަށް، ކުނބުކަފި ބުޑުގައި އޮތް މީހަކު ހޭލައިފިއެވެ. ބަނޑުހައިވީތޯ ޢަލީ ކުރެން އަހައިލިއެވެ. ހަކުރުލައިގެން ފިހެފައިވާ ބޯ ރޮށިފަޅިއެއް ކޮންމެވެސް ތަނަކުން ނަގައި ޢަލީ އަތަށް ދިއްކޮށްލިއެވެ. ނަސޭހަތުގެ ގޮތުން ބުނީ ދެރަނުވުމަށެވެ. ހުރިހާ ކަމެއް ވެސް ރަނގަޅުވާނެކަމަށެވެ. ކެރިގެން ރަނގަޅަށް މަސައްކަތް ކުރަނިކޮށް ރަނގަޅު މީހަކަށް ވެވިދާނެކަމަށެވެ.

ލޯ ހުޅިވައިލެވުނުއިރު، އޮޑި ދުވެފައި ދަނީއެވެ. އޭނާ ތުރުތުރުއަޅަނީއެވެ. ހީކަރުވަނީއެވެ. އެއްޗެއް ބުނަން އުޅެ ބުނެވޭގޮތެއް ނުވިއެވެ. އައިސްފައިވާ ގަދަ ހުމުގެ ސަބަބުން ލޯމެރިއްޖެއެވެ. ތަފާތު އެތައް ހުވަފެނެއް ފެންނަން ފެށިއެވެ. ތަނބީގައި ހުރި ފާރުގަނޑު ނުބައިވާތީކަންނޭނގެއެވެ. ފައިގައި ރިއްސަނީއެވެ.

ދެން ހޭލެވުނުއިރު އޮވެވުނީ ވަރަށް އަރާމު އެނދެއްގައެވެ. ގައިގައި އެއްވެސް ވަރެއް ނެތެވެ. އަތަށް ވަނީ ހޮޅިއެއް ގުޅައިފައެވެ. އެ ހޮޅި ގޮސް އެލުވައިފައިވާ ފުޅިއަކާ ގުޅިފައިވެއެވެ. ވަށައިގެން ހޯދައި ބަލައިލިއިރު ވެސް ދަންނަ މީހަކު ފެންނާކަށް ނެތެވެ. ކަރުހިއްކަނީއެވެ. ހުދުހެދުމެއްގައި ހުރި އަންހެންކުއްޖަކު އަތުވެއްޖެއެވެ. ޢަލީ އެދުނީ ފެންފޮދެއް ދިނުމަށެވެ. ހިތަށްއެރިއެވެ. ހުވަފެނެއް ބާވައެވެ. ހަށިގަނޑުގައި ވަރުޖެހުނީ ދެތިންހަތަރު ދުވަސް ފަހުންނެވެ. ހިނގައި އުޅެވެން ފެށުމުން، އޭނާ ދާންޖެހޭ އިސްލާޙިއްޔާއަށް ގެންގޮސްފިއެވެ. އެ ރަށުން ދެ ހެދުމާއި ފެންވަރާނެ ސައިބޯންޏާއި އަރާނެ ފައިވާނެއް ދިނެވެ. ނިދާނެ އެނދެއް ދެއްކިއެވެ. ތަނުގެ ޤަވާޢިދުތައް ކިޔައިދިނެވެ. އޭނާއަކަށް ނަމާދުކުރާކަށެއް ނޭނގެއެވެ. ނަމާދުކުރާއިރު ކިޔާ އެއްޗިއްސެއް ނޭނގެއެވެ. ފޮތްފޮތް ހުއްޓަސް ބަލައިގެން ކިޔާކަށް ނޭނގެއެވެ.

އަހަރުދުވަސް ވީއިރު، ލިޔަންކިޔަން ދަސްކޮށްފިއެވެ. ފެހުމާއި ތަނުގައި ދަސްކޮށްދޭ އެހެނިހެން މަސައްކަތްތަކަށް އޭނާ ފޯރިއެއް ނުހުރެއެވެ. ގުޅުނު ދެކުއްޖަކާއެކު، އެއްޗެތި ގަނެ ވިއްކުމުގެ ސިއްރު ވިޔަފާރި ހިންގުމަކީ އޭނާ އެންމެ ކުރާހިއްވި ކަންތަކެވެ.

މި ތަނުގައި އެއްއަހަރު ހޭދަކުރިއިރު އޭނާއަށް ދަސްވެފައިވަނީ ލިޔެކިޔަން އެކަންޏެއް ނޫނެވެ. ޖެއްސުން ބޮޑު ސިޔާސަ ބައެއްގެ ތެރޭގައި އުޅޭނެ ގޮތް ވެސް ވަނީ ދަސްވެފައެވެ. އަދި ދަރީންނަށް ނުބައިކޮށް ކަންތައްތައް ކުރާ މައިންބަފައިންގެ ފުށުން ބަދަލުހިފުމުގެ ވާހަކަތައް އިވުނެވެ. އެފަދަ ހިތި އަސަރުތަކުގެ ރަހަ އޭނާ އަނގައިގައި ލާ ކަހަލައެވެ. އެއީ އޭނާއަށް އިވުނު ލަގޮނޑިއަށް ކެތްނުވާފަދަ ވާހަކަތަކެކެވެ. ނަމަވެސް އޭނާގެމަންމައާމެދު ނަފުރަތެއް ނެތެވެ.

އެއްކުއްޖެއްގެ އަތުގައި ހުރި ލަކުނަކީ، އަލިފާން ދަރުބުރިއެއް ޖެއްސި ތަނުގެ ލަކުނެކެވެ. އަނެއް ކުއްޖެއްގެ ބޮލުގައި އިސްތަށި ނުފަޅައި ހުރި ހުސްތަނަކީ، ރޮށިދަމާ ރޯލަކުން ޖެހުމުން ލިބުނު ޒަޚަމްގެ ލަކުނެވެ. މިތަނުގައި އުޅެނީ އޭނާއާ އެއް ޢުމުރުގެ ކުދީންނެއް ނޫނެވެ. ސޯޅަ ސަތާރަ އަހަރުގެ ކުދީންނާއި އޭނާއަށްވުރެ ހަގު ކުދީންނެވެ. ކުދީންތައް ވަނީ ބައިބަޔަށް ބެހިފައެވެ. އެއްރަށުގެ ކުދީންނެވެ. ނުލަފާ ބައިގަނޑުތަކެވެ. ތަން ހިންގާ ވެރީންގެ ގާތުގައި އެހެން ކުދީންގެ ޝަކުވާ ކޮށްގެން ހެޔޮމީސްވެގެން އެކިއެކި ރަނގަޅު ގޮތްތައް ހޯދާ ކުދީންނެވެ. ދެން ނިކަމެތި ބަލިކަށި ކުދީންނެވެ. ގިނަފަހަރަށް ބުރަ މަސައްކަތުގެ ބޮޑުބައި ކުރަން ޖެހިފައި އޮންނަނީ މި ބަލިކަށި ގްރޫޕަށެވެ.

ޢުމުރުން 15 އަހަރު ފުރުނުއިރު އައްޔަކީ ޖާނުން ވަރުގަދަ ހެދިހުރި އިސްކޮޅެއްގެ ޒުވާނެކެވެ. އެހެންކަމުން އެ އަހަރު ބޯޓްފަހަރަށް ހޮވި ކުދިންގެ ތެރޭގައި އޭނާ ހޮވުނެވެ. އެއިރު އޭނާ ހުރީ ދުނިޔޭގެ ހިތިކަމާއި ބަލިކަށިކަމުގެ ސަބަބުން އުފުލަންޖެހޭ ވޭނާއި ހަމްދަރުދީއާއި އޯގާތެރިކަމާއި ނަފުރަތާއި ޙަސަދަވެރިކަމާއި ބިރުދެއްކުމާއި ކުޓުވުމުގެ ގޮތްތައް ތަޖުރިބާކުރެވިފައެވެ. ލިޔެކިޔާށާއި ދީނުގެ ކަންތައްތައް ދަސްވެފައެވެ. އިސްލާޙިއްޔާއިން އޭނާ ނިކުމެގެން ދިޔައީ އެއްވެސް އަސަރެއް ނެތިއެވެ. އެއްވެސް ހިތާމައެއް ނެތިއެވެ. ވަކިވާންޖެހިގެން ހިތާމަކުރަން ޖެހޭފަދަ އެކުވެރިއެއް ވެސް ނެތިއެވެ. ބަދަލުހިފާނެ ދުޝްމަނެއް ވެސް ނެތިއެވެ. ބަނދެވިގެން ހުރި ކޮށީން ހާމަ ދުނިޔެއަށް އޭނާ އެ ނިކުތީއެވެ. ދެން ދިމާވާނެ ކަންތައްތަކުގެ ތަޖުރިބާއެއް ނެތިއެވެ. ކުޑަކޮށް ހިތްބިރުގަނެގެން ހުރެއެވެ.

އޭނާ ބޯޓްގައި އުޅެންފެށިތާ 6 ވަނައަށްވީ މަހު އޭނާއަށް ލިބުނު ސިޓީއެއްގައި ވަނީ އޭނާގެ މަންމަ މި ދުނިޔެ ދޫކުރި ޚަބަރެވެ. ގަލްފުގެ އެއް ބަނދަރުން ފުރައިގެން އަނެއް ބަނދަރަށް ދިޔުމަށް ބޯޓް ދުވެފައި ދިޔައިރު، ދިރުނބާކޮލުގައި ހުރި ފީފާއެއްގެ މަތީގައި ދެފައި ވައްކޮށްލައިގެން އިށީނދެ އިނދެ އޭނާގެ މަންމަގެ މަރުގެ ވާހަކަ ލިޔެފައިވާ ސިޓީ ކިޔަމުން ގެންގޮސް ނިންމައިލިއެވެ. އިސްއުފުލައި ބަލައިލިއިރު ކައިރިން ޓަގުބޯޓެއް ދަތުރުކޮށްފައި ދެއެވެ. ދުރުން ސްޕަރޓޭނަކްރެއް އޭނާ އިން ބޯޓާ ދިމާއަށް އާދެއެވެ. ދުރުން ފެންނަން ހުރީ ތެޔޮނަގާ ޕްލެޓްފޯރމެއްގެ ގޭސްބޭރުވާ ހޮޅީގެ އަލިފާނެއެވެ. މިއިން އެއްވެސް އެއްޗެއް އޭނާއަކަށް “ނުފެނެއެވެ.” މަތިން އެ ދާ ޖެޓް މަތިންދާބޯޓްގެ އަޑާއި ދުވެފައިދާ އޭނާ އިން ބޯޓްގެ އިންޖީނު އަޑެއް އޭނާއަކަށް ނީވެއެވެ. އަވިގަދަނަމަވެސް ޖެހޭ ވައިގައި ހުރި ހަންތޮރުފާ ފަދަ ފިނިކަމެއް އޭނާއަކަށް އިޙްސާސެއް ނުވެއެވެ.

އޭނާގެ ރަށުގެ މަތީންނާއި މަންމަގެ މަތީން ހަނދާންކުރިއެވެ. މާނޭވާއެއް ލިޔެވެ. ފީފާގެމަތީން ފުއްމާލައިގެ ގޮސް އޭނާ ނިދާ ގޮޅިއަށް ވަނެވެ. ތިރީގައި ހުރި އެނދުގައި އޮތް މީހާ އިނގިރޭސިބަހުން އެއްޗެއް އަހައިލައިފިއެވެ. ޢަލީއަށް އިނގިރޭސިން ވާހަކަދައްކާކަށެއް ނޭނގެއެވެ. ނަމަވެސް އެހެން މީހުން ދައްކާ ވާހަކަތައް ރޭކާލައެވެ. ކީކޭހޭ އަހައިލުމުން ނިދަން އުޅެނީހޭ އަހައިލިކަން އެނގުނެވެ. ނޫނެކޭ ބުނެލައިފައި އޮށޯތުމުގެ ޚިޔާލު ދޫކޮށްލައި، އަނެއްކާވެސް ބޭރަށް ނުކުތެވެ. ބޯޓްގެ ކެޕްޓަން އޭނާއާ ދިމާއަށް ހަނާއަޅައިލާތަން ފެނުނެވެ. ކައްޕިތާނާ ދިމާއަށް ދިޔައެވެ.

*****

ފާރިޝާ އިރުކޮޅަކު ހުއްޓުން އަރައިފައި ހުރުމަށްފަހު މޭޒުމަތީގައި ސައިތަށި ބެހެއްޓުމަށްޓަކައި ހިނގައިގަތެވެ. ޢަލީ ހުރީ ފާރިޝާގެ ހުރިހައި ޙަރަކާތްތަކަށް ރަނގަޅަށް ބަލާށެވެ. އެކަން ފާރިޝައަށް އެނގެއެވެ. ސައިތަށި މޭޒުމަތީގައި ނުބަހައްޓާށޭ ބުނިއަޑަށް ޢަލީއާ ދިމާއަށް ފާރިޝާ ބަލައިލިއެވެ. އަނގައިން ނުބުނެ ސައިތަށި އަތަށް ދޭށޭ ބުނާގޮތަށް ޢަލީ އަތްދިއްކޮށްލިއެވެ. ފާރިޝާއަށް ހީވީ، އޭނާގެ އަތްދިއްކޮށްލީ ސައިތައްޓަކަށް ނޫންކަމަށެވެ. ޚުދު އޭނާގެ އަމިއްލަ ހަށިގަނޑު ދިނުމަށް އެދިކަމަށެވެ. ހިތްބިރުގަތެވެ. ތުރުތުރުއަޅައިގެން ދިޔައެވެ. ގައިން ހީބިހި ނެގިއެވެ. ސައިތަށީގައި ހިފަމުން ފާރިޝާގެ ކިޔެވުމުގެ ކަންތައްތައް ރަނގަޅުތޯ ޢަލީ އެއްސެވެ. ފާރިޝާ އާނއެކޭ ބުންޏެވެ. ގޭގެ ހުރިހައި ކަމެއް ވެސް ދާ ގޮތާމެދު ޢަލީ ހިތްހަމަޖެހޭ ވާހަކަ ބުންޏެވެ. ފާރިޝާ އެއްޗެއް ނުބުނެއެވެ. އަނެއްކާވެސް ޢަލީ ބުންޏެވެ.

“އަހަންނަކީ އަޅައިލަންޖެހޭ މީހަކުވެސް އަޅާލާނެ މީހަކުވެސް ނެތް މީހެއް”

ސައިތަށި ހިފައިގެން މޭޒު ކައިރީގައި ހުރި ގޮނޑުއެއްގައި ޢަލީ އިށީނދެލިއެވެ.

ޢަލީ މިދައްކާ ވާހަކައަށް އެއްޗެއް ބުނަންޖެހޭނެ ކަމަކަށް ފާރިޝާ ނުދެކެއެވެ. ފާރިޝާއެއް އެއްޗެއް ބުނާނެކަމަކަށް ޢަލީ އިންތިޒާރެއް ނުކުރެއެވެ. ޢަލީ ބޭނުންވަނީ އޭނާގެ ހިތް ފާރިޝާގެ ކުރިމައްޗަށް ބަންޑުން ޖަހައިލާށެވެ. އަދި ކާވެނި ހުށަހެޅުމަށެވެ. ސައިފޮދެއް ބޯލާފައި ޢަލީ ފާރިޝާއާ ދިމާއަށް ބުންޏެވެ.

” މިހިރަ ގޮނޑީގައި އިށީނދޭ.”

” ކޮޅަށް ހުރެދާނަން.”

ޢަލީގެ ހިތަށް އެރިއެވެ. މިއީ ސަމާސާ އަންހެނަކަށް ނުވާނެއެވެ. އަހަރެން މި ބުނަން އުޅޭ އެއްޗަކަށް އިންކާރުކޮށްފިއްޔާ ލަދުގަންނަންޖެހޭނީ ޢަލީކަން ޢަލީއަށް އެނގެއެވެ. ހިތުގައި ޝައްކުތައް ހިނގަން ފެށިއެވެ. އެތައް ދުވަހެއް ކުރިއްސުރެ ހިތުގައި ރާވަމުން ގެނައި ކަންތައްތައް ރޭވި ގޮތާ އެއްގޮތަށް ނުދާތީ ހާސްވާގޮތްވިއެވެ. ހޫނުވާގޮތް ވިއެވެ. ހަމަޖެހިލުމުގެ ގޮތުން ތެދުވެގެން ގޮސް، ފަންކާ ބާރުކޮށްލިއެވެ. ފަންކާގެ ސްވިޗްގެ ކައިރީގައި ހުރި ފޭރާން އަޅުވާ ހަރަކުން ގަމީހެއް ނަގައި ހަށިގަނޑުގެ ނިވާކޮށްލިއެވެ. މޭޒުކައިރިއަށް އައިސް އިށީނެވެ. ސައިފޮދެއް ބޯލިއެވެ. އަދި ބުންޏެވެ.

“ބަލަން ހުންނާނެ ކަމެއް ނެތް، އިށީނދޭ”

ފާރިޝާގެ ގަތާފައިވާ އިސްތަށިގަނޑުގެ ކޮޅުގައިވާ ދެ ބޮތްކާ ކުޅެމުން މަޑުމަޑުން ފަހަތަށް ފަހަތަށް ގޮސް ގޮނޑީގައި އިށީނދެއްޖެއެވެ. ޢަލީގެ ލޮލުގެ ކުރިމަތީގައި ފާރިޝާ ކުޑަކުއްޖެއްގެ ގޮތުގައި ހުރެފައި ޒުވާނަކަށް ބަދަލުވަމުން ދިޔައިރުވެސް ނޭދެވޭ އެއްވެސް ޚިޔާލެއް އޭނާއާ މެދަކު ނުކުރެއެވެ. އޭނާ ޤަބޫލުކުރާގޮތުގައި ގޭގެ ސާހިބު މީހާއަކީ ގޭގެ ނޯކިރީންގެ ބެލެނިވެރިޔާއެވެ. ބެލެނިވެރިޔަކާ އޭނާގެ ޙަވާލުގައިވާ މީހަކާ ދެމެދުގައި އެފަދަ އެއްވެސް ގުޅުމެއް ހިންގުމަކީ ގޮތެއް ނޫނެވެ. މާލޭގެ ބައެއް ގޭގޭގައި ގެންގުޅޭ ރާއްޖެތެރޭގެ ކުދިންނާމެދު ކަންތައްތައް ހިނގައިފައިވާ ގޮތާބެހޭގޮތުން އޭނާއަށް މަޢުލޫމާތު ލިބިފައި ވެއެވެ. އެއީ ވަކަރުގޭ ކުދިން އިޞްލާޙުކުރުމަށް ފޮނުވާ ރަށުގައި އުޅުނު ދުވަސްވަރު އާއި ބޯޓްދަތުރުކުރަން އުޅުނު ދުވަސްވަރުއެވެ. ޢަލީ ދެކޭގޮތުގައި މާލޭގައި އުޅުނުނަމަވެސް އޭނާއަކީ ބީރައްޓެއްސެކެވެ. އެހެން ރަށެއްގެ މީހެކެވެ. ރާއްޖެތެރޭގެ މީހެކެވެ. ފަސްކުޅަނދު މަދު މީހެކެވެ. އޭނާގެ ދިރިއުޅުން މާލޭ މީހުންނޭ މި ކިޔާ މީހުންގެ ދިރިއުޅުން ހުންނަ ގޮތަށް ބަހައްޓައިގެން ކަމަކު ނުދާނެއެވެ. އެހެންކަމުން އޭނާގެ ދިރިއުޅުމަކީ، ތަފާތު ދިރިއުޅުމެއްކަން އޭނާ ދަންނަ މީހުންނަށް އެނގެއެވެ. މަދުވަމުންދާ މުދާ ފޮރުވުމާއި އެފަދަ މުދަލުގެ އަގު ބޮޑުކުރުމަކީ، އޭނާ ކުރާ ކަމެއް ނޫނެވެ. ދޮގާއި މަކަރާއި ހީލަތަކީ، އޭނާ ދެކޭގޮތުގައި ބަރަކާތް ކެނޑޭ ކަންތައްތަކެވެ. އެފަދަ ކަންތައްތަކުގައި އުޅޭ މީހަކު މުއްސަންޖެއް ނުވާނެއެވެ. މި ފަލްސަފާ އޭނާ ޤަބޫލުކުރީ ކާފަރެއްގެ ފަރާތުންނެވެ.

މި ސަބަބުތަކާހުރެ ޢަލީ އަކީ، މިހާރު ދައްކަން އެ އުޅޭފަދަ ވާހަކައެއް ގެންގުޅޭ ކުއްޖެއްގެ ގާތު ދައްކަން ޖެހުމުން ނުކެރޭ މީހަކަށް ވެއްޖެއެވެ. ހިތަށްއެރިއެވެ. ފާރިޝާ އަކީ އޭނާ ބަލަހައްޓާ އޭނާގެ ފުރިހަމަ ބާރުގެ ދަށުގައިވާ ކުއްޖެކެވެ. އޭނާއަށް މިހާރު ލިބިފައިވާ ތަޢުލީމާއި އޭނާ މިހާރު ދިރިއުޅޭ ގޮތަށް އުޅުމަކީ ހަމަ ޢަލީގެ ސަބަބުން ފެނިފައިވާ ކަންތައްތަކެވެ. އެހެންވީމާ، ދެކޮޅުހަދާނެ ތަނެއް ނެތެވެ. ޢަލީއަށް ނުކެރެންވީ ސަބަބެއް ވެސް ނެތެވެ. ބުނަންވީއެވެ. ދޭ ޖަވާބެއް އެނގޭނީވެސް އޭރުންތާއެވެ.

“އަހަރެން ބުނާ އެއްޗަކަށް ޖަވާބު ދޭންވާނީ ވަރަށް ބޮޑަށް ވިސްނައިފަ”

އިރުކޮޅެއްކޮށްލާފައި އަނެއްކާވެސް ބުންޏެވެ.

“އަހަރެން ބޭނުމީ ފާރިޝާއާ އިންނަން”

ފާރިޝާ ހިތަށް އެރިއެވެ. މިވަނީ ހަމަ ހީކުރިގޮތަށެވެ. ފިރިހެނުންނަކީ ހަމަ މިކަހަލަ ބައެކެވެ. ބައެއް މީހުން ނުކެރޭތީނަމަވެސް އަޚުލާޤު ރަނގަޅުކަމުން ނަމަވެސް، އަބަދު އުނދަގުލެއް ނުކުރެއެވެ. އެހެންނަމަވެސް މަޤުޞަދަކީ ޝިކާރަ ކުރުމެވެ. އުފެދުމުގައި ފިރިހެނުންގައި ވަނީ ކާނާއަށްޓަކައި ޝިކާރަކުރުމުގެ ގޮތެވެ. އެގޮތް އެމީހުންގެ ދިރިއުޅުމުގެ އެހެން ކަންތައްތަކުން އެބަ ފެނެއެވެ. ޝިކާރަކުރުމެވެ. ހިތާމައަކީ އެމީހުން ދޫކުރާ ދުނިތަކުގެ އަމާޒުފަތްގަނޑުތަކަކަށް ވެގެން ޒަޚަމްލިބޭ ބަޔަކީ އަންހެނުންކަމަށް ވާކަމެވެ. ވަޙުޝީ އެދުންތަކުގެ މަޅީގައި މަޢުސޫމް ކުޑަކުދީން ޖެހޭކަމެވެ. ހިތުން ހިތަށް ބުނެލިއެވެ. ތިޔަ ޖަހަނީ މަޅިއެއްނަމަ،ތިޔަ މަޅީގައި ޖެހޭ މީހަކީ މަ ކަމަކަށް ނުވާނެއެވެ. އަންހެނުން އެއީ ބަލިކަށި ޖިންސުކަމަށް ބެލީ އެއީ ހަމަ އެ މީހުންގެ ނަފުސު ފިރިހެނުން ބޭނުންގޮތެއް ހެދުމަށް ދޫކޮށްލާތީއެވެ. ރަނގަޅު އަޚުލާޤާއި ގޮތާއި ފޮތާއި ދެނެގެން އުޅުމުން ބަލިކަށި ޖިންސެއް ނޯންނާނެއެވެ.

“އެއްޗެއް ނުބުނެ ތިޔައިނީ ކީއްވެފައިތަ؟” ޢަލީ އަހައިލިއެވެ.

“ކަމެއް ނުވޭ”

ޢަލީއަށް އައު ހިއްވަރެއް ލިބުނެވެ. ހިތަށްއެރިއެވެ. މީނާއަކީ ވަރަށް ގޮތް ހުރި ހަރުކަށި، ހަރުދަނާ މީހެއްކަމަށް ހީވެފައި އޮތީ މީނާއާ ދިމާ ނުކުރާތީއެވެ. ދިމާކޮށްފިނަމަ، ވަކި ތަފާތު އަންހެނެއް ނެތޭ އެ ބުނަނީ ހަމަ ރަނގަޅަށްތާއެވެ. ޢަލީ ފާރިޝާއާ ދިމާއަށް ބަލަން އިނދެފައި ބުންޏެވެ.

“އަހަރެންގެ ޢުމުރުގެ ބާކީ އޮތް ދުވަސްތައް އެކަނިމާ އެކަނި ހޭދަކުރަން ހުރެދާނެކަމަށް ފާރިޝާއަށް ހީވޭތަ؟”

“ނޫން ހިޔެއް ނުވޭ. އެކަމަކު ގޭގައި ގެންގުޅޭ ކުއްޖަކާ ކާވެނިކުރުމަކީ ގޮތްހުރި މީހުން ކުރާކަހަލަ ކަމެއް ނޫން.”

“އަހަންނަށް ޤަދަރާއި އިޙްތިރާމް ދަސްކޮށްދިނުމުގެ ބޭނުމެއް ނެތް. ތިޔަ ހުރިހާ ކަމެއްގެ އަގު ވަނީ ދަސްވެފައި. އަހަރެން އުޅެނީ އަހަރެންގެ އަމިއްލަ ދިރިއުޅުމެއް. މީހުން ހުންގާނު ހިފައިދީގެން ދައްކައިދޭ ދިރިއުޅުމެއް ނޫން.”

ދެމީހުންކުރެ އެކަކަވެސް އެއްޗެއް ނުބުނެ އިރުކޮޅަކު ތިއްބެވެ. ފާރިޝާއަށް އުނދަގޫވެގެންކަންނޭނެއެވެ. ބުނެލިއެވެ.

“ތިޔަ ސުވާލަށް ވިސްނައިލައިފައި ޖަވާބުދިނުން ކީއްތަ؟”

“އެންމެ ރަނގަޅު.”

ޢަލީ މިހެން ބުނެފައި ޖޯޑުގައި ހުރި ސައިފޮދު ބޮއިލިއެވެ. އެލުވައިފައި ހުރި ބޮޑު އުނދޯއްޔާ ދިމާއަށް ހިނގައިގަތެވެ. ފާރިޝާ ތެދުވެގެން ދަމުން އޭނާ ގެނައި ޖޯޑުވެސް ހިފައިގެން ކޮޓަރިން ނިކުތެވެ. ވަރަށް ފަތިސްވަންދެން ފާރިޝާ އޮތީ ފުރޮޅިލަ ފުރޮޅިލައެވެ. އޭނާ ބޭނުމީ އެހާ އަވަހަށް މީހަކާ އިންނާކަށެއް ނޫނެވެ. ކިޔަވާށެވެ. ތަންދޮރު އޮޅުންފިލާ މީހަކަށް ވާށެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އޭނާގެ މަންމަގެ ޙަޔާތާމެދު ވިސްނައިފައެވެ. ފިރިހެނުންގެ ބާރާއި ނުފޫޒުގެ ދަށުވެފައި، ހަދާނެ އެހެން ގޮތެއް ނެތް ބަލިކަށި މީހަކަށް ނުވާންވެގެންނެވެ.

********

                        (ނުނިމޭ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment