ކ.ދ. އަޙުމަދު މަނިކު / ޝޭޑީގްރޯވް އަލްފާޟިލް ކ.ދ. އަޙްމަދު މަނިކު (ރަޙިމަހުﷲ) ގެ މި ލިޔުއްވުން ނަކަލުކޮށްފައި މިވަނީ، މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާގެ މަޖައްލާ  [ޢިލްމީ އޮއިވަރު] ގެ 13 ވަނަ (3 ފެބުރުވަރީ 1985) އަދަދުންނެވެ. __________________________________ އިސްކޮޅުފުޅުން ދިގު، ހިމަތޮޅި ސާދާ މިޒާޖެއް ލިބިވަޑައިގެންވި އިބްރާހީމް ފަރީދުގެ ޙަޔާތުގެ މައްޗަށް ކިތަންމެ ކުރުކޮށް ނަމަވެސް ޢިބާރާތް ކޮޅެއް ލިޔެލުމަކީ، އެމަނިކުފާނު އަވަހާރަވިކަން އަޅުގަނޑަށް އެނގުނު ވަގުތުން ފެށިގެން އަޅުގަނޑު ޚިޔާލުކުރަމުން އައި…

ކ.ދ. އަޙުމަދު މަނިކު / ޝޭޑީގްރޯވް

އަލްފާޟިލް ކ.ދ. އަޙްމަދު މަނިކު (ރަޙިމަހުﷲ) ގެ މި ލިޔުއްވުން ނަކަލުކޮށްފައި މިވަނީ، މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާގެ މަޖައްލާ  [ޢިލްމީ އޮއިވަރު] ގެ 13 ވަނަ (3 ފެބުރުވަރީ 1985) އަދަދުންނެވެ.

__________________________________

20170327_233703އިސްކޮޅުފުޅުން ދިގު، ހިމަތޮޅި ސާދާ މިޒާޖެއް ލިބިވަޑައިގެންވި އިބްރާހީމް ފަރީދުގެ ޙަޔާތުގެ މައްޗަށް ކިތަންމެ ކުރުކޮށް ނަމަވެސް ޢިބާރާތް ކޮޅެއް ލިޔެލުމަކީ، އެމަނިކުފާނު އަވަހާރަވިކަން އަޅުގަނޑަށް އެނގުނު ވަގުތުން ފެށިގެން އަޅުގަނޑު ޚިޔާލުކުރަމުން އައި ކަމެކެވެ. އެކަން ފުރިހަމަ ކުރުމުގައި މިހާ ހިސާބަށް ލަސްވާން ދިމާވި ދެސަބަބެއް ވެއެވެ. އެއްސަބަބަކީ މަރުޙޫމް ފަރީދުގެ ޙަޔާތާއި ބެހޭ މަޢުލޫމާތު ކަމާބެހޭ މުޢުތަބަރު ފަރާތްތަކުން ސާފުކޮށް ހޯދުމަށް ފުރުޞަތު ބޭނުންވުމެވެ. އަނެއް ސަބަބަކީ، މ.މ.ދ. ޖަމްޢިއްޔާގެ މަޖައްލާ އެއްގައި މިވާހަކަކޮޅު ލިޔެލުމަށް، އަޅުގަނޑަށް ނިންމުނުކަމެވެ. މިކަން ގުޅުވައިގެން ދެތިން މަސްދުވަސް ފަހުން ނަމަވެސް ތިޔަބޭފުޅުންގެ އަރިހަށް “ޢިލްމީ އޮއިވަރު” 13 ގައި މިމަޒުމޫނު ގެނެސްދެވުނު ކަމުގެ މައްޗަށް ހިތްހަމަޖައްސާލަމެވެ.

ގިނަ މީހުންނަކީ، ދުނިޔެ އުޅުމުގެ ޢުމުރު ފުރިހަމަކޮށް މިދުނިޔެ އިން ނުކުމެގެން ދިއުމުން އެބައެއްގެ ޢާއިލާގެ ތެރޭގައި ނޫނީ އެމީހެއްގެ ނަންވެސް ނުގަނެވޭނެ ބައެކެވެ. އެފަދަ މީހުންގެ ޖަނާޒާއަކީވެސް ހަމައެކަނި ޢާއިލީ ގޮތުން ދާންޖެހޭ ބަޔަކާ މަދުރައްޓެއްސެއްގެ ހާޒިރުގައި ހިނގާދާކަމެކެވެ.

    “ދުނިޔެދޫކޮށްފައި އެދާއިރު ފެންނަ ފަށުގައި އެންމެނަށް،

 ފުނިޖަހާފަހުންނަ ފަސްކޮޅަކާ ދެގާ ނޫނީ ނެތޭ”

 އާދެ، ކޮންމެ ކަމެއްގައިވެސް ތަފާތު ގޮތްތަކެއް ހުންނަ ފަދައިން ދުނިޔެއިން ވަކިވެގެންދާ މީހާ، ދުނިޔެއިން ވަކިވުމުގެ މައްޗަށް އެތައްބަޔަކު ހިތާމަކޮށް އެމީހެއްގެ ހަނދާނުގެ އެތަކެއް ޚާއްޞަކަން ތައްތައްކޮށް އެމީހެއްގެ ޖަނާޒާގައި އެތަކެއް މީހުން ބައިވެރިވާ މީހުންވެސް ދުނިޔެދޫކުރެއެވެ. އަދި ބައެއް މީހުން ނެތި ދިއުމުގެ ހިތާމަ މުޅި ދުނިޔެ އުފުލައެވެ. އެތަކެއް ޤައުމުގެ އެންމެ މަތީ ވެރިންގެ ތަޢުރީފާއި ހަމްދަރުދީ އެމީހެއް ޢާއިލާއަށް އެމީހެއްގެ ޤައުމަށް ލިބެމުންދެއެވެ. އެތަކެއް މިލިޔަން މީހުން އެމީހެއްގެ ޖަނާޒާގައި ބައިވެރިވެއެވެ. އެފަދަ މީސްމީހުން

“ދާދިއަވަހަށް ނެތިފަނާވިޔަސް އަގެއްނެތް ޖިސްމުތައް،

    ތާއަބަދު ދެމިހުންނަ ހެޔޮ ޒިކުރާ އަކަށް ނިމުމެއްނެތޭ.”

 ނެތިވެދާ މީހެއްގެ ހަނދާންތައް އެކިސިފަސިފައިގައި އެކިއެކި މުނާސަބާގައި ނުވަތަ  އަބަދާ އަބަދު ދިރުވެނީ އެމީހެއްގެ  ދުނިޔަވީ ޙަޔާތުގައި ތިމާގެ ޢާއިލާއަށާއި ޖަމާޢަތަށް، ތިމާގެ ޤައުމަށާއި ދީނަށް، ވަފާތެރިކަމާއެކު ރައްދުކޮށްފައިވާ ރަނގަޅު ކަންތައްތަކެއްގެ ސަބަބުންނެވެ. މިކަމުގައި ތަފާތު މިންވަރުތަކެއްވެއެވެ. ހަނދާންދިރުވި  ފާހަގަކުރެވެމުން ދަނީ އެމީހަކު ދޫކޮށްފައި ދިޔަކަމެއްގެ ބޮޑުކުޑަމިނުގެ ނިސްބަތުންނެވެ. ޝައްކެއްނެތެވެ. ޤުދުރަތުން މީހުންނަށް ދުނިޔަވީ ޙަޔާތުގައިވެސް އުޚުރަވީ ޙަޔާތުގައިވެސް ކަނޑައަޅުއްވާފައިވަނީ ތަފާތު ގޮތްތަކެކެވެ. އެމީހަކު ދުނިޔެއަށް އުފަންވުމުގެ ކުރިއްސުރެ ނިމުމުގެ ފަހަށްދާންދެން ދެދުނިޔޭގެ ޙަޔާތުން ވަނީ އެމީހެއްގެ މައްޗަށް ކަޑައެޅި ނިމިފައެވެ. ދުނިޔެއަށް އެމީހަކު އުފަންވަނީ އަޙްސަނި ތަޤްވީމް ގައެވެ. އެމީހަކަށް ދެދުނިޔޭގެ ބާއްޖަވެރިކަމާ ނިޢުމަތް ހޯދުމުގެ ވަސީލަތްތަކާވެސް އެކުގައެވެ. އެމީހަކު ދަތުރުކުރާނެ މަގެއް ޚިޔާރު ކުރުމުގެ ފުރިހަމަ ބާރާވެސް އެކުގައެވެ. ހެޔޮމަގާ ނުބައިމަގު އެމީހެއްގެ ކުރިމަތީގައި އޮވެގެންނެވެ.

އިބްރާހީމް ފަރީދަކީ، ބައްޕަ ފަރާތުގެ ޢާއިލާގައި ވަރަށް އަގުހުރި ހަރުދަނާ ބޭފުޅުންކޮޅެއް އުފެއްދި މުޅި ރާއްޖެއަށް މަޝްހޫރު ހުރާގޭ ޚާންދާނުގެ ބޭފުޅެކެވެ. ބައްޕަ ފަރާތުގެ ޢާއިލާ ފެށެނީ މރ.އެޗް.ސީ.ޕީ ބެލްގެ ތާރީޚުގައި ބުނާގޮތުން ހުރާ ދޮންމަރުދުރު ފަޑިޔާރުކަލޭގެފާނާ ހަމައިންނެވެ. އާދެ، ހުރާ ދޮންމަރުދުރު ފަޑިއްކަލޭފާނުގެ އިބްރާހީމް އެދުރުތަކުރުފާނުގެ ބޮޑު މުރީދުތަކުރުފާނުގެ، އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ ޢަލީ ދޮށީމޭނާ ކިލެގެފާނާ ހަމަޔަށް އައުމުން އޭގެފަހަތަށް ޢާއިލާ ކަފިވެ ފުޅާވަމުން ދިޔައެވެ. މިދެންނެވި ޢަލީ ދޮށިމޭނާ ކިލެގެފާނަށް ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނޭވެސް ކިޔައެވެ. މި ކިލެގެފާނަށް ލިބިވަޑައިގެން ފިރިހެން ބޭފުޅުންނަކީ އިބްރާހީމް ދޮށިމޭނާ ކިލެގެފާނު (އިބްރާހީމް ފަރީދުގެ ކާފަ) އާއި، އަތިރީގޭ ޢަބްދުﷲ ދީދީ އާއި، ގަލޮޅުގޭ މުޙައްމަދު ދީދީ އެވެ. އިބްރާހީމް ދޮށީމޭނާ ކިލެގެފާނަށްވެސް ފިރިހެން 3 ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ، އަޙްމަދު ދޮށިމޭނާ ކިލެގެފާނާއި، ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނު (އިބްރާހީމް ފަރީދުގެ ބައްޕަ) އާއި، ޢަބްދުލްމަޖީދު ދީދީއެވެ. ޢަބްދުލްމަޖީދު ރަންނަބަޑޭރިކިލެގެފާނަށް 5 ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ، މުޙައްމަދު ފަރީދު ފާށަނާ ކިލެގެފާނު، ޙަސަން ފަރީދު، ފަރީދާ ގޮމާ، އިބްރާހީމް ފަރީދު، އަދި، އަޙްމަދު ފަރީދެވެ. މުޙައްމަދު ފަރީދާއި ޙަސަން ފަރީދާއި ފަރީދާ ގޮމާގެ މަންމަޔަކީ ނޫއްރަދީން ބަންޑާރައިންގެ ބޭފުޅުންކުރެ ކަކާގޭ އާޢިލާ ގޮމާގެ ޝަމުއްސުއްދީން ރަދުންނާއި އެއްބަޑު މުލީގޭ ދޮންގޮމައެވެ. މިއީ ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނުގެ ފުރަތަމަ އަނބިކަނބަލުންނެވެ. އިބްރާހީމް ފަރީދާއި އަޙްމަދު ފަރީދުގެ މަންމައަކީ ޙަސަން ފާމުދޭރި ކިލެގެފާނުގެ ދޮންދީދީއެވެ. އިބްރާހީމް ފަރީދަކީ އޭނާގެ ބައްޕަގެ 4 ވަނަ ދަރިކަލުންނެވެ. ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނުގެ ދަރިކޮޅު އޮތީ ހަމައެކަނި އިބްރާހީމް ފަރީދުގެ ފަރާތްޕުޅުންނެވެ. އަނެއް 4 ބޭފުޅުންކުރެ އެއްވެސް ބޭފުޅެއްގެ ދަރިކަލަކު ދަރިކަނބަލަކު ވިޔަސް ނެތެވެ.

އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނާއި އެއްބައްޕާ އެންމެދޮށީ އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ ބޭފުޅުންނަކީ އާމިނަތު އަމީނާއި މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާއި، މަރިޔަމް އަމީނެވެ. މީގެ ތެރެއިން ޢާމިނަތު އަމީން ކައިވެނި ބައްލަވައިގަތީ ޝަމްސުއްދީން ރަދުންގެ ޙަސަން ޢިއްޒުއްދީނާއެވެ. މިކައިވެނިފުޅުގައިވީ ވަރަށް ކުޑަ ދުވަސްކޮޅެކެވެ. އާދަޔާ ޚިލާފު ގޮތްތަކެއް ދިމާވުމުގެ ސަބަބުން ވަކިވެވަޑައިގަތުމަށް މަޖުބޫރު ވެވަޑައިގެން ވަކިވެވަޑައިގަތީއެވެ. ބޭފުޅަކު ލިބިވަޑައެއް ނުގަންނަވައެވެ. މުޙައްމަދު އަމީން ފުރަތަމަ ކައިވެނި ބައްލަވައިގަތީ ބަގީޗާގެ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީންގެ ފާޠުމަތު ސަޢީދާއެވެ. އެބަނޑުފުޅުން މުޙައްމަދު އަމީނަށް 2 ބޭފުޅުން ލިބިވަޑައިގަތެވެ. ނަމަވެސް މިހާރު ދުނިޔޭގައި އިންނެވީ ހަގަށް ލިބިވަޑައިގެން އަމީނާ މުޙައްމަދު އަމީނެވެ. މުޙައްމަދު އަމީން ދެވަނައަށް ކައިވެނި ބައްލަވައިގަތީ އިބްރާހީމް ފަރީދުގެ ބޮޑުދައިތަ އާމިނަތު ދީދީޔާއެވެ. އެއީ ޙުސައިން ފާމުދޭރި ތަކުރުފާނުގެ ބޭފުޅެކެވެ. މިކައިވެނި ފުޅުގައިވީ ވަރަށް ކުޑަ ދުވަސްކޮޅެކެވެ. ދެން އެއަށްފަހު ދުވަސް ތަކެއްގެ ފަހުން ތިންވަނައަށް ކައިވެނިބައްލަވައިގަތީ އަވަހާރަވިއިރުވެސް އިންނެވި އެއް އަނބިކަނބަލަކު ކަމުގައިވާ އިރުމަތީގޭ މުޙައްމަދު ޢަބްދުއްޞަމަދު ދީދީގެ ޒުބައިދާ މުޙައްމަދު ދީދީއާއެވެ. މިދެބަނޑުފުޅަކުން ބޭފުޅަކު ލިބިވަޑައެއް ނުގަންނަވައެވެ. މުޙައްމަދު އަމީން އަވަހާރަވީއިރުވެސް ފާޠުމަތު ސަޢީދާއި، ޒުބައިދާއާ ދެކަނބަލުން ތިއްބެވިއެވެ. މުޙައްމަދު އަމީންގެ ދަރިކަނބަލުން އަމީނާ ފުރަތަމަ ކައިވެނި ބައްލަވައިގަތީ ކަކާގޭ އިސްމާޢީލް ދީދީގެ ޙުސައިން ޙިލްމީގެ ޝަމުސުއްދީން ޙިލްމީއާއިއެވެ. ޝަމުސުއްދީންއަށް ބޭފުޅަކު ލިބިވަޑައެއް ނުގަންނަވައެވެ. އޭނާ އަރިހުން ވަކިވެވަޑައި ގަތުމަށްފަހު ދެން ކައިވެނި ބައްލަވައިގަތީ ވެލާނާގޭ މުޙައްމަދު ދީދީގެ ޢަބްދުލްމަޖީދު މާހިރާއެވެ. އޭނާއަށް ފިރިހެން ދެބޭފުޅުންނާއި، އަންހެން ބޭފުޅަކު ރައްކާވިއެވެ. އެއީ ފައިޞަލާއި، އަމީނާއި، ފަރަހަނާޒެވެ. އޭނާ އަރިހުން ވަކިވެވަޑައި ގަތުމަށްފަހު މިހާރު ކައިވެނި ބައްލަވައިގެން އުޅުއްވަނީ ފެންސިރު އަޙްމަދު ދީދީގެ ޢަބްދުލްޙަމީދާއެވެ. މިދެކަބަލުންގެ އަންހެންބޭފުޅަކު އެބަހުންނެވިއެވެ. އެއީ ޝުވައިކާރެއވެ. މަރިޔަމް އަމީން ފުރަތަމަ ކައިވެނި ބައްލަވައިގަތީ ގިރީތެރޭގޭ އަޙްމަދު ކަމާލާވެ. ބޭފުޅަކު ލިބިވަޑައެއް ނުގަންނަވައެވެ. އޭނާ ވަރިކުރެއްވުމަށްފަހު ދެން ކައިވެނި ބައްލަވައިގަތީ ކަކާގޭ އިސްމާޢީލް ދީދީގެ އަޙްމަދު ޙިލްމީއާއެވެ. މިދެކަނބަލުންނަށް ދެބޭފުޅުން ލިބިވަޑައިގަތެވެ. މިހާރު ދުނިޔޭގައި ހުންނެވީ ހަގަށް ލިބިވަޑައިގެން އިސްމާޢީލް ޙިލްމީއެވެ. އިސްމާޢީލް ޙިލްމީގެ ޢުމުރުފުޅުގެ ޒުވާން ދުވަސްވަރަށް އެޅުނުތަނާ ވަރަށް ކައިރިކައިރީގައި އޭނާގެ ބައްޕަ އަޙްމަދު ޙިލްމީއާއި މަންމަ މަރިޔަމް އަމީން އަވަހާރަ ވެއްޖެއެވެ.

ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނާ ޢަބްދުލްމަޖީދު ދީދީޔާ އެއްބަނޑު އަތިރީގޭ ތުއްތު ދޮންދީދީގެ ދަރިކޮޅުގެ ބޭފުޅުން އެބަތިއްބެވިއެވެ. އެއީ ވެލާނާގޭ މުޙައްމަދު ދީދީޔާ ކައިވެނިބައްލަވައިގެން ލިބިވަޑައިގެން ތުއްތުދީދީޔާ، ވެލާނާގޭ އަޙްމަދު ދީދީޔާ، ވެލާނާގޭ އިބްރާހީމް ދީދީޔާ، ޅަދީދީޔާ، މެދުދީދީޔާ މިބޭބޭފުޅުންނެވެ.

ޢަލީ ދޮށިމޭނާ ކިލެގެފާނުގެ 3 ބޭފުޅުންކުރެ ގަލޮޅުގޭ މުޙައްމަދު ދީދީގެ ތުއްތު ޢަލީ ދީދީގެ ބޭފުޅުންނެވެ. މިއީ އަމީނާ މުޙައްމަދު އަމީނާއި، އިސްމާޢީލް ޙިލްމީ ފަދައިން ޢާއްމުކޮށް ވަރަށް ގިނަ މީހުންނަށް ނޭނގޭ އެކަމަކު ބައްޕަ ފަރާތުން އިބްރާހީމް ފަރީދާ ވަރަށް ގާތްތިމާގެ ބޭފުޅެކެވެ.

 އިބްރާހީމް ފަރީދުގެ މަންމައަކީ، މާލޭ ކުޑައެދުރުގޭ މުޙައްމަދު ފާމުދޭރި ތަކުރުފާނުގެ ޙަސަން ފާމުދޭރި ތަކުރުފާނުގެ ޢާއިޝަތު ދޮންދީދީއެވެ. މިއީ އަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނުގެ ދެވަނަ އަދި އެންމެފަހުގެ އަނބިކަނބަލުންނެެވެ.

 އިބްރާހީމް ފަރީދު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 12 މޭ 1924މ. ދުވަހު ބައްޕަޔާއި މަންމަ ހެޔޮ ޙާލުކޮޅުގައި ދުނިޔޭގައި ތިއްބަވަނިކޮންނެވެ. ރައްކާވީ އެމަނިކުފާނު ދެމިއޮތުމުގެ ޢާލަމަށްވެސް ދަތުރުކުރެއްވި ގެ ކަމުގައިވާ މާފަންނު ގޭގައެވެ. ބޮޑުފުޅުވަމުން އައީ އުފާވެރިކަމާ ތަނަވަސްކަމުގެ ނިހާޔަތުގައިވާ މާހައުލެއްގައެވެ. އޭރު ދިވެހި ސަރުކާރުގެ އިސް ހުރިހާ މަޤާމެއްގައި މުޅިންހެން ތިއްބެވީ އެމަނިކުފާނުގެ ޢާއިލާގެ ގާތްބޭފުޅުންނެވެ. އާދެ، މުޅި ރާއްޖޭގެ ރަސްކަމާއި، ވެރިކަމުގެ ބާރު އޮތީ ހުރާގޭ ޚާންދާނާ އެޚާންދާނާ ގުޅިފައިވާ ނުފޫޒުގަދަ ބޭބޭފުޅުންގެ އަތްޕުޅުމަތީގައޭ ދެންނެވުން އެއީ، މުޅިން ޙަޤީޤަތުން އެއްކިބާވުން ކަމަކަށް ބެލެވޭކަށް ނެތެވެ. އެހެންކަމަށްވުމާ އަދި، ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނުގެ އެންމެ ލޯބިފުޅުވާ ދަރިކަލަކީ އިބްރާހީމް ފަރީދުކަމަށް ވުމުން އިބްރާހީމް ފަރީދުގެ ތުއްޕުޅުއިރުގެ ޙަޔާތް ވޭތުކުރައްވަމުން ގެންދަވާފައިވާ، އުފާވެރި ޖައްވު ސިފަކޮށް ދިނުމަށް އަޅުގަނޑުގެ ގަލަން ޢާޖިޒެވެ.

ތަޢުލީމުގެ ބިންގާ އެޅިފައިވަނީ އެހެން ތުއްތު ކުދިންނެކޭ ވެސް އެއްގޮތަށް މަންމަޔާ ބައްޕަގެ އަރިހުންނެވެ. މައިންބަފައިންގެ ފަރާތުން ކުއްޖާއަށް އެންމެ ޅަފަތުގައި ފުރަތަމަ ލިބޭ ތަޢުލީމާއި ތަރުބިއްޔަތަކީ އެއްވެސް އެދުރަކަށް އެ ޢުމުރުގައި، ދެވޭނެ އެއްޗެއްނޫނެވެ. މިގޮތަށް ދުވަސްތަކެއް ވޭތުވުމަށްފަހު އޭރުގެ ކަންތައްތައް ހަމަޖެހިފައި ހުންނަ ރަނގަޅު ވަރުގަދަ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތީން (އަކުރު ކިޔާއުޅޭ އެންމެ ޅަފަތުން ޤުރްއާން ކިޔަވާ ދިނުމަށް ފެށުމުގެ މާތް މަތިވެރި އާދައިގެ މަތީން) ޤުރްއާން ކިޔަވާ އަރުވާ ދެއްވުމަށް އެތެރެ ކޯލު މިސްކިތުގެ މަލިމް އައްޝައިޚު މަލިމް މޫސާ މާފަތް ކަލޭގެފާނު ގެންދެވިއެވެ. މިގޮތަށް ދުވަސްކޮޅެއް ވޭތުވުމަށްފަހު ޤުރްއާން ތަޖުވީދާއެކު ކިޔަވާ އަރުވާ ދެއްވުމުގެ އިތުރަށް މަލިމް ކަލޭފާނަކީ ޢަރަބިބަހުގެ  އުސްތާޛަކަށްވާތީ ޢަރަބި ބަސް އުނގަންނާ ދެއްވުމުގެ ފިލާވަޅުތައްވެސް ޢުމުރުފުޅުގެ ހައެއްކަ އަހަރުން ފެށިގެން ކުރިޔަށް ގެންދެވިއެވެ. އެއީ ކިޔަވާ ދެއްވުމަށް މިޞްރަށް ގެންދެވުމުގެ ޚިޔާލުފުޅު ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނު ވަރަށް ކުރިއްސުރެ ކުރައްވާފައި ވުމާއެކުގައެވެ. އެހެން އެއްވެސް މާއްދާއެއް މާލޭގައި ކިޔަވާ ވިދާޅުވިކަން އަޅުގަނޑު ހޯދި ހޯދުންތަކުން އެނގޭކަށް ނެތެވެ. 1931 ވަނަ އަހަރުގެ ތެރޭގައި އިބްރާހީމް ފަރީދުގެ ޢުމުރުފުޅުން 7 އަހަރުފުޅުގައި މަންމަ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. އެކަމުން ލިބިވަޑައިގަތް ހިތާމަފުޅު ވަރަށް ބޮޑެވެ.

ތަޢުލީމު ޙާޞިލު ކުރެއްމަށްޓަކައި، ބައްޕަ އަރިހުގައި މިޞްރަށް ފުރާވަޑައިގަތީ 19 ރަބީޢުލްއައްވަލް 1352ހ. (3 ޖުލައި 1933މ) ދުވަހުއެވެ. އޭރު ޢުމުރުފުޅަކީ 9 އަހަރެވެ. މިޞްރުގައި ހުންނެވީ ޤާހިރާގެ ޙަދާއިޤުލްޤުއްބާގެ ޝާރިޢުއްދަވާދާތު 14 ނަންބަރު ގޭގައެވެ. އެގެއަކީ ފުރަތަމަ ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނު ކުއްޔަށް ހިއްޕަވާފައިވާ ގެއެކެވެ. ދުވަސްކޮޅެއްވުމަށްފަހު ގޭގެ ވެރިމީހާ އެގެ ވިއްކާލަން ޚިޔާލު ކުރުމުން 1500 ފައުނަށް ކިލެގެފާނުއެގެ ބައްލަވައިގަނެ އިބްރާހީމް ފަރީދުގެ ނަންފުޅުގައި ރަޖިސްޓަރީ ކުރެއްވީއެވެ. ގެއަކީ ކުޑަނަމަވެސް 3 ބުރިގެއެވެ.

އިބްރާހީމް ފަރީދު އަރިހުގައި ފުރަތަމަ އުޅުނު ޚާދިމުންނަކީ، އުއްސަކުރު ޙާޖީއާއި ބަކީ ޅަތުއްތުއެވެ. ދަނބިދޫ ޙަސަންފުޅާ، ދަންވަރު ދޮންކަލޭގެފާނެވެ. އޮމަދޫ، އިބްރާހީމް ކަލޭފާނާއި، ޙުސައިން ކަލޭފާނު ދޮންތުއްތުއެވެ. މީގެ ތެރެއިން ދަނބިދޫ ޙުސައިންފުޅާއި ދަންވަރު ދޮން ކަލޭފާނު، މާލެވަޑައިގަންނަވަންދެންވެސް އަރިހުގައި ތިއްބެވިއެވެ. އަރިހުގައި އުޅުއްވި އެންމެގާތް އެކުވެރިންނަކީ ފިޔޯރީ ޢަލި ދީދީ (ފަޟީލަތުއްޝައިޚު ޢަލީ ޙުސައިން ދީދީ) އާއި، ކުނޑި މުޙައްމަދު ކަލޭގެފާނުގެ އިބްރާހީމް ސަލީމް (އައްޝައިޚު އިބްރާހީމް ސަލީމް) އެވެ. މިދެބޭފުޅުން އުޅުއްވީ ކިޔަވާ ވިދާޅުވާ ބޭފުޅުންގެ ގޮތުގައެވެ. އިބްރާހީމް ފަރީދުގެ ކަންތައްތަކާ ޙަވާލުވެ ވަޑައިގެން އެގޭގައި ފުރަތަމަ އިސްކޮށް ހުންނެވީ އިބްރާހީމް ފަރީދުގެ ބޮޑުބޭބޭ އަޙްމަދު ފާމުދޭރި ތަކުރުފާނެވެ. އޭރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ކަންތައްތަކާ ޙަވާލު ވެވަޑައިގެން މިޞްރުގައި އުޅުއްވަނީ ފަޟީލަތުއްޝައިޚު އިބްރާހީމް ލުޠުފީ (އައްޑޫ ތުއްތީދި) އެވެ. ފަހުން މިކަމުގައި ފަޟީލަތުއްޝައިޚު މުޙައްމަދު ވަޙީދު (ނައިފަރު) ވެސް ހުންނެވިއެވެ. މިކަލޭގެފާނުގެ ޙަޔާތްޕުޅުގެ ފަހުކޮޅުގައި ފަޟީލަތުއްޝައިޚު ޢަލީ  ޙުސައިން ދީދީ ވެސް މިކަމުގައި ހުންނެވިއެވެ. ފަޟީލަތުއްޝައިޚު މުޙައްމަދު ވަޙީދު ޤާހިރާގައި ނިޔާވުމުންނެވެ. އިބްރާހީމް  ފަރީދު ޚިތާނުފުޅު ކުރެއްވީ މިޞްރުގައެވެ. މިސްރުގެ އޭރުގެ މަޝްހޫރު ޑޮކްޓަރެއް ކަމުގައިވި ޑރ. ޢަބްދުލްވައްހާބު ކިޔާ ބޭކަލެކެވެ.

މިޞްރުގެ އެއްވެސް މަދްރަސާއަކަށް ވެދެވަޑައިގަތުމުގެ ކުރިން ގޭގައި ދޮޅު އަހަރެއްހާ ދުވަހު ޢަރަބި ބަހާ އެހެނިހެން ބައެއް މާއްދާ ކިޔަވާ ވިދާޅުވުމުގެ މަސައްކަތް ކުރެއްވިއެވެ. މިޞްރުގެ މަޝްހޫރު ޤާރީއެއް ކަމުގައިވި އައްޝައިޚް އަލްޙާފިޡު ޢަލީ ޚަރީން ގެޔަށް ގެންނަވައިގެން އޭނާގެ އަރިހުންނެވެ. ފުރަތަމަ ވަދެވަޑައިގަތީ ޤާހިރާގެ އަމިއްލަ މަދްރަސާއެއް ކަމުގައިވާ މަދްރަސަތުއްޒައިތޫން އަށެވެ. 1935 ވަނަ އަހަރުއެވެ. އެ މަދްރަސާގައި 4 އަހަރު ވޭތުކުރެއްވުމަށްފަހު އިބްތިދާއީ ފާސް ނެންގެވިއެވެ. އެއަށްފަހު ސަރުކާރު މަދްރަސާ އެއް ކަމުގައިވާ ޖާމިޢާ ފުއާދުލް އައްވަލަށް ވަދެވަޑައިގަތެވެ. މިތަނުން ޘާނަވީ ތަޢުލީމު ފުރިހަމަ ކުރެއްވިއެވެ. އިބްރާހީމް ފަރީދުގެ އެންމެ ޚާއްޞަ މުދައްރިސެއްގެ ގޮތުގައި، ފާހަގަ ކުރެވެނީ އަލްއުސްތާޛު ރިޟުވާން އަފަންދީއެވެ. ކިޔަވާ ވިދާޅުވުމުގައި އެންމެ ޝައުޤު ހުންނަ އަދި އެންމެ ރަނގަޅުފުޅު މާއްދާ ތަކަކީ ހަނދަސާ، ހިސާބު، ޢަރަބި ބަސް މިއެވެ. އަތުކުރެހުމަކީ އެކަމަށް ވަރަށް މަސައްކަތް ކުރެއްވި އަދި އެކަމުގެ ވައްޓަފާޅިޔާ ފާޑުވެރިކަން ހޯއްދެވި ކަމެއްކަމުގައި ވިއެވެ. މަންޒަރު ކުރެއްސެވުމާއި، އެއްޗެތީގެ ތަސްވީރު ކުރެއްސެވުމުގައި، ކާމިޔާބު ފެންވަރަކަށް ގެންދެވިއެވެ. ކުރިން އުޅުއްވި މަދްރަސާ އިންވެސް އަދި، މި ޖާމިޢާއިންވެސް ކޮންމެ އަހަރަކުމެ ރަނގަޅު ސަނަދަކުން ފާސްވެވަޑައިގަނެއެވެ. ޖާމިޢާ ފުއާދުލް އައްވަލްގައި އުޅުއްވި ދުވަސްވަރު މިޞްރުގެ މަރްޙޫމް ރައީސް މުޙައްމަދު އަންވަރުއް ސާދަތާއި އަލްއުސްތާޛު ޢަބްދުލްމައުޞޫދަކީ،އިބްރާހީމް ފަރީދުގެ މަދްރަސީ ރައްޓެހިންކަމުގައި އޭރު ފާހަގަކުރެވޭ ދެބޭފުޅުންނެވެ. މަދްރަސާގައި ކުޅޭ ކުޅިވަރުތަކުގެތެރެއިން ފުޓްބޯޅައާއި ޓޭބަލްޓެނިހަކީ އިބްރާހީމް ފަރީދު ކުޅުއްވާ ދެކުޅިވަރެވެ. އެދެކުޅިވަރުގައި މަދްރަސާގެ އިސް ކުދިންގެ ތެރޭގައި ހިމެނިވަޑައިގަތެވެ. ދޫނިސޫފާސޫފި ބަޑިންޝިކާރަ ކުރެއްވުމަކީ ހޮބީއެއްގެ ގޮތުގައި ކުރައްވާ ކަމަކަށްވުމާއެކު އެކަމުގެ ހުނަރު ވެރިކަމުގައި ކުޅަދާނަފުޅެވެ. މަދްރަސާގެ ޗުއްޓީތައް ގިނައިން ހޭދަކުރެއްވީ ބައްޕަޔާއެކު އިސްކަންދަރިއްޔާގައެވެ. އިބްރާހީމް ފަރީދު އަރިހުގައި ޖާމިޢާ ފުއާދުލް އައްވަލްގައި އުޅުއްވާ ދިވެހި ކުއްޖަކީ ހަމައެކަނި ކުނޑި އިބްރާހީމް ސަލީމެވެ. ޢަލީ ޙުސައިން ދީދީ ކިޔަވާވިދާޅުވުމަށް ވަޑައިގަންނަވަނީ އަލްޖާމިޢުލް އަޒްހަރަށެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ނުރައްކާތެރިކަން މުޅި ދުނިޔެއަށް ފެތުރިގެން ދިޔުމުގެ ތެރޭގައި ދިވެހިރާއްޖެއަށްވެސް އޭގެ އަސަރު ނިހާޔަތުގެ ދަރަޖައަށް ފޯރިއެވެ. މިދަތި ދުވަސްވަރުގެ ތެރޭގައި 1944 ގެ އޭޕްރީލް 1 ވަނަ ދުވަހު އެޗް.އެމް.އެސް “މާލޮއީ” ކިޔާ މަނަވަރުގައި އަލްއަމީރު ޙަސަން ފަރީދު ގެއްލިވަޑައިގަތުމުގެ ފުންހިތާމަ އިބްރާހީމް ފަރީދަށް ލިބިވަޑައިގަތީ މިޞްރުގައި ހުންނަވަނިކޮންނެވެ.

މިޞްރުގެ ޤާހިރާގައި ކިޔަވާވިދާޅުވުމަށް 15 އަހަރު މިޞްރުގައި ވޭތުކުރެއްވުމަށްފަހު މާލެވަޑައިގަތީ 27 ޖުމާދަލްއޫލާ 1367ހ. ދުވަހު އެސް.އެސް. ފާތިމާ ކިޔާ އާގުބޯޓަކުންނެވެ. އޭނާގެ ބައްޕަ އަރިހުގައެވެ. އޭރު ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނަކީ ދިވެހި ދައުލަތުގެ ސިންގާސަނާގައި ރެދަލި ކުރެއްވުމަށް ރައްޔިތުން އިންތިޚާބު ކޮށްފައިވާ ޢިއްޒަތްތެރިޔާއެވެ. އާދެ، އަލްމުންތަޚަބު ލިޢަރުޝި އައްދައުލަތުލް މަހަލްދީބިއްޔާއެވެ. އެހެންކަމަށްވުމާއެކު ދިވެހި ދައުލަތުން އިބްރާހީމް ފަރީދަށް އެރުވި ޢިއްޒަތަކީ ރަސްކަލެއްގެ ދަރިކަލަކާ ގާތްކުރާފަދަ ޢިއްޒަތެކެވެ.

24 އޭޕްރީލް 1948 ދުވަހު ދެދޮރާށި ދޭތެރޭގައި (ފަހުން އިބްރާހީމީ މައިދާން ތެރޭގައި، އަދި މިހާރު އިސްލާމީ މަރުކަޒު އެހުރިތާގައި ) އޮތް އެގްރީމެންޓްގައި ސޮއިކުރެއްވި ދަރުބާރުގައިވެސް ރަސްމީ ޢިއްޒަތުގައި ބައިވެރިވެ ވަޑައިގަތެވެ. މިއީ، ރާއްޖޭގެ މިފަދަކަމެއްގައި އިބްރާހީމް ފަރީދު ފުރަތަމަ ބައިވެރިވެ ވަޑައިގެންނެވި ފަހަރެވެ.

ދުވަސްކޮޅަކު މާލޭގައި ހުންނެވުމަށްފަހު 16 ޝަޢުބާން 1367 ދުވަހު ބައްޕަ އަރިހުގައި އަނެއްކާވެސް ސިލޯނަށް ވަޑައިގަތުމަށް ފުރާވަޑައިގެންފިއެވެ. ކޮޅުބަށް އެފަހަރު ވަޑައިގެން ހުންނެވި ހުންނެވުމުގައި 1 ނޮވެންބަރު 1948 ދުވަހުން ފެށިގެން އަލްމީރު މުޙައްމަދު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަރިހުގައި ސެކްރެޓަރީ އެއްގެ ޙައިސިއްޔަތުން ޚާރިޖީ ކަންތައްތަކުގައި އެހީ ތެރިވެވަޑައިގެން އުޅުއްވުމަށް ފެއްޓެވިއެވެ. 26 ނޮވެންބަރު 1949 (5 ޞަފަރު 1369) ގައި ޕާކިސްތާނުގެ ކަރާޗީގައި އޮތް އިސްލާމީ މުއުތަމަރުގެ ޖަލްސާގައި ރާއްޖޭގެ ވަޒީރުލް އަޢުޡަމް އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަރިހުގައި ދިވެހި ވަފުދުގެ ދެވަނަ ބޭފުޅެއްގެ ގޮތުން ބައިވެރިވެ ވަޑައިގަތެވެ. ވަފުދުގެ ރައީސަކީ ވަޒީރުލް އަޢުޡަމެވެ. އިތުރުބޭފުޅަކު އެ ވަފުދުގައި ނުހިމެނެއެވެ.

 އިބްރާހީމް ފަރީދުގެ ޙަޔާތް ފުޅުގައި ލިބިވަޑައިގަތް އެންމެބޮޑު ހިތާމަފުޅު 21 ފެބްރުއަރީ 1952މ. (24 ޖުމާދަލްއޫލާ 1371ހ.) ދުވަހު ލިބިވަޑައިގަތެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ މައިން ބަފައިން އެމީހެއްގެ ޙަޔާތުގައި ނެތިވެދާ ދުވަހަކީ ކޮޅެއްނެތް ފަދަ ހިތާމަ އުފުލަން ޖެހޭނެ ދުވަހެކެވެ. އާދެ، ސިލޯނުގައި ސުމުވުލް އަމީރު އަލްޙާއްޖު ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ އެ ތާރީޚުގައެވެ. އެކިލެގެފާނު ވަޅުފުޅު ލެވިފައިވަނީ ސިލޯނު (މިހާރު ސްރީލަންކާ) ގެ ވެރިކަން ކުރާރަށް ކޮޅުބުގެ “މާޅިގަވައްތޭ ޤަބުރުސްތާނު” ގައެވެ.

 އިބްރާހީމް ފަރީދުގެ ބައްޕަ އަވަހާރަވުމުން މާގިނަ ދުވަސްތަކެއް ނުވެ މާލެވަޑައިގެންފިއެވެ. ރަންނަބަޑޭރި ކިލެގެފާނު އަވަހާރަވުމާ ގުޅިގެން ދިވެހިރާއްޖޭގެ ވެރިކަމުގެ ދާއިރާގައި ސިޔާސީ މަސްރަޙް ފެވެން ފެށީ ތަފާތު ކުލަތަކަކުންނެވެ. ޒަމާނުއްސުރެ ހިނގަމުން އައި ދިވެހި ރަސްކަން ޖުމްހޫރިއްޔާއަކަށް ބަދަލުވުމުގެ ކުލަވަރު ފެންނާން ފަށައިފިއެވެ. ފުރަތަމަ ޖުމްހޫރިއްޔާއަކަށް ބަދަލުވާން ވެގެން އުފެދުނު ރައްޔަތުންގެ މަޖުލިސްއަށް 11 ޛުލްޤަޢިދާ 1371ހ. ގައި މާފަންނު އެއް މެންބަރެއްގެ ގޮތުގައި ހޮވުނެވެ. 6 ރަބީޢުލްއައްވަލް 1372ހ. ދުވަހު ވަޒީރުލް މަޢާރިފުގެ ނާއިބުގެ މަޤާމާއި މަދްރަސަތުލް މަޖީދިއްޔާގެ ނާޒިރުގެ މަޤާމު ލިބިވަޑައިގަތެވެ. އޭރު ވަޒީރުލް މުޢާރިފަކީ ފަޟީލަތުލްޝައިޚު ޢަބްދުﷲ ޖަލާލުއްދީނެވެ. އެއަށްފަހު ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށީމޭނާ ކިލެގެފާނު ރިޔާސަތުގެ ދައުރު އާދެ، ފުރަތަމަ ޖުމްހޫރިއްޔާ ދައުރުގައި ނިމުމުގެ ސިއްކަ ރައްޔިތުންގެ ނަމުގައި ޖެހުނެވެ. އަލްއަމީރު އިބްރާހީމް ފާމުދޭރި ކިލެގެފާނާއި، އަލްފާޟިލް ވެލާނާގޭ އިބްރާހީމް ދީދީ ގެ ވެރިކަމުގެ ދައުރު ގައި 14 ޛުލްޤަޢިދާ 1337ބ. ދުވަހު ވަޒީރުލް މަޢާރިފްކަމުގެ މަޤާމު ލިބި ވަޑައިގަތެވެ. އަލްސުލްޠާނު މުޙައްމަދު ފަރީދުލް އައްވަލް ރަސްކަމަށް އިސްވެވަޑައިގަތުމާ ގުޅިގެން އުފެދުނު ރައްޔިތުންގެ މަޖުލިސްގެ ރައީސް ކަން ލިބިވަޑައިގަތެވެ. ހަދުމަފުޅު ހުންނާނޭ ފަދައިން އޭރު ދިވެހިރާއްޖޭގެ ވެރިކަން ވަނީ ޖުމްހޫރިއްޔާ އަކުން އަނެއްކާވެސް ރަސްކަމަށް ބަދަލުވެފައެވެ. ޖުމްހޫރީ ވެރިކަން ކަމުނުގޮސްގެންނެވެ. ދިވެހި ތަޚުތުގައި ރެދަލި ކުރައްވަނީ އިބްރާހީމް ފަރީދުގެ އެއްބައްޕާފުޅު ބޭބެ ސުމުއްވުލް އަމީރު އަލްމަރުޙޫމް މުޙައްމަދު ފަރީދު ފާށަނާ ކިލެގެފާނެވެ. އަލްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލްގެ ނަންފުޅުގައެވެ. ވަޒީރުލް އައުޡަމަކީ ސުމުވުލް އަމީރު އަލްމަރުޙޫމް އިބްރާހީމް ފާމުލަދޭރި ކިލެގެފާނެވެ. 11 ޝައްވާލް 1373ހ. ދުވަހު ކީރިތި މަހާރަދުން ބޭސްކޮޅަކަށް ޓަކައި ކޮޅުބަށް ވަޑައިގަންނަވަން ވެގެން ހޮވުނު 3 މެންބަރުންގެ ވަލީ ކޮމިޓީގައި އިބްރާހީމް ފަރީދު ހިމެނިވަޑައިގަތެވެ. އަނެއް ދެބޭފުޅުންނަކީ ސުމުވުލް އަމީރު އަލްމަރުޙޫމް އިބްރާހީމް ފާމުލަދޭރި ކިލެގެފާނާއި، ބޮޑުދަހަރާގޭ އައްނަބީލު ޢަބްދުލްވައްހާބެވެ. 19 ޝައްވާލް 1375ހ. ދުވަހު ވަޒީރުލް މަޢާރިފު ކަމުން ދައުލަތުގެ ވަޒީރު ކަމަށް ބަދަލުކުރެވުނެވެ. އަދި، މަދްރަސަތުލް މަޖީދިއްޔާގެ ނާޒިރުކަމުން ވަކިކުރައްވާ ފަޟީލަތުއްޝައިޚު ޢަބްދުﷲ ޖަލާލުއްދީނަށް އެ މަދްރަސާގެ ނާޒިރުކަން ދެއްވިއެވެ. އަހަރެއްހާ ދުވަސް ފަހުން 16 ޛުލްޙިއްޖާ 1376ހ. ދުވަހު ވަޒީރުލްއައުޡަމްގެ ނާއިބުކަން ދެވަނަ ފަހަރަށް ލިބިވަޑައިގަތެވެ. މިމަޤާމުގައި ހުންނެވީ މިފަހަރުވެސް މަދު މުއްދަތެއްގައެވެ. 21 ޖުމާދަލްއޫލާ 1377ހ. ދުވަހު މަޙްކަމަތުލް އަޝްޣާލްގެ ވެރިކަން ލިބިވަޑައިގަތެވެ. ހަމަ އެދުވަހު ރައްޔިތުން މަޖްލިސްގެ ރައީސްކަމުން ވަކި ކުރައްވާ މަޖްލިސްގެ ރައީސަކުކަމުގައި އަލްފާޟިލް އަޙްމަދު ޒަކީ ހަމަޖެއްސެވިއެވެ. 19 މޭ 1960 މިދުވަހު މުޢާރިފުގެ ޚާއްޞަ މުދައްރިސްކަން ލިބިވަޑައިގަތެވެ. 1 އޮކްޓޯބަރ 1962 ދުވަހު، “ދީނީ މައުޟޫޢުގައި ލިޔުއްވާ ވާހަކަފުޅުދައްކަވާ” 5 ބޭފުޅުންގެ ތެރެއިން އެއްބޭފުޅަކަށް ހަމަޖެއްސެވިއެވެ. 1963މ. ން ފެށިގެން ދެން ހުންނެވީ އޭރުއޮތް ފިޝަރީޒް އެޑްވައިޒަރަކީ ބޯޑްގެ މެންބަރަކަށެވެ. މިބޯޑް އުވާލެއްވުމުން ދެން ހުންނެވީ “ސަރުކާރުގެ ޢިއްޒަތްތެރިއެއް”ގެ ގޮތުން މުސާރަ ފުޅާއެކު ވަކި މަޤާމެއް ނެތިއެވެ. މާލޭގައި ފުރަތަމަ އަތޮޅު ފިހާރަތައް އުފެއްދުމާ ގުޅިގެން ޅ.އަތޮޅާއި ލ.އަތޮޅު ފިހާރައިގެ މެނޭޖަރ ކަން ލިބިވަޑައިގަތެވެ. އެކަމުން ވަކިވެވަޑައިގަތުމަށްފަހު ދެން ހުނެވީ ކުރިންވެސް ހުންނެވި ގޮތަށް ވަކި މަޤާމެއް ނެތިއެވެ. ވެލާނާގޭ އަލްފާޟިލް އިބްރާހީމް ނާޞިރުގެ ރައީސްކަމުގެ ދައުރު ނިމެންދެންވެސް ހުންނެވީ އެގޮތަށެވެ. ނަމަވެސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރު ޤާއިމުވުމާ ގުޅިގެން 9 ޑިސެންބަރު 1978މ. ގައި މިނިސްޓަރ އޮފް ޖަސްޓިސްގެ ނާއިބުގެ މަޤާމު ލިބިވަޑައިގަތް ގޮތަށް އަވަހާރަ ވަންދެންވެސް ހުންނެވީ އެ މަޤާމުގައެވެ. އަދި 9 ޖުލައި 1979 ން 10 ނޮވެންބަރު 1982 އަށް ދިވެހި ބަހާ ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަޖްލިސްގެ މެންބަރެއްގެ މަޤާމުވެސް ފުރުއްވިއެވެ. އިބްރާހީމް ފަރީދަކީ ސަރުކާރުގެ ތަފާތު ދާއިރާ ތަކުގައި ތަފާތު ފެންވަރުގައި ޚިދުމަތްކުރައްވާފައިވާ ވަފާތެރި ޚާދިމެކެވެ.

އިބްރާހީމް ފަރީދު އަވަހާރަވީއިރު އިންނެވި އަނބިކަނބަލަކީ ފުރަތަމަވެސް ކައިވެނި ބައްލަވައިގަތް އަނބިކަނބަލުން މެދުގަޑުވަރު މަނިއްޕުޅު އާމިނަތު ދީދީއެވެ. މިކައިވެނިފުޅު ކުރެއްވީ 27 ރަޖަބު 1370ހ. ގައެވެ. ކައިވެނި ފުޅަށް ހިޖުރީ ގޮތުން 35 އަހަރު ފުރޭނީ މިއަހަރުގެ (1405 ވަނަ އަހަރުގެ) ރަޖަބު މަހު 27 ވަނަ ދުވަހުއެވެ. މިކައިވެނި ފުޅުން ލިބިވަޑައިގަތް ބޭފުޅަކީ ހަމަ އެކަނި ފާޠުމަތު ފަރީދު އެވެ. ފާޠުމަތު ފަރީދުގެ ފުރަތަމަ ކައިވެނިފުޅުން ވަކިވެވަޑައިގަތުމަށްފަހު ފާޠުމަތު ފަރީދުގެ މަންމަޔާ އެއްބަނޑުއެއްބަފާ ބޭފުޅެއް ކަމުގައިވާ ހ.ޝަފީޤުގޭ އަލްފާޟިލް އަޙްމަދު ޝަފީޤުގެ ދަރިކަލުން އަލްފާޟިލް އިބްރާހީމް ޝަފީޤާ ދެވަނަ ކައިވެނި ކުރެއްވުމުން އިބްރާހީމް ފަރީދުގެ ހިތްޕުޅަށް ލިބިވަޑައިގަތް ތަސައްލީއާއި ހަމަޖެހިވަޑައިގަތުން އިބްރާހީމް ފަރީދުގެ އަރިސް ބޭފުޅުންނަށް ފާހަގަކުރެވޭ ވަރުވީ ކަމުގައި އަޅުގަނޑަށް އެގިފައިވެއެވެ. އަދި އުފާފުޅުން އެވާހަކަ ގާތްބޭފުޅުން އަރިހުގައި ދައްކަވާ ހެއްދެވިކަންވެސް އަޅުގަނޑު ދެނަހުރީމެވެ. ކޮންމެއަކަސް ފާޠުމަތު ފަރީދުގެ ދެކައިވަނިފުޅުވެސް ހިނގީ އިބްރާހީމް ފަރީދު ދުނިޔޭގައި ހުންނަވަނިކޮންނެވެ.

އިބްރާހީމް ފަރީދުގެ ގޭތެރޭގެ ދިރިއުޅުއްވުމަކީ ވަރަށް އިޖުތިމާޢީ ދިރިއުޅުއްވުމެކެވެ. އޮނަރަބްލް އަލްފާޟިލް އަޙްމަދުޒަކީ ގެ ދެކަނބަލުންނާ މައިފުށުގެ އަޚެއް ކަމުގައިވާ ޞާދު ސީން އަލްފާޟިލް އަލްމަރުޙޫމް އާދަމް ނަޞީރު މަނިކު ދުނިޔޭގައި އެމަނިކުފާނާ އަލްފާޟިލް ފާރޫޤު އިސްމާޢީލްގެ ދެކަނބަލުންނާ އިބްރާހީމް ފަރީދުގެ އަނބިކަނބަލުން އާމިނަތު ދީދީގެ ފަރާތްޕުޅުގެ އަޚުންނާއި އުޚުތުންނަކީ އިބްރާހީމް ފަރީދު ބަހައްޓަވާ ގާތްކަމާއެކު މާފަންނުގެއަށް ވަޑައިގެން އާދަކޮށް އުޅުއްވާ ބޭފުޅުންނެވެ. ބައްޕަގެ ޙަޔާތްޕުޅުގެ އެންމެ ކުރިން ފެށިގެން ގެންގުޅުއްވި ނޯކަރުންނާއި އެމީހުންގެ ދަރިންނަކީ އިބްރާހީމް ފަރީދު ކަމޭހިއްތަވާ ބައެކެވެ. ފަޟީލަތުއްޝައިޚު ޢަލީ ޙުސައިން ދީދީ މިޞްރުން ކިޔަވާ ވިދާޅުވެގެން މާލެ ވަޑައިގަތީއްސުރެ ވަރަށް ގިނަ ޒަމާންތަކެއް ވާންދެން މުޅިން ދިރިއުޅުއްވީވެސް މާފަންނުގޭގަ އެވެ. އައްޝައިޚު އަލްމަރޫޙޫމް އިބްރާހީމް ސަލީމަވެސް އޭނާގެ ދުނިޔޭގައި އިބްރާހީމް ފަރީދުގެ އަރިސް އެކުވެރިންގެ ތެރެއިން އެއްބޭކަލެކެވެ. ގޭތެރޭގައި ރީތި މާމެލާމެލީގެ ގަސް ގަހާގެހި ރާއްޖެއިން ބޭރުން ގެނަވައިގެން އިންދެވުމާއި ދޫނި ސޫފާސޫފި ގެންގުޅުއްވުމަކީ އަމިއްލަފުޅު ހޮބީއެއްގެ ގޮތުގައި ޝައުޤުވެރިކަމާއެކު ކުރެއްވި ކަމެކެވެ. މޫދުގައި ފެއްތެވުމަށްވެސް ލޯބިފުޅުކުރައްވައެވެ. ކަސްރަތުގެ ގޮތުން ޓޭބަލްޓެނިސް ގޭތެރޭގައި ކުޅުއްވާ އުޅުއްވައެވެ. އެގެއަކީ މިކުޅިވަރު ވަރަށް ގިނަ ބަޔަކަށް ދަސްކޮށްދިނުމުގެ މަރުކަޒަކަށްވެސް ވީ ދުވަސް އައެވެ. މިވާހަކަ ދަންނަވާއިރު ދިވެހިރާއްޖޭގައި ފުރަތަމަ ކުޅެވުނު ބާސްކެޓްބޯޅަ މެޗުގެ ދެ ޓީމުންކުރެ އެއް ޓީމްގެ ކެޕްޓަނަކީ އިބްރާހީމް ފަރީދު އޭ ދަންނަވާލާހިތްވެއެވެ. އަނެއްޓީމުގެ ކެޕްޓަނަކީ ސުމުއްވުލް އަމީރު އަލްމަރްޙޫމް މުޙައްމަދު ޢަމީން ދޮށިމޭނާ ކިލެގެފާނެވެ. އެއީ ފުރަތަމަ ޖުމްހޫރިއްޔާގެ މުނާސަބާގައި އޭރު ހެންވޭރު މައިފާރުން އަތިރީގައި އޮތް ޓެނިސްކޯޓް ގައި (މިހާރު އެމް.ޓީ.ސީ.ސީ ގެ ސޯމިލް އެހުރިތާގައި) އޮތް މެޗެކެވެ. ދިވެހިރާއްޖެއަށް ފުރަތަމަ މިކުޅިވަރު ގެނެވުނީ އާދެ، ބާސްކެޓްބޯޅަ މިރާއްޖޭގައި ބިންގާ އެޅުނީ މިސްޓަރ މައިކަލް ފްރަންސިސް ޑިސިލްވާ ފުޓްބޯޅަ ކޯޗު ކޮށްދެއްވި ދުވަސްވަރުކަން ހަނދުމަހުރި ބޭފުޅުން މިހާރުވެސް ތިއްބަވާނެއެވެ. އޭރު އެކުޅުވަރުގައި އިބްރާހީމް ފަރީދަކީ ވަރަށް ކުޅަދާނަ ބޭފުޅެކެވެ. މިސްޓަރ މައިކަލް އެއް ދުވަހު ބުނުއްވި ސަމާސާ ވާހަކައެއް އަޅުގަނޑުހަނދާން އެބަހުއްޓެވެ. “ބާސްކެޓް ބޯޅަ ކަލޭމެނަށް މޮޅަށް ކުޅެވޭނީ މިސްޓަރ ފަރީދު ދީދީގެ އިސްކޮޅު ކަލޭމެނަށް ލިބުނު ދުވަހަކުންނެވެ.” އެކިއެކި އަތްތެރި މަސައްކަތުގައި މަޢުރަޒަށް ކުރެހުން ހުށަހަޅުއްވައެވެ. އޭގެތެރޭން ފާހަގަކޮށްލެވޭ އެއްކުރެހުމަކީ އޭނާގެ އެންމެފަހުގެ މަޢުރަޒު ކުރެއްސެވުމެއް ކަމުގައިވާ އޮއިލް ކަލަރުން ދެފޫޓެއްހާ ބޮޑު މިނުގައި ކުރެއްސެވި ރާއްޖޭގެ ތާރީޚް ލިޔުއްވި މަޝްހޫރު ސައްޔާޙު މަރްޙޫމް އިބްނުބަޠޫޠާގެ  ތަޞްވީރު މިހާރުވެސް ދާރުލް އާސާރުގައި އެބަހުއްޓެވެ. ގޭތެރޭގެ ދިރި އުޅުއްވުން ވަކިޓައިމްޓޭބަލަކަށް ފެތިގެން ވަކި ގަވާއިދެއްގެ މަތިން ގެންދަވާ ކަމީ ވަގުތަށް ޙުރުމަތްތެރިކޮށް ހިތްތެވުމާ މުރާލިކަމާ ލިބިވަޑައިގެންފައިވާ ތަރުބިއްޔަތުގެ އަލާމާތެއް ކަމުގައި ނޫނީ ނުބެލެވޭނެއެވެ. އިބްރާހީމް ފަރީދަކީ ޠަވާޟުޢުވެރި ދީނުގެ ކަންތައްތަކަށް ޙުރުމަތްތެރިކޮށް ހިއްތެވި ޝަޚްޞިއްޔަތެކެވެ. އެހެން މީހުންނަށް ތަންދެއްވުމަށް އިސްނަންގަވާ މަޑުމައިތިރި އަޚްލާޤެއްގެ ވެރިއެކެވެ.

ފަހަކަށް އައިސް އިބްރާހީމް ފަރީދު އުޅުއްވަނީ ވަރަށް އާލާސްކަންފުޅާއެވެ. ހަރޓްޕޭޝަންޓެއްގެ ގޮތުގައޭ ދެންނެވުމުން ޢާއިލާގެ ބޭފުޅުން އަޅުގަނޑަށް މަޢާފު ކުރައްވާނޭ ކަމަށް ހީކުރަމެވެ. އަވަހާރަވުމުގެ 2 މަސް ދުވަސް ކުރިން ސިންގަޕޫރުން ކިޑްނީގެ އޮޕްރޭޝަނެއް ކުރެއްވިއެވެ. އަދި ދުވަސްކޮޅަކަށްފަހު އިތުރު އޮޕަރޭޝަނަކަށް ޑޮކްޓަރުން ލަފާއެރުވުމާއެކު އެހާތަނަށް ދަންދެން ޚާއްޞަ ބޭސްކޮޅެއް އާދަކޮށް ބޭނުން ކުރައްވަމުން ގެންދެވިއެވެ.

އަވަހާރަވީ 26 އޮކްޓޯބަރު 1984ހ. ވީ ހުކުރު ދުވަހު ހަވީރު 5.50 ގައެވެ. އަދި އެދުވަހުގެ ހުކުރު ނަމާދާއި ޢަޞުރު ނަމާދު ޖަމާޢަތުގައި މިސްކިތުގައި ކުރެއްވިއެވެ. އަވަހާރަވީ ހާރޓް އެޓޭކެއްގައެވެ. އެދުވަހުގެ ހަވީރުގެ އާދައިގެ މަތިން، ނާނިފިއްލަވައިގެން ސައިފޮދު ހިތްޕެވުމަށްފަހު ގޭގެ ބޮޑުކޮޓަރިކޮޅުގައި ޓީވީ މޯލްޑިވްސް އިން ފޮނުވާ ޕްރޮގްރާމް ބެއްލެވުމަށް ޓީވީ ހުޅުއްވައިގެން އިންނަވަނިކޮށް “ހިތްޕުޅަށް ދެވުނު ޙަމަލާ” އަށްފަހު އަމިއްލަފުޅަށް އަވަހާރަލައްޕަވާ އެނދުދާންކޮޅާ ހަމައަށް ހިންގަވާފައި ވަޑައިގަތެވެ. މިކަން ގޭތެރޭ އުޅުއްވި ބޭފުޅުންނަށް އެގިވަޑައިގެން ވަރަށް އަވަހަށް ވަޑައިގެން އިރުވެސް ވާހަކަފުޅު ދެއްކެވުމާ ފެނިވަޑައިގަތުމުގެ ބާރުވަނީ ނެތިފައެވެ. ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭ (ސެންޓްރަލް ހޮސްޕިޓަލަށް ގެންދެވޭން ވަގުތުވެސް ނުލިބި) އަވަހާރަވެއްޖެއެވެ. އިބްރާހީމް ފަރީދުގެ ޖަނަޒާއަށް ވަރަށް ގިނަ ވަޒީރުންނާ ދައުލަތުގެ ކުރިއަށް ތިއްބެވި ބޭފުޅުން ހާޒިރުވެ ވަޑައިގަތެވެ. އެންމެފަހުގެ އިޙްތިރާމު އަދާކުރެވުނީ މާފަންނުގޭ ބޮޑުކޮޓަރިކޮޅުގެ އިރުން އިންވެގެންހުރި ކޮޓަރިކޮޅެއްގައި ހިނަވާކަފުން ކުރެވިފައި މޫނުނާޅާ އޮންނެވި ވަގުތުކޮޅުގެ ތެރޭގައެވެ. މިކަމަށް ދިގުކިޔޫއެއްގައި ގިނަ ޢަދަދެއްގެ ޢާންމުންވެސް ބައިވެރިވިއެވެ. ކަށުނަމާދު ކުރެވުނީ ހުކުރު މިސްކިތު ހަރުގޭގައެވެ. ވަޅުފުޅު ލެވުނީ ރަސްމީ ޢިއްޒަތުގެ ދެވަނަ ދަރަޖައިގައި ގަލޮޅު ސަހަރާ (2 ނަންބަރު ޤަބުރުސްތާނު) ގައެވެ. އިބްރާހީމް ފަރީދުގެ ބައްޕާފަރާތްޕުޅުން ދެބޭންގެ ދެދަރި އައްނަބީލާ އަލްމަރުޙޫމާ މަރިޔަމް އަމީންގެ މަހާނަފުޅާ ޖެހިގެންނެވެ.

ކީރިތި ވަންތަ ﷲސުބުޙާނަހޫ ވަތަޢާލާ އިބްރާހީމް ފަރީދުގެ ފުރާނަފުޅަށް ސުވަރުގޭގެ ނިޢުމަތް ދާއިމް ކުރައްވާށިއެވެ. ޢާއިލާއަށް ބާއްޖަވެރިކަމާ ހެޔޮ ރަޙްމަތް ލައްވާށިއެވެ.

އިބްރާހީމް ފަރީދުގެ ޙަޔާތްޕުޅުގެ މައްޗަށް އަޅުގަނޑު މިއެކުލަވާލި ޢިބާރާތް ކޮޅު އެކުލަވާލުމުގައި މަޢުލޫމާތުތައް ހޯދާފައިވަނީ ދިވެހިބަހާ ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުންނާއި، ފަޟީލަތުއްޝައިޚު ޢަލީ ޙުސައިން ދީދީ އަރިހުންނާއި، އިބްރާހީމް ފަރީދުގެ ޢާއިލާގެ އެކިއެކި ބޭފުޅުންގެ އަރިހުންނެވެ. އެއްވެސް ހާލެއްގައި މިލިއުމަކީ އިބްރާހީމް ފަރީދުގެ “ލައިފްސްޓޯރީ” އެއް ނޫނެވެ. ވަރަށް އަވަސް އަދި ކުޑަގޮތަކަށް ހޯދައިލެވުނު މަޢުލޫމާތު ކޮޅެއްގެ މައްޗަށް އެކުލަވާލެވުނު އެއްޗެކެވެ. ވުމާއެކު އޭނާގެ ޙަޔާތްޕުޅުގެ މައްޗަށް މާފުރިހަމައަށް އަލިއަޅުވާލެވިފައި ނުހުންނާނެ ކަމާމެދު އަޅުގަނޑު އިޢުތިރާފު ވަމެވެ. ނަމަވެސް ކަންތައް ހިނގާފައިވާ ތާރީޚަށް ތެދުވެރިވުމާއެކު ޙަޤީޤަތުން އެއްކިބާނުވެ ލިޔެވޭތޯ ބެލީމެވެ. ހިތްޕުޅު ހަމަޖެހިވަޑައިނުގަންވާ ކަހަލަ ވާހަކައެއް މީގައި އެކުލެވިފައިވާނަމަ އެ ޢާއިލާއިން އަނެއްކާވެސް އަޅުގަނޑަށް މަޢާފު ކުރައްވާނެ ކަމުގައި ހީކުރަމެވެ.

_________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment